ދުވަހުގެ ނިމުން އިއުލާންކުރަމުން އުދަރެހަށް ފެތުރިގެންދިޔަ ރަތްވިލާތަކާއެކު މުޅި އުދަރެސް ރަންކުލައިން ފެވިގެންދިޔައެވެ. ޖައްވުގައި އުދުހެމުންދިޔަ ކަފަބޮޅުތަކެއް ފަދަ ލުއި ވިލާތަކަށް ވެރިވި ރަންދަޅައިގެ ސަބަބުން ފެންނަ ފެނުމަށް ބަޔާންކުރަންދަތި ހިތްގައިމުކަމެއް ލިބިފައިވެއެވެ. މާދުރުން ފެންނަން ހުރީ ޕޮޕްކޯން ވިއްކާ މީހަކާއި އައިސްކްރީމް ވިއްކުމަށް ޚާއްސަ ބޮޑު އުޅަނދެކެވެ. ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ތަފާތު ކުޅިވަރުތަކާއި ހަރަކާތްތަކުން މިއަދުގެ ވަގުތުތައް ނިމިގެންދިޔައީ އުފާވެރިކަމާއެކުގައެވެ. ކާނިވާ ސަރަހައްދު އޮތީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ޒިޔާރަތްތެރިންގެ ސަބަބުން ވަރަށް ބޮޑަށް ތޮށްޖެހިފައެވެ.
ގަސްތަކުގެ ހިޔަލުގައި ހުރި ހިލަގޮނޑިއެއްގައި، ކޮތަރުތަކަށް ކާންދޭން އިނީ އުމުރުން ހަތްދިހަ އަހަރުގެ އެކަނިވެރި އަންހެނެކެވެ. ހިނގާބިނގާވެ އުޅުމުގައި ހުރި ދަތިތަކުގެ ސަބަބުން، އޭނާގެ ދިރިއުޅުމުގެ އެންމެ ގާތް އެހީތެރިޔާ، އަދި މިތުރު ކަމުގައިވާ އަސާގަނޑު ހުރީ ގޮނޑީގެ އެއްފަރާތުގައި ލައްކޮށްލާފައެވެ. އޭނާގެ ކައިރީގައި ކުޑަ ފޮށްޓެއް ހުއްޓެވެ. އެ ފޮށީގައި ގިނަ ސާމާނުތަކެއް ނެތް ނަމަވެސް، އޭނާ ބަޔަކަށް ދިނުމަށް ގަސްތުކޮށްފައިވާ ކުޑަ ހަދިޔާއެއް އޭގެ ތެރޭގައި އޮތެވެ.
ކަޅުކުލައިގެ ހެދުމެއްގައި އިން އަންހެންމީހާގެ ބާވެފައިވާ ދަބަހުގެ ތެރެއިން ފޯނު ރިންގުވާން ފެށުމާއެކު، އޭނާގެ ވަށައިގެން ތިބި ކޮތަރުތައް ބިރުން އުދުހިގަތެވެ. އެވަގުތު ޖެހެމުންދިޔަ ފިނި ރޯޅިތަކުގެ ތެރޭގައި އެސޮރުމެން ފިޔަޖަހަމުން މައްޗަށް އަރައިގެން ދިޔަ އަޑު މުޅި ސަރަހައްދަށް ފެތުރިގެން ދިޔައެވެ. ޝިރާ އަވަސްއަވަހަށް ދަބަހުން ފޯނު ނަގައި ފޯނަށް ޖަވާބުދާރީވިއެވެ. އޭނާ އެންމެ އުންމީދުކުރި ވަގުތު އައިސް ޖެހުނު ކަމުގައި ވިޔަސް، އެ މިސްރާބަށް ދަތުރު ފެށުމަކީ އޭނާއަށް ނުހަނު އުނދަގޫ ކަމަކަށް ވިއެވެ.
