އަންހެނުންގެ މޫނުމަތީގައި އިސްތަށި ފެޅުމަކީ ވަރަށް ގިނަ އަންހެނުން ކުރިމަތިލާންޖެހޭ މައްސަލައެކެވެ. މި ކަމަށް ސައިންޓިފިކް ނަމުން ކިޔަނީ ހާރސުޓިޒަމް އެވެ. މިއީ ފިރިހެނުންގެ ހަށިގަނޑުގައި ގިނައިން ހުންނަ ހޯމޯނުގެ ސަބަބުން އަންހެނުންގެ މޫނުމަތީގައާއި ހަށިގަނޑުގެ އެކި ތަންތާގައި އިސްތަށި ފެޅުމުގެ މައްސަލައެވެ.
ހާރސުޓިޒަމްގެ މައްސަލަ ދިމާވާ ސަބަބުތައް؛ މި މައްސަލަ ދިމާވުމުގެ އެންމެ މައިގަނޑު ސަބަބަކީ ހަށިގަނޑުގެ ހޯމޯން ބެލެންސް ނުވުމެވެ. ޚާއްޞަކޮށް ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ހުންނަ އަންހެނުންގެ ހަށިގަނޑުގައި އެންޑްރޮޖެން ހޯމޯން އިތުރުވުމުގެ ސަބަބުން މި މައްސަލަ ދިމާވެއެވެ. މީގެ އިތުރުން ވެސް ޕިޓިއުޓަރީ ގްލޭންޑް އަދި އެޑްރީނަލް ގްލޭންޑްގެ މައްސަލަތަކުގެ ސަބަބުން މި ކަން ދިމާވެއެވެ.
ޖެނެޓިކް ސަބަބުތަކަކީ ވެސް މި މައްސަލަ ދިމާވުމުގެ އެއް ސަބަބެވެ. ގިނަ ފަހަރަށް އާއިލާގެ ތެރޭގައި މި މައްސަލަ ފެތުރިފައި ހުރެއެވެ. އަދި ބައެއް ބޭސްތަކުގެ ސަބަބުން ވެސް މި މައްސަލަ ކުރިމަތިވެއެވެ. މިސާލަކަށް އެނަބޮލިކް ސްޓެރޮއިޑްސް އަދި ކޯޓިކޯސްޓެރޮއިޑްސް ފަދަ ބޭސްތައް ބޭނުންކުރުމުންނެވެ.

މޫނުގައި ފަޅާ އިސްތަށި ނައްތާލުމަށް ގޭގައި ކަންތައް ކުރެވިދާނެ ގޮތްތައް —-ފޮޓޯ:އައިސްޓޮކް
ފަރުވާގެ ގޮތުގައި ކުރެވިދާނެ ކަންތައްތައް؛ މި މައްސަލައަށް ޒަމާނީ އަދި ގޭގައި ކުރެވޭނެ ފަރުވާތައް އެބަހުއްޓެވެ. ޒަމާނީ ފަރުވާގެ ތެރޭގައި ލޭޒަރ ހެއަރ ރިމޫވަލް އަދި އިލެކްޓްރޯލައިސިސް ހިމެނެއެވެ. އަދި ހޯމޯން ބެލެންސް ކުރުމަށް ޑޮކްޓަރުންގެ ލަފާގެ މަތިން އޯރަލް ކޮންޓްރެސެޕްޓިވްސް އަދި އެންޓި-އެންޑްރޮޖެން ބޭސްތައް ބޭނުން ކުރެވިދާނެއެވެ.
ގޭގައި ކުރެވިދާނެ ގުދުރަތީ ފަރުވާތައް؛
ލުނބޯހުތާއި މާމުޔާގެ މިކްސްޗަރ: މޫނުގައި އިސްތަށި ނައްތާލުމަށް އެންމެ ފަސޭހަ އަދި އަވަސް ނަތީޖާ ލިބޭ އެއް ފަރުވާއަކީ ލުނބޯހުތާއި މާމުޔާގެ މިކްސްޗަރ އެވެ. މޭޒުމަތީ ހަތަރު ސަމުސަލުގެ މާމުޔާއާއި މޭޒުމަތީ ދެ ސަމުސަލުގެ ލުނބޯހުތް އެއްކޮށްލައިގެން މޫނުގައި ހާކުމަށްފަހު 10 މިނިޓަށް ބެހެއްޓުމުން ރަނގަޅު ނަތީޖާއެއް ލިބޭނެއެވެ.

