އަދި އެކުދީންނަށް ގުޅާގެން އަހާބަލަ އެރޭ އެމީހުނާ އެކީ ކަޅުލެދަރު ހެދުމުގަ ހުރީ ކޮން އަންހެނެއްތޯ؟
ރަފާން ހިތަށް އެރިއެވެ. “މިހުރިހާ ދުވަހު އޭނާ ހިތަށް ޝައްކުވެފައިވާ ކަމެކެވެ. ޔަޤީނެވެ. ކޮންމެވެސް މީހަކު ކަމެއްގެ ހަސަދަފިލުވާލަނީއެވެ. އެކަމަކު ކާކު ކޮންކަމަކުބާ؟ އެންމެ ބޮޑުކަމަކަށްވެސް…. އެކަމަކު އެއީ ވެގެން ވާނެގޮތެއްނޫން. އެއީ މާކުރީގަ ވެނިނިފައިވާ ކަމެއް.”
ހަލޯ ބުނިއަޑަށް ޚިޔާލަކަށް ގެއްލިފައި ހުރެ އޭނާއަށް ތެޅިގަނެވުނެވެ.
ރަފާން:” އާނ. ބުނަން މުހިންމު ވާހަކައެއް، ތި މަޢުލޫމާތު އެހެން މީހެއް ގާތު ނުބުނާތި. އަހަރެން ތިކަމުގެ ތެރެއަށް މި ފިނާގަންނަނީ.
އާދިލް:” އަހަރެންނަށް ޔަޤީން ސީރިއަލް ކިލާއެއް އެބައުޅޭ. ރަފާން ނިކަން ވިސްނާލަބަލަ. އަހަރެމެން ގްރޫޕް އެންމެން ފަހަރަކު މީހަކު އެ ނިމިހުސްވީއެއްނު. އެރޭ އެއަންހެންމީހާ އެކީ ނައުފަލު ކޮންމެވެސް ތާކަށް ދިޔަކަން ޔަޤީން. އެރޭނޫން އަނެއްދުވަހު ނައުފަލްގެ ފުރާނަ ނެތް ހަށިގަނޑު ގޮނޑުދޮށަށް ލައްގާފަ އޮށްވާ ފެނުނީ. ކޮންމެވެސް ކަމެއް އެބަވޭ.
ރަފާން:” އާނ. ކަމެއް ގޯހުންވެއްޖެ. ވާހަކަތަކަށް ފަހު ފޯނުމެދުކެނޑުނެވެ.
ޖެހިގެން އައި ރޭގެ ވަގުތެއްގައި މި ވާހަކައެއް ނޫސްތަކުގެ ފަލަ ސުރުހީތަކަށް އެރިއެވެ. ކޮންމެ ޗެނަލްއަކުން، އޮންލައިން މީޑިއާ ބްރޭކިންގ އަކުން، ޕޮޑްކާސްޓަކުން، ސޯޝަލްމީޑިއާގެ އިންފުލުއެންސް އޮންނަ ޕޭޖުތަކުންނާއި ލައިވް ތަކުން، މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ހުރިހާ ދިމާއަކުންވެސް އިވެނީ ގާތްގަނޑަަކަށް އެއްވާހަކައެކެވެ.
އެއީ ކާކުކަން ނޭނގޭ މީހާ ގަދަ ނިދީގައި އޮވެފައި ތެދުވެ އާފުރެލިއެވެ. ތެދުވެ މޯޅިއަކަށް ދެމިލައި އެނދުން ތެދުވެ ސިޓިންގް ރޫމް ސޯފާގައި އޮތް ޓީވީ ރިމޯޓުނަގައި އޮން ކޮށްލިއެވެ. އަޑު ބާރުކޮށް ޚަބަރު ގެނެސްދޭ އަޑުއިވެއެވެ.
