އޭގެ ފަހުން މަސްދުވަސް ފާއިތުވިއެވެ. އޭނާ އޮތީ ފިކުރެއްގައެވެ. އޭނާގެ ނަފްސަށް ކޮންމެވެސް އެއްޗެއް އުނިވަނީއެވެ. އިރެއްގައި ނަންހިނގާ ވަކީލެކެވެ. އަދު އެކަޗެއްވެސް ނެތްފަދަ އިޙްސާސެއްގައެވެ. ހަޔާތް މިހެން ބީރައްޓެހި ވެގެން އުޅެން އުނދަގުވާތީވެ އޭނާ އެހެން ހަޔާތެއް ފަށަން އުއްމީދު ކުރިއެވެ. ވިސްނުމާ ފިކުރެއްގައި އޮވެފައި އޭނާ ކަރުގައި އަޅާފައި އޮތް ފަށުފުލުގައި އިން ރަން ހިތްހުޅުވާލިއެވެ. އޭނާގެ ވިޝްވާނާ ދެދަރިންގެ ތަސްވީރު ދެފަރާތުން ފެންނަން ހުރީ އެހާމެ އުފާވެރިކޮށެވެ. އޭނާ ދަރިންނާ ބައްދަލުކޮށް އަލުން އެނބުރި ދާން ބޭނުންވި ވާހަކަ ބުންޏެވެ. އެކަމާއި ކަރީމާއާ ކާމިލު ދެބަހެއްނުވޭއެވެ. އޭނާ އެންމެ އުފާކުރީ ދަރިންނަށް އައު ހަޔާތެއް ހޯދާދެވުނީމައެވެ. މަންމައާއި ބައްޕަގެ މާފު ލިބިއްޖެއެވެ. ޝިރާނީ އެނބުރި ވަކީލެއްގެ ހަސިއްޔަތުން ބުރަމަސައްކަތްކޮށް ފުނޑުވެފައިވާ ހަޔާތުގެ ތަނބުކޮޅަށް ޖަހަން އަޒުމްކަނޑައަޅައި ދަތުރުފެށިއެވެ. އޭނާ އެނބުރި އަންނާނެ ކަމަށް ދަރިންނާ މައިންބަފައިން ގާތު ބުންޏެވެ. އޭނާ ދަތުރު ސާމާނުތަކާގެން ކާރަށް އަރައިގެން އަދު ދިޔައީ ނުހަނު އަގުހުރި ފިލާވަޅެއް ލިބިގެނެވެ.
އޭނާ ދިޔަތާ ފަސްމަސް ފާއިތުވިއެވެ. އެއްވެސް ޚަބަރެއްނުވިއެވެ. ދިޔައީ ކޮންތާކަށް ކަމެއް އުޅެނީ ކޮންދިމާއެއްގައި ކަމެއް އެނގުންވާނެ އެއްވެސް ގޮތެއްނެތެވެ. އޭނާއާ ގުޅޭނެ އެއްވެސް ގޮތެއްނެތީ ފޯނު އޮތީ އޭނާ ދިޔަދުވަހުން ފެށިގެން ނިއްވާލާފައެވެ. ދެން ކޮންމެ ކޯލަކަށް އިވެނީ ގުޅޭ ސަރަހައްދުން ބޭރުގަކަމަށެވެ. ކާފައާއި މާމަ ދުނިޔޭގައި ތިއްބައި ކާމިލު މީހަކާ އިންނަން ބޭނުންވިއެވެ. ހިތްހަމަޖެހުމާ އެކީ އެހެނަސް ހިތުގައި މަންމަ ނެތުމުން ވާ”ދެރަ” އެއްކައިރީގައި ބާއްވާފައި ކާމިލު ކައިވެންޏަށް ތައްޔާރުވަނީއެވެ. މަންމަގެ އިންތިޒާރުގައި އޭނާއަށް ކައިވެނި ލަސްކޮށްގެން ދުވަސްތަށް ބޭކާރުކޮށް މަޑުކުރެވޭކަށް ނެތެވެ.
