ބައެއް ވާހަކަތަކަކީ އޭގެ ހަގީގަތް ގަބޫލު ކުރަން ހިތަށް ކެތް ނުވާވަރުގެ ވޭނާއި ރިހުންތަކެކެވެ.
ބައެއް އުއްމީދުތަކާއި ހުވަފެންތައް ނޭނގިހުއްޓައި އަނިޔާވެރިއެއްގެ ނުބައިވެގެންވާ އެދުންތަކުގެ ޝިކާރައަކަށް ވެދަނީ ހަޔާތުގެ ހުރިހާ އުފަލެއް އެ އަނިޔާވެރި އިންސާނާއަށް ހިބައިން ދިނުމަށް މަޖުބޫރުކުރަމުންނެވެ. މައުސޫމުކަމާއި ނިޔަނެތިކަމުގެ ކުށެއްނެތްކަން ސާބިތުކޮށްދޭނެ ހެއްކެއް ނެތުމަކީ މިފަދަ ހިނދެއްގައި ލިބޭނެ އެންމެ ބޮޑު އަނިޔާއެވެ، އެހެނަސް ކުރާނެ ކަމެއް ހަމަ ނެތީއެވެ.
އައިންތުގެ ވާހަކައަކީ މިފަދަ ވާހަކައެކެވެ.
މުސްކުޅިބޭގެ ހިތް ވަނީ ނުބައި ދަހިވެތިކަމެއްގެ ސަބަބުން ކަޅުވެ އަނދިރިވެފައެވެ. އޭނާ ދެކެ މައުސޫމް ޒުވާން އަންހެން ކުއްޖަކު ލޯބިވެ ޖާނާއި މާލާއި އަބުރާއި އިއްޒަތް ހިބަކޮށްދޭން އެއައީ ކޮންފަދަ ބާރަކުންބާވަައެވެ.
އެރުމާލުގައި މޫނު ފޮރުވާލިއިރު އޭނާއަށް ނޭނގުނަސް އެވަގުތު އާ ވާހަކައެއްގެ ސުރުހީ އެޅުނީއެވެ. އެ ހުވަފެނީ ޖަލުގެ ތެރޭގައި އޭނާ ގައިދުވީ އެވަގުތުގައެވެ.
ކަޅުކަފުނުގެ އެރުމާ އެހެން އޮންނަހާ ހިނދަކު…….އޭނާއަކަށް މިންޖުވެވުމެއް ނެތެވެ!

1970 ވަނަ އަހަރުގެ ދުވަސްވަރު މާލޭގެ މަންޒަރުތައް ފެންނަނީ ވަރަށް ތަފާތުކޮށެވެ. އޭރު މާލެއަކީ އުސް އިމާރާތްތަކުން ހަފުސްވެ، މަގުތަކާއި ގޯޅިތައް އުޅަނދުތަކުން ތޮއްޖެހިފައި އޮތް ތަނެއް ނޫނެވެ. އޭރު މާލެއަކީ ތަޣައްޔަރުނުވާ ފިނިރޯޅިތަކުން ހިތަށާއި ފުރާނައަށް ހަމަޖެހުން ގެނެސްދޭ ތަނެކޭ ބުނުމުން ހައިރާންނުވާށެވެ. ކުރު ފާރުތަކުން އިން ވަކިކޮށްފައިވާ ބައެއް ގޭގޭގެ ގޯތިތެރޭގައި ހައްދާފައި ހުންނަ ބޮޑެތި ގަސްތަކުގެ ގޮފިތަކާއި ރުއްތަކުގެ ފަންތައް ހެލިލާ މަންޒަރުގެ ސަބަބުން މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
ބޯކޮށް ގަސް ހައްދާފައި ހުރި މި ގޭގައި ހިމުން ދޮންވެލި އަތުރާލާފައި ހުރުމުން ހީވަނީ ހިތްފަސޭހަ ރީތި ނަލަ ރަށެއްގެ ހިތްގައިމު ގޮނޑުދޮށް ފެންނަހެނެވެ. އައިންތަކީ އެގޭގައި ދިރިއުޅޭ، މަސައްކަތަށް ފަރުވާތެރި އަދި މުރާލި އަންހެން ކުއްޖެކެވެ. އޭނާގެ ދުވަސް ފެށެނީ ގޭތެރޭގެ އެކި މަސައްކަތްތަކުގައި ހޭލަމޭލަވުމުގަައެވެ. ގޭގެ އެންމެނަށް ކެއްކުމާއި ތަށިތެލި ދޮވެ ބަދިގެތެރެއާއި ގޯތިތެރޭގެ ކުނިކަހައިކުނި ނެގުމާއި ގޭތެރޭގެ އެހެންވެސް މަސައްކަތްތައް އެކަމެއްގެ ވަގުތުގައި ކޮށް ނިންމުމުގައި އަވަދިނެތިއެވެ.
