ރޭގަނޑުގެ ފުރަތަމަ ދަމަށް ނިމުމެއް އައިސް ދެވަނަ ދަމަކަށް ފެށެނީއެވެ. އާދައިގެ މަތިން ޒިފާފް އޮފީހުން އައިސް ސައިކަލު ޕާކުކުރުމަށްފަހު ގޭތޭރެއަށް ވަދެގެން އޭނަގެ އަމިއްލަ ކޮޓަރިއަށް ދިއުމުގެ ކުރިން މިސްރަބު ޖެހީ އޭނާގެ ދެލޮލުގެ ނޫރުކަމުގައިވާ ލޯބިވާ ދަރިފުޅުގެ ކޮޓަރިއާ ދިމާއަށެވެ. މިއީ ވޭތުވެދިޔަ ފަނަރަ އަހަރު ތެރޭ އޭނާގެ ބަދަލު ނުވި އާދައެކެވެ.
އޭނާގެ ދޮންކަނބުލޮ ނިދުނީ އާދައިގެ މަތިން ފިލާވަޅު ދަސްކުރަން އޮއްވައެވެ. ޒިފާފަށް ހިނިތުންވެލެވުނެވެ.
އަރާމުގައި ނިދާލާފައި އޮތް ދަރިފުޅުގެ އަތުގެ ތެރޭގައި އޮތް ފޮތް މަޑުމަޑުން ނަގައި ކައިރީގައި ހުރި މޭޒުމަތީގައި ބޭއްވުމަށްފަހު ދަރިފުޅުގެ ގައިމަތީގައި ރަޖާ ރީތިކޮށް އަޅައިދޭން ކަމަށް ހީކޮށްލިއެވެ. އެވަގުތު ޒިފާފުގެ އަތުގައި އޭނާގެ ދަރިފުޅު ހިފެހެއްޓިއެވެ. “ގުޑްނައިޓް ބައްޕާ…ލަވްޔޫ…” ދޮންކަނބުލޮގެ އެންމެ ހާއްސަ އާދައަކީ އެއީއެވެ. ދުވަހަކުވެސް ޑެޑީ ޕާޕާ މިފަދަ ނަމަކުން ނުގޮވައެވެ. އަބަދުވެސް ބައްޕާ އޭ ނޫން ނަމަކުން ޒިފާފަށް ނުގޮވައެވެ.
ކަނބުލޮ އޮތީ ނިދީގައި ކަމަށްވިޔަސް ބައްޕަގެ އާދަ އޭނާއަށް އެނގެނީއެވެ. އެހެންވާނެ ނޫންހެއްޔެވެ، މިވޭތުވި 15 އަހަރު ޒިފާފު އޭނާގެ ކަނބުލޮއަށްޓަކައި ނުވާ ގުރުބާނީއެއް ނޯންނާނެއެވެ. މުޅި އުމުރު އޭނާ އެހެރީ މިދަރިފުޅަށްޓަކައި ހުސްކޮށްލައިގެންނެވެ.
“ގުޑްނައީޓް، ބައްޕަގެ ދޫންޏާ…”
** ** *** *** ** ** **
ޒިފާފު މީހަކާ އިނީ ވަރަށް ލޯބިން ބޭނުންވެގެންނެވެ. ދެރަކަމަކީ އިމްނާ ޒިފާފާ އިނީ ލޯބިން އެކީގައި އުޅެން ބޭނުންވާތީ ނޫން ކަމެވެ. ޒިފާފުގެ ފޯރުންތެރިކަމާއި ފައިސާވެރިކަންދެކެ ލޯބިވެގެން ފަސްފަހަތުން އާދޭސްކުރި އެކަހަލަ ކިތަންމެ އިމްނާއެއް އުޅުނެވެ. އެކަމަކު ޒިފާފަށް ޅައެއްޗެއް އެޅުނީއެެވެ.
ކައިވެންޏަށް އަހަރުނުވަނީސް އިމްނާ ބަލިވެ އިންކަން އެނގުމާއެކު ޒިފާފުގެ ލޯބި ދެގުނައަށް އިތުރުވެގެންދިޔައެވެ. އެހެންނަމަވެސް މިދަރިފުޅުވީ ޒިފާފާއި އިމްނާގެ ގުޅުމަށް އެޅުނު ބޮޑު ހުރަހަކަށެވެ. ފާޅުގައި އިމްނާ ދަރިފުޅު އެބޯޓުކޮށްލަން ކިޔަން ފެށިއެވެ. ޒިފާފު އެކަމާ ކަނޑައެޅިގެން ދެކޮޅުހެދިއެވެ.
