ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ނިދުމަށްފަހު ވަކިގަޑިއަކަށް ހޭލުމަކީ ކޮންމެހެން މުހިންމު ކަމެވެ. މިގޮތަށް ހޭލުމައްޓަކާ މީހާ ވަކި ގޮތަކަށް ދިރިއުޅުމުގެ އާދަތަކަށް ބަދަލުގެންނަން ޖެހެއެވެ. އެގޮތުން ހޭލުމަށްޓަކާއި ފޯނު ނުވަތަ ސޯނާ ގަޑި އެލާމަށް ލުމަކީ ނިދުމަށްފަހު ހޭލުމަށް ފަސޭހަ މަގެކެވެ. އަދި ވަކި ގަޑިއެއް މިގޮތަށް ސެޓްކުރަނީ އެ ގަޑިއަކަށް ތެދުވުމަށް ވަރަށް ބޮޑު އަޒުމެއްގައެވެ. ނަމަވެސް ބައެއްފަހަރު މިގޮތަށް ތެދުވުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އަދި އެލާމް ވިޔަސް އެ އަޑު އަބަދު ތަކުރާރުވާނަމަ އެއަށް މީހާ ސެޓްވެ ނިދިގަދަޗާ ފަހަރުވެސް އާދެއެވެ.
“އާންމުކޮށް ގިނަ މީހުން އަވަހަށް ނިދުމުން އަވަހަށް ހޭލަން ފަސޭހަވެއެވެ. މިއީ އެންމެ ފަސޭހައިން ފަތިހު ހޭލުމުގެ ފުރުސަތު ބޮޑު ގޮތެވެ. ނިދުމާއި ގުޅޭ ގޮތުން ސްލީޕް މެޑިސިންގެ ދާއިރާއިން ހާއްސަ ލައިސަންސް ލިބިފައިވާ ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށްވާ ޖޯން ކްލައިން ވިދާޅުވިގޮތުގައި ނިދުމުގެ އާދަ ވަކި ގޮތަކަށް ބައްޓަން ކޮށްފިނަމަ އެ އާދަޔަކަށް ބަދަލުކުރުމަށް ވަރަށް ފަސޭހަވެއެވެ.
ނިދުމުގެ މި އާދަ އެއްގޮތަކަށް ގެންގުޅުމަށްޓަކާ ފަސޭހަ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ހޭލޭ ގަޑި ވަކިގަޑިއަކަށް ބަދަލުކުރަންޖެހެއެވެ. އޭގެ މާނައަކީ ހެނދުނު 9:00 އިން ފަތިހު 7:00 ހޭލަން އާދަކުރާނަމަ މަދުމަޑުން އެކަމަށް ސެޓްވެދާނެއެވެ. ބައެއް ސިއްހީ މާހިރުން އެކި ގޮތްގޮތަށް ނިދުމާއި ދޭތެރޭ ދެކެއެވެ. އެގޮތުން ނިދުމުގެ ވަގުތު ކުޑަކޮށްފިނަމަ ހަށިގަނޑަށް ބޭނުންވާ އަރާމު ނުލިބޭނެކަމަށް ދެކެއެވެ. ނިދުމާއި ހަށިގަނޑަށް ފަސޭހައިން އަރާމު ލިބެންޖެހެއެވެ.
ކޮންމެ އުމުރެއްގެ މީހެއް ކަމުގައިވީނަމަވެސް ނިދުމގެ ސައިކަލް ކާމިޔާބުކަމާއެކު ބަދަލުކުރުމަށް ބޭނުންނަމަ އޮތް އެންމެ ރަނގަޅު ޝެޑިއުލެއް ހެދުމެވެ. އަދި މަޑުމަޑުން އެއާދަ ބަދަލުކުރަމުން ގޮސް އެއްކޮށް ބަދަލުކުރުމެވެ. މިކަމަށް ވިސްނައިގެން، ކޮންމެ ދުވަހެއްގަވެސް އެއްގަޑިއިރު ކުރިން ހޭލާ ގަޑި ބަދަލު ކުރަންޖެހެއެވެ. ދުވަސްތައް ހަފުތާއަށް ބަދަލުކުރުމުންގޮސް މިތަފާތު ފެންނާނެކަން ޔަގީނެވެ.
ހެނދުނު ގަޑިއަށް ތެދުވުމަކީ ބައެއްމީހުންނަށް ގޮންޖެހުން ބޮޑުކަމެކެވެ. ނަމަވެސް ކުދިކުދި ބައެއް ބަދަލުތަކާއެކު އަބަދުވެސް އެކަން ކުރުމަށް ތަމްރީނު ކުރެވިއްޖެނަމަ އެކަމަށް ވެސް ބަދަލުތަކެއް އަންނާނެއެވެ. މި ގޮތަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން އެއްވެސް ފައިދާއެއް ނުކުރި ކަމުގައިވާނަމަ އެއީ ނިދުމަށް ކުރިމަތިވާ ސިއްހީ މައްސަލަ އަކަށްވެއެވެ. އެހާހިސާބުން ބޭސް ފަރުވާއަކަށް ދާންޖެހެއެވެ. އަދި އެއީ މައްސަލައަކަށް ވެދާނެކަމަށް ފެނިއްޖެނަމަ ޞިއްޙީ ޚިދުމަތްދޭ ފަރާތަކާ ވާހަކަ ދައްކުވެސް މުހިންމެވެ.
ނިދުމަށް ދިމާވާ މައްސަލަ ހައްލުކުރުމަކީ ރަނގަޅު ސިއްހަތެއްގައި މީހާ ހުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

