އޭނާ، ކާރު ޕާރކް ކޮށްފައި ޝިރާއަށް ގުޅާލީ ގެއަށް ވަނުމުގެ ކުރީން ކިޔަން ޖެހޭ ބަސް ( ސަލާމް) ދޭނެގޮތް ޖުމްލަ ރަނގަޅުގޮތް ކޮށްލާށެވެ.
ހަނީފުގެ ދެމައިން ސިޓިންގް ރޫމްގައި ތިބީ މި ރޭގެ ޚާއްސަމެޚްމާނާއި ކުރިއަށް ވާން އުޅޭ ދަނބިދަރިފުޅާ ބައްދަލުކޮށްލަން ކެތްމަދުވެފައެވެ.
ޝިރާ ވަރަށް ނަލަހެދިގެން ކަންފަތު މުދި ލަމުން ސިޑިން ފައިބައިގެން ތިރިއަށް އައެވެ. ގަހެއްގައި ބޮކިފައްޗަކުން ޒީނަތްތެރި ކޮށްލާފައި ހުރިހެން ގަހަނާތަކުން އަންހެން ދަރިފުޅު ނަލަހެދިފައި ހުރުމުން ޖަމީލާގެ ހިތަށް ނުތަނަވަސްކަމެއް ކުރުވިއެވެ. އެހެނަސް ބޮޑުވެފައި ހުރި އަންހެންދަރިފުޅުގެ އެ ނިންމުމާ މެދު އެއްޗެއް ބުނަން އެނގޭނީވެސް އެކަމެއްގެ ހަޤީޤަތް ލޮލުން ފެނި އެނގުމުންނެވެ.
ޝިރާ ގޮސް ދޮރުހުޅުވާލައި، ބޭރުން އައި މީހާގެ އަތުގައި ހިފައިގެން ގެއަށް ވަދެގެން އައެވެ. އޭނާއާއެކުގައި އައި ޒުވާނާއަކީ އިސްކޮޅުން ދިގު ރީތި ފިރިހެނެކެވެ. މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު އެމީހާ ހިނިތުންވެ “އައްސަލާމް އަލައިކުމް” އޭ ބުނެލިއެވެ. ނަމަވެސް އެމީހެއްގެ ދެއަތްތިލަ ޖައްސައި ސަލާމަށް އުފުލާލައި އަތްޖޯޑުކޮށްލި ގޮތުން މިއީ ޒުވާނާ އެމީހުންގެ ސަގާފަތުގައި މީހުންނާ ގުޅުން ބަދަހިކޮށް އަދަބުވެރިވާން ކަންކުރާގޮތްކަން ޖަމީލާއަށް ފަހުމުވިއެވެ. ޝިރާ އައިސް މަންމައާއި ބައްޕައަށް ފުރަތަމަ ފަހަަރަށް އޭނާ ކައިވެނި ކުރަން ބޭނުންވީ ޒުވާނާއަކީ ކާކު ކަމާއި އޭނާގެ ހުރިހާ ވަނަވަރު ކިޔާދިނެވެ. އެޒުވާނާ އާއި އޭނާގެ ގުޅުން ބަދަހިވިގޮތް އެއްވެސް އޮޅުވާލުމަކާއި ނުލައި ކިޔަދިނެވެ.
