ހަރީމްބެއްޔާ ދެމިޔައިން ހިނިގަނޑެއް ޖަހާލައި ދުންބިޑިއެއް ރޯކޮށްލިއެވެ. ކަޅިއަޅައިގެން ހުރި އޭނާ ހަރީމްބެއްޔާއަށް ނަޒަރުހިންގާލީ ކަންބޮޑުވު މެއްގައެވެ.
ޝާހިދު: އަނެއްކާ އެމަންޖެއަށް އެއްވެސް ކަމެއް އެނގުންވާނެތަ؟
ހަރީމްބެއްޔާ: ނޫނޭ. ތީދެން ކުރާކަހަލަ ސުވާލުތަ؟ އެމަންޖެއަށް މިއީ ރޭގަނޑެއް ދުވާލެއްކަންވެސް އެނގުންނުވާނެ ޔަޤީން.
ބޮޑު ވާހަކައިގައި ހުރެފައި ޝާހިދު ފިހާރައިން ނިކުމެގެން ގޮސް ގެއަށް ވައިން އިރުގައި އައިންތު އޮތީ ޖޯލީގައި އެއްއަތުން މޫނު ނިވާކޮށްގެން ނިދިފައެވެ.
ޝާހިދު: ދަރިފުޅާ. ސިހިގެން އޭނާ ތެޅިގެން ނިދިން ހޭލެވުނެވެ.
އައިންތު: ބައްޕާ ކީކޭ؟
ޝާހިދު: ކޮންއެއްޗެއް ކާންތައްޔާރުކުރީ؟ ވަރަށް ހައިވެއްޖެ.
އައިންތު ފިޔަވަޅުއެޅީ ބަދިގެއާދިމާއަށެވެ. ވަރުބަލިވެފައި ހުރި އައިންތު ބަދިގެއަށް ވަދެފައި ބައްޕައަށް ކާތަކެތި މޭޒުމައްޗަށް ނަގައި ތައްޔާރު ކުރުމުގައި އަތްމަތި އަވަސްކޮށްގެން އުޅުނެވެ. މޭޒުދޮގައި އިން ޝާހިދު ކާން ފަށާފައި އެމަންޖެ ގާތުގައި މަޑުކޮށްލަން ބުނީ މުހިންމު ވާހަކައެއް ދައްކަން ޖެހޭކަން ބުނެފައެވެ.
ޝާހިދު: ދަރިފުޅާ އައިންތު، ކޮން އިރަކުން މީހަކާ އިންނާނީ؟ އޭނާއަށް ސިހުންވީ ބައްޕަ އެ ކޮށްލި ސުވާލުންނެވެ.
އައިންތު: އަހަރެން އަދި ކިޔަވާވެސް ނުނިމޭ. މީހަކާ އިންނާކަށް ބޭނުންމެއްނުވޭ.
ޝާހިދު: ތި ކިޔެވުމެއް ނުނިމުނެއްނު؟ އުމުރު ތިޔަ އަރާގެން ދަނީ. ތިހެން ވަގުތުތައް ބޭކާރުނުކޮށް މީހަކާ އިންނަން އުޅޭ. އިންނާނެ މީހަކު ހޯދާދޭންވީތަ؟
އައިންތު: ބައްޕާ. މިއަދު ކޮންކަހަލަ ވާހަކަތަކެއް ދައްކާ ދުވަހެއް؟ އެހެންނޫނަސް އަހަރެން އިންނަން ބޭނުން ވާ މީހަކު ހޯދާނީ އަހަރެން. ފޫހިގޮތަކަށް އެހެން ބުނެލީ ހިތްހަމަ ނުޖެހުނީމައެވެ. ކާންއިން ޝާހިދަށް އެއީ ބޮޑުކަމަކަށް ނުވިއެވެ.
ޝާހިދު: އަހަރެންނަށް ހެޔޮ ކޮންމެ މީހަކާ އިނަސް. އޭނާއަށް ކަނޑައެޅިގެން ކަންތައް ވާގޮތް އެނގުހުރެމެ މިހެން ބުނެލީ އައިންތު އަވަހަށް މިގެއިން ބޭރުކޮށްލާނެ ފުރުސަތަށެވެ.
