“ފައިލް 5177.” ކައިޝް ބުނި ފައިލްގެ ނަމުން ކައިންގެ ހިތުގެ ތެޅުން ހުއްޓުނުކަހަލައެވެ. ހަށިގަނޑުގައި ފިނި ރާޅުބާންޏެއް ދަތުރުކޮށްލިއެވެ.
. . .
ފާއިތުވެގެންދިޔަ ހިމޭން ވަގުތުކޮޅު ތެރޭގައި ކައިން އަށް އޭނާގެ ހިތް މޭ ފަޅާލާފައި ނުކުމެދާނެހެން ހީވިއެވެ. އަތްފައި ފިނިވިއިރު، ހިތުގެ ތެޅުން އިންތިހާއަށް ބާރުވިއެވެ.
“ދާނިޝް ކާރީ ބުނަންވީނު ފޮނުވާލަދޭށޭ މެއިލް އިން؟” ކައިންގެ އަޑުގައިވާ ކެއްތެރިކަން ކޮޅުންލިއެވެ. ކައިޝްއަށް މިކަން ނަގައިގަނެވުނެވެ. އެއީ ކައިންއަށް މުހިންމު ފައިލްސް ތަކެއްކަން އެނގުމުން އެއާ ގުޅޭ އިތުރު މަޢުލޫމާތެއް އެނގެން ބޭނުންވިނަމަވެސް ސުވާލުކޮށްނުލީ ކޮންމެ މީހެއްގެވެސް ފޮރުވިފައިވާ ސިއްރުތަކާއި ސަފްޙާތައް ވާނެކަން އެނގޭތީއެވެ.
“ފައިން، އަހަރެން މެސެޖެއް ކޮށްލާނަން.” ކައިޝް ފޯނު ކަނޑާލުމުން، ކައިންއަށް އެނދުގައި އިށީނެވުނެވެ. އެ ނޫކުލައިގެ ދެލޮލުން ވިދުވަރެއް ފެނިލިއެވެ. ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިއައީ ބޭއިޙްތިޔާރުގައެވެ. އާ އުންމީދެއްގެ ހުޅުކޮޅު ރޯވެ އަނދަމުން ދިޔައިރު، ކައިންއަށް ނުވިސްނުނީ އޭނާވެސް އެ ހުޅުކޮޅުގައި އަނދައިއަޅިއަށްވެ ގޮސްދާނެކަމެވެ.
ދުނިޔެއަކީ ޔަޤީނުންވެސް ބޭވަފާތެރި، ކެހިވެރި ތަނެކެވެ.
. . .
ކައިޝްގެ ފިރިހެންވަންތަ މޫނުމަތީގައިވަނީ ވަރުބަލިކަމެވެ. އެ ނޫކުލައިގެ ދެލޮލުގައިވަނީ ނިދީގެ އަސަރުތަކެވެ. މުޅި ދުވަހުހެން އޮފީހުގެ ރަސްމީ ބައްދަލުވުންތަކާއި ޔުނިވާސިޓީގެ ކުލާސްތަކަށް ގޮސްފައި ގެއަށް ގޮސްލާނެ ވަގުތެއް އޭނާއަކަށް ނުވިއެވެ. ކައިން ބުނި ފައިލުތަށް އީމައިލް އިން އޭނާއަށް ފޮނުވަދިނުމަށް ދާނިޝްއަށް މެސެޖުކޮށްލަން ވެސް ހަނދާންވީ މާ ފަހުންނެވެ.
ކާރުގެ ދުވެލި މަޑުކޮށްލަމުން ކައިޝް ހުޅުވިގެންދިއަ ހައިބަތުހުރި ގޭޓުން އެތެރެއަށް ދުއްވާލިއެވެ. މަޑުމުށިކުލައިގެ ގެ ފެންނަނީ ހުވަފެނީކޮށެވެ. ބަގީޗާގައި ވަކިން ހަދާފައިވާ ހާއްސަ ޕާކިންގ ޒޯނުގައި ކާރު ޕާކުކޮށްލަމުން ކައިޝް ހިނގައިގަތީ ގޭގެ މައި ދޮރާ ދިމާއަށެވެ. މުޅި މާހަލަށް ހިތްގައިމުކަން ވެރިވެފައިވަނީ ދިއްލާލެވިފައިވާ އަލިފާން ކުލައަރާ ލައިޓުތަކުންނެވެ. ބޮޑު ފެންކޯރެއް ގޭގެ މެދުގައި ވުމުން ގޭގެ ރީތިކަން އިތުރުކުރުވިކަމަކަށް އެކަން ވިއެވެ. ހިނގަން ހަދާފައިވާ މާރބަލް ތަޅުން މަތީގައި ކައިޝް ހިނގަމުން ދިއައީ ކާރުގެ ތަޅުންދަނޑި ޝަހާދަތް އިނގިލި ތެރޭގައި އަނބުރަމުންނެވެ.
