ލިޔުނީ: މަލްސާ މޫސާ (ލީޝް)(1 ޑިސެމްބަރ 2023 އާ ގުޅޭ)
ދެ ޒުވާނުން ގެސްޓްހައުސްއަށް ދިޔަ މަގުމަތީގައި ވާހަކަ ދައްކަމުން ދިޔައިރު ދެންމެ ކަމެއް ވީހެންވެސް ހީނުވެއެވެ. ނާއިލް ކުޑަކޮށް ހައިރާންވިނަމަވެސް، އެކަމާ އަޅައެއް ނުލައެވެ.
** ** **
މެންދުރުގެ ހޫނުކަންގަދަ ވަގުތުގައި ހޮސްޕިޓަލުގެ ރިސެޕްޝަނިސްޓުގެ ޑިއުޓީ އަދާކޮށްފައި ގެއަށް އައި އިރަމްގެ މޫނުމަތީގައިވަނީ ވަރުބަލިކަމެވެ. ގެއަށް ވަތް ގޮތަށް އޭނާ ބޭނުންވީ ތާޒާވެލުމަށެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް އަވަސް ފިޔަވަޅުތަކެއް ނަގަމުން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ދެ ފަންގިފިލާއަށް ނަގާފައިވާ ގެ، ފަރުމާ ކުރެވިފައިވަނީ ވައިލެޓް ކުލައިންނެވެ. އިރަމް އޭނާގެ ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ވަދެފައި ފުން ނޭވާއެއް ދޫކޮށްލިއެވެ.
ތާޒާވެލައިގެން ނުކުތް އިރަމް އަވަސްވެގަތީ މެންދުރު ނަމާދު ކުރުމަށެވެ. ނަމާދުކޮށް ނިމުމާއިއެކު ވެފައިވާ ވަރުބަލިން އެނދުގައި ޖައްސާލުމާއިއެކު ބަރުވެފައިވާ އެސްފިޔަތައް މެރި، ނިދީގެ ފުންކަނޑަކަށް ގެނބިގެންދިޔައެވެ.
“ދަރިފުޅާ އިރަމް؟ ބައްޕަ އާއި ދޮންބެ އެބައިން ދަރިފުޅު ނައިސްގެން. ދަރިފުޅާ؟”
ސާއިރާ އިރަމްގެ ކޮޓަރީ ދޮރުގައި ޓަކިޖަހަމުން ދިޔައީ އިރަމް ހަވީރު ސައިބޯން ނައިސްގެންނެވެ.
“އެބަ އަންނަން މަންމާ.”
އިރަމް ނިދިއަޑަކުން ބުނުމުން ހިނިތުންވެލާފައި ދެފަރާތަށް ބޯހަލުވާލަމުން ސާއިރާ އެންމެ ރަނގަޅޭ ބުނެފައި ގޮސްފިއެވެ.
އަވަސްގޮތަކަށް ތާޒާވެލައިގެން ޢަސްރު ނަމާދުކުރުމަށްފަހު އިރަމް ކާކޮޓަރިއަށް ހިނގައިގަތެވެ. ނަމަވެސް މަންމަމެން ކާކޮޓަރީގައި ނެތުމުން އޭނާ މިސްރާބުޖެހީ ޓެރަހަށެވެ. ޓެރަހަށް އެރިއިރު އެންމެން އެތަނުގައި ތިބުމުން ހިނިތުންވެލަމުން ކޮފީ ޖޯޑެއް ހިފައިގެން ސޯފާގައި އިށީނެވެ.
ބޮޑު ޓެރަހެކެވެ. މޭޒަކާއި ސޯފާއެއް ކަނެއްގައި ބަހައްޓާފައިވާއިރު އެތަންވަނީ ހިޔާ ކުރެވިފައެވެ. ޓެރަސްގެ ވާތްފަޅީގައި އެކި ވައްތަރުގެ މާތައް ފޮޅިފައިވާއިރު ބަލާލަން ނުހަނު ހިތްގައިމެވެ. މި ހިތްގައިމު ހަވީރުގެ ވަގުތު އެގޭގެ މެންބަރުން ދިޔައީ ހަވީރު ސަޔަށް އިންސާފުކުރަމުންނެވެ.
