ލިޔުނީ: މަލްސާ މޫސާ (ލީޝް)
(05 ޑިސެމްބަރ 2023 އާ ގުޅޭ)
ފިނި ވައިރޯޅިތަކުގެ ސަމާސާގައި ކައިޝްގެ ފަން ކަޅުދެލިކޮޅެއްފަދަ އިސްތަށިގަނޑު ބައިވެރިވަމުންދިޔައެވެ. އޭނާއަށް އުނދަގޫވެސް ނުވާ ކަހަލެއެވެ. ކައިޝްގެ ހަވަނަ ހިއްސު އޭނާއަށް މީހަކު ބަލަހައްޓައިގެން ހުރިކަން އަނގައިދިން ކަހަލައެވެ. ބަރު އެސްފިޔަތަށް އުފުލާލަމުން އެ ނުރައްކާތެރި ތޫނު ނަޒަރު އިރަމް އާއި ބައްދަލުކޮށްލިއެވެ.
. . .
ކައިޝް އާއި ނަޒަރު ބައްދަލުވުމާއެކު އިރަމްގެ ހިތްތެޅިގަތެވެ. ހީވީ ހަށިގަނޑު ދެފަޅިކޮށްފައި ހިތް ނުކުމެދާނެހެންނެވެ. ގަތް ލަދުން އިސްއޮބާލާފައި ކުރިއަށް ހިނގައިގަނެވުނީ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވަމުންނެވެ. ހިތް ހުއްޓެދާނެތީ އިރަމް ބިރުވެސްގަތެވެ. ކައިޝް ހުރި ދިމާ ހުރަސްކޮށް ކޮލެޖުގެ ގޭޓުން އެތެރެއަށް ވަދެގެން ދިޔައިރު އިރަމްގެ ދެއަތްތިލަ ވަނީ ގަނޑުފެންކޮޅަކަށް ވެފައެވެ. އެއީ ފިނި މޫސުމުގެ ސަބަބުން ކަމެއް ނުވަތަ ކައިޝް ފެނުމުން ވީގޮތެއްކަމެއް އޭނާއަކަށް ނޭނގުނެވެ.
ފަރުވާކުޑަގޮތަކަށް ކޮނޑު އަރުވާލަމުން ކައިޝް ފޯނުން ނަންބަރުތަކަކަށް ފިތައިލިއެވެ. އެކޮޅުން ފޯނުނެގުމުން މިއަދު އޭނާ ބިޒީވުމުގެ ސަބަބުން ކޮލެޖަށް ކިޔަވައިދޭން ނުދެވޭނަކަމަށް ބުނެފައި ކާރާ ދިމާއަށް ހިނގައިގަތެވެ. ކާރަށް އަރާ އިށީންނަމުން އަދި އެއްފަހަރު އޭނާގެ ޙަޔާތުގެ ކެހިވެރިޔާގެ އެންމެ ފަހު މެސެޖަށް ނަޒަރު ހުއްޓައިލެވުނެވެ.
“ޔަޒްކާން ރަނގަޅަށް ބަލައިދޭތި، އަހަންނަށް މަޢާފުކޮއްދޭނެކަމަށް ހީކުރަން.”
ކައިންގެ މޫނުމަތިން ފެނުނު ނުރުހުމުގެ އިތުރުން އެހެން އަސަރުތަކެއް އެމޫނުގައި އެކުލެވިގެން ވިއެވެ. ކާރު ދުއްވައިލިއިރު އޭނާ ވަނީ ނިންމުމެއް ނިންމާފައެވެ. އޭނާގެ މަސްޢޫލިއްޔާތު ފުރިހަމައަށް އަދާކުރުމަށެވެ.
. . .