ބޮޑު ހިރުނދުގަހާއި ބިޔަ ކުއްޅަވަށް ގަސް ބުޑުގައި އިށީންނަށް ހަދާފައި ހުރި ބޮޑު ޖޯލިފައްޗެވެ. ހަނޑޫ ދޮލަނގެއް ކިހިއްޔަށް ޖަހައިގެން ގޭގެ ގޯތިތެރެއަށް ނިކުމެގެން އެ އަންނަ އައިންތަކީ ޝާހިދުގެ ހަގު މަންޖެއެވެ. ޝާހިދަކީ އައިންތުގެ އުފަންބައްޕައަށް ނުވިއަސް އޭނާ ކުޑަދުވަހުން ފެށިގެން ބަލައިބޮޑުކޮށް އެ ޒިންމާ ނެގީ ޝާހިދެވެ.
ޝާހިދަކީ ބަނޑޭރިއެއްގެ ވަޒީފާ އަދާކުރާ މީހަކަށް ވުމުން، ލިބޭ ކުޑަ އާމްދަނީން ފަސް ދަރިންނާއި އަނބިމީހާގެ ކަންކަން ހަމަޖެއްސުމަކީ އޭނާއަށް އުނދަގޫ ކަމެކެވެ. ގިނަ ފަހަރަށް މަސް ނިމޭއިރު އޮންނަނީ ފިހާރަތަކަށް ދަރަނިވެފައެވެ. އެހެންކަމުން، މިއަށްވުރެ ރަނގަޅު ދިރިއުޅުމެއް ހޯދުމަށް އޭނާ އަބަދުވެސް އުންމީދުކުރެއެވެ.
ޝާހިދުގެ ފަސްދަރިން ތިބިއިރު މަސްނިމޭ އިރު ހުރިހާ ކަމެއް ހަމަޖައްސާލަނީ ފިހާރަތަކުން ދަރަންޏަށް ތަކެތިނަގައިގެނެވެ. އޭނާ މިނޫން ތަނަވަސް ދިރިއުޅުމެއް ހޯދަންބޭނުންވެފައި އެކަމާ ފިކުރުކުރާތާ ދުވަސްކޮޅެއްވެއްޖެއެވެ.
މިއަދު ގެއަށް ޝާހިދުގެ ތިމާގެ ބަޔަކު ޒިޔާރަތް ކުރާތީވެ އައިންތު އިނީ ބޮޑު ދޮލަނގެއް ހިފައިގެން ޖޯލީގައި ހަނޑޫ ހޮވާށެވެ. ކުރުކޮށް ބުޅި އިސްތަށިގަނޑު ކޮށާލާފައި ފެހިކުލައިގެ ހެދުމެއްލައިގެން އިން ހިމަތޮޅިކޮށް ހުންނަ އައިންތަކީ މައިންބަފައިންގެ ބަސްއަހާ ރަނގަޅު ކިޔަމަންތެރި ކުއްޖެކެވެ. ސަތާރަ އަހަރުގެ އައިންތަކީ ވަރަށް މުރާލި އޭނާ ކުރާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފުރިހަމައަށް ވަގުތައް ކަމޭހިތައިގެން ފަރުވާތެރިކަމާއި އެކުގައި ނިންމާލާ އަންހެން ކުއްޖެކެވެ.
