ކިލަނބު ހިތް 2 ވަަނަ ބައި
މިއީ އޭނާވީ ޤުރުބާނީގެ އަގުހެއްޔެވެ؟ މިކަމަކާއި ހެދި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާއި އަބަދަށް ވަކިވާން ޖެހުނީ ޖެހުނު ބޮޑު މައްސަލައެއްގައެވެ. އޭނާ ކާން އިނދެފައި އަނގައިން ބަހެއް ނުބުނީ ބުނެވޭ އެއްޗަކުން ކާމޭޒުގައި އަތުރާފައި ހުރި ކާއެއްޗެހި އެއްކަލަ ރޭ ހެން ގަޔަށް ބޮލަށް ބަންޑުން ކޮށްފާނެތީއެވެ. ރުންކުރު ރުޅިމިއީ ކާއިލަށް މައިތިރިކުރެވޭ އެއްޗެއްނޫނެވެ. މި އަނިޔާއެއް އޭނާ ހޯދީވެސް އަމިއްލައަށެވެ. ނިޝްރާގެ ހަނދާވާން ކޮންމެ ފަހަރަކު ސަރީނާގެ ހިތަށް ބުނެދޭން ނޭނގޭ ތަދެއް އިޙްސާސްވެއެވެ. އޭނާއާއި ހަަމައަށް ދެވޭނެ ނަމަ ކިހާ ރަނގަޅުހެއްޔެވެ؟ ކާން ތައްޔާރުކޮށްފައި ހުރި ބަތްތަށި ހާވަން އިނދެފައި އޭނާ އިސްދަށަށް ޖަހައިގެން ނިކުތީ ބޭރަށެވެ. ސަރީނާ:” ކާއިލް. ނުކާ ކޮންތާކަށް މިގަޑީގަ؟ ލޯމަތިދުޅަވެފައި ހުރުމުން އޭނާ އިނީ އިސްދަށަށް ޖަހައިގެނެވެ. ސަރީނާގެ ހިތަށް އެރިއެވެ.
ކާއިލް މަސައްކަތް ކުރާ އޮފީހަށް ގޮސް އޭނާގެ ވެރިޔާ އާ ވާހަކަ ދައްކާނެ ގޮތެއް. ހޯދާނީ ކިހިނެއްބާވައެވެ. ކިހިނެއްބާ ހަދާނީ.؟ ކާއިލްގެ ރައްޓެހި ބައިގަނޑަށް އަހަރެންމީ ކާކުކަން ނޭނގޭނެ ހެން ދިޔުން ބޭނުމީ،”
ސަރީނާގެ ހިތަށް އެކިކަހަލަ ހިޔާލުތައް އަރާ ފައިބަނީއެބެ. ކާއިލް ބޭނުންވާ މަޤާމަށް ފުރުސަތު ހޯދާނޭ ގޮތަކާމެދު ވިސްނެނީއެވެ. އެހެންނޫނީ އޭނާ ބޭނުންވާ ކަންތައް ނުކުރެވިގެން ބޯގޮވައިގެން ހިތްހަމަ ޖައްސަން މިހެން އަބަދު ރައްޓެހިން ގޮވައިގެން އައިސް އަހަރެންނާ ދިމާކޮށްލާނެއެވެ. އަބަދު އެ ނުލަފާ މީހުންގެ އަތްދަށުވެފައިވާ ޝިކާރައަކަށް ވާކަށް އަހަރެން ބޭނުން ނުވެއެވެ.