މަންމަ، އައިރީން އާއި އެކު ކައިޝް ހުރީ ގެއެއްގެ ކުރިމަތީގައެވެ. ބެލް އެޅިތާ އިރުކޮޅެއްފަހުން ދޮރު ހުޅުވައިލީ މެދުއުމުރެއްގެ އަންހެނެކެވެ. ކައިޝް ފެނުމާއިއެކު އެ މޫނުމަތިންފެނުނީ ނުރުހުންތެރިކަމެވެ.
ބޮޑަށް ދޮރުހުޅުވައިލަމުން އެ އަންހެން މީހާ އެގެއަށް ވަނުމަށް ދައުވަތު އެރުވުމުން ކައިޝް އާއި އައިރީން ވަނެވެ. ކުޑަ ގެއެކެވެ. ތަންތަނުގައި ބަންދުކޮށްފައިހުރި ފޮށިތަކާއި، ގޭގެރޭގައިވާ މަދު ފަރުނީޗަރުގެ ސަބަބުން ގެ ބަދަލުކުރަން އެއްޗެހި ޕެކުކޮށްފައިވަނީ ކަންނޭނގެއެވެ. އެ އަންހެން މީހާގެ މޫނުމަތީގައި ހަރުކަށިކަން އެކުލެވިގެންވާއިރު، ހިނގަމުންދިޔައިރު ފައިގައި އައިބުގޮތެއް ހުއްޓެވެ. ސޯފާގައި އިށީންނަން އިށާރާތްކުރަމުން އެ އަންހެންމީހާ ގޮނޑިއެއްގައި އިށީނެވެ. އައިރީން އިށީންނަމަވެސް ކައިޝް އޭނާ ހުރިތަނުން ގުޑައިވެސް ނުލައެވެ.
“އަހަރެން މިއައީ ޔަޒްކާން ބަލައި.” އެ ގަދަނޫކުލައި ދެލޮލުން އެކައްޗެއްވެސް ދޭހައެއް ނުވެއެވެ.
“ކަލޭއަށް އަދިކިރިޔާތަ އަންނަން އެނގުނީ؟ މިހާރު ހަތަރުމަސްވީ.” މަރީގެ އަޑުގައިވީ ހަމަހިމޭންކަމެވެ. ނަމަވެސް އެ މޫނުގައިވާ ނުރުހުންވުމުގެ އަސަރުތައް ދެމިހުއްޓެވެ.
“އެއީ މަރީއްތަ ބަލަން ޖެހޭ ކަމެއް ނޫން. ހަމަގައިމުވެސް މަރީއްތަގެ ސަބަބުން މައިރާ-” ކައިޝް އޭނާ ބުނަން އުޅުނު ޖުމުލަ މެދުކަނޑާލާފައި އިސްތަށިގަނޑުގައި އަތް ހިންގައިލީ ހަމަޖެހިލުމަށެވެ. މިވަގުތު ޖަޒުބާތީވެގެން ކަމަކުނުދާނެއެވެ. އަދި، އޭނާގެ ހަޔާތުގެ ކެހިވެރިޔާ، މައިރާގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއްނެތެވެ. ވީކަމެއް އޮތީ ވެފައެވެ. ކައިޝް މައިރާއަށް މަޢާފުނުކުރިނަމަވެސް، ދެން ކުރެވެން އޮތް ހަމައެކަނި ކަމަކީ މައިރާ ބުނިހެން ޔަޒްކާން ރަނގަޅަށް ބެލުމެވެ.
މަރީ އެއްޗެއް ބުނަން އަނގަހުޅުވައިލުމާއެކު، ލުއި ކުކުރުމެއްގެ އަޑު ކޮޓަރީ ދޮރުކައިރިން އިވުމާއެކު އެންމެންގެ ނަޒަރު ހުއްޓުނީ އެދިމާއަށެވެ. ހުޅުވާފައިވާ ދޮރުކައިރީގައި ކޮޅަށް އެހުރީ ކުޑަކުޑަ ޔަޒްކާނެވެ. އެންމެ ހަތަރު އަހަރުވެފައިވާއިރު އެ މަޢުސޫމު ބޮޑު ދެލޮލުގައިވީ ތަފާތު ހުސްކަމެވެ. މަންމަ މަތިން ހަނދާންވާތީކަންނޭނގެއެވެ. އިނގިލި އަނގައަށް ލައިގެން ހުރިއިރު، އެ ކަޅުދެލިކޮޅެއްފަދަ ނިޔަނެތި ކަޅި ކައިޝް އާއި ބައްދަލުވުމާއެކު ކައިޝްއަށް ނޭވާ ހިފަހައްޓައިލެވުނެވެ.