ރަނގަޅެވެ. އެއީ ބަލައިލާން ރީތި މީހެކެވެ. އަދާ ކުރަނީ ރަނގަޅު ވަޒީފާއެކެވެ. އެއީ ޢާއިލާ ބޮޑު ތަނަވަސްކަން ހުރި މީހެކެވެ. ނަމަވެސް މިހުރިހާ ކަމެއް މިއީ ދުނިޔޭގައި އެމީހާގެ ފުރިހަމަ ވެފައި ދެއްވާފައިވާ ހުރި ނިޢުމަތްތަކަށް ވިއަސް އޭނާއަކީ ޣައިރު މުސްލިމެކެވެ. މިކައިވެނި ކުރާނީ ކިހިނެއްހެއްޔެވެ؟ ފޮތުގެ އަހުލުވެރިންގެތެރެއިން ޣައިރު މުސްލިމު އަންހެނަކާއި މުސްލިމު ފިރިހެނެއްގެ ކައިވެނި ސައްހަވިޔަސް ޣައިރުމުސްލިމް ފިރިހެނަކާއި މުސްލިމް އަންހެނަކާއި ކައިވެނި ކުރުން އެއީ ކަނޑައެޅިގެން ޙަރާމް ކަމެއްކަމާއި އެކައިވެނި އިސްލާމީ ޝަރީޢަތުން ބަލައިނުގަންނާނެކަން ހިނިތުންވެފައި ހަނީފު އޮޅުންފިލުވާދީ ބުނެދީ ހިތުގެ އަޑިން ހިތާމާކުރާހާލު އޭނާގެ އަންހެން ދަރިފުޅަށް ހަނީފު ނަސޭހަތްތެރިވީ އެހާމެ އޯގާތެރިކަމާއި އެކުގައި އެކުރަން އުޅޭކަމަކީ ބުއްދިވެރި ރަނގަޅު ނޫންކަމެއްކަން ބުނެދެމުންނެވެ.
އެކަން އެގޮތަށް ވާން ބޭނުން ނަމަ އެ ޒުވާނާއަށް ތެދުމަގަށް ބޯލަނބައި އީމާންކަމުގެ އަލިކަމުގެ ނޫރުން ފުރިގެންވި މަގުން ހިނގުމަށް ނަސޭހަތްތެރިވިއެވެ. ކަންތައް އެވީ އެދެމައިންނަށް ހީކުރެވުނު ގޮތަކަށްނޫނެވެ. އޭނާ ފުރަތަމަ ދުވަހުން ފެށިގެން އެގުޅުންބަދަހި ކުރުވި ވިޝްވާނަކީ އޭނާގެ ދެދުނިޔެކަމަށް ޝިރާ ވަނީ މާކުރިންވެސް ޤަބޫލުކޮށްފައެވެ. ވިޝްވާން ދެކެވާ ލޯބިން އޭނާއަކީ ކޮންމެ ތަނެއްގެ ކޮންމެ މީހަކަސް އޭނާއާ ނުލައި ދިރިނޫޅެވޭނެ ކަމަށްބުނެ ޝިރާ ފަރިތަކަމާއި އެކު ދޫހަލުވައި ގަދަ ބަސްބުނެލީ މައިންބަފައިންނަށްޓަކައި އެއްވެސް އިޙްތިރާމެއް ޤަދަރެއްނެތިއެވެ. އޭނާއަށް ޓަކައި މައިންބަފައިންވީ ލޯތްބާއި އޯގާތެރިކަން ވިއްސިވިހާލެވި އަޅިއަށްވެ ކުނޑިވެގެން ދިޔަކަހަހަލައެވެ.
ދެކެވުނު ވާހަކަ ތަކުން އޭނާގެ ރުޅިގަނޑު އިންތިހާއަށް ދިޔައެވެ. މަންމައާއި ބައްޕަ ބުންޏަސް ވިޝްވާނަކާއި ޝިރާނީއަށް ދެން ދުވަހަކުވެސް ދުރުނުވޭ ވަރަށް ލޯބިވި ވާހަކަ ބުނެލީ ހަރުކަށި އިބާރާތުންނެވެ.
