"އެކަމަކު ގުތާ…އަހަރެމެންގެ ނަސީބު އެހާ ގަދައެއް ނޫން،" ނަވީނަށް ބުނެލެވުނެވެ. ބޭ އިޚްތިޔާރުގައެވެ.
"ކީކޭ؟…ކީކޭހޭ ތިބުނީ؟" ހައިރާން ވެފައި ތުގާއަށް އަހައިލެވުނެވެ. ނަވީންގެ މޫނަށް ބަލާލަމުންނެވެ. ތުގާ ހުރީ ހާސްވެފައެވެ. ކަންތައް ބޮޑު ވެފައެވެ. ނަވީން އެދައްކަނީ ކޮން ވާހަކައެއް ކަން ނޭނގިފައެވެ. އެކަން އޮޅުން ފިލުވަން ބޭނުން ވެފައެވެ.
"ތުގާ ހިތްވަރު ކުރަންވާނެ…އެކި އިމްތިހާނުތަށް މި ދުނިޔޭގައި ދިރި އުޅެމުން ދާއިރު ދިމާވާނެ…އަހަރެމެން ނަށް އޮތީ ކެތްތެރިވުން…މިންވަރަށް ރުހިގެން ތިބުން… ރިޒަލްޓް ޑޮކްޓަރަށް ދައްކައިފިން…އަހަރެމެންނަށް ކުއްޖެއް ލިބޭނެ ކަމުގެ އުންމީދެއް ނެތް،" ރިހުން އެކުލެވިގެންވާ އަޑަކުން ނަވީން މިހެން ބުނަމުން ލޯމަރާލިއެވެ. ކަރުނަތައް އޮބަހައްޓަން މަސައްކަތް ކުރިއެވެ.
"ނުވާނެ…ދޮގެކޭ ބުނޭ….ނަވީން…ތީ ދޮގެކޭ ބުނޭ….،" ނަވީންގެ މޭގައި ދެއަތުން ތަޅައިގަންނަމުން ތުގާއަށް ބުނެލެވުނެވެ.
އޭރު އޭނާއަށް ރޮވެނީއެވެ. ގިސްލެވެމުންނެވެ. ނަވީން ތުގާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެތަކެއް ވާހަކަ އެއް ދައްކަމުން ދިޔައެވެ.
"އަހަރެންވެސް ބޭނުން…މީ ތެދެއް ނޫންކަމަށް ގަބޫލް ކުރަން…އެކަމަކު…މި ހަގީގަތް ގަބޫލު ކުރުން ނޫން ގޮތެއް މިއަދަކު ނެތް،" ނަވީން ތުގާގެ ގައިގާ ފިރުމަމުން ވާހަކަ ދެއްކިއެވެ. ނަވީނަށް ވެސް އޭރުވަނީ ހަމަ ރަގަނޅަށް ވެސް ރޮވިފައެވެ.
"އަހަރެންގެ މައްސަލައަކުންތަ ކުދިން ނުލިބެނީ،" އެންމެ ފަހުން ތުގާ އެހިއެވެ. އޭނާ އޮޅުން ފިލުވަން ބޭނުން ވިއެވެ. އޭނާގެ ސިކުނޑީގައި މީގެ ދުވަސްކޮޅެއް ކުރިއްސުރެ އެނބުރެމުން ދިޔަ ވަހުމަކީ ހަގީގަތެއް ކަމުގައި ނުވުމަށް ތުގާ ބޭނުމެވެ.
"ތުގާ…ހިތްވަރު ކުރަންވާނެ…އަހަރެން މިހުރީ ތުގާ އާއެކު….މުޅި އުމުރަށް ތުގާ އާއެކު އުޅެން…ކޮންމެ ފަދަ ހާލަތެއް މެދުވެރި ވިއަސް ތުގާ ދޫކޮށް ދާކަށް އަހަރެން ނެތިން" ނަވީން މަސައްކަތް ކުރީ އެ މައުޟޫއިން ކުރިއަށް ނުގޮސް ވާނެ ގޮތެއް ހޯދާށެވެ. ތުގާ ރޯތަން ބަލާކަށް އޭނާ އަށް އެއީ ކުޅަދާނަ ކަމެއް ނޫން ވީމައެވެ.
