ހަރީމްބެއްޔާ ތިލަފަތައް ސާމާނު އަޅައި ކިރާފައި ކޮތަޅުތަކަށް އަޅައި ހެދިއެވެ. އޭނާ ވިޔަފާރި ކުރި ސާމާނުތައް ހިފައިގެން ދިޔުމުގެ ކުރީން ހަރީމްބެއްޔާ މޭޒު ވަތްގަނޑުން ކާށި މެޓައެއް ނަގައި ދިއްކޮށްލިއެވެ.
އައިންތު: މި ފިހާރައިން ބަހާ އެއްޗެއްތަ؟
ކަރުދާސްކޮޅު ނައްޓައި އޭނާ މެޓާނަގައި އަނގައަށް ލިއެވެ. އަތުގައި ބޮނޑިކޮށްފައި އޮތް މެޓާ ލާފައި އޮތް ނިޔުސް ކަރުދާސްކޮޅަށް ބަލާލިއެވެ. ހިތަށް އެއްޗެކޭ ނޭރިއެވެ. އޭނާ މެޓާ ކަރުދާސްގަނޑު އޮޅައި ކުނި އަޅަން ދޮރުބުޑުގައި ހުރި ވަށިގަނޑަށް ލިއެވެ.
ހަރީމްބެއްޔާ: އާނ. ތިކަހަލަ ޒުވާން އަންހެން ކުދިންނަށް ދޭން ބަހާ ހަދިޔާއެއް. ބެއްޔާ އެހެން ބުނީ ސާމާސާ ރާގަށެވެ.
އެބުނި އެއްޗަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައި އައިންތު ފިހާރައިން ނިކުތީ އެހެންނޫނީ ނުވާ ކަހަލަ ނުތަނަވަސް ކަމެއްގައެވެ. ފިހާރައިން ނިކުމެފައި ފަހަތް ބަލާލެވުނީ އިހްތިޔާރަކާ ނުލައެވެ. އޭރު ހެވިފައި އިން ހަރީމްބެއްޔާ މޭޒު ދޮށުގައި ފެންނާކަށް ނެތެވެ. އެމީހާ ބަހައްޓާފައި ހުރި ބިޑި ތަބަކުން ކަޅުދުންގަނޑެއް އެރިހެން އައިންތަށް ހީވީ ކީއްވެގެން ކަމެއް ނޭނގެއެވެ.
ގެއަށް ވަދެގެން ހިނގައިގަތްއިރު އައިންތުގެ ބޮލަށް އެބުރުން އަރާކަހަލަ ގޮތެއް ވިއެވެ. އަދިވެސް ނޭފަތުން އެ ދުންފަތުގެ ވަސް ނުކެނޑޭ ކަހަލައެވެެ. އޭނާއަށް ވީގޮތެއް ނޭނގުނެވެ. ކުއްލިއަކަށް އެއްކަލަ ޒުވާނާގެ ހަނދާނެއް ވެއްޖެއެވެ. އެއީ ކާކުހެއްޔެވެ؟ ހައިތަމަކީ މީގެކުރިން އައިންތު ދަންނަ އަދި އެނގޭމީހެއް ނޫނެވެ.
މިރެއަކީ ބުރާސްފަތި ވިލޭރޭއެވެ. ކުރިއަށް އޮތް ދެ ދުވަސް ކިޔެވުން ބަންދު ދެދުވަހެވެ. ހޮނިހިރު ދުވަހާ ހަމައަށް ހުސްވަގުތުތައް ލިބޭނެއެވެ. ރެއަށް އިރުއޮއްސެނީއެވެ. ގޭގައި ކުރަން ހުރި މަސައްކަތްތައް ނިންމާލުމަށްފަހު، އައިންތު، އާދައިގެ މަތިން ދުވަހުގެ ފިލާވަޅުތައް މުތާލިއާކޮށް ދަސްކުރަން އިންތާ އިރުކޮޅެއްވެއްޖެއެވެެ.
ފިލާވަޅުގެ ކަންތައް ނިންމާލުމަށްފަހު ފޮތެއް ކިޔަން އިނދެފައި އައިންތު އެވަނީ ގިފިއްޔަ ފެންވަރާށެވެ. ވަޅުދޮށުގައި ހުރެފައި ދާނި ވަޅަށް ގަންބާލި ވަގުތު އޭނާއަށް ދުންފަތް ވަސް ދުވިހެން ހީވިއެވެ. އަދި ދެން ގަޔަށް ފެން ދާނި އޮއްސާލިވަގުތު މީހަކު އޭނާ ހަށިގަނޑުގައި ބީހުނުހެން ހީވިއެވެ. ސިލްސިލާއެއް ފަދައިންނެވެ.