ޖެހިލާ ފިނި ވައިރޯޅިތަށް ކައިޝްގެ ވަރުގަދަ ފަން އިސްތަށިގަނޑާއި ސަމާސާކުރަމުންދިޔައެވެ. ލައިގެންހުރި ކަޅުކުލައިގެ ސްވެޓާރ އިން އޭނާގެ ބައިމަތިފުޅާ ހަށިގަނޑު ފެންނަލެއް ނުހަނު ހިތްގައިމެވެ. ކުދިކުދި ސްނޯގެ ހުދުކަފަކޮޅުތަކުގެ ޝިކާރައަށް އޭނާ ވުމުގެކުރިން ކައިޝް އެކަމުން ސަލާމަތްތެރިކަން ހޯދީ ގޭގެ ފުޅާ އަސްކަނި ދޮށުގެ ހިމާޔަތުގައެވެ. ފިރިހެންވަންތަ އިނގިލިތައް އިސްތަށިގަނޑުތެރެއަށް މަހާލަމުން ސްނޯތަށް ފޮޅައިލިއެވެ.
ގޭގެ މައިދޮރު ހުޅުވާލަމުން ކައިޝް އެތެރެއަށް ވަދެގެން ދިޔައީ ތާޒާވެލައިގެން އެނދުގެ ހޫނުކަން އިޙުސާސުކޮށްލަން ބޭނުންވުމުންނެވެ. ދަންވަރުން ބޮޑުވެ ތިންގަޑި ބައިވި ނަމަވެސް އެންމެ ފުރަތަމަވެސް އެހުރިހާ ކަމެއް މަޙުރޫމު ކުރަމުން ކައިޝް ހިނގައިގަތީ މަންމަގެ ކޮޓަރިއަށެވެ.
“ދަރިފުޅު އައީތަ؟ ހާދަ ދަންވެއްޖޭ.” އައިރީންގެ އަޑުގައިވަނީ ނިދީގެ އަސަރެވެ. މަންމަގެ އަޑު ފަހަތުން އިވުމުން ކައިޝް ކުޑަކޮށް ސިހުނެވެ.
“މަންމަ ނުނިދަންތޯ؟ މާދަން ޕްރޮޖެކްޓެއް އޮންނަތީވެ އެހާ ލަހުން ނިންމާލެވުނީ.” ކައިޝް އޭނާގެ މަންމަގެ ކޮޓަރީ ދޮރު މަޑުމަޑުން ފޭކޮށްލަމުން އެތެރެއަށް ވަނެވެ. ބޮޑު އެނދުގެ މަގަތުގައި ކުޑަކުޑަ ޔަޒްކާން ނިދާފައި އޮތްތަން ފެނުމުން ކައިޝްގެ ހިތަށް ކުޑަ ހިތްހަމަޖެހުމެއް އިހުސާސްކުރެވުނެވެ.
“ކައިޝް ނާސްގެން އެންމެފަހުން ޔަޒްކާންއަށް ނިދުނީ.” ދަރިފުޅުގެ ކޮނޑުގައި އަތް ބާއްވާލަމުން އައިރީން ބުންޏެވެ.
“މި ޕްރޮޖެކްޓް ނިމުނީމަ އަޅުގަނޑު ފްރީ ވާނެ.” ކައިޝް ފުންނޭވާއެއް ދޫކޮށްލިއެވެ. ދޮރުގެ ބިތުގައި ލެނގިލަމުން ޔަޒްކާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
ހާދަ ކުޑައެވެ. ވާނުވާ ނޭނގުނަސް، މަންމަ އާއި ބައްޕަ ނެތްކަމުގެ ހުސްކަން ޔަޒްކާންއަށް އިޙުސާސްކުރެވޭނެކަން ކައިޝް ދަނެއެވެ. ކުޑަކުޑަ އަތް މުއްކަވާލައިގެން ނިދާފައި އޮތްއިރުވެސް ހީވަނީ މާޔޫސްވެފައިވާ ހެންނެވެ.