ގެއަށް ވަންނަން ހުރި މައިދޮރާށި ހުޅުވާފައި ހުރުމުން މަގުމަތިން އެއްކޮޅަށް ހިނގާ ބިނގާ އުޅޭ މީހުން ފެނެއެވެ. މިހެން އޭނާ ޖޯލީގައި އިންނައިރު ގިނަފަހަރު ޖެހިގެން ހުންނަ އަވަށްޓެރިގޭ ވެރިމީހާ ރީމްބެއްޔާއަށް މިގެއަށް ފައިއަޅާލެވޭނީ އައިންތު އެކަނިވާ ވަގުތުގައެވެ. ޝާހިދުގެ އަނބިމީހާ ތައްޔާރުކުރާ ލޮނު ލުނބޯއަކީ ގިނަބަޔަކަށް ކަމުދާ އެއްޗަކަށް ވާތީވެ ހަރީމްބެއްޔާ ފިހާރައަށް ގެންދަން ޖެހޭ ލޮނުލުނބޯތައް ބަލާ އަންނަނީ މިގެއަށެވެ. ހަރީމްބެއްޔާއާއި ޝާހިދަކީ ވަރަށް ގާތް މިތުރުންނެވެ.
63 އަހަރުގެ ހަރީމްބެއްޔާގެ އަނބިމީހާ ދީނިޔާ ނިޔާވިތާ އަދި މިވީ ހައެއްކަމަހެވެ. އޭނާ ދޮށީ ފިރިހެން ދަރިފުޅު މީހަކާ އިނދެގެން އުޅެނީ އަނބިމީހާ ރަށުގައެވެ. ހަގަށް އިން ޒައީމާއަށް ވެސް ދެދަރިން ލިބި އުޅެނީ ފިރިމީހާ ގޭގައެވެ. އެހެން ކަމުން މުސްކުޅި އުމުރުގައި އެކަނި ދިރިއުޅެން ޖެހިފައިވާ ހަރީމްބެއްޔާ ރެއާދުވާލު އިންނަނީ އޭނާގެ ފިހާރާގައެވެ.
މާކުރީއްސުރެ ދެކެވޭ ވާހަކައެކެވެ. ހަޤީޤަތަކީ ކޮބައިކަން ނޭނގޭކަމެކެވެ. ހަރީމްބެއްޔާގެ ބައްޕަ ދުނިޔޭގައި އުޅުނު ދުވަސްވަރު އެމީހާއަކީ އަންހެނުން ހިތި މީހެކޭކިޔަތެވެ. އެކަމާ ހެދީ އޭނާއާ ނަފްރަތުކުރި ބަޔަކު އެމީހާ މަރާލީއޭ ކިޔާވެސް ވާހަކަތައް ދެކެވެ. ހަރީމްބެއްޔާ ބައްޕަ ނިޔާވުމުން އޭނާގެ ހަމައެކަނި ހުރި ހަރީމަށް އެގޯއްޗާ އެހެނިހެން ވާރުތަމުދާލިބުނެވެ. އެމީހާއަކީ އެއްޒަމާނެއްގައި ކަނޑުބޯޓު ދަތުރުފަތުރު ކުރި މީހަކަށް ވެފައި ފައިސާވެރިއެކެވެ. އެދުވަސް ވަރަށް ބަލާއިރުގައި ތަނަވަސް ދިރިއުޅުމެއް އުޅުނު މީހެކެވެ. ހަރީމްބެއްޔާގެ ވިޔަފާރިއަކީ އޭނާގެ ބައްޕަ ދުނިޔޭގައި ފަށާފައި އޮތް ވިޔަފާރިއަކަށް ވީމައި މިކަން ނުހުއްޓި އޭނާ ހަޔާތުގައި އެ ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދިޔައެވެ. ބައެއް ލޯކަލް ސާމާނާ ކާޑުގެ އެކި ބާވަތްތައް ވިއްކުމުގައި ހަރީމްބެއްޔާ އަވަދިނެތި އުޅުނެވެ. އަނބިމީހާއާއި ނުލައި އޭނާއަށް ވެރިވެފައިވާ އެކަނިވެރިކަމަކީ އޭނާއަށް ދިރިއުޅެން ފަސޭހަކަމެއް ނޫނެވެ. އެހެންފަހަރުތަކޭ އެއްގޮތައް އޭނާ ފިރާގައި އިނދެފައި ވަށަން އިން ބިޑިތައް ތަބަކަށް އަޅާފައި އެނިކުތީ ޖެހިގެން ހުރި އަވައްޓެރިގެއާ ދިމާއަށެވެ.
