ބައިސްކަލުގައި ނުވަތަ ހިނގާފައި ވަޒީފާއަށް ދާ މީހުންނަށާއި، ދުވަސް ފަށާއިރު ކަސްރަތު ކުރާ މީހުންނަށް، ހެލިފެލިވެ އުޅުމުގެ ފައިދާތައް އެނގެއެވެ.
ސައިންސްވެރިން ދެކޭގޮތުގައި ކަސްރަތު ކުރުމަކީ އޭގެ ފައިދާ ހަމައެކަނި އެއްދުވަހަށް ލިބޭ ކަމެއް ނޫނެވެ. ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމަކީ ކުޑަ މިންވަރަކަށް ނަމަވެސް މީހާގެ ހަނދާން ރަނގަޅު ކޮށްދޭ ކަމެކެވެ.
ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ދިރާސާއަކުން ދައްކާގޮތުގައި 30 މިނެޓު ވަންދެން ކަސްރަތުކުރުމާއި ރޭގަނޑު މަދުވެގެން 6 ގަޑިއިރު ނިދުމަކީ، ޖެހިގެން އަންނަ ދުވަހު ސިކުނޑީގެ މަސައްކަތްތައް ރަނގަޅުވުމަށް މަގުފަހިވާ ކަންކަމެވެ.
“މީގެން އެނގެނީ ޖިސްމާނީ ޙަރަކާތްތަކާއި އެއްވަރަށް ރަނގަޅަށް ނިދުމަކީވެސް ސިކުނޑި ރަނގަޅަށް މަސައްކަތްކުރުމަށް މުހިންމު އެއްޗެއްކަން.” މި ދިރާސާގެ މައިގަނޑު ލިޔުންތެރިޔާ ޑރ. މިކޭލާ ބްލޫމްބަރގް ބުނެފައިވެއެވެ.
ދިރާސާކުރި ފަރާތްތަކުން ފާހަގަކުރިގޮތުގައި، ކުރީގެ ދިރާސާތަކުންވެސް ޖިސްމާނީ ޙަރަކާތްތަކުގެ ސަބަބުން ވަގުތީ ގޮތުން ސިކުނޑީގެ މަސައްކަތް ރަނގަޅުވުމާއި، ހަނދާން ނެތުން ކުޑަވުމާ ގުޅުން ހުރިކަން ދައްކާފައިވެއެވެ.
ނަމަވެސް، ބްލޫމްބަރގް ފާހަގަކުރި ގޮތުގައި މި ދިރާސާތަކަކީ ލެބޯޓަރީގައި ކުރެވުނު ދިރާސާތަކެކެވެ. އަދި މި ދިރާސާތަކުަގައި މައިގަނޑު ގޮތެއްގައި މިނެޓުތަކާއި ގަޑިއިރުތަކުގެ ތެރޭގައި ފެންނަ ނަތީޖާތަކަށް ބަލާފައިވެއެވެ. މި ދިރާސާތަކުން ދައްކާގޮތުގައި ކަސްރަތުކުރުމުގެ ސަބަބުން ސިކުނޑިއަށް ލޭ ދައުރުވުން އިތުރުވުމާއި، ނިއުރޯޓްރާންސްމިޓަރސް ކިޔާ ކެމިކަލްތަކެއް އުފެދައިދެއެވެ.
މިހާރު ދިރާސާކުރާ ފަރާތްތަކުން ވަނީ އާންމު ދިރިއުޅުމުގައި ކުރެވޭ ޖިސްމާނީ ޙަރަކާތްތަކުގެ ސަބަބުން ލިބޭ ވަގުތީ ފައިދާތަކަށް ބަލާފައެވެ. އަދި މީގެ ފައިދާތައް ލިބެނީ ހަމައެކަނި ސިކުނޑިއަށް އެކަންޏެއް ނޫނެވެ. މި ފައިދާތައް ލަފާކުރެވުނު ވަރަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާކަންވެސް ހާމަވެފައިވެއެވެ.
އިންޓަނޭޝަނަލް ޖާނަލް އޮފް ބިހޭވިއަރަލް ނިއުޓްރިޝަން އެންޑް ފިޒިކަލް އެކްޓިވިޓީގައި ލިޔެފައިވާ ގޮތުގައި، ބްލޫމްބަރގާއި އޭނާއާއި އެކު ދިރާސާކުރި ފަރާތްތަކުން ރިޕޯޓުކުރަނީ 50 އާއި 83 އަހަރާއި ދެމެދުގެ ސިކުނޑީގެ އެއްވެސް ބައްޔެއް ނެތް 76 މީހުން 8 ދުވަހުގެ މުއްދަތަކަށް އެމީހުންގެ އާންމު ދިރިއުޅުމުގައި ނިދުމާއި ހެލިފެލިވެ އުޅޭ މިންވަރު ދެނެގަތުމަށް ވަނީ އެކްސެލެރޯމީޓަރެއް އަޅުވާފައެވެ.
