ލިޔުނީ: މަލްސާ މޫސާ (ލީޝް)
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއަށް އަލްވަދާއުކީ ވަގުތެވެ. ގޮނޑުދޮށަށް ބިންދާލާ ރާޅުތަކުގެ އަޑުން މުޅި މާހައުލުގައި ހިފާލާފައިވަނީ ހިތްގައިމުކަމެވެ. މި ހިތްގައިމު މާހައުލުގެ މަސްތުގައި ޖެހިފައި އިން ޒުވާނާގެ މޫނު ހިތާމައިގެ ތަސްވީރެއް ފަދައެވެ. ހީވަނީ ހިތާމައިގެ ފުން ކަންޑެއްގައި ގެނބެމުން ގޮސް، އައްސޭރިއަށް އަރާނެ ހިތްވަރު އެލިފައިވާ ހެންނެވެ.
އެ ޒުވާނާގެ ސިހުރުވެރި ނޫކުލައިގެ ދެލޮލުގައިވީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ. އޭނާގެ ޙަޔާތުގެ ކަޅާއި ހުދުން ފެވިފައިވާ ހިތްދަތިކަމާއި ވޭނުންފުރިގެންވި ސަފުހާގެ ހަނދާންތަކުގައި ގެނބެމުން ދިޔުމުގެ ސަބަބުން އަނދިރިވަމުންދިޔަ ދުނިޔެވެސް ނުފެންނަ ކަހަލައެވެ.
އަތުގައި އޮތް ގިޓާގައި އަތް ހިނގާލިއެވެ. އިވިގެންދިޔައީ އަސަރާއި ވޭނުން ފުރިގެންވި ފަށުވި ރާގެކެވެ. އެ ޒުވާނާގެ ހިތުގެ އާދޭސްތަކާއި އުދާސްތައް ބަންޑުންކުރުމުގައި އެ ގިޓާ ބައިވެރިވިއެވެ. ސިކުނޑިއާއި ހިތުގައި ހިނގަމުންދިޔަ ހައިޖާނުގަނޑު ކަޑައްތުކުރާނެ ހިތްވަރު އެ ޒުވާނާގެ އެލިފައިވަނީ ކަންނޭނގެއެވެ. ލޮލުގެ ހިމަކޮޅަށް ބޮނޑިވެފައިވާ ކަރުނަތައް ނިރާލިއެވެ.
ގިޓާގައި އެ ފިރިހެންވަންތަ އިނގިލިތައް ހިންގާލަމުން އެ ޒުވާނާ އިސްއުފުލާލުމަށްފަހު އަނދިރިކަން އަތްގަދަކުރަމުންދިޔަ އުޑަށް ނަޒަރު ހުއްޓާލިއެވެ. އުޑުގައި އެންމެ ތަރިއެއްވެސް މި އެކަނިވެރި ރޭގައި ފިޔަޖަހާ ބަބުޅަމުން ނުދެއެވެ. އެކަހެރިވެ ރަސްކަންކުރަމުންދިޔަ ހަނދުގެ ރިހިއަލި މޫދަށް އެޅިފައިވުމުން ބަލައިލަން ނުހަނު ޗާލެވެ. ވައިރޯޅީގެ އަސަރެއްވެސް ނެތެވެ. ގަސްތައް ހިމޭންވެފައިވާއިރު، އިވެމުންދިޔައީ ދޭތެރެދޭތެރެއިން ފަނިފަކުސާގެ އަޑާއި ހިމޭން ރާޅުތައް ގޮނޑުދޮށަށް ބީއްސާލާ އަޑެވެ.
"ކެން؟" ހަނދާންތަކުގެ ފަލްސަފާގައި ފީނަމުންދިޔަ ޒުވާނާއަށް ސިހުން ގެނުވީ އޭނާގެ އެކުވެރިޔާ، ނާއިލްގެ އަޑުންނެވެ.
"ކެން؟" ދެވަނަ ފަހަރަށްވެސް ނާއިލް ގޮވައިލިއެވެ.