ހަފްތާއެއް ފާއިތުވެއްޖެއެވެ. ކާއިލަށް އޮފީހުގެ ޕްރޮޖެކްޓާ ހަވާލުވެގެން ދިރާސާތަކެއް ކުރަންޖެހުނެވެ. ހަފްތާއަކަށް އެހެން އަވަށަކަށް އޭނާއަށް ދާން ޖެހުމުން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. މި ދަނޑިވަޅަކީ އޭނާއަށް ކާއިލްގެ ވެރިޔާ އާ ބައްދަލުކޮށް ކާއިލަށް ޕްރޮމޯޝަން ދޭތޯ ވާހަކަދައްކައި މަސައްކަތްކުރެވިދާނެ ފުރުސަތެކެވެ. އެ ޕްރޮމޯޝަނެއް ނުލިބިގެން އޭނާ ހިތްހަމަ ޖައްސަނީ ރޭގަނޑު ބާރތަކަށް ގޮސް ސިކުނޑި މޮޔަކޮށްގެނެވެ. އެކަމުގައި އޭނާއާއި ބައިވެރިވާ އޭނާގެ ރައްޓެހިން އޭނާއަށް އޮފީސް މަސައްކަތްތަކުގައި އެހީވާނެ ކަމަށް ބުނެ، މަކަރުވެރި ވާހަކަތަކުން ހައްލާލައިގެން އެމީހުން ބޭނުންވާ ކަންތައް ފުއްދައެވެ. އެކަން އެމީހުން ކުރަނީ ކޮންމެހެން ކާއިލަށް ފަސޭހަތަކެއް ކުރާކަށް ނުވިއަސް އަހަރެންގެ ހަށިގަނޑު ނީލަން ކިޔައިގެން އިއްފަތްތެރިކަން ނިގުޅާގެންނާށެވެ. ކާއިލް ހަމައިގަ ނުހުންނާތީ އޭނާގެ ރައްޓެހިންގެ ރޭޕް ޝިކާރައަށް އަބަދުވެގެން މިހެން ދިރިއުޅެވޭނީ ކިހިނެއްހެއްޔެވެ؟
ސަރީނާއަށް އަމިއްލަ ނަފްސަށް ވާހަކަ ދެއްކުނީ ކުރީގެ ހިތި ހަނދާންތައް އާވުމުންނެވެ.
ސަރީނާ:އަހަރެންނަށް މިފަދަ އަދަބު ލިބެނީ މާޒީގައި އަހަރެންނަށް ކުރެވުނު ކުށަކުންކަން ޤަބޫލުކުރަން. އެހެނަސް ވެނިމިފައި އޮތް ކަމެއް ބަދަލު ނުކުރެވޭނެތީ އަހަރެންނަށް ޖެހޭނީ އޭނާ ހުރިތަނަކުން ހޯދައިގެން ވެސް އޭނާއާ ހަމައަށް ދާން.
ސަރީނާގެ ހިތަށް ލައްކަ އަސަރުތަކެއް ކޮށްފިއެވެ. ސަރީނާއަށް އޭނާގެ މައިންބަފައިން ގާތުގައިވެސް ކަންހިނގާ ގޮތުގެ ވާހަކަ ބުނަން ކީއްކުރަން ހެއްޔެވެ. އަމިއްލަ ހާލާ ބެހޭ ގޮތުންއުފް ބުނާކަށް ނުކެރޭނެއެވެ. މުޅި ޢާއިލާއާ ދެކޮޅަށް މިކައިވެނި ކުރިއިރު މިފަދަ ހިތްދަތި ދިރިއުޅުމެއް އުޅެންޖެހިދާނެކަމަކަށް ހިއެއް ނުކުރެއެވެ. އެންމެންގެ ނަސޭހަތް ނަގާ ބޮލާ ޖަހާފައި އައި މިދިރުޅުމުގެ އަނިޔާއާއި ވޭނުގެ ވާހަކަ ކިޔައިދޭނީ ވެސް ކޮން ދުލަކުން ކޮން ހައިސިއްޔަތަކުންހެއްޔެވެ.
ފެންވަރައި ތާޒާވެލައިގެން ނުކުމެ ލޯގަނޑު ކުރިމަތީ ހުރެގެން މޫނުގައި މޭކަޕުތަކުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ނުފެންނާހެން ޒީނަތްތެރިވިއެވެ. ދުވާލު ގަޑިއަށް ވީމައި މަގުތައް ފުރިބާރުވެފައެވެ. ކާރަށް އަރައި ސްޓާރޓްކޮށްލުމަށް ފަހު ދަތުރު ނިމުނީ ދެމޭލެއްހާ ދުރުގައި ހުރި ބޮޑު ޢިމާރާތަކަށެވެ. މިތަނަކީ އިންޓަރނޭޝަނަލްކޮށް އެންމެ ފަހުގެ ޓެކްނޮލޮޖީ އިލެކްޓްރިކު ސާމާނުތައް އުފައްދާ ކާރުޚާނާ އެކެވެ. މި ކުންފުނީގެ ވެރިމީހާއަކީ ދުނިޔޭގެ ނަން މަޝްހޫރު ވަރަށް މުއްސަނދި ވިޔަފާރިވެރިއެކެވެ.