ޝާހިދުގޭގައި އޭނާ ފިހާރައަށް ތައްޔާރުކޮށްފައި ހުރި ލޮނުލުނބޯ ބާލިދީ ބަލާއޭނާ އައެވެ. ހަރީމްބެއްޔާ ސަލާމް ގޮވާލުމުން ޖޯލީގައި ހަނޑޫ ހޮވަން އިން އޭނާ ހިނިތުންވެފައި ޖަވާބުދިނެވެ.
ހަރީމް ބެއްޔާ : މަންޖޭ. ކޮބާތަ ބައްޕަ؟ ހާދަ މަސައްކަތް ބުރަކޮށްލައިގެން އުޅޭ ދުވަހެއް؟ ކަރީމްބެއްޔާ ވާހަކަދެއްކީ ހެވިފައި އައިންތާ ދިމާއަށް ބަލަން ހުރެގެންނެވެ. "މިއައީ ތައްޔާރުކޮށްފަ ހުރި ލުނބޯކޮޅު ބަލައޭ."
އައިންތު: ބައްޕަ މިވަގުތު ގެއަކު ނެތް. އާނ. ބަލިދީ ހުރީ ތައްޔާރު ކޮށްފަ. އެބަ އަންނަން ހިފައިގެން.
މަޑުމޮޅި ހިނިތުންވިއެވެ. އައިންތު، އޭނާ ހޮވަން އިން ހަނޑޫ ދޮލަނގު ޖޯލީގައި ބަހައްޓާފައި އެފަރާތައް ދާން ހިނގައިގަތެވެ. ދެފަރާތް ބަލާލާފައި މީހަކު ފެންނަން ނެތުމުން ހަރީމްބެއްޔާ ނޫންކަމަށް ހަދާފައި ގުދުވެލާފައި ކޮންމެވެސް އެއްޗެއް ނަގައި ގަމީހު ޖީބަށް ލިއެވެ. އޭނާ މިކުރި ސިއްރުވެރި ކަމެއް އެހެންމީހަކަށް ނުއެނގޭނެއެވެ.
އިސްއުފުލައި ހަރީމްބެއްޔާ ދެއަތް ފުރަގަހަށް ލައި ހިރުނދުގަހާއި ދިމާއަށް ބަލަހައްޓައިގެން ތުބުން ފުމެން ހުއްޓައި އައިންތު އަތުވެއްޖެއެވެ.
ހަރީމްބެއްޔާ: ބައްޕަ ގާތު ބުނާތި ފަހުން ފިހާރައަށް ވަދެލައްޗޭ. އޭނާ އިސްއުފުލައިގެން ހުރެ ބުންޏެވެ. ދެން ދަނީއޭ.