އަދި ދެން ޒިފާފުގެ ފަރާތުން އެއްވެސް ވަރަކަށް އެކަމަށް އެއްބަސްވުން ނުލިބުމުން އިމްނާ ބޭނުންވީ އިންޑިއާއަށް ދިރިއުޅުން ބަދަލުކުރާށެވެ. ދަރިފުޅުގެ ކަންތަކަށް އެހީވާނެ މީހަކު ގެނެސްދިނުމަށާއި އޭރުން އޭނާއަށް ހިތްހަމަޖެހޭ ތަނެއްގައި ދަރިފުޅާއި އަފާފާއެކުގައި އުޅެވޭނެކަމަށް ބުނެ ވައުދާހުވާވެސް ކުރިއެވެ. ޒިފާފު އެކަންވެސް ކުރިއެވެ. ތުއްތު ދަރިފުޅަށްޓަކައެވެ. އެދަރިފުޅަށް މަންމައެއްގެ ލޯބި އުނިވެދާނެތީއެވެ.
އެކަމަކު ޒިއަފާފަށް ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯހަކީ ލަންކާއަށް ދިރިއުޅުން ބަދަލުކުރުމެވެ. އެކަމަކު އެވަރުގެ ހިތްހިލަ އަންހެނުން ދުނިޔޭގައި އުޅޭ ކަމަކަށް ޒިފާފަށް އެއްވެސް ވަރަަކަށް ހިތަށްވެސް އަރާފައެއް ނެތެވެ.
އެއީ އަނިޔާވެރިކަމުގެވެސް އިންތިހާއެވެ. ހައްދުފަހަނައަޅާ ދިއުމެވެ. އެދުވަހު މެންދުރު ޒިފާފަށް ގެއަށް ނުދެވުނުނަމަ…..
މިއަދުވެސް ޒިފާފުގެ ހިތަށް އެހެން އެރުމުން ތުރުތުރު އަޅައިގަނެއެވެ. އެދުވަހު އޭނާގެ އަތުން އިމްނާ މަރުނުވީ އޭނާގެ ވެރިރަސްކަލާނގެ އޭނާ އެކަމުން ސަލާމަތްކޮށްދެއްވީތީއެވެ. އެހެންނޫންނަމަ އެދުވަހު އޭނާގެ އަތުން އިމްނާ މަރުވީސްކަން ޔަގީނެވެ.
އާންމުކޮށް އޮފީހުގެ މަސައްކަތަށް ނުކުތުމަށްފަހު މަސައްކަތް ނުނިމެނީސް ނުވަތަ ރަސްމީގަޑި ނުނިމެނީސް ޒިފާފު އެނބުރި ގެއަކަށް ނުދެއެވެ. އެކަމަކު އެދުވަހު މަސައްކަތަށް ބޭނުންވާ ކޮންމެވެސް އެއްޗެއް ގޭގައި ބަހައްޓާފައި ދެވުނީއެވެ. އެއީ ޒިއަފާފަށް ވީ އިލްހާމެއް ކަމަށް އޭނާ ގަބޫލު ކުރެއެވެ.
ގޭގެ ދޮރާށި ތަޅުލާފައި ހުރުމުން ކުޑަކޮށް ހައިރާން ވިޔަސް އެއީ އިމްނާ އެކަނި ހުރުމުން ރައްކާތެރިކަމަކަށް ކޮށްފައި ހުރިކަމެއްކަމަށް ޒިފާފު ވިސްނިއެވެ. އަދި ގޯތިތެރެއިންލާފައި ހިނގައިގަތެވެ. ގޭތެރެއަށް ވަދެ ކޮޓަރިއާ ދިމާއަށް ހިނގައިގަތް އިރު ކޮންމެވެސް ކަމަކާ އޭނާގެ ހިތް ބާރަށް ތެޅެމުން، ހަވަނަ ހިއްސު ކޮންމެވެސް ބިރުވެރި ކަމަކަށް ސަމާލުކަން ދޭން ވިސްނައިދެމުން ދިޔައެވެ.
