ގުދުރަތީ ގޮތުން މުސްކުޅިވުމުގެ މަރުހަލާގެ ސަބަބުން ކޮންމެ މީހެއްގެ ހަންގނޑުގައި ވެސް ރޫ ޖެހެއެވެ. އެހެންނަމަވެސް ގިނަ ފަހަރު މެދު އުމުރެއްގައި ހަންގަނޑުގައި ރޫ ޖެހުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާކޮށްފައިވާ ގޮތުން ކުރިމަތިވާ މައްސަލައެކެވެ. ހަންގަނޑުގެ އިލާސްޓިސިޓީ އުމުރުން ދުވަސްވާވަރަކަށް ދަށްވަމުން ދިޔަ ނަމަވެސް ދިރިއުޅުމުގެ ބައެއް އާދަކާދަތަކާ ދުރުހެލިވެ ހަންގަނޑަށް އަޅާލުމުގެ ސަބަބުން މިފަދަ ކަންތައްތަކަށް ހައްލެއް ލިބިގެންދާނެއެވެ. ކަން މިހެން އޮތުމާއެކު ވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އިޚްތިޔާރު ކުރެވެނީ އެއްކަލަ ފިހާރައިގައި "އެންޓި-އޭޖިން ކްރީމް" އޭ ޖަހާ ސޭލް އަޅުވާފައި އޮންނަ ކެމިކަލް ފުޅިއެވެ. އެހެންނަމަވެސް ވިސްނަންވީ ކަމަކީ މިފަދަ ކެމިކަލްތަކަކީ ވަގުތީ ފަރުވާއެއް ކަމެވެ. ތިރީގައި އެވަނީ ހަންގަނޑުގައި ރޫ މަދުކުރުމަށް ނުވަތަ ހަންގަނޑު އޮމާންކުރުމަށް ބޭނުންކުރެވިދާނެ ބައެއް ގުދުރަތީ އެއްޗެހިތަކެވެ.
1. އެލޯވެރާ
އެލޯވެރާއަކީ ވަަރަށް ގިނަ ކަންކަމަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. 2009 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު އެލޯވެރާ ބޭނުންކުރުމުން އެންމެ 90 ދުވަހުގެ ތެރޭގައި ހަންގަނޑުން ރޫތައް ފެންނަ މިންވަރު ވަރަށް ބޮޑަށް މަދުވެގެން ދެއެވެ.
އިތުރު ދިރާސާއަކުން ދައްކާ ގޮތުގައި އެލޯވެރާގެ ސަބަބުން ހަންގަނޑުގައި ކޮލެޖަން (ހަންގަނޑާއި ކަށިތަކާއި މަސްތަކާއި ޓެންޑަންތަކާއި ލިގަމެންޓްތަކަށް ވަރުގަދަކަން ފޯރުކޮށްދޭ ޕްރޮޓީން) އިތުރުކޮށްދެއެވެ.

އެލޯވެރާ: ފޮޓޯ/ގޫގުލް
2. ޒައިތޫނި ތެޔޮ (އެކްސްޓްރާ ވާޖިން އޮލިވް އޮއިލް)
ދިރާސާތަކުން ދައްކާ ގޮތުގައި ޒައިތޫނި ތެޔޮ ކެއުމުގައި ބޭނުންކުރުމުން ހަންގަނޑުގައި ރޫ ޖެހުމުން ރައްކާތެރިކޮށްދެއެވެ. ޒައިތޫނި ތެލަކީ ވެސް ހަންގަނޑުގެ ކޮލެޖަން މިންވަރު އިތުރުކޮށްދޭ ބާވަތްތައް އެކުލެވިގެންވާ ތެލެކެވެ.
2001 ވަނަ އަހަރު ކުރި ދިރާސާއެއްގައި ބުނެފައި ވަނީ ބަޓަރާއި ޑެއިރީ އެކުލެވޭ ކާނާތައް ކާ މީހުންނަށްވުރެ ޒައިތޫނި ތެޔޮ އެކުލެވޭ ކާނާ ކާ މީހުންނަށް ހަށިގަނޑުގައި ރޫ ޖެހުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

އެކްސްޓްރާ ވާޖިން އޮލިވް އޮއިލް:ފޮޓޯ/ގޫގުލް
3. ޑާކް ޗޮކްލެޓް
ޑާކް ޗޮކްލެޓަކީ ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްސް ނައްތާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. ފްރީ ރެޑިކަލްސް އަކީ ހަށިގަނޑުގެ ސެލްސްތަކަށް ގެއްލުންދީ މުސްކުޅިވުން އަވަސްކޮށްދޭ މާއްދާއެކެވެ. ޑާކް ޗޮކްލެޓް ކެއުމުގައި ހިމެނުމުން، މި ގެއްލުންހުރި ފްރީ ރެޑިކަލްތަކާ ދެކޮޅަށް މަސައްކަތްކޮށް، ދުޅަހެޔޮ ރޫ މަދު ހަންގަނޑަކަށް މަގުފަހިކޮށްދެއެވެ.
ޑާކް ޗޮކްލެޓް: ފޮޓޯ/ގޫގުލް
4. ރީނދޫ
ރީނދޫ އަކީ އޭގައި ސަރކިއުމިން ނަމަކަށް ކިޔާ ބާރުގަދަ އެންޓިއޮކްސިޑެންޓެއް އެކުލެވިގެންވާ އެއްޗެކެވެ. މިއީ މުސްކުޅިވުމުގެ މަރުހަލާ މަޑުޖެއްސުމުގެ އިތުރުން ހަންގަނޑުގެ އިންފްލެމޭޝަން ވެސް ދަށްކޮށްދޭ އެއްޗެކެވެ. މިއީ ރޫ ޖެހޭތީ ބޭނުންކުރާ ކްރީމްތަކާ އެއްވަރަށް މަސައްކަތް ކުރާނެ އެއްޗެކެވެ.

ރީނދޫ: ފޮޓޯ/ގޫގުލް