މާކުރިއްސުރެ ރާވައި ކަންކުރަން އޭނާ ބޭނުންވިގޮތަށް އެ ފިޔަވަޅުތައް އަޅައި ރެއިން ފެށިގެން ތައްޔާރުކޮށްފައި ހުރި ބޮޑު ސޫޓްކޭސް ފޮށި ދަމައި ކޫއްތަމުން އޭނާ ގެއިން ނިކުމެގެން އެދިޔައީ އަދު މައިންބަފައިންނަކީ ދުނިޔޭގައި ތިއްބަސް ނެތްބަޔަކަށް ހަދައިފައެވެ. މަންމައާއި ބައްޕައަކީ ނޫންކަމަށް ބުނެ އެދެމީހުންގެ ބަސް ޤަބޫލުނުކޮށް ކޮންމެގޮތަކަށް ކަންތަށްވިއަސް ވަރިހަމަ ވެގެނެވެ. އެމައިމީހާގެ އެތެރެހަށީގައި އޮތް ހިތަށް ކެތްނުވެގެން ހީވީ ހިތުގެ ލޭނާރުތަށް ފަޅައިގެން ކުދިކުދިވިހެނެވެ. އެއްވެސް ދަތިކަމަކާއި ނުލައި ޝިރާނީއަށް ޓަކައި ހަނީފުވި ޤުރުބާނީތައް ފުނޑުވެގެން އެދިޔައީ އޭނާއަށް ތަންދޮރުއެނގި ހުރެމެ އަމިއްލަ ނަފްސާއި ހިތް އެ އިޚްތިޔާރުކުރި ގޮތަށެވެ.
އެމީހާކު ބޭނުންވި ގޮތަކަށް އެމީހެއް ކަންތައް ފުރިހަމަ ކުރުމަށް އަމިއްލަ އިޚްތިޔާރުލިބިގެންވި ނަމަވެސް އަދު ހަނީފުގެ ދެމައިންނަށް މިއީ ދުވަހަކުވެސް ކުރިމަތިވެދާނެ ބަދުނަސީބު ދުވަހެއްކަން ހުވަފެނަކުންވެސް ނުދެކެއެވެ. ކުރާނީ ކީއްހެއްޔެވެ؟ ލިބުނު ދެދަރިން ކުރެން ދުނިޔޭގައި ލެހެއްޓި ދަރިފުޅަށް ހުރިހާ އުފަލެއް ހޯދައިދިނީމަވެސް އަދު އެމީހުން މޫނުގައި ކޮޅުފައިން ޖަހައި މައިންބަފައިންނަކީ ނެތް ބަޔަކަށް ހަދައި މިފަދަ ދަންވަގުތު އެ ގެއިން ނިކުމެގެން ދިޔައީއެވެ. އޭނާ އެ އަވަސް ފިޔަވަޅުތަކުން ވިޝްވާން އަތުގައި ހިފައި ކާރަށް އަރައި އެ ނައްޓާލީ އެހިތުގައި އެއްވެސް ރަހުމެއް ކުލުނެއް ނެތް ހިތް ހިލަ ހަރުކަށި ހިތަކާއިގެނެވެ.
އޭނާއަށް ދުނިޔޭގައި އަތްފުނާއަޅައިގެން ވެސް މި ފިރިހެނާ ނޫން އެހެންމީހަކު ނުލިބުނީހެއްޔެވެ؟ މަންމައާއި ބައްޕަ ވާނެދެރަ ހިތަށް ނުގެނެވެނީހެއްޔެވެ؟ އޭނާ މައިންބަފައިންގެ ބަސް ޤަބޫލުނުކޮށް އަދު ނިކުމެގެން އެދިޔައީ އޭނާއަށް ކޮންފަދަ މޮޅުތަކެއް ލިބޭނެކަމަށް ހިތާހެއްޔެވެ؟ އެކަމުގައި އޭނާ އަރުގައި ލާނީ ކޮންފަދަ ހިތި ރަހައެއްކަމެއް އެނގޭނީ ކިހިނެއް؟ ހަނީފު ކޮނޑުގައި ބޯއަޅައިގެން ހިތް ހަލާކުވެފައިވާ އެ މަންމައޮތީ އޭނާ ފުރާނައިން އެއްފަޅި ނެތިގެން ދިޔަފަދަ އިޙްސާސްގައެވެ. އެހާމެ ހެޔޮކޮށް ހެވާއި ނުބައި އޮޅުންފިލުވާދީގެން ބަލާބޮޑުކުރި އަންހެން ދަރިފުޅު ހެޔޮމަގުން ކައްސާލައިގެން އެދިޔައީ ކޮންފަދަ އަނިޔާވެރި ނުބައި އަނދިރި ކަށިކުނބުރު މަގަކުން ހެއްޔެވެ. އެރޭ ހިތްމަރުވާ ހާލު ޖަމީލާ ރޮއެރޮއެ އެންމެފަހުން ފިޓު ޖެހުނީއެވެ. އަދި ދެން ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ އެވެ. އެހެނަސް އެ ޚަބަރު އެމީހުންގެ ބޮލުގައި ކޮޅުފައިން ޖަހާފައިދިޔަ ދަރިފުޅަށް އަންގާކަށް ހަނީފު ބޭނުންނުވިއެވެ. ޝިރާނީ ކަންކޮށްފައި ދިޔަ ކަންތަކުގެ ހިތި ނަތީޖާއާވެގެން އެކަން ކުރިމަތިލާން ޖެހޭނެ ދުވަހެއް އަންނާކަށް ލަހެއްފަހެއް ނުވާނެކަން ޖަމީލަށް އިޙްސާސް ކުރެވެއެވެ. ތަޖުރިބާ ހުރި ދުނިޔޭގެ ކުލަ ފެނިފައި ހުރި މީހަކަށްވުމުގެ އިތުރުން ދަރިފުޅުގެ ހުރިހާ ފުށެއް ނިކަން ރަނގަޅަށް އެނގޭތީއެވެ.
ހިތާމައިން ފުރިގެންވި ރެއަކަށްފަހު ޖެހިގެން އައިދުވަހެވެ. ހަނީފު އެއިނީ ކުޑަ މޭޒުދޮށުގައި އިނީ ވަރަށް ބޮޑުފިކުރެއްގައެވެ. އެޑްމިޓް ކުރެވިފައިވާ އަނބިމީހާއަށް ހާސްކަމުގައި ތެޅިގަނެވުނަސް އެ ކުއްލި ސިހުން ހަނީފަށް އެނގުންވެއެވެ. ޖަމީލާއަށް ވާނެގޮތަކާއި މެދު އޭނާ ފިކުރުކޮށް ކަންބޮޑުވަމުން ދިޔަސް ރޭގައި އެވީ ކަންތައް ހަނދާން ނައްތާލެވޭތޯ ބެއްޔެވެ. އެހެނަސް އެއީ ބަފަޔަކަށް ހަމަހޭގައި ހުއްޓައި ކުރެވޭނެ ފަސޭހަކަމެއްނޫނެވެ.
މިހެން ކަންތައްވުމުން އޭނާ އަމިއްލަ ނަފްސަށް ބޭއިންސާފުން ކުށްވެރިކުރެވެން ފެށިއެވެ. ނަމަވެސް ދެން ވަގުތު ފާއިތުވެއްޖެއެވެ. މިއީ އޭނާއާއި ޖަމީލާއަށް ދުނިޔޭގައި ކުރިމަތިލާން ޖެހޭ އިމްތިހާނެއްކަން ހިތުގެ އަޑިން ޤަބޫލުކޮށް އޭނާ ބޮޑު ނިންމުމެއް އެ ނިންމުން ނިންމީ އޭނާ ދިރިދުނިޔޭގައިހުރެ އޭނާއާއި ހަމައަށް “ޝިރާނީ އަތުވެއްޖެނަމަ” އެންމެ ފަހުގެ މަރުހަލާ ނިންމާނެ ގޮތާއި މެދުގައެވެ.
