ރަތް ހަނދުވަރު ރޭ – ދެވަނަ ބައި
ނާސްތާ ނިންމާލުމަށްފަހު، އެއްކުރެވިފައިވާ މަޢުލޫމާތުތައް އަވަހަށް އެފަރާތްތަކަށް ފޮނުވާލިއެވެ. ދަތުރަށް ތައްޔާރުވުމަށް އޭނާގެ ޓީމު ރެޑީކުރަންވީއެވެ. ކޮފީއެއް ބޮއި، މަޖާ ވާހަކަތަކެއް ދެއްކުމަށްފަހު، އެ ތިން އެކުވެރިން ކުރިއަށް އޮތް ހަފްތާގައި ދަތުރުކުރުމަށް ރޭވިއެވެ. އަދި މި ތިން އެކުވެރިންގެ ޚާއްސަ ސޯޝަލް މީޑިއާ ގްރޫޕް ކަމަށްވާ "ޕެރަނޯމަލް ހަންޓާރސް" ގެ ޕޭޖުގައި، އައު ދަތުރެއް ފެށުމަށް ތައްޔާރުވަމުންދާ ވާހަކަ ހިއްސާ ކޮށްލިއެވެ.
މި ޚަބަރަކީ އެމީހުންގެ ފޭނުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވެގެން ދިޔައެވެ. ގަޑިން ދިހަގަޑި ބައިވިއިރު، އާރިފު ބާޒާރަށް ގޮސް ބައެއް ވިޔަފާރިކޮށް، ބޮޑު ފޮށްޓަށް ސާމާނުތައް އަޅައި ހަމަޖެއްސިއެވެ. ދުވަސްތައް ފާއިތުވީ ވަރަށް އަވަހަށެވެ. ހުރިހާ އެންމެންވެސް ކުރިއަށް އޮތް ހަފްތާއަށް ތައްޔާރުވިއެވެ.
ކޮންމެ އަހަރަކު ޖަޕާނުގައި ފެންނަ ވަރަށް ހިތްގައިމު މަންޒަރަކީ، ސަކޫރާ ގަސްތަކުގައި ޗެރީ ބްލޮސަމް މާތައް ފޮޅޭ މޫސުމުގެ ރީތިކަމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ފަތުރުވެރިންނެއް މި ހައިރާންކުރުވަނިވި މަންޒަރު ބަލާލުމަށް ޖަޕާނަށް ޒިޔާރަތް ކުރެއެވެ.
މި އަހަރު އާރިފު ބޭނުންވީ ޖަޕާނަށް ގޮސް، މި ހިތްގައިމު މަންޒަރުތައް ތޫބާއަށްވެސް ދައްކާލާށެވެ. ޖެހިގެން އޮތް ހަފްތާގައި އެމީހުން ތިބީ ޖަޕާނުގައެވެ. އެއީ ވަރަށް ހަލަބޮލި މާޙައުލެކެވެ. މަގުގެ ކޮންމެ ފަރާތަކަށް ބަލާލިޔަސް ފެންނަނީ ހަލަބޮލިކަމާއި ދިރުންތަކުން ފުރިފައިވާ މަންޒަރެވެ. މި އަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ފަތުރުވެރިން ޖަޕާނަށް ޒިޔާރަތް ކޮށްފައިވެއެވެ.
ދަތުރުގެ ވަރުބަލިކަން އެ ތިން އެކުވެރިންނަށް ފިލައިގެން ދިޔައީ އަރާމުގައި ނިދާލާފައި ތެދުވުމުންނެވެ. މުޅި މާޙައުލަށް ވަރަށް ހިތްފަސޭހަ ފިނިކަމެއް ވެރިވެފައި ހުއްޓެވެ. އޭނާ ތެދުވެ، ތޫބާއަށް މޯނިންގ ވެއްޖެތޯ ބަލާލުމަށް މެސެޖުކޮށްލިއެވެ. މިނެޓެއް ނުވަނީސް ތޫބާ އައިސް ދޮރުގައި ޓަކި ދޭން ފެށިއެވެ. އެނދުން ތެދުވެ، މޯޅިއަކަށް ދެމިލާފައި ދޮރު ހުޅުވާލިއެވެ.