އޭނާ ފާޚާނާއަށް ވަދެފައި ހޫނު އާވިކަން ހުރި ފެން ޝަވަރުން ބޮލަށް އޮއްސާލި ފެންތައް އޮހޮރިގެން ފޭބި ވަގުތު ލޯމަރައިގެން ހުރެ ހިނިތުންވިއެވެ. ފެންވަރައި ނިމިގެން ބޮލުގައި ތުވާލިއޮޅައިގެން އޭނާ ގޮސް ފުރިޖުން ރެޑްބުލެއް ނަގައި ދަޅުކަނޑާލައި ބޯލިއެވެ. އޭނާ އެއިނީ ސޯފާގައި ނިޔަފަތިތައް ޖަހައި އޭގައި ދަނބުކުލައިގެ ނެއިލްޕޮލިޝް ޖައްސާށެވެ. އަދި ތުންފަތުގައި ހުރީ ގަދަ ދަނބުކުލައެވެ. ރިމޯޓު ނަގައި ޓީވީގެ ވޮލިޔުމް ގަދަކޮށްލިއެވެ.
ފެންނަނީ ކުރީ ދުވަހުގެ ޚަބަރުގެ ރިޕީޓެވެ. މަރުވެގެން އުޅޭ މީހާގެ ޚަބަރެވެ. މީޑިޔާ ތޮއްޖެހިގެން ރަފާނާ ސުވާލުކުރާ މަންޒަރެވެ. މީހުން ހަޅޭއްލަވައި ވަކާލާތު ކޮށްއުޅޭ މަންޒަރެވެ. ޑިޓެކްޓިވް ޖިދޫ ވޯކީ ޓޯކީ ހިފައިގެން އަވަދިނެތި ތަހުޤީޤަށް ހޭބޯނާރައި އުޅޭ ތަނެވެ. މަންޒަރު ބަލަން އިން އޭނާގެ ތުންފަތައް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ލޮލަށް ލައްވާފައި ހުރި ދަނބުކުލައިގެ ލެންސު ދިއްލިފައި ހުރިކަހަލައެވެ. އޭނާ ބަލަން ހުރި ޚަބަރު މެދުކަނޑާލާފައި ކޮޓަރިއަށް ވަނެވެ. ނިދާ އެނދާ ޖެހިގެން ހުރި ފާރުގައި ހަރުކޮށްފައި ނިވާކޮށްފައި ނޭނގޭނެހެން ހުރި ޤުދްރަތީ މަންޒަރު ސިފަވާ ކުރެހުމެކެވެ. އޭނާ މި ކުރެހުން ފާރުން ނަގައި އަރިމަތީގައި ބަހައްޓާފައި ފުންނޭވާއެއްލިއެވެ.
މިތަސްވީރު ފަރުދާގައި ނިވަލުގައި ފާރުގައި ފޮރުވިފައި ހުރީ އެތައް ބައެއްގެ ތަސްވީރެވެ. މިތަނަށް މީހަކަށް ވަނަސް މިއެއް ނުފެންނާނެހެން އޭނާ ހުރީ އެ ރައްކާކޮށްފައިކަން ގައިމެވެ. އޭނާ ތޫނު ބެލުމަކުން އެއިން ކޮންމެ މީހެއްގެ ތަސްވީރަށް ފުން ނަޒަރުހިންގާލައި އެ ތުންފަތައް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ.
އަދާ ހަމައަށް ގޮތްނޭނގޭ ގޮތައް މަރާލެވުނު އެތައް މީހުންގެ ތަސްވީރެވެ. އެކަމުގެ ތަހުޤީޤުގައި ހަރަކާތް ތެރިވާން ސިފައިންނާ ޑިޓެކްޓިވުންނެވެ. ފާރުގައި ހުރި ތަސްވީރުތަކުން ރަފާން އަދި ޖިދޫ މިހެން ގޮސް ރަފާންގެ ހުރިހާ މިތުރުންނެވެ. ފަހަރަކު މީހަކަށް ޓާގެޓްކޮށް ރަތް ކުލައިން ރަސްގެ ފާހަގަކޮށް ބޮޅުއަޅައިފައެވެ. ފަހަރަކު މީހަކަށް އެއީ ކާކުކަން ނޭނގޭ މި އަންހެނެއްގެ ބިރުވެރި ތޫނު ވަކިތަކުގެ ޝިކާރާގައި ވިކްޓިމްސްތަކެވެ.