އަވަސް ހަރަކާތަކާއިއެކު ކައިންގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލީ ވާއަތުގެ ނުފުށުންނެވެ. އިށީންދެގެން އިން ރުއްބުރި މަތިން ތެދުވަމުން މޫނުމަތީގައި ހުރި ހިތާމަވެރި ޝުއޫރުތައް ނުހަނު ކުޅަދާނަކަމާއެކު ފޮރުވާލިއެވެ. މިއީ ކައިންއަށް އާދަވެފައިވާ ކަމެއްކަހަލައެވެ.
"ކެން، މިތާ ކީއްތިކުރަނީ؟ އަހަރެން މިހާރު ހޯދާހޯދާ ވަރުބަލި ވެއްޖެ. އަދި އެވެސް ގިޓާ ހިފައިގެން؟" ނާއިލްއަށް ކައިންގެ އަތުގައި އޮތް ގިޓާ ފެނުމުން ހައިރާން ކަމާއިއެކު ސުވާލުކޮށްލެވުނެވެ.
މިއީ އޭނާއަށް ކައިންގެ ފަރާތުން މަދުން ނަމަވެސް ފެންނަ މަންޒަރެކެވެ. އަދި ބިޒްނެސް ޓްރިޕެއްގައި މިކޮޅަށް އައިތާ ވީ ހަފްތާއެކެވެ. ނަމަވެސް އޭނާއަށް އެނގެނީ ކައިން ކޮންމެވެސް ކަމަކާއި ހިތާމަކުރަމުންދާ ކަމެވެ. ކައިންގެ އިޙުސާސްތަކުން މިންޖުވެފައިވާ މޫނާއި ލޯ ފެންނަ ކޮންމެ މީހަކަށް އެކަން ނަގައިގަނެވޭނެކަން ކަށަވަރެވެ.
"އޯވްހް، ސޮރީ. ކޮންއިރަކު މާލެ ދަނީ؟ މިކޮޅު ކުރަންޖެހޭ ކަންތައްތައް ކޮށް ނިމިއްޖެ. ހުކުރު ދުވަހު ދަމާ؟"
ކައިންގެ ތުންފަތްމައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. މަޢުޟޫ ބަދަލުކުރުމުގައި ކައިން ޔަޤީނުންވެސް ކާމިޔާބުކުރިއެވެ. ނާއިލް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ދެމީހުން އަވަސްވެގަތީ އަތިރިމަތިން އެއްގަމަށް އެރުމަށެވެ.
** ** **
އާދުވަހަކަށް އިރުއަރައި ދުވަހުގެ މަސައްކަތައިގެން މަސްއޫލުވެ އުޅުމަށްފަހު، އެންމެންވެސް ހަވީރުވަގުތުގެ ހިތްގައިމުކަމާއި އަރާމުކަން ހޯދަމުން އައިވަގުތެވެ. އިރަމް އާއި މާޔާ ހިނގަމުންދިޔައިރު ދެމީހުންގެ މިސްރާބުހުރީ އަތިރިމައްޗަށެވެ. މަގުގެ ދެފަރާތުގައި ފުދޭވަރަކަށް ގަސް ހެދިފައިވެއެވެ. އެއްވެސް ރަޙުމެއްނެތި އިރަމް އާއި މާޔާގެ ފައިދަށުގައި ހިކި ފަތްތައް ޗިސްޗިސްވާ އަޑުއިވޭއިރު ނުލާހިކު ހިތްގައިމެވެ. އަދި ގަސްތަކުގެ ފަތްތަކުން ފުރޭނިގެން އަންނަ އިރުގެ ދޯދިތައް އެ ދެ އަންހެންކުދިންގެ މޫނަށް އެޅިފައިވުމުން ބަޔާން ކޮށްދެން ދަތިހާ ރީތިވެފައި ފުރިހަމައެވެ.