ކުރިމަތީގައި ހުރި ތޫބާ ކުއްލިއަކަށް މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ތޫބާ ބުންޏެވެ:
"ހޫމް. ސާބަސްދެން. ދޭބަލަ ތައްޔާރުވާން. މަށަށް މެސެޖުކުރިއިރުވެސް އަދި މީނައަށް މޯނިންގ ނުވޭ ދޯ. މީނަ އަހަރެންނަށް މެސެޖުވެސް ކުރީ އަދި ނިދިން ރަނގަޅަށް ނުހެލާ އޮވެ ދޯ. ޕިސްޕިސް." ތޫބާ ކުޑަދޮރުން ބޭރު ބަލަން ހުއްޓެވެ. އާރިފު ގާތަށް އައީ ލާނެތް ހިންޏެކެބެ. ތޫބާ އިތުރަށް ބުންޏެވެ: "ދެން ތެދުވަން އުޅޭ. މިހާރު ހުންނާނީ ނިދިފައެއްނު. ދެން ތިހެން އޮންނަން ވެއްޖެއްޔާ ކިހިނެއް ދަތުރުފަތުރު ކުރަނީ؟ ފަޒްލީނު މެސެޖެއް ނުކުރޭތަ؟"
އާރިފު ޖަވާބު ދިނެވެ: "އަދި އެސޮރަށް ގުޅާވެސް ނުލެވި މި އޮތީ." އޭނާ އާފުރިލަމުން ވާހަކަ ދެއްކިއެވެ.
"އޯކޭ އައި ވިލް މެސެޖް ހިމް." ތޫބާ ބުންޏެވެ: އަދި އޭނާ ފޯނާ ކުޅެން ފެށިއެވެ.
އާރިފު ދޮރުބުޑުގައި އެއްފަރާތެއްގައި ހުރި ސްޓޭންޑަރުގައި އޮތް ތުވާލި ކޮނޑުގައި އަޅުވާލައި ފާޚާނާއަށް ވަނެވެ. ފެންވަރައިގެން ނިކުމެ، ހިތްގައިމު ރާގެއް އަޅުވާލައި، އޭނާ ތައްޔާރުވެ، ކޮނޑުގައި ބެކްޕެކް ދަބަސް އަޅުވާލިއެވެ. އާރިފު މަޤްސަދު ހާސިލުކުރުމަށް ތައްޔާރުވީ ޖަޕާނަށް އާދެވުނު ފުރަތަމަ ދުވަހުގެ ޓުއަރ ދާށެވެ. ލޮބީގައި ފަޒްލީނު އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ.
"ކޮބާ. ހިނގާގަންނަން އުޅެމާ ދޯ." ފަޒްލީނު އެކި ދިމާތަކަށް ނަޒަރު ހިންގާލަމުން ބުންޏެވެ.
މެންދުރުފަހު ދެގަޑި ބައިވީއިރު، ވަރުބަލިވެފައި ތިބި ތިން ރަޙްމަތްތެރިން ކެެއުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށް ގްރީންލޭކް ރެސްޓޯރެންޓަށް ދިޔައެވެ. އެތަނުގެ ބުފޭ މޭޒުތައް ތަފާތު ކާނާތަކުން ފުރިފައި ހުއްޓެވެ. މި މަންޒަރުތައް އެމީހުން ވަގުތުން ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ދިޔައެވެ. އެދުވަސްވަރު އެތަން ޒީނަތްތެރިކޮށްފައި ހުރީ ޗެރީ ބޮލްސަމްގެ ފަރުމާތަކުންނެވެ. އާރިފު އިށީނދެ އިނދެފައި ފަހަތަށް އެނބުރިލާފައި، ފެންނަން ހުރި ދިގު ޖަންގަލީ މަގަށް ނަޒަރު ހުއްޓާލިއެވެ.
އާރިފު، ހިނިތުންވުމަކާއެކު އައި ވެއިޓަރަށް ގޮވާލިއެވެ. ވެއިޓަރު އަންހެންމީހާ، "ކޮންކަމެއްތޯ ބޭނުންވަނީ؟" މިހެން އަހާލުމުން، އާރިފު ސުވާލެއް ކޮށްލިއެވެ. ނަމަވެސް، ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގައި އަވަދިނެތި ތިބި އޭނާގެ ދެ ރަޙްމަތްތެރިންނަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ. އާރިފުގެ ސުވާލަށްފަހު، ވެއިޓަރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، އޭނާ ބޯ ހޫރާލީ އެކަމަށް އިންކާރު ކުރާފަދަ ގޮތަކަށެވެ.