އެ އުފާވެރި އޭނާ ކައިވެންޏަށް ފަހު ކާފަގެ ވިޔަފާރި ކުރިއެރުވުމަށް ބުރަމަސައްކަތް ކުރިއެވެ. ހަމަ އެފަދައިން އޭގެ ކުޑަދުވަސްކޮޅެއްގައި ކަރީމާގެ ކައިވެނި ކުރެވިއްޖެއެވެ. ދުވަސްތައް ފާއިތުވަމުން ދެއަހަރު ފާއިތުވީ ވައިރޯޅިއެއް ޖެހިގެން ދިޔަހެނެވެ. އެ ދެބެން މެދުގައި ދެކެވުނު ވާހަކައެކެވެ. މަންމަ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ މަންމަ އޭނާގެ މައިންބަފައިން ދޫކޮށްލާފައި ދިޔަގޮތައް ކަރީމާއާ ކާމިލު މަތިންވެސް ހަނދާން ނައްތާލާފައި ގެއްލިގެން ދިޔައީހެއްޔެވެ؟
ދުވަސްތައް އަހަރުތައް ފާއިތުވެ އެދެބެއިންނަށް ތެދުމަގު ދައްކައިދޭން ނަސޭހަތްތެރިވި އެ އޯގާތެރި މާމައާއި ކާފަ ދުނިޔެއާއި އަބަދަށް ވަކިވެގެން ދިޔައީ އެމީހުންގެ އަންހެން ދަރިފުޅަށް އެއްވެސް ހިތުގައި ބުރަކަމެއް ނެތި އެހެނަސް އެމީހުންގެ ފަހުނޭވާގައި ޝިރާނީ ދުށުމުގެ ނަސީބުން މަޙްރޫމްވެގެނެވެ.
(އޭނާއަށް ދުނިޔެ ދެއްކީ ކޮން މަންޒަރެއް ހެއްޔެވެ؟ އެއްވެސް މީހަކަށް ގަސްތުގައި ކުރިކަމެއްގެ ރަހަ އަރުތެރެއަށް ނުލައި ދުނިޔެ ފަސްޖެހޭނެ ހެއްޔެވެ؟)
ކުއްލިއަކަށް ދުއްވަމުން ދިޔަ ބަސްމަޑުޖައްސާލައި ބަރުގޮނު އަޅާލި އަޑަށް އެދުރުހަނދާން ތަކުގައި އެހެން ދުނިޔެއަކަށް ގެއްލިފައި އިން ޝިރާއަށް ތެޅިގެން ސިހުންވިއެވެ. ބަހުގައި ތިބި ބަޔަކު ގުޅަވެގެން ބައިގަނޑު ފައިބާ ނިމުނުފަހުން އޭނާއަށް ބަހުން ފޭބުނީ ވަރަށް ދަތިހާލުންނެވެ. މަޑުފިޔަވަޅުތަކެއްގައި އޭނާ ގޮސް ވަނީ ބައުވެފައި ހުރި ހޮޓަލަކަށެވެ. ކިތައްމެ ދަތިވިއަސް އަސާގަނޑު އެހީގައި ދެވަނަ ފަންގިފިލާއަށް އޭނާ ސިޑިން އެރީ ވަރަށް އުނދަގުލުގައި އެހެން މީހެއްގެ އެހީތެރިކަމާއި ނުލައެވެ. ބައުވެފައި ހުރި ކޮޓަރީގައި އޭނާ އޮށޯނަން ހުރި އެނދުގެ މަގަތުގައި ކުޑަ ބާލިދީއެއް ބަހައްޓާފައި ހުރީ މަތީ ފަންގިފިލާއިން ކޮންމެވެސް ގޮތަކުން ފެންލީކުވާތީ އެ ފެންތިކިތައް ޖަމާކުރަން ހުރި ވަސީލަތަކަށް ވީމައެވެ. ވެފައި ހުރި ވަރިބަލިކަމުގައި އޭނާ އޮށޯތެވެ. އޭނާއާއި ޖެހިގެން އެ އަސާގަނޑު ބާއްވާފައި އޮތެވެ.