ޝާހިދު: ހިތާވާ މީހަކު ހުއްޓަސް ވާހަކަ ދައްކާލަން އަންގާލާ. ދެން އިތުރަށް ކިޔަވާނެކަމެއް ނެތް. މިހިސާބައް އައިރު ދެފަހަރު ކްލާސް ރިޕީޓުވެސް ވެއްޖެ. ހުރިހާ އެންމެނަކީ ކިޔަވަން މޮޅު ހުނަރު ހުރި ބައެއް ނޫނޭ. އޭނާ އަޑުގައި ސީރިއަސްކަމާއި ހަރުކަށިކަމެއް އެކުލެވިފައިހުއްޓެވެ. ބައްޕަގެ މި ވާހަކަތައް އަޑު އަހާފައި އޭނާ ވަރަށް ދެރަވިއެވެ.
އައިންތު ހަނދާން ހުންނަން ފެށިއްސުރެ އޭނާއަކީ މިގޭގައި ގެންގުޅޭ މީހެއްފަދައިން ހުރިހާ ކަމެއް ކުރާ މީހާއެވެ. މިވަރުކުރާ އިރުވެސް ބައްޕައަށް ހިތްހަމަ ޖެހޭނެ އެއްގޮތްވެސް ނެތީހެއްޔެވެ؟ ބައްޕަ އެބުނީކީ ވެސް މުޅިން ދޮގުވާހަކައެއް ނޫނެވެ. އަހަރެންނަކީ ކިޔަވާކަށް އެހާ މޮޅު ދަރިވަރެއް ނޫނެވެ. އެހެންނޫނަސް ހައިތަމާ ދިމާވިފަހުން އޭނާއާ ދެމެދުގައި ހިނގި ކަންތައްތަކާ ވެގެން އަމުދުން މިހާރު ކިޔަވަން ސްކޫލަށް ދާހިތް ކެނޑިއްޖެއެވެ. އަހަރެން މީހަކާ އިނދެގެން މިގެއިން ބޭރުވެއްޖެއްޔާ އެހެން ދިރުއުޅުމެއް ލިބިދާނެއެވެ. ބައްޕަ ކައި ނިމުނީމައި އޭނާ ބަދިގެތެރެ ސާފުކޮށްލައި ގޮސް އޮށޯތީ އެކިޚިޔާލުތަކުންނެވެ. ހައިތަމް ނޫން ދެވަނަ މީހެއް އޭނާ މިހާރު ބޭނުންނުވާފަދައެވެ.
ދަންވަރުވަގުތެކެވެ. ގަޑިން ދިހައެއް ޖެހީއެވެ. މަގުތައް އެއްކޮޅުން އަނެއް ކޮޅަށް އެކި ގޯޅިތައް ފާހަގަ ކުރަން ހުންނަ ދަގަނޑު ހޮޅިތަނބުތައް ދިއްލާފައި އަލީގައި ފިޔަވައި ދެން އަލިކަމެއް ވެރިވާނީ ހަނދުވަރުގެ ފަނޑުއަލީގައެވެ. ދެފަރާތަށް ފޮރޮޅެން އޮވެފައި ގަދަ ނިދީގައި އޮތްވައި މީހަކު ކަންފަތް ދޮށުގައި އަންނާށޭ ބުނިއަޑު އިވުނެވެ. ލޯމަރައިގެން އޮތް އައިންތަށް ހޭލެވުނީ ހީކަރުވާގެން ތުރުތުރު އަޅަމުންނެވެ. ހުސްފަޔާ އަނދިރި މަގުތައް ގޯޅި އަޅަމުން ގޮސް ޤަބުރުސްތާނަށް ފައިއެޅުމުން ގަބުވެފައި ހުރި އޭނާއަށް ދުންފަތްވަސް ދުވިއެވެ.
