ޤަބޫލުކުރަން ދަތި އެކަމަކު އެތަނަށް ގޮސް އިން ކަސްޓަމަރަކު އެއޮތީ ކަރުބިނދިފައި، ބޯއަރިއަކަށް، މަރުވެފައެވެ. ހައިރާންވަނީ އޭނާ އޮތީ އެތަނުގެ މަސްއަޅާ ފްރީޒަރު ތެރޭގައި ކަމަށްވާތީއެވެ. އެ ހަށިގަނޑު ނަގައި ތަހުލީލު ކުރަން ގެންދެވުނެވެ. އެކަމެއްގެ ހަޤީޤަތް ވާނުވާ ނޭނގިގެން އެ އުޅެނީ ، ނަމަވެސް އެކަމެއް ހިނގާފައި ހުރީ ރޭދަންވަގުތެއްގައި ކަން ބެލެވެ. އޭނާ ތެޅެމުން އެދިމާއަށް އައެވެ. ކެފޭ ބަންދުކޮށް ވަނުން މަނާ ޖަހާފައި ސިފައިން ފުރިފައެވެ. ވޯކީ ޓޯކީ ހިފައިގެން ވާހަކަ ދައްކަން ހުރި ޖިދޫ އޭނާ ފެނިގެން އައިސް ރަފާނަށް މަޢުލޫމާތު ދިނެވެ.
ރަފާން:" ވެގެން އުޅޭ އެއްވެސް ޚަބަރެއް ނޭނގުނުތަ؟ އޭނާއަށް ހާސްކަން އިތުރުވިއެވެ.
ޖިދޫ:" ލައްބަ. އެއްވެސް ފިންގަރ ޕްރިންޓެއް ފެންނާކަށް ނެތް. ކުއަލިއަކަށް ޖިދޫ ފޯނަށް އައި މެސެޖުން އޭނާއަށް ސިހުނެވެ.
އެސްކިޔުޒް ސަރ" އޭނާ ފޯނަށް ޖަވާބުދީފައި ވައިބަރ ޗެކްކޮށްލިއެވެ.
ޖިދޫ:" ސާރ، ބައްލަވާ މިއޮތީ ރިޕޯރޓް.
އެމީހަކު ހަށިގަނޑު ޗެކް ކުރުމުން ލޭގައި ވަރަށް ނުރައްކާތެރި މަސްތުވާ އެއްޗެއްގެ އަސަރުފެނިފައިވާ ކަން ހާމަވާ ރިޕޯޓު. ރަފާން ރަނގަޅަށް އެއަށް ޖިދޫގެ ފޯނުން ބަލާލިއެވެ. ތެދެކެވެ. އެހެންވީމަ އޭނާ ރޭގައި ކޮންމެވެސް އެއްޗެއް ބޭނުންކޮށްގެން އޯވަޑޯޒްވީބާ؟ އެކަމަކު އޭނާގެ ފުރާނެ ނެތް ހަށިގަނޑު ފްރީޒާރ ތެރޭގައި އޮތުން އެއީ ކިހިނެއްވާނެ ކަމެއްބާ؟ ރަފާން މި ސުވާލު ޖިދޫއާ ކޮށްލިއެވެ.
ޖިދޫ: އަޅުގަނޑަށް ހީވަނީ އެބޭނުން ކުރި މަސްތުވާ ބާވަތަކުން އޭނާއަށް ސިކުނޑީގާ މަންޒަރުތައް ސިފަވިގޮތަކުން އަމިއްލައަށް ކޮށްފަ ހުރިކަމެއްހެން.
ރަފާން: ހޫމް. އެކަމަކު ތަހުޤީޤު ނުހުއްޓި ކުރިއަށް ގެންދާތި.
ޖިދޫ:"\ ލައްބަ.
