ފުރަތަމަ ބައި –
ރޭގަނޑުގެ ވަގުތެވެ. ކެފޭތަކުގެ އަޑުތަކުން މާޙައުލު ހަލަބޮލިވެފައިވެއެވެ. އެކި އުމުރުގެ މީހުން ކޮފީތަކަށް އެއްވެ، އަމިއްލަ ހިތްހަމަޖެހުން ހޯދުމުގެ ގޮތުން ދިގު ވާހަކަތަކުގައި މަޝްޣޫލުވެ ތިއްބެވެ. އެތަނުން ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި، ޒުވާނެއް ފޯނަށް ގެއްލިފައި އިނދެ، އޭނާގެ މޫނުމަތިން ހައިރާންކަމެއް ފެންނަމުން ދިޔައެވެ. އުމުރުން ވިހި އަހަރުގެ އާރިފަކީ މީހުންނާ ގުޅޭ، މަޖާ މިޒާޖެއްގެ ޒުވާނެކެވެ. ފޯނަށް ގެއްލިފައި އިނދެ ނަމަވެސް، އޭނާގެ ދެ އިނގިލި ދޭތެރޭގައި އޮތް ސިނގިރޭޓު ބުއިން މެދުކަނޑާލުމެއް ނެތެވެ. އާރިފު މިހާ ހައިރާންވެފައި އިނީ، އޭނާގެ ލޮލުގައި އަޅައިގަތް އާޓިކަލަކަށް ނަޒަރު ހުއްޓުނު ހިސާބުންނެވެ.
އެއީ ޖަޕާނުގައި މަޝްހޫރު، ނާމާން ބިރުވެރި ވާހަކަތަކެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. އަދި މިހާތަނަށް އޭނާ އަޑުނާހާ ފަދަ ހާދިސާތަކެއްގެ ވާހަކައެވެ. ބޮޑު ސަމާލުކަމެއް ދީގެން އާރިފު މިހެން އިނދެ ކޮފީ ސިޕުފޮދު ބޯލައެވެ. ބައެއް ފަހަރު ވާހަކަ ކިޔަމުން ގޮސް އަމިއްލައަށް ހިނިގަނޑެއް ޖަހާލައެވެ. މިގޮތަށް އިނދެ އޭނާއަށް ވަރަށް މޮޅު ޚިޔާލެއް ލިބުނެވެ. އެއީ މިކަމުގެ ހަޤީޤަތާ އަޖުމަ ބަލާލުމަށްޓަކައި ރޭވުންގަނޑެއް ރާވާލުމެވެ.
ކުރީގައި ޕޯސްޓުކުރި ވީޑިއޯތަކަށް ވުރެ މޮޅު ވީޑިއޯއެއް މި އަހަރު ވެސް ތައްޔާރުކޮށްލަން އޭނާ ބޭނުންވިއެވެ. ގިނަ ބައެއްގެ ސަޕޯޓާއި ވިއުސް ގިނަވުމަކީ އޭނާގެ ޓީމަށް ކުރިއެރުން ލިބޭނެ ކަމެކެވެ. ލަސްނުކޮށް އަވަސް ހަރަކާތަކާއެކު އިނގިލިތަކުން މެސެޖުތަކެއް ޓައިޕުކޮށްލިއެވެ. އެ ފެނުނު ތަނުގެ މަންޒަރުތަކުގެ ފޮޓޯތައް ފޮނުވާލިއެވެ. އޭނާ މަސައްކަތްކުރާ އޮފީހުން ނެގި ޗުއްޓީގައި، ދުނިޔޭގެ ކޮންމެވެސް ހިތްގައިމު މަންޒިލަކަށް ދަތުރު ކޮށްލަން ރޭވުމެއް ރާވަނީއެވެ. އޭނާއާ އެކު އެ އޮފީހުގައި އުޅޭ ތޫބާއާއި ފަޒްލީނު ވެސް ބޭނުންވަނީ މި އަހަރުގެ ޗުއްޓީގައި އިންޑިއާ ނުވަތަ ލަންކާ ނޫން އެހެން ޤައުމަކަށް ދާށެވެ. ވޭތުވެދިޔަ ހަތަރު އަހަރު ވެސް އިންޑިއާއާއި ލަންކާއަށް ގޮސް އެކި ކަހަލަ ވީޑިއޯތައް ތައްޔާރުކޮށް، މީޑިއާގައި ދައްކާލައި، ވަރަށް ގިނަ ބައެއްގެ ޝައުޤުވެރިކަން ލިބިފައިވެއެވެ.