“ހޭއި ސިސް. ހާދަ ވަރުބަލިވެފަ؟ ހޮސްޕިޓަލުގައި މާ ބުރައީތަ؟”
އަޔާންއަށް އިރަމް ފެނުމާއެކު އޭނާގެ ކޮއްކޮއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަޔާން މިލްކުކޮށްފައިވަނީ ކަޅުކަންގަދަ އިސްތަށިގަނޑަކާއި ބައިމަތި ފުޅާ ހަށިގަނޑެކެވެ. ދިގު އެސްފިޔަތަކުގެ ހިޔަނި އެޅިފައިވާ އެ ދެ ލޮލުގެ ރީތިކަން އިންތިހާއެވެ. ކަޅުދެލިކޮޅެއްފަދަ ކަޅީގައި ތޫނު ވިދުމެއް ވާފަދައެވެ.
“ނޫނޭ، އެހާ ބުރައެއް ނޫން.” އިރަމްގެ ޖަވާބު ކުރެވެ.
މާދަމާއަކީ އިރަމްގެ މަތީ ސާނަވީ ނަތީޖާ ލިބޭ ދުވަހެވެ. ހޮސްޕިޓަލެއްގައި ރިސެޕްޝަނިސްޓެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން ދިޔަނަމަވެސް އިރަމް ބޭނުންވަނީ ނަތީޖާ ލިބުމުން ބޭރު ގައުމަކަށް ގޮސް އާރކިޓެކްޗަރ ކިޔެވުމަށެވެ.
“ދަރިފުޅާ، ބައްޕަ މި ވިސްނަނީ ދެން އަންނަ ހަފްތާގައި ދަރިފުޅު މެލޭޝިޔާއަށް ފޮނުވަން. ހުންނާނެ މަންމަގެ ވަރަށް ގާތް ރައްޓެއްސެއް އެކޮޅުގައި. އޭނާގެ ފިރިހެންދަރިފުޅުވެސް ކުރިއަށް ދާން ނިންމާފަ ވަނީ ހަމަ އާރކިޓެކްޗަރގެ ދާއިރާއިން. ދަރިފުޅު އެއްބަސްވާހާ އަވަހަކަށް ބައްޕަ ކަންތައްތައް ހަމަޖައްސާލަދޭނަން.”
ލޯބިވާ ބައްޕަ، ޝާހިދު ވާހަކަދައްކާ ނިމުނުއިރު އިރަމްގެ ދެލޯ ވަނީ ބޮޑުވެފައެވެ. އާގަމަވެފައި އިނުމަށްފަހު އިރަމް ކޮފީތަށި މޭޒުމަތީގައި ބަހައްޓަމުން ބައްޕަގެ ގައިގައި ބައްދައިގަނެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
** ** **
މިއަދަކީ އިރަމް މެލޭޝިއާއަށް ދާން ދަތުރުހަދާފައިވާ ދުވަހެވެ. މާލެ ދިއުމަށްފަހު ވަގުތުން އެއަރޕޯޓަށް ގޮސް މެލޭޝިއާއަށް ފުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފަތިހުގެ ތެތްފިނި ވައިރޯޅީގެ ސަމާސާގައި އިރަމްގެ އިސްތަށިގަނޑު ބައިވެރި ވަމުން ދިޔައެވެ.
ހަގަޑި ސާޅީސް ވީއިރު އިރަމްމެން ތިބީ ބަނދަރުގައެވެ.
“ދަރިފުޅާ، މެލޭޝިއާއަށް ގޮސް ކިލީނާ ދައްތަކެ ބަސް އަހައިގެން އުޅޭތި. ރަނގަޅަށް ކިޔަވާތި. ގޯސްކޮށް ނޫޅެ ބަރާބަރަށް ޤުރުއާން ކިޔަވައި ނަމާދުކުރާތި.”
މަންމައަކު އަންހެން ދަރިއަކަށް ދޭން ޖެހޭ ހުރިހާ ނަސޭހަތެއް ދިނުމަށްފަހުގައި ސާއިރާ އޭނާގެ ލޯބިވާ ދަރިފުޅުގައިގައި ބައްދާލީ ނިކަން އޯގާތެރިކަމާއި ލޯތްބާއެކުގައެވެ.
“ލައްބަ، މަންމާ. ﷲގެ އިރާދަފުޅާއެކު އަޅުގަނޑު މަންމަމެން ފަޙުރުވެރިވާފަދަ ކުއްޖަކަށްވެގެން އަންނާނަން. އަޅުގަނޑު ވައުދުވަން މަންމަ އާއި ބައްޕަގެ އިއްޒަތާއި ޤަދަރަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ނުކުރުމަށް.”
