އެދެމައިން މޫނުން އެއްވެސް ކަމެއް ހާމަ ނުކުރިއަސް ހިތުގައި ދަރިފުޅު ޝިރާނީ ދެކެވާ ލޯތްބައް ކުޑަ ޒައްރެއްގެ މިންވަރަށް ވެސް އުނިކަމެއް ނެތެވެ.
ޖެހިގެން އައިދުވަހު އެދެކުދިން ބޭރަށް ނިކުތެވެ. ބޮޑު ގަނޑުވަރެއް ފަދަގެއެކެވެ. ގޭގައި އުޅޭ ނޯކިރީ އައިސް ކެތްލީނާ ގޮވައިގެން ގެންދިޔައެވެ. އެއީ ވަރަށް ހިތްހެޔޮ މީހެއްކަން ހާމަވީ އެމީހާގެ ހިނިތުންވުމާ މަޑުމައިތިރިކޮށް ވާހަކަ ދެއްކީމައެވެ.
މާމައާ ކާފަ ކުރިމައްޗަށް ހަށިގަނޑު ނިވާނުކޮށް ދިޔުން މަނާކަމެއްކަން ބުނެދިނެވެ. އެއްވެސް ސުވާލެއް ނެތި އޭނާ ލައިގެން ހުރި ޖީންސާ ޓޮޕު ބަދަލުކޮށްލީ ރީތި ނަލަ ހެދުމަކަށެވެ. އޭނާ ފުރަތަމަފަހަރަށް ބުރުގާގައި ނިވާވުމުން އޭނާގެ އަންހެން ވަންތަ ރީތިކަމަށް އިތުރު ހާސްބައި ފުރިހަމަވެގެން ދިޔައެވެ. އެޑަމްވެސް އޭނާ ލައިގެން ހުރި އެކިދިމާއިން ފަޅަފަޅާއިގެން ބައުހެދި ފެޝަނަށް ލާފައި ހުރި ޖީންސާއި ޓީޝާޓް ގަމީހާ ފަޓުލޫނަށް ބަދަލުކޮށްލީމައި އޭނާގެ ހައިބަތާ ޤަދަރުވެރި މީހެއްފަދަ ޖެހިއްޖެއެވެ.
އެތައް ޒަމާން ތަކަށް ފަހު ޝިރާނީ މައިންބަފައިނަށް އިހްތިރާމާ އެކީ ކުރިމަތިލިއެވެ. އޭނާ ލަދުވެތިކަމާ އެކީ އެ ނަލަ ފަރި ނަލަ ހަށިގަނޑު ބަލަން ނުޖެހޭ ލޯތަކަށް ނުފެންނާނެ ހެން ނިވާކަމުގައި ހެދުން އެޅިއެވެ. ކާމޭޒު ދޮށުގައި ތިންމައިން ތިއްބެވެ. ޖަމީލާއާ ހަނީފު އައިސް އިށީނެވެ. ޖަމީލާ އޭނާގެ މާމަ ދަރިންނަށް ލޯބިން ބަލާލައި ވާހަކަ ދައްކާހެދިއެވެ. އަދިވެސް ޝިރާނީ އިނީ ލަދުގެންފައެވެ. މަންމައާ ބައްޕައަށް މާފަށް އެދޭނެ ގޮަތަކާ މެދު އެސުވާލު އަހާނެގޮތެއް ނޭނގިފައެވެ.
ޝިރާނީ:” މަންމާ، ބައްޕާ، އަޅުގަނޑަށް މާފުކުރޭ. އިސްދަށަށް ޖަހައިގެން އިން އޭނާ ލޮލުން ކަރުނަތައް ހިފެހެއްޓުމެއް ނެތި އޮހޮރިގެންފިއެވެ.