އޭނާ އަވަހަށް އެތެރެއަށް ވަދެ މަސައްކަތައިގެން އުޅުނުނެވެ. އޭނާ ބޮލަށް ޝައްކުތަކެއް ވާން ފެށިއެވެ. މީ ކިހިނެއް ވެގެން ވާކަމެއްހެއްޔެވެ؟ ޤަބޫލުކުރަން ދަތިވިއަސް އޭނާއާ އެކު ހުރިހާ ސިއްރުތަކުގައި ޝާމިލުވާ މިތުރުން ފަހަރަކު މީހަކު މި ނިމިދަނީ އަނެއްކާ މިއީ މީހަކު ގަސްތުގައި ކަމެއް އެނގިގެން ހިފާ ބަދަލެއް ހެއްޔެވެ؟
ނޫނެކެވެ. ބޭކާރު އެއްޗެހި ބޮލުތެރޭގައި ގުޅަކެރުވިގެން ސިކުނޑި ޚަރާބު ކުރުމުގެ ބޭނުންމެއް ނެތެވެ. ސުނީލަކީ ވެސް އެކި ކަހަލަ މަސްތުވާ އެއްޗެހި ސިރުން ބޭނުން ކުރާ މީހަކަށް ވީމައި އެވާނީ އޭނާ ފަހުގެ އެތިފަހަރެއް ޖައްސައި ނަފްސަށް ގެއްލުމެއްދީފައި އަމިއްލައަށް ފުރާނަ ނަގާލީކަމަށެވެ. އޭނާ ފަހަތް ބަލާލިއެވެ. އެއްކަމެއްކޮށްފައި އަނެއްކަމެއް ކޮށް އެއްވެސް ޝަކުވާއެއްނެތި ޖިދޫ އުޅެނީ ހާދަ ރަނގަޅަށް ކަމަށް ކަމޭހިތާއިންގެނެވެ. މަސައްކަތް ކުރާހިތުން މުރާލި ކުއްޖެކެވެ. އޭނާއަށް ތަޢުރީފު ހައްޤެވެ. އެކަމަކު މިވަނީ ކިހިނެއްބާ؟
އަހަރެމެންގެ މި ގްރޫޕްގަ ތިބޭ ފިރިހެންވެރިން މާ ފަރުވާކުޑަ ކުރަނީއެވެ. ތަންފުކެއް ބަލައިގެން އުޅެންޖެހިއްޖެ ކަންނޭނގޭ. އޭނާ ހިތަށް ބައިވަރު އެއްޗެހި އެރިއެވެ. ފޯނުގައި މިތުރުން މެސެޖުތަކުން ފުރިފައެވެ.
ސިއްރު ވައިބަރ ގްރޫޕުގައި އެކަކު އަނެކާއަށް ގޮތްނޭނގޭ ތުހުމަތުތައް އަޅުވައި ޒުވާބު ކުރުމަށް ވުރެ އަމިއްލައަށް ނަފްސު ކޮންޓްރޯލް ކޮށްލުން އަޅެ ބުއްދިވެރިއެއް ނޫންހެއްޔެވެ؟ ބޮލަށް ތުރާވެފައި ވީ ފޫސަކުން ޗޮކެއްކަނޑާލިއެވެ. ފޯނުރިންގް ވާން ފެށިއެވެ.
ރަފާން:" އާނ. ކީކޭ؟
ހުސެން:" ރަފާން. މިހާރު މާ ކަންތައް ގޯހުން އެދަނީ. އަހަރެންނަށް ފެންނަނީ އެ ނައިސްވާ" ޝޮޓްތައް ނެގުން މަދުކުރަން. މާދަމާ ނޭނގޭ ކާކުކަމެއް ފަސްގަނޑު ދަށުގަ ވަޅުލެވޭނީ.
ރަފާން:" އަހަރެން ކިހާވަރަކަށް ބުނެފިން ތިވާހަކަ. ރަނގަޅަށް އެއްޗެއް ބުނާމީހާ ވިއްޔާ މި ގޯސްވަނީ. މަށަށް ހީވަނީ އަހަރެމެން ރައްޓެހިކަން ނިމުމަކަށް އަތުވެދާނެހެން މިހާ ފަރުވާކުޑަކޮށް ކަންތައް ވަންޏާ. ކަމެއްވީމަ ދޯ "އޯވާރ ނުވާށޭ" އަބަދު މި ކިޔަނީ؟ އޭނާ ފޫހިން ޗޮކެއް ކަނޑާލިއެވެ.