މުޅި ސިޓިންރޫމަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ ކައިޝްގެ ފިޔަވަޅުތަކުގެ އަޑެވެ. ކޮޓަރީ ދޮރުކައިރީގައި މަޑުކުރަމުން، ކަކޫމައްޗަށް ތިރިވެލަމުން ޔަޒްކާންއަށް ބަލައިލިއެވެ. ކައިޝްގެ މޫނުމަތީގައިވާ ރުޅިވެރިކަން ފެންނާކަށް ނެތެވެ. ކުޑަކޮށް ހިނިތުންވެލަމުން އޭނާގެ ޝަހާދަތް އިނގިލިން ޔަޒްކާންގެ ކޮލުގައި ފިރުމައިލިއެވެ.
އަނގައިތެރޭގައިވާ އިނގިލި ނަގަމުން ޔަޒްކާން އިރުކޮޅަކު ކައިޝްއަށް ބަލަން ހުއްޓެވެ. ހީވަނީ ކާކުކަން ނޭނގިގެން އުޅޭހެންނެވެ. އަދި އަލަށް ފެނުމުންކަންނޭނގެވެ. ކައިޝް ލުއިކޮށް ހީނލަމުން ޔަޒްކާން އުރާލާފައި އޭނާގެ މެއާއިލާ ބޮނޑިކޮށްލިއެވެ. ޔަޒްކާން އޭނާގެ ކުޑަކުޑަ އަތުން ކައިޝް ލައިގެންހުރި ކަޅުކުލައިގެ ގަމީހުގައި ހިފަހައްޓައިލީ ބާރުގަދަ އަތެއްގެ ހިމާޔަތުގައި ހަތަރުމަސް ކޮށްފައި ފޮރުވެވުމުންކަންނޭނގެއެވެ. އެ ޅަހިތުގައިވެސް ރިއްސައެވެ.
“ޔަޒްކާން، ބޭބެ އާއެކު އުޅެން ބޭނުންތަ؟” ކައިޝް ޔަޒްކާން އޭނާއާއި ދުރުކޮށްލަމުން ސުވާލުކުރީ ނުހަނު މަޑުމައިތިކަމާއެކުގައެވެ. އިރުކޮޅަކު ކައިޝްގެ މޫނަށް ބަލަންހުރުމަށްފަހު އޭނާގެ މޫނުގައި އަތް ޖައްސާލަމުން ޔަޒްކާން ބޯޖަހައިލުމާއެކު ކައިޝްގެ ހިތަށް ކުޑަ ހިތްހަމަޖެހުމެއް ވެރިވެގެން ދިޔައެވެ.
. . .
“ސޮރީ އިރަމް، މަންމަގެ ޓެސްޓްތައް އަދިވެސް ނުނިމޭތީވެ އައި ކާންޓް ގޯ އިރަމް ބަލާ.” ކައިޒިލް ބުންޏެވެ.
“އިޓްސް އޯކޭ، އަހަރެން ބަސްޓޮޕް އާއި ހިސާބަށް ހިނގާލާފަ ގޮސްފާނަން.” އިރަމް ހިނިތުންވެލީ ލޮކަރުގައިވާ ފޮތްތަކުގެ ތެރެއިން އޭނާ ބޭނުންވާ ފޮތްތައް އަތުން ހިފަމުންނެވެ. ކޮލެޖު ލައިބްރަރީގައި ކިޔަވަން އިންއިރު، ދުނިޔެއަށް އަނދިރިކަން ވެރިވުމުންވެސް އޭނާއަށް ރޭކާނުލީއެވެ.
