“ހޫނ…ކޮންކަމަކުއޭ ތިއައީ؟” އަހަންމައިދީގެ އަޑުގައި ބަރުގޮތެއް ހުއްޓެވެ.
“ކަމަކު….ވަރަށް ބޮޑުކަމަކު…އަހަރެންގެ މިއެދުން އަހަންމައިދީ ފުރިހަމަ ކޮށްދޭނެ ކަމަށް އުންމީދުކުރަން،” ނަވީން ވާހަކަދެއްކީ ޖެހިލުންވެ ހުރެއެވެ.
ބޮޑުކަމެއް ޖެހިގެން ނޫނީ އެ ގޭގެ އޮޅި މިރަށުގެ މީހަކު ގިރާ ނުކުރާނެ ކަން އަހަންމައިދީ ވެސް ދަނެއެވެ. އެ ރަށުގެ މީހުންނާއި އަހަންމައިދީގެ ގުޅުން ގޯސްވީމައެވެ. އަބަދު ކަހަލަ ގޮތަކަށް ރަށުމީހުން ތިބެނީ އަހަންމައިދީ ފެނުނަސް ފާޑަކަށް ތުން ފިއްތައިގެންނެވެ. އޭނާއާއި ހެޔޮހިތުން ވާހަކަ ދައްކާލާނެ މީހަކު ރަށުގައި ނޫޅެއެވެ. އޭނާގެ އަންހެނުން ނިޔާވި ފަހުންނެވެ. ވާނީވެސް އެހެންނެވެ. ރަށުގައި ސިހުރު ފަޑިއްތަ ވެރިކަމަށް އޭނާގެ ނަން ވަނީ މަޝްހޫރުވެފައެވެ. އޭނާ އެކަން ކުރޭވެސް މެއެވެ. މިފަހަރު މިއައީ ޒުވާން ސޮރެކެވެ. މި ސޮރަށް އޭނާގެ ގޮތް އެނގުނީ ކިހިނަކުން ބާވައޭ އަހަންމައިދީ ހިތައް އެރިއެވެ. ހަގީގަތުގައި އަހަންމައިދީ ވީ އުފަލެވެ. ކުރިން މޫނު މައްޗަށް އަރާފައިވާ ހިތްހަމަ ނުޖެހުމުގެ އަސަރު ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ.
“އަދިވެސް ތިޔައައިކަމެއް ނުބުނެވުނެއްނު…އަހަންނަށް މާގިނަ ވަގުތެއް ހޭދައެއް ނުކުރެވޭނެ…އަހަވަސްކޮށްލާ،” އަހަންމައިދީ އެދުނެވެ.
ނަވީން ވިސްނާލިއެވެ. ކުރެވެން މިއުޅެނީ ބޮޑު ކަމެކެވެ. ދުވަހަކު ކުރަން ހިތައް އެރި ޒާތުގެ ކަމެެއް ވެސް ނޫނެވެ.
“އަހަރެން ބުނީ…ކުއްޖެއް ހާސިލްކުރަން ކަމެއް ކޮށްލައިދީބަލަ،” އަހަންމައިދީ ދޭނީ ކޮންޖަވާބެއްކަން ނޭންގޭ ހާލު ޖެހިލުންވެހުރެ ނަވީން އޭނާގެ އެނދުން ހާމަކުރިއެވެ.
“ލޯބި ހޯދުމަށް އަހަރެން ކަންތަކެއް ކޮށްނޫޅެން،” ވަގުތުން އަހަންމައިދީ ޖަވާބު ދިނެވެ. ނަވީން މާޔޫސްކޮށްލި ޖަވާބެކެވެ. އެވަރުން އައީމަވެސް މިދިޔައީ ފަނުފުލުންތާއޭ ނަވީނަށް ހިތާހިތުން ކިޔާލެވުނެވެ.
“ދެން ހަމަ ގޮތެއް ނެތް،” ތެދުވާން މަސައްކަތްކުރަމުން މާޔޫސްވެ ހުރެ ނަވީން އަހައިލިއެވެ.
“މި އަހަންމައިދީއަށް ގޮތް ހުސްވާނެތަ؟…ރަގަނޅަށް ކިޔާލަދީބަ ވެގެން އުޅޭގޮތް،” ރަގަނޅު ޝިކާރައެއް އަތްމައްޗަށް އެރުމުން ދޫކޮށްލާކަށް އަހަންމައިދީވެސް ބޭނުމެއް ނުވިއެވެ.
އަހަންމައިދީގެ އެދުމަށް ކުރުގޮތަކަށް ނަވީންއަށް ދިމާވިގޮތް ކިޔާލަދިނެވެ. އޭނާގެ ލޯބިވެރިޔާ ބަތޫލް އެހެންމީހަކާދެވަން ބަތޫލްގެ މައިންބަފައިން ނިންމި ވާޙަކަ ވެސް ބުންޏެވެ.
