ފަތް ޖެހުނު ގޯޅި – ފަހު ބައި
އަހަރުތައް ފާއިތުވަމުން ކިޔެވުން ނިމި މި ދެފަރާތުގައި މި އުފެދުނު ލޯބީގެ ގުޅުމަށް އައު ދިރުމެއް ގެނެސް މިފުންލޯބީގެ ކުރިއެރުމަށް ކައިވެނީގެ ގޮށްޖަހައި ހަޔާތެއް ފެށުން މިއީ ދެކެމުން އައި ހަޤީޤީ ހުވަފެނުގައި ކުލަތައް ބޭނުންވި ގޮތަކަށް ކުލަޖައްސަން ލިބުނު ރަނުގެ ފުރުސަތެވެ. ލީލާގެ މައިންބަފައިންނަކީ މާލޭގައި ތަނަވަސްކަން ހުރި ދެމަފިރިންނެވެ. އޭނާގެ ދޮށީ ބޭބެއަށް ހުރި އިޤްބާލު މީހަކާއި އިނދެގެން ދިރިއުޅުން ބިނާވެފައި އޮތީ އިންޑިއާގައެވެ. އިޤްބާލުއާއި ޖެހިގެން ހުރި ލަމްހާގެ ކައިވެންޏަށް ފަހުގައި ދިރިއުޅުން ބިނާވެފައި އޮތީ ސްވިޒެލޭންޑްގައެވެ.
މި ޢާއިލާގައި ހުރި އެންމެ ހަގު ކުއްޖާއަކީ ލީލާ ކަމަށް ވުމުން އޭނާއަށް އެންމެންގެ ލޯބި ލިބުނީ ވަރަށް ފުރިހަމައަށެވެ. ދުވަސްތައް ފާއިތުވާން ފެށިއެވެ. އޭނާގެ ދިރިއުޅުން އުފާވެރިވިއަސް ދަރިއަކު ނުލިބި ފަސްއަހަރު ފާއިތުވުމުން ލީލާ ބޭބެގެ އެދުމުގެ މަތީން އޭނާ ފިރިމީހާއާއި އެކުގައި އިންޑިއާއަށް ބަދަލުވީ ބޭސްފަރުވާކޮށް ދަރިއަކު ހޯދުމަށް އުއްމީދުކޮށްގެނެވެ. އެތައް މަސައްކަތަކަށް ފަހުގައި އޭނާ ފުރަތަމަ ފަހަރަށް ބަލިވެ އިން ވާހަކަ ބުނުމުން މުޅި ޢާއިލާއަށް އުފާވެރި ދިރުން ގެނެސްދޭ ޚަބަރަކަށެވެ.
ލީލާއަށް އޭނާގެ ފިރިމީހާގެ ހަޤީޤަތް އެތެރެފުށުންނާއި ބޭރުފުށުން ރަނގަޅަށް އެނގޭއިރުގައި އޭނާއަށް ދުވަހަކުވެސް ދެރައެއް ދީފާނެކަމަށް ނުވިސްނައެވެ. އެހާމެ އުފަލުން އުޅެފައި އޭނާ ވިހަން އޮތްދުވަހު ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނު ވަގުތު ޒަޔާން ހުރީ ވަރަށް ކަންބޮޑުވެފައެވެ. ޑޮކްޓަރ އައިސް އޭނާގެ އަނބިމީހާއަށް ބީޕޮސިޓިވް ލޭ ބޭނުންވި ވާހަކަ ބުނެފައި ބޭސް ސިޓީ ދިއްކޮށްލުމުން އޭނާ އެދުވަހު ހޮސްޕިޓަލުން ނިކުމެގެން އެދިޔަ ގޮތަށް ގެއްލުނީއެވެ. ލީލާގެ ހާލެއް ނެތެވެ. އަލަށް ވިހެއުމުގެ ވޭނާއި ތަކުލީފު އުފުލިއިރު ފިރިމީހާއެއް ނެތެވެ.
އެހާލުގައި ވިއްސާ ކޮޓަރީގައި ވޭންވަރުގައި އޮއްވާ ލީލާ ގާތު ސުވާލު ކޮށްލެވުނީ ވަރަށް އަވަހަށް ގާތްތިމާގެ މީހެއްގެ ނަންބަރު ދިނުމަށެވެ. އިމަރޖެންސީ ކަމަށާއި އަވަހަށް ނަންބަރު ދިނުމަށް އެދުނެވެ. ވާނުވާ ނޭނގި ވޭންވަރުގައި ތަންދޮރު އޮޅުންނުފިލާވަރު ވެފައި އޮތް ލީލާއަށް ވިސްނޭނީ ކޮންއެއްޗެއް ހެއްޔެވެ. ވެގެން އުޅޭ ގޮތެއް އަހާނެ ހިތްވަރު އޭނާގެ ގަޔަކު ނެތެވެ. އެހެނެއްކަމަކު އޭނާގެ ފޯނުން އިގްބާލުގެ ނަންބަރު ނެގުމަށް ނަރސް ކުއްޖާ ގާތު ބުނެވުނީ ހަމަކިރިޔާއެވެ، އަނެއްކާވެސް ވޭން ވަރު ޖެހިއްޖެއެވެ.
ނަރުސް ކުދިން އިގްބާލަށް ގުޅައިގެން ގެނައެވެ. އަދި ވެގެންއުޅޭ ގޮތް ކިޔައިދިނެވެ. ޒަޔާން ދިޔަ ގޮތަށް ވީނުވީ ނޭނގި ގެއްލުނީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ. އެހިސާބުން ހުރިހާ ކަމެއްހެން ކުރަން ހުރީ އިގްބާލެވެ.
