މޫނުގައި އިސްތަށި ގިނަވުމުގެ މައްސަލަ: ސަބަބުތަކާއި ޠަބީޢީ ހައްލުތައް
މޫނުގައި ބޭނުންނުވާ އިސްތަށި ފެޅުމަކީ ގިނަ އަންހެނުންނަށް ދިމާވާ އާންމު މައްސަލައެކެވެ. މިއީ ޚާއްޞަކޮށް މޫނުގެ ކަތުރުކަށިގަނޑާ ވީ ސަރަޙައްދާއި، މަތީ ތުންފަތުގެ މަތިި، އަދި ދަތްދޮޅީގައި ފާހަގަކުރެވޭ ކަމެކެވެ. މިފަދަ މައްސަލަތަކަށް ޒަމާނީ އަދި ޠަބީޢީ ހައްލުތައް ލިބެން ހުރި ނަމަވެސް، ގިނަ ބަޔަކު މިކަމާ ދޭތެރޭ ލަދުވެތިވެ، ހައްލެއް ހޯދުމަށް ފަސްޖެހެއެވެ. އަދި ހެއަރ ރިމޫވް، ޝޭވަރު ފަދަ ތަކެތި ބޭނުން ކުރުމުން ލިބޭ ގެއްލުން މާބޮޑުވެއެވެ.
މޫނުގައި އިސްތަށި ގިނަވުމުގެ ސަބަބުތައް: މޫނުގައި އިސްތަށި ގިނަވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކެވެ. ޚާއްޞަކޮށް ފިރިހެން ހޯމޯން ކަމުގައިވާ ޓެސްޓޮސްޓެރޯން، އަންހެނުންގެ ގައިގައި މަތިވުމުގެ ސަބަބުން މިފަދަ ކަންކަން ދިމާވެއެވެ. މީގެ އިތުރުން ވާރުތަވެގެން އަންނަ ސިފަތަކާއި، ބައެއް ބޭސްތަކުގެ ސަބަބުންވެސް މިފަދަ ކަންކަން ދިމާވެދާނެއެވެ.

މޫނުގައި އިސްތަށި ގިނަވުމުގެ މައްސަލަ-ޠަބީޢީ ފަރުވާތަކުގެ ނަތީޖާ ފެންނަން ފަށާނީ ގަވާއިދުން ބޭނުން ކުރުމުން/ ފޮޓޯ:ޖިއޯމެޓް.
ޠަބީޢީ ފަރުވާ: ރީނދޫ މާސްކް 1
ރީނދުލުގައި އެކުލެވޭ ޠަބީޢީ މާއްދާތަކަކީ މޫނުގައި ފަޅާ ބޭކާރު އިސްތަށި މަދުކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.
ރީނދޫ މާސްކް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
- 2/1 ޖޯޑު ކިރު
- 2 މޭޒުމަތީ ސަމުސާ ރީނދޫ
- 2/1 ޖޯޑު ފުށް
- 1 މޭޒުމަތީ ސަމުސާ މޫދު ލޮނު (މޫދު ލޮނު ނެތިއްޔާ ފުށްލޮނު ފެނަށް ގިރުވައިލައިގެން ނަގާށެވެ. އެކަމަކު ބޭނުން ހިފޭނީ، ކާމިޔާބު ނަތީޖާ ފެންނާނީ މޫދު ލޮނުންނެވެ.)
މާސްކް ތައްޔާރުކޮށް، ބޭނުން ކުރާނެ ގޮތް
މަތީގައިވާ ތަކެތި ރަނގަޅަށް އެއްކޮށް، ޕޭސްޓެއް ހަދާށެވެ. މި ޕޭސްޓް އިސްތަށި ގިނަވެފައިވާ ސަރަޙައްދުގައި އުނގުޅާލުމަށްފަހު 15-10 މިނެޓު ވަންދެން ބަހައްޓާށެވެ.
އެއަށްފަހު ފިނި ފެން ބޭނުންކޮށްގެން މަޑު ތުވާއްޔަކުން ފުހެލާށެވެ.
އަދި ސާފު ފެނުން ދޮވެލުމަށްފަހު ސާފު ތުވާއްޔަކުން ހިއްކާށެވެ. ފެން ހިއްކުމުގައި ބާރަށް ހާކައި ނަހަދާށެވެ. މަޑުމަޑުން އޯގާތެރިކަމާއެކު އަޅާލުމުން މޫނުގެ ހަންގަނޑުވެސް ރީތިވާނެކަން ދަންނާށެވެ!

