ބުރަދުވަހަކަށް ފަހު އެރޭ އޭނާ ނިދަން އަރާއޮވެފައި ޚިޔާލުކުރެވުނީ އެ ފިރިހެން ކުއްޖާގެ ހަނދާނެވެ. އެއީ ކޮން ނަމެއް ކިޔާ ކާކުބާ؟
އެއްކަލަ ރުމާ ނަގައި އެއާ ދިމާއަށް ނަޒަރުހުއްޓައި އޮވެ އިހުގެ ހިންދީލަވައެއް އަމިއްލަ ނަފްސަށް ކިޔާލާ އޮތީ އޭނާ ސިކުނޑީގައި ވެރިވެފައިވާ ޚިޔާލުން ހިތަށް ލިބެމުންދާ އުފަލުންނެވެ. އޭނާއަށް އެ ރުމާ އަތުމުށަށް ލައި އޮތް އިރުގައި އޭނާއަށް ނޭނގި ނުވަތަ ކުރެވޭ ޚިޔާލެއްކަމެއް ނޭނގިމިހެން އޮތްއިރުގައި، ފަނޑުއަދިރި މި ކޮޓަރިތެރޭން ކޮންމެވެސް މީހަކު އޭނާ ހަށިގަނޑުގައި އަތްބީއްސާލާހެން ހީކުރެވެއެވެ.
އައިންތުގެ ހިތަށް ކުރެވޭ އުފާވެރި ޖަޒްބާތުން އޭނާއަށް ހީވާގޮތް ކަންނޭނގެ. އޭނާގެ ޒުވާން ހަށިގަނޑު ތެރޭ ފޮރުވިފައިވާ ސިއްރު ހިއްސުތައް ގުޑުންވެ އޭނާއަށް އެހެންފަރާތެއްގެ ހިތްހަމަޖެހުން ބޭނުންވާފަދައެވެ.
ކޮންމެވެސް ގޮތް ނޭނގޭ މީހެއްގެ ފަރާތުން އޭނާ ހަށިގަނޑުގައި ބީހޭހެން ލޯމެރިފައި އޮތް އޭނާއަށް އިޙްސާސްވިއެވެ.
ޖެހިގެން އައި ދުވަހު ހެނދުނާ އޭނާ ސްކޫލަށް ދާން ތައްޔާރުވެ ފޮތް ދަބަސް ހިފައިގެން ގެއިން ނިކުން ގަޑިއާ ދިމާކޮށް ކުޑަކޮށް ވާރޭ ވެހެން ފެށިއެވެ. ދުވަމުން ގޮސް އީޕީއެސްއަށް ވަދެވުނީ ކިރިޔާއެވެ. ކްލާސްގަޑިތައް ނިންމައި އޭނާ ގެއަށް ދާން ނިކުމެ ހުއްޓައި ވިއްސާރަ ކަޅު ކޯޓެއްލައިގެން ހުރި ޒުވާނަކު އައިސް އޭނާ ކުރިމައްޗަށް ހުއްޓުނެވެ. އިއްތިފާޤުން ދިމާމިވީ އޭނާ ހިތް އެދެމުން ދިޔަ އިއްޔެ އޭނާއަށް ފެނުނު ފިރިހެން ޒުވާނާއެެވެ. ގެއަށް ނުދެވިފަތަ؟ ޒުވާނާ އަހާލިއެވެ. ލަދުރަކިވެ އޭނާއަށް އިސްޖަހާލެވުނެވެ.
އައިންތު: އާނ. ވާރޭ ވެހޭތީ ގެއަށް ނުދެވިފަ. ކޮން ނަމެއް ކިޔަނީ؟
ތެޅިތެޅި އޮތް ހިތް ބޭނުންވީ އަވަހަށް އޭނާއަކީ ކާކުކަން އެނގޭށެވެ. ހެވިފައި ބޮލުގައި ވާރޭކޯޓު ހޫޑްއިން ނިވާވެފައި ހުރި ޒުވާނާ ހިނިތުންވިއެވެ. "މަށަށް ކިޔަނީ ހައިތަމް،" ބުނެލީ ހިނިތުންވަމުންނެވެ.
"މީ އައިންތު…،" ލަދުން ހުރެ އައިންތު ބުންޏެވެ.
ހައިތަމަށް މީހަކު ފިޔަވަޅު ބާރަށް އަޅަމުން މި ދިމާއަށް އަންނަތަން ފެނުނީ އައިންތުގެ ފަހަތުންނެވެ. ފޮތްބޮނޑިވަރު ހިފައިގެން ތެޅެމުން ދުވެފައި ކުލްސޫމާ އައީ އައިންތު ކްލާހުގައި ބާއްވާފައި ދިޔަ ފޮތެއް އޭނާ ގެއަށް ދިޔުމުގެ ކުރިން ހަވާލު ކުރާށެވެ.
ހައިތަމް: ދެން ދަނީ.
