މީހުންގެ އަޑު ދިޔައީ ގަދަވަމުންނެވެ. އެކަކު ކިޔާ އެއްޗެއްވެސް ސާފެއް ނުވެއެވެ. އެކި މީހުން ކިޔަނީ އެކި އެއްޗެއްސެވެ. ހަމަ ކުޑަކުޑަ އިރުކޮޅެއް ކުރިން އިވިގެން ދިޔަ ބާރު ހަޅޭކުގެ އަޑާއެކު ދުވެފައި މަގަށް ނުކުމެ ކުރިމަތީގައި ހުރި ފިހާރަ ކައިރީ ހުރި ސައިކަލެއްގެ ފަހަތަށް އަރައިގެން އެމީހާ ދިޔުމާއެކު ހެން މަގުމައްޗަށް ގިނަވާން ފެށި މީހުން އަދިވެސް ވަނީ އިތުރެވެ. އެމީހާގެ ގައިގެ ކޮންމެވެސް ތާކުން ފޭބި ލޭ އެގޭގެ ދޮރާށިން ފެށިގެން އެމީހާ އަރައިގެން ދިޔަ ސައިކަލު ހުރި ތަނާ ހަމައަށް ހުއްޓެވެ.
ގޭގެ ދޮރުމަތީ އޭނާ އެހެރީ ބަސްހުއްޓިފައެވެ. މީހުންގަނޑު ދުރުކުރަމުން ސައިރަން އަޅާފައި އައި ފުލުސް ވެހިކަލް މަޑުކޮށްލީ އެގޭ ދޮރާށި ކުރިމައްޗަށެވެ. މަގުމަތީގައި ތިބި މީހުންނަށް އޭނާ ފެންނާނީ އެވަގުތެވެ. ލައިގެން ހުރީ އާދައިގެ ސްޕޯޓްސް ސޯޓަކާއި ގަޔަށްދޫ ޓީޝާޓެކެވެ. އަބަދުގެވެސް އާދައިގެ މަތިން އޭނާގެ ގޮތުގައެވެ.
ފުލުހުންގެ ތިން އަންހެނަކާއި ހަތަރު ފިރިހެނަކު އޭނާ ގޮވައިގެން ގޭތެރެއަށް ވަދެއްޖެއެވެ. ގޭގެ މައިދޮރުން ވަންނައިރު އޮތް ހަނި ގޯޅިތެރެއިން ހައެއްކަ ފިޔަވަޅުއަޅާފައި ހަތްވަނަ ފިޔަވަޅު އެޅުނީ ގޭގެ ސިޓިންގރޫމު ކިޔާ ތަންކޮޅުގައެވެ. ކުޑަކުޑަ ތަންކޮޅެކެވެ. ދިމާކުރިމަތީގައި ޓީވީގެ ވާތައް ގުޅަން އެއް ވާގަނޑުން ބުރިކޮށްލި ބައިތަކާއި ކޮށި ނަރުކޮޅުތައް ފެތުރިފައި ހުއްޓެވެ. ފުލުހުންނަށް އޭނާ ދެއްކީ ޓީވީ ރެކްމަތީގައި ކޮތަޅަކަށް ލާ އޮޅާލާފައި އޮތް ރީދޫ މުށްގަނޑު ލީ ވަޅިއެވެ. ވަޅީގައި ހުރި ނެތް އެއްޗެއް ނުފެނެއެވެ. ފުލުހުން ސީން އެވިޑެންސްބޭގަށް ވަޅި ލުމަށްފަހު ގޭތެރެ ބަލައި ފާސްކުރިއެވެ. އެއްވެސް ތާކުން އެންމެ ލޭ ތިއްކެއްގެ އަސަރެއްވެސް ފެންނާކަށް ނެތެވެ. ގޭތެރޭގައި އެއްވެސް މީހެއްގެ ހިލަމެއްވެސް ނެތެވެ. ފުލުހުން އެކަކު އަނެކަކަށް ވާހަކަ ދައްކަމުން އޭނާއަށް ބަލާލިއެވެ. އަދިވެސް އޭނާ އެހެރީ ހަމަ އެހެން ހިމޭންވެފައެވެ.
“އައްސަލާމް އަލައިކުމް. ޕޮލިސް. އަޅުގަނޑު އަތުން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު ހުއްދަނުކުރާ ބޮޑު ކުށެއް ކުރެވިއްޖެ.”