އިރަމް ހިނިތުންވެލިނަމަވެސް، އެ ބޮޑު ދެލޮލުން ވަނީ ކަރުނަ ހިލިފައެވެ. ނުރޯންވީ ސަބަބެއްވެސް ނެތެވެ. އަހަރުތަކެއް މަންމަމެންނާއި ވަކިން އޭނާ އުޅޭނީ ކިހިނެއް ހެއްޔެވެ؟
މަންމަ ގައިގައި ނުހަނު ބާރަށް ހިފަހައްޓާލައިގެންހުރީ ދޫކުރަން ބޭނުންނުވެފައެވެ. އަމިއްލަ ހިޔާލަށް ގެއްލިފައި ހުރި އިރަމް ސިހިގެން ދިޔައީ ކައްޕި ފުރާ ގަޑި ޖެހުނީއޭ ބުނި އަޑަށެވެ. ބައްޕަ އާއި ސަލާމްކުރުމަށްފަހު ގޮސް، އަޔާން ކުރިމަތީގައި ހުއްޓެމުން ނިކަން ބާރަށް އަޔާން ގައިގައި ބައްދައިގަތެވެ.
“ދޮންބެގެ ޕަންޕްކިން، ތިއުޅެނީ ދޮންބެ ނޭވާ ހާސްކޮށް ގައިގަ ހުރި ހުރިހާ ކަށިތަށް ބިންދާލަންތަ؟ ނޭވާއެއް ނުލެވެއޭ.” އަޔާން އިރަމްގެ ކޮނޑުގައި އޭނާގެ އަތް ވަށާލަމުން ބުނީ ހީނލަމުންނެވެ.
“ރަނގަޅަށް ކިޔަވައްޗޭ، އައި ވިލް މިސް ޔޫ، އެންޑް ޔުއަރ ޑެތް ހަގްސް.”
އަޔާން ވަރަށް ސީރިއަސްކޮށް އެހެން ބުނުމުން އިރަމްގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ. އަޔާން އޭނާގެ ލޯބިވާ ކޮއްކޮއަށް ބަލާލިއިރު އޭނާގެ ތުންފަތުގައި ލުހި ހިނިތުންވުމެއް ދުވެލަދުވެލާހުއްޓެވެ.
“ހެހެ، ދެން ދަނީ. ސަލާމް މަންމާ، ބައްޕާ، މާޔާ. ސަލާމް ދޮންބޭ.” ކޮންމެ މީހަކަށް ވަކިވަކިން ފަހުގެ ވަދާއުކިޔަމުން އިރަމް ލޯންޗަށް އެރިއެވެ.
ހެނދުނުގެ ހޫނުކަންގަދަ ވަގުތު ލޮނުގަނޑު ކަފަމުން ދިޔަ ލޯނޗުތެރޭގައި އިރަމް އިނީ ނިމުމެއްނެތް ކަނޑުގެ ރާޅުތަކަށް ބަލަހައްޓައިގެން އަމިއްލަ ހިޔާލަކަށް ގެއްލިފައެވެ. ހެޑްސެޓުން ޖަހަމުންދިޔަ ލަވަ އަޑު އަހަން އިން އިރަމްގެ އެސްފިޔަތަށް ބަރުވެގެން ދެލޯ މެރި ނިދީގެ ފުންމިނަށް ފީނައިގަނެވުނެވެ.
އިރަމް ސިހިގެން ދިޔައީ އޭނާއަށް މީހަކު ގޮވަން ފެށުމުންނެވެ.
“މާލެ ލަފައިފި ކޮއްކޯ.” އިރަމް އާއި ޖެހިގެން ވާއަތް ފަޅީގައި އިން އަންހެން މީހާ ބުނެލީ ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލަމުންނެވެ. އިރަމް ކުޑަ ހިނތުންވުމެއް ދެމުން އެ އަންހެން މީހާއަށް ޝުކުރުއަދާ ކުރިއެވެ. އެއަށްފަހު ދަބަސް ހިފައިގެން ހިނގައިގަތީ މާލެ އެރުމަށެވެ.
“އިރަމް؟”
ފަހަތުން ފިރިހެނެއް ގޮވައިލުމުން އޭނާ ފަހަތް ބަލާލިއެވެ. އަދި ހިނިތުންވެލަމުން އެމީހާއާއި ދިމާލަށް ހިނގައިގަތީ ކަންފަތުން ހެޑްސެޓު ނަގަމުންނެވެ.
