ލިޔުނީ: މަލްސާ މޫސާ (ލީޝް)
(03 ޑިސެމްބަރ 2023 އާ ގުޅޭ)
އިރަމްގެ ސިހުންއެކުލެގެންވި މޫނަށް ބީރައްޓެހި ނަޒަރެއް ދެމުން އެޒުވާނާ ހިނގައިގަތީ އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލަމުންނެވެ.
“ކެން.” އިރަމްއަށް ހިތާއިހިތުން އެ ނަން ކިޔައިލެވުނެވެ. ހަމަ ޔަޤީނުންވެސް އެއީ ރަށުން އޭނާ ދުށި ޒުވާނާއެވެ.
. . .
އިރަމްއަށް ވިސްނެމުން ދިޔައީ ކެން އާއި މެދުގައެވެ. އޭނާ މަތިން އެހާ އަވަހަށް އެ ޒުވާނާ ހަނދާން ނެތުނީހެއްޔެވެ؟ ނަމަވެސް އެ ޒުވާނާ އޭނާ ހަނދާންކުރަންވީ އެއްވެސް ސަބަބެއް ނެތްކަން އެނގުމުން އިރަމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މިހާވަރަށް އެ ޒުވާނާގެ ބީރައްޓެހި ބެލުމާއި، މީގެ އިރުކޮޅެއްކުރިން ހިނގާދިޔަ ހާދިސާއާއި ދޭތެރޭގައި ވިސްނެމުން ދިއުމުން އިރަމްގެ ހިތަށް އުނދަގޫވިއެވެ. ރީތި ޒުވާނެކެވެ. ނަމަވެސް އިރަމް އެ ޒުވާނާ އާއި ދޭތެރޭގައި ވިސްނަންވީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟
ކުލާހުގައި އިން އިރަމްގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ފާޅުވެގެންދިޔައީ އޭނާގެ ކުލާހަށް އެ ޒުވާނާ ވަނުމުންނެވެ. ހަށިގަނޑު ސީދާކޮށްލަމުން އިރަމްއަށް އޭނާގެ ނަޒަރު އެ ޒުވާނާއަށް ހުއްޓައިލެވުނެވެ. ހާއްދަ ރީއްޗެވެ. އަތުގައި އޮތް ފޯނާއި ކުޅެމުން އައި އިރު މޫނުމަތީގައި އަދިވެސް ވަނީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ. ރުޅިވެރިކަމެވެ.
ނަމަވެސް ކުއްލިއަކަށް ކެންއަށް އޭނާ ހުރިތަން ހަނދާންވީ ކަންނޭނގެއެވެ. ފޯނު ނިއްވާލަމުން ޖީބަށްލާފައި އިސްއުފުލާލިއެވެ. ފިރިހެންވަންތަ ހިނގުމެއްގައި ގޮސް މަޑުކޮށްލީ ޓީޗަރުގެ މޭޒު ކައިރީގައެވެ. މޭޒުގައި ދެއަތް ވިއްދާލަމުން އޭނާ ކުލާސްތެރެއަށް ނަޒަރު ހިންގައިލިއެވެ.
“ހެއި. އަހަންނަކީ ކައިޝް. މިއަދުގެ އާރކިޓެކްޗަރ އާއި ބެހޭ ސްޕީޗް ދޭނީ އަހަރެން.” ނުހަނު ބަރު ފިރިހެންވަންތަ އަޑެކެވެ. އިރަމްއަށް އެ ޒުވާނާގެ ނަން އެނގުމުން ހިނިތުންވެލެވުނެވެ. ނަން ވެސް އެހާ ރީތިވެފައި ފުރިހަމައެވެ.
ކައިޝް އަކީ ފަންސަވީސް އަހަރުގެ ޒުވާން ބިޒްނަސް މޭން އެކެވެ. އަމިއްލަ އާރކިޓެކްޝަރ ކޮންޕަނީއެއް ހުންނައިރު އޭނާއަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ވިދަމުންދާ ތަރިއެކެވެ. ބިޒްނަސް ޓްރިޕެއްގައި މިކޮޅަށްއައިސް އޭނާ މި ކޮލެޖަށް ވަކިން ޙާއްސަ ޕްރޮގުރާމެއް ހިންގަން ނިންމާފައިވަނީ ބައްޕަގެ އެދުމުގެމަތިން ނެވެ.
އެއްގަޑިއިރުގެ ދިގު ކުލާހަކަށްފަހު ކައިޝް ނުކުމެގެން ދިއުމާއިއެކު މުޅިތަން އަޑުގަދަވެގެން ދިޔައީ އެންމެން އެޒުވާނާގެ ރީތިކަމުގެ ވާހަކަ ދައްކަމުން ދިއުމުގެ ސަބަބުންނެވެ. އިރަމްވެސް ހުރީ ފިނިވެފައެވެ. ރީތި ފިރިހެނެއްކަމުން މިފަދަ އަސަރުތައް އިޙުސާސްކުރެވުމަކީ ވެދާނެކަމެއްކަމަށް ހިތަށް ވިސްނައިދެމުން އިރަމް ހިނގައިގަތީ ކައިޒިލް އާއިއެކުގައި ގެއަށް ދިއުމަށެވެ.