މަޑުފިޔަވަޅުތައް ހުއްޓުނީ ފުރަތަމަ ރެއިން ފެށިގެން އޭނާގެ އުފާތައް ހާސިލުކުރާ އެ ރަސްމީ ޖަގަހަކަމަށް ވާ ނަންފަނޑުވެފައިވާ މަހާނަދޮށަށެވެ. އެހުރީ ލޯބިވެރިޔާ އައިހެވެ. މި ކަޅު ހިޔަންޏެއްފަދަ ފިރިހެނަކު ފެންނަކޮންމެ ފަހަރަކު އޭނާ އޮޅުން ފިލުވަން ބޭނުންވާ ބައިވަރު ސުވާލުތައް ހަނދާނުން ކެހިގެން ދަނީއެވެ. މިރޭ ހައިތަމް އިނީ އެ މަހާނަ ގައުމަތީގައި އިށީނދެގެން އެއްފައި ތަޅުވާލަ ތަޅުވާލައި ބިޑިބޯށެވެ. ވަށައިގެން ފެންނަނީ އެކި މީސްމީހުންގެ މަހާނަތަކެވެ. އޭނާ ގޮސް ފަހަތުން ހައިތަމްގައިގާ ބައްދާލިއެވެ. ނޭފަތައް ދުވީ ނުފިލާ ދުންފަތްވަހެވެ. އެ އެއްޗެއްގެ މޫނު ދެލިކަޅުކުލައިން އަނދާފައި ހުރި ކަހަލައެވެ. މޫނުގައި ފެންނަން ހުރީ އިންސާނެއްގެ ކަށްބޮލުގައި ކަޅުކުލައިން ރެނދުއަޅައި ދުންއަރަނީއެވެ. އައިންތު އޭނާއަށް މިހެން އަބަދު ނާދެވޭނެ ވާހަކަ ބުންޏެވެ. ބޭނުންވަނީ ކައިވެނީ ކުރާށެވެ. ކަށްބޮލުން ފީވެފައި ހުރި ކަޅުދެލި ހެވިފައި ދަތްތަކުން ފުޅަ ދުވަނީއެވެ.
އެމޫނު އޭނާއާ ދިމާއަށް އަނބުރާލުމުން އައިނތުއަށް ފެނުނީ ރީތި ހައިތަމެވެ. ހައިތަމްވެސް އޭނާއާ ކައިވެނި ކުރަން ބޭނުންވި ވާހަކަ ބުންޏެވެ. އެހެނަސް އެކަމެއް ކުރެވޭނީ އޭނާ ބޭނުންވާ ރެއަކުކަން ބުންޏެވެ. ރަނގަޅެވެ. ދެފަރާތުގެ އެއްބަސްވުން ތަކެއްވެ ދެން އޮތް ހަނދުބޮޑުވާ ރޭ ކައިވެނި ކުރަން ނިންމިއެވެ. އައިންތުގެ ބައްޕައާ ބައްދަލު ކުރަން އަންނާނެވާހަކަ ބުންޏެވެ.
އޭނާއަށް އެނގުންވީ ފަތިހެވެ. އެވަގުތު ނިދިން ހޭލެވުނީ މި މަހާނަ މަތީ އޮތްވައި ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. އޭނާ ތެޅިގެން ތެދުވެ ސިއްރުން ދުރަށް ބަލާލިއެވެ. ރޭ ދަންވަރުވަގުތަކު މަރުވި މީހަކު ވަޅުލާން ބަޔަކު ސަންދޯއުފުލާގެން ކަށްވަޅަށް ތިރިކުރަނީއެވެ. އޭނާ ބިރުގަތީ ބަޔަކަށް އޭނާ ފެނިދާނެތީއެވެ. ހެދިފައިހުރި ވިނަގަނޑާ ގަސްތައް ތެރެއިން އެކި މަހާނަތައް މަތިން ގިރާކޮށް ދުވެފައި އެހެން ބައެއްގެ ލޮލުގައި އޭނާގެ ހިޔަނިވެސް އަޅައިނުގަނެ ސަހަރާއިން ނިކުމެވުނީ ކިރިޔާއެވެ.