ކޮޓަރީގެ ދޮރުވެސް ހުރީ ތަޅުލައިފައެވެ. ޖީބުން ތަޅުދަނޑި ނަގައި ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެ ބަލައިލިއިރު ކޮޓަރިތެރެއަކު މީހަކު ނެތެވެ. އެކަމަކު ފާހާނާގެ ދޮރުހުރީ ހުޅުވައިފައެވެ. ކުއްލިއަކަށް ކޮން އެއްޗެއް ހިތަށް އަރާފައި ކަމެއް ނޭނގެއެވެ. ޒިފާފު ފާހާނާއާ ދިމާއަށް ދިޔައީ ވަގުފިޔަވަޅުތަކެއްގައެވެ.
ފާހާނާގެ ފާރުކައިރިން ވަގަކުހެން އެތެރެއަށް ބޯދިއްކޮށްލުމާއި ފާހާނާ ތެރެއަށް ފުންމައިގެން ޖެހިގަތުމާއި ބިލިގާއަށް އަޅާފައިހުރި ފެނުގެ ތެރެއަށް ދެއަތް ކޮއްޕާލަން ތައްޔާރުވެލި އިމްނާގެ އަތުގައި އޮތް ބޮނޑިވަރު ޖަހައިގަތުމާ ދިޔައީ އެކުއެކީގައެވެ.
ސިއްސައިގެން ގޮސް ނިދިން ހޭލެވުނު ތުއްތު ދަރިފުޅު ބާރަށް ރޮއިގަތުމާއި ޒިފާފުގެ ކޮއްޕާލުމުން ސިހުމާއި ހައިރާންކަމާއެކު ބިރުވެރި އަޑަކުން ހަޅޭއްލަވައިގަތް އަޑުވެސް އައީ ދާދިއެކުއެކީގައެވެ.
ދަރިފުޅު މޭގައި ލައްކޮށްލައިގެން ކުއްޖާ މަސަލަސްކުރުމަށް މަސައްކަތް ކުރަމުން ޒިފާފު އޭނާގެ ކުރިމަތީގައި ހުރި ޝައިތާނާއަށް ބަލައިލިއެވެ. ރަތްކުލައިގެ ލޭސްފޮތީގެ ލައުންޖްރީއެއްގައި ހުރިއިރު ކިހާ ރީތި ހެއްޔެވެ؟ ދޮންކުލައާއި އެހާ ލޫޅާފަތި ތުނި ހަށިގަނޑެކެވެ. އަބަދުވެސް ރަކިހިނިތުންވުމެއްގައި ހުންނަ މޫނެކެވެ. މޫނުމަތީގެ ރީތިކަމުގެ ވާހަކަ ބަޔާންކޮށްދޭން ދަތިވާހާ ފުރިހަމައެވެ. ޒިފާފު އަށް އޮޅުނީ މިރީތި ސޫރައިގެ އަވައިގައި ޖެހިގެނެވެ.
އިމްނާއަށް އަލިފާނުގެ ލޮލަކުން ބަލައިލުމަށްފަހު ދަރިފުޅު ގޮވައިގެން ޒިފާފު ނުކުތީ ބޭރަށެވެ. އެެވަގުތު އޭނާގެ ސިކުނޑި ހީވަނީ ފަޅައިހެންދާހެނެވެ. ހަޔާތުގެ އެންމެ ބޮޑު ނިންމުން ނިންމަން ޖެހުނީ އެވަގުތެވެ.
ތުއްތު ފުރާނަ އަނގަކަހައިލަމުން ޒިފާފުގެ މޫނުގައި ކުޑަކުޑަ އިނގިލިތައް ޖައްސާލިއެވެ. މިހާރު ރުއިން މައިިތިރިވެ ހަމަޖެހިއްޖެއެވެ. ދަރިފުޅުގެ ލޯބިލޯބި ހަރަކާތްތަކުން ޒިފާފަށް އާދިރުމަކާއި އެކު ވިސްނުމަށްވެސް ބާރެއް ލެވިއްޖެއެވެ. ޖީބުގައި އޮތް ފޯނު ނަގައި 100އަށް ޑަަޔަލްކޮށްލިއެވެ. އިންޑިޔާގެ ފުލުހުންގެ ނަންބަރެވެ. އޭރު ފަހަތުން ނުކުމެގެން އައިސް ދުރުގައި ހުރި އިމްނާއަށް ޒިފާފު ކުރީ ކީއްކަން އެނގުމުން ދުވެފައި ކަހަލަ ގޮތަކަށް އައިސް ޒިފާފުގެ ފައިގައި ހިފައިގެންފިއެވެ.