އޮޔާވައި ދައުރުވަމުން އައު ދުވަސްތަކަށް އިރުއަރާ އިރުއޮއްސި ދުވަސްތައް ފާއިތުވާން ފެށިއެވެ. ނޭނގި ތިއްބައި ވައިރޯޅިއެއް ޖެހިގެން ދާހައި އަވަހަށް މަސްތައް އަހަރުތަކަށް ބަދަލުވެ އެއް އަހަރުން އަނެއް އަހަރަށް ބަދަލުވަމުން ވަގުތު ފަސްދެމުން ދިޔައެވެ. ހުރިހާ ކަމީ އެއްގޮތަށް ދެމިގެން ދާއިމަށް ހުންނާނެ ކަންތައްނުވީމައި ހަނީފުމެން ވެސް ދިރިއުޅުން އިންޑިއާގައި އުޅެމުން ވިޔަފާރިތައް ފުޅާކުރިއެވެ. އެލިބޭ ތަނަވަސްކަން އިތުރުވިއަސް ހިތުގައި ކަނެއްގައި ދެލިވެފައި އިން ތަންކޮޅެއްގެ ސަބަބުން އުފާވެރިކަން މަރުވެފައި ހުރި ކަހަލައެވެ. މުއްސަނދި އެދެމައިންނަށް އެއީ ދަރިން ލިބުނު ބައެއް ހެއްޔެވެ؟ ޖަނާއި މާލުން ތަނަވަސްކަން ފުރިގެންވި އެދެމަފިރިންގެ ހިތުގެ ހިތްހަމަ ޖެހުން ވަޅުލެވިގެން ދިޔަތާ އެތަށް އަހަރެއްވެއްޖެއެވެ. އެދެމައިންނަކީ އަދު ދަރިން ނުލިބޭ ދެމަފިރިން ފަދައެވެ.
ޝިރާގެ ދިރިއުޅުން ބިނާވެފައި އޮތީ އެމެރިކާގައެވެ. އޭނާއަށް އަންހެންދަރިއަކާއި ފިރިހެން ދަރިއަކު ލިބުނެވެ. އޭނާގެ މިހާރުގެ ދިރިއުޅުމުގެ ކޮންމެ ދުވަހެއްވެސް އޮތީ އެހާ ބުރަކޮށް ޒިންމާތަކުން ފުރިފައެވެ. މީހުންގެ ތެރޭގައި ނަންހިނގާ ވަކީލަކަށް ވިއަސް އޭނާގެ ދިރިއުޅުމަކީ އުފާވެރި ހިތްހަމަ ޖެހޭދިރިއުޅުމެކޭ ނުބުނެވޭނެއެވެ. ފަނަރަ އަހަރާއި ސަތާރަ އަހަރުގެ ދެކުދިން އަދި ސްކޫލު ނުނިމެއެވެ. ނަމަވެސް އެކުދިން ކިޔަވާ ކޮލެޖުން ބެލެނިވެރިއެއްގެ އެހީގައި ނޫނީ ގެއަށް އެކަނި ފޮނުވުމަކީ މަނާ ކަމެކެވެ.
ޝިރާއަށް އޮފީހުގައި ބުރަކޮށް އުޅެމުން އެކި ކްލައިންޓުންގެ މަސައްކަތާއި ހަވާލުވެގެން އުޅެފައި އަތުކުރިގަޑިއަށް ބަލާލެވުނީ އާދައިގެ މަތިންނެވެ.
“އޯމައި ގުޑްނަސް” ނޭނގިހުއްޓައި ދެގަޑިއިރު ފާއިތުވީއެވެ. އެކުދިން ތިބޭނީ ދެރަވެގެން ގޮތްހުސްވެފައެވެ. އޭނާ ގެންގުޅޭ ދެފޯނުން ކުރެ އެއްފޯނަށް ބަލާލިއެވެ. ބެލެނިވެރިޔާ ހާޒިރުނުވެގެން ފޯނަށް ތިރީސް މިސްކޯލުހުއްޓެވެ. ދެނަކާދެނެއްނުބަލައި ހަލުވި ފިޔަވަޅުތަކެއެ ނެގި ގޮތަށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކާރަށް އަރައި ސްޓާޓްކޮށް ހުންގާނު އަނބުރާލިއެވެ. ކާރުގެ މިސްރާބު ބާރުދުވެއްޔެއްގައި ދިޔައީ ކުދިން ކިޔަވާ ކޮލެޖަށެވެ. އޭނާއަށް ކާރު ޕާރކުކޮށްލެވުނީ ކިރިޔާއެވެ.