މި ގޮތްނޭނގޭ އަންހެނާގެ ސިއްރު ހިޔަނީގެ ފަހަތުގައިވާ މަކަރުވެރި އަނިޔާވެރިކޮށް ބަޔަކު ލޭ އޮހޮރުވައި ނެތިކޮށްލައި ނިންމާލަނީ ކީއްވެގެންބާ؟ މީނާއަކީ ކާކު؟ އޭނާ މިހެން ކަންކުރަނީ ކޮން ސަބަބަކާއި ހުރެހެއްޔެވެ؟ ސިއްރުވެރި ގޮތުގައި އެއްވެސް ބަޔަކަށް ނޭނގޭނެހެން އޭނާގެ އަމިއްލަ ސިއްރުން ޝިކާރަކޮށް އެ ފުރާނަތައް ނަގާލައި މީހުންގެ ޤާތިލު މި ސީރިއަލް ކިލާރ އޭނާގެ ވަގު ހިޔަނީގެ ފަހަތުގައި މިއިން ކޮންމެ ޖަރީމާއެއް ހިންގަނީ ކޮންމެވެސް ބުނެދޭން ނޭނގޭ ނަފްރަތަކާއި ރުޅިވެރިކަމެއް ވަޅުލެވިފައި އޮންނާތީކަން ގައިމެވެ. އޭނާ އެ ގެންދަނީ ފަހަރަކު މީހަކު މާޒީގައި ވެފައި އޮތް ކަމަކުން ބަދަލުހިފައި އެކަމާ ގުޅުން ހުރި މީހުން ފަސްގަނޑުދަށުގައި ވަޅުލަމުން އެ ހިތި މާޒީވެސް އެބަޔަކާއި އެއްކޮށް އަބަދުގެ އަބަދަށް ހެއްކާއި އެކޮށް ނައްތާލަމުންނެވެ. އެތައް ބައިވަރު ސުވާލުން ފުރިފައިވާ ހަޤީޤަތް ނޭނގޭ ކަންތަކެވެ.
ރަފާނަށް ސިކުނޑިން މެދުނުކެނޑި މަންޒަރު ސިފަވަނީއެވެ. އޭނާ މަރުވެފައި އޮތް މީހާގެ ހަށިގަނޑު އެތަނަށް ސިފައިން އެއްވެ ޖަމާވެ ހަރަކާތްތެރިވާތަނެވެ. ޑިޓެކްޓިވްއެހެން ނޫނީ ނުވާފަދަ ހާސްކަމެއްގައި ރަފާން އުޅުނީ އެކި ފައިލްތައް ޗެއްކުރުމުގައި އަވަދިނެތިއެވެ. ކަބަޑުތައް ހާވައި އެކި ޒަމާންތަކުގައި ހުރި ލިޔެކިޔެމުގެ ކުޑަ ކަރުދާސްކޮޅެއް އޮތަސް ޗެކްކުރަނީއެވެ.
އޭނާ އޮފީހަށް ވަދެފައި ކޮފީކަޕެއް ހިފައިގެން ރަފާން ގާތައް ދިޔައެވެ. އަސްތާ މިތަނަށް މިހުރީ ކިހިނެއްވެފަ؟ ސާރ؟ ކިހިނެއްތޯ ވީ؟ އެތަން މިތަނަށް ކަރުދާސްގަނޑުތައް އުކައި ތަން ގޮޑުކޮށްފައި ބޯހަލާކުވާވަރުވެއެވެ.