. . .
ގެއަށް ވަދެގެން އައި ކައިޝްގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. ހީވަނީ އޭނާއަށް އަބަދުމެ އިޙުސާސްކުރެވޭ ހަމައެކަނި އަސަރަކީ ރުޅިވެރިކަން ހެންނެވެ. އަތުގައި އޮތްފޯނު މާދުރަށް އެއްލިއެވެ. މުޅި ކޮޓަރީގައި ގުގުމައިގެން ދިޔައީ ފޯނު ފާރުގައި ޖެހިފައި ތަޅައިގެންދިޔަ އަޑުފައްގަނޑެވެ.
“ދަރިފުޅާ، ހަމަޖެހިބަލަ.” އައިރީން ކައިޝްގެ ކޮނޑުމަތީގައި އަތް ބާއްވާލިއިރު، އެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. ދަރިފުޅުގެ މި ނުހުންތެރި ސިފަތައް ހުއްޓުވޭތޯ އޭނަ ވަރަށްވެސް މަސައްކަތް ކުރެއެވެ. ނަމަވެސް ކައިޝް ރުޅިއައިސްފިނަމަ ގެ ބޮލަށް ވައްޓާލަންވެސް ފަހެއްނުޖެހޭނެއެވެ.
ކައިޝް އޭނާގެ ރުޅިގަނޑު ފިނިކޮށްލުމަށް ދެތިން ފުން ނޭވާއެއް ދޫކޮށްލިއެވެ. ދެއަށް މުއްކެވިފައިވާއިރު ކަތުރުކަށިގަނޑަށް ވަނީ ވާންވެފައެވެ.
“މަންމާ. އަހަރެން ކިހިނެއް ހަދަންވީ؟” ކައިޝްގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ. އައިރީންއަށް ކައިޝް އަހަމުންދިޔަ މަޢުޞޫއު އެނގުމާއެކު މެއަށް ބާރުވެގެން ދިޔައެވެ. ކައިޝްގެ އަތުގައި ހިފައި ފިއްތާލެވުނެވެ.
“މަންމައަށް ފެންނަނީ ދަރިފުޅު ދަރިފުޅުގެ ބޮލުގައި އެޅިފައިވާ ވާޖިބާއި ޒިންމާ ފުރިހަމައަށް އަދާކުރަން.” އައިރީންގެ އަޑުގައިވަނީ އުންމީދެވެ. މިފަހަރު ކައިޝް ރަނގަޅު ނިންމުމެއް ނިންމާނެކަމަށް އޭނާ މާތްﷲގެ ޙަސްރަތުން އެތައް ދުޢާއެއް ކޮށްފިއެވެ.
މަންމަގެ ނޫކުލައިގެ އާދޭހުންފުރިގެންވި ދެލޮލަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ކައިޝް ބޯޖަހާލިއެވެ. މަންމަގެ އަތުތެރެއިން އޭނާގެ އަތް ނަގަމުން ގޭން ނުކުތީ ބޯ ހަމަޖައްސާލުމަށެވެ. އަދި އޭނާ ވަގުތު ބޭނުމެވެ. ދިރިއުޅުމުގައި އުންމީދުވެސް ނުކުރާފަދަ ކަމަކާއި ކުރިމަތިލުމުން ކައިޝް ވަނީ ބެނދިފައެވެ. ހުއްޓުންއަރާފައެވެ. ދިރިއުޅުން ކުރިއަށްދަމުން އަންނަނީ އޭނާ އުންމީދުވެސް ނުކުރާފަދަ ގޮތަކަށެވެ. ތަޤުދީރުގައި ލިޔެވިފައިގޮތް އޭނާއަށް ބަދަލެއް ނުކުރެވޭނެ ނޫންހެއްޔެވެ.
ކާރު ތެރޭގައި އޮތް ސްޕެއަރ ފޯނު ނަގާފައި މެސެޖުތައް ހުޅުވައިލިއެވެ. އެންމެފަހުން އޭނާގެ ޙަޔާތުގެ ކެހިވެރިޔާ ލިޔެފައިވާ މެސެޖު ކިޔާލުމާއެކު ދެލޮލުން ފެނިލީ އިންތިހާ ދަރަޖައިގެ ނުރުހުންވުމެވެ. މީހަކު އަންދައި އަޅިއަށް ހަދައިލެވޭނަމަ ކައިޝް މިވަގުތު އެކަން އޭނާގެ ނޫކުލައި ދެލޮލުގެ ބާރުގައި ކުރީހެވެ.