އެޑަމްއާއި ކެތުލީނާއަށް މަންމަ ފެނިގެން ތެޅެމުން އައިސް ކާރަށް އެރިއެވެ. ގިނައިރުވެގެން އެކުދިން ތިބީ ހައިވެފައެވެ. ކާރުގައި އިނދެ ދުއްވަމުން އޭނާގެ ބިޒީކަން ހާމަކުރަމުން “ސޮރީ” ބުންޏަސް މިއީ އަލަކަށް ވާކަމެއް ނޫންވީމައި އެކުދިން އަނގައަކުން ނުބުންޏެވެ. އޭނާ އަޅާފައި އިން އަވިއަނު މަތިން ނިތްކުރި މަތި ރަތްވެފައި ހުއްޓެވެ. ކެތްލީނަށް އެކަން ފާހަގަވެއްޖެއެވެ.
ކެތްލީނާ:” ކަމޯން މާމް. އަގެއިން ޑޭޑް އެންޑް ޔޫ” ފައިޓެއް ހިންގާލީތަ؟ ރޭގައި ނިދަން އޮތްއިރުކަންތައް ވީގޮތް އޭނާއަށް އެނގެއެވެ.
ޝިރާނީ އަނގައިން ނުބުނެވެ. އައިޕެޑުން ގޭމްކުޅެން އިން އެޑަމް މަންމާއާދިމާއަށް ކަޅިއެއްލާލައި ބޯ އަނބުރާލި ފޫހިގޮތަކަށެވެ. މިއީ މައިންބަފައިނގެ އާދައެވެ.
ބުރަދުވަހަކާއި ދިގުދަތުރަށް ފަހު އޭނާއަށް ގެއަށް ވަންނަން ދޮރުހުޅުވާލެވުނު އިރުހުރީ ތަޅުނުލެވިއެވެ. ވާނީވެސް އެހެންތާއެވެ، ސިކުނޑީގައި އެނބުރޭ ކަންތައް ގިނަވެގެން އޭނާއަށް ދޮރުތަޅު ނުލެވުނީކަމަށް ހިތައި ޗޮކެއްކަނޑާލީ ފޫހިގޮތަކަށެވެ.
ކޮނޑުގައި އޮތް އަތްދަބަސް ސޮފާގައި ބާއްވައި ވެފައި ހުރި ވަރުބަލިކަމާއެކުގައިވެސް އަރާމެއް ނެތް ކަން ހިތަށް އެރުމުން ފުން ނޭވައަކާއެކު އާހެއް ބޭރުކޮށްލެވުނެވެ، އޭނާ ދެން އަވަހަށް ބަދިގެއަށް ވަދެ ކެއްކުމުގެ ކަންތަކާ އުޅެގަތެވެ. އޭނާގެ ކުދިންނަށް ތައްޔާރުކޮށްދޭ ކުދި ފެއްސާއި ނޫކުލައިގެ ކަޕްކޭކު ފިހެފައި ހުއްޓެވެ. އެއަކުން ބަނޑެއް ނުފުރޭނެއެވެ. އެހެންވީމައި ރަނގަޅު އެއްޗެއް ކައްކައި އެކުދިންނަށް ކާންދޭން އޭނާ ބޭނުންވިއެެވެ. އަތްމަތި އަވަސްނުކޮށްފިއްޔާ އޭނާއަށް އަދު ފަސޭހައެއް ނުވާނެއެވެ.