ބޮޑެތި ވިޔަފާރިތައް ދުނިޔޭގައި ކަންކޮޅުތަކަށް ކުރާ މަޝްހޫރު ނަން ހިނގާ ކުންފުންޏެއްކަމުން މިތަނަށް ގިނަބަޔަކު ޒިޔާރަތް ކުރެއެވެ. ސަރީނާ ހުރީ ބޮލުގައި ސްކާފު ފޮތިކޮޅެއް އަޅައި އަވިއައިނެއް އަޅައިގެނެވެ. ރިސެޕްޝަނަށް ގޮސް އޭނާ އެތާނގެ ބޮޑުމީހާއާ ބައްދަލުވުމަށް އެދުނެވެ. ކައުންޓަރ ދޮށުގައި ހުރި ޒުވާނާ ފޯނުން ވާހަކަތަކެއް ދައްކައި އެޕޮއިންޓްމެންޓެއް ނެތުމުން ބޭރުގައި މަޑުކޮށްލުމަށް އެދުނެވެ.
އޭނާ މިހެން ބައިގަޑިއިރު އިނދެފައި މާޔޫސްވެގެން ދާން ތެދުވިއެވެ. ހަމަ މިވަގުތު އެސްކިޔުޒް މިސް” މީހެއްގެ އަޑުން އޭނާއަށް ފަހަތް ބަލާލެވުނެވެ. ހުރީ އެތަނުގެ މުއައްޒިފެކެވެ. އޭނާއާ އެކު ސަރީނާ މިތަނުގެ ބޮޑުމީހާއާ ބައްދަލުކުރުމަށް ހިނގާގަތެވެ. ވަދެވުނު އޮފީހަކީ ތަނަވަސްކަން ހުރި ބޮޑު އެހާމެ ނަލަކޮށް ތަރުތީބު ތަނެކެވެ. ދެންމެ މިތަނަށް ސަރީނާއާ އެކު ވަން އަންހެން ކުއްޖާ ބޮސް އޭނާއާ ބައްދަލު ކުރަން އަންނަ ވާހަކަ ބުންޏެވެ. އޭނާއަށް ނަޒަރުހިންގާ ލެވުނީ ބޮޑު މޭޒަށެވެ. އަތުރާލަފައި ހުރި ތާޒާކަން ހުރި ފިނިފެންމާތައް ވަރަށް ނަލައެވެ. އެހެނިހެން ޒީނަތްތެރިކުރަން ބަހައްޓާފައި ހުރި ސާމާނުން ވަރަށް ފުރިހަމަ އެވެ. ފްރޭމުގައި އެހުރި ތަސްވީރުގައި އެހުރީ މިތަނުގެ ވެރިޔާއާއި އެމީހާގެ އަނބިދަރީންނެވެ. ދެ އަންހެން ކުދިންނާއި އަރިމައްޗަކަށް މޫނު އިސްތަށިގަނޑުން ނިވާވެފައި ހުރި އަންހެނެއްގެ ފޮޓޯއެކެވެ. ކިހާ އުފާވެރި ޢާއިލާއެއް ހެއްޔެވެ؟ ތަނަވަސް ދިރިއުޅުމެކެވެ. ލޯބި ކުދިންތަކެކެވެ.
މިފަދަ ހެޔޮލަފާ ފިރިއަކު ބޭނުން ނުވާނީ ކާކުހެއްޔެވެ؟ ސަރީނާއަށް ހިންދިރުވާލެވުނެވެ، އެވަގުތު އިވުނީ ބޭރުން ދޮރުހުޅުވުނު އަޑެވެ. އޮފީހަށް ވަނީ މިތަނުގެ ވެރިމީހާއެވެ. އޭނާއަކީ ކާއިލްގެ އަނބިމީހާކަން އެނގުމުން ވަރަށް ކަމޭހިތިއެވެ. ކާއިލަށް ތަރައްގީ ދޭތޯ އެދި އާދޭސްކުރަން އައި ސަރީނާއަށް އިވުނު ވާހަކަތަކުން އޭނާގެ އަނގަ ބަންދުވިކަހަލައެވެ.