އާރިފު ފޯނު ނަގައި ވީޑިއޯ ކޯލެއް ކުރިއެވެ. އާރިފު ބުންޏެވެ: "ކަމޯން ގާއިސް، މިތަނެއް ވާނެ އިންވެސްޓިގޭޓް ކޮށްލަން. އަހަރެންނަށް ކެރޭނެ ކެމެރާކޮށް ފޮޓޯތައް ނަގަން." އޭނާގެ ހިތްވަރުގަދަކަން ހާމަކޮށްލިއެވެ.
ފަޒްލީނު ޖަވާބު ދިނެވެ: "ތި އާޓިކަލް އަހަރެން ކިޔާފިން. އެމީހުން ޤަބޫލު ކޮށްފާނެ ދެން ކޮންމެ ކަމެއް ވެސް ދޯ." ހިނިގަނޑެއް ޖަހާލިއެވެ. "ތި ހުންނަނީ މީހުންގެ އެޓެންޝަން ހޯދަން ލިޔެފައި ހުންނަ ފޭކު ވާހަކަތައް. ބްލާ، ބްލާ، ބްލާ." އޭނާ މަޖާކޮށް ވާހަކަ ދެއްކިއެވެ.
ތޫބާ ބުންޏެވެ: "އެއީ އަސްލު އެ ބުނާ ހާދިސާ ދިމާވެގެން ނޫން. ކޮންމެ އަހަރަކު އެ މޫސުމަށް ފަތުރުވެރިންގެ ސަމާލުކަން ހޯދަން ދައްކާފައި ހުންނަ ބޯދާ ވާހަކަތައް. އެއީ ފަތުރުވެރިން އެތަނަކަށް ގެންދަން ދައްކާފައި ހުންނަ އިންޓަރނެޓް ސްޓަންޓު "އެސްޓީތައް"." އޭނާގެ މި ބަސްތަކުން އޭނާއަކީ ވަރަށް ޖެހިލުން ކުޑަ، ހިތްވަރުގަދަ ކުއްޖެއްކަން ހާމަވިއެވެ.
ފަޒްލީނު އިތުރަށް ބުންޏެވެ: "އެކަމަކު އަދި އަހަރެމެންނަށް މިއަށް ވުރެ ބޮޑަށް ތި ބުނާ ތަނަކާ މެދު ވެފައި ހުރި ކަންތައް އޮޅުންފިލުވާ ވަރު ކޮށްދީބަލަ. މިހެން ސިމްޕަލް އާޓިކަލެއް ކިޔާލިއަސް އަސްލަކީ ކޮބާކަމެއް ނޭނގޭނު." އޭރު ފަޒްލީނު އޭނާގެ ގޭގައި ސޯފާގައި އޮވެ ޗެޓްކުރަނީއެވެ.
ތޫބާ ބުންޏެވެ: "އެދެއް. އާރިފު ތީ ތަހުލީލު ކުރަން އެންމެ މޮޅު މީހާ ދޯ ފަޒް." ހިނިގަނޑެއް ޖަހާލިއެވެ. ތޫބާ އޮތީ އޭނާގެ ކޮޓަރީގައި އެނދަށް އަރާ ބަންޑުން އޮވެ ފޯނާ ކުޅޭށެވެ.
އާރިފަކީ ޣައިބީ ކަންކަމާއި (ޕެރެނޯމަލް އެކްޓިވިޓީ) އެފަދަ ހާދިސާތަކުގެ ޙަޤީޤަތް ހޯދައި، އެކަންކަން ދެނެގަތުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ހުންނަ ޒުވާނެކެވެ. އޭނާގެ މައިގަނޑު މަޤްސަދަކީ މިފަދަ ވީޑިއޯތަކާއި ވާހަކަތަކުގެ އަސްލު ދެނެގަނެ، އިންޓަރނެޓްގައި މަޝްހޫރުކަން ހޯދުމުގެ އިތުރުން، އޭނާއަށް މޮޅު ކަމެއް ކުރެވިއްޖެކަން ދައްކުވައިދީ، އެކަމުގެ ސަމާލުކަން ހޯދުމެވެ.