އޮފީހުގައި ނުނިމި ހުރި މަސައްކަތްތައް ނިންމާނުލެވިއްޖެނަމަ ފަހަރަކު ފަހަރަކަށްވުރެ ފަހަރެއް ގިނަވެ ބޮނޑިއަކަށް ޖަމާވަމުން، ފުންޏަކަށް ގިނަވާން ފަށާނެވެ.
ޝިރާއަށް އޭނާގެ މަސައްކަތަށް އެނބުރެވޭނީ ބަނޑުހައިވެ ވާތާވާވަރުވެފައި ތިބި ދެދަރިންނަށް ކާއެއްޗެއް ކާންދީފައެވެ. އަތްމަތި އަވަސްކޮށް އުޅުނު ޝިރާނީ ދެފަރާތް ބަލައިލިއެވެ. ކުދިންގެ ބައްޕަ ކޮބާހެއްޔެވެ؟ ރޭގައި އަރާރުން ހަދާފައި ގޭގައި ރައްކާކޮށްފައި ހުރި ތިޖޫރިން ބުދުޖެހި ނޫޓު ބޮނޑިވަރެއް ކަޅުދަބަހަކަށް އަޅައިގެން ކެސީނޯއަށް ދިޔަގޮތަށް އަދި ގެއަށް ނާންނަނީބާ؟
ރޭ ދެމަފިރިން ކުރި ޒުވާބެއްގައި ވިޝްވާން ނިކުމެގެން ދިޔަގޮތަށް އަދި ގެއަށް ނުވަދެއެވެ. އޭނާ ކޮންމެވެސް ބަޔަކާ ޖެހުނު މައްސަލައެއްގައި އެކަމަށް ޝިރާ ވަކާލާތު ކޮށްނުދީގެން ޖެހުނު ކޫސަނި މައްސަލައެކެވެ. ވިޝްވާނު ފަރާތުން މިހެން ކަންތައްވާ ކޮންމެ ފަހަރަކު ހުދު ދިދަ ނަގައިގެން އޭނާގެ ސަލާމަތަށް އަބަދު ދެފަރާތަށް ހޫރިލަ ހޫރިލާ ހުންނަނީ އޭނާގެ ކާމިޔާބު އަނބިމީހާ އެވެ. އެހެން ނަމަވެސް ތަކުރާރުވާ މި ފަދަ ޖަރީމާތައް ހައްލުކުރާނެ ގޮތްތައް އޭނާގެ ސިކުނޑިއަށް ވިސްނުން އެއީ ބުރަކަމަށް ވާންފެށީއެވެ.
މިފަދަ ޢާއިލީ ކޯޅުންތަށްވެ ދަރިން ކުރިމަތީ ދެމަފިރިން އެކަކު އަނެކާ އަތްއިސްކޮށް ހުތުރު ބަހުރުވައިން އެއްޗެހިކިޔައި ހެދުމަކީ އެކުދީންނަށް ފެންނަ އައު މަންޒަރެއްނޫނެވެ. ވިޝްވާނަކީ ދަރިންދެކެ ލޯބިވާ ބައްޕައަކަށް ވިއަސް ފެށުނީއްސުރެ އޭނާ އަމިއްލަ ހިތްހަމަ ޖެހުމަށް ކެސީނޯތަަކުން މަޖާނެގުން މިއީ ދިރިއުޅުމުގައި އާންމުކަމެކެވެ. ބަލައިލަން ރީތި އޭނާގެ ދެދަރިންގެ މަންމައަކީ ސިކުނޑި ތަނަވަސް ފައިސާހޯދަން ކުޅަދާނަކަން ލިބިގެންވި ވަކީލަކަށް ވީމާއި ވިޝްވާނަށް ދަރިންނަށް ކުރަންޖެހޭ ޚަރަދުތަކާއި މެދު އިހުމާލުވާ ފަހަރުތައް މަދެއްނޫނެވެ.