ކުއްލިސިހުމާ އެކީ އަތުން ފެންދާނި ދޫވެގެން ވަޅުތެރެއަށް ވެއްޓުނީ ހިތަށް ވީވަހުމަކުން ނޫންކަން ގައިމެވެ. އޭނާގެ ޅަނދޮޅުހަށިގަނޑުގައި ނިވާކަމެއް ނެތެވެ. ވަޅުގެ ތުންފަތް މަތިން އެތެރެއަށް، ދާނި ގޮސް ގެނބުމާއެކު ބާނިލައި ހިމޭންވަމުން ދިޔަ ފެންގަނޑަށް ބަލާލިވަގުތު…. އޭނާގެ ފަހަަތުން އެހެން މީހެއްގެ ހިޔަނި ސިފަވިހެން ހީވެއްޖެއެވެ. ހައްތަހާވެސް ކުށްހީ ވަހުމުބާވައެވެ. ނޫނެކެވެ. އެއީ އެއްކަލަ މީހާ، އެ ފެނުނީ އެމީހާބާ؟ ނޫނީ އޭނާއަށް ކުރެވުނު ވަހުމެއް ކަންނޭނގެއެވެ.
ހިތަށް ބިރުވެރިކަމެއް ވެރިވުމާއެކު އައިންތު އަތްމަތި އަވަސްކޮށްލިއެވެ. ވަޅުން ދާނި ނެގުމައި އަތްފައި ދޮވެލުން ދިޔައީ އެކުއެކީގައެވެ. ރޯނުގައި އޮޮތް ހެދުން ބޮލަށް މަހާލައިގެން އަވަސްކޮށްލައިގެން ވަޅުދޮށުން ނިކުމެފައި އޭނާ އަވަހަށް އެތެރެގޭތެރެއަށް ވަދެގެން ދިޔައިރުވެސް ހިތް ރޯމަަހެއްހެން ތެޅެމުންދިޔައެވެ. ބޮލުން ފެން ފޮޅަމުން ހަމަޖެހިލެވޭތޯ ބެއްޔެވެ. އަދި މިވަރުން ނިމޭކަށްވެސް ނެތެވެ. މާދަމާ ހެނދުނަށް ބޭނުންވާ ބައެއް ސާމާނު ގަނެގެން އައިސް ނޫނީ ނިދޭކަށް ނޯންނާނެއެވެ.
ރޭގަނޑު އަށެއް ޖެހީއެވެ. ރަށުތެރެ ހޭލަމޭލަ ވާނީ އިޝާއިން ފައިބައިގެން ގަޑިއެއްހާއިރުވަންދެނެވެ. ގޭގެއަށް ބޭނުންވާ ސާމާނު ހޯދައިގެން މީހުން ގެތަކަށް ވަދެ އަވަހަށް ނިދާނެއެވެ. މިޒަމާނާ ހާސްބައި ތަފާތެވެ. އަޅުކަމަށް މީހުންގެ ޝައުގުވެރިކަން ހުރުމާއެކު ގާތްކަމާއި އެކުވެރިކަން، އެއްބައިވަންތަކަންވެސް އޭރު ވަރަށް ބޮޑެވެެ. ސާދާކަމާއި ތެދުވެރިކަމުން ގުޅުންތައް އޮންނަނީ ދެފުށް ފެންނަހެން ސާފުކޮށެެވެ. އެއްވެސް ކިލަނބުކަމެއް ނެތިއެވެެ.
އެހެންނަމަވެސް ކޮންމެ ޒަމާނެއްގައިވެސް އިންސާނުންގެ ހިއްސުތަކާއި އެދުންތަކުގެ ހައްްދެއް ނޯންނަކަމީ ދެކޮޅު ނުހެދޭނެ ހަގީގަތެކެވެ. އެއީ އިންސާނާގެ ފިތުރަތުގައިވާ ކަންތަކެވެ. ތިމާ ބޭނުންވާ ކަމެއް ފުއްދުމަށްޓަކައި ހެވާއިނުބައި ވަކިކުރެވޭ ހަނިހަނި ރޮނގު ފިސްފިސްކޮށްލަނީ އެއްވެސް ވަރަކަށް ވިސްނުމެއްނެތިއެވެ.