ޝިރާއަށް ހޭލެވުނީ މަގުން ބަޔަކުމީހުން އަޑުގަދަކުރަމުން ދިޔައަޑަށެވެ. ސިހުންވެފައި ތެދުވިއެވެ. އޭނާ ތައްޔާރުވެގެން އެ ބައުހޮޓަލުން ނިކުތެވެ. މަގުއެއްކޮޅުން އަނެއްކޮޅަށް މީހުންގަނޑު ފުރިބާރުވެފައެވެ. އިންޑިއާގައި އެކި ސަގާފަތްތަކަށް ހަރަކާތްތަކާއިގެން ހޭބޯނާރައެވެ. ކޮރުޖަހައި ހިނގަމުން އޭނާއަށް ގޮސް އެ ފެންނަން ހުރި ޝޮޕިންގް މޯލަށް ވަދެފައި އެދާން ބޭނުން ދިމާގައި މީހުންތިބި ދިމާގައި އޭނާ ދުރުގައި އިންގޮނޑީގައި އިށީނެވެ. މި ފިހާރައަށް އަލަށް ތައާރަފުކުރާ އުޅަނދުފަހަރާއި އަންހެނުންގެ ކޮސްމެޓިކް ސާމާނުތައް ދައްކާލުމުގެ ރަސްމިޔާތެވެ.
ފިހާރައިގެ އޯނަރުންނާ ބޮޑުން ހާޒިރުވެ ސްޓޭޖުގައި އަތުރާލާފައިވާ ގޮނޑިތަކުގައި ތިއްބެވެ. ދުރަން ފެންނަން ހުރި އެ ދެމީހުންނަކީ އޭނާގެ ހިތުގެ އެންމެ ހިމަނާރަށް ލިބޭނެ އުފާވެރިކަމެވެ. ނަމަވެސް އެކަން އޭނާއަށް ހާމަ ކުރާނެ ގޮތަކާއި މެދުގައި އުޒުރުވެރިވިއެވެ. އަދު މި މުސްކުޅި އަންހެންމީހާއަކީ އެ ތިބި ދެ މީހުންގެ މަންމަކަމެއް އެމީހުން ޤަބޫލުކުރާނެހެއްޔެވެ.
ރަނގަޅެވެ. ކާމިލާ ކަރީމާދެ ކުދިން އެތިބީ ބޮޑުވެ ބޮޑެތި ވިޔަފާރިވެރިންނަށް ވެފައެވެ. އޭނާއަށް ދިމާވި ހާދިސާގެ ހަޤީޤަތް ބުނެދިނަސް އެކުދީން ޤަބޫލު ކުރާނެ ހެއްޔެވެ؟ އެދުވަހު އޭނާ ގެއިން ނިކުމެގެން ދިޔައީ ހަޔާތައް އައު ރާސްތާއެއް ހޯދަން ހިތުނިޔަތްގަނެގެނެވެ. ނަމަވެސް ކަންތައް ވީ ގޮތް އެނގޭނީ ކާކަށް ހެއްޔެވެ؟
ދިގު ދަތުރަކަށް ފަހު އޭނާ އެމެރިކާއަށް ދިޔައެވެ. އޭނާ ދަތުރުކުރަމުން ދިޔަ ރޭލު ކައްސާލައިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެތައް ސަތޭކަ މީހުން ފުރާނަތައް ގެއްލުނު އިރު ޝިރާއަށް ލޯހުޅުވާލެވުނު އިރުއޮތީ ގިނަ ބަޔަކު އެޑްމިޓްކޮށްފައިވާ ހޮސްޕިޓަލެއްގައެވެ. ގަޑިން ވީއިރެއް ނޭނގުނުތާގައި އޭނާއަށް ހޭވެރިކަން ވީ ތިންމަސްދުވަހު ކޯމާއެއްގައި ހޭނެތިފައި އޮވެފައެވެ.