ދެން ހަރީމްބެއްޔާ އެ ބަލާލީ އައިންތާ ދިމާއަށެވެ. ކޮންމެވެސް އެއްޗެއް ވައިގެ އަޑުން ކިޔަމުން ތުންތަޅުވަމުން އޭނާ ދާން ހިނގައިގެންފައި ފަހަތަށް އެނބުރުނެވެ. ހަރީމްބެއްޔާ އިތުރަށް ބުންޏެވެ. "އާނ. މިހުރީ އަދި ހަނދާން ނެތިފައޭ." އޭނާ ޖީބުން ނެގިއެއްޗެއް ދިއްކޮށްލާފައި ހިނިތުންވިއެވެ. އައިންތު: މީ ކޯއްޗެއް؟
ހަރީމްބެއްޔާ: ތީ ކާށި މެޓަލެއްނު. ޖީބަށް ލައިގެން ހަފަމުން އައި އެއްޗެއް ހިތަށް އެރީ މަންޖެއަށް ވެސް ދީފައޭ ދާނީ. ދެމިޔަކަނުން ހެވިފައި ހަރީމްބެއްޔާ ހުރީ ފާޑަކަށް އައިންތުއާ ދިމާއަށް ބަލަހައްޓައިގެނެވެ.
އައިންތު: އެހެންތަ. ޝުކުރިއްޔާ.
ހަރީމްބެއްޔާ ހިގައްޖެއެވެ. ލަސްނުކޮށް ޖޯލީގައި ފޫޖައްސާލީ އަވަހަށް ކުރަންފެށި މަސައްކަތް ނިންމާލާށެވެ. ބައްޕަގެ ތިމާގެ ބަޔަކު އަންނަން ބުނެފައި އޮތް ދުވަހަކަށް ވީމާއި އޭނާ މިއަދު މެންދުރަށް ރަނގަޅު އެއްޗެއް ކައްކާން ޖެހެއެވެ. ވިއްސަކަށް މިނެޓް ފާއިތުވިއެވެ. ކޮލުގެ އެއްކޮޅަށް މެޓާލައިގެން އިންދައި ވަރަށް ފިނި ވައިރޯޅިއެއް ޖެހުނު ވަގުތު ދުންބޯފަތް ވަސް ކަހަލަ ވަހެއް ދުވައިފިއެވެ. އެކަމާ އައިންތު ސަމާލުކަމެއް ނުދިނެވެ. އޭނާ އިނީ ކުރީ ޒަމާނެއްގެ ހިންދީ ލަވައެއް ރާގެއް އަޅުވާލައި ފިކުރެއްގައެވެ. މިހެން ނޭނގި އިނދެ ހޮވަމުން ދިޔަ ދޮލަނގުން ބައެއް ހަނޑޫ ފުށް ނަގައި އަނގަޔަށް ވެސް ލައި ހަފާލައެވެ.
އޭނާ މިހެން އިންދައި މީހަކު ސަލާން ގޮވާލި އަޑަށް ސިހިގެންފައި ތެޅިގަތުމުން އުނގުގައި ހުރި ދޮލަނގު ނުވެއްޓުނީ ކިރިއާއެވެ. އޭނާއަށް އުނދަގުލުން ހޫނ" ބުނެފައި އިސްއުފުލާލައި ކުރިމަތީ ހުރި ޒުވާނާއަށް ބަލާލެވުނެވެ. ކުޑަކޮށް ލަދުގަނެ ރަކިވާގޮތްވީ ކުރިމަތީ ހުރި ރީތި ޒުވާނާ ފެނުމުންނެވެ. "މިގެއިން ލޮނު ލުނބޯ ވިއްކާތަ؟" ހިނިތުންވުމެއް ނެތަސް އެ ޒުވާނާ ވާހަކަ ދެއްކީ މަޑުމައިތިރި ކޮށެވެ. އެމީހަކު ލައިގެން ހުރީ ކަޅުކުލައިގެ ދިގު ކޯޓެއް ކަހަލަ އަތްދިގު ގަމީހެކެވެ. އަދި ބޮލުގައި ހުރީ ތޮއްޕެއް އަޅައިގެނެވެ. އެހެންނޫނީ މާލެއިން ފެންނަ ޒުވާނުން ތިބޭގޮތާ ތަފާތުގޮތެއް ހުރި ފިރިހެނެކެވެ. އޭނާ އެހެން ބުނުމުން ލަދުގެންފައި އިން އައިންތު އިހަށް މަޑުކޮށްލާ. ބުނެފައި ރަކިފާޑަކަށް ދިޔަ ފަރި ހިނގުމެއްގައެވެ.