އެމެރިކާގައި ވަޒަންވެރިވެގެން އުޅޭ ޝިރާ އެތަނުގައި މަޑުކޮށްލައިގެން އިނީ، ފްލައިޓްގެ ދިގު ދަތުރަކަށްފަހު ވަރުބަލި ފިލުވާލައި، ދެން އޮތް މަންޒިލަށް ދިއުމުގެ ކުރިން ކުޑަކޮށްއަރާމު ކޮށްލުމަށެވެ. އޭނާ ބޮލުގައި އޮތް ބުރުގާ ރީތިކޮށްލުމަށްފަހު، އޭނާގެ މިތުރުގެ އެހީތެރިކަމާއެކު ތެދުވެގެން ކުރިމަތީގައި ހުރި ބަސް ހުއްޓިއާ ދިމާއަށް ހިނގައިގަތެވެ. އެ ސަރަހައްދުގައި މީހުން ގިނަ ނޫން ނަމަވެސް، ބައެއް މީހުން ކުޑަކުދިން ގޮވައިގެން ބަސް އަންނާނެ އިރަކަށް އިންތިޒާރުގައި ތިއްބެވެ.
އަސާގަނޑު ޖަހައި އެއްފައި ކޮރުޖަހައި އަވަސް ފިޔަވަޅުން އޭނާއަށް ދުރުން ފެންނަން ހުރި ބާރުދުވެލީގައި ދަތުރުކުރަމުން އައި ބަސް އެދިމާއަށް ހުއްޓުމުގެ ކުރީން މަޑުކޮށްލެވުނީ ކިރިއާއެވެ. ގިނައިރެއް ނުވެ އުޑުމައްޗަށް ވެރިވެފައިވާ ރަތްފަނޑުކަން ކެނޑި ރޭގަނޑުގެ އަނދިރިކަން ވެރިގެންފިއެވެ. އެކިދިމާތަކުން ކުލަބޮކިތަކާއި ބޮޑެތި ލައިޓުތައް އަލިގަދަވެފައި މީހުންގަނޑު އެކި ސަރަހައްދުތަކަށް ހިނގާބިނގާ އުޅޭތަން ފެނަންފެށިއެވެ. އޭނާއަށް ފެންނަން ހުރި ހިޔާކޮށްފައިވާ ދިމާއަށް އާދެވެމުން ހަމަހިމޭން ނޭވާއެއް ލެވުނުފަދައެވެ. ކިޔުގައި ޖެހިފައި ތިބިމީހުން ފަހަރަކު މީހެއް ބަހަށް އަރަމުން ދިޔައެވެ. އެ އަސާގަނޑު ޖައްސައި އޭނާއާއި ޖެހުމުން މަޑުން އެއަށް އަރައި އެތެރެއިން ސީޓެއްގައި އިށީނެވެ. ބަރުގޮނުއަޅައި ބަސް ދުވެލި އެ ފެށީއެވެ. ބަހުގެ ކުޑަދޮރުގައި ހުރި ފޮތިގަނޑު ކަހާލައި ބޭރަށް ބަލަން އޭނާ އެއިނީ ޚިޔާލަކަށް ގެއްލިފައެވެ.
ސިކުނޑީގައި އެނބުރޭ އެ ޚިޔާލުތަކީ އޭނާގެ ހަޔާތައް ވެރިވި ޒަލްޒަލާއެއް ފަދަ އަޑިގަނޑާއި އުސްގަނޑުން އޭނާއަށް މާޒީއިން ދަސްކޮށްދިން ފިލާވަޅުތަކެވެ. ވަގުތު ފާއިތުނުވަނީސް އޭނާއަށް އެދާން ބޭނުންވާ މަންޒިލަށް ދެވޭނެކަމުގެ އުއްމީދުކުރެވުނީ އޭނާއަށް ފެނުނު ޚަބަރުގެ ސުރުޚީއިންނެވެ. ބުރަވިއަސް ދިގުވިއަސް ފަސް ގަނޑިއިރުގެ ދަތުރަކަށް ފަހުގައި އޭނާ އެދިމާއަށް އަދު ދަނީ ލޮލުގެ ފިނިކަން އިޙްސާސްކޮށްލުމަށެވެ. ހަށިގަނޑުގެ ހަކަތަ މަދުވުމާއި އޭނާގެ ހާލަތު ކިތައްމެ ނިކަމެތިވިއަސް ކޮންމެ ކަމެއް އޭނާއަށް ކުރިމަތިލާން ޖެހުނީ އޭނާގެ އަމިއްލަ އެދުން ބޮޑުވެގެން އެކަމުން ލިބުނު ފިލާވަޅަކަށް ވީމައެވެ.