މޫނުގައި އިސްތަށި ގިނަވުމުގެ މައްސަލަ-ޠަބީޢީ ފަރުވާތަކުގެ ނަތީޖާ ފެންނަން ފަށާނީ ގަވާއިދުން ބޭނުން ކުރުމުން/ ފޮޓޯ:ޖިއޯމެޓް.
ޠަބީޢީ ފަރުވާ: ރީނދޫ މާސްކް 2
ބޭނުންވާ ތަކެތި
- 4 ސަމުސާ ރީނދޫ
- 2 ސަމުސާ ކިރު ނުވަތަ ފެން
ތައްޔާރުކުރާނެ ގޮތް
ރީނދުލާއި ކިރު ނުވަތަ ފެން އެއްކޮށްލައިގެން ހެޔޮވަރުގެ ބޯމިނުގައި ޕޭސްޓެއް ހަދާލާށެވެ. މިޕޭސްޓް ހަދާއިރު މާ ދިޔާނުވާ ވަރަށް ސަމާލުކަން ދޭންވާނެއެވެ.
ބޭނުންކުރާނެ ގޮތް: މޫނު ރަނގަޅަށް ދޮވެ، ސާފުކޮށް ހިއްކާލާށެވެ. އިސްތަށި ނައްތާލަން ބޭނުންވާ ސަރަހައްދުގައި ޕޭސްޓް އުނގުޅާލާށެވެ. 15-20 މިނެޓް ވަންދެން ބަހައްޓާށެވެ. ޕޭސްޓް ހިކުމުން، އިނގިލިތަކުން ވަށްކޮށް އުނގުޅަމުން މަޑުމަޑުން ފުހެލާށެވެ. އެއަށްފަހު ފިނިފެނުން ދޮވެލާށެވެ. އަދި ސާފު ތުވާއްޔަކުން މަޑުމަޑުން ފެން ހިއްކާލާށެވެ.
ރީނދުލުގެ ފައިދާތައް: ރީނދުލުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްތަކަކީ ހަމުގެ ދުޅަހެޔޮކަން ރަނގަޅުކޮށްދޭ މާއްދާތަކެކެވެ. މީގެ ސަބަބުން:
- މޫނުގައި އުފެދޭ ކުދި ރޫތައް ފިލުވާލަދޭ
- ހަމުގެ އޮމާންކަން އިތުރުވުން
- ޔޫވީ ރެއިސްތަކުން ލިބޭ ގެއްލުން ކުޑަވުން
- ހަންގަނޑު ހިރުވުން ދުރުކޮށް، ބާރުކޮށް ތާޒާކޮށް ބަހައްޓައިދޭ،
- ހަމުގެ ގުދުރަތީ ވިދުވަރު އިތުރުވުން
- ބެކްޓީރިއާގެ ސަބަބުން ޖެހޭ މައްސަލަތައް ކުޑަވުން

މޫނުގައި އިސްތަށި ގިނަވުމުގެ މައްސަލަ-ޠަބީޢީ ފަރުވާތަކުގެ ނަތީޖާ ފެންނަން ފަށާނީ ގަވާއިދުން ބޭނުން ކުރުމުން/ ފޮޓޯ:ޖިއޯމެޓް.
އިތުރު ސަމާލުކަން ދޭންވީ ކަންކަން
- ފުރަތަމަ ފަހަރު ކުޑަ ސަރަހައްދެއްގައި ޓެސްޓްކޮށްލުން މުހިންމެވެ.
- ހަމުގައި ޒަޚަމެއް ނުވަތަ ކެހުމެއްވާނަމަ ބޭނުން ނުކުރާށެވެ.
- ރޭގަނޑު ނިދުމުގެ ކުރިން މި ފަރުވާ ކުރުން ރަނގަޅެވެ.
- ގަވާއިދުން ހަފްތާއަކު 2-3 ފަހަރު ބޭނުންކުރާށެވެ.
މޫނުގައި އިސްތަށި ގިނަވުމުގެ މައްސަލައަށް ހައްލު ހޯދުމުގައި އަވަސްވެގަތުމުގެ ބަދަލުގައި، ކެތްތެރިކަމާއެކު ފަރުވާ ކުރިއަށް ގެންދިއުން މުހިންމެވެ. ޠަބީޢީ ފަރުވާތަކުގެ ނަތީޖާ ފެންނަން ފަށާނީ ގަވާއިދުން ބޭނުން ކުރުމުންނެވެ. އަދި މައްސަލަ ގޯސް ވަމުންދާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވެސް މުހިންމު ކަމެކެވެ.
މޫނުގައި އިސްތަށި ގިނަވުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ނޫނެވެ. މިއީ ގިނަ އަންހެނުންނަށް ދިމާވާ އާންމު މައްސަލައެކެވެ. އެހެންކަމުން، މިކަމަށް ހައްލު ހޯދުމަށް ފަސްނުޖެހި، އެކަށީގެންވާ ފަރުވާއެއް ހޯދުމަކީ މުހިންމު ކަމެކެވެ.