އޭނާ ލައިގެން ހުރި މަޑު ނޫކުލައިގެ ބަލިމީހުންލާ ހެދުން ފިޔަވައި އެކައްޗެއްވެސް ނެތެވެ. ލިބިފައިވާ ވަރުބަލިކަމުގައި ތެދުވަން މަސައްކަތް ކުރިމެ އެހެނަސް އޭނާގެ އެއްފައި އޮތީ ކަކުލުހުޅުން ބުރިކޮށްފައެވެ. ބިރުން ހަޅޭއްލެވި އެކަމަކު އޭނާގެ އަޑެއް ބޭރެއް ނުވިއެވެ. އެކްސިޑެއްގައި އޭނާއަށް ލިބުނު ގެއްލުމުގައި ވާހަކަ ދެއްކުމަށް ނުކުޅެދިފައި އަތުގެ އިނގިލިތައް ލެނބިފައި ހުރުމުން އޭނާއަށް ނުކުޅެދުންތެރިކަން އިތުރުވިއެވެ. ގަޑިންވީ އިރެއް ދުވަހަކީ ކޮންދުވަހެއް ކަމެއް ނޭނގުނެވެ.
ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޭބުން ފިޔަވާ އޭނާގެ ނިކަމެތި ނަފްސަށް އެހެން އެއްވެސް ކަމެއް ނުވިއެވެ. ނުކުޅެދޭ ބަލިމީހެއް ގޮތުގައި އޭނާ އެ ހޮސްޕިޓަލު ބެލުމުދަށުގައި ރެފުޖީއެއްފަދައިން އޮންނަން ޖެހުނެވެ. ދެއަހަރު ފަހުން ނުކުޅެދޭ އަދި ބަލިމީހުންނަށް އެހީވާ ޓީމަކުން އައިސް އެކިމީހުންނަށް އަޅާލައި ފަރުވާދިނުމުގައި އޭނާއަށް ވެސް އެދީލަތި ހެޔޮއެހީ ލިބުނެވެ.
އަލަށް ޑޮކްޓްރީކަމާއި ބޭސްވެރިކަން ދަސްކުރަން އައި ދުނިޔޭގައި ކަންކޮޅުން ޒިޔާރަތްކުރި ކިޔަވާ ކުދީންގެ އެހީތެރިކަމާއި އޯގާތެރިކަން ލިބުނެވެ. ވާހަކަ ނުދެއްކި އަތުގެ ހަރަކާތްކެނޑި އެއްފައި ނެތިފައިވާ ޝިރާ ގޮނޑިއެއްގައި އިނަސް އޭނާއަށް ތެރަޕީތައް ދެމުން ސިއްހަތަށް ކުދި ހެޔޮބަދަލުތައްއައެވެ. އޭނާ ހަށީގައި ފުރާނަ ހުރިކަން އެނގުންވަނީ ކޮންމެ ދުވަހެއްގައި އައު ދުވަހަކަށް ދުނިޔެއަށް އިރުއަރައި ނުހުއްޓި ނޭވާލާތީއެވެ.
ދުވަސްތައް ފާއިތުވަމުން ދުނިޔޭގެ ބަދަލުނުވާ އާދައަށް ޤުދްރަތުން ހުރިހާ ދިރުންވާ ހުރިހާ އެއްޗަކަށް އޭގެ ޒާތުގައި އަންނަ ބަދަލުހެން އޭނާގެ ރީތި ޒުވާން މޫނުގައި ރޫޖެހެންފެށިއެވެ. އެ ރީތި އިސްތަށިގަނޑު ތުނިވާން ފަށައި ނަލަކަން ގެއްލި ހުދުވާންފެށިއެވެ. އެ ފަރިހަށިގަނޑު އަނަރޫފަވެފައި ނިކަމެތިވާން ފެށިއެވެ.