ހަނީފު:” ދަރިފުޅަށް މާފުކޮށްފިން. އެދުވަހު ގޮތް ނިންމީ ދަރިފުޅު ބޭނުންވި ގޮތައް. ބައްޕަ އާ މަންމަ އެކަނިކޮށްލާފަ އެ ދަންގަޑީގަ ދިޔުމުން އަހަރެމެން ގުނަވަންތަކުން ބައެއް އުނިވެގެން ދިޔަ. އެ ހިތްތަދިކަން އިޙްސާވެ އަދާ ހަމައަށް އެ އުނިވެފަ ހުރި ގުނަވަންތައް މި ފުރިހަމަ ވެގެން ދިޔައީ އަހަރެމެން ދެމައިންގެ ކާފަމާމަ ކިޔާ ދެދަރިން ފެނުނީމަ.
ޖަމީލާ:” އެހެންވީމަ އަދު ގޮތް ނިންމާނީ މަންމަމެން.
އޭނާ ވާހަކަ ދެއްކީ އޯގާތެރިކަމާއި އެކުގައެވެ. ދުރުން ނޯކަރަކު ތެޅެމުން އައެވެ. މެޚްމާނަކު ޒިޔާރަތް ކުރި ޚަބަރުދޭށެވެ. އެމީހަކަށް ޚާއްސަކުރެވިފައިވާ ގޮޑީގައި އެއައި މީހަކު އައިސް އިށީނެވެ.
އެއީ ހަނީފުމެންގެ ވަކީލެވެ. ޝިރާނީ ކަންކުރިގޮތުން އޭނާ ހަމަ މަގުން ކައްސާލައި މިސްރާބު ޖެހީ ކަށިކުނބުރެއް ފަދަ އަނދިރި މަގުންނެވެ. އޭނާގެ ބައިވެރިއަކަށް އިޚްތިޔާރު ކުރީ ނޫރުން ފުރިގެންވި މާތް ދީނުން ބޭރުވެފައިވާ އެއްކަޢު ވަންތަ ފަރާތައް ސަޖިދަ ނުކުރާ މީހަކަށެވެ. އަދި އެއީ އިސްލާމް އަންހެނަކަށް ހުއްދަވެގެން ކައިވެނި ހައްޤުވާނެ ކަމެއް ނޫނެވެ. އެ އަނދިރި ހަޔާތުން ދަތުރު ކުރި ރާސްތާއިން އޭނާއަށް އަގުހުރި ދެމޭވާ ލިބުނުމެ، ނަމަވެސް އޭނާކުރި ކުށުގެ އަދަބު އެއީ ހައްޤު އެއްޗެކެވެ.
އެއްވެސް ކަމެއްގެ ހަޤީޤަތް ނޭނގިތިބި އެ ކުދީންގެ އެއްވެސް ކުށެއް ނެތެވެ. މައިންބަފައިންގެ ނަސޭހަތަށް ކޮޅުންފައިން ޖަހާފައި އޭނާއަށް ހަޔާތުގައި އެއްވެސް ހިތްހަމަ ޖެހުމެއް އުފަލެއް ނެތި ދުނިޔެ އޭނާއަށް ދެއްކި ފަރުދާވެފައިވާ އަނދިރި ހަޔާތުން އަލުން އެނބުރި އަންނަން ޖެހުނީ ހުސްއަތާއެވެ. އެހެނަސް ނަސީބު ހުރިގޮތުން ވަގުތު ފާއިތުނުވަނީސް ޝިރާނީއަށް ލިބުނު ދެދަރިން ހެޔޮ އަލިމަގަށް ގެނުވަން ފުރުސަތު ލިބުނީތީ އުއްމީދު ފަނޑުވެފައިވާ ހަނީފުގެ ދެމައިން އުފާކުރިއެވެ. އިތުރު ބަޔަކު ޒިޔާރަތްކުރިއެވެ. މި ގެނައި ހެކިވެރިން ހާޒިރުގައި އެންމެން ކުރިމަތީގައި އޭނާގެ ނިންމުން ޢިއުލާން ކޮށް އަބަދަށް ސިއްކަޖެހިއެވެ.