ދެފަޔަށް ބާރުލާފައި ދުވެފައި އެދިޔަގޮތައް ގެއަށް ވަދެފައި ހަމަޖެހުންލިބުނީއެވެ. ރޭގައި ހައިތަމް އޭނާ ބައްޕައާ ބައްދަލުކުރަން އަންނަވާހަކަ ބުންޏެވެ. ދެތިން ރެއެއް ފާއިތުވިއެވެ. އޭނާ އިންތިޒާރުކުރާ އެއްކަލަ ރޭ އައިސް ޖެހިއްޖެއެވެ. ކިޔެވުން ދޫކޮށްލާފައި މީހަކާއި އިންނަން އެއްބަސްވެވުނީ ހުވަފެނެއް ފަދައިންނެވެ. މިހާ ފަސޭހައިން މިކަން އެވީ ކިހިނެއްބާ؟ އޭނާއަށް ފެންނަނީ ބަޔަކު އައިސް ކައިވެނި ސައި ޕާޓީ ހަފްލާގައި ކައިބޮއި މަޖާކުރާތަނެވެ. އޭނާ ބޮލަށް އެނބުރުން އަރާފައި ސިކުނޑި ވަރުބަލިކޮށްލަނީއެވެ. މިރޭ ނިދަން ދާން ޖެހޭނީ ހައިތަމްގެއަށެވެ. ސައިޕާޓީ ނިމުނީ ދަންވަރު އެގާރަޖެހި ފަހުންނެވެ. އޭނާ ފިރިމީހާ އާއެކީ އަތުގައި ހިފައިގެން އެބުނާ ގެއާދިމާއަށް ދިޔަވަގުތު މިރޭ މަގުގައި ހޭލާތިބި ބަޔަކު ތިބީ ކަޅިޖަހާނުލައި މި ދެމަފިރިންނަށް ބަލަހައްޓައިގެނެވެ. ޤަބޫލުކުރަން ދަތިކަމަކަށް ވިއަސް އައިންތު އެމީހާއާއި އެ ކައިވެނީ ކުރީއެވެ. އޭނާ ނިދަން އަރާއޮވެފައި ހައިތަމް އަތުގައި އަތްޖައްސާލިވަގުތު އޭނާ ހަށިގަނޑަށް ވަރުބަލިކަމާ އެހެންނޫނީ ނުވާފަދަ ބަރުކަމެއް އިޙްސާސްވިއެވެ. ލޯމަރައިގެން އޮތް އޭނާ ގައިގާ ވަރެއް ނެތެވެ. ލޯހުޅުވާލެވުނީ ފިރިމީހާގެ ފުންނޭވާގެ އިހްސާސުންނެވެ. ލޯހުޅުވާލުމާއެކީ ބާރަށް ހަޅޭއްކޭއް ލަވައިގެންނަ ތެޅިގެން ވަގުތު އެމީހާގެ އަތް އޭނާ އަނގަބަންދުކޮށްލިއެވެ. އޭނާއަށް ފެންނަނީ އަލަތުފިރިމީހާ ހައިތަމެއްނޫނެވެ. އެއީ ހަރީމް ބެއްޔާއެވެ. އެވީ ކިހިނެއްހެއްޔެވެ؟
(އައިންތަށް ނޭނގި ވެފައިވާ ބޮޑު ޖަރީމާގެ ދަޅަ)
އައިންތުގެ މުޅި ހަޔާތުގައި ނޭނގިއޮތް ބޮޑު ސިއްރަކީ އޭނާއަކީ ބައްޕަ ނެތް ކުއްޖެއްކަން ނޭނގި ސިއްރުވެފައި އޮތުމެވެ. ޝާހިދަކީ އޭނާގެ ދޮންބައްޕައެވެ. ހަރީމްބެއްޔާގެ ވަރަށް ގާތް މިތުރެކެވެ. އެދެމިތުރުން ދެމެދުގައި ދެކެވުނު އެއްބަސްވުމެއްގައި އައިންތުގެ އަލަތުކައިވެނި ހަރީމްބެއްޔާއަށް ހަދިޔާކުރަން ނިންމީ އެމީހާގެ ވިޔަފާރީ ޝާހިދަށް ހައްޤުކޮށް ހިބަކޮށްދޭން އެއްބަސްވެގެނެވެ. ހަރީމްބެއްޔާ ހަދާފައި ހުރި ފަންޑިތާގައި ބާރުގައި އައިންތު އެހާފަސޭހައިން އެމަޅީގައި ޖެހުނީ އޭނާއަށް ސިހުރު ހަދާފައި ކާންދިން މޭޓާތަކެއްގެ ސަބަބުންނެވެ.