އައިންތު ފިހާރައަށް ވައިން އިރު ސޭޓު ހަރީމްބެއްޔާ ނޫން އެހެން މީހަކު ނެތެވެ.
ހަރީމްބެއްޔާ: މަންޖޭ ކޮންއެއްޗެއް ގަނެލަން؟
އައިންތު: 6 ކުކުޅު ބިސް، ބައިކިލޯ ފުށް އަދި 100 ގްރާމް ސައިފަތް. 250 ގްރާމް ކަސްޓަޑް، ލިބޭނެ؟
ހަރީމްބެއްޔާ: އާނ. މި ހިސާބުގަނޑުން އަހަރެންގެ މިފިހާރައިން ނުލިބޭނެ ހަމަ އެއްވެސް އެއްޗެއް ނުހުންނާނެ.
މިރޭ ވެސް އޭނާ ބަހައްޓާފައި ހުރި ބިޑި ތަބައް ފުރިފައެވެ. ދެކޮޅު ހަދަން ބޭނުންވިޔަސް، ކިތަންމެ ކަމުނުދާ އާދަޔަކަށްވިޔަސް މިރަށަކީވެސް ދުންފަތުގެ ނުބައި އާދަ އޮތް ރަށެކެެވެ. އެގޮތުން ރަށުބިޑީގެ ވިޔަފާރިއަކީ ހަރީމްބެއްޔާގެ ފިހާރަ އެހެން ފިހާރައަށްވުރެ ވިޔަފާރި ކުރިއަރުވާ ބޮޑު ސަބަަބުވެސްމެއެވެ.
ގަޑިން ނުވައެއް ޖަހަން ގާތްވެފައި ހުއްޓައި ކުއްލިއަކަށް މުޅި މާލޭއިން ކަރަންޓު ކެނޑިއްޖެއެވެ. ކަނު އަނދިރީގައި ހުރި އައިންތަށް ހަޅޭއްލަވައިގަނެވުނެވެ. އަނދިރިގަނޑުން އިވުނީ އެމީހާ ހުނުމުގެ އަޑެވެ. ހަރީމްބެއްޔާ ބުންޏެވެ. “އެއީ އެހާވަރުގެ ކަމެއް ނޫން.” ދެން އޭނާ އުށްބައްތިއެއް ރޯކޮށްލިއެވެ. ވެރިވެފައި ހުރި ފަނޑުއަލީގައި އޭނާ ތަކެތި ނަގައި އައިންތުގެ އަތަށް ދިއްކޮށްލިއެވެ.
އެވަގުތު ކޮންމެވެސްއެއްޗެއް އަތުމުށުތެރެއަށް ލެވުނުހެން ހީވެގެން އައިންތު ބަލާލިއެވެ. އެވަގުތު އަނެއްކާ ވެސް ކާށި މެޓައެއް އޭނާ އަތަލައިދީފައި މިފަހަރު އައިންތުގެ އަތްތިލަައިގައި އެމީހެއްގެ އިނގިލި ހާކާލިއެވެ. މިއީ އޭނާއަށް ތިންވަނަ ފަހަރަށް ލިބުނު މެޓަލެވެ.
ހާދަހާވާ ހެއްވާކަމެކެވެ. އައިންތު؟ މިޔޯ؟ އަނެއްކާ ކޮންއެއްޗެއް މި؟
އެމީހާ ކަންތައް ކުރިގޮތުން އޭނާއަށް ގޮތަކަށް އަހާލެވުނީ ހިތް ނުތަނަވަސް ވެފައެވެ. ހަރީމްބެއްޔާ: ތީ ކާށި މެޓައެއްނު. ހެވިފައި ބުނެލިއެވެ.
ވީ ފޫއްސަކުން އޭނާއަށް ހޫމް އެކޭ ބުނެވުނީ ފޫހި ގޮތަކަށެވެ. ފަރުވާލެއް ނެތި އައިންތު އެ އެއްޗެއް ކާލައި ގެއަށް ދާން ފިހާރައިން ނިކުންއިރު ވެރިވެފައިވަނީ ވަރަށް އަނދިރިކަމެކެވެ. ބައެއް މީހުން އުށްބައްތި ރޯކޮށްގެން މަގަށް ނިކުމެ ވާހަކަ ދައްކާ ސަމާސާކޮށް އަޑުގަދަ ކޮށްހަދާ އަޑުއިވެއެވެ.