އެހެން ފަހަރުތަކާ ހިލާފަށް އިމްނާގެ ރީތިކަމަކުން، ތުއިވެލުމަކުން، ރޮއި އާދޭސް ކުރުމަކުން އަފާފަށް މިފަހަރު އަސަރެއް ނުކުރިއެވެ. މިނެޓްކޮޅެއްގެ ތެރޭގައި ގޭގެ ބޭރުން ސަލާމްގޮވާލި އަޑު އިވިއްޖެއެވެ. ޒިފާފު ސަލާމް ބަލައިގަތުމާއެކު ގޭތެރެއަށް ވަދެގެން އައި އަންހެން ފުލުހުން، ޒިފާފުގެ ފައިގައި އޮޅުލައިގެން ރޯން އިން އިމްނާގެ އަތް ފުރަގަހަށް ގެންގޮސް ބިޑި އަޅުވައިފިއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި އިމްނާ ގަދަހަދަމުން ދަނިކޮށްވެސް ގޮވައިގެން ހިނގައްޖެއެވެ. ޒިފާފަށް ލެވުނީ ވަރުބަލި ފުންނޭވާއެކެެވެ.
އެދުވަހުން ފެށިގެން އިމްނާގެ ހިޔަނިވެސް ދަރިފުޅަށް އެޅުނަނުދީ ދަރިފުޅު ހުލްގުހެޔޮ ލަފާ ދަރިއަކަށް ހެދުމަށް ޒިފާފު އަތުކުރި އޮޅައިލިއެވެ. ހަމައަނެއް ދުވަހު ތައްޔާރުވެގެން އެންމެ އަވަހަށް ލިބުނު ޓިކެޓުން ދަރިފުޅު ގޮވައިގެން ޒިފާފު ރާއްޖެ އަތުވެއްޖެއެވެ.
ހަބަރުތަކުންނާއި ނޫސްމަޖައްލާތަކުގެ ބޮޑު ހަބަރަކަށް އިންޑިޔާގައި ދިވެހި އަންހެނަކު އޭނާގެ އަމިއްލަ ދަރިފުޅު ފެންއެއްޗަކަށް ގަންބައި މަރާލަން އުޅުނު ކަމުގެ ހަބަރު އޮތެވެ. އެކި ގޮތްގޮތަށް މިސުރުހީ ފެތުރެމުން ދިޔައީ ކިތައް ކިތައް ދުވަސްވަންދެން ކަމެއް ނޭނގެއެވެ.
ޒިފާފު އޭނާގެ ދައުރު އަދާކުރުން ފިޔަވައި އެހެން އެއްވެސް ގޮތަކުން އިމްނާގެ ހާލު ވެސް ބަލައިނުލައެވެ. ޒިފާފުގެ ހިތާއި ސިކުނޑިއާއި މުޅި ދިރިއުޅުމުންވެސް އިމްނާ ނެރެލިތާ ކިތަންމެ ދުވަހެކެވެ. އިމްނާއަކީ ހަގީގަތެއްކަމަކަށް މިހާރު އަފާފު ގަބޫލެއް ނުކުރެއެވެ.
ޒިފާފަށް އެއީ ހުވަފެނެކެވެ. އަދި ހުވަފެނަކީ ބިލާހެކެެވެ.
އެންމެ ކުޑަމިނުން އެއީ އޭނާގެ ދަރިފުޅުގެ މަންމަކަންވެސް ޒިފާފު ހަނދާން ނައްތާލައިފިއެެވެ. މިހާރު އެދަރިފުޅުގެ މަންމައަކީވެސް ބައްޕައަކީވެސް ޒިފާފެވެ. ޒިފާފުގެ ދެދުނިޔެއަކީ އޭނާގެ ލޯބިވާ ދޮންކަނބުލޮއެވެ.
(ނިމުނީ)