ވިހެއުމުގެ ތެރޭގައި ލޭ ބޭނުންވި ވަގުތު އެކަމުގައިވެސް ތެޅުނީ އިޤްބާލެވެ. ވަރަށް މަސައްކަތުން ލީލާގެ ކްރޮސްމެޗް ދިމާވާ މީހަކު ލިބި ލޭ ވެސް ލިބުނެވެ. ބޭސް ނަގައި އެހެނިހެން އެހީތެރިކަން ވިއެވެ. އަޖައިބެކެވެ. ޒަޔާން ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟
ވިއްސާ ކޮޓަރިން ނެރެ ވޯޑަށް ގެނެސް ނަރުހުންގެ ޒިންމާ ނިމުނުއިރު، ލީލާގެ ވަރުދެރަ ލޯ ހުޅުވާނެ ވަރު ހިތްވަރު ލިބުނީ ބޭބީ ރޯލި އަޑަށެވެ. އޭރު ނަރުސް ކުއްޖާ ތުއްތު ދަރިފުޅު ގެނެސް ލީލާގެ މަގަތުން ގާތުގައި ބާއްވަނީއެވެ. ދެންމެ ދެންމެ ރޮއިގެންފާނެހެން ތުއްފިއްތައިގެން އޮތް ތުއްތު ފުރާނަ ބަނޑުހައިވީކަން އެނގުނީ ކޮން ހިއްސަކުން ކަމެއްވެސް ނޭނގެއެވެ. އާއެކެވެ. އަލަތު މަންމައަށްވެސް ދަރިފުޅުގެ ބަނޑުހައިކަމުގެ އަސަރު އިހުސާސް ކުރަން އެނގެއެވެ. ކުއްޖާއަށް ގާތުން ދޭން އެނގެއެވެ. ކުޑަވަގުތުކޮޅަކަށް އޮޅުންބޮޅުން ވިޔަސް ދެތިން ވަގުތުކޮޅެއްގެ މަސައްކަތަކަށްފަހު އެކަން އެނގިދެއެވެ. މިއީ އެއްވެސް އެދުރެއް މުދައްރިސެއް ނެތި ދަސްވާ ދިރިއުޅުމުގެ ހަގީގީ ފިލާވަޅުތަކެވެ. މިއީ މަންމައާއި ދަރިފުޅުގެ ގުޅުމެވެ.
ދަރިފުޅު ބަނޑުފުރުނީ ވަރަށް އަވަހަށެވެ. އެހާ އަވަހަށް ނިދައިފިއެވެ. ބަނޑުހައިވެފައި އޮތް ލީލާއަށް ބޮވުނީ ކުޑަކުޑަ ޖޫސްފޮދެކެވެ، ޒަޔާންގެ ވާހަކަ އިވުމުން އޭނާގެ ހިއްސުތައް ފިލައިދިޔަ ކަހަލައެވެ. ޒަޔާން..، މިއޮއް ހާއްސަ ދުވަހު އެމީހުންގެ މިއޮއް ބޮޑު ދުވަހު ޒަޔާން ދިޔައީ ކޮންތަނަކަށް ހެއްޔެވެ. ލީލާގެ ހިތާއި ސިކުނޑި ފުރެމުންދިޔައީ ޝަކުވާ އާއި ވަސްވާހުންނެވެ.
އޭނާ ގެންގުޅުނު ދަބަހާއި ފޯނުވެސް އޮތީ ލީލާ ވިހަން ބާއްވާފައި ހުރި އެނދާޖެހިގެން ހުރި މޭޒު ކަބަޑުގައެވެ. އޭނާއަށް ގުޅޭނެ ގޮތެއް ކޮބައިބާ؟ އެދުވަހުގެ އިރުއޮށްސި އަނދިރިވެއްޖެއެވެ. މެންދަރުފަހު ހޮސްޕިޓަލުން ނިކުމެގެން ދިޔަ ޒަޔާންގެ ޚަބަރެއް ނުވިއެވެ. މިކަންތައް ގަނޑުބޮޑުވެގެން އޭނާ ގެއްލިގެން އުޅޭ ވާހަކައެއް ފެތުރުނެވެ. އެކަން ދެނެހުރީ މަދުބައެކެވެ.
އިންޑިއާއަކީ ބޮޑު ޤައުމަކަށް ވެފައި ކޮންމެ ދުވަހަކު އެތައް ބައިވަރު ހާދިސާތައް ވެފައި އަދާ ޖެހެންދެން ވެސް ކަންކަމުގެ ހަޤީޤަތް ނުހޯދިފައިވާ ތަނަށް ވުމުން ގެއްލުނު ބީރައްޓެއްސެއްގެ ވާހަކަ ވައިގެ ހިފާނީ ކިހިނެއްބާ.
ޖެހިގެން އައި ދެތިންދުވަހު އޭނާ ހޮސްޕިޓަލުގައި އޮތީ ކަރުނުން ލޯފާރުވެފައި ކުޑަ ދަރިފުޅަށް ވެސް ގާތުން ދިނުން އުޒުރުވެރި ވެފައިވާ ފަދަ ގޮތަކަށް ނަފްސު ހިތާމައިން ފުރިފައެވެ. އޭގެ ދެ ދުވަހެއް ފަހުން ލީލާގެ މައިންބަފައިންނަށް އިންޑިއާއަށް އަތުވެއްޖެއެވެ. ލީލާއަށް ވަރަށް އޯގާތެރިކަމާއި ހިތްވަރުދީގެން ބައިވަރު ނަސޭހަތްދީގެން ޖެހިގެން އުޅޭ މައްސަލަ ހައްލުވޭތޯ އެ ޢާއިލާއިން ބެއްޔެވެ. ޒަޔާންގެ ފޯނާއި ދަބަސް އެހުރި ގޮތައް ބަހައްޓާފައި އޭނާ ވީތަނެއް ނޭނގި ގެއްލުން އެވީ އޭނާ ބޭނުންވި ގޮތައް ކަންތައް ކުރީކަމަށް ލީލާ ޤަބޫލުކުރީ އޭނާއަށް ބޭވަފާތެރި ވެފައި ދިޔައީކަމަށް ހިތައިއެވެ.