މި ކޯލު އޭނާ ކުރީ މީގެ ބައިގަޑިއިރު ކުރިންނެވެ. ފުލުހުން ނައިސް އެތައް އިރެއްވީފަހުން އެއައީ އޭނާ ގުޅާފައި އެޑްރެސް ބުނެފައިވާތީއެއް ނޫނެވެ. އެކަމަކު މަގުމަތިން މީހަކު ގުޅާފައި ކުރި ރިޕޯޓަކަށެވެ.
“ފުރިހަމަނަން: ނީލޯފަރުރާޒީ. ބައްޕަގެ ނަން: ފަރުޒީންރާޒީ އުމުރު: 25
ދާއިމީއެޑްރެސް: މ.ވިލާފެހިއާގެ ކައިވެނިކޮށްގެން/ވަރިވެފައި: ތިންފަށްވެފައި
ކުށުގެ ބާވަތް: ގަސްދުގައި މީހަކު މަރާލުމަށް ހަމަލަދިނުން، މީނާގެ އިއުތިރާފުން މީނާ އިނދެވަރިކުރި މީހާގެ މެޔަށް ވަޅިއަކުން ހަމަލަދީ ޒަހަމްކޮށްފައި ވާތީ،
ހައްޔަރު ކުރާ ސަބަބާއި މުއްދަތު: މީނާ ހަމަލަދިން މީހާ މަރުނުވެ އައިސީޔޫގައި ފަރުވާދެވެމުންދާއިރު މީނާ އިނދެވަރިކުރިމީހާ މި ދައުވާ އުފުލަން ބޭނުން ނުވިޔަސް މީނާގެ އިއުތިރާފު މިކަމުގައި އޮތުމުން ދައުލަތުން ދައުވާ ކުރާ ގަސްދުގައި މީހަކު މަރާލުމަށް ހަމަލަ ދިން މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓު އަމުރުކޮށްފައި.”
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މާގިނަ އިރުތަކެއް ނުވެ ލޯންޗުގައި ނީލޯފަރުރާޒީ ދޫނިދޫ ކަސްޓޯޑިއަލްއަށް ގެންދެވިއްޖެއެވެ. މާލެތެރޭގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މަޝްހޫރު މުއްސަނދި ވިޔަފާރިވެރިޔާ ސައްޔާޙު ޝާކިރުގެ ހަމައެކަނި ދަރިފުޅު އަދި ކުޅިވަރާއި އެހެނިހެން ޒުވާނުންގެ އެތައް ކަންތަކުގައި ނަން ހިނގާ “ރޯޔަލް1” ގްރޫޕުގެ އިސްފަރާތަކަށް ހަމަލަ ދީގެން އޭނާ ހޮސްޕިޓަލުގައި އޮތުމަކީ މާލެއިން އަޑު ކިޔާވަރުގެ ކަމެކެވެ. އެއްވަނަ ނެށުންތެރިޔާ، އެއްވަނަ ކާރު ސައިކަލް ރޭސް ޖަހާ ފަރާތް އެތައް ބައެއްގެ ހީރޯ، ސިޔާސީ ވެރިއެއްގެ އެންމެ ގާތް އެހީތެރިޔާ، ފާރިޝްޝާކިރު އެހާލުގައި އޮތުމުން ބަދަލު ހިފުމަށް އެކި ގްރޫޕުތަކުން މާލެތެރެއަށް ނުކުމެގެން އުޅޭތީ ވީހާވެސް އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނީލޯފަރުރާޒީ މާލެއިން ދޫނިދޫއަށް ގެންދިޔައީއެވެ.