އެހެންނަމަވެސް އެ އުއްމީދުތައް މަރުވެފައި އިން އޭނާއަށް އެތައް އަހަރުތަކަށް ފަހު ދޫހަލުވާލެވުނެވެ. ވާހަކަ ދެއްކެނީ އުނދަގު ކޮށިކޮނެވެ. އަޑުގައި ބަރުކަމެއް ހުރެފައި ވާހަކަ ދެއްކުން އެއީ ފަސޭހަކަމަކަށް ނުވިއެވެ. އެހެނަސް އޭނާއަކީ ސިކުނޑިމޮޔަވެފައި އިންމީހެއްނޫންމެ. އޭނާ ހިތުގައި އޮތްހާކަމެއް އޭނާގެ ދެދަރިންނަށް އަންގާނެ ގޮތެއް ވިސްނެންފެށިއެވެ.
އެތައް ޒަމާން ތަކެއްފަހުގައި އޭނާ ހޮސްޕިޓަލުގައި އުޅެފައި ވަކަރުން ހަދާފައިވާ ފައެއް ޖަހައި އަސާގަނޑެއް އެހީގައި ހިގަން މަސައްކަތްކުރިއެވެ. މީހުން އާދަވެގެން ދިރިނޫޅޭ ބައުވެފައި ހުރި ކުދިކޮޓަރިތައް ހުރި އިމާރާތެއްގައި އޭނާ ދިރިއުޅެން ފުރުސަތުލިބުނެވެ. މި ތަނުގައި ގިނައީ އޭނާފަދައިން އަޅާލާނެ މީހުންނެތި އުމުރުން ދުވަސްވީ މީހުނެވެ. އޭނާ އަތަށާއި އިނގިލިތަށް ހަރަކާތްކުރުން އައިބުގޮތެއް ހުއްޓަސް އޭނާއަކީ މުސްކުޅިއުމުރުގައި ވެސް ކަންނެތްކަން ނެތް މުރާލިގޮތެއް ހުރިމީހެކެވެ.
އުމުރާއެކީ ބައެއްކަންތައް ހަނދާނުން ކެހިފައިވިއަސް އޭނާގެ ދެދަރިންނާ އެކުދީންނަށް މީރުވެގެން ތައްޔާރުކޮށްދީން ކާއެއްޗެހި ކައްކާދިން ގޮތްއަދިވެސް އެނގެއެވެ. އަދު އޭނާވެފައި އިންގޮތް ހަޤީޤަތް ކިޔާދިނަސް އެކަން ޤަބޫލު ކުރާނީ ކާކު؟
އެކިގޮތްތަކުން އޭނާއަށް ވީބުރަމަސައްކަތުން އެނގުނީ އިންޑިއާގައި އެ ވިޔަފާރިވެރިންގެ ބޮޑު ބައްދަލުވުމެއް ބާއްވަން ތާރީޚެއް ކަނޑައެޅި ޚަބަރެވެ. އޭނާއަށް ނިޔުސްތަކުން އެ ސުރުޚީ އިސްތިހާރުފެނުނެވެ. ދެން އޮތް ކުޑަވަގުތު ކޮޅުވެސް ފާއިތުވުމުގެ ކުރީން އެހެންމީހުން ކުރެން އެހީހޯދައިގެން އެދަތުރުފެށީ އެކުދީންނަށް ކުޑަ ހަދިޔާއެއް ހިފައިގެނެވެ.
ރޫޖެހިފައިވާ މޫނު ލަދުވެތިކަމާއި އެކު އިސްދަށް ޖަހައިގެން އިނދެފައި އޭނާ އިސްއުފުލާލިއެވެ. ދުރަށް ފެންނަން އެހުރި ހިތާއި ހަފާނަފްސުގެ އުފާވެރިކަމާއި ދުނިޔެއިން ހަމައެކަނި ލިބުނު ލޮލުގެ ފިނިކަމެވެ. އެކަނިވެރިކަން ފަޅުފިލުވާ އެ މިތުރުކަމަށް ވާ އަސާގަނޑު އެހީގައި މަޑުން ތެދުވިއެވެ. އެހިނގާފައި ދިމާއަކަށް ގޮސް އެތަނުގައި ފެންނަން އިން ސެކެޓްރީ ޒުވާން އަންހެނަކަށް ހަނައަޅާލިއެވެ. އޭނާއާއި ދިމާއަށް އައި ހިނިތުންވެފައި ހުރި ޒުވާން އަންހެންމީހާއާ އޭނާ އަދަބުވެރިކަމާއި އެކު އުނދަގުލުން ވަރަށް މަޑުން ވާހަކައެއް ދެއްކިއެވެ. އޭނާ ގެނައި ދަބަހުން ނެގި ކުޑަފޮށި ނަގައި އެއަންހެން މީހާއަތަށް ދީފައި މިތަނުގެ ވެރިމީހާއަށް ވެދުމަށް އެރުވުމަށް ބުނެފައި އެއްކަލަ އަސާގަނޑު ޖަހައި ވައިން ދޮރާދިމާއަށް ހިގައްޖެއެވެ.