( ޒާޔާނަށް ކަންތައް ވީގޮތް)
ޒަޔާން ގެއްލުނު ވާހަކަ ރާއްޖޭ ނޫސްތަކުގައި ފެންމަތިވެފައި އޭނާއަށް ބައެއްގެ ހަމަލާ ނުވަތަ ވަގަށް ނެގިކަމަށް ބައެއްމީހުން ވާހަކަ ފެތުރިއެވެ. އެކަމަކު ޒަޔާނަށް ވީ ކިހިނެއްކަމެއް އެނގޭ މީހަކު އެބަހުރިބާ؟
އެދުވަހު ކަންތައް ވީގޮތް ޚުދް ޒަޔާނަށް ވެސް ނޭނގެއެވެ. އޭނާގެ އަނބިމީހާ ވިހަން އޮތް ދުވަހު ބޭސް ސިޓީ ހިފައިގެން ފާމަސީއާ އަރާހަމަވެފައި ދެން ވީގޮތް ބުނެދޭނީ ކިހިނެއްހެއްޔެވެ. އޭނާއަށް އަދި ލީލާއަށް ވެސް ނޭނގޭ ބޮޑު ސިއްރަކީ ޒަޔާނަކީ “އަލްޒައިމާސް” މި ބޮޑު ބަލި ތަޙައްމަލު ކުރާ ސިކުނޑީގައި ނުކުޅުދުންތެރި އުނިކަމެއް ހުރި ޒުވާނެކެވެ. އާންމުގޮތެއްގައި މި ބައްޔަކީ 70 ނުވަތަ 60% ދޭތެރޭގައި ފެންނަ ނާދިރު ބައްޔެކެވެ. މިބަލީގެ ސަބަބުން ހަނދާންނެތޭ ބަލި މިއީ ދުނިޔޭގެ ކަންކޮޅުތަކުގައި މީހުންނަށް ތަޙައްމަލުކުރާ ވޭންހުރި ދިމާވާ ހާދިސާގެ ކަމެކެވެ. އެދުވަހު އޭނާ ފާމަސީއަށް ފިޔަވަޅު އަޅަމުން ދެން ނޭނގިހުރެފައި އެ ފިޔަވަޅުތައް ބަދަލުކޮށްލީ ހޮސްޕިޓަލުން ބޭރަށް ދާން ހުރި ބޮޑު ގޭޓާ ދިމާއަށެވެ. ގަދަ އަވީގައި އޭނާއަކަށް ދެވެނީ ނުދެވެނީ ކޮންތާކަށް ކަމެއް ނުއެނގިހުއްޓައި ޒަޔާން ހުރި ހޮސްޕިޓަލާއި ތިންމޭލު ދުރަށް ދެވުމުން ފެންނަން ހުރި ގަސްބުޑެއްގައި އިށީނީ ފައިގެ ވަރުބަލިކަން ކަނޑުވާލާށެވެ. އެހެންއިނދެ އޭނާ ކޮންމެވެސް ވާހަކަ ތަކެއް އަމިއްލަ ނަފްސަށް ކިޔައެވެ. ބައެއް ދަތުރުވެރިންނާއި މަގުމަތިން ދިޔަ މީހުން އޭނާއަށް ނަޒަރުހިންގާލައެވެ. އޭނާއަށް ކިޔާ ނަމަކީ ކޮބައިކަން ހަނދާނެއް ނެތެވެ. ވީއިރުގައި އޭނާގެ މާޒީގައި އަންބަކާއި ދިރިއުޅުމެއް އޮތްކަން ހަނދާނަށް އަންނާނީ ކިހިނެއްބާ؟
މަގުމަތީގައި ސަލާމް ޖަހާމީހެއްފަދައިން އޭނާ ހިނގަން ފެށިއެވެ. ގޮހޮރަށް ކާއެއްޗެއް ނުލައި ބަނޑުހައި ހޫނުކަން އިޙްސާސް ވާންފެށިއެވެ. ވާނުވާގައި މިހެން ގޮނޑުހޮވަމުން އުކާލާފައި ހުންނަ ޑަސްބިން ކޮންޓެއިނަރތައް ހާވަމުން އަތުޖެހުނު އެއްޗެއް ކައި ބޮއެ ހެދިއެވެ. މަގުތަކުން ފެންނަ ނުދަންނަ ބީރައްޓެހިންނަށް “ހަލޯ” ވަޓް އިޒް މައި ނޭމް” މިހެން މޮޔައެއްހެން ފެންނަހައި ބަޔަކަށް ސަލާމް ކޮށްލާފައި ސުވާލު ކުރެއެވެ. އެއްސިފައެއްގައި ހުރިހާ މީހުން ފެންނަފަދަ ނުވަތަ އޭނާ ދެފަރާތައް ބޯހޫރާލައި ނަޒަރުހިންގާލިއަސް ހުރިހާ މަގުތަކާއި ގޯޅިތަކީ އެއްތަނެއްހެން ހީކުރެވި ސިފަވަނީއެވެ.