އާރިފު ހިނިތުންވެލާފައި ލެމަން ގްރީން ޓީއެއް ގެނައުމަށް އެދުނެވެ. އޯޑަރު ދިނުމަށް ދިޔަ ވެއިޓަރު އަންހެންމީހާ، އެތަނުގައި ތިބި އެހެން މުވައްޒަފުންނާ ވާހަކަ ދެއްކުމަށްފަހު، އެ އެންމެންވެސް ހިނިތުންވުމެއް ނެތި، ނުތަނަވަސްކަމެއްގެ އަސަރު މޫނުމަތިން ފެންނަމުންދާ ހާލު، އާރިފާ ދިމާއަށް ބަލަން ތިއްބެވެ. އާރިފަށް މިކަން އެނގުނު ނަމަވެސް، އޭނާގެ ހިތް ބޭނުންވީ މިކަމުގެ އަސްލު ދެނެގަތުމަށެވެ.
ފެންގަނޑުގެ މެދުގައި ހުންނަ އެ ރެސްޓޯރެންޓުން ފާލަމެއް ދެމިފައި ހުރީ ޖަންގަލީގެ ސަރަހައްދަކަށެވެ. އެތަނުގައި "ދިޔުން މަނާ" ސަރަހައްދެއްގެ ނަންބޯޑު ހުއްޓެވެ. އާންމުކޮށް އެއްވެސް ބަޔަކު އެދިމާއަށް ނުދެއެވެ. އެއީ އެ ސަރަހައްދާއި ގުޅޭގޮތުން ދެކެވޭ ރޫހާނީ ވާހަކަތަކެއް ހުރުމުން، އެމީހުން އެކަން ޤަބޫލުކޮށް ބިރުގަންނާތީއެވެ. ޗެރީ ބޮލްސަމް މާ ފޮޅޭ ދުވަސްވަރުގައި ފަތުރުވެރިއަކު އެ މަނާ ސަރަހައްދަށް ދިއުމަށް ޝައުޤުވެރިވުމުން ވެއިޓަރު އަންހެންމީހާއަށް ނުތަނަވަސްކަން ލިބުނީ އެހެންވެއެވެ.
ކައިނިމިގެން އެމީހުން ކުޑަ ވަގުތުކޮޅަކަށް ބަގީޗާގައި މަޑުކޮށްލިއެވެ. ތޫބާ ފާލަމާ ދިމާއަށް ބަލާލާފައި، "އެހެންވީމާ، އަހަރެމެންގެ މަޤްސަދަކީ އެދިމާއަށް ދިޔުން ދޯ؟" މިހެން އަހާލިއެވެ.
ފަޒްލީނު ޖަވާބުދިނެވެ: "އާނ. އަހަރެމެން ދާންޖެހޭ ތަނަކީ އެއީ. އަހަރެންގެ އަތުގައި އޮތް މެޕުން ދައްކާގޮތުގައި، އެ ޖަންގަލި ހުރަސްކޮށްގެންނެވެސް އެތަނަށް ދެވޭނެ."
އާރިފު އިތުރުކުރިއެވެ: "އާނ. އަހަރެން ތިން ފަހަރު ގޫގުލް ޗެކްކޮށްފިން. އެ ހާދިސާ ހިނގާފައިވާ ތަން ހުންނާނީ މި ފާލަމުގެ ފަހަތުގައި ހުރި ނަންބޯޑު ހަރުކޮށްފައިވާ ދިމާ ނޫން އަނެއް ފަރާތުގައެވެ."
ތޫބާ އަވަސްވެގަތުމަށް ބުނެލިއެވެ: "އެހެންކަމަށް ވަނީނަމަ، ވަގުތު ބޭކާރު ނުކޮށް ދާންވީނު. ދާން ހިނގާށެވެ."
އެމީހުންގެ މި ދަތުރުގެ ހުރިހާ ކަމެއް ފޯނުތަކުން ރެކޯޑުކުރަމުން ދިޔައެވެ. ތިން ރަޙްމަތްތެރިން އަވަހަށް އެމީހުންގެ ސާމާނުތައް ހިފައިގެން ފާލަން ހުރަސްކޮށް އަނެއް ފަރާތަށް ދިޔައެވެ. އެމީހުން އެ ސަރަހައްދަށް ދިއުމުން، ރެސްޓޯރެންޓުގައި ތިބި ވެއިޓަރުން ދުރުން އެކަކު އަނެކަކާ ސިއްރުސިއްރުން ވާހަކަ ދައްކާ، އަވަހަށް މަސައްކަތް ނިންމާލައި އެތަނުން ދިއުމަށް ނިންމިއެވެ. އެމީހުން ބިރުގަނެފައި ތިބީ، އެ ފާލަމުގެ އަނެއް ފަރާތަށް މީހަކު ދިއުމުންނެވެ.
=ނުނިމޭ=