ފާރިޝްޝާކިރު މަރުން ސަލާމަތްވިޔަސް ނީލޯފަރުރާޒީއަށް ހުކުމް ކުރެވިއްޖެއެވެ. މާފުށީ އަންހެންޖަލުގައި ނީލޯފަރުގެ ދިރިއުޅުމުގެ މުޅިން އާބާބެއް ފެށުނީއެވެ. އުމުރުން ހަމަ އެންމެ ފަންސަވީސް އަހަރުގައި ފަނަރައަހަރުގެ ހުކުމެއްގައި ޖަލުގައި އިންނަން ޖެހުނީއެވެ. ނީލޯފަރަށް ޖަލުގެ ތޭރިތަކުގެ ފުރަގަހުން އެތައް އާކަމެއް ފެނި ދަސްވިއެވެ. ދުނިޔެމަތީގައި އޭނާ ދިރިއުޅުނު ފަންސަވީހަކަށް އަހަރު ދުވަހު ނޭނގޭ އެތައް ކަމެއް ތަޖުރިބާ ކުރަން ޖެހުނެވެ. އާއިލާ މީހުން ތިބީ އޭނާ ސަލާމަތް ކުރަން އަތުކުރި އޮޅާފައެވެ. ހަމައެކަނި އޭނާގެ އާއިލާއެއް ނޫނެވެ. ފާރިޝްގެ މަންމައާއި އެއާއިލާވެސް ނީލޯފަރު ޖަލުން މިނިވަން ކުރަން ބޭނުންވެއެވެ. ދޫނިދޫކަސްޓޯޑިއަލްގައި ތަހުގީގާއި ޝަރީއަތް ނިމެންދެން އުޅުނު ފަސްމަސްދުވަހު ނީލޯފަރާ ބައްދަލުކުރަން ދެއާއިލާއިންވެސް އައިސް އެތައް ވާހަކައެއް ދެއްކިއެވެ. މިނިވަންވާން ބޭނުން ނުވީ ނީލޯފަރު އަމިއްލައަށެވެ. އަދަބުލިބެން ބޭނުންވީވެސް އަމިއްލައަށެވެ. ކުށަށް ތައުބާވާން ބޭނުންވާތީއެވެ. ކިތަންމެ އަނިޔާވެރިކޮށް ކަންތައް ކުރަމުން ދިޔަ ނަމަވެސް އިންސާނަކު މަރާލަން ހަމަލާ ދިނުމަށް ހުއްދަދެވިފައެއް ނޯވެއެވެ. އެކަން ނީލޯފަރަށް އެނގެއެވެ.
ފާރިޝްއަކީ ނީލޯފަރުގެ އަލަތުލޯތްބެވެ. އަލަތުފިރިމީހާއެވެ. ހަމައެންމެ އަށާރައަހަރުގައި ފާރިޝްއާ ކައިވެނިކުރީ އޭނާގެ ނިކަމެތި ހާލު ވަރަށް ރަނގަޅަށް ފާރިޝްއަށް ކިޔައިދީފައެވެ. މަންމައާއި ބައްޕަ ވަކިވެގެން ދިޔުމުން އެންމެ ބާރައަހަރުން ފެށިގެން ހަނގަށް ތިބި ކޮއްކޮމެން ބަލައިބޮޑުކުރަމުން، ލާރިހޯދަން މަސައްކަތް ކުރަމުން އަދި ކިޔަވަމުންދިޔަ ނީލޯފަރާއި ފާރިޝް ބައްދަލުވީ ނީލޯފަރު ވަޒީފާ އަދާ ކުރަމުން ދިޔަ ފިހާރައިގެ ތެރެއިންނެވެ.
ކައިވެނިކޮށްގެން ނުހަނު ލޯބިން އުޅެމުންދިޔަ ދެމީހުންގެ ދިރިއުޅުމަށް ފާރިޝްގެ ފަރުދާގެ އަނެއްފަރާތުގެ ސިއްރުވެރި ކަންތައްތަކުގެ އަސަރު ފޯރަން ފެށިއިރު ނީލޯފަރު އިނީ ބަލިވެއެވެ. ދަރިފުޅު ބައިގެން ދިޔައީވެސް ފާރިޝްގެ އަނިޔާގެ ތެރެއިންނެވެ. ފާރިޝްގެ ލޭމައްޗަށް ދިއުމާއި ހަކުރު ބަލީގެ ސަބަބުން އެއަންނަ ރުޅިގަނޑު އިތުރަށް ބޮޑުވެ އަނިޔާ ކުރުން ހައްދު ފަހަނައަޅައި ދާން ފެށީ ނީލޯފަރަށް އޭނާއަކީ ކިހިނެއް އުޅޭ ކާކުކަން އެނގެންފެށި ހިސާބުންނެވެ.
ނީލޯފަރުގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީ އެދުވަހު ސަބަބެއް ނެތިއެއް ނޫނެވެ. އެސަބަބު އެއްވެސް މީހަކަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއީ ކިހިނެއްވީ ކަމެއްކަން މީހުންނަށް އެނގި ވާނެ ބަދުނާމާއި ކުރިމަތިލާން ނީލޯފަރު ބޭނުމެއް ނޫނެވެ. އެއަށްވުރެ އެ ސިއްރު ވަންހަނާ ކުރަން ނީލޯފަރަށް މާމުހިންމެވެ. އެސިއްރު ފާޅުވުމަށްވުރެ ތޭރިތަކުގެ ފަހަތުގެ ދިރިއުޅުންވެސް އޭނާއަށް މާ ހިތްހަމަޖެހެވެ.
ޖަލުގައި ނީލޯފަރުގެ ބަސް ވިކެއެވެ. ހުރިހާ އަންހެން ގައިދީން ކޮންމެ ކަމެއް ކުރިޔަސް ނީލޯފަރާ މަޝްވަރާ ކުރެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެތަނުގައި ގިނައީ މަސްތުވާތަކެތީގެ އެކިކަހަލަ މައްސަލަތަކުގައި ގެނެސް ތިބި މީހުންނެވެ. އެކަމަކު ނީލޯފަރަކީ އެކަހަލަ އެއްވެސް މާޒީއެއް އޮތް މީހަކަށް ނުވުމުން އެ އެންމެންގެ އިތުބާރު ނީލޯފަރަށް ލިބިފައިވެއެވެ.
މާފުށީޖަލުގައި ނީލޯފަރު އާ ދުނިޔެއެއް ގާއިމުކޮށްފިއެވެ. މުޅިން އާ ދުނިޔެއަކަށް އޭނާ އުފަންވެފައިވާ ކަހަލައެވެ. ތަނުގެ ގަވާއިދަށް ކަމޭހިތިޔަސް ފޯނު ގެންގުޅުމުގެ ކުޅިވަރު ފެށުނީއްސުރެ އޭނާ ދިޔައީ ކުޅެމުންނެވެ. ސަބަބަކީ ސަރުކާރުން ދޭ އެންމެ ހަތް މިނިޓްގެ ދެ ކޯލުން އޭނާއަށް އޭނާގެ އާއިލާ ނުބެލެހެއްޓޭނެތީއެވެ. ނީލޯފަރުގެ އާއިލާއަކީ އޭނާގެ ހަނގަށް ތިބި ތިން ކޮއްކޮއެވެ. އޭގެ ތެރެއިންވެސް ތަމަންނާ އަށް ހާއްސަކަމެއް ބަހައްޓައެވެ. އެއީ ނީލޯފަރުގެ އުފަންދަރިފުޅެއްފަދަ ކުއްޖެކެވެ. ތަމަންނާ ލިބުނުއިރު ނީލޯފަރަށް އެންމެ އެގާރައަހަރެވެ. އެކަމަކު ތިންމަސްދުވަހު ގާތުންދިނުމަށްފަހު ނީލޯފަރާ ތަމަންނާ ހަވާލުކޮށްފައި މަންމަ ވަޒީފާއަށް ނުކުންނަން ފަށައިފިއެވެ. އެކިއެކި ހައިޖާނުތަކުގެ ތެރެއިން ވޭތުވަމުންދިޔަ އެދުވަސްތަކުގައި ތަމަންނާ ގެންގުޅެ ބޮޑުކުރަމުންދިޔައީ ނީލޯފަރެވެ. އެންމެ ފަހުން މަންމައާއި ބައްޕަ ވަރިވެގެން ދެމީހުން އެމީހުންގެ ދުނިޔެއަށް ހިނގައްޖެއެވެ. ނީލޯފަރުގެ އުރުގައި އިނދެގެން ބޮޑުވަމުން އައި ތަންނާ މަންމަ ކިޔަނީ ނީލޯފަރަށެވެ. މަންމައާއި ބައްޕަގެ ކޯޅުމުގައި ބޭނުންނުވެ ލިބުނު ބޭކާރު ދަރިއަކަށް ވި ތަމަންނާއަކީ ނީލޯފަރުގެ ދުނިޔެއެވެ.
ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި އިނދެގެންވެސް ބަރާބަރަށް ނީލޯފަރު ދިޔައީ ތަމަންނާގެ ހާލު ބަލައި ބޭނުންވާ ކަންތައް ފުރިހަމަ ވާނެ މަގުދައްކަމުން އަދި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ގަވާއިދުން ޑޮކްޓަރަށް ދައްކަމުންނެވެ. ތަމަންނާ މާލޭގައި ގެންގުޅެން ފަސޭހަ ނުވާނެތީ ޖަލުގައި އޮވެގެން އެތައް ހިތްވަރަކާއެކު ނީލޯފަރު ކުރި މަސައްކަތް ހައެއްކަ މަސްތެރޭގައި އޭނާ ކާމިޔާބުކުރިއެވެ. ތަމަންނާ ފޮނުވާލީ ލާމަށެވެ. ގަމުގައި ރަނގަޅު ޑޮކްޓަރުން ތިއްބެވެ. އެކަމާ އޭނާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ.
ނީލޯފަރުގެ ތަފާތު ހައިރާން ވާފަދަ މައްސަލަ އަމިއްލައަށް ހަވާލުވެ ނީލޯފަރާ ބައްދަލުކުރަން ޖަލަށް ދިޔައިރު ވަކީލާ ރަނާއަކަށް އެކައްޗެއްވެސް ނޭނގެއެވެ. އެކަމަކު ވަކީލު ކަމުގައި އޭނާ ފުރަތަމަ ހިފީ ނީލޯފަރުގެ މައްސަލައިގައެވެ. އެހާ ޅައުމުރުގައި އަންހެނަކު އަމިއްލައަށް ޖަލުގައި އޮންނަން ރުހިގެން އުޅުމަކީ އާދައިގެ ކަމެއް ނޫނެވެ. ދެއާއިލާއިން ވެސް ދިނީ އެއް ޖަވާބެކެވެ. ނީލޯފަރު މިނިވަން ވާން ދެއާއިލާވެސް ބޭނުމެވެ. ފާރިޝްއަކީ މިހާރު ކުޅެދޭ މީހެއް ނޫނެވެ. އޭނާއަށް ލިބުނު ހަމަލައިގަ ވަނީ ބަލިމީހަކަށް ވެފައެވެ. ހަމަ އަނެއްކޮޅުން ފާރިޝްގެ ރައްޓެއްސެއްގެ ފަރާތުން އެއްވެސް ގޯނާއެއް ނުވާނެ ޔަގީންކަން ދީގެންވެސް ނީލޯފަރު ވަނީ އެއްބަސް ނުވެފައެވެ.
ނީލޯފަރު ކުރެން ޖަލުގައި އޮންނަހިތުން ތި އޮންނަނީ ތޭރިތަކުގެ ފުރަގަހުން ކޯޗެއް ލިބޭތީ ތޯ އަހާލަން ކެތްމަދުވެފައި ބައްދަލުކުރާ ކޮޓަރީގައި އިން ވަކީލާރަނާގެ ކުރިމަތީ އައިސް އިށީނީ ނީލޯފަރެވެ. ވަރަށް ހަމަޖެހިފައި އިނދެ ރަނާއާ ހަތަރުކަޅި ހަމަކޮށްލާފައި ނީލޯފަރު ކޮށްލީ ރަނާގެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ސުވާލެކެވެ. “ދަރިއަކު އެބަހުރިތޯ؟” ރަނާ އާއެކޭ ބުނުމުން ހީނލާފައި ނީލޯފަރު އެބުނެލި ވާހަކައަކީ ރަނާގެ ހުރިހާ ސުވާލަކަށް ޖަވާބަކަށް ފުދޭ ވާހަކައެކެވެ. “ދަރިފުޅުގެ މުސްތަގުބަލަށްޓަކައި ޖަލުގެ ތޭރިތަކުގެ ފަހަތުގައި އޮތީ ގައިދުހާނާއަކަސް ހިތްހަމަޖެހުން.” އެކަމަކު ނީލޯފަރުގެ ދަރިއަކު ނެތެއް ނޫން ހެއްޔެވެ. އެހާ ލޯބިވާ މީހާ މަރާލަން މަސައްކަތް ކުރީ ކީއްވެގެން ހެއްޔެވެ. މިއަދު ފާރިޝްއަކީ ދުނިޔެމަތީ ހުއްޓާސް ހަމަ ނެތް މީހެކެވެ. ނީލޯފަރުގެ މޫނުމަތިން ފެނުނީ މަލާމާތުގެ ހީނލުމެކެވެ. އަދި ރަނާއަށް ޖަވާބު ދިނުމަށް ހަމަޖެހިލާފައި ވާހަކަދައްކަން ފެށިއެވެ.