ހުރިހާ ކަމެއް ސިކުންތަކު ފަހު މިނެޓަކު ހުއްޓުމެއް ނެތި ތަކުރާރުވާ ފަދައެވެ. ހިތް ނުތަނަވަސްވެފައި ހުރި ޒަޔާނަށް ސިހުންވެގެން ދެއެވެ. ބައެއް ފަހަރު އޭނާއަށް ރާއްޖޭގައި އުޅުނު ދުވަސްވަރު ރަށެއްގައި ކުދިބަޔަކާ އެކުގައި މޫދަށް އެރިގެން އުޅޭހެން ހީކުރެވެއެވެ. މިއިން ކޮންމެ ޚިޔާލަކާއި ފިކުރަކީ އޭނާގެ އުނިވެފައިވާ ސިކުނޑިތެރޭގައި އުފެދިގެން އަންނަ ގޮތްނޭނގޭ ހަމަނުޖެހުންތަކާއި ހައިޖާނުތަކެވެ.
ތުނބުޅިއާއި އޭނާގެ އިސްތަށިގަނޑު ދިގުވެ ގަދައަވީގައި މިހެން ރެއާދުވާލު އުޅުމުން ގައިގެ ހަންގަނޑު އަނދައި ކުރަކިވެ އޭނާ ދަންނަ މީހަކަށް އޭނާ ފެނުނަސް މިއީ ކާކުކަން ސިފަނޭނގޭ ވަރަށް އޮޅިއްޖެއެވެ. ގައިންޠާހިރުކަމެއް ނެތި ޒުވާނަކު މުޑުދާރުހާލުގައި މަގުތަކުގައި ނިދަމުން ފެށި ހުއްޓުމެއް ނެތް ދަތުރު ނިމުމަކަށް އައީ އޭގެ ތިންމަސްދުވަސް ފަހުން މޫސުމަށް އައި ބޮޑު ބަދަލުން ގަދަ ވިއްސާރައިގައި ބޯކޮށް ވެހެން ފެށި ވާރޭގައި އެތަންމިތަނުން ބޯހިޔާވަހިކަމެއް ހޯދަން އޭނާ އުޅުމުގެ ތެރޭގައެވެ.
އެވަގުތު ޒަޔާނަށް ހުރެވުނީ ހަނޑޫދަނޑެއްގެ ކުރިމަތީގައެވެ. ހަނޑޫދަނޑާ ދިމާއަށް މިސްރާބުޖަހައި އެތަނުގައި ހުރި ޓިނުގެގަނޑެއްގެ ދަށަށް ވަދެ ކުރުގެޅިގެން ކަނަކަށް ޖެހި އޮތްވައި އެފަކީރަށް ނިދި ޖެހުނީއެވެ. ހައިބޮޑުވެފައި ހީކަރުވައިގެންފައި ހުރުމާއެކު ފާޑަކަށް ބީތާވީއޭވެސްބުނެވިދާނެއެވެ. ނިދިން ލޯހުޅުވާލެވޭ ކޮންމެ ފަހަރަކު ދެއަތް ކަންފަތުގައި އަޅައި އެހެން އޮވެގެން އޭނާ އަމިއްލަ ނަފްސަށް ” އައި ވޯންޓު ގޯ ހޯމް. ވަޓް އިޒް މައި ނޭމް. ” މިހެން އޮޅުންއަރާފަދަ ހަމަނުޖެހޭ ހާސަރުތަކެއް ކިޔައެވެ.
މިބަސް އޭނާއަށް ކިޔަން އެނގެނީ ކިހިނެއް ކަމެއް ދެނެގެންނާކަށް ނުވިސްނުނެވެ. އޭނާއަކަށް ދިވެހި ބަހުން އެއްވެސް އެއްޗެއް ބުނާކަށް ދުލަށް ނުހެލުވުނެވެ. ދުވަހެއްގެ ފަތިސްވަގުތު މި ދަނޑުތަކުގައި މަސައްކަތް ކުރާ މީހަކަށް ޒަޔާން ހޭނެތިފައި އޮއްވައި ނަގައިގެން އެމީހާގެ ދިރިއުޅޭ ޖިފުޓި ގެއަށް ގެނައުން ވީ މި ނިކަމެތި ޒަޔާނަށް ދިރިއުޅުމުގައި އެހެން މަގަކުން ހިނގަން މެދުވެރި ސަބަބެވެ.
ޒަޔާނަށް ހޭލެވުމާއެކުގައި އިނގިރޭސިބަހުން އެކި ބަސް ހަމަ ނުޖެހޭ ގޮތައް ވާހަކަދައްކަން މަސައްކަތް ކުރިއަސް އޭނާއަށް އިޝާރާތުން ވާހަކަ ދެއްކުމުން އެބުނާ އެއްޗެއް ދެނެގަނެއެވެ. ވަނަވަރު ކާކުކަން ނޭނގޭ މި ޒުވާނާ ގޮވައިގެން ކަރީމް މަސައްކަތް ކުރުމުގައި ބައިވެރިކޮށް އޭނާއަށް އަޅާލައި ބަލަހައްޓަމުން އައީ ކުޑަކުއްޖަކަށް ކަންތައް އޮޅުންފިލުވާދީ ދަސްކޮށްދީ އުނގަނައިދޭ ގޮތަށެވެ. އެމީހުން ވާހަކަ ދައްކަނީ “ތެލެގޫ” ބަހުން ވީތީ ކަރީމަށް އެނގުނު ގޮތަކަށް އެބަހުން ވާހަކަ ދައްކަން ޒަޔާނަށް ދަސްކޮށްދިނެވެ. އެހެނަސް އޭނާއަކަށް އެހުރިހާ ކަމެއް ސީދާސާފުކޮށް ވާހަކަ ދައްކަން ނުއެނގުނަސް އިނގިރޭސި ބަހުން ބަސްބުނަން އެގެންފެށިއެވެ. ކަރީމަށް ހީކުރެވުނީ މިއީ އިންޑިއާގެ މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ މީހަކަށް ނިކަމެތި ބޮޑު ކަމެއް ދިމާވެގެން ގެދޮރުނެތިގެން ސަލާންޖަހަން އުޅޭ ނުކުޅެދޭ އަޅާލާނެ ވާރިއްސަކުނެތް މީހެއްކަމަށެވެ. މިހެން އަހަރުތައް ފާއިތުވާން ފަށައި އޭނާއަށް މި ގެއަށް އާދެވުމުން ކަރީމުއާއި އެކު މަސައްކަތް ކުރަން ދަސްކޮށް ދިރިއުޅުން އެމީހުނާއި އެކުގައި ހޭދަވާން ފެށިއެވެ.