ކައިޒިލްއަށް ސަލާމްބުނެފައި ފޯނު ކަނޑައިލަމުން ގަޑި ބަލައިލިއެވެ. ރޭގަނޑު ހަތެއް ޖަހައިބޮޑުވީއެވެ. ކޮލެޖުން ނުކުތުމާއެކު އިރަމްއަށް މިއަދު ކައިޝް ލެނގިލައިގެންހުރި ފާރަށް ނަޒަރު ހުއްޓައިލެވުނެވެ. ހަމަ ޔަޤީނުންވެސް އެ ޒުވާނާ އޭނާގެ ހިތާއި ކުޅެލައިފިއެވެ. ކޮންމެވެސް ކަހަލަ ސިހުރެއް ޖައްސައިފިއެވެ.
އަބަދު ކައިޝް އާއި ދޭތެރޭގައި ވިސްނެނީ ކީއްވެހެއްޔެވެ؟ އޭނާ ރީތި ވީމައިހެއްޔެވެ؟ ނޫނީ އެ ހުންނަ ބީރައްޓެހިކަމާއި، އެ ފިރިހެންވަން އަޑުގެ ސަބަބުން ހެއްޔެވެ؟ އިރަމްއަށް އިރުކޮޅަކު ވިސްނައިލަން ހުރެވުނެވެ.
ވެހެމުންދިޔަ ހުދުކަފަކޮޅުތަކެއްފަދަ ސްނޯ އިރަމްގެ އިސްތަށިގަނޑުގައި ލައްވާލައެވެ. އިރުއިރުކޮޅާ އެ ދޮންމޫނާއި އުންދަގޫ ކޮށްލައެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުގެ ސަބަބުން އިރަމް ދޫކޮށްލި ފިނި ނޭވާގައި ފޮގްގެ އަސަރު ހުއްޓެވެ. އަތުގައި ހުރި ފޮތްތަށް މެއާއި ޖައްސައި ބާރުކޮށްލަމުން އޭނާ ކުރިއަށް ހިނގައިގަތީ ކައިޝް އޭނާގެ ސިކުނޑިން ފުހެލަން މަސައްކަތް ކުރަމުންނެވެ.
އެޅުނު ހަނި ގޯޅިއަކުން ކަންނޭނގެއެވެ. އިރަމްގެ ލޯލިތައް ކޮޅަށްޖެހިގެން ދިޔައިރު ހިތުގައި ބިރުވެރިކަމުގެ އިޙުސާސްތައް ވެރިވެގަތީ ސަބަބަކާއި ނުލައެވެ. އެހާ އަނދިރިވުމުން ކަމަށް ވެދާނެއެވެ. އަނބުރާލާފައި ދާން ހިތައް އެރިނަމަވެސް، ކުރިއަށް ހިނގައިގަތީ އެނޫންގޮތަކަށް އޭނާއަށް ބަސް ސްޓޭޝަންއަށް ދާން ނޭނގޭތީއެވެ.
ނަމަވެސް އިރަމްގެ އަނގައިން ތޫނު ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައީ މީހަކު ފަހަތުން އޭނާގެ އުނަގަނޑުގައި ހިފުމުންނެވެ. އިޙުސާސްކުރެވުނު އިންތިހާ ބިރުވެރިކަމުގެ ސަބަބުން އެ ބޮޑު ދެލޮލަށް ކަރުނަތަށް ބޮނޑިވެގަތީ ހިނދުކޮޅެއްގެ ތެރޭގައެވެ. މުޅި ހަށިގަނޑަށް ހުއްޓުން އެރީ އަދި އަލަށް މިފަދަ ބިރުވެރިކަމެއް ތަޖުރިބާކުރަން ޖެހުމުންނެވެ.