ކޮރުޖަހަމުން މަޑު ފިޔަވަޅުތަކެއްގައި ގޮސް އޭނާއަށް ފެންނަން ހުރި ބަސް ސްޓޭޝަނަށް މަޑުކޮށްލިއެވެ. އޭގެ ފަނަރަ ވަރަކަށް މިނެޓްފަހުން ބަސް ދަތުރުކޮށްފައި ހުއްޓުނެވެ. މީހުންގަނޑު އެއަށް އަރައި ފުރާލައި އޭނާއަށް އެރުނީ އެންމެފަހުންނެވެ. އޭނާ އިންސީޓު އަރިމަތީ ކުޑަދޮރު ފޮތިގަނޑު ކަހާލައި ބިއްލޫރިގަނޑަށް ބަލާލިއެވެ. ހިނިތުންވިއެވެ.
ބަސްހުއްޓިއޮތް ދިމާކުރިމަތީގައި އެހުރި އިމާރާތުގައި އެހަފްލާތައް ނިންމައި މީހުން ނިކުމެ ތޮށްޖެހިގެން އެކިދިމާއަށް ދަނީއެވެ. ކާމިލުއާ ކަރީމާ އޮފީހުގައި މަޑުކޮށްލައި ވާހަކަ ދައްކަން ތިއްބެވެ. އެދެމީހުންނަށް ވެސް ދަރިން ލިބި ދިރިއުޅެނީ އުފަލާއި ނިޔާމާގައެވެ.
ސެކެޓްރީ އެގެނައި ފޮށިމިއީ މިތަނަށް ޒިޔާރަތް ކުރި މުސްކުޅި އަންހެނަކު ދީފައިވާ ޑެލިވެރީއެކެވެ. އެތަނުގައި އެތައް ބަޔަކު މިހަފްލާގައި ގެނެސްފައިވާ ޕާރރިސަލްތައް މަދެއްނޫނެވެ. މާބޮކޭތަކާއި އެހެނިހެން ހަދިޔާތަށް ފުރިފައެވެ.
އެހެނަސް މިއީ ކުޑަފޮށްޓެވެ. ކަރީމާ އެއާދިމާއަށް ނަޒަރުހުއްޓި އިނދެ އެ ޕާރސްލް ފޮށިކަނޑާލިއެވެ. އޭނާ އާހްގެއަޑު ނެރި އަނގައިމަތީގައި އަތްއަޅާލެވުނެވެ. ކާމިލަށް ދައްތައަށް އެވީގޮތް ފެނިފައި އެއީ ކޮންއެއްޗެއްތޯ ބެއްޔެވެ.
ދެމީހުންގެ ލޯބޮޑުވިއެވެ.
އެކަކު އަނެކާއަށް ބަލާލެވުނެވެ. އެއީ ކިހިނެއް ވާނެކަމެއް؟
ޤަބޫލު ކުރަންދަތިވިއަސް އެތައް އަހަރު ތަކެއްފަހުން އެދެމީހުން ދެބައި އުމުރަށް ގޮސްފައިވަނިކޮށް މިލިބުނު ހަދިޔާއަކީ މާޒީއިން ހަނދާނުން ފޮހެނުލެވިފައިވާ އެއްޗެކެވެ. އެއީ އެމީހުން ކުޑައިރު މަންމަ ތައްޔާރުކޮށްދޭ ހަނދާނުން ނުފިލި އެރަހައަކަށް ބަދަލުނުވި މީރު ފެހިއަދި ނޫކުލައި މާޖެހި ކުދިކަޕްކޭކެވެ.