ހިކިފަތްތަކެއް ޗިސްވާ އަޑަށް އެއްގަމުގައި އިން ޖޯލިފައްޖެއްފައި އިށީނދެގެން އިން ކައިން އާއި ނާއިލްއަށް އެއްފަހަރާހެން ފަހަތް ބަލައިލެވުނެވެ. އެވަގުތު ކައިންގެ ހިތުގެ ހިނގުން މަޑު ޖެހިލިއެވެ. ހީވީ މުޅި ގަޔަށް މީހަކު ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. މޫނު މައްޗަށް އިންތިހާ ދަރަޖައިގެ ހައިރާންކަން ވެރިވިއިރު ކޮޅަށްތެދުވެވުނީ ބޭއިޙުތިޔާރުގައެވެ. ޔަޤީނުންވެސް މިއީ އަވާމެންދުރެކޭ ކައިންއަށް ހިތާހިތުން އެއްބަސްވެވުނެވެ.
އެހިނދު އިރަމް އާއި މާޔާއަށްވެސް އެ ދެ ޒުވާނުންނަށް ނަޒަރު ހުއްޓާލެވުނެވެ.
އެއީ ހަމަ އެ ސޫރައެވެ. ކައިން ހިތުގައި ރަނިކަން ކުރަމުން ދިޔަ އަންހެން ކުއްޖާގެ ކޮޕީއެކެވެ. އެ ދޮންކަމާއި ކަޅު ރޭގަނޑެއްފަދަ ރާޅުބާނި އިސްތަށިގަނޑެވެ. ބޮޑު ލޮލާއި މައްޗަށް ލެނބިފައިވާ އެސްފިޔަތަކެވެ. ބައްޓަން ރީތި ނޭފަތަކާއި ގަދަ ފިޔާތޮށިކުލައިގެ ތުންފަތެވެ. ނަމަވެސް އޭނާގެ ހިތުގައި ރަނިކަން ކުރަމުންދިޔަ އަންހެން ކުއްޖާ އާ މި އަންހެންކުއްޖާ ތަފާތެވެ.
ޅަ ގޮތެއް ހުރިއިރު މި އަންހެންކުއްޖާ މިލްކު ކޮށްފައިވަނީ އަޅިފެހިކުލައިގެ ވިދުމެއްލިބިފައިވާ ކަޅިއެކެވެ. އޭނާގެ ހިތުގެ ވެރިޔާއަށް ލިބިފައިވަނީ ކަޅުދެލިކޮޅެއްފަދަ ކަޅިއެކެވެ. ކައިންގެ ހިތުގައި ރިއްސާލިއެވެ. ހިތް އެދި ގޮވަމުންދިޔައީ އޭނާގެ ހިތުގެ ވެރިޔާ، ލޫންގެ ނަމެވެ.
އިރަމްގެ ހަޔާތުން އަދި މިފަދަ ރީތިކަމެއް ފެނިފައެއް ނުވެއެވެ. ދިގު އިސްކޮޅެއް ލިބިފައިވާއިރު ހަމުގެ ކުލަ އަތްޔެވެ. ބައިމަތިފުޅާ ރީތި ހަށިގަނޑެއްގެ ވެރިއެވެ. ކަޅުކަންގަދަ އިސްތަށިގަނޑުވަނީ ހޭވިފައެވެ. އިރަމް އެންމެ ހައިރާންކުރުވީ އެ ޒުވާނާގެ އަސަރުގަދަ ލޮލުގެ ކަޅި ނޫކުލައިގައި ހުރުމުންނެވެ.
‘އައިސް ބްލޫ، އޯޝަން ބްލޫ، ލޯޔަލް ބްލޫ.."
އިރަމްއަށް އެ ޖަޒުބާތުން ފުރިގެންވި ކަޅިއަށް ދޭނެ ނަމެއް ނޭނގުނެވެ. އެވަގުތު ދެ ޒުވާނުންގެ ނަޒަރު ބައްދަލުވިއެވެ. އިރަމްއަށް އެހިނދު ކައިންއަށް ހިނިތުންވުމެއް ހަދިޔާކޮށްލެވުނެވެ.
ކުއްލިއަކަށް މާޒީގެ ސަފުހާތަށް ކައިންގެ ލޯކުރިމަތީގައި ކުރެހިގެންދިޔަ ކަހަލައެވެ.