ފޯނު ރިންގުވާން ފެށުމުން ކައިޝް ފުންނޭވާއެއް ދޫކޮށްލިއެވެ. ގުޅަމުންދިޔައީ ކައިންކަން އެނގުމުން ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.
“ކެން، ކިހިނެއްވީ؟” ކައިޝްގެ ސުވާލު ކުރެވެ.
“ހާދަ ހިތްހަމަނުޖެހިފަ؟ ކަމެއްވީތަ؟” ކައިންގެ އަޑުގައިވީ ހައިރާންކަމެވެ. ކައިން އާއި ކައިޝް އަކީ އެއްމާބަނޑު ދެބެއިންނެވެ. އާއިލާގެ ގިނަ މީހުންނަށް ދެޒުވާނުން ވަކިކުރަން މިއަދާއިހަމައަށްވެސް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. އެހާވެސް ދެޒުވާނުން ވައްތަރެވެ. މަންމަ، އައިރީން އަކީ އިނގިރޭސި ވިލާތު މީހަކަށްވުމުން ދެ ޒުވާނުންވެސް މިލްކުކޮށްފައިވަނީ އެ ދޮންކަމާއި ނޫކުލައި ކަޅިއެވެ.
“ފަހުން ކިޔާދޭނަން. މިގަޑީގައި އަހަރެން އެބަ ޖެހޭ ކޮލެޖަށް ދާން.” އަތުގައި އޮތް ގަޑިއަށް ބަލާލަމުން ކައިޝް ބުނީ މަޑުމައިތިރިކަމާއެކުގައެވެ. ފޯނު ކަންޑާލަމުން ކާރު ދުއްވާލީ ކޮލެޖަށްދިއުމަށެވެ.
. . .
މަޑު ހިނގުމެއްގައި ހިނގާފައި ކޮލެޖަށް މިސްރާބުޖެހި އިރަމް ހުރީ ފިނިވެފައެވެ. ސްނޯ މޫސުން ކައިރިވުމުގެ ސަބަބުން އޭނާ ބަލިވަނީ ކަންނޭނގެއެވެ. ކެތްނުވާވަރަށް ފިނިވަމުންދިއުމުގެ ސަބަބުން ލައިގެންހުރި ކޯޓު އިތުރަށް ގަޔާ ކައިރިކޮށްލެވުނެވެ. އިނގިލިތަކުގައި މަޑު ތުރުތުރުލުމެއް ވާއިރު ދެތިން ކިނބިހި އަޅައިލެވުނެވެ.
މިއަދު ކިލީނާ ދައްތަ ހޮސްޕިޓަލު އެޕޮންޓުމެންޓެއް ނަގާފައި އޮތުމުން ކައިޒިލް އޭނާގެ މަންމަ އާއި އެކުގައި ދިޔައީ ހޮސްޕިޓަލަށެވެ. ކައިޒިލް އިރަމް ކޮލެޖަށް ލައިދެން ބޭނުންވިނަމަވެސް، އިރަމް އޭނާ ހިނގާފައި ދާންބޭނުންވާކަމަށް ބުނުމުން ކައިޒިލް އެއްބަސްވީ އިރަމްގެ ގޮތްދޫނުކުރުމުގެ މިޒާޖު ރަނގަޅަށް އެނގޭތީއެވެ.
ކައިޒިލްގެ އެދުމަށް ކޮޅުފައިންޖެހެވުމުގެ މޮޔަ އިރަމްއަށް ހީވަމުން ދިޔއެވެ. ކޮލެޖު ބިއްދަށުން ލާފައި ހިނގަމުންދިޔަ އިރަމްގެ ފައިގައި ކަސްތޮޅުއެޅުނީ ފެނުނު މަންޒަރަކުންނެވެ.
ކަޅުކުލައިގެ ލެދަރ ކޯޓެއްގައި ފާރަށް ލެނގިލައިގެން އެހުރީ ކައިޝްއެވެ. އެ ގަދަނޫކުލައިގެ ކަޅީގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. އެ ކަޅުކަންގަދަ އިސްތަށިގަނޑު ވަނީ އެ ސިހުރުވެރި ދެލޮލަށް ނިވާއަޅާފައެވެ. ފިނި ވައިރޯޅިތަކުގެ ސަމާސާގައި ކައިޝްގެ ފަން ކަޅުދެލިކޮޅެއްފަދަ އިސްތަށިގަނޑު ބައިވެރިވަމުންދިޔައެވެ. އޭނާއަށް އުނދަގޫވެސް ނުވާ ކަހަލެއެވެ.
ކައިޝްގެ ހަވަނަ ހިއްސު އޭނާއަށް މީހަކު ބަލަހައްޓައިގެން ހުރިކަން އަނގައިދިން ކަހަލައެވެ. ބަރު އެސްފިޔަތަށް އުފުލާލަމުން އެ ނުރައްކާތެރި ތޫނު ނަޒަރު އިރަމް އާއި ބައްދަލުކޮށްލިއެވެ.
( ނުނިމޭ )