އަދާ ހަމައަށް ފޮރުވިފައިވާ ބޮޑު ސިއްރަކީ ހަރީމްބެއްޔާގެ އޭނާގެ މަރުވެފައިވާ ބައްޕައަކީ އަންހެނުން ހިތިމީހެކެވެ. އަދު މީހުންތެރޭގައި އެވާހަކައެއް ފަނޑުވެފައިވާ ހައިތަމް ވާހަކައެވެ. އެ ޒަމާނެއްގައި އެތައް ޒުވާން އަންހެންކުދިން ގެ ފޮނިކަން ނިގުޅާގެން އުޅުނު ހައިތަމަށް ފަހުނޭވާ ލާން ޖެހުނީ ބަޔަކު މީހުން ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން އޭނާއަށް ދިން ހަމަލާއަކުންެ އެ ބޮޑެތި އަނިޔާވެރި ޒަޚަމްގައި ފަރުވާކުރަނިކޮށެވެ. މިވާހަކައަކީ އަދު ހަނދާނުން ފުސްވެފައިވާ ވާހަކަތަކެވެ. ހައިތަމަކީ ދިރިއުޅުމުގައި ތަނަވަސްކަން ހުރި ޒުވާން އަންހެންކުދިންގެ ހިތްތައް ކާމިޔާބު ކުރަމުން ދިިޔަ މީހަކަށް ވީމައި އަދު ދުނިޔޭގައި ހުރި އޭނާގެ ފިރިހެންދަރިފުޅު މުސްކުޅި އުމުރަށް ގޮސް ހުރި ހަރީމަށް ވިސްނުނު އެންމެ މޮޅުގޮތަކީ ސިހުރު އިސްތިރިއެއް ހަދައިގެން ޒުވާން ރީތި އައިންތު ލޮލުގައި އަނދުނެއް އަޅުވައި އޭނާގެ ހިތް ހަރީމްބެއްޔާއަށް ލަނބުވާލައި އެއަންހެން ކުއްޖާއަށް ހަޤީޤަތް އޮޅުވާލުމެވެ.
އޭނާއަށް އައިންތު ހާސިލުކުރުން މިއީ މުޅިއަކުން އޭނާ ބޭނުންވިގޮތް ނޫންމެ އެކަމަކު އައިންތުގެ ދޮންބައްޕަވެސް އިޚްތިޔާރުކުރި އެދުނު ގޮތެވެ. އެދުވަހު އޭނާ ޖޯލީގައި އިނދެފައި ގެއަށް ވަންނަން ހިނގައިގަތްން ވަގުތު އޭނާގެ ފިޔަވަޅު ޖެހުނު ތަނުން ނެގި ވެލިމުށް ހަރީމްބެއްޔާ ބޭނުން ކުރީ ސިހުރު ހަދާށެވެ. އެ ވެލިމުށަށް ސިހުރު ހަަދައި އޭނާ އެދުވަހު އިރުއޮއްސުމުގެ ކުރީން ޤަބުރުސްތާނުގައި ހުރި ހައިތަމްގެ މަހާނަމައްޗަށް ބުރުވާލިއެެވެ. ގިނައިރެއް ނުވެ އެފާޅުވެގެން އައި އެއްޗަކީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލާން އައި ޝައިޠާނެކެވެ. މި އެއްޗެއް އައިސް އޭނާ އިން ޖޯލީގައި ބޭއްވި ކަޅު ރުމާލަކީ އޭގެ ފަހަތުގައި އެތަށް ބައިވަރު ބިރުވެރި ސިއްރުތަކެއް ފޮރުވިފައިވާ އެއްޗެކެވެ. އެކަމުގައި އައިންތު ލޯމައްޗަށް އެޅުނު ދަޅައަކީ ހައިތަމް ސިފާގައި ބިރުވެރި ރޫޙާނީ އެއްޗެއް އަވަލެވުމެވެ. އައިންތު ގޭގައި އޮތް ކަޅުރުމާލަކީ ހައިތަމް މަރުވިދުވަހު އޭނާގެ ކަފުނުން ފޮތިކޮޅެކެވެ.