ސްޕީޑް ބާރަށް ދުއްވާފައި ދިޔަ ބަސް މަޑުޖައްސާލީ މަގުކޮޅަށް ފެންނަން ހުރި ރަތްލައިޓުގައި ޖެހުމުންނެވެ. މި ރަތްކުލައިގެ ބޮކި ދިއްލިފައިވާ މަންޒަރު ބިއްލޫރި ދޮރުން އޭނާއަށް ފެންނަން ފެށުމުން އެ ވެރިވީ ކޮންފަދަ ހަނދާންތަކެއް ހެއްޔެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. ކިތައްމެ ބުރަ ތަކުލީފެއް ވިއަސް މިއިށީނދެގެން އިން ސީޓްގޮނޑީގައި ކެތްތެރިކަމާއިއެކު އިންނަން ބޭނުންވިއެވެ. އޭ
ނާ އަދު އެދަނީ ހަޔާތުގެ ފަހުވަގުތު ޖެހުމުގެ ކުރީން އެމަންޒަރު ދެކިލާށެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން އައިސް ގުޅައަކަށް ވެރިގަތީ އެ ފިލައިގެން ނުދާ އަބަދަށް ފުރާނާގައި ގުޅިލާމެހިފައިވާ ހަނދާންތަކެވެ. މަގުދެފަރާތަށް ދުއްވާ އުޅަނދުތައް ހުރަސްކޮށްލުމުން އޭނާ އިން ބަސް އަލުން ދުވުން ބާރުކޮށްލިއެވެ.
(ޝިރާނީގެ ޒުވާން ހަޔާތުގެ ސޮފްޙާތައް މާޒީއިން އަދާހަމައަށް ކަންތައް ވީގޮތް އަދި ހިނގި ބިރުވެރި ނުރައްކާތެރި ހާދިސާ ސިއްރު ކުރެވުނު ބޮޑު ޖަރީމާ)
އެދުވަސް ވަރަކީ ރާއްޖޭން މަދުންވިއަސް ތަނަވަސްކަން ތިބިބައެއްގެ ދަރީންނަށް މަތީ ތަޢުލީމު ހާސިލުކުރަން އެކި ޤައުމުތަކަށް ދިރިއުޅުން ބަދަލު ކުރިޒަމާނެވެ. ހަނީފު އޭނާގެ އަނބިދަރީން ގޮވައިގެން އިންޑިއާއަށް ދިރިއުޅުން ބަދަލުކުރީ އެމީހުނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭން އަޒުމް ކަނޑައަޅައިގެނެވެ.
މާލޭގައި އޭނާގެ ބޮޑެތި ވިޔަފާރިތައް ފުޅާވެފައި އެއިން ބްރާންޗުތައް އިންޑިއާ ލަންކާ އަދި އިތުރުން ތައިލޭންޑްގައިވެސް ވިޔަފާރިތައް ހުއްޓެވެ. އޭނާއަކީ ތަނަވަސްކަން ހުރި މުއްސަނދި މީހަކަށް ވީމައި އެ ކުޑަ ޢާއިލާއަށް ހުރިހާ ބޭނުންތަކެއް އެއްވެސް އުނިކަމަކާއި ނުލައި ލިބެމުންދިޔައެވެ. ހަނީފުގެ އަނބިމީހާ ދެދަރިންގެ މަންމަ ޖަމީލާއަކީ އޭނާގެ ވިޔަފާރި ފުޅާކުރަން މިންނަތް ބުރަމަސައްކަތް ކުރި ހުރިހާ މުދަލެއްގެ ލިޔެކިޔުމާ އެހެނިހެން ކަންކަމުގައި ހަމަ އެކަނި ހިއްސާވާ ފަރާތެވެ. އެދެމަފިރިންގެ ވިޔަފާރިތަކުގައި އެހެން ބަޔަކު ޝާމިލުކުރުމެއް ނެތެވެ. އެންމެ ބޮޑު ސަބަބަކީ އެދެމައިންގެ ތިބި ދެ އަންހެންދަރީންނަށް އެހުރިހާއެއް ވާރުތަކުރުމަށް ބޭނުންވީމައެވެ.