އޭނާ އައިންތުގެ ފަހަތް ބަލާލައި ބައިސްކަލު ކުރިއަށް ދުއްވާލީ މަގުމަތީގައި ހެދިފައި އޮތް ބޮޑު ޗަކަ ފެންގަނޑާއި ދިމާ އަރިމައްޗަށެވެ. އައިންތުއަށް ފާހަގަ ވިކަމަކީ އޭނާ މިތާނގައި ހުރިއިރު ގެއަށް ދާން ދިޔަ ބައެއް ދަރިވަރުން އޭނާއާއި ދިމާއަށް ނަޒަރުހުއްޓައި ސިއްރު ބަސްބުނެ އެކަކު އަނެކަކާ ހެމުން ކޮންމެވެސް ވާހަކަތަކެއް ދައްކައެވެ. ފޫހިވާގޮތެއްވިއެވެ. އޭނާ ހިތާހިތުން އަމިއްލަ ނަފްސަށް ވާހަކަ ދެއްކިއެވެ. އަހަރެން ކޮންމެ މީހަކާ ވާހަކަ ދެއްކިއަސް ކާކަށް ކީއްހެއްޔެވެ؟
އޭނާ ފިޔަވައި މި ސްކޫލަށް އަންނަ ބައެއް ކުދިން އެމީހުންގެ ލޯބިވެރިންނާ ވަގަށް ބައްދަލު ކުރޭއެވެ. ގިނަ ރޭތަކުގައި ފާލަމްދޮށުގައި ޒުވާނުން ވަގު ލޯބިވެރިންނާ އެއްކޮށް މާފޮޅުވަން ކްލާސް ކަޓުވާފައި ދިޔުންވެސް އެއީ އައު ކަމެއް ނޫނެވެ. އެހެންވީމައި މީގެ ކުރިން އަދި އެއްވެސް ކުއްޖަކާ ރައްޓެހިނުވެ ހުރި އައިންތު އަލަށް ފިރިހެން ކުއްޖަކާ ވާހަކަ ދައްކާލަން މަޑުކޮށްލުމަކީ އެއީ މައްސަލައެއް ހެއްޔެވެ؟ އޭނާ އެކަމާ އެހައި އަޅައެއް ނުލިއެވެ.
ކުލްސޫމާ: އާންތޫ. އިހަށް މަޑުކޮށްބަލަ. މި އޮތީ ދިވެހި ފޮތް. އޭނާ ފަހަތައް އެނބުރުނެވެ.
އައިންތު: އަޅޭ . ވަރަށް ބޮޑަށް ޝުކުރިއްޔާ. މަށަށް މޭޒު ވަށްގަނޑުގަ ފޮތް ބާއްވާފަ ދޯ މި ދެވުނީ. އޭނާ އެފޮތް ނަގައި ދަބަހަށް ލިއެވެ.
ކުލްސޫމާ: އަހަރެން އެއްޗެއް އަހާލަންތަ؟ އެކަމަކު އެއްޗެކޭހީނުކޮށް އަހަރެން ދެކެ ރުޅި ނާންނަމަތީން ބުނާނީ؟
އޭނާ ގޮތަކަށް ބުމަތަޅުވާލީ ސަމާސާ ކުރާ ގޮތަށެވެ.
އައިންތު: ހޫމް، އަހާބަލަ. ރުޅި އަންނަން ވެސް އެނގޭނީ ތި ބުނަން އުޅޭ ވާހަކައެއްގެ ގޮތުންއެއްނު ދޯ. އޭނާ ގާތައް ހިނިއައެވެ.
ކުލްސޫމާ: ކީއްވެތަ ގެއަށް ނުގޮސް އެމީހާއާ ވާހަކަ ދައްކަން ސްކޫލް ދޮރުމަތީ ތިހުރީ؟
އެހެން ބުނުމުން އައިންތު ކުޑަކޮށް ނުރުންވިމެ އެކަމަކު އެކަން ހާމައެއް ނުކުރެއެވެ. އޭނާ ކޮންމެ މީހަކާ ވާހަކަދެއްކި އަސް މިއެންމެނަށް ކީއްހެއްޔެވެ.
އައިންތު: ޕިސް،ޕިސް. އަހަރެންވިއްޔާ އެއްވެސް މީހަކާ އަނގައިންވެސް ނުބުނަންވީތަ؟
އޭނާގެ އަޑާއި ރާގުގޮތަކަށް ބަދަލުވިއެވެ. އެކަން ފާހަގަ ކުރެވުނު ކުލްސޫމާ ހިނިތުންވިއެވެ.
ކުލްސޫމާ: ނޫނޭ. އެހެންވެގެނެއް ނޫން. އެކަމަކު އެ އުމުރުގެ މީހަކާ ވާހަކަ ދައްކަން ހުރީމަ ބައެއް މީހުން ފާޑު ފާޑުގެ އެއްޗެހި ކިޔާނެ. އެހެންވެ ހަމަ ބުނެލީ އިނގޭ.