ދެމީހުންނަށް ތެޅިގަނެ އެތަނުން ނިކުތީ މީހުންގަނޑު ޖަމާވެފައިވާ މަގަށެވެ. އެބުނާ މުސްކުޅިއަންހެން މީހާއަކީ ކާކުބާ؟ މީހުން ގަނޑުތެެރެއިން އެމީހާ ހޯދާނީ ކިހިނެއް؟
އެމީހުން ކުރިމަތީ އޮތް ބަހުގައި އޭނާ ފިކުރެއްގައި އިނދެފައި ލޮލުން ފޭބި ކަރުނަފުހެލައި އެ ދޮރުފޮތިގަނޑު ކަހާލައި ނިވާކޮށްލިއެވެ.
އޭނާގެ ދެދަރިން އެތާނގައި އޭނާ ހޯދަން ނިކުމެ އުޅުނުކަން ޝިރާއަށް އެނގޭނީ ކިހިނެއް؟
ބަސް ދަތުރުފެށިއްޖެއެވެ. ބަސް ދަތުރުކޮށްފައި އެދިޔައީ މާދުރަށެވެ. ފަހަތުގައި ނޭނގިވާނުވާގައި މަގުމަތިން ދިޔަކޮންމެ މީހެއް ހުއްޓުވައި ކާކުތޯ ބަލައި ފާސްކޮށް އޮޅުން ފިލުވަން އެދެބެއިން ތިއްބަސް ޤަދަރުގައި ބައްދަލުނުވާން ހުރި މީހަކު ފެންނާނީ ކިހިނެއް؟
އޭނާ އެނބުރި އައި ދިމާއަށް ދެވުނީ ދިގުދަތުރަކަށް ފަހުއެވެ. ފެންނަން ހުރި ޕާކުތެރެއަށް އަސާގަނޑުއެހީގައި ވަދެފައި ކުރިން އިން ހިލަގޮނޑީގައި އިށީނެވެ. ކުޑަކުދިން ކުޅެން އައިސް ކޮތަރުތަކަށް ކާންދޭން އުޅުނެވެ. ކުޑަކުދީން ފެނުމުން އޭނާއަށް ހިތްހަމަޖެހުން ލިބުނެވެ. އަދު ޝިރާގެ ފަރާތުން އެއްވެސް މީހަކަށް އުނދަގުލެއް ތުރާލެއް ޖެހޭކަށް ބޭނުން ނުވޭއެވެ. އޭނާ މައިންބަފައިންގެ ބަސް ޤަބޫލުނުކުރި ކަމުގެ ހިތި ރަހަ އަރުތެރޭގައިލިއެވެ. ރަނގަޅެވެ. ޝިރާއަށް މައިންބަފައިންގެ މާފުލިބުނެވެ.
ލޯބިވާ ދެ ކުދީންނަށް އޭނާއަށް ވީހެން ތެދުމަގުން އެއްކިބާނުވެ އަލިމަގަށް ދަތުރުކުރަން ރާސްތާދެއްކުނެވެ. އެހެނަސް ދުނިޔެ އޭނާއަށް ބަދަލުދިނީ އޭނާ ކަންކުރިގޮތް ފިލާވަޅެއް ގޮތުން ދުވަހަކުވެސް ހަޔާތުން ދުރުނުވެވޭނެ ހިތުންނުފިލި އެ ލިބުނު ކުޑަ އުފާވެރިކަމާއި ސިކުނޑީގައި އަބަދަށް ހަރުލާފައިވާ އެ “ވޭނީ ހިތި ހަނދާންތަކާއި” އެކުގައެވެ.
=ނިމުނީ=