މޫނުގައި ފަޅާ އިސްތަށި ނައްތާލުމަށް ގޭގައި ކަންތައް ކުރެވިދާނެ ގޮތްތައް —-ފޮޓޯ:އައިސްޓޮކް
އޯޓްމީލް ސްކްރަބްގެ ފައިދާ: އޯޓްމީލްގެ ސްކްރަބަކީ ހަންގަނޑު ސާފުކޮށް، މަރުވެފައިވާ ސެލްތައް ނައްތާލުމުގެ އިތުރުން މޫނުގައި ހުންނަ އިސްތަށި ނައްތާލުމަށް ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. އޯޓްމީލްއާއި ލުނބޯހުތް އެއްކޮށްލައިގެން ތައްޔާރުކުރާ މި ސްކްރަބް ބޭނުންކުރުމުން ވަރަށް ރަނގަޅު ނަތީޖާއެއް ލިބޭނެއެވެ.
ހަކުރާއި ޔޯގަޓްގެ މާސްކް؛ ހަކުރާއި ޔޯގަޓް އެއްކޮށްގެން ތައްޔާރުކުރެވޭ މާސްކަކީ މޫނުގައި ހުންނަ އިސްތަށި ނައްތާލުމުގެ އިތުރުން ހަންގަނޑު އިތުރަށް ފިނިކޮށްދޭ އެއްޗެކެވެ. މި މާސްކް ބޭނުންކުރުމުގައި ސަމާލުވާންވީ ކަމަކީ ސްކްރަބް ކުރާއިރު މަޑުމަޑުން ކުރުމެވެ. އަދި ފަހުން މޮއިސްޗަރައިޒަރެއް ބޭނުންކުރުމެވެ.
ބިހުގެ މާސްކްގެ ބޭނުން: ބިހުގެ ހުދުބައި ބޭނުންކޮށްގެން ތައްޔާރުކުރެވޭ މާސްކަކީ މޫނުގައި ހުންނަ އިސްތަށި ނައްތާލުމަށް އެންމެ ރަނގަޅު އެއް ފަރުވާއެވެ. މި މާސްކް ތައްޔާރުކުރުމަށް ބިހުގެ ހުދުބަޔާއި، ކޯންފްލާ އަދި ހަކުރު ބޭނުންކުރެވެއެވެ. ހަފުތާއަކު ދެތިން ފަހަރު މި މާސްކް ބޭނުންކުރުމުން ރަނގަޅު ނަތީޖާއެއް ލިބޭނެއެވެ.

މޫނުގައި ފަޅާ އިސްތަށި ނައްތާލުމަށް ގޭގައި ކަންތައް ކުރެވިދާނެ ގޮތްތައް —-ފޮޓޯ:އައިސްޓޮކް
މަތީގައި ދެންނެވުނު ފަރުވާތަކަކީ ގޭގައި ފަސޭހައިން ތައްޔާރުކުރެވޭ އަދި މޫނުގައި ހުންނަ އިސްތަށި ނައްތާލުމަށް ވަރަށް ރަނގަޅު ފަރުވާތަކެކެވެ. ނަމަވެސް މި ފަރުވާތައް ބޭނުންކުރުމުގައި އެއްވެސް ކަހަލަ އެލަރޖީއެއް ވޭތޯ ބެލުމަށް ކުޑަ ހިސާބެއްގައި ޓެސްޓްކޮށްލުން މުހިންމެވެ.
ނަފްސާނީ އަސަރުތައް؛ މި މައްސަލައިގެ ސަބަބުން ގިނަ އަންހެނުންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑެތި އަސަރުތައް ކުރެއެވެ. އަމިއްލަ ނަފްސަށް އިތުބާރު ގެއްލި، އިޖްތިމާޢީ ގުޅުންތަކުން ދުރުވެ، ކަންބޮޑުވުމާއި ނިކަމެތިކަން އިހުސާސްވެއެވެ. އެހެންކަމުން މި މައްސަލައަށް ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.
ހާސުޓިޒަމްގެ މައްސަލައަކީ ފަރުވާ ހޯދިދާނެ މައްސަލައެކެވެ. އެކަމަށް އެކަށީގެންވާ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. ޑޮކްޓަރެއްގެ ލަފާގެ މަތިން ފަރުވާ ހޯދުމާއެކު، ގޭގައި ކުރެވޭ ގުދުރަތީ ފަރުވާތަކުގެ ބޭނުން ހިފުމުން ރަނގަޅު ނަތީޖާ ހާސިލުކުރެވިދާނެއެވެ. އަދި މި މައްސަލައަކީ އާންމު މައްސަލައެއްކަން ދެނެގަނެ، އެކަމާ ކުރިމަތިލާ އަންހެނުންނަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީ މުހިންމު ކަމެކެވެ.

