ރޯދަމަހު ކަސްރަތު ކުރުން ވަރަށް ދުރުކޮށްލާ މީހުން ތިބެއެވެ. އަދި އަނެއްބައި މީހުން އާދައިގެ ގޮތަކަށް ދުވާލުގެ ތާވަލު ރޭގަނޑަށް ބަދަލުކޮށް ކުރިއަށް ގެންދެއެވެ. ބައެއް މީހުން ވަރަށް ލުއި ގޮތަކަށް ކަސްރަތު ކުރުން ބަދަލުކޮށްލާތަންވެސް ފެނެއެވެ. ނަމަވެސް މިއީ އެންމެ ރަނގަޅަށް ކުރެވޭ ކަމެއްތޯ ވިސްނާލުން ރަނގަޅެވެ.
ރޯދަމަހަކީ ދުވާލު ކެއިން ބުއިމާ ދުރުގައި އަޅުކަމަށް ހިތާއި ހަށިގަނޑު ހަލާސްކޮށްގެން މީހާ އުޅެން ލިބޭ ހާއްސަ އެންމެ މަހެކެވެ. އެހެންކަމުން މިމަހުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފަން ޖެހޭނެކަން ޔަގީނެވެ. ގަވާއިދުން ކަސްރަތު ކުރަމުން އަންނަ މީހަކު ރޯދަ މަހު ކަސްރަތާ މުޅިން ދުރަށް ދިއުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫނެވެ. އެހެންކަމުން ރޯދަމަހު ކަސްރަތު ކުރުން ކުރިއަށް ގެންދަން ޖެހޭ ގޮތް ބަލާލަމާ ހިނގާށެވެ.
ރޯދަވީއްލައިގެން ތަރާވީސްދަމަށްފަހު ކަސްރަތު ކުރަން ރާވާ ދުވަސްތަކުގައި ހަށިގަނޑަށް ހަކަތަ ދިނުމަށް އިތުރަށް ހަކަތަ ލިބޭފަދަ ރަނގަޅު ކާނާއެއް ކެއުމާއެކު ފެންމަދުނުވާނެހެން ގިނައިން ފެން ބުއިން މުހިންމެވެ.. ރޭގަނޑު ކަސްރަތު ކުރާނަމަ، ކުރަން އެންމެ ރަނގަޅު ވަގުތަކީ ރޭގަނޑު 11 އާއި 2 އާ ދެމެދުގެ ވަގުތުކަމަށް ފިޓްނަސް އިންސްޓްރަކްޓަރުން ލަފާދެއެވެ. އޭގެ ސަބަބެއް ކަމަށް އެމީހުން ބުނަނީ ރޯދަވީއްލުމަށް ކެއި ބާވަތްތަކާއި އަދި ތަރާވީސްދަމުގެ ކެއުން ރަނގަޅަށް ހަމަޖެހި ހަޖަމުވެލާނެ އަދި ފެންވެސް މަދުނުވެ ހުންނާނެ ވަގުތުކަމަށް ވާތީއެވެ.
ރޯދަމަހު ހަފްތާއަކު ދެ ފަހަރު ކާޑިއޯ ކަސްރަތުތައް ކުރުން ރަނގަޅެވެ. ރޯދަވީއްލައި ތަރާވީހަށް ފަހު ޖިމަށް ދިއުން ރަނގަޅެވެ. ދުވާލު ރޯދައަށް ހުންނަ ގަޑިތަކުގައި ވަރަށް ބޮޑަށް ލުއިކޮށް ކަސްރަތު ކުރުން ބަހައްޓަން ސިއްހަތާބެހޭ އަދި ފިޓްނަސް އާ ބެހޭ މާހިރުން އިރުޝާދުދެއެވެ. ދުވާލުގެ ވަގުތުތަކުގައި ހަމައެކަނި ސްޓްރެޗިން ހެނދުނާއި ހަވީރު ކުރާށެވެ. ރޯދަ ވީއްލުމަށްފަހު ހިނގާލަން ދާށެވެ.
ރޯދަމަހު އާ ކަސްރަތު ރޫޓިން އެއް ފެށުމާ ހުރިހާ ފިޓްނަސް ފަރާތްތަކުން ދެކޮޅު ހަދައެވެ. ސަބަބަކީ ރޯދައަށް ހުންނައިރު ވަރުގަދަ ކަސްރަތުތައް ކުރުމަކީ މަސްތަކުގެ ބާރު ދަށްކުރާނެ ފަދަ ކަމެކެވެ. ނަމަވެސް އެކުގައި ކަސްރަތާއި ޖިމް ދޫކޮށްލައި ހުއްޓާލުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ގޮތެއް ނޫނެވެ. ޖިމަށް ދިއުމުގެ އިތުރުން ހިނގާލަން ދިއުމާއި، ބައިސްކަލް ދުއްވުމާއި ނުވަތަ ލުއި ޖޮގިން ވެސް ކުރެވޭނެ އެވެ.
ރޯދަ މަހު ކަސްރަތު ކުރުމަށް އެންމެ ރަނގަޅީ ކޮން ވަގުތެއް ހެއްޔެވެ؟
ދުވާލުގެ ވަގުތު ކަސްރަތު ކުރުން ވަަރަށް ބޮޑަށް ލުއި ކޮށްލުން މުހިންމެވެ. ހަމައެެކަނި ސްޓްރެޗިން ހަދާލުމުންވެސް ފުދޭނެކަމަށްވެއެވެ.
- ރޯދަވީއްލުމަށްފަހު އިޝާއާއި ތަރާވީހަށް ފަހު
- ރޭގަނޑު 11 އާއި 2 އާ ދެމެދު
- ފަތިސްނަމާދަށް ގޮވުމުގެ ކުރިން ހާރުކެއުމަށްފަހު، ނަމާދުކޮށް ނިމިގެންވެސް ބައެއް މީހުން ކަސްރަތުކުރަން ދިއުމާއި ހިނގާލައި ޖޮގިން އަށް ދިއުމާއި އަދި ޖިމަށްވެސް ދެއެވެ.
ރޯދައަށް ހުރެ ގަދަފަދަ ވަރުގަދަ ކަސްރަތު ކުރުމަކީ މާބޮޑު ކަމެއްކަމަށް ނުދެކި އެކަން ކުރިއަށް ގެންދިޔުން ދޫކޮށްލާށެވެ. ރޯދައަށް ހުރެ ކަސްރަތު ކުރުމުން އެޑިޕޯސް ޓިޝޫގައި ލިޕޮލައިސިސް އިތުރުވެ، ޕެރިފެރަލް ފެޓް އޮކްސިޑޭޝަން ވެސް ސްޓިމިއުލޭޓް ކޮށް، އޭގެ ސަބަބުން ފެޓް ޔުޓިލިޒޭޝަން އިތުރުވެ، ބަރުދަން ލުއިވެއެވެ. ރޯދައަށް ހުރެ ލުއިލުއިކޮށް ކަސްރަތު ލިބެން އެބައޮތެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މެދުކެނޑުމެއްނެތި ރޯދަ ހިފުމުން، ކަސްރަތަކާ ނުލައިވެސް އަޖައިބު ކުރުވަނިވި ފައިދާތަކެއް ލިބެއެވެ. ސިއްހީ ގޮތުން ދުޅަހެޔޮކަމާއެކު ހިތްހަމަޖެހުމާއި ރޫހާނީ ހަމަޖެހުންވެސް ލިބިދެއެވެ.