އޭނާ ރުއިރުއިމެވެ. ކުރި އިންތިޒާރެވެ. ހެދުނު ގޯސްތަކެވެ. ނިމުމެއްނެތި އިޙުސާސް ކުރެވުނު ވޭނެވެ. މާޒީގެ ހަނދާންތައް އާވުމާއެކު ކައިންގެ ހާލު ގޯސްވިފަދައެވެ. ބޮލުގައި ރިއްސާލިއެވެ. ދެ އަތް މުށްކަވާލެވުނުއިރު ދަތްތައް ބިނދައިގެން ދާހާ ބާރަށް ދަތްކުނޑި ވިކާލެވުނެވެ. މަޑުކުރުމެއްނެތި ބާރު ހިނގުމެއްގައި އެތަނުން ދާން ހިނގައިގަތެވެ.
"ކެން، މަޑުކޮށްބަލަ!" ނާއިލް ގޮވައިލިއެވެ. އަދި ކައިންގެ ފަހަތުން ދިއުމަށް އަވަސްވެގަތެވެ.
އިރަމްއަށް މިބީރައްޓެހި ޒުވާނާގެ ހަރަކާތްތަކާއި ދޭތެރޭގައި ވިސްނާލެވުނެވެ. އޭނާ އަކީވެސް މޮޔައެއް ނޫނެވެ. ޔަޤީނުންވެސް އެ ޒުވާނާއަށް އޭނާ ފެނިފައި ނުބައި އަސަރެއް ކޮށްފިއެވެ. އިރަމްއަށް ނުވިސްނުނީ އެއީ ކީއްވެގެން ކަމެވެ.
"ކެން." އިރަމްއަށް އެނަން ކިޔައިލެވުނެވެ. ކެން އަކީ އެޒުވާނާގެ އަސްލު ނަމެއް ނޫންކަން ނަގައިގަތެވެ.
"އޭތް! އިރަމް."
މާޔާ ގޮވާލުމުންވެސް އިރަމްއަށް އަޑު ނީވޭކަހަލައެވެ. އިރަމްގެ ލޯކުރިމަތީގައި މާޔާ އަތް ހޫރާލުމުންވެސް އިރަމްއަށް އޭނާގެ ހިޔާލީ ދުނިޔެއިން ނުކުމެވޭގޮތެއް ނުވިއެވެ. އިރުކޮޅަކު އެހެން ހުރެފައި މާޔާ ބޯ ހޫރާލަމުން ފުންނޭއެއްލާފައި އިރަމްގެ ކޮނޑުގައި އަތް އަޅާ ކޮއްޕާލިއެވެ. ތެޅިގަންނަމުން އިރަމް މާޔާ އާއި ދިމާއަށް ބަލާލިއެވެ.
"ކޮން ހިޔާލެއްގަ؟" މާޔާގެ ތުންފަތްމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. އެ މާމުއިކުލައިގެ ދެލޮލުގައި ވަނީ ސަމާސާ ކޮށްލުމުގެ ވިދުވަރެވެ.
"ދެން، މާޔާ ވެސް. ހިޔާލެއްގައެއް ނޫނޭ." އިރަމް މާޔާއަށް އޮޅުވާލެވެތޯ މަސައްކަތް ކުރީ ދުރު ބަލައިލަމުންނެވެ.
"ހަހަ، ކެން ގެ ހިޔާލުގަ ދޯ." މާޔާ އިރަމް އާ ދިމާކޮށްލިއެވެ.
ހީނގަންނަމުން އިރަމް މާޔާގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލަމުން ދުއްވައިގަތީ މާޔާ އޭނާއަށް ހަމަލާއެއް ދޭނެކަން އެނގިހުރެއެވެ. ތޫލި ހަޅޭކެއްގެ އަޑު މާޔާގެ އަނގައިން ބޭރުވިއިރު އޭނާ އިރަމްގެ ފަހަތުން ދުއްވައިގަތެވެ. ދެ އެކުވެރިންގެ ހުނުމުގެ އަޑު މުޅި މާހައުލުގައި ފެތުރިގެން ދިޔައެވެ.