މި ދެމަފިރިންގެ އެންމެ ބޮޑު ކުރިއެރުމަކީ ތެދުވެރިކަމާއި އެއްވެސް އޮޅުވާލުމެއް ޚިޔާނާތްތެރިކަމެއް ނުގެންގުޅުމެވެ. އަދި އެހެންމެ ހަނީފަކީ ދީންވެރި ތަޤުވާވެރި ތެދުވެރި މީހަކަށް ވީހިނދު އޭނާގެ އަނބިމީހާއަކީ ޚުލްގުހެޔޮ އަމާނާތްތެރި ވަފާތެރިއެކެވެ. ހަމައެފަދައިން ދަރީންނަށް ހެވާނުބައި ބުނެދީ ހިނގަން ޖެހޭ ރަނގަޅުމަގު ދައްކައިދީ ހަޔާތުގައި އަޑިގުޑަންތަކަށް ކެތްތެރިކަން ބެހެއްޓުމަށް ހެޔޮ ނަސޭހަތްތެރިވެއެވެ. ވަރުޝާއާ ޝިރާނީ އަކީ އެދެމައިންގެ
ހުރިހާ މުދަލެއް ހައްޤުވާނެ ފަރާތެވެ. ނަމަވެސް ހަނީފުގެ ދެމައިންނަށް ކެތްތެރިކަމުގެ އިމްތިހާން ބޮޑުވެގެންދިޔަ އެއްކަމީ ދެދަރިން ކުރެން ދޮށީ އަންހެން ދަރިފުޅު ވަރުޝާ ކާރު އެކްސިޑެންޓެއްގައި ނިޔާވުމާއި ގުޅިގެން ދެން ދިރިއުޅުމުގައި އެހިތާމަ ތަޙައްމަލު ކުރުމެވެ.
ވަރުޝާއަށް ވުރެ ދިހަ އަހަރުހަގު ޝިރާނީއަކީ އެހެން އަންހެންކުދީން ފަދައިން މަޑުމޮޅި އަދި ލަދުރަކި ކުއްޖެކެވެ. އޭނާ ބޮޑުވެގެން އައިއިރު ކިޔަވަން އިންޑިއާގައި ހުރީ އޭނާއަށް އެއްވެސް ކަމެއްގައި ދަތިނުވާނެ ފަދައިން ހުރިހާ ކަމެއް އެންމެމޮޅަށް ތަނަވަސްކަމުގައެވެ. ރީތިކަމާއި ފުރިހަމަކަން ހުރި އެހެން ކުދީންނަށްވުރެ ކިޔެވުމަށް މޮޅު ހޮވާލެވޭފަދަ ދަރިވަރެކެވެ. ހަމަ އެކަނި ހުރި ދައްތަގެ ނިމުން ހުރިގޮތުން އޭނާއަށް މައިންބަފައިން އިސްކަންދިނީ ހުރިހާ ކަމެއް އެއްވެސް އުނިކަމަކާއި ނުލައި ވަރަށް ލޯބިންނެވެ.