ހަނީފުއާ ޖަމީލާގެ ހުރިހާ ވާރުތަ ތަރިކަ މުދަލަކާއި ޖައިޒާދުގެ ހުރިހާ އެއްޗެއް ދެފަރާތައް ބަހާލައި ހައްޤު ކުރެވުނީ އެދެމައިންގެ ހުރި އަންހެން ދަރިފުޅު ޝިރާނީގެ ކިބައިން ދުނިޔޭގައި ތިބި ދެދަރިންނަށެވެ. ޅައުމުރުން ފެށިގެން ހަލާލު ފައިސާއިން ބިންގާ އަޅައި މުއްސަނދިވި މަހުޖަނުން ފަދަ އެދެމައިންގެ މިލްކިއްޔާތުން ލޯބައިރުފިޔާ ފޮށްޗެއްވެސް ، ކިއެއްތަ ޒައްރެއްގެ މިންވަރުވެސް ޝިރާނީއަކަށް ދުވަހަކު ވެސް ނުލިބޭނެހެން އޭނާ ވަސިއްޔަތްކޮށް ސިއްކަޖަހައި ނިންމިއެވެ.
މައިންބަފައިންގެ ބަސް ޤަބޫލުނުކޮށް އޭނާ ހޯދި އަނދިރި ހަޔާތުގެ އަދަބު މިއީ އޭނާއަށް ހައްޤު އަދަބުކަން ޤަބޫލުކޮށް އޭނާ އެކަމާއި އިންކާރު ނުކުރެއެވެ. މި އަނިޔާ އޭނާ ހޯދީ އަމިއްލައަށެވެ. އަދު ކަންތައް އެވީ އެއީ އޭނާ ކުރި ކުށުގެ އަދަބެއްގެ ގޮތުން ލިބުނު ފިލާވަޅެވެ.
އަދު މަންމައާ ބައްޕަގެ ހިތުގައި އޭނާއަށް އެއްވެސް ބުރަހިތެއް ރުޅިވެރިކަމެއް ނެތެވެ. ކަންއެހެން އޮތަސް ޝިރާނީއަށް ދުވަހަކުވެސް އެމީހުންގެ ހިޔާވަހިކަމުގައި މަރުޙަބާ ކިޔައި ދިރިއުޅެވޭނެ ޖާގައެއް ނެތެވެ. އެދުވަހު އޭނާ އަމިއްލަ ގޮތް އިޚްތިޔާރުކުރި ގޮތައް މިއަދު ވެސް ހަމައެގޮތައް މިގެއިން ނިކުމެގެން ފަސްއެބުރި ބަލާނުލައި ބާރު ފިޔަވަޅުތަކުން ދާންވީއެވެ.
މައިންބަފައިންނަކީ އަގެއް ނެތް ބަޔަކަށްވެ ، އެމީހެއްގެ އަތާއަތް ގުޅާލައި އެ ލޯތްބަކުން ހިތް ދީވާނާވި އެރޭ އޭނާއާއެކުގައި ވިޝްވާން ހުއްޓެވެ. އަދު އޭނާއާ އަތާއި އަތްގުޅާލައިގެން ދާނެ އެހެން އިތުރު މީހެއް އޭނާގެ އަމިއްލަ ހިޔަނި ފިޔަވައި ދާނެ އެހެން އެއްޗެއް ނެތެވެ. އޭނާއަށް ޖެހުނީ ލިބުނު ދެދަރިން ވެސް އަދު ދޫކޮށްލާފައި އެކަނިމާއެކަނި އެހަނދާންތަކާއި ގުޅިލާމެހިފައިވާ ކުޑަދުވަހު ދިރިއުޅުނު ގެއިން ނިކުންނާށެވެ.
އިނގިލިތައް ތުރުތުރު އަޅައި ހިތުގައި ޖެހި ހިތުގައިވާ ލޭނާރުތައް ފަޅައިގެން ދިޔަ ކަހަލައެވެ. އޭނާ ކުރި ކުށުގެ ޝަޒާ އޭނާ ޤަބޫލުކޮށް މައިންބަފައިންގެ ނިންމުމާ އެއިން އެއްވެސް ކަމަކާއި އިނދިކޮޅުވެ އަދު “އުފް”ވެސް ނުބުނެ ދެކޮޅު ނަހަދައެވެ.