ކަޅުފޮއިފަދަ އަނދިރިގަނޑުން ދެން އަލިކަމެއް ފެންނަނީ ބައިސްކަލުތަކުން ފެންނަ ބައްތީގެ އަލިކަމެވެ. ހިނގާބިގާ އުޅޭ އެކެއްގެ މޫނު ސާފުކޮށް އެނގޭވަރެއް ނޫނެވެ. އިރުކޮޅަކުން މަގުތައް ފަޅުވާން ފަށާނެއެވެ. އެހެންކަމުން އަވަސް އަވަހަށް އައިންތުވެސް ގެއާ ދިމާއަށް މިސްރާބުޖެހިއެވެ.
ކަނު އަނދިރީގައި އޭނާ ހިނގާފައި ދަނިކޮށް މީހަކު ފަހަތުން އައިންތުއޭ ގޮވާލިއަޑަށް އޭނާއަށް ސިހިފައި ބަލާލެވުނެވެ. އަބަދުހެން ޚިޔާލުކުރެވޭ ޒުވާނާ އެހުރީ އޭނާ ގާތުގައިއެވެ. ކަޅުކުލައިގެ ދިގު ކޯޓެއް ކަަހަލަ އެއްޗެއްލައި ބޮލުގައި ތޮށްޕެއް އަޅައިގެންނެވެ. ތުބުގައި ރަށުބިޑިއެއްް ހުއްޓެވެ. ބިޑި ދިގުކޮށް ދަމާލައި ދުންގަނޑު ވަޔަށް ދޫކޮށްލަމުން އެގޮވާލީ އެމީހާއެވެ.
އައިންތު: ތީނަ ދޯ. ކިހިނެއް އަހަރެން އެނގުނީ މި އަނދިރިގަނޑުން؟ އައިންތު ލަދުގެންފައި އަހާލިއެވެ. ހިތުގައި ވިންދުޖެހުން ބާރުވިއެވެ.
ހައިތަމް: އެހެރަ ފިހާރައިން ނިކުންތަން ފެނިގެން ހިތަށް އެރީ ވާހަކަ ދައްކާލަން ގާތްކޮށްލަންވީއޭ. ކޮންތާކަށް ތިދަނީ؟
އައިންތު: ދެން ގެއަކަށްނު ދާނީ. ކަރަންޓު ކެނޑިފަ ހުރީމަ ގެއަށް ދެވޭތޯ މިދަނީ. ބިޑިވެސް ބޮންދޯ؟
އަނދިރިގަނޑުން އޭނާއަށް ދުވި ވަހުން އެއްޗެކޭ ބުނެނުލާ ނުހުރެވުނެވެ. ރަށުބިޑީގެ ދުންފަތް ވަހަކީ ނުބައި ވަހެކެވެ. އެހެންނަމަވެސް އޭނާ މިހެން އަހާލީ ލަދުންހުރެއެވެ. ބައިސްކަލު ފުރޮޅު ދުއްވުން މަޑުޖައްސާލައި އެމީހާ ދިިޔައީ އައިންތުއާ ވާހަކަ ދައްކައި ގާތްވާން ބޭނުން ވެގެނެވެ.
ހައިތަމް: އާނ. އަބަދުވެސް ބޯއެއްޗެއް ނުބޮއެ ނުހުރެވޭނެތާ…
އައިންތު: ކޮން ތާކު އުޅެނީ؟
ހައިތަމް: ކޮންމެވެސް ތަނެއްގަ. އަހަރެން ދިރިއުޅޭތަނެއް ވެސް ހުންނާނެތާ. އެއިރު ސަހަރާއާ ހަމައަށް އާދެވެނީއެވެ.
އަނދިރިގަނޑުން ޖެހެމުންދިޔަ ވައިރޯޅިން ތެތްފިނިކަމެއް ވެރިވިއެވެ.
އައިންތު ވާރޭ ވެހެން ފެށީދޯ. ހައިތަމް އިސްއުފުލާލިއެވެ.
ހައިތަމް: އާނ. އިހަށް މަޑުކޮށްލަމާ.