އެޒަމާނުގައި ހައިތަމް މަރުވެފައި އޮތް އިރު ލިބިފައިވާ އަނިޔާވެރި ޒަޚަމުން މައްޔިތާގެ ކަފުން ލެއިން ފޯވެ ދެވަނަ ފަހަރަށް ކަފުން ކުރަންޖެހުނެވެ. އޭރުގައި ޤަބުރު ލެއިން ސާފުކުރަން އުޅުމުގައި އޭނާގެ ދަރިފުޅު ޒުވާން ހަރީމް އޭނާ ބައްޕަގެ ކަފުނުން ފޮތިކޮޅެއް ވިދާލައިފޮރުވީ އޭރުގައި އޭނާއަށް ލިބިފައިވާ ހިތްދަތިކަމުން ބައްޕަގެ ހަނދާނަށެވެ. މި ކަޅުކަފުނަށް ސިހުރު ހަދާފައި އޮތް އެއްޗަކަށް ވެފައި އޭނާ ދިރިއުޅޭ ގޯތިން އެ ނައްތާނުލާހާ ހިނދަކު ހައިތަމް ސިފަޖެހިގެން ހުންނަ ބިރުވެރި ޖިންނިއަކު އައިންތުގެ ފަހަތުން ނުނެއްޓޭނެއެވެ.
ސާޅީސްފަސްރޭ ވުމުގެ ކުރީން އެ ޖިންނީގެ ބޭނުން ތިން ރޭވަންދެން އެ މަހާނަދޮށުގައި ފުއްދައިފިއްޔާ އެއްވެސް ހުރަހެއްނެތި އައިންތުގެ ހިތް އެމީހާއަށް ލެނބޭނެއެވެ. އޭގެ މަޤްސަދަކީ ހަރީމްބެއްޔާއަށް އައިންތުއާ ކައިވެނި ކުރެވޭނެކަން ޔަޤީންވުމެވެ. އަދި އައިންތު އެހަށިގަނޑުގައި ނޭވާލާ ހިނދަކު ހައިތަމް ސިފައިގައި އެ އެއްޗެއް އޭނާއަށް ގައިގޯޅިވާނެއެވެ.
ބިޑީގައި ފަންޑިތަ ލިޔެގެން އެއިން ދުންއަރުވާ އެކަން ޔަޤީންކުރަން ފުރަތަމަ ހަރީމްބެއްޔާ އައިންތުއާ ވާހަކަ ދައްކަން ހުރި ދުވަހު އޭނާއަށް އެމީހާ ފެނުނީ އެހެން މީހެއްގެ ސިފައިގައެވެ. ފަންޑިތަ ހަދައިގެން ޒުވާން އަންހެންކުއްޖާ ލޮލުގައި ބިރުވެރި ސިއްރު އަނދުނެއް އެޅުވިއެވެ. ވާރޭ ވެހުނު ދުވަހު އޭނާ ގާތުގައި ހުރީ ހަރީމްބެއްޔާކަން އޭނާއަށް އެނގުންނުވިއަސް އޭނާގެ ރަހްމަތްތެރި ކުލްސޫމާއަށް އެކަން އެނގިގެން އެވާހަކަ ދެއްކިއެވެ. އޭނާ ނޭފަތަށް ދުވި ދުންވަހަކީ އެ ޝައިޠާނަކު އޭނާ ފަހަތުގައި އަވަލާފައި ހުރި ކަމުގެ ހެއްކެވެ. ހަރީމްބެއްޔާ އެދުވަހު އެކަން އެހެން ކުރީ އޭނާ ކުރާ ފަންޑިތާގެ މަސައްކަތް ދަނީ އޭނާ ބޭނުންވާ ގޮތަށްތޯ ޔަޤީންކުރާށެވެ.