ދުވަސްތައް ފާއިތުވި ވަރަކަށް ހަނީފުމެންގެ ވިޔަފާރި ފުޅާވަމުން އިހުނަށްވުރެވެސް ތަނަވަސްކަން އިތުރުވިއެވެ. އޭނާގެ އުމުރުން ވިހިއަހަރު ފުރި ކިޔެވުން ނިމި ނަން ހިނގާ ލޯޔަރަކަށްވިއެވެ. މަންމައާއި ބައްޕަގެ ހުރިހާވެސް އުފަލަކީ ޝިރާނީއެވެ. އެދެމައިންގެ ފަހު އުއްމީދަކީ ޝިރާނީ ޒަވާޖީ ހަޔާތެއް ފަށައި އުފަލުގައި ދިރިއުޅޭތަން ދެކޭށެވެ.
ދުވަހެއްގައި އައު ފެށުމެކެވެ. ދިރިއުޅެނީ އިންޑިއާގައި ކަމުން މާހައުލަކީ ހަލަބޮލިތަނެކެވެ.
އޭނާ އޮފީހުގައި ބިޒީކޮށްލައިގެން އެކި ކުށްވެރިންގެ ފައިލްތައް ޗެއްކުރަން އިނެވެ. ކުއްލިއަކަށް އައި ފޯނުކޯލެކެވެ. ވާހަކަ ދެއްކީ ޒުވާން ފިރިހެނެކެވެ. ބޭނުން ވަނީ ޖެހިލުން ކުޑަ ބަސްމޮށުންތެރިކަން ރަނގަޅު ވަކީލެކެވެ. ދެމީހުންގެ ދެމެދުގައި ގިނަ ވާހަކަތަކެއް ދެކެވުނެވެ.
ކުރަން ހުރި މަސައްކަތް މަޑުޖައްސާލައި އޭނާ އެމީހަކާއި ބައްދަލުކުރަން ދިޔައީ އެބަޔަކަށް އެހީވުމަށް ވަކާލާތުކޮށްދޭން ހިތް ބޭނުންވެގެނެވެ. ބޮޑު އާބާދީއެއް އޮތް އިންޑިއާއިން އޭނާއާއި ބައްދަލުކޮށް ވާހަކަ ދައްކަން ދިޔައީ މިބައިމީހުންނީ ޤައިރުމުސްލިމުންނެވެ.
ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 25އަހަރުގެ ވިޝްވާން ދުއްވަން އިން ކާރުގައި ސައިކަލެއް ޖެހި ދުއްވަން އިން މީހާ ބޯޗިސްވެމަރުވީއެވެ. ވިޝްވާނަށް ހޭވެރިކަންވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮށްވައެވެ. ޑޮކްޓަރުން ޗެއްކުރުމުގައި އޭނާއަށް މާބޮޑުގެއްލުން ތަކެއް ނުވިއަސް އޭނާއިނީ މަސްތުހާލުގައި ވުމުން ދުއްވަން އިން ކާރުކޮންޓްރޯލް ނުވެގެން އައިސް އެ ސައިކަލުގައި ޖެހި އެ އެކްސިޑެންޓް ހިނގަންމެދުވެރިވީއެވެ. މަރުވި މީހާގެ ޢާއިލާއިން އޭނާ ކުށްވެރިކޮށް ޖަލަށް ލާން އެދުމުން ވިޝްވާންގެ މައިންބަފައިންނަށް އެކަމަށް ހައްލެއް ހޯދަން މަޖުބޫރުވިއެވެ.
އޭނާ ކުރެން އެބައިމީހުން ކަރުނައަޅާ ރޮއެއާދޭސް ކުރުމުން ޝިރާނީ އެކަމަށް އެހީވާން ގަސްތުކުރިއެވެ. އޭނާގެ ހަމައެކަނި ހުރި ދައްތަވެސް ދުނިޔެދޫކުރީ މިފަދަ އެކްސިޑެންޓެއްގައި ކަމުން އޭނާ ބޭނުންވީ މި ފުރުސަތުގައި ވިޝްވާނަށް އެހީތެރިވާށެވެ. ކޮންމެ އަކަސް ކަންތައް ވެގެން ދިޔައީ އޭނާ ހީކުރިގޮތަކަށް ވުރެ ފަސޭހައިންނެވެ.