ހިނިތުންވެފައި ކުލްސޫމާ ދާން ހިނގާގަތެވެ. އޭނާ އެބުނި އެއްޗެއް ވިސްނައިގެންނާކަށް އައިންތަށް ނޭނގުނެވެ. ފަހަރުގައި އޭނާއަށް ދޮށީ ފިރިހެން ޒުވާނަކަށް ވީމައި އެހެން މީހުންނަށް ފާޑުފާޑުގެ އެއްޗެހި ހިތަށް އަރަނީއެވެ. އެހަކަ ބޭކާރު ކަންކަމާ ކަންބޮޑުވާކަށް ބޭނުންނުވޭއެވެ. އޭނާ އެކަމާއެއް ވިސްނާކަށް ބޭނުންނުވިއެވެ. ފޮތްދަބަސް ހިފައިގެން ތެޅެމުން އައިންތު ފިޔަވަޅުތައް އަވަސްކޮށްލީ ކުލްސުމާއާ އެކުގައި ގެއަށް ދާށެވެ.
އައިންތު :ކުލް. އިހަށް މަޑުކޮށްބަލަ. މަވެސް ދާނަން. ވެއިޓް ފޮމީ.
ވާރޭ ވެހުން ތުނިކޮށްލާފައި އޮތްވައި ގެއަށް ދިޔުން ބުއްދިވެރިއެވެ.
ދެ އަންހެން ކުދިން ގެއަށް ދިޔަތަން ބަލަން ފަހަތުން މަގެއްގެ ހަނިގޯޅިގަނޑުގައި ބައިސްކަލު ޕާކުކޮށްގެން ފިރިހެނަކު ހުއްޓެވެ. ވާރޭ ވެހޭ ދުވަހެއްްވީމައި އެހައި ގިނަމީހުން މަގަށް ނިކުމެ އުޅުނީ މަދުންނެވެ. އެމީހަކު ތަންވަޅުބަލާފައި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ވަނީ ހެންވޭރު ސަހަރާއަށެވެ. ތިންދުވަހެއް ފާއިތުވިއެވެ. ބައެއް ވިޔަފާރިކޮށްލަން އައިންތު ނިކުތީ ޖެހިގެން ހުރި ހަރީމްބެ ފިހާރައަށެވެ.
ފިހާރާގައި ދެތިން މީހަކު ތިއްބެވެ.
ހަރީމްބެއްޔާ: މަންޖޭ. ކޯއްޗެއް ގަންނަން؟
އެމީހާ ކުޑަފޮށިގަނޑަކުން ކަރުދާސް ބިޑިތަކެއް ނަގައި މެޓާފުޅިތައް ދެމެދުގަ ހުރި ތަބަކަށް އެޅިއެވެ. ފުންޏަކަށް ހުރި ބިޑިތަކާއި ދިމާއަށް އައިންތު ބަލާލިއެވެ. އޭގައި ފެންނަން ހުރީ އާދައިގެ ނޫސް ކަރުދާސް އޮޅާފައި ހުރި ބިޑިއެވެ. ލޮލުގައި އެއްޗެއް އަޅައިގެންފިއެވެ. އެހެނަސް އެހާބޮޑަކަށް އެކަމާއި ސަމާލުނުވެވުނެވެ. މި ބެއްޔާއަކީ އަބަދުވެސް ދުފައި އަނގަރަތްކޮށް ދުންފަތްގަނޑެއް ކޮލަށް ލައި އަދި ބިޑިން ދުންއަރުވާލައި ހުންނަ މީހެކެވެ.
އައިންތު: މިއައީ މުގާ ހަނޑުލާ ހަކުރާ ވަޅޯމަސްކިބައެއް ގަންނަން. ތިވަރަށް ތި ބޯކަށް ނުވާނެ. އޭނާއަށް މިހެން ބުނެވުނީ އެވަގުތު އެތަނުން ދުވި ދުންފަތް ވަސް ގަދަވެގެނެވެ. އޭނާއަށް އުނދަގުވިމެ އެކަމަކު އެ ބެއްޔާއާ ދިމާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ އެތަނުގައި ހުރި އެހެނިހެން ބައެއް ސާމާނުތައް ހާވާހެދިއެވެ.
ހަރީމްބެއްޔާ ތިލަފަތައް ސާމާނު އަޅައި ކިރާފައި ކޮތަޅުތަކަށް އަޅައި ހެދިއެވެ. އޭނާ ވިޔަފާރި ކުރި ސާމާނުތައް ހިފައިގެން ދިޔުމުގެ ކުރީން ހަރީމްބެއްޔާ މޭޒު ވަތްގަނޑުން ކާށި މެޓައެއް ނަގައި ދިއްކޮށްލިއެވެ.
އައިންތު: މި ފިހާރައިން ބަހައި އެއްޗެއްތަ؟
ކަރުދާސްކޮޅު ނައްޓައި އޭނާ މެޓާނަގައި އަނގައަށް ލިއެވެ. އަތުގައި ބޮނޑިކޮށްފައި އޮތް މެޓާ ލާފައި އޮތް ނިޔުސް ކަރުދާސްކޮޅަށް ބަލާލިއެވެ. ހިތަށް އެއްޗެކޭ ނޭރިއެވެ. އޭނާ މެޓާ ކަރުދާސްގަނޑު އޮޅައި ކުނި އަޅަން ދޮރުބުޑުގައި ހުރި ވަށިގަނޑަށް ލިއެވެ.
==ނުނިމޭ==