ރަފާން:” ޖިދޫ ޕްލީސް ދެން އަބަދު ސާރ ނުކިޔަބަލަ. އަހަރެންމީ އެހާ ދުރުމީހެއްތަ؟
ޖިދޫ:” ސޮރީ. އެކަމަކު އޮފީހުގަ ނުކެރޭނެ ރަފާން އޭ ކިޔާފަ ނަމުން ގޮވާކަށް، އޭރުން ދެން ތިބިމީހުން ކީކޭތަ ހިތަށް އަރާނީ؟
ރަފާން: އެހެންވީމައޭ މިބުނީ އަހަރެންނާ އަވަހަށް ކައިވެނި ކުރާށޭ. އޭނާއަށް މިހެން ބުނެވުނީ ވަރަށް ސީރިއަސް މޫޑެއްގައިއެވެ. ލަދުން ޖިދޫ މޫނު ރަތްވިއެވެ.
ޖިދޫ:” ހޫމް ތިއެއް ނޫން. މީ އަޅެ ކޮންކަމެއްތަ؟ މިތަނަށް ހީވަނީ ނަގޫރޯޅިއެއް އަރާފަ އަވަދިކޮށްލާފަ ހުރިހެން.
ރަފާން އަވަހަށް އޭނާ އަތުގައި ހިފައި އޮފީސް ދޮރުލައްޕާ ތަޅުލިއެވެ. ޖިދޫއަށް ވެސް ގޮތަކަށް ހާސްވިއެވެ.
ރަފާން:” ޝޫހް. ވާހަކައެއް ބުނަންތަ؟ އޭނާ ރަފާންގެ ވާހަކައަށް ކަނުލާ އަޑުއަހަން ހުއްޓެވެ.
އާދިލަށް އެފެނުނު އަންހެނެއްގެ ވާހަކަ ކިޔާދީފައި މާލޭގައި މީހުން މަރާ އަންހެނަކު އުޅޭކަމަށް ޝައްކު ކުރެވޭކަމަށް ބުންޏެވެ.
ޖިދޫ:” ނޫވާނެ؟ ތީ ހަމަ ތެދެއްތަ؟ އެކަމަކު ޒަޚަމްތަކުގަ ދުނިޔެ ދޫކުރި އެއްވެސް މީހެއް ކިބައިން ޝައްކުވާ ފަދަ އެހެން މީހެއްގެ އެއްވެސް ފިންގަރ ޕްރިންޓް ފެނިފައެއް ނެތް. ޖިދޫ ޔަޤީންކަމާ އެކު ބުންޏެވެ.
ޖިދޫ:” އެކަމަކު އެއިން ކޮންމެ މީހެއްގެ ލޭ ޓެސްޓު ނަތީޖާއިން މަސްތުވާ ކޮންމެވެސް ވިހަ ބާވަތެއް ހުރިކަން އެނގުނު.
ޖިދޫ އަތުގައި ހުރި ކޮފީ ކަޕް މެޒުގައި ބަހައްޓާފައި ބިންމައްޗަށް އުކާފައި ހުރި ކަރުދާސްތައް ހާވަން އުޑުފައިން އިށީނެވެ.
.ރަފާން:” ތި ހާވާނެކަމެއް ނެތޭ. އަހަރެން މިބުނީނު ގޯހެއްވެއްޖެއޭ. ވަލީދު މަރުވި ރޭ ގެނައި އަންހެން ކުދިންގެ ނަންލިސްޓް ކޮބާ؟ އޭނާ އެއްޗެއް ހަނދާންވެގެން އަހާލިއެވެ.
ވަގުތު ބޭކާރުނުކޮށް އޭނާ އަވަހަށް ކޮންޕިޔުޓަރ ދޮށުގައި އިށީނެވެ. އެތައް ސަތޭކަ ފައިލްތަކުން އެބުނާ ލިސްޓެއް ޗެއްކުރިއެވެ. އެރޭ އެތަނަށް ދިހައެއް ނުވަތަ ފަނަރަ ވަރަކަށް އަންހެންކުދީން ގެނައެވެ. އެތަނުން އެބުނާ ގޮތައް ހެދުން އަޅައިގެން ހުރި އަންހެން ކުއްޖަކު ތަހުޤީޤީގައް ގެނައިނަމަ އެނގޭނެއެވެ. ނަގާފައި ހުރި ތަސްވީރުތަކުން އެބުނާ ޒާތައް ހެދުން އެޅި އެއްވެސް އަންހެނަކު ފެންނާކަށް ނެތެވެ.
ރަފާން:” ހޫމް. އެހެންވީމަ މިކަމަށް ވަރަށް ސީރިއަސް ވާންވީ އެނގޭ. އެހެންވީމަ މި ސީރިއަލް ކިލާރ އެއް ހޯދަން ހަންޓުކުރަންވީ އެނގޭ.
އެކި ހާދިސާތަކުގައި މަރުވެފައިވާ މީހުންގެ ފައިލްތައް ބަލަން އިނދެފައި “ސީރިއަލް ކިލާރއެކޭ؟ ޖިދޫއަށް ވެސް ހިތްބިރުން ގޮތަކަށް ތެޅިގެންފިއެވެ. މި މިޝަންގައި ވަރަށް ވިސްނައިގެން ނޫޅެ މިކަމެއް ކާމިޔާބެއް ނުވާނެއެވެ. އާދިލަށް އެވަނީ އެބުނާ މީހުން މަރާ އަންހެނަކު ސަސްޕެކްޓް ކުރެވިފައެވެ.
ޖިދޫ:” އެހެންވީމަ ދެން ޓާގެޓަކީ ކާކު؟ އޭނާ ކަންބޮޑުވެފައި ރަފާނަށް ބަލާލިއެވެ.
ރަފާން:” ތިއެއް ނޭނގޭ. ބައެއް ސްޓާފުންނާ ބައްދަލުވުމެއް ބާއްވައި ހުޅުމާލެ އާއި މާލެ އެންމެ މީހުން ގިނައިން ކޮފީތަކަށް އަރާ ސަރައްދުތަކަށް މީހުން ފޮނުވައިގެން އިންވެސްޓިގޭޓް ކުރިއަށް ގެންދާނީ.
ޖިދޫ:” ރަފާނަށް ޔަޤީންތަ މި ސީ.އައި.ޑީ ކުރިއަށް ގެންދެވިދާނެ ހެން؟ އޭނާއަށް ވެސް ހާސްކަން އިތުރުވިއެވެ.
ރަފާން:” ޖިދޫ ކަންބޮޑުނުވޭ. ހާދަ ބިރުން ތިއިނީ؟ އޭނާ ޖިދޫ ބޮލުގައި ފިރުމާލިއެވެ.
ޖިދޫ:” އާނ. ކަންބޮޑުވާނެ ދޯ. ނޭނގެ ވިއްޔާ ދެން ކާކުކަމެއް ނެކްސްޓް ޓާގެޓަކީ. އަހަރެންނަކީ ވެސް އެކަނި ދިރިއުޅޭ އަންހެނެއްވީމަ ހަމަލާއެއް އަންނާނީ ކޮން ވަގުތަކު ކަމެއް ނުއެނގޭ. އޭނާ ވަރަށް ދެރަވެފައި އިންކަން ރަފާނަށް އެނގުނެވެ.
އޭނާ ޖިދޫގެ މޫނާ ގާތްވެލާފައި “ހިނގާ އަވަހަށް މެރީ ކުރަން؟ އޭރުން އަހަރެންގެ ހިމާޔަތުގަ އަނބި ކަމަނާ އަބަދުވެސް ބައިންދާނަން ހިނިތުންވިއެވެ.
ޖިދޫ:” ވަރަށް އުފާވިއެވެ. އޭނާ ކަހަލަ ނިކަމެތި އަންހެނަކާ ގުޅެން ހެޔޮވިސްނޭ މީހަކު އަދު ހުރުމުންނެވެ.