** ** **
ކުރިއަށް ހިނގަމުންދިޔަ ކައިންގެ މޫނުމަތިން އެއްވެސް އެއްޗެއް ދޭހައެއް ނުވެއެވެ. އެ އަންހެންކުއްޖާ ފެނުމުން މާބޮޑަށް އޭނާގެ މާޒީ ހަންދާންވީއެވެ. އެވަގުތު އެތަނުން ދާން ހިނގައިގަނެވުނީ އޭނާ ރުއިރުއިމާއި، ހިތާމައިގެ ފުން ކަނޑަކަށް އޭނާ ވައްޓާލާފައި އެ ބޭވަފާތެރި އަންހެންކުއްޖާ ދިޔަގޮތް ހަނދާންވުމުންނެވެ. ހިތުގައި ލެވިފައިވާ ޒަޙަމް ފަސޭހަނުވަނިސް އިރަމްގެ ސަބަބުން އެޒަޙަމް ތާޒާވެއްޖެއެވެ.
ކައިންގެ އިޙުސާސްތަކުގެ މައްޗަށް އަތްގަދަކުރީ ވޭނާއި ހިތްދަތިކަމެވެ. އެ ހިތް ދިޔައީ ރޮމުންނެވެ. ނަމަވެސް އޭނާގެ އިޙުތިޔާރުން ބޭރުގައި އެންމެ ކަރުނަތިއްކެއްވެސް އޭގެ މަޤާމުން ފޭބިޔަނުދިނުމަށް ކައިން މަސައްކަތް ކުރިއެވެ. އަދި އޭނާ އެކަން ކާމިޔާބުވެސް ކުރިއެވެ. މިހާރު ލޫން އޭނާ ދޫކޮށްދިޔަތާ ތިން އަހަރު ވެއްޖެއެވެ. އޭނާ ލޫންމަތިން ހަނދާން ނައްތާލަން އެބަޖެއެވެ.
ފުން ނޭވާއެއް ލަމުން އެސްފިޔަތައް ތިރިކޮށްލަމުން ކައިން ދެލޯ މަރާލިއެވެ. އަދި އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާގެ އަސަރުން ފުރިގެންވި ދެލޯ ހުޅުވާލީ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުންނެވެ. ނަމަވެސް މިފަހަރު އެ ހިނިތުންވުން ލޮލާއި ހަމައަކަށް ނުފޯރިއެވެ. ކައިންގެ ނޫކުލައިގެ ދެލޮލަށް ބަލައިލި ކޮންމެ މީހަކަށްވެސް އެ ދެލޮލުގައިވި ވޭނީ ހިތްދަތިކަމާއި ކެކުޅުން އަންދާޒާކޮށްލެވުނީހެވެ.
"ކެން." ކައިންގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ނާއިލް ގޮވައިލީ ނުހަނު މަޑުމައިތިރިކަމާއި އެކުގައެވެ. ކައިން އޭނާ ގާތުގައި ބުނަން ބޭނުން ނުވާނަމަ އޭނާއެއް ނާހާނެއެވެ. އޭނާއަކީ ކައިންގެ ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް، އޭނާވެސް ވަކި ލިމިޓެއް ބާއްވައެވެ.
"ނާއިލް، ހިނގާ ގެސްޓްހައުސްއަށް. އަހަރެން ނިދާލަން ބޭނުން." ނިތްކުރީގައި ދެ އިންގިލި ޖައްސާލަމުން ކައިން ބުންޏެވެ.
ދެ ޒުވާނުން ގެސްޓްހައުސްއަށް ދިޔަ މަގުމަތީގައި ވާހަކަ ދައްކަމުން ދިޔައިރު ދެންމެ ކަމެއް ވީހެންވެސް ހީނުވެއެވެ. ނާއިލް ކުޑަކޮށް ހައިރާންވި ނަމަވެސް، އެކަމާ އަޅައެއް ނުލައެވެ.