އައިންތު ގެއަށް ވަނުމުން ދެފަރާތް ބަލާލާފައި އެ ޒުވާނާ ޖީބުން ނެގީ ކަޅުފޮތީގެ ރުމާލެކެވެ. ނޫންކަމަށް ހަދައި އެރުމާ އެއަންހެންކުއްޖާ ތެދުވި ޖޯލީގައި ބޭއްވިއެވެ. ފަސްވަރަކަށް މިނެޓްފަހުން އައިންތު މި ދިމާއަށް އަތުވެއްޖެއެވެ.
އަދި ޖޭމުހުސްކުރި ކުޑަ ފުޅިއަކަށް އަޅާ ތައްޔާރުކޮށްފައި ހުރި ލޮނުލުނބޯ ހިފައިގެން އައިސް އެޒުވާނާގެ އަތަށް ދިއްކޮށްލިއެވެ.
ޒުވާނާ :"ކިހާ ވަރަކަށް ؟
އައިންތު:" 5 ރުފިޔާ. ހިނިތުންވުމެއް ނެތް މި ޒުވާނާ އެ އަންހެންކުއްޖާ އާއިދިމާއަށް ބަލާލެވުނީ ވަރަށް ފުންބެލުމަކުންނެވެ. އޭނާ އެގެއިން ދާން ހިނގައިގަތެވެ.
އެމީހެއްގެ ފިޔަވަޅު ގެއިން ބޭރަށް އަޅާލުމުން އަވަހަށް އެމީހަކު އެއީ ކާކުތޯ އެނގެން ބޭނުންވެފައި ހުރިވަރުން އައިންތު ގޮސް ގޯތީގެ ތިރިފާރުމަތިން ބޯދިއްކޮށްލައި މަގުމަތި ބަލާލިއެވެ. އޭނާ މޫނަށް ގޮތެއް ހަދާލިއެވެ. ހެއްވާ ކަމެކެވެ. ދެންމެ މިގެއިން ނިކުން އެ ފިރިހެންމީހާ ކޮބާހެއްޔެވެ؟ ހީވީ ފަޅި ސިކުންތެއްގެތެރޭ އާތްވަށްވެގެން ވަޔަށް އަރައި ގެއްލުނުހެނެވެ.
ކޮނޑުތަޅުވާލައި އެކަމާއި އެހާ އަޅާލުމެއް ނެތި އޭނާ ގޭތެރެއަށް ދާން ފިޔަވަޅުއެޅިއެވެ. ޖޯލިފައްޗާ އަރާހަމަވި ވަގުތު ޖޯލިން ފެނުނީ ކަޅުކުލައިގެ ރީތި ރުމާލެކެވެ. ހައިރާންވިއެވެ. އޭނާއަށް ޔަޤީނުންވެސް އެއީ އޭނާގެ އެއްޗެއް ނޫންކަން އެނގުނެވެ. ފަތްޖަހާފައި އޮތް ރުމާ ނަގައި ވަސްބަލާލިއެވެ. ދުވީ ޒާތެއްގެ މަޑު އަތަރު ކަހަލަ އެކަމަކު ދުންބޯފަތުން ދުވާކަހަލަ ވަހެކެވެ. ދެންމެ މިގެއަށްވައިން ޒުވާނާ ބާއްވާފައި އޮތް އެއްޗެއްބާ؟ ދެ ޚިޔާލެއްވިއެވެ. އައިންތު އެ ރުމާ ނަގައިގެން ހަނޑޫދޮލަނގު ހިފައިގެން އެތެރެއަށް ވަނެވެ.