ހުސެން:" އާނ. ރަނގަޅު ވާހަކައެއް. އަހަރެން މި އުޅެނީ އޮފީހުގަ. ފަހުން މިކޮޅަށް ޖައްސާލާ އެނގޭ. ފޯނު މެދުކެނޑުނެވެ. ރަފާން ގެއަށް ގޮސް ވެފައިހުރި ކަންތައްގަނޑާވެގެން ސިކުނޑި ޤަރާރުވާން ފެށިއެވެ. މާޒީވެސް އޭނާ ބޮލަށް މަންޒަރު ސިފަވާތީ އޭނާގެ ނަފްސަށް ތުރާވަނީއެވެ. މިހާ ބިޒީކޮށް އުޅެމުންވެސް މިހާރަކަށް އައިސް ޖިދޫގެ ހަނދާންވީމައި އޭނާއަށް ވަރަށް ހިތަށް ހިތްހަމަ ޖެހުން ލިބޭއެވެ.
ފަރުވާތެރިކަމާއެކީ ތަހުޤީޤު ކުރިއަށް ގެންދިޔަ ޖިދޫ ލޮލުގައި އަޅައިގެން އެ އަޅިކެނޑީގައި އޮތް ސިނގެރޭޓް ބަޑެކެވެ. އޭގައި ތަތް ލޮނދިކޮށްހުރި އެއްޗެއް އުނގުޅިފައި ހުރުމުން އޭނާ މި އެއްޗެއް ޕެކެޓަށްލައި ގެންދިޔައީ އޮފީސް ލެބަށެވެ. ރަނގަޅެވެ. އޭގައި ކޮންމެވެސް ޒަހަރެއް ހުރި މަސްތުވާ އެއްޗެއް ދުންފަތުގައި ގިނައަދަދަކަށް ހުރިކަން ޓެސްޓުތަކުގައި ދެއްކިއެވެ.
އޭނާ މި ރިޕޯޓުވެސް ރަފާން ފޯނަށް ފޮނުވާލިއެވެ. އެނދުގައި ބަންޑުން އޮތް އޭނާ ބޯއަޅައިގެން އޮތް ބާލީސް އަރިމަތީ އޮތް ފޯނަށް ޖިދޫ ފޮނުވި މެސެޖުގައިވެސް ހެކިދެނީ ސުނީލު ބެލުމެއްނެތި ކުރި ފަރުވާކުޑަކުރިކަން ޢަމަލުގެ ނަތީޖާގެ ހެއްކެވެ. އޭނާ ކޮންޕިޔުޓަރ ދޮށުގައި އިންދައި މީހެއްގެ ހިލަމެވެގެން ސިހިގެން މޭގައި އަތްއަޅާލެވުނެވެ.
އޭނާ އިނީ ކޮފީއެއް ހިފައިގެން ވަރަށް ކޮންޕިޔުޓަރާ ދިމާއަށް ގެއްލިފައެވެ. މިފަހުން ހިނގާދިޔަ އެކި ގޮތްނޭނގޭ ހާދިސާތަކުގައި ތަހުޤީޤުކުރެވުނު ކަންތަކެވެ. އެވެނި މިވެނި މަރުތައް މިއީ އާދައިގެ ކަމެއް ނޫނެވެ. ބަޔަކަށް ނޭނގުނަސް މީހުން މަރާ އަންހެނަކު މާލެ ތެރޭގައި އުޅެއެވެ. މި ސީރިއަލްކިލާރ އެއް އެކަމެއް އެކުރަނީ ކޮންމެވެސް ކަމަކަށް އޭނާ ހިފާ ބަދަލަކަށް ނޫނީ ނުވާނެއެވެ.
އެހެނަސް ޝައްކު ކުރެވޭމީހަކު އެބަހުރިބާ؟ ނޫނީ ރަފާން ދަން ބަޔަކު މަރުވަނީ މިއީ ހަމަ އިއްތިފާޤުން ކަންމެދުވެރި ވަނީހެއްޔެވެ. ޖިދޫ އިނީ އެކި ދުވަސްވަރުގެ މިފަދަ ޖަރީމާތަކާ ބެހޭ މަޢުލޫމާތުތައް ފައިލްކޮށް އޭނާއަށް ވީމޮޅަށް އިންވެސްޓިގޭޓް ކުރުމުގައެވެ. ކޮންމެ ކަމެއްގެ ހެކި ނުލިބޭހާ ހިނދަކު އެވެނި މިވެނި މީހެކޭ ބުނާކަށް ނޭނގޭނެއެވެ.