ޒުވާނާގެ އަސްލުނަމަކީ ކޮބައިކަން ނޭނގޭތީ މި ޒުވާނާއަށް އަދްނާން ނަމަކަށް ކިޔެއެވެ.
ދުނިޔޭގެ އޮޔާއި ވަޔާއެކު ވަގުތުގެ ހާލަތަށް އިންސާނުންގެ ފިތުރީ ކަންކަންވެސް އެއޮންނަ ހަމަތަކުގެ މަތިން ކުރިއަށް ދާތީވެ، ކަރީމްގެ ވަގުތުވެސް އައިސް ޖެހުމުން މަޑުކުރަން ބޭނުންވިޔަސް އެއީ އެކަށީގެންވާކަމެއް ނޫންވިއްޔާއެވެ. އެހެންކަމުން ވަގުތު ޖެހުމުން ކަރީމަށްވެސް ޖެހުނީ ވަދާއުގެ ސަލާމް ކޮށްލާށެވެ.
ކަރީމުގެ އިހުސާންތެރިކަމުގެ ދަށުގައި ހުރި އަދްނާން، ކަރީމުގެ ހަމައެކަނި އަންހެން ދަރިފުޅު އާބިދާއާ ކައިވެނި ކުރީއެވެ. އޭނާއަށް އެކައިވެންޏަކީ ހަމަ އައު ފެށުމަކުން ދިރިއުޅުމެއް އާރާސްތުކޮށް އުޅެން ފެށުމެކެވެ. މި ކައިވެންޏަށް އެމީހުންނަށް އަންހެން ދަރިއަކު ލިބުނެވެ. އެހާ ގިނަދުވަސްތަކެއް ނުވެ އަދްނާނަށް ސްޓްރޯކެއް ޖެހުނުފަހުން މިހާރު އެ އިންނަނީ ފޮރޮޅީގޮނޑިއެއްގައި އެހެން މީހުންގެ އެހީއާއި މަދަދަށް އެދޭފަދަ އެ ހާލަތެއްގައެވެ.
މީގެ އަހަރުތަކެއް ކުރިން ޒަޔާނާއި އާބިދާމެނާ ދިމާވި ގޮތާއި ޒަޔާން އަދުނާނަށް ވި ގޮތް އަދި ލީލާގެ ހިތުގެ ކަނެއްގައި ފޮރުވާފައިވާ އޭނާގެ ލޯބިވާ ޒުވާން ރީތި އަސަރުގަދަ ޒަޔާން އަދުނާނަށް ވުމަށްފަހު އެހެން އަންބަކާއި ދަރިފުޅަކާއެކު އުޅެމުން ގޮސް އެންމެފަހުން މިއަދު އެއިން ހާލުގެ ވާހަކަ އާބިދާ ކިޔައިދެމުން ދިޔައިރު ގަބު އަރާފައި އިން ލީލާގެ ލޮލަށް ޖަމާވި ކަރުނަވެސް ހިކިފަ ހުރި ކަހަލައެވެ. އެހުރިހާ ވާހަކައެއް ގަބޫލުކުރަން ފަސޭހަ ނުވިޔަސް ހަގީގަތް އެއިނީ އޭނާގެ ކުރިމަތީގައެވެ.
ކިތަންމެ ހިތަށް ތަދު ވިޔަސް ވެނިމި ގޮސްފައި އޮތް ތަނެއް ބަދަލެއް ނުކުރެވޭނެތާއެވެ. އަމިއްލަ ހިތަށާއި ނަފުސަށް ދޮގު ހަދައި އޮޅުވިޔަސް ހަގީގަތް ވާނީ ހަމަ ހަގީގަތަށް ތާއެވެ. ލީލާ ހިންދިރުވާލިއެވެ. އަދި ލޮލަށް ބޮނޑިވެފައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ.
މވީ ހުރިހާ އަހަރުތަކެއްގައި ލީލާގެ ހިތުގައި ޒަޔާނަށްޓަކައި ރޯވެފައިވާ ނަފުރަތާއި ފޫއްސާއި ޝަކުވާ ހިނދުކޮޅެއްގެ ތެރޭގައި ފިލައިދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ. އޭނާގެ ހިލަވެފައިވާ ގަދަހިތް މަޑުއުއްގަނޑެއްހެން ވިރިގެންދިޔަކަހަލައެވެ.
ހިތުގައި ހަމްދަރުދީއާއި އޯގާތެރިކަން އުފެދުނީ އޭނާގެ ލޮލުން ހުރިހާ މަންޒަރުން ފެށި ހަޤީޤަތެއްކަން ކަށަވަރުވީމައެވެ.
