ކަސްރަތު ކުރުމަކީ އެކަމުގެ ސަބަބުން އެކި ފައިދާތައް ކުރާ ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ އިތުރުން ބަލިތަކުން ދުރުކުރުމަށް ވެސް ކަސްރަތު އެހީތެރިވެ ދެ އެވެ. ނުކޮށް ދޫކޮށްލައިފިނަމަ އެކަމުގެ ސަބަބުން ސީރިއަސް ނުރައްކާތަކަށް މީހާ ހުށަހެޅިގެންދާ ކަމެއްވެސް މެ އެވެ. އެކަށީގެންވާ ވަރަށް ހަށިގަނޑަށް ކަސްރަތު ނުލިބޭތީ ކޮންމެ ހަތަރު މީހަކުން އެކަކަށް ސިއްހީ ބޮޑެތި ނުރައްކާތަކުގެ ބިރު އެބަ އޮތް ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) ގެ ދިރާސާއެއްގައި ވަނީ ބުނެފައެވެ.
ކަސްރަތުގެ މުހިއްމު ކަމުގެ ވާހަކަ ދައްކާއިރު ގިނަ ފަހަރު މިކަން ގުޅުވާލާފައި އޮންނަނީ އަބަދުވެސް ބަރުދަން ލުއިކުރުމާ އަދި ލޭ މައްޗަށް ފަދަ ދިއުން ފަދަ ބަލިތަކާ މީހާ ދުރުކޮށްދޭ ކަމެއްގެ ގޮތުގަ އެވެ. ގިނަ މީހުންނަށް އެނގިފައި އޮންނަނީ ވެސް ކަސްރަތަކީ ބަރުދަން ލުއިކުރަން ކުރާ ކަމެއްގެ ގޮތުގައި އެކަންޏެވެ. ކަސްރަތު ކުރާ ބޮޑު އިންސައްތައެއްގެ މީހުންނަކީ އެކަން ސިކުނޑީގަ ބައިންދައިގެން މިކަން ކުރާ މީހުންނެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ކަސްރަތަކީ އެއަށްވުރެ ފުޅާ ދާއިރާއެއްގައި އިންސާނާގެ ހަށިގަނޑަށް އޭގެ އަސަރުތައް ކުރުވާ ކަމެކެވެ. މިފަހަރު މި ބަލާލަން މިއުޅެނީ ކަސްރަތާއި އިންސާނާގެ ނަފުސާނީ ދުޅަހެޔޮ ކަމާއި ގުޅިލާމެހިފައިވާ މިންވަރަށެވެ.
އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއްގެ ދަރިވަރުންތަކެއް ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ކަސްރަތަކީ ސީދާ މީހާގެ އުފާވެރިކަމާއި ގުޅިލާމެހިފައިވާ ކަމެކެވެ. ފަސް މަސް ދުވަހަށް ކުރިއަށްގެންދިޔަ އެ ދިރާސާ އިން ދެއްކި ގޮތުން ކަސްރަތު ކުރާ މީހުން ދިރިއުޅުމުގައި މާ ކާމިޔާބެވެ. މީގެ ތަފުސީލަށް ބަލާލާއިރު ގަވައިދުން ކަސްރަތު ކުރުމަކީ ނަފުސާނީ ގޮތުން މީހާ މުޅިން އެހެން ލެވެލް އަކަށް ގެންދާ ކަމެކެވެ. މީގައިވެސް އެންމެ ފައިދާ ކުރަނީ ހެނދުނު ހެނދުނާ ކަސްރަތަށް ނިކުންނަ މީހުންނަަށެވެ.
ދުވަހުގެ އެންމެ ރަނގަޅު ވަގުތަކީ ހެނދުނު ކަމަށް ބުނާ ވާހަކަ އަކީ ސަމާސާއެއް ނޫނެވެ. ކަސްރަތު ކުރަން ވެސް އެންމެ ރަނގަޅީ ހެނދުނު ކަމަށާއި ޖުމުލަކޮށް، ރޭގަނޑަށް ވުރެ ދުވާލު ކަސްރަތުކުރަން މާ ރަނގަޅު ކަމަށް އެ ދިރާސާ އިން ވަނީ ދައްކައިފި އެވެ. ހެނދުނު ހެނދުނާ ކަސްރަތަށް ނުކުމެ ހަށިގަނޑުގެ މަސްތަކަށް އެކްޓިވް ކަން ގެނެސްދީ އާރޯކަން ގެނައުމުން ދުވަހުގެ ބާކީ ބައިގައި މީހާގެ ފޯކަސް ރަނގަޅުވެ، މޯޓިވޭޝަން ދެގުނަ އިތުރު ވެގެންދެ އެވެ. ކުޑަކޮށް ކަސްރަތުކޮށްލިޔަސް އިސާހިތަކު އެ މީހެއްގެ ސިކުނޑިއަށް ހެޔޮ ބަދަލުތައް އައިސް ހަނދާން ގަދަވާ ކަމަށް ދިރާސާ އިން ބުނާއިރު ގަވައިދުން ކަސްރަތު ކުރާ މީހެއްގެ ނަފުސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލު އަންނަނީ ހީވެސްނުކުރާހާ އަވަސް މިނެއްގައެވެ.