“އެހެންވީމާ ހާސްނުވޭ…އަހަރެން ބުނާކަމެއް ކޮށްލަން ޖެހޭނީ…ތިކަން ކާމިޔާބު ކުރުމުގެ މަގު ފަހިކޮށްދެވިދާނެ،” އަހަންމައިދީ ދިނީ ޔަގީންކަމެވެ. ނަވީންއަށް ހުރެވުންތަންވެސް ނޭންގުނެވެ. އުފަލުން ނަށައިނުގަނެވުނީވެސް ކިރިޔާއެވެ.
“ކޮންކަމެއް ކުރަންޖެހޭނޭ….މި ލޯބި ހާސިލްކުރުމަށް ކޮންމެ ކަމެއްވެސް ކުރުމަށް އަހަރެން ތައްޔާރު،” ނަވީން ހިނިތުންވެލިއެވެ.
“ރަގަނޅަށް އަޑު އަހާ…އަހަރެން މީ ރުފިޔާގައި ހިފާ މީހެއް ނޫން… އަހަންނަށް އެހީތެރިވެދެވޭނީ އަހަރެން މިކުރާ ކަންތަކުގައި ނަވީންގެ އެހީތެރިކަން ދެންޏާމު…މިބުނީ އަހަންނަށް އަހަރެން ބުނާ ކަންތައްތައް ކޮށްލަދޭންވާނޭ…ދެން އޮތީ ނަވީން ތި އެދުނު ކަންތަކުގެ ވާހަކަ…ތިކަންތައް ކުއްލިއަކަށް ނުވެ ވެސްދާނެ…އެކަމުގައި އޮއްނާނީ އަހަރެން ބުނާ ކަންތައް ނަވީން ކުރާ ފުރިހަމަ ކަމެއްގެ މައްޗަށް…ފުރަތަމަ ކަމަކީ ނަވީން ތިޔަ ލޯބިވެގެން އުޅޭ ކުއްޖާ އިންނަން އެއުޅޭ ސޮރުގެ ނަމާއި އޭނާގެ މަންމަގެ ނަން ހޯދަންވީ….އެނަން ހޯދައިގެން އައީމަ ދެން އަހަރެން ބުނާނަން ކުރިއަށް ގެންދަންވީ ގޮތް…އެހެންވީމަ މިރޭ އިހަށްދޭ…އަހަރެން ކުޑަކަމެއް ކުރަންވެފައި އެބޮތް،” އަހަންމައިދީ އޮޅުން ފިލުވާދިނެވެ.
“އެންމެ ރަގަނޅު ދެން އަންނަރެޔަކު ތިކަންތައް ކޮށްގެން އަންނާނީ،” ތެދުވަމުން ނަވީން ހިނިތުންވެލިއެވެ. އަހަންމައިދީވެސް ޖަވާބުގައި ހިނިތުންވެލިއެވެ.
ޖެހިގެންއައި ދެދުވަސް ނަވީން ހޭދަކުރީ އަހަންމައިދީ ބުނިގޮތަށް އެނަންތައް ހޯދުމަށެވެ. ވަރަށް މަސައްކަތުން ނަވީނަށް އެދެމީހުންގެ ފުރިހަމަ ނަން ހޯދުނެވެ. ބޮޑަށް އުނދަގޫވީ އެމީހުން އުޅެނީ ރަށުގެ އެނެއް އަވަށުގައި ކަމުންނެވެ. ނަންތައް ހޯދުމާއެކު ނަވީން ހުރީ ރޭގަނޑު ނުވެގެން ލަސްވެފައެވެ. އޭނާ ބޭނުންވާ ކަންތައް ވީއެންމެ އަވަހަކަށް ކުރަން ނަވީން ބޭނުންވެއެވެ. ކުރަން އުޅޭކަންތައް ނުވަނީސް ބަތޫލްގެ ކައިވެނި ކުރެވެއްޖެނަމަ ހުރިހާކަމެއް ބޭކާރުވީއެވެ. ނަވީންގެ އުންމީދުތައް ފުޑުފުޑުވީއެވެ. ހުވަފެންތައް ވިއްސިވިހާލިވީއެވެ. އޭނާ އެންމެ ލޯބިވާ ބަތޫލް އެހެންމީހެއްގެ މިލްކަކަށް ވާތަން ދެކޭކަށް ނަވީނަކަށް ކުޅަދާނައެއް ނޫވާނެއެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ނަވީން ބޭރަށް ނުކުތެވެ. އޭނާގެ މިސްރާބު ހުރީ ރަށުގެ މެދަކާއި ހިސާބުގައި ހުންނަ އަހަންމައިދީގެ ގެއާއި ދިމާއަށެވެ. ނަވީންމެން ގެއިން ހިނގާލާފައި ފަސްވަރަކަށް މިނެޓްތެރޭ ދެވޭ ހިސާބުގައި ހުރި ގެއެކެވެ.