އެހެންނަމަވެސް އެއްވެސް މީހަކަށް އިހުސާސް ނުކުރެވޭނީ ޒަޔާނުގެ ހާލަތެވެ. ވޭތުވެދިޔަ އަހަރުތަކުގައި މަގުމަތިވެގެން އެ ތަޙައްމަލު ކުރި ވޭނާއި ތަކުލީފުގެ ޒައްރެއްވެސް އިހުސާސް ކޮށްނުލެވޭނެއެވެ. ހުދު އޭނާ ޒަޔާންދެކެ ވަރަށް ލޯބިވާކަމަށް ތާއަބަދު ދައުވާ ކުރިއިރު އޭނާއަށްވެސް ޒަޔާންގެ އެއްވެސް ހަގީގަތެއް އޮތީ ނުހޯދިފައެވެ
ލީލާގެ ހިތަށް ކުރީ އިހުސާސްކޮށްލަން ދަތިވާފަދަ ތޫނު ތަދެކެވެ. ޒަޔާންގެ ބޮލުން ފެށިގެން ފަޔަށް ލީލާ ބަލާލިއެވެ. ނިކަމެތިކަން ފާޅުވާ ދެލޮލެވެ. މޫނުގައި އެއްވެސް ދިރުމެއް އުފާވެރިކަމެއް ނެތެވެ. ބޮލުގެ މެދުން އިސްތަށިފައިބާ ތަލަވަނީއެވެ. ދެލޯ ވަޅުވަދެ ދެކޯތާފަތްމަތިން ވަޅުވަދެ ސިފަ ގެއްލިފައި، ރީތި ހަށިގަނޑު ހިކި އަނަރޫފަ ވެފައި އެއިން އަދްނާނަކީ އޭނާގެ ޅަދުވަހުން ފެށިގެން އެންމެ ލޯބިވި އިންސާނާއެވެ. އަދު އެ ގޮނޑީގައި ހުދު ޓީޝާޓެއްލައި މުންޑެއް އަނދެގެން އިން ނުކުޅެދޭ ހާލަތުގައި އެއްފަޅި ވާގިނެތިފައި ބޯ އަރިއަކަށް މިއިނީ އޭނާގެ ހަލާލު އަލަތު ފިރިމީހާ ޒަޔާނެވެ. އޭނާ މަރުނުވެ ދުނިޔޭގައި ދިރި ހުރިކަން ހަމައެކަނި އެނގޭނެ މީހަކީ ލީލާއެކަންޏެވެ.
އެއްވެސް ހައްޤުންކަމަކާއި ނުލައި އޮޅިފައިވާ ހަޤީޤަތެއްގެ ސަބަބުން އޭނާއަށް ނަފްރަތު އުފެދުނީ ޒަޔާން އޭނާއަށް ބޭވަފާތެރިވި ކަމަށް ހީކޮށް އޭނާއާއި ލިބެން އުޅޭ ދަރިފުޅު ދޫކޮށްލާފައި ދިޔަކަމަށް ޤަބޫލުކޮށް ހިތުގައި އުފެދުނު ޝައްކާއި ވަހުމާއި ކުއްހީތައް ގިނަވެގެނެވެ.
ސަދުމާ ހިނިތުންވެލުމަކާއެކު ބޭރު ބަލާލާފައި ރިޝްވާންމެން ވީހިސާބެއް ހޯދާލާފައި އަންނަމޭ ކިޔައި ނިކުތެވެ.
އެވަގުތު ލީލާގެ ލޮލަށް ޖަމާވެ ފުރިފައިވާ ކަރުނަތައް ހުއްޓުމެއް ނެތި އޮހޮރިގެން ފޭބީ އޭނާއަށް އަދު ޒަޔާނަށް ކުރެވުނު ބޭއިންސާފުގެ ތުޙުމަތުތަކަށް މާފަށް އެދޭނެ ގޮތެއް ނޭނގިގެނެވެ. މިވަގުތު އޭނާއާއި ޒަޔާން ފިޔަވައި އެހެން އިތުރު މީހަކު މިތަނުގައި ނެތެވެ. ހަމަޖެހިލައިގެން އޭނާ ޒަޔާން ކުރިމަތީގައި ކަކޫޖަހައި ތިރިވިއެވެ.
އެއްއަރިއަކަށް ބޯ އަރިވެފައި، އިސްޖެހިފައި އިން ޒަޔާނަށް މިއީ ކާކުކަން ނޭނގުނަސް ލީލާ ވާހަކަ ދައްކަން މަސައްކަތް ކުރުމުން ލީލާއާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ޒަޔާންގެ އޮޅިފައިވާވަރުނެތް ދުލަށް ބާރުލާން ކުރި މަސައްކަތުން ތުންތަޅުވަން ފެށުމުން އަނގައިގެ ދެމިޔަކަނުން ކުޅު ފޭބިއެވެ/
ލީލާ ހިނިތުންވުލަމުން އޭނާ އަތުގައި ހުރި ޓިޝޫއިން ޒަޔާންގެ އަނގަމަތި ސާފުކޮށްލަދިނެވެ. އަދި ނުހަނު އޯގާތެރިކަމާއި އެކުގައި ޒަޔާން ބޮލުގައި ފިރުމާލިއެވެ.
ލީލާ އޭނާގެ މޫނާ ދިމާވާނެހެން ޒަޔާންގެ މޫނާ ދިމާއަށް ގުދުވެލަމުން ލީލާ ސިއްރުސިއްރުން ބުނެލިއެވެ. “އޭ އަހަރެންގެ ލޯބިވާ ޒަޔާން. އާދޭސް ކޮށްފަބުނަން އަހަރެންނަށް މާފުކުރޭ،” ހިތަށްކޮށްފައިވާ އަސަރުން ލީލާގެ ހިތް ކުދިކުދި ވި ކަހަލައެވެ. މިހުރިހާ ދުވަހެއްގައި ކުށެއްނެތް އިންސާނަކަށް ހިތްނުބައިކޮށް ނަފްރަތު އުފެދުނީތީ އޭނާ އަމިއްލަ ނަފްސުކުއްވެރި ކުރުވި ކަހަލައެވެ. ފަހަތުން ބައެއްގެ ފިޔަވަޅުތައް އަޑު އޭނާ ލޮލުން ފޭބި ކަރުނަ އަވަހަށް ފުހެލާފައި ކޮޅަށް ތެދުވިއެވެ.