ކައިޝްގެ މެއަށް ބާރުވިއެވެ. ދެއަށް މުއްކަވާލަމުން އަވަސް ހިނގުމެއްގައި ނުކުމެގެން އޭނާގެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ދޮރު ޖަހައި ތަންޑުއެޅުވުމާއެކުހެން ފުންނޭވާ ލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންވީ ފޫނެތް ފަޔަކަށް ފެން ފުރުންފަދަ ކަމަކަށެވެ.
ހިނދުކޮޅަކަށްފަހު ހިނދުކޮޅެއް ނޭވާ ކުރުވަމުންދިޔައިރު، ކައިޝްގެ މޫނުގައި މުތީތަކެއް ފަދައިން ދާތިކިތައް ވިދަމުން ދިޔައެވެ. ފައި މާރބަލްސް ތަޅުންމަތީގައި ރަނގަޅަށް ހަރުނުލިނަމަވެސް، އޭނާގެ ކޮޓަރީގައިވާ މޭޒާ ދިމާއަށް މިސްރާބުޖެހިއެވެ. ތުރުތުރުލަމުންދިޔަ އަތުން ކަބަޑަކަށްފަހު ކަބަޑެއް ހުޅުވަމުންދިޔައީ އޭނާގެ ބޭސްކާޑު ފެނޭތޯއެވެ.
ނޭވާ އުފުރިގެން އައިސްދާނެހެންހީވި ވަގުތުކޮޅަކަށްފަހު ކައިޝް އޭނާގެ ބޭސްކާޑު ނުފެނުމުން ކޮތަޅެއް ނަގާފައި އެއަށް ނޭވާލާން ފެށިއެވެ. ރަތް ކުލައިގެ ހެދުމެއް ލައިގެންހުރި އަންހެންކުއްޖެއް އޭނާގެ ލޯ ކުރިމަތީގައި ކުރެހިގެން ދިއުމުން ކައިޝްގެ ނޭވާ ހޮޅިއަށް އެޅިހެން ހީވިއެވެ. ދެލޯ މަރާ ބާރުކޮށްލެވުނީ އޭނާގެ ކަންފަތުގައި ގުގުމައިގެންދިޔަ ހަޅޭކުގެ އަޑަށެވެ.
ދަތްތައް ކާރުވައިގަންނަމުން މާޒީގެ ސަފްހާތަށް ހިތުގެ ކަނެއްގައި ވަޅުލައި ބަންދުކުރަމުން ކައިޝް ކޮތަޅަށް ނޭވާލަމުން ދިޔައެވެ. އިރުކޮޅެއްފަހުން ނޭވާ ހަމައަކަށްއެޅުނުއިރު އޭނާ ވަނީ ދަލުން ފެންވެރިފައެވެ. އެހާ ދުވަސްފަހުން ޕެނިކް އެޓޭކެއް ޖެހުމުން ކައިޝް ހައިރާންވިއެވެ.
ހަމައަކަށްއެޅެން މަސައްކަތްކުރަމުން އޭނާ ހިނގައިގަތީ ތާޒާވެލައިގެން ނިދުމަށެވެ. އެ ވަރުގަދަ ހަށިގަނޑުގައި ކޮޅަށް ހުންނާނެ ހަކަތަވެސް ނެތްކަހަލައެވެ.
. . .
އިރުފެނުންތޮޅިލައި އާ ދުވަހަކަށް މަރުހަބާކިއެވެ. އެކި މީހުން ތަފާތު ކަންކަމުގައި މަސްޢޫލުވަމުން ދިޔައެވެ. ދުނިޔޭގައި ދިރިއުޅުމެއް ބިނާކުރުމަށް ކޮންމެ އިންސާނެވެސް މަސައްކަތްކުރަން ޖެހެއެވެ. އެ މަސައްކަތްތަކުގެ ތެރެއިން ހީނުކުރާފަދަ އުފާވެރި އަދި ހިތާމަވެރި ހާދިސާތައް ހިނގާދެއެވެ. ނަމަވެސް މުޖުތަމައުގައި ކުރިއަރައި ދިއުމަށް ކޮންމެ މީހެއްވެސް، މި ކަންކަމަށް ކެއްކުރަން ޖެހެއެވެ. ކިތަންމެ މާޔޫސްވި ނަމަވެސްމެއެވެ.