މިއަދު ދުވަސް ފާއިތުވީ ޢާއިލީ ބަޔަކު އައިސް އުފާވެރިކަމެއްގައެވެ. މަންމަ ފަރާތު ތިމާގެ މީހެއް ކަމަށްވާ އޭނާއާއި ދެބެންގެ ދެދަރި ދާޢޫދު ބޭނުން ވަނީ އައިންތު ކިޔަވާ ނިމުނީމައި އޭނާއާ ކައިވެނި ކުރާށެވެ. އެހެނަސް އަދި ދުވަސްކޮޅަކަށް ކެތްތެރިވާން ޖެހޭނީ އައިންތު ސްކޫލު ކިޔެވުން ނުނިމޭތީއެވެ. އާޢިލީ އެއްވުމުގައި ދުރުން ކާން އިން ޝާހިދަށް ދާޢޫދު އެބޭނުންވާ ކަންތައް އެހައި ފަސޭހައިން ވިޔަކަނުދޭ ނަމޭ ހިތަށް އަރުވާލިއެވެ. އެއީ ކީއްވެހެއްޔެވެ؟ ކޮންމެވެސް ކަމެއް ޝާހިދުގެ ހިތުގައި ރާވަމުން ދިޔަކަން ގައިމެވެ.
ބުރަދުވަހަކަށް ފަހު އެރޭ އައިންތު ނިދަން އޮށޯވެ އޮތެއްކަމަކު ނިންޖާ މާ ދުރުން ޚިޔާލުކުރެވުނީ އެ ފިރިހެން ކުއްޖާއާމެދުގައެވެ. އެއީ ކޮން ނަމެއް ކިޔާ ކާކުބާ؟ އެތަނުގައި އޮތް ރުމާ ނަގައި އެއާ ދިމާއަށް ނަޒަރުހުއްޓައި އޮވެ މުހައްމަދުރަފީއުގެ ހިންދީލަވައެއް އަމިއްލަ ނަފްސަށް ކިޔާލާ އޮތީ އޭނާ ސިކުނޑީގައި ވެރިވެފައިވާ ޚިޔާލާ ހިތަށް ކުރުވި އުފަލުންނެވެ. އަތުގެ އިނގިލިތަކުގެ ތެރޭ ރުމާ ބޮނޑިކޮށްގެން އޮތް އިރުގައި، ނޭނގި ނުވަތަ ކުރެވޭ ޚިޔާލެއްކަމެއް ނޭނގި މިހެން އޮތްއިރުގައި، ފަނޑުއަނދިރި ކޮޓަރިތެރެއިން އައިސް ގާތެވްލާފައި ކޮންމެވެސް މީހަކު އޭނާގެ ހަށިގަނޑުގައި ބީހެން ފެށިކަހަލަ ގޮތެއް ހީކުރެވެއެވެ. އައިންތުގެ ހިތަށް ކުރެވޭ އުފާވެރި ޖަޒްބާތުން އޭނާއަށް ހީވާ ގޮތް ކަންނޭނގެއެވެ. އެހެނެއްކަމަކު މިހާރު އޭނާގެ ޒުވާން ހަށިގަނޑު ތެރޭ ފޮރުވިފައިވާ ސިއްރު ހިއްސުތައް ގުޑުންވެ އޭނާއަށް އެހެންފަރާތެއްގެ ހިތްހަމަޖެހުން ބޭނުންވާފަދައެވެ.
=ނުނިމޭ=