ހުސެން ކޮފީކަޕެއް ބޮމުން ހުރިހާ ސެކްޝަންތަކަށް ވަދެ ބަލާފާސްކުރަމުން އައިސް އޭނާ ލޮލުގައި އަޅައިގަތީ މިއޮފީހުގައި އެންމެ މުރާލިކޮށް މަސައްކަތްކުރާ ޑިޓެކްޓިވް ޖިދޫއަށެވެ. އޭނާގެ ހަލުވި މުރާލި މަސައްކަތް ކުރާ ގޮތާއިމެދު ބަލަހައްޓައިގެން ހުސެން ހުރީ ހައިރާންވެފައެވެ. އިނގިލިތައް އަވަސް ހަރަކާތްތަކާއި އެކު ޓައިޕުކުރަމުން ދިޔައޭނާއަށް ތަޢުރީފުގެ ބަހެއް ބުނެނުލާ ނުހުރެވޭނެއެވެ. ހުސެން ކުޑަކޮށް ކޮށިއަރާގޮތައް ކެއްސާލީ ޖިދޫއަށް އޭނާ ހުރިހަކަން އަންގައިލާށެވެ. ކުއަލިއަކަށް އޭނާ ސިހިގެން ޓައިޕުކުރުން ހުއްޓާލިއެވެ.
ޖިދޫ:" ހުސެން ސާރ. އަޅުގަނޑު ނުދެނަހުރިން މީހަކު ފަހަތުގަ ހުރިކަމަށް. ހިނިތުންވިއެވެ.
ހުސެން:" އެހެންތަ؟ މާފުކުރޭ ހަހަހަ. އޭނާ މަޖާގޮތަކަށް ބުނެލިއެވެ. ރިޕޯރޓް ރަފާނަށް ފޮނުވާފިންތަ؟
ޖިދޫ:" ލައްބަ. ހުސެން:" ހޫމް އެންމެ ރަނގަޅު. ޖިދޫ ޑިޔުޓީ ނިމުނީ މަވެސް އޮފީހުގަތަ؟
ޖިދޫ:" ލައްބަ. ކުރަން ފަށާފަ ހުންނަ މަސައްކަތް ނުނިންމާ ގެއަށް ދާހިތް ނުވަނީ ހަމަ. ހުސެން:" ދެން މިރޭ ގެއަށް ގޮސްލާ. އޭނާ ހިނިތުންވެފައި ކޮފީކަޕުން ބޯލައި މޭޒުގައި ބައްޓާފައި ޖިދޫ ކުރާ މަސައްކަތައް ތަޢުރީފުކުރިއެވެ.
ޖިދޫ:" ޝުކުރިއްޔާ. އަޅުގަނޑުގެ ބޭނުމަކީ ރަނގަޅަށް ހުރިހާ ކަމެއްވެސް ކުިރއަށް ގެންދިޔުން.
ހުސެން:" ހޫމް. އެކަމަކު ރެސްޓުވެސް ކުރަންވާނެތާ؟ އޭނާ ހިނިތުންވިއެވެ. އެކަމަކު އަންހެނަކު އޭނާގެ އަވާގައި ޖައްސާކަހަލަ ގޮތަކަށެވެ. އެކަން ޖިދޫއަށް ފާހަގަވިމެ އެކަމަކު އޭނާ އެކަން ބޮޑުކަމަކަށް ނުވިއެވެ.
ޖިދޫ:" އެންމެ ރަނގަޅު، ފަހުން ރެސްޓުކޮށްލާފަ އަންނާނީ. އޭނާ ދާން ތެދިވުމުން ހުސެން އޭނާ އިންގޮޑީގައި އިށީނެވެ. ހުސެން ހިތުގައި ވެސް ކޮންމެވެސް ކަންބޮޑުވުމެއް ވިއެވެ. އެ ގޮތްނޭނގޭ މަރުތަކު ފަހަތުގައި މީހެއްގެ އަތެއް ވޭބާ؟ ފޯނުނަގައި މީޑިއާގައި ދައުރުވާ ހަބަރުތައް ކިޔަން ހުސެންއިނެވެ.
އޮފީހުން ނިކުމެގެން ދިޔަ އޭނާ ސައިކު ތަޅުދަނޑި ސްޓާރޓްކުރަން އުޅެފައި އެހަނދާންވީ ފޯނުނެތް ކަމެވެ. އަލުން އޭނާ އޮފީހަށް ވައިންއިރު ހުސެން އިނީ ފޯނަށް ގެއްލިފައެވެ.