ސޯފާގައި އިށީނދެގެންއިން ކައިޒިލްގެ މޫނުގައި ވަނީ ކަންބޮޑުވުމާއި ނުރުހުންތެރިކަމެވެ. އަމިއްލަ ނަފްސު ކުއްވެރިކުރެވުނީ ކިތައް ފަހަރުކަމެއްވެސް ނޭނގެއެވެ.
“އިރަމް، އައިމް ރިއެލީ ސޮރީ.” އިރަމް ފުންނޭވާއެއްލަމުން ހީނލިއެވެ. އޭނާ ރޭގަ ހިނގި ހާދިސާ ކިޔައިދިނުމުން ކައިޒިލް އަމިއްލަ ނަފްސު ކުއްވެރިކުރާވަރު އިޙުސާސްކުރެވުމުން އެއީ އެވަރު ކަމެއް ނޫންކަން ކައިޒިލްއަށް އެތައްފަހަރު ބުނެދިނެވެ.
“ނޯ، އަހަރެން ދެން އެހާ ފަރުވާކުޑަކޮށެއް ނުލާނަން.” ކައިޒިލްގެ އަޑުގައިވަނީ އަޒުމެވެ.
އިރަމް ކައިޒިލްއަށް ދޫކޮށްލަމުން، އެންމެ ރަނގަޅުކަމަށް ބުނެފައި ކޮޓަރިއަށް ވަނީ ޔުނިވާސިޓީއަށް ދާން ރެޑީވުމަށެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ، އޭނާގެ ރާޅުބާނި އިސްތަށިގަނޑުގައި ފުނާ އަޅަމުންދިޔައިރު އިރަމްގެ ހިތުގެ ތެޅުން އަވަސްވަމުންދިއައީ ކައިޝްގެ ސަބަބުންނެވެ. ކައިޝް އޭނާ ގެއަށް ލައިދިނުމުންވެސް، ޝުކުރުއަދާނުކުރެވުމުން ދެރަވެ ލަދުގަތެވެ. އޭނާ ހާދަ މޮޔައެވެ. ޔަޤީނުންވެސް ކައިޝްގެ ހިތަށް އޭނާއަކީ ގޮތެއްނެތް އަންހެންކުއްޖެކޭ ހިތަށް އަރާނެއެވެ.
އިރަމް ކައިޒިލް ކައިރީގައި ކައިޝް އޭނާ ރައްކާތެރިކޮށް، ސަލާމަތްތެރިކަމާއެކުގައި ގެއަށް ގެނެސްދިން ވާހަކަ ބުނަން ބޭނުންނުވީ ކީއްވެ ކަމެއް ޙުދު އޭނާއަކަށްވެސް ނޭނގުނެވެ. އިރަމް ނިންމީ ޔުނިވާސިޓީއަށް ގޮސް، ކައިޝްއަށް ޝުކުރުއަދާކުރުމަށެވެ.
. . .
ކޮޓަރީ ދެކޮޅުދެކޮޅަށް ހިނގަމުންދިޔަ ކައިންގެ އަތްފައި ވަނީ ފިނިވެފައެވެ. ހިތުގެ ވިންދު އިންތިހާއަށް އަވަސްވެފައިވަނީ އޭނާގެ ދިގު އިންތިޒާރަށް ނިމުމެއް އަތުވެދާނެކަމުގެ ފޮނި ހުވަފެންތަކުންނެވެ. އިރުއިރުކޮޅާ އޭނާގެ ނަޒަރު އެނދުމަތީގައި ހުޅުވާފައިވާ ލެޕްޓޮޕަށް ހުއްޓެއެވެ. ދޭތެރެދޭތެރެއަކުން މެއިލް ރީފްރެޝްކޮށް ރީޗެކު ކޮށްލެވެއެވެ.
އެންމެފަހުން ކައިންގެ ދިގު އިންތިޒާރަށް ނިމުމެއް އައީ ދާނިޝްގެ މެއިލް އައުމުންނެވެ. އަވަސް ހަރަކާތަކާއެކު އެނދުގައި އިށީންނަމުން، ފައިލް 5177 އަށް ފިއްތާލިއެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ ހިތުގެ ތެޅުން ހަމައަކަށް އެޅުވުމަށެވެ. ސިކުންތުކޮޅެއްފަހުން ކައިން ފައިލަށް ފިއްތާލީ އޭނާގެ ލޯ ބޭގަރާރުކަމާއެކު ދެކެން ބޭނުންވާ ސޫރަ ފެންނާނެ ކަމުގެ އުންމީދާއެކުއެވެ.
( ނުނިމޭ )