ތޫބާ: "ތި ތިބީ ކޮންތާކު؟"
އާރިފު: "އަހަރެން މިހުރީ އަހަރެންގެ ރަސްމީ ޖަގަހައިގައި ކޮފީއެއް ބޯން އިނދެގެން."
ފަޒްލީނު: "އަހަރެމެންނަށް އަންގާވެސް ނުލާ ދޯ މިހާރު ތި ކޮފީއަށް ދަނީ؟" އޭނާ ސަމާސާ ރާގަކަށް ބުނެލިއެވެ.
ތޫބާ: "އޯކޭ. އަހަރެމެންވެސް ކޮފީއަށް ގޮސްފައި ހަބަރުވާނީ ދީ ފަޒް." އެންމެން ހީނގަތެވެ.
އާރިފު: "ކޮފީއަށް ދެވޭނެ. އެކަމަކު މިހާރު ތިއެއް ނޫނޭ މުހިންމީ. ހެލޯ ގާއިސް، މިކަމާ ނިކަން ސީރިއަސްވެބަލަ، އޯކޭ. އަހަރެން މިހާރު މަޢުލޫމާތުކޮޅެއް ހޯދާފައި ފޮނުވާނަން."
ތޫބާ: "އޯކޭ، ތި މަޢުލޫމާތު ހޯދާފައި ފޮނުވާލާ، ފަހުން ހަބަރެއް ވާނަން. އަޅުގަނޑު މިގަޑިއަށް ދެން ކަޓް. ގުޑް ނައިޓް ބޯއިސް. ސްވީޓް ޑްރީމްސް." ތޫބާގެ ވީޑިއޯކޯލު ކެނޑިގެން ދިޔައެވެ.
ފަޒްލީނު: "މަވެސް ދެން ދަނީ އޮށޯންނަން. ތި މަޢުލޫމާތު ރަނގަޅަށް ހޯދާފައި އަހަރެންނަށް ވެސް ފޮނުވާ. މިފަހަރު ތިކަމެއް ރަނގަޅަށް ކުރެވޭނެ."
އެންމެންގެ ވީޑިއޯކޯލުތައް ކެނޑިގެން ދިޔައެވެ. އާރިފު ވެއިޓަރަށް ގޮވާލައި އިޝާރާތެއް ކޮށްލިއެވެ. ވެއިޓަރ ބިލް ގެނެސް ދިއްކޮށްލުމުން އޭނާ ހިނިތުންވެލައި ޓިޕްސްއެއް ވެއިޓަރަށް ދިއްކޮށްލިއެވެ. އޭނާގެ ހިތުގައި ބައިވަރު ކަންތައްތައް އުފެދެމުން ދިޔައެވެ. އާރިފުގެ ވިސްނުން ވަރަށް މޮޅެވެ. އޭނާގެ ރޭވުން ކުރިއަށް ގެންދަނީ ހަމައެކަނި މި ދަތުރަށް ތަހުގީގު ކުރާކަށް ހިތުލައިގެނެއް ނޫނެވެ. އެހެނަސް ތޫބާގެ ސަމާލުކަމާއި، އޭނާގެ ފަރާތުން ރަޙްމަތްތެރިއެއްގެ ހައިސިއްޔަތުން ލިބޭ ސަމާލުކަމަށް ވުރެ ގާތްގޮތަކަށް ގުޅުން ބަދަހިކުރުމަށެވެ.
އާރިފަކީ ޣައިބީ ކަންކަމާއި (ޕެރެނޯމަލް އެކްޓިވިޓީ) ނުވަތަ ރޫޙާނީ ކަންތައް ހިނގާފައި ހުންނަ ހާދިސާތަކާ ބެހޭގޮތުން ހޯދައި ބެލުމަށް ޝައުޤުވެރި ޒުވާނެކެވެ. އޭނާގެ ބޭނުމަކީ ދުނިޔޭގައި އެފަދަ ކަންތައް ހިނގާފައި ހުންނަ ތަންތަނަށް ގޮސް ވާހަކަތައް އޮޅުން ފިލުވުމެވެ. އިންޓަރނެޓްގައި އޭނާގެ ބްލޮގްގައި ވާހަކަތަކާއި ވީޑިއޯތައް އާންމުންނަށް ދައްކައި، އޭނާގެ މި ޖެހިލުންކުޑަ ކުޅަދާނަ މަސައްކަތްތަކަށް އެހެންމީހުންގެ ސަމާލުކަން ހުއްޓުވައިލުމެވެ.