ރެއާދުވާލު އެމީހަކަށްޓަކައި އޭނާ ވަކާލާތުކޮށް އުދަނގުލަކާއި ނުލައި މައްސަލައޮށްބާލިއެވެ. މި ކަމެއް ހަނީފުމެނަށް އެނގުމުން ކުށްކުރިމީހާއާއި އެއްކޮޅަށް ޝިރާނީ ހުރެ މައްސަލަ ހައްލުކުރުމުން އެކަމާއި އެމީހުން ހިތްހަމަނުޖެހުނެވެ.
ދުވަސްތައް ފާއިތުވާން ފަށައި އޭގެ އެއްއަހަރު ފަހުން ޝީރާނީގެ އުޅުމާއި ގުޅުމަށް ކޮންމެވެސް ނޭދެވޭ ބަދަލުތަކެއް އައެވެ. ހެދުންއެޅުމުގައި ނިވާކަން ކުޑަގޮތްތަކަށް ހެދުން އެޅުމާއި މޫނުގައި ގަދަ މޭކަޕުތަކުން އޭނާގެ ރީތިކަން ފާޅުވެފައި ހުރީ އެހެން ފިރިހެނުންނަށް ހުރި ނުރައްކަލަކަށް ވާފަދައެވެ. އަމިއްލަ ނަފްސު ދެއްކުންތެރިކަން ބޮޑުވެގެންފިއެވެ. އެހެންނޫނީ އޭނާ ނޫޅޭ ގޮތްތަކަށް ރޭގަނޑު ގެއަށް އައުން ލަސްވުމާއި މަންމައާއި ބައްޕަ ގާތުގައި ވެސް ނުބުނެ އިންޑިއާގެ ދުރުސަރަހައްދުތަކަށް އެކަނި ދާންފެށުނެވެ.
މިހެން ކަންވާން ފެށުމުން ތަޤުވާވެރިކަމުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ހަނީފުގެ ދެމައިން ކަންބޮޑުވާން ފެށިއެވެ.
އެހާމެ ލޯބިން ހެވާނުބައި އޮޅުން ފިލުވައި ދަސްކޮށްދީގެން ބޮޑުކުރި އަންހެން ދަރިފުޅު ވިޔާނުދާ މަގުން ހިނގަންފެށުމުންނެވެ. އޭނާއަށް ހެޔޮމަގު ދައްކައި މިހިސާބަށް ގެނައުމުންވެސް ހީނުކުރާ ގޮތްތަކަށް އުޅެންފެށީމައެވެ. އެއް ރެއަކު ކުޑަ އާއިލާ ކާން ތިބި ރެއެކެވެ. ބޮލުގައި ހުދު ތާކިހާއަޅައި ހުދުހެދުމުގައި އިން ހަނީފުއިނީ ހިތުގައި އޮތް ވާހަކަ ދައްކަން ނިންމައިގެނެވެ. މޭޒު ސުފުރާމައްޗަށް އެންމެން ހަމަވުމުން ކާންފެށިއެވެ.
ހަނީފު:” ދަރިފުޅާ ޝިރާ، ދަރިފުޅުގެ ތި އުޅުން ހުރިގޮތުން ބައްޕަމެން ހިތްހަމައެއް ނުޖެހޭ. އޭނާ އިސްދަށަށް ޖަހައިގެން އިނެވެ.
ޖަމީލާ:” އާނ. ތެދުވާހަކައެއް. މަންމެންނަށް ހާސްކަން އިތުރުވާން ފަށާފި. އޭނާ ހަނީފުގެ ތަށްޓަށް ރިހަފޮދު އަޅަމުން ބަލާލީ ޝިރާނީއަށެވެ.
ހަނީފު:” އަޅެބުނެބަލަ. ދަރިފުޅު އޮފީހުގަ ކަންތައް ރަނގަޅުތަ؟
މިހުރިހާ އިރަކު އަނގައިން ބަހެއް ބޭރުނުކޮށް އިން އޭނާ އިސްއުފުލާލިއެވެ. ކޮށްލާފައި ހުރި މޭކަޕުން ހީވަނީ އިންޑިއާގެ ފިލްމް ސްޓާރެއްހެނެވެ.