އެދުވަަހު އައިންތުއަށް ހަރީމްބެއްޔާ ސިފަފެނުނީ ހައިތަމްސިފާގައިއެވެ. ހަރީމްބެއްޔާ ނޫންކަމަށް ހަދައި އަބަަދުވެސް މަގެއްމަތިން އައިންތުފެނުނަސް ސިރުވެރިކަމާއެކީ އޭނާ ފަހަތުން ޖާސޫސްކުރެއެވެ.
މިހެން އެކިދުވަސްވަރު އައިންތުއަށް އޭނާ ފަހަތުގައި ގޮތްނޭނގޭ ހައިތަމް އޭނާގެ އުފާތައް ހާސިލުކުރިއެވެ. ޤަބުރުސްތާނުގައި އޭނާއަށް ނޭނގި އެ ބިރުވެރި ޝައިޠާނަކާއެކީ ވަގުތު ހޭދަކުރުމަށް ފަހު ގެއަށް ދާއިރުގައި އޭނާއަށް ފާރަލަނީ ހަރީމްބެއްޔާއެވެ. ޝާހިދު އަނބިމީހާގެ ތިމާގެ މީހަކު އައިންތުއާ ކައިވެނި ކުރުމުގެ ކުރީން ހަރީމްބެއްޔާ މިކަން ކާމިޔާބުކުރީ ސިހުރު ހަދައި ބިރުވެރި ކަމުގައެވެ.
މިހާރު އައިންތަކީ ޖެހިގެން ހުރިގޭ އަވަށްޓެރިޔާ ހަރީމްބެއްޔާގެ އަނބިމީހާއެވެ. އޭނާގެ އަލަތުފިރިމީހާއާ އެކީ ވަގުތު ހޭދަ ކުރެވޭއިރުގައި އެއީ ހައިތަމް ނޫންކަމެއް އިހުސާސެއް ނުވެއެވެ. ދެފުށް ދެގޮތް މީހުން ދައްކާ ދަޅަތަކަށް ހެއްލި ގޮތްނޭނގޭ މީހުންދޭހާ އެއްޗެހި ކައިބޮއެ ނޫޅެންވީ މިފަދަ ބިރުވެރިކަންތައް ވާތީއެވެ.
އައިންތު ދިރިއުޅޭ ތަނެއްގައި އެ އޮންނަ ކަޅު ކަފުން ރުމާ އޮންނަހާ ހިނދަކު އޭނާއަކަށް ހަރީމްބެއްޔާގެ ފަހުނޭވާއާ ހަމައަށް ޖެހެންދެން މި ދަންތުރާއިން ދުވަހަކުވެސް ސަލާމަތެއް ނުވާނެއެވެ.
( =ނިމުނީ= )
“ސިހުރަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އަމިއްލަ އެދުމާއި ދުނިޔޭގެ އަރާމާއި އުފާ ހޯދުމަށް ޝައިޠާނާއަށް އަޅުވެތިވެ ސިހުރުގެ އެހީ ހޯދާ މީހާ އެވަނީ ﷲ ތައާލާއަށް ޝިރުކުކޮށް ފާފަވެރިވެފައިކަން ޔަގީނެވެ. މިފަދަ ކަންކަމުން ދުރުވެފައިވާ ބައެއް ކަމުގައި އަޅަމެން ލައްވާނެތެވެ. އާމީން!”