އައު ދުވަހަކަށް އިރު އެރުމާއެކު އެހެން ދުވަސްތަކެކޭ އެއްގޮތަށް އާރިފުގެ ދުވަސް ފެށުނީ އޭނާގެ ލެޕްޓޮޕް ހިފައިގެން ދުނިޔޭގައިވާ ހާދިސާތަކާއި ކަންތައްތައް ހޯދައި ބެލުމުގައި މަޝްޣޫލުވެގަތުމުންނެވެ. މިގޮތަށް ރޭގަނޑު ކުޑަ ވަގުތުކޮޅަކަށް ނިދާފައި ހޭލައި އޭނާ އެކި ކަހަލަ މަޢުލޫމާތު ހޯދިއެވެ. ކަލަންޑަރުގެ މަސްތަކާއި ދުވަސްތައް ބަލާލިއެވެ. އެ ބުނާ ދުވަސްވަރަކަށް އެ ދިމާއަކަށް މިސްރާބު ޖަހަން މަސައްކަތް ކުރަން ޖެހެއެވެ. ދުރާލައި ތިން މީހުންނަށް ޓިކެޓް ނަގައި ހަމަޖައްސަންވާނެއެވެ. ކުއްލިއަކަށް އޭނާއަށް ސިހުން ލިބުނީ މަންމަގެ އަޑު ބާރަށް އިވުމުންނެވެ.
އަނީސާ: "ދަރިފުޅާ އާރިފު. މިރޭ ވެސް ލޮލުފިޔަ ނުޖަހާ ލެޕްޓޮޕް ހިފައިގެންތަ؟"
މަންމަ ވާހަކަ ދެއްކި އަޑު އިވުނީ ބަދިގެ ތެރޭގައި ރޮށިފިހަން ހުރެފައެވެ. އަވަހަށް ތެދުވެގެން އޭނާ ބަދިގެއާ ދިމާއަށް އައެވެ.
އަނީސާ: "ދަރިފުޅާ. އަވަހަށް އިށީނދޭ. ކައިގެން ތި ދާ ތަނަކަށް ދާން އުޅޭ. ކޮބާ ދަތުރު ކަންތައް ނިމިއްޖެތަ؟" އޭނާ ކާން އިނދެފައި މަންމައަށް ބަލާލިއެވެ.
އާރިފު: "މި ގަސްތުކުރަނީ މި ޗުއްޓީގައި ޖަޕާނަށް ގޮސް، އެތަނުގައި ކުޑަކޮށް ޓުއަރ ކޮށްލާ ވާހަކަތައް އޮޅުން ފިލުވާލަން."
އަނީސާ:" ހޫމް. އެއްކަލަ ކަހަލަ ބިރުވެރި ކަންތައްގަނޑެއް ހޯދަން ދޯ؟ ޕިސްޕިސް މަށަށް ވާ މިހިރީ ބިރުކުޑަ ފިރިހެން ދަރިއަކު ލިބިފަ.
އަނީސާ ކޮންމެ ރާގަކަށް ބުނިކަމުގައިވިޔަސް އެބަސްތަކުގެ ނިވަލުގައި ފޮރުވިފައިވާ ލޯތްބާއި ދަރިފުޅަށްޓަކައި ނިހާޔަތަށް ފަޚުރުވެރިވާކަމުގެ އިހުސާސާއެކު އެފަދަ ކަންކަމުގެ ތެރެއަށް ދަރިފުޅު ދާތީވެ، ހިތުގައި އުފެދޭ ބިރުވެރިކަމުގެ އިހުސާސްވެސް ހާމަވެގެންދެއެވެ.
ކޮންމެ ގޮތެއްވިޔަސް ވެސް އާރިފަކީ އަނީސާގެ މޭގެ އެތިކޮޅެވެ، މަންމައެއްގެ ހިތަށް ކުރާނެ އަސަރު އެނގޭނީ މަޔަކަށެވެ. އެކަން ޒުވާން ދަރިންނަށް ވިސްނައިގަންނާކަށް ނޭނގޭނެތާއެވެ.
=ނުނިމޭ=