“ލޯބިވިން. އެކަމަކު ފުރަތަމަ ލޯތްބަކީ މަގޭ ދަރިން. އަހަރެންގެ ދަރިފުޅަށްވުރެ އޭނަ މުހިންމު ވީސް އެއީ އެހާ މާތްމީހަކަށްވީނަމަ. އެކަމަކު އެއީ އިންސާނެއްގެ ސިފައިގައި ހުއްޓަސް ޝައިތާނެއް. އިބިލީސްވެސް އޭނާދެކެ ޖެހިލުންވާހާ ނުބައި މީހެއް. އޭނަގެ ހަގީގަތް އަހަރެން ހަޖަމުވެސް ކުރިން. އެކަމަކު އޭނާ ހައްދުހުދޫދުން ބޭރުވީ. އެކަހަލަ މީހަކު ދުނިޔޭގައި އުޅޭކަށް ނުވާނެ.” ނީލޯފަރުގެ އަރަތެއްފަދަ ވާހަކައިގެ އަޑިއަށް ދިއުމަށާއި ނީލޯފަރުގެ އިތުބާރު ހޯދުމަށް ރަނާ ވަރަށް މަސައްކަތް ކުރަން ޖެހުނެވެ.
އެދުވަހުގެ އެ ބައްދަލުވުމަށްފަހު ރަނާ ވަކީލަކުން ބަދަލުވީ ނީލޯފަރުގެ ގާތް ރަހްމަތްތެރިއަކަށެވެ. އިތުރަށް ނީލޯފަރު ޖަލުން ނެރެން އެއްވެސް މަސައްކަތެއް ރަނާ ނުކުރެއެވެ. އެކަމަކު އޭގެ ގާތްގަނޑަކަށް މަހެއްހާ ދުވަސްފަހުން ރަނާއާއެކުގައި ފަނަރައަހަރަށްދާ އަންހެންކުއްޖަކު އުޅޭތަން ފެންނަން ފަށައިފިއެވެ. ނީލޯފަރަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީއެވެ. އޭނާގެ ދަރިފުޅު ބަލަހައްޓާނެ އަމާނާތްތެރިއަކު ދެއްވީތީ އެކަމާ އޭނާ ހުންނަނީ ނުހަނު ހަމަޖެހިފައެވެ. ޖަލުގެ ތޭރިތަކުގެ ފަހަތުގައި އޭނާއަށް އޮތީ ކޮންފަދަ ހިތްހަމަ ޖެހުމެއްކަން އެނގޭ މީހަކު އޭނާ އެޖަލުން ނެރޭކަށް ނޫޅޭނެއެވެ. އޭނާ މިހުކުމުން ސަލާމަތްވާން ކުރާ މަސައްކަތުގައި އޭނާގެ ދަރިފުޅުގެ މުޅި ދިރިއުޅުން ބަރުބާދު ވާކަށް ނޭދެއެވެ.