ހުސެން:" އަދިވެސް ނުދަންތަ؟
ޖިދޫ:" ފޯނު ބާއްވާފަ ދެވުނީ. ހިނިތުންވިއެވެ. ހުސެން ބަހައްޓާފައި ހުރި ކޮފީ ކަޕު އެއްފަރާތުގައި އޮތް އޭނާގެ ފޯނުނަގައި ވައްކަޅިން ހުސެން ކުރާކަމެއް ބަލާލެވުނެވެ.
އޭނާ ކޮންމެވެސް މެސެޖުތަކެއް ރަފާނަށް ކުރަނީކަން އެނގުނެވެ. އޭނާއާ ނުބެހޭކަމެއް އޮޅުން ފިލުވާން ބޭނުން ނުވާތީވެ އަވަހަށް ދާން ނިކުތެވެ. ކުޑަކޮށް ވައިގަދައެވެ. ޖިދޫ ބޮލުގައި ހެލްމެޓް އަޅައި ހުޅުމާލެއަށް ދާން ދިޔައެވެ. މިރޭ އޭނާ ބޭނުން ވަނީ ހުޅުމާލެ ގޮސްލައި ސީފުޑްގެ ރެސްޓޯރެންޓުން ރޭގަނޑުކެއުން ކާށެވެ. ޖިދޫ ގެއަށް ދިޔަތާ އިރުކޮޅެއްފަހެވެ.
ހުސެން ކޮފީބޮއެ ނިންމައި ގެއަށް ދާން ސައިކަށް އަރައި ސްޓާރޓްކޮށްލިއެވެ. އޭނާގެ ސިކުނޑީގައިވެސް މިފަހުން ހިނގާދިޔަ ކަންތައްގަނޑު އުނދަގުކުރޭއެވެ. ކަށީގައި ހިފާފައި ހުންނަ އާދއަކަށް ވީމައި ސައިކަލު ދުއްވުން ބާރު ސްޕީޑުގައި އޭނާ ދަތުރުކުރިއެވެ. ބޮލަށް އެނބުރުންވާ ކަހަލަގޮތެއްވީ އެވީ ދުރުހަނދާނަކުންނެވެ. އޭނާއަށް ވެސް މާޒީގައި ދިމާވެފައިވާ ކަމެއް ހިތަށް އަރާފައި ހިތް ނުތަނަވަސްވީއެވެ.
ސައިކުގިޔަރަށް ފިތާލައި ރޭސްކޮށްލުމުން ދުވެލިބާރުވިއެވެ. އެވީ ކިހިނެއްބާ؟ ސްޕީޑް ކޮންޓްރޯލް ނުވެގެން ބުރެކިޖައްސަން އުޅުމުގައި އޭނާ އަރިއަކަށް ކައްސާލައިގެން އެދިޔަބާރުގައި އޭނާ ކުރިމައްޗަށް ގަދައައްޔާއެކު މުދާބަރުކޮށްގެން އައި ބޮޑު ލޮރީގައި ޖެހި ނުރައްކާތެރ އެކްސިޑެންޓެއްވިއެވެ. ގަދަ ދިނީގައި އޮތް ރަފާން ފޯނު ސައިލެންޓް މޯޑުގައި އޮތުމުން ވީނުވީއެއް އެނގުންވާނީ ކިހިނެއް؟
ފަތިހު ހޭލެވުނީ ކަރުހިއްކައިގެނެވެ. އަބަދުވެސް ވާގޮތައް ފޯނަށް ނަޒަރުހިންގާލެވުނެވެ. އަސްތާ އަނެއްކާ މިޔޯ؟ ތެޅިގެން އެ ދިޔައީ ހަސްފަތާލަށެވެ. ރޭދަންވަރު ވަގުތެއްގައި ހުސެން އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް ގެންދުވުނުތާ ގިނައިރެއް ނުވެ އޭނާ ސިކުނޑިއަށް ލޭ އެޅިގެން ފަރުވާ ކުރަމުން ދަނިކޮށް ނިޔާވީއެވެ. ހިތަށް ކެތްކުރަން އުނދަގުވިއަސް އޭނާގެ މިތުރުން ފަހަރަކު މީހަކު މި ނިމިދަނީއެވެ. ހާސްކަން ބޮޑުވެ އޭނާއަށް އެކަނިވެރިކަން އިތުރުވިއެވެ.