“އައިމަންބޭ، ކިހިނެއްތޯ؟” މެދު އުމުރެއްގެ ފިރިހެނެއް ކައިރިއަށް ހުއްޓެމުން އިރަމް އެއްސެވެ. އައިމަން އަކީ ޝާހިދުގެ އެންމެ ދުވަސްވީ އެއް ރަޙުމަތްތެރިއެވެ. ކުޑައިރުގައި ދެތިންފަހަރު އިރަމް ވަނީ އައިމަން އާއި ދިމާވެފައެވެ.
އައިމަން ކާރުގައި ގޮސް އެއަރޕޯޓު ކައިރިއަށް މަޑުކޮށްލުމުން އިރަމް ޝުކުރުއަދާކުރިއެވެ.
“އައިމަންބެ ދެން އޯކޭ ދިޔަސް. އަޅުގަނޑަށް އެކަނި ދެވިދާނެ މިހިސާބުން.” އިރަމް ހިނިތުންވެލަމުން އަދި އެއްފަހަރު ޝުކުރުއަދާ ކުރިއެވެ. އައިމަން އެންމެ ރަނގަޅޭ ބުނަމުން ކާރު ދުއްވާލިއެވެ.
** ** **
“ދެން ކައިޒިލް! ގަޑި ޖެހެނީ، ދާންވެއްޖެ. ބޭނުމެއް ނޫން ގަޑި ޖެހޭކަށް.” އަވަސްއަވަހަށް އިރަމް ބުނެލީ އާދޭހުގެ ރާގަކަށެވެ.
“އައި ޑޯންޓް ކެއަރ. މި މިލްކް ތަށި ހުސްކޮށްގެން ދެވޭނީ. ސްޓޮޕް ބީއިންގ އެ ބޭބީ.”
ކައިޒިލް ކުޑައިރުއްސުރެ ބޮޑުވަންދެން މެލޭޝިއާގައި އުޅުމުގެ ސަބަބުން ދިވެހި ބަހަށްވުރެ ގިނައިން ބޭނުން ކުރެވެނީ އިނގިރޭސި ބަހެވެ. އިރަމް ފުންނޭވާއެއް ދޫކޮށްލާފައި ކިރުތަށި އަތަށް ނެގުމުން ކައިޒިލްގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ފާރަށް ލެގިލައިގެން ހުރިއިރު ފިރިހެން މޮޑެލްއަކަށް ދޫނުކުރެއެވެ. ދިގު އިސްކޮޅެއް ލިބިފައިވާއިރު ހަމުގެ ކުލަ އަތްޔެވެ. ރީތި ގޮތަކަށް އިސްތަށިގަނޑު ސްޓައިލް ކުރެވިފައި ވާއިރު، ހުރީ އަޅިކުލަ ޖައްސާލާފައެވެ.
“ހެޕީ؟ ނައު ލެޓްސް ގޯ.” އިރަމް ހަރުކަށި ރާގަކަށް އެހެން ބުނުމަށްފަހު ކާކޮޓަރިން ނުކުތެވެ. މުޅި ތަނުގައި ގުގުމައިގެން ދިޔައީ ކައިޒިލްގެ ހުނުމުގެ އަޑެވެ.
އިރަމް މެލޭޝިއާއަށް އައިތާ ދެ ހަފްތާ ތެރޭގައި އެންމެ ރައްޓެހިކަން ބަދަހިވީ ކައިޒިލް އާއިއެވެ. ދެމީހުންވެސް ކުރިއަށް ދަނީ އާރކިޓެކްޗަރގެ ދާއިރާއަށްވެފައި ކައިޒިލްގެ ހުންނަ ލާނެތް މިޒާޖުގެ ސަބަބުން އިރަމްއާއި ދޭތެރެއަކުން މަޖާ ކޮށްލައެވެ. ކައިޒިލްގެ ކޮއްކޮ، ކައިރާ ދަނީ ހައިސްކޫލަށެވެ.
ކޮލެއްޖަށް އެކުއެކީގައި ވަދެގެން އައި އިރު އިރަމްއަށް ހެވެމުންދިޔައީ ކައިޒިލް އޭނާގެ ކުޑައިރުގެ ވާހަކައެއް ކިޔައިދެމުން ދިއުމުންނެވެ. އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުން އިރަމް ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.
“ކައިޒިލް ދޭ ކްލާހަށް. އައި ވިލް ގޯ އިން އަ ބިޓް.” ކައިޒިލް ބޯޖަހާލާފައި ދިއުމުން އިރަމް އޭނާގެ ލޮކަރުގައި ލެގިލިއެވެ.