ކޮންމެ ދުވަހަކުވެސް މި ބައިވެރިންނަށް އޮންލައިންކޮށް ކުދިކުދި ސިކުނޑީގެ ޓެސްޓުތަކެއް ދެވުނެވެ. މިއީ އެމީހުންގެ ސަމާލުކަމާއި، ހަނދާނާއި، މަޢުލޫމާތު ދެނެގަންނަ މިންވަރުގެ އިތުރުން އެހެނިހެން ކަންކަން ދެނެގަތުމަށް ކުރެވުނު ކަމެކެވެ.
މި ޓީމުން ބުނާގޮތުގައި އެމީހުންގެ ނަތީޖާތަކުން ދައްކާގޮތުން، 30 މިނެޓު ކަސްރަތުކުރުމާއި ގުޅިގެން، ޖެހިގެން އަންނަ ދުވަހު އެޕިސޯޑިކް އަދި ވަރކިންގ މެމޮރީގެ ނަތީޖާތައް 2-5 އިންސައްތަ އިތުރުވެފައިވެއެވެ. ނަމަވެސް ބައިވެރިންގެ ނިދުމާއި ގުޅޭ މަޢުލޫމާތު ހިމެނުމަށްފަހު، ހަމައެކަނި ވަރކިންގ މެމޮރީގެ ނަތީޖާތައް ދެމިހުރިކަން ފާހަގަކުރެވުނެވެ.
“މިއީ ސިކުނޑީގެ ބަލިތައް ހުރި މީހުންނަށް، ދުވަހުން ދުވަހަށް ސިކުނޑީގެ މަސައްކަތްތަކަށް ކުރިއެރުމެއް ލިބި ވަރަށް ބޮޑު ތަފާތެއް އަންނާނެކަމެއް.” އޭނާ ބުނެފައިވެއެވެ.
މި ޓީމުން އިތުރަށް ދެނެގަތް ގޮތުގައި، 30 މިނެޓު ހަރަކާތްނުކޮށް އިނުމާއި ގުޅިގެން، ޖެހިގެން އަންނަ ދުވަހު ވަރކިންގ މެމޮރީގެ ނަތީޖާތައް ދަށްވެއެވެ. ނަމަވެސް ބްލޫމްބަރގް ބުނި ގޮތުގައި ހަރަކާތްނުކޮށް ހޭދަކުރާ ވަގުތު ހޭދަކުރާ ގޮތަކީ މުހިންމު ކަމެކެވެ. އަދި ރޭގަނޑު މަދުވެގެން 6 ގަޑިއިރު ނިދާ މީހުންގެ އެޕިސޯޑިކް މެމޮރީ، އަދި ސަމާލުކަން ދެވޭ މިންވަރާއި ގުޅޭ ނަތީޖާތައް، ޖެހިގެން އަންނަ ދުވަހު ރަނގަޅުވެފައިވެއެވެ. މިއީ ޖިސްމާނީ ޙަރަކާތްތަކުގެ މިންވަރަށް ބެލުމަށްފަހު، 6 ގަޑިއިރަށްވުރެ މަދުން ނިދާ މީހުންނާ އަޅައިބެލުމުން ލިބުނު ނަތީޖާއެކެވެ.
މި ދިރާސާގައި ބައިވެރިވި މީހުންނަކީ މަތީ ފެންވަރުގެ ތަޢުލީމު ލިބިފައިވާ، ރަނގަޅު ސިއްޙަތެއްގައި ތިބި އަދި ކޮންމެ ދުވަހަކު ކަސްރަތުކުރާ މީހުންނެވެ.
ބްލޫމްބަރގް އިތުރަށް ބުނީ ކަސްރަތުގެ ސަބަބުން ޖެހިގެން އަންނަ ދުވަހު ހަނދާނަށް ކުރާ އަސަރުގެ ސަބަބަކީ ކޮބައިކަން ސާފުކޮށް އެނގިފައެއް ނުވެއެވެ. ނިއުރޯޓްރާންސްމިޓަރތަކުގެ ފައިދާތައް ދެމިހުންނަނީ މަދު ގަޑިއިރުތަކަކަށް ކަމަށް ޤަބޫލުކުރެވެއެވެ. އަދި އޭނާ ފާހަގަކުރި ގޮތުގައި ކަސްރަތު ކުރުމުން ސިކުނޑިއަށް ދިގު މުއްދަތަކަށް ލިބޭ ފައިދާތަކުގެ ފަހަތުގައި ތަފާތު ސަބަބުތަކެއް ހުރެދާނެއެވެ.
މި ދިރާސާއަކީ އުމުރުން ދުވަސްވީ ވަރަކަށް ސިކުނޑި ރައްކާތެރިކުރުމަށް ދެވޭ އަހައްމިއްޔަތުކަމާ ގުޅިފައިވާ ކަމެކެވެ. ކޮންމެ މީހަކުވެސް އުމުރުން ދުވަސްވާ ވަރަކަށް ސިކުނޑީގެ މަސައްކަތްތެރިކަން ދަށްވަމުންދާނެއެވެ. މިއީ އެންމެނަށް ވެސް ދިމާވާ ކަމެކެވެ.