ގަސްތުގައި އޭނާއަށް ކުރި ކުށުގެ އަދަބު ހައްޤެވެ. ހުރިހާ ކަމެއް ނިންމައި ބައްދަލުވުންތައް ނިމުމަކަށް އައެވެ. އޭނާ ލޮލުން ވޭނީ ކަރުނަތައް އޮހޮރިގެން ފޭބިއެވެ. އެ ވޭނީ ހިތްދަތިކަރުނަ ތަކުގެ ފަހަތުގައި ހިތަށް ދިރުންވެ ފިނިކަމެއް ލިބިގެންދިޔައީ އޭނާގެ ކުށެއްނެތް ދެދަރިންނަށް ތެދުމަގުން އެއްކިބާވެގެން ދިޔުމުގެ ފުރުސަތު ނުލިބި ނޫރުގެ އަލިމަގަށް ފިޔަވަޅު އަޅަން ފުރުސަތު ލިބުނީމައެވެ.
އޭނާ ކުރާނީ ކީއްހެއްޔެވެ؟ ބާކީ އޮތް އުމުރުގައި މި ލިބުނު ފިލާވަޅުން ދުނިޔެ ދަސްކޮށްދިން ފިލާވަޅުން އެއްޗެއް ވިސްނުނުބާ؟ ދެން ކުރިއަށް ވާން ހުރީ ކޮންކަމެއް ނޭނގެއެވެ.
ޢާއިލާގެ އެންމެހާ ކަންކަން ނިމުމަކަށް އައިއިރު، ހަނީފުގެ ދެމަފިރިންގެ މުދަލާއި ތަރުކާގެ ވާރިސުންނަކީ ކުރިން ކެތްލީނާ އަދި އެޑަމްގެ ނަމުން މަޝްހޫރުވެފައިވާ، މިހާރުގެ ކަރީމާ އާއި ކާމިލެވެ. ހަނީފު އޭނާގެ ވިޔަފާރިތަކާއި ދަނޑުވެރިކަމުގެ ބިންތައް އެ ދެކުދިންނަށް ދައްކައި، އޭނާ އާއި އޭނާގެ އަނބިމީހާ ނެތް ދުވަހަކުން އެ ތަންތަން ބަލަހައްޓާނޭ ގޮތުގެ އިރުޝާދުތައް ތަފްސީލުކޮށް ކިޔައިދިނެވެ. އެރޭ އެތައް ވާހަކަތަކެއް ދެކެވުނެވެ. މުއްސަނދިކަން ލިބިފައިވީ ނަމަވެސް، މާޔޫސްކަމުގައި އުޅެމުންދިޔަ އެ ހިތަށް އެރެއަށްފަހު އާދަޔާޚިލާފު އުފާވެރިކަމަކާއި ދިރުމެއް ލިބިގެންދިޔައެވެ.
ޖަމީލާގެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުމާއި އުފާވެރިކަމުން ދޭހަވަނީ އޭނާގެ ހިތާމަތައް ފިލައިގޮސްފި ކަމެވެ. އޭނާގެ މުސްކުޅި އުމުރުގައި މާމަދަރިންނާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އޭގެ ފަހުން މަސްދުވަސް ފާއިތުވިއެވެ. އޭނާ އޮތީ ފިކުރެއްގައެވެ. އޭނާގެ ނަފްސަށް ކޮންމެވެސް އެއްޗެއް އުނިވަނީއެވެ. އިރެއްގައި ނަންހިނގާ ވަކީލެކެވެ. އަދު އެކަޗެއްވެސް ނެތްފަދަ އިޙްސާސެއްގައެވެ. ހަޔާތް މިހެން ބީރައްޓެހި ވެގެން އުޅެން އުނދަގުވާތީވެ އޭނާ އެހެން ހަޔާތެއް ފަށަން އުއްމީދު ކުރިއެވެ. ވިސްނުމާ ފިކުރެއްގައި އޮވެފައި އޭނާ ކަރުގައި އަޅާފައި އޮތް ފަށުފުލުގައި އިން ރަން ހިތްހުޅުވާލިއެވެ. އޭނާގެ ވިޝްވާނާ ދެދަރިންގެ ތަސްވީރު ދެފަރާތުން ފެންނަން ހުރީ އެހާމެ އުފާވެރިކޮށެވެ. އޭނާ ދަރިންނާ ބައްދަލުކޮށް އަލުން އެނބުރި ދާން ބޭނުންވި ވާހަކަ ބުންޏެވެ. އެކަމާއި ކަރީމާއާ ކާމިލު ދެބަހެއްނުވޭއެވެ. އޭނާ އެންމެ އުފާކުރީ ދަރިންނަށް އައު ހަޔާތެއް ހޯދާދެވުނީމައެވެ. މަންމައާއި ބައްޕަގެ މާފު ލިބިއްޖެއެވެ. ޝިރާނީ އެނބުރި ވަކީލެއްގެ ހަސިއްޔަތުން ބުރަމަސައްކަތްކޮށް ފުނޑުވެފައިވާ ހަޔާތުގެ ތަނބުކޮޅަށް ޖަހަން އަޒުމްކަނޑައަޅައި ދަތުރުފެށިއެވެ. އޭނާ އެނބުރި އަންނާނެ ކަމަށް ދަރިންނާ މައިންބަފައިން ގާތު ބުންޏެވެ. އޭނާ ދަތުރު ސާމާނުތަކާގެން ކާރަށް އަރައިގެން އަދު ދިޔައީ ނުހަނު އަގުހުރި ފިލާވަޅެއް ލިބިގެނެވެ.
އޭނާ ދިޔަތާ ފަސްމަސް ފާއިތުވިއެވެ. އެއްވެސް ޚަބަރެއްނުވިއެވެ. ދިޔައީ ކޮންތާކަށް ކަމެއް އުޅެނީ ކޮންދިމާއެއްގައި ކަމެއް އެނގުންވާނެ އެއްވެސް ގޮތެއްނެތެވެ. އޭނާއާ ގުޅޭނެ އެއްވެސް ގޮތެއްނެތީ ފޯނު އޮތީ އޭނާ ދިޔަދުވަހުން ފެށިގެން ނިއްވާލާފައެވެ. ދެން ކޮންމެ ކޯލަކަށް އިވެނީ ގުޅޭ ސަރަހައްދުން ބޭރުގަކަމަށެވެ.
ކާފައާއި މާމަ ދުނިޔޭގައި ތިއްބައި ކާމިލު މީހަކާ އިންނަން ބޭނުންވިއެވެ. ހިތްހަމަޖެހުމާ އެކީ އެހެނަސް ހިތުގައި މަންމަ ނެތުމުން ވާ”ދެރަ” އެއްކައިރީގައި ބާއްވާފައި ކާމިލު ކައިވެންޏަށް ތައްޔާރުވަނީއެވެ. މަންމަގެ އިންތިޒާރުގައި އޭނާއަށް ކައިވެނި ލަސްކޮށްގެން ދުވަސްތަށް ބޭކާރުކޮށް މަޑުކުރެވޭކަށް ނެތެވެ.
އެ އުފާވެރި އޭނާ ކައިވެންޏަށް ފަހު ކާފަގެ ވިޔަފާރި ކުރިއެރުވުމަށް ބުރަމަސައްކަތް ކުރިއެވެ. ހަމަ އެފަދައިން އޭގެ ކުޑަދުވަސްކޮޅެއްގައި ކަރީމާގެ ކައިވެނި ކުރެވިއްޖެއެވެ. ދުވަސްތައް ފާއިތުވަމުން ދެއަހަރު ފާއިތުވީ ވައިރޯޅިއެއް ޖެހިގެން ދިޔަހެނެވެ. އެ ދެބެން މެދުގައި ދެކެވުނު ވާހަކައެކެވެ. މަންމަ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ މަންމަ އޭނާގެ މައިންބަފައިން ދޫކޮށްލާފައި ދިޔަގޮތައް ކަރީމާއާ ކާމިލު މަތިންވެސް ހަނދާން ނައްތާލާފައި ގެއްލިގެން ދިޔައީހެއްޔެވެ؟
==ނުނިމޭ==
(ދެން އަންނާނީ ފަހުބައި)