ޖިދޫ:” އާނ. ރަނގަޅު ވާހަކައެއް. ލަސްނުކޮށް މެރީ ކުރަންވީ. އޮފީހުން މީހުންނަށް ވެސް އަންގަން ވާނީ ހުރިހާ ކަމެއް ހަމަ ޖައްސާފަ އެނގޭ؟
ރަފާން:” އާނ. އެކަމަކު އަހަރެން ޢާއިލާ މީހުނަށް ޖިދޫ ދައްކާނީ ކައިވެނި ކުރާ ދުވަހު އެއްކަހަލަ ރީތި ވެޑިންގް ޑްރެސްލައިގެން ހުއްޓާ، އެގޮތް ކިހިނެއްވާނީ؟
ޖިދޫ:” އެންމެ ރަނގަޅު. ވަރަށް ލަދުރަކިވެ ހިނިތުންވިއެވެ.
ކުރިއަށް ގެންދެވުނު އިންވެސްޓިގޭޝަނަށް މާލެއާ ވިލިމާލެ އަދި ހުޅުމާލޭ ފޭސް އެކެއް، ދޭއް ސަރަހައްދުތަކަށް އެބުނާ ގޮތްނޭނގޭ އަންހެނަކު ހޯދަން ކުލަ ހެދުންތަކުގައި އާންމުންގެ މީހުންފަދައިން ސިފައިންގެ ދެ ޖިންސުގެ މީހުން ސިއްރުވެރި އޮޕެރޭޝަންތަކުގައި ހަރަކާތްތެރިވެގެން އުޅުނެވެ.
އާދިލް ދިން ބަޔާނާ މަޢުލޫމާތު މައްޗަށް ކުރަހާފަފައި ހުރި ތަސްވީރުގައިވާ އަންހެނާގެ ސޫރަސިފަވާ ކޮޕީތައް ސިފައިންގެ ޚާއްސަ އޮފީސް ބޯރޑުގައި ހަރުކޮށްފައި ހުއްޓެވެ. މި އިންވެސްޓިގޭޓް ކުރިއަށް ގެންދެވެނީ ވަރަށް ސިއްރުންނެވެ. އެއްވެސް މަޢުލޫމާތެއް ލީކުނުވާނެ ފަދައިން ސިއްރިޔާތުގައިއެވެ.
ހަފްތާއެއް ފާއިތުވިއެވެ. ކެފޭ ނުވަތަ ރެސްޓޯރެންޓެ ތެރޭގައި ކަޅު ލެދަރުހެދުމެއްގައި މީހަކު ފާހަގަ ކުރެވުނަސް އެމީހަކާ ބެހޭ މަޢުލޫމާތާ ވަނަވަރު ހޯދައި އޮޅުން ފިލުވުމުގައި އެންމެ އިސްކޮށް ހަރާކާތް ތެރިވަނީ ޑިޑެކްޓިވް ޖިދޫއެވެ.
ދެހަފްތާއެއް ފާއިތުވިއެވެ. އެބުނާ އަންހެނެއްގެ ހިލަމައެއް ނުވިއެވެ. އަބަދު ކަމަކާ ފިކުރުބޮޑުވެފައި ހުންނަ ރަފާނަށް ހިތް ނުތަނަވަސްވީ އާދިލް އެބުނާ ވާހަކައާ އެކިޔާ އަންހެނަކީ ހަޤީޤަތެއްކަމަށް ޝައްކުވެގެނެވެ. އާދިލަކީ ވެސް މަސްތުވާ އެއްޗެހި ބޭނުން ކުރާމީހެއްކަމުން އޭނާ އަމިއްލައަށް ސީންއެއް ކްރިއޭޓް ކުރަން ތާކުން ނުޖެހޭ ވާހަކައައެއް ހަދައިގެން ދައްކަނީ ނޫންބާ؟
=ނުނިމޭ=