ތެދެކެވެ. ވާރޭ ވެހެނީއެވެ. މާދަމާއަކީ ބަންދު ދުވަހަކަށް ވީމައި އަދި ގެއަށް ކުޑަތަންކޮޅެއް ލަހުން ދެވުނަސް އެއީ މައްސަލައެއް ނޫނެވެ. އޭނާ ސަހަރާ ދޮރުމައްޗަށް މަޑުކޮށްލައި އަސްކަނި ދޮށުގައި ހުއްޓުނެވެ. ކަރަންޓު ކެނޑިފައިވާ ރޭގަނޑު ކަނު އަނދިރީގައި ވެހެމުންދިޔަ ވާރޭ ބޯކޮށްލައި ޖެހެމުން ދިޔަ ފިނި ވައިރޯޅިގަނޑުން ބައެއް ގެތަކުގައި ހުރި ގަސްތައް ހެލިގަތީ ތިއަހެނެއްނޫނެވެ.
އައިންތު: މިވަރަށް ވާރޭ ވެހެނިކޮށް އަހަރެންނަށް ގެއާ ހަމައަށް ވެސް ނުދެވޭނެ. އޭނާ އެހެންބުނީ އަޑު ބާރުކޮށެވެ. ދެއަތް ފުރަގަހަށް ލައިގެން އޭނާއާ ޖެހިގެން ހުރި ހައިތަމް ސަހަރާއަށް ދޮރާދިމާއަށް ބަލާލައި ދޮރާށި ހުޅުވާލިއެވެ.
ހައިތަމް: ބޭރުގަ ތިބުމަށް މިތަނަށް ވަނަސް މާ ރަނގަޅުވާނެ.
ޖެހިލުން ވާ ގޮތެއްވިމެ އެކަމަކު އައިންތު ބޭނުންވީ ހައިތަމާ އެކީ ސަހަރާތެރެއަށް ވަންނާށެވެ. އޭނާ އައިންތު އަތުގައި ހިފައި ސަހަރާތެރެއަށް ފުރަތަމަ ފަހަރަށް އެ ފައިއަޅާލިއެވެ.
އަނދިރިގަނޑުން މި ފަދަ ދަންވަގުތެއްގައި އޭނާ އަތުގައި ހިފައިގެން ޤަބުރުސްތާނުގައި ދިޔައިރު އޭނާއަށް ފާހަގަ ނުކެރެވުނަސް އޭނާއާއި އެކުގައި މި ދަނީ ކަޅުހިޔަންޏެއް ފަދަ އެއްޗެކެވެ. ދެވެނީ ކޮންތާކަށް ކަން ނޭނގުނަސް އެދާ ތަނަކަށް ގޮސް ހުއްޓުނީ މީގެ ޒަމާންތަކެއް ކުރީން މަރުވެފައިވާ މީހެއްގެ މަހާނަދޮށަށެވެ. ބޯކޮށް ގަދަ ފެހިޖަހާފައިވާ މި މާހަނަ ގަލުގައި ލިޔެކަނޑައިފާ މަޔިއްތާގެ ނަންހުރީ ޒަމާންވެ ބާވެގެން ފަނޑުވެފައެވެ.
މާކުރީ ޒަމާނެއްގައި ދިރިއުޅެ މަރުވެފައިވާ މީހެއްވީމައި އެއީ ކާކުކަމެއް އަދު އެނގޭނެ މީހަކު ނުހުންނާނެތާއެވެ.
އެ ބޯ އަނދިރިކަމުގެ ތެރޭގައި، އޭނާގެ ކައިރީގައި ހުރި ހިޔަންޏެއް ފަދަ ފިރިހެންމީހާގެ އަތުގައި އައިންތު ހިފާލީ ނޭނގޭ ކަމަށް ހަދާފައެވެ. މިފަދަ ބިރުވެރި އަނދިރިގަނޑެއްގެ ތެރޭގައި އޭނާގެ ހިތުގައި ބިރުވެރިކަމެއް ނެތް ނަމަވެސް، އޭނާގެ ފުރިހަމަވަމުންދާ ޅަޒުވާން ހަށިގަނޑަށް ވަމުންދިޔަ ތަފާތު އިހުސާސްތަކެއްގެ ސަބަބުން އެމީހާގެ އެހީތެރިކަމަށް އެހެރީ ނިހާޔަތަށް ބޭނުންވެފައެވެ.
އަމިއްލަ އިޚްތިޔާރުން ބޭރުގައި، އެއްވެސް ކަމެއް ނުވާކަމަށް ހަދައި އޭނާ އެ ފިރިހެންމީހާގެ މޭގައި ބޯއަޅާލިއެވެ.
އެވަގުތު އޭނާއަށް ދުވީ ދުންފަތުގެ ގަދަ ވަހެވެ.
=ނުނިމޭ=