ކާއިލްގެ ވެރިޔާ ދެއްކި ވާހަކަތައް އިވިފައި ގަތްލަދުންނާއި ވީ ދެރައިން އިސްޖަހާލެވުނެވެ. އެހެނަސް ދިގުދަތުރަކަށް ފަހު މިތަނަށް އައީ ކާއިލާ ބެހޭގޮތުން މިފަދަ ވާހަކަތަކެއް އަޑު އަހާކަށް ނޫނެވެ. ލަދުން އިސްޖެހިފައިއިން ސަރީނާއަށް އެނގުނީ ކާއިލް މަސައްކަތައް ފަރުވާ ކުޑަކަމުގެ ވާހަކަތަކެވެ. ކާއިލް ގިނަ ދުވަސްތަކުގައި އޮފީހަށް ހާޒިރުނުވާ ދުވަސްތަކެވެ. އެހެން މުވައްޒިފުންނަށް އެކި ކަހަލަ ގަނާކުރުމާއި ސެކްޝުއަލް ހެރޭސްމަންޓުތަކާއި އަޚްލާގު ދަށްވުމާ އަދިވެސް މިކަހަލަ ނޭދެވޭ ތުހުމަތުތަކެވެ. މިހެން ގޮސް އެކި ކަންތައްތަކެވެ. އޭނާއަކަށް ޖަވާބުގައި ފިރިމީހާއަކީ އެންމެ އަޚްލާގު ރަނގަޅުމީހާއޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.
މާޔޫސްކަމާ އެކު އޭނާ އެދުވަހު ގެއަށް އައީ ހިތްނުތަނަސް ކަމުގައެވެ. ބޮލަށް އެނބުރުން އަރަނީއެވެ. މޭނުބައިކޮށް ހޮޑުލެވުމުން އޭނާގެ ތޮބިޢްޔަތަށް ބަދަލެއް އަތުވެއްޖެއެވެ. ކަލަންޑަށް ނަޒަރުހިންގާލިއެވެ. އޭނާއަށް ތާރީޚް އޮޅޭނީ ކިހިނެއް. މިއީ އަލަށް މިހެންވި ފުރަތަމަ ފަހަރެވެ. ހިތް ނުތަނަވަސް ވެހުރެފައި އެހެނަސް ހިތްވަރުކޮށްފައި ދިޔައީ ފާމަސީއަށެވެ. ގަނެގެން އައި ކިޓުސެޓު ހިފައިގެން ފާޚާނާއަށް ވަދެ މިހާރު އެ އިންތިޒާރު ކުރަނީ ހިތަށް ކުރެވުނު ޝައްކު ހަޤީޤަތަކަށް ވެދާނެތީ ކަންބޮޑުވުމުގައެވެ. އޭނާގެ ހިތް ބުނިފަދައިން އެއްވެސް ޝައްކެތް ނެތެވެ. ޤަބޫލުކުރަން ދަތިވިއެވެ. އޭނާ ބަލިވެ އިނީ ހެއްޔެވެ/ ދެން ހަދާނީ ކިހިނެއް؟ ފިރިމީހާއަށް އެކަން އަންގާނެގޮތަކާ މެދު ވިސްނެނީއެވެ.
ހިތް ހަލާކުވީ އޭނާ ބަނލިވެ އިންކަން އެނގުމުން ނޫނެވެ. އެހެނަސް ހަޔާތް ވޭތުކުރަން ޖެހޭ އުޅުމެއް ނެތް ފިރިމީހާއާ އެކު ކުރިއަށް އޮތްތާނގައި މިހެން ހަޔާތް ވޭތުކުރަން ޖެހޭތީއެވެ.
ކަމަކަށް ފަހު ކަމެއްގައި އޭނާއަށް ބޮޑެތި ބަރު ބޮލަށް އުފުލަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. ސަރީނާގެ މެއަށް އުނދަގުތަކެއް ވާންފެށިއެވެ. ހިތް ނުތަނަވަސްކަމާ ވިސްނިވަރަކަށް މޭނުބައި ކުރަނީއެވެ. ސަރީނާއަށް މާޒީގައި ކުރެވުނު ބޮޑު ކުށެއް ހަނދާނަށް އައީ މިވަގުތެވެ. އޭނާ ބޭރުގައި ހުންނަ އުނދޯލީގައި އިނދެ އެއްފައިން ތަޅުވާލައި އުނދޯލިހިއްލަން ވިސްނަން އިނީ ބޮޑު ފިކުރެއްގައެވެ.
=ނުނިމޭ=