ނީލޯފަރުގެ ހަޔާތުގެ އެސިއްރު ރަނާއާއި އޭނާގެ ދެމެދުގައި އަބަދުގެ އަބަދަށް ސިއްރުވެފައި އޮންނާނެއެވެ. އެބިރުވެރި ހާދިސާ ހިނގި ދުވަހު ފާރިޝްއަށް އެހަމަލަ ނުދިންނަމަ…
ފާރިޝްގެ ނުބައިކަން އޭނައާ ހަމައިން ހުއްޓިފައި އޮތްނަމަވެސް މިހެން ނުވީހެވެ. އެކަމަކު އެޝައިތާނާ އޭނާގެ ލޯބިވާ ދަރިފުޅަށް ގޯނާ ކުރަން ފެށީއެވެ. އަދި އެދުވަހު މަންޒަރު ހަމަ ލޮލަށް ފެނުމަށްފަހު ކެތްތެރިކަން ކޮޅުން ލީއެވެ. ޓީވީގެ ނަރުގުޅަން ގެންގުޅުނު ވަޅި އޮތީ ދިމާ ކުރިމަތީގައެވެ. ވީދިފައިވާ ހެދުމުން ނިވާވޭތޯ މަސައްކަތް ކުރަމުން ރޮއިހޭރެމުން އައި ތަމަންނާ މަންމާއޭ ކިޔާފައި ގޮވި އަޑު އަދިވެސް ނީލޯފަރުގެ ރޭތަކުގެ ނިދި ހަރާމް ކުރެއެވެ. ނުލަފާ މީހާގެ ފުށުން ދަރިފުޅު ސަލާމަތް ކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި ދަޅަ އެޅީ އަބަދުވެސް ފާރިޝްގެ އުނަގަނޑުގައި އޮންނަ ބެނެޓެވެ. ބެނެޓް ދިއްކުރެވިފައި ހުރީ ސީދާ ނީލޯފަރުގެ ލޮލާ ދިމާއަށެވެ. ފާރިޝް ބެނެޓް މަޅާލިކަން އެނގުނެވެ. ދެން ވުސްލާފައި އައި ލޭތިކިތައް ނީލޯފަރުގެ މޫނަށްވެސް ބުރައިގެންދިޔައެވެ. ދެލޯބޮޑުކޮށްގެން ހޭވެރިކަން ކުޑަވެފައި ފާރިޝް އެނބުރިލިއިރު ހެއަށް ވެސް ހުރީ ގޮތްވެފައެވެ. އެހެންނޫންނަމަ ފާރިޝްގެ ބަޔާނުގައި “ވަޅި ޖެހީ ނީލޯފަރު” މިހެނެއް ނުބުނެވޭނެއެވެ.
ނީލޯފަރު އަމިއްލައަށް ހަވާލުވެ އަމިއްލަ އިއުތިރާފުން ޖަލުގެ ތޭރިތައް ހިޔާރު ކުރީ ދަރިފުޅުގެ މުސްތަގުބަލަށްޓަކައެވެ. އޭނާގެ ބަދަލުގައި ދުވަހަކުވެސް ތަމަންނާ މިތަނަށް އަންނާނެ މަގެއް ހުޅުވިޔަ ނުދޭން ވީ ގުރުބާނީއެކެވެ. އެދުވަހު ތަމަންނާ އަތުން އެކަން އެހެން ނުވިނަމަ ފާރިޝްގެ އަމާޒު ސީދާވީހީ ނީލޯފަރުގެ މެއަށެވެ. އަދި ނީލޯފަރު ނެތް ދުނިޔެއެއްގައި ކިހާ ފަސޭހައިން ތަމަންނާއަށް ބޭނުން ގޮތެއް ހަދާލެވުނީހެވެ. ފުލުހުންނަށް ގުޅުމުގެ ކުރިން ތަމަންނާ ގޭގެ އަނެއް ބަޔަށް ފޮނުވައި ވަޅިވެސް ބަދަލުކުރީ ނީލޯފަރެވެ. އެމައްސަލައިގައި ނީލޯފަރުގެ އިއުތިރާފު ނޫން އެހެން އެއްވެސް ހެއްކެއް ނެތެވެ. އަދި ދުވަހަކުވެސް އެވާހަކަ އެ ނޫން ގޮތަކަށް ބަދަލެއް ނުވާނެއެވެ.
ތޭރިތަކުގެ ފުރަގަހުން ނީލޯފަރަށް ލިބޭ ހިތްހަމަޖެހުމާއި އަމާންކަން ބޮޑެވެ. އޭނާގެ ލޯބިވާ އަންހެންކޮއްކޮ، އޭނާގެ ދަރިއެއްފަދަ ކޮއްކޮ ހަމަޖެހޭ ރީތި ދިރިއުޅުމެއްގައި އުޅޭކަމާއި އެދުވަހަށް ފަހު ނަފުސާނީ ގޮތުން ތަމަންނާއަށް ލިބުނު ގެއްލުމުން ސަލާތްވީކަމާއި ހަމައަކަށް އެޅެމުން އަންނަކަން ރަނާގެ ފަރާތުން އެނގުމުން ނީލޯފަރަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. މިހާރުދެން އޭނާގެ އެއްވެސް ހާސްކަމެއް ނެތެވެ.
*******