“އަހަ ނަވީން…ތިއައީދޯ؟ އެތެރެއަށްވަދޭ،” މީހަކު ސަލާމް ގޮވާލުމުން އަހަންމައިދީ ބޭރަށް ނުކުމެފައި ނަވީން ފެނުމުން ބުނެލިއެވެ.
އަހަންމައިދީގެ ފަހަތުން ނަވީން އެތެރެއަށް ވަނެވެ.
“އަހަރެން އެދެމީހުންގެ ނަން ހޯދައިފިން،” ލިބިފައިވާ ހިތްހަމަޖެހުމާއެކު ނަވީން ބުނެލިއެވެ.
“ހާދަ އަވަހަށް…އެންމެ ރަގަނޅު…ނަވީން ކުރަންޖެހޭ ކަންތައް އެނގޭތަ؟” އަހަންމައިދީ އަހައިލިއެވެ.
“އަހަންމައިދީ ބުނީމަތާ އެނގޭނީ،” ނަވީން ކުޑަކޮށް ހައިރާންވިއެވެ.
ކަންކުރަން ނޭނގޭތީ އެހީތެރިކަމަށް އެދި ނަވީން މިއައީ އަހަންމައިދީ ކައިރިއަށެވެ. އެކަމަކު އަހަންމައިދީ މިބުނީ ނަވީން ކުރަންޖެހޭ ކަންތައްތަކެއް ހުރި ވާހަކައެވެ. އެހެންކަމުން ނަވީން ހައިރާންވީއެވެ. ސުވާލު އުފެދުނެވެ. އެހެން ނަމަވެސް ސުވާލެއް ނުކޮށް މަޑު ކޮށްލީއެވެ. ކުރެވޭ ސުވާލަކުން އަހަންމައިދީ ހިތްހަމަވެސް ނުޖެހިދާނެ ތީއާއި ވެސް އެކު ގައެވެ.
“ރަގަނޅަށް ކަނުލާ އަޑުއަހާ…އަހަރެންދޭނަން ކުޑަ ކަރުދާސްކޮޅެއް ލާފައި ފުޅިއެއް…އެފުޅި ހިފައިގެން ސާދަވިލޭރެއެއްގައި ރަށުގެ ހުޅަގުކޮޅުން މޫދަށް އެރި ގިބުލައަށް ފުރަގަސްވާ ގޮތަށްހުރެ އެކަރުދާންކޮޅުގައި ލިޔެފައިވާ ލިޔުންތައް ލޮނުގަނޑުގެ ތެރެއަށް ފޭދިގެން ދަންދެން ހުންނަ ޖެހޭނީ މޫދުގައި…. މޫދުގައި ހުންނާނީ އުނަގަނޑާ ހިސާބަށް މޫދުގެ ލޮނުގަޑު އަންނަވަރަށް…ހަދާންކުރާތި ލިޔުން ކޮޅު އެކަށް ލޮނުގެ ތެރެއަށް ފޭދިގެން ދާންވާނެ،” އަހަންމައިދީ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
“އޯކޭ…އެކަމު ތިހެން ހެދީމަ ކިހިނެއް ވާނީ ….ކޮބާ ނަތީޖާއަކީ،” ނަވީން ނުހުރެވިގެން އަހައިލެވުނެވެ.
“ކުޑަކޮށް ކެތްތެރި ވެލާ…އަދި މިކިޔާދީނީ އެއްކަންތައް ….ދެން އޮތީ އެންމެ ބޮޑު ކަންތައް…ލިޔުންތައް ފޭދިގެން ދިޔާމަ…އެއްގަމަށް އަރާނީ … އެއްގަމަށް އަރާފައި ފުރަތަމަ ޖެހޭ ގަހެއްގައި ފިޔޮށްސަކުން މީހެއްގެ ސޫރަ ކުރަހާފައި މިދޭ މޮހޮރު ޖަހާލާ…މީހާގެ ސޫރައިގެ މެދަށް ޖަހާނީ…ކޮންމެސް ރަގަނޅަށް ސޫރައިގެ މެދަށް ޖެހޭތޯބަލާތި،” އަހަންމައިދީ ދިޔައީ ކުރަންޖެހޭ ކަންތައްތައް ތަފްސީލުކޮށް ނަވީނަށް ކިޔާދެމުންނެވެ.
-ނުނިމޭ-