މިހެން ގިނައިން މައްސަލަޖެހިގެން ބައެއް ފަހަރު ވިޝްވާން ގެއަށް ނުވަދެ ހޮޓާތަކާއި ގެސްޓްހައުސްތަކުގެ ކޮޓަރުތަކުގައި ދިރިއުޅެފައި އޭނާ ހިތަށް އެރި ދުވަހަކު ގެއަށް އައިސްދާނެއެވެ. ކުރީކޮޅު މިކަންތައް މިއީ ބޮޑުކަމަކަށް ވިއަސް ވަގުތާއެކީ ކޮންމެ ކަމަކަށްވެސް އާދަވުމަކީ ގުދުރަތީ ކަމެއް ކަމަށްވާތީ މިހާރުދެން ޝިރާއަށްވެސް އެއީ އެހައި ބޮޑު މައްސަލައަކަށް ނުވޭއެވެ.
މާދަމާވެސް އޭނާއަށް ފޯނުކޯލެއް އަޑުއަހަން ޖެހޭނީ ވިޝްވާން އެވެނި މިވެނި ކަމެއްގައި މާރާމާރީ ހިންގި މައްސަލައެއް ނުވަތަ ކެސީނޯގައި ހަމަނުޖެހުން ވެގެން އެއްކަމެއް ދެކަމެއް ވެގެނެއްނޫނެވެ. މަތީ ދަރަޖައަށް ތައުލީމު ހާސިލުވެ އެއަންހެނެއްގެ ކުޅަދާނަ ދޫ ހެލެންމޮޅު އަނބިމީހާ މެދުވެރިކޮށް މިފަދަ އެތައް މައްސަލައަކުން އޭނާއަށް ހިމާޔަތްތެރިކަން ހޯދައެވެ. ގިރުވާނުކޮޅަށް ޖަހައި ފޮނިބޮޑުކަން ދެއްކޭ އޭނާގެ ކޮންމެ ޖަރީމާއެއް ވަކީލު ޝިރާނީ ހުރިހާ ކަމެއް އޮށްބައި ހަމަޖައްސައެވެ. ބަދިގޭގައި ކައްކަން ހުރެފައި ފޯނު ރިންގުވާން ފެށުމުން އޭނާއަށް މޭޒާދިމާއަށް ބަލާލެވުނެވެ. ގުޅަނީ ފިރިމީހާއެވެ. ހިތްނުތަނަވަސްވެ އަޅައި ނުލައި މިހެން ފަސްވަނަ ކޯލު ރިންގުވާ އަޑަށް އޭނާ ރުޅިއައިސްގެން ފޯނު ނަގައި ނިއްވާލިއެވެ.
އެހެނަސް އޭނާ ފުރަގަހުން ކަންތައް ވަމުންދާ ގޮތް އަދި ވާނެ ގޮތް އެނގޭނީ ކިހިނެއް؟ އެމީހުން ދިރިއުޅޭ ގޭބިއްދޮށުން ބަގީޗާތައް ފަހަތުގައި ކުރިއަށް ފެންނަން ހުންނަ ބިއްލޫރިގަނޑުން ސާފުކޮށް ބަދިގޭގައި ކައްކާން ހުރި ޝިރާ ފޯނުހިފައިގެން ހުރި އެމީހާއަށް ފެނެއެވެ. މި ގޮތްނޭނގޭ ފިރިހެން މީހާއަކީ ވިޝްވާންގެ ޢާއިލާއަށް ޖާސޫސްކުރަން މިގެއަށް ވަގަށް ވަން މީހެކެވެ. އޭނާ ގެއަށް ވަންނަން ހުރި ދޮރު ތަޅުހަލާކުކޮށް ސިއްރުން ވަންކަމެއް އެނގޭނީ ކިހިނެއް؟ ދޮރު ތަޅުލައި ޝިރާއަށް ހަނދާނުން އެކަން ކެހިފައި ހުއްޓަސް، ވައްކަން ކުރަން ނުވަތަ ފޭރެން އަންނަ ބައެއްގެ މަކަރުވެރި އުޅުޅުތައް އެނގޭނީ ކިހިނެއް؟
=ނުނިމޭ=