ބައެއްފަހަރު އޭނާއަށް މާޒީގައި ކަމެއް ކުރެވިފައި އޮތުމުން އޭގެ ބަދަލު ލިބެނީބާ؟
މި ހިތާމަވެރި ކަމުގައި އޭނާ ބޭނުން ވީ މަސައްކަތާ ދުރުހެލިވެ އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހޭދަކުރާށެވެ. އެމީހުން ތެރޭގައި ހިވާގިކޮށް އުޅުނު ސްޓާފަކު ކުއްލިގޮތަކަށް ނިޔާވުމުން އެންމެނަށްވެސް އެހިތާމަގައި ބައިވެރިވެ ހުސެންގެ ޢާއިލާއަށް ތަޢުޒިޔާކިޔެވެ. ހަފްތާއެއް ފާއިތުވިއެވެ. ރަފާން ޗުއްޓީއެއް ނެގީ އޭނާ ބަރުވެފައިވާ ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ.
މެނދުރުފަހު ވަގުތެކެވެ. ބައެއް ވިޔަފާރިކޮށްލައި ގެއަށް ވަދެފައި ޖިދޫއަށް މެސެޖުކޮށްލީ އޭނާ ކުރި ސުވާލުގެ ޖަވާބު ލިބޭނެ ކަމުގެ އިންތިޒާރު ހަނދާންކޮށްދިމުގެ ގޮތުންނެވެ. އޭނާ މާލޭގައި ދިރިއުޅުނަސް އޭނާ ހުޅުމާލެ ފޭސްދޭކުން އެޕާރޓްމެންޓެއް ކުއްޔަށް ނެގީ އޭނާ ބޭނުންވާ ގޮތައް ޖިދޫއާ ކައިވެނި ކުރެވުނީމައި ވަކިން އެކަހެރި މާހަޢުލެއްގައި އުޅެން ހިތުލައިގެނެވެ. އޭނާ ކުއްޔަށް ނެގި އެޕާރޓްމެންޓް ޑަބަލް ތަޅުދަނޑި ޖިދޫއަށް ހަވާލުކުރީ ވެސް އޭނާ ބުނި ބަހުގެ އިތުބާރު ޖިދޫއަށް އަންގާށެވެ. ރަނގަޅެވެ. ޖިދޫވެސް ބޭނުންވަނީ ރަފާނާ ގުޅިގެން އުޅޭށެވެ.
އެހެނަސް ވަޒީފާގައި އެހައި ބުރަކޮށް އުޅެމުން އޭނާއަށް ވަގުތު ދިނުމަށް އެދުމުން ރަފާނަށް ޖެހުނީ އިންތިޒާރު ގަޑިގުނާށެވެ. އެގޮތްވެސް އޭނާއަށް އެންމެ ރަނގަޅެވެ. ޖިދޫ ބޭނުންވީމައި ކައިވެނި ލަސްނުކޮށް ކުރަންވީއެވެ. އޭނާގެ ވަކި އެވެނި މިވެނި ޝަރުތެއް ނެތްމެ،
އެހެނަސް އޭނާއަކީ މާބޮޑު ޢާއިލާއެއް ނެތް އެކަނިވެރި އަންހެނެކެވެ. އެކަން ރަފާނަށް މައްސަލައަކަށް ނުވަންޏާ ޖިދޫ ފަރާތުން ބޭނުންވި ޖަވާބުދިނީ ކައިވެންޏަށް އާނ ބަސްބުނެފައެވެ. ވީއުފަލުން ކައިވެންޏަށް ތައްޔާރީތައް ވާން ރަފާން ގަސްތުކުރިއެވެ. ޖިދޫ ބޭނުންވި ގޮތަށް އެ ނަލަ ވެޑިންގް ޑްރެސް ތައްޔާރުކޮށް މެނިކުއިން ބުދަށް ހެދުން އަޅުވާފައި ޖިދޫ ގޭގައި ބަހައްޓާފައި ހުއްޓެވެ. އެހެނަސް އޮފީހުގައި އެއްވެސް މީހެއް ގާތުގައި އެވާހަކަ ނުދެއްކުމަށް ޖިދޫ ބޭނުންވިއެވެ. ބައެއްގެ ގޮތް ނޭނގޭތީ އެހެން މީހުންގެ ހިތު ހަސަދައިން މިންޖުވެ ހަނު ތިބުން ބުއްދިވެރިވީމައެވެ.
=ނުނިމޭ=