އެއިވުނީ ސަދުމާމެން ގެއަށް ވަދެގެން އަންނަ އަޑެވެ. ގޮނޑީގައި އިން ޒަޔާނަށް އިވުނީ އަޑެކެވެ. އެއީ ކާކުކަމެއް ނޭނގެއެވެ. ބުނީ ކޮން ވާހަކައެއް ކަމެއް ނުވިސްނުނެވެ. އެވަގުތު އޭނާއަށް ފެނުނު ލީލާގެ ސިފަ ކުޑަ ހިނދުކޮޅެއް ތެރޭގައި ޒަޔާންގެ ސިކުނޑިން ފުސްގަނޑެއްހެން ކެހިލާފައި ފޮހިވެއްޖެއެވެ.
ލީލާ އޭނާގެ މޫނުމައްޗަށް ވެރިވެފައިވާ ހާސްކަން ފޮރުވަމުން އިސްތަށިގަނޑުން ހުޅިއެއް ޖަހަން މަސައްކަތް ކުރިއެވެ، ރިޝްވާނާއި ސިރާޖު އައީ އެހިސާބުގަނޑުގައިވާ ހަނޑޫދަނޑުތަކާއި މާދަނޑުތަކުގެ ފޮޓޯތައް ނަގައި އެ ސަރަހައްދުގެ ހިތްގައިމުކަން ބަލާލާފައެވެ. ލީލާ ސަދުމާއާއި އެކުގައި ބޭރަށް ނިކުމެލިއެވެ. އަދި ވަރަށް ހިމޭން އަޑަކުން ވާހަކަ ދައްކައި އޭނާއަށް އެއްވެސް ކަމެއްގައި އެހީ ބޭނުން ވެއްޖެނަމަ އެއްވެސް އުޒުރަކާއި ނުލައި ލީލާގާތުގައި ބުނުމަށް އެދިފައި ލީލާއަކީ އޭނާގެ އަމިއްލަ މަންމަ ފަދަ މީހެއްކަމަށް ހީކޮށްލުމަށް ބުނެލިއެވެ. އެ
ގޭގައި ތިން ދުވަހު މަޑުކޮށްފައި ލީލާމެން ފުރާ ދުވަސްގާތްވެއްޖެއެވެ. އެހަނދާންތަކާއި ގުޅިލާމެހިފައިވާ މަޝްހޫރު ތާޖްމަހާލް ސިފަކުރަމުން އޭނާ އިނގިލީގައި ޒަޔާން އަޅުވާދިން ޖަވާހިރު އަޅާފައި އޮތް މި ރަންއަނގޮޓި އޭނާ ނަގާފައި ސަދުމާ އިނގިލީގައި އެޅުވިއެވެ. މިއީ އޭނާ ދުވަހަކުވެސް އިނގިލިން ނަގަން ބޭނުން ނުވި އަނގޮޓިއަކަށް ވިއަސް އަދު މިއަނގޮޓި ހައްޤުވަނީ އެހެން ފަރާތަކަށެވެ. ލީލާގެ ފަރާތުން ދިން ކުޑަ ހަދިޔާއަކީ ބައިވަރު ސިއްރުތަކާއި ވާހަކަތައް އެ އަނގޮޓިއެއްގެ ފަހަތުގައި ފޮރުވިފައިވާނެ ޚަޒާނާއެއްކަން ގައިމެވެ. ހިނިތުންވުމަކާއިގެން ސަދުމާގެ ފަށުވި އިސްތަށިގަނޑުގައި އޭނާ އަތްޖައްސާލިއެވެ. އޭނާއަށް އެއްވެސް ކަމެއްގައި އެހީބޭނުން ވެއްޖެނަމަ ކަންތައް ކުރާނެގޮތް ލީލާ ބުނެދިނެވެ.
ޗުއްޓީނިންމާފައި ލީލާ އެނބުރި ސްވިޒެލޭންޑަށް ދިޔައީ ހިތަށް ލިބިފައިވާ އުދާސްތައް މައިތިރި ކުރަމުންނެވެ.
ރޭގަނޑުގެ ވަގުތެކެވެ. ލީލާއަށް އޮތީ ނުނިދިފައެވެ. ވިސްނެނީއެވެ. ފިކުރު ބޮޑުވަނީއެވެ. ހިތަށް ކެތްނުވާ ވަރުގެ އަސަރުތަކެއް ކުރަނީއެވެ. ސިކުނޑީގައި އެތައް ސުވާލުތަކެއްގެ ޖަވާބުތައް ޖަމާވަމުން ފުރެމުން ބަންޑުންވަމުން ބަނޑިލައްވަމުން ވަހުޠާނެއްހެން އެނބުރެނީއެވެ. އެތައް އަހަރުތަކެއްގައި އޭނާއަށް ނޭނގިފައި އޮތް ސިއްރަކުން ބޭއިންސާފުން ޒަޔާނަށް ނަފްރަތު ކުރެވުނީ އެއީ އޭނާއަށް ކަމުގެ ހަޤީޤަތް ވަޅުލެވިފައި އޮތީމައި ކުރެވުނު ބޮޑު ކުށެކެވެ. ބޭއިޚްތިޔާރުގައި އަމިއްލަ ނަފްސުކުށްވެރި ކުރެވެނީއެވެ. އިއްތިފާޤުން ކޮންމެވެސް ގޮތަކުން ދުރުން މާ ދުރުން އޭނާއާ ހަމައަށް އައި ނިކަމެތި އަންހެން ކުއްޖެއްގެ ސަބަބުން އޭނާއަށް ކަމުގެ ހަޤީޤަތް އެނގުނީއެވެ.