ޝިރާނީ:” ބައްޕާ. އަޅުގަނޑު އެބައޮތް ވާހަކައެއް ނަންގަންނަންވެފަ. ޖަމީލާ ހަމަހިމޭންކަމާއި އެކީ އިނީ އެބުނަން އުޅޭ ވާހަކައަކަށް ކަނުލާ އަޑުއަހާށެވެ.
ޝިރާނީ:” އަޅުގަނޑު މީހަކާ އިންނަން ބޭނުންވެއްޖެ. ސަމްސަލުން ކާތަށިތެރެ ހާވަންއިނީ މައިންބަފައިންގެ ޖަވާބަކީ ކޮބައިކަން ނޭނގޭތީއެވެ.
ހަނީފު:” އާނ. މިހާރު ތިކަން ކުރަން މާލަސްވެސް ވެއްޖެ. މޭކަޕުތަކުން ޒީނަތްތެރިވެފައި އިން އަންހެން ދަރިފުޅާދިމާއަށް މަންމަ ބަލާލިއެވެ.
ޖަމީލާ:” ކާކުއާ ދަރިފުޅު އިންނަން ތި ޚިޔާލު ކުރަނީ؟ އެއީ އަނެއްކާ ކޮންކުއްޖެއް؟
ހަނީފު:” ޖަމީލާ، އިހަށް އެމަންޖެއާ އެހާ ގިނަސުވާލު ނުކުރޭ. ކެތްތެރިވޭ.
ޖަމީލާ:” އާނ. އެންމެރަނގަޅު. ދަރިފުޅު ކައިވެނިކުރަން ބޭނުންވާ ކުއްޖަކު ހުރީވިއްޔާ މަންމަމެނާ ބައްދަލުކުރަން މާދަންރޭ ގެއަށް ގެންނަން ދަޢުވަތުދީ.
އޭނާ އަޅައިގެން ހުރި ބޮޑުބުރުގާ ރަނގަޅުކޮށްލައި ކޮނޑުގައި އަޅުވާލިއެވެ. ކާން ހަފަހަފާ އިން ހަނީފަށް އެނގޭ ޖަމީލާ ކަންކުރާނީ އެހެންކަން. އެދެމައިން ވަނީ ކުރީންވެސް މިހެން ކަންކުރަން ވާހަކަ ދައްކާ ރާވާފައެވެ. އޭނާ ހިތްހަމަ ޖެހުނީ މާދަމާ ރެއަކީ ޚާއްސަރެއަކަށް ވީމައެވެ. އެހެނަސް އޭނާގެ ހޮވުން އެއީ ބައްޕަމެން ރުހޭކަމަކަށް ނުވެދާނެތީ ޖެހިލުންވެ ކަންބޮޑުވުމެއް ވިއެވެ.
ޖެހިގެން އައިދުވަހު އޭނާގެ ލޯބިވެރިއާއަށް ގުޅައިގެން ވާހަކަ ދައްކަން އޮތީ އެމީހުންގެ ރޭވުން ބޭނުންވާ ގޮތް ނޫން ވެއްޖެނަމަ ދެން ކަންކުރަން ޖެހޭނެގޮތާއި މެދުވެސް ބޮޑުރޭވުން ރާވައިގެނެވެ. އޭނާ ތައްޔާރުކޮށްފައި ހުރި ބޮޑު ސޫޓުކޭހަށް ނަޒަރުހިންގާލިއެވެ. ވެރިވީ އުފާވެރި ހިނިތުންވުމެކެވެ.
މިރެއަށްޓަކައި ޚާއްސަ ހެދުމެއްލައި އޭނާ ޒީނަތްތެރިވެ ނަލަހެދިގެން އިނީ މަންމައާއި ބައްޕަގެ ޖަވާބުގައި އޭނާ ކަންކުރަން ނިންމާނެގޮތަކާއި މެދު ދެޚިޔާލަކަށް ބުރަވެފައެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ.
=ނުނިމޭ=