އެ ނުދަންނަ ފިރިހެންމީހާގެ އަތް އުނަގަނޑުން މައްޗަށް އަރަމުންދިޔައިރު، އަނެއް އަތް ވަނީ އިރަމްގެ އަނގަމަތީގައި އަޅާ ބަރުކޮށްލެވިފައެވެ. އަނެއްކާ ހަޅޭއްލަވައިގެންފާނެތީ ކަންނޭނގެއެވެ. ތެޅިގަންނަމުން އިރަމް އެ ޒުވާނާގެ އަތުތެރެއިން ވީއްލިގަތެވެ. ދުއްވައިގަންނަން ނެގި ފިޔަވަޅު ކުރިއަށް ނޭޅެނީސް އަނެއްކާވެސް އެ ޒުވާނާ އިރަމްގެ އަތުގައި ހިފީ ތަދުވާހާ ބާރަށެވެ. މިފަހަރު އިރަމްއަށް ހަޅޭއްލަވައިގަނެނުވީ އަތަށްވީ ތަދުގެ ސަބަބުންނެވެ. ހީވީ އަތް ބިންދައިގެން ހިނގައިދާނެހެންނެވެ.
އެ ޒުވާނާގެ ފައި މައްޗަށް އޭނާ އަރައިގެންހުރި ހީލްސްގެ ތޫނު ބައި ކޮއްޕާލުމާއެކު އެ ފިރިހެން މީހާގެ ބާރުގަދަ އަތުތެރެއިން އިރަމް ދޫވިއެވެ. ހަށިގަނޑުގައި ހުރި ބާރެއްލާފައި އިރަމް ދުއްވައިގަތްއިރު އަތުގައި ހުރި ފޮތްތައްވެސް ވަނީ ބިންމައްޗަށް ވެރިފައެވެ. އެކަމަކު އެކަމަށް އޭނާގެ ފަރުވާލެއްނެތެވެ.
ގަނެފައިހުރި ބިރުގެ ސަބަބުން އިރަމް މީހެއް ގައިގައި ލައިގަތްއިރުވެސް ނޭނގުނެވެ. އޭނާއަށް އަނެއްކާވެސް ތެޅިގެންފައި ހަޅޭއްލަވައިގަނެވުނީ އޭނާ ވެއްޓެންދިޔަ ހިނދުކޮޅުގައި މީހަކު އޭނާގެ އުނަގަނޑުގައި އަތް ވަށައިލުމުންނެވެ. ތުރުތުރުލަމުންދިޔަ އަތް މުއްކަވައިލަމުން އަތް ހޫރައިލެވުނީ އަމިއްލަ ނަފްސު ދިފާއުކުމުގެ ނިޔަތުގައެވެ.
“އައުޗް، ރިލޭކްސް. އިޓްސް މީ.” ކައިޝްގެ ފިރިހެންވަންތަ އަޑު އިވުމާއެކު އިރަމްގެ ހަށިގަނޑަށް ހުއްޓުން އެރިއެވެ. އޭރު އޭނާގެ ފަހަތުން ދުވެފައި އައި ފިރިހެން މީހާ ކޮންމެވެސް އެއްޗެކޭ ކިޔާފައި ފިލަން ދުއްވައިގެންފިއެވެ.
އެ ހިމަ ގޯޅިގަނޑަށް ވެރިވެފައިވާ ހުދުކުލައިގެ ފަނޑު އަލީގެ ތެރެއިން ކައިޝްގެ ނޫކުލައިގެ ދެލޮލާއި އިރަމްގެ ކަރުނުން ފުރިފައިވާ ދެލޯ ބައްދަލުވެގެން ދިޔަހިނދުވެސް އިރަމްގެ ތުންފަތް ފޫއަޅުވާލާފައި މަޑު ގިސްލުމެއްގެ އަޑު ބޭރުވަމުން ދިޔައެވެ.
(ނުނިމޭ)