ޒަޔާން ހުރި ހިސާބައް ދިގު ދަތުރު ކުރެވުނީ އޭނާ ހިތުގައި ރޯވެފައި އަނދައަނދާ ހުރި އަލިފާން ހުޅުގަނޑަށް ނިމުމެއް އައުމަށެވެ. ސަދުމާއަކީ ރިޝްވާންގެ އެއްބަފާ ކޮއްކޮއެވެ. އެހެނަސް އެ ވާހަކަ ރިޝްވާނުގާތުގައި ބުނާނެގޮތެއް ލީލާއަކަށް ނުވިސްނުނެވެ. ލީލާއާއި ޖެހިގެން އަރާމުގައި ނިދާފައި އޮތް ސިރާޖަށް ފުންނަޒަރަކުން ލީލާ ބަލާލިއެވެ. ވީދެރައިން ކަރުނަ ހިލުނެވެ.
ސިރާޖު ގާތުގައި އޭނާ މި ވާހަކަތައް ހިއްސާކުރާނީ ކޮން ދުލަކުންހެއްޔެވެ؟ އޭނާ ބަނޑުގައި އަތް އަޅާލެވުނެވެ. ބަނޑަށް ދެމަސްވެފައި ވަނިކޮށް މި އެނގުނު ހަޤީޤަތުން އޭނާ ކަންކުރަންވީ ކިހިނެއްހެއްޔެވެ؟ ހަތަރު އުދަރެސް ފެނުޖެހުނީބާ؟
އިނގިލީގައި އަޅާފައި އޮތް ރަން އަނގޮޓިއަކީ އަދު އޭނާގެ ތަޤްދީރެވެ. މީގެ ކުރިން އޭނާ އިނގިލީގައި އިން ޖަވާހިރު އަޅާފައި އޮތް އަނގޮޓިއަކީ އޭނާގެ އުއްމީދުތަކާއި ދުށް ހުވަފެންތަކާއެކު ކުރި ތަދުބީރެވެ. އޭނާއާއި ޒަޔާން އެތައް އަހުދުތަކާއި ވަޢުދުތަކެއްވެ ތަދުބީރު ކުރީ އެއަހުދުތައްމަތީ ދެމިތިބެ ނިމިދިއުމަށެވެ، ބައިވަރު ލޯބީގެ ސޮފްޙާތަކުގައި އެކި ވާހަކަތައް ދެމީހުންވެގެން ލޯބިން ލިޔަމުން ދިޔައެވެ.
ލީލާއާއި ޒަޔާން އެމީހުންގެ ރާސްތާ ނިންމީ ވަރަށް ދުރަށް މާ ދުރުދުރަށް ގޮސް އޮބާލަން ދެންވެސް އެކުގައި ދަތުރުކުރުމަށެވެ. އެހެންނަމަވެސް ތަޤުދީރުގައި ލިޔެވިފައިވާ ކަމެއް ވާން ވަގުތު އައިސް ޖެހުމަށްފަހު އެކަމަކަށް ލަހެއް ފަހެއް ނޯވެއެވެ. ހަމަ ހިނދުކޮޅެއްގެ ތެރޭގައި އެތައް އަހަރެއްގެ މަސައްކަތުން ބިނާ ކުރާ އިމާރާތް އެންމެ ރޯޅިއެއްގައި ބިމާ ހަމަވެދާނެއެވެ. މިއީ ހަގީގަތެވެ.
ލީލާގެ ހިތް ގެބެނީއެވެ. އެހެނަސް އޭނާއަށް ކުރެވޭނީވެސް ކީއްހެއްޔެވެ. ޒަޔާން ދެކެ އިންތިހާއަށް ލޯބިވިއަސް ސިރާޖަކީ ވެސް އޭނާ ހަޔާތުން ވަކި ކޮށްނުލެވޭނެ ސޮފްހާއެކެވެ. ޒަޔާނަކީ އޭނާގެ މާޒީއެވެ. ސިރާޖަކީ އޭނާގެ މިއަދެވެ. އަދި މާދަމާއެވެ. ކިތަންމެ ގިނަ ހުވަފެންތަކެއް ދުށް ނަމަވެސް، އެހުވަފެންތައް ސީދާ ވުމާއި ނުވުން އޮތީ ތަގުދީރުގައި ލިޔެވިފައިވާ ގޮތަށް ބަރޯސާވެފައެވެ.
ލީލާގެ ދިރިއުޅުމުގައިވެސް މިރާސްތާ ކަޑައްތު ކުރުމުގައި، އޭނާގެ ހިތު ލޯތްބާމެދު ދުށް ހުވަފެނާއި ކުރި އުއްމީދުތައް ބަދަލުވެގެން ދިޔައީ ފަތް ޖެހުނު ގޯޅި އެއް ފަދައިންނެވެ. އާއެކެވެ. ކުރިން ލައުހުގައި ލިޔުއްވާފައިވާ ގޮތަށް މެނުވީ މިބިމުގައި އެއްވެސް ކަމެއް ނުހިނގާނެއެވެ. ޤަޟާޤަދަރަށް އީމާންވާން ޖެހެނީ އެސަބަބަށްޓަކައެވެ.
=ނިމުނީ=