“ދަރިފުޅު ހާލު ކިހިނެއް؟” މަންމަގެ އަޑު އިވިފައި އިރަމްގެ މެއަށް ބާރުވެގެން ދިޔައީ މަންމަ ދެކިލަން ބޭނުންވުމުންނެވެ. ދޭތެރެއަކުން ސްކައިޕް ކޮށްލިސް ހަމަލޮލުން މަންމަ ދެކިލަން އެހިތް އެދެމުންދިޔައީ އިންތިހާއަށެވެ.
“އަޅުގަނޑު ރަނގަޅު، އަލްޙަމްދުﷲ. މަންމަ ކިހިނެއް؟” އިރަމް ނޭފަތް ދަމައިލިއެވެ.
“ނޫނޭ، ކޮލެޖްގަ މިގަޑީގަ.”
މަންމައާއި ވާހަކަ ދައްކަން ހުރި އިރަމް ސިހިގެން ދިއައީ ބެލް އެޅިއަޅަށެވެ. ގަޑި ޖެހުނުއިރުވެސް ރޭކާނުލުމުން އަވަހަށް މަންމައަށް ސަލާމް ބުނެފައި ކުލާހަށް ދިއުމަށް އަވަސްވެގަތެވެ.
ހަލުހި ހިނގުމެއްގައި އިރަމް ހިނގާފައި ދިޔައިރު އޭނާއަށް އިރުއިރުކޮޅާ ފޯނުން ގަޑިއަށް ބަލައިލެވެއެވެ. ދެވަނަ ހަފްތާގައި ލަހުން ކުލާހަށް ހާޒިރުވާން އޭނާ ބޭނުމެއް ނުވިއެވެ. ހާސްވެފައި ހުރުމުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ ކޮރިޑޯތަށް ހުސްވެފައިވާތީ އިރަމް ބަލައިނުލައި ހިނގަމުން ދިއުމުގެ ސަބަބުން ކަންނޭންގެއެވެ.
ކުއްލިއަކަށް އޭނާ މީހެއްގެ ހަށިގަނޑުގައި ޖެހިފައި ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ.
ނަސީބުހުރީ އިރަމްގެ ކޮޅަށެވެ. އަރިއަޅައިލައިގެން ވެއްޓުމުގެ ކުރިން ބާރުގަދަ އަތެއްގެ ތެރޭގައި އޭނާ ބަންދުވެގެން ދިޔައެވެ. އިރަމްގެ މޫނުޖެހުނީ އެ ޒުވާނާގެ ތަނަވަސް މޭމަތީގައެވެ. ގައިން ހީބިހި ނަގައިގެން ދިޔައީ ސަބަބަކާއި ނުލައެވެ. ހިތުގެ ތެޅުން އިންތިހާއަށް ބާރުވިއެވެ. އިރަމްގެ ނޭފަތުގައި ހިފައިލި ލުއި ސެންޓެއްގެ ވަހެވެ.
“ބަލައިގެން ހިނގާބަލަ.”
ނުހަނު ފިރިހެންވަންތަ އަޑެކެވެ. ދުރަށް ޖެހިލަމުން އިރަމް އެ ޒުވާނާއާއި ހަތަރުކަޅި ހަމަކޮށްލީ ސޮރީއޭ ބުނުމަށެވެ. ނަމަވެސް އެ ޒުވާނާގެ ހަނިކޮށްލެވިފައިވާ ނޫކުލައި ލޯ ފެނިފައި އިރަމް ސިހުނެވެ. އެ ބެލުމުގައިވީ އިންޒާރެވެ. ކަޅުކަންގަދަ ބުމަ ވަނީ ގޮށްޖެހިފައެވެ. ހީވަނީ ކަމަކާއި ހިތްހަމަނުޖެހިފައި ހުރިހެންނެވެ. އިރަމްގެ ސިހުންއެކުލެގެންވި މޫނަށް ބީރައްޓެހި ނަޒަރެއް ދެމުން އެޒުވާނާ ހިނގައިގަތީ އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލަމުންނެވެ.
“ކެން.” އިރަމްއަށް ހިތާއިހިތުން އެ ނަން ކިޔައިލެވުނެވެ. ހަމަ ޔަޤީނުންވެސް އެއީ ރަށުން އޭނާ ދުށް ޒުވާނާއެވެ.