"އަހަރެން އެހި އެއްޗެއް ނަވީނަށް އަޑު ނީވެނީތަ؟" ތުގާ އެނެއްކާވެސް އެހިއެވެ. އޭނާ ހުރީ ކަންބޮޑުވެ ހާސްވެފައެވެ. ޑޮކްޓަރު ބުނި އެއްޗެއް އޮޅުން ފިލުވަން ކެތްމަދުވެފައެވެ.
"އަނ..ތުގާ… ޑޮކްޓަރު…ޑޮކްޓަރު ބުނީ…ތުގާ ގެ މައްސަލަ ހުންވާހަކަ،" ނަވީނަށް އެހެން ބުނެ ވުމާއެކު ތުގާ ރޮމުން ކޮޓަރިން ނުކުމުގެން ދުއްވައިގަތެވެ.
ނަވީންވެސް ތުގާގެ ފަހަތުން ދިޔައެވެ. ތުގާ ގޮސް ވަނީ އޭނަގެ މައިންބަފައިން ކޮޓަރިއަށެވެ. އޭރު އޭނަގެ މަންމަ އާއި ބައްޕަ ކޮންމެވެސް ކަމަކާއި މަޝްވަރާ ކުރުމަށް ކޮޓަރީގައި ތިއްބެވެ. ރޮމުން ރޮމުން ތުގާ ކޮޓަރިއަށް ވަތްތަން ފެނިފައި ދެމީހުނަށް ވެސް ކޮޅަށް ތެދުވެވުނެވެ. ތުގާގެ ފަހަތުން ނަވީން ވެސް އެ ކޮޓަރިއަށް ވަނެވެ. ތުގާ ރޮމުން ރޮމުން އައިސް އޭނަގެ މަންމަގެ ގައިގާ އޮޅުލައިގަތެވެ. ވެގެން އުޅޭ ގޮތް ނޭންގުމުން ތުގާގެ މައިންބަފައިން ހުރީ ހައިރާން ވެފައެވެ.
"ދަރިފުޅާ…ކިހިނެތް ވީތަ؟ ވެގެން އުޅޭ ގޮތެއް ބުނީމަ ދޯ އެނގޭނީ؟" ތުގާގެ މަންމަ އޭނާގެ ބޮލުގައި ލޯބިން ފިރުމާލަމުން ވާޙަކަ ދެއްކިއެވެ.
"މާންމާ..'" ތުގާ އަށް ބާރަށް ރޮއިގަނެވުނެވެ.
ތުގާއަށް ރޮވެނީ އެވެ. ގިސްލެވެނީ އެވެ. ނަވީން ވެސް ހުރީ ރޮވިފައެވެ. ތުގާގެ މަންމަ އާއި ބައްޕަ ނަވީނާއި ދިމާއަށް ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލައިލިއެވެ. އެމީހުން އޮޅުން ފިލުވަން ބޭނުން ކަހަލައެވެ. ތުގާ އަށް އެވީގޮތެވެ. އެހެންކަމުން ނަވީން ހިތް ވަރު ކޮށްފައި ކިޔައިދޭން ފެށިއެވެ. ކޮންމެ ގޮތެއް ވިއަސް ވެގެން އުޅޭ ގޮތް މިހާރު ތުގާގެ މައިންބަފައިންނަށް ވެސް އެނގެން އެބަޖެހެއެވެ. ތުގާ އެވަރަށް ރޯ ސަބަބު އޮޅުން ފިލަން އެބަ ޖެހެއެވެ.
"ކުދިން ނުލިބި ގިނަ ދުވަސް ތަކެއް ވާތީ އަހަރެމެން ޑޮކްޓަރަށް ދެއްކިން…ޑޮކްޓަރު ބުނީ އަހަރެމެން ނަށް ކުދިން ލިބޭނެ ކަމުގެ އުންމީދެއް ނެތޭ،" ނަވީން މަޑުމަޑު ބުނެލިއެވެ.
"އަހަރެމެން ނަކަށް ނޫން…އަހަންނަށް…ކީއްވެ ނަވީން އޮޅުވާލަން ތި އުޅެނީ،" ރޮމުން ތުގާ ވާހަކަ ދެއްކިއެވެ.
"ތެދެއް؟" ފަޒްނާ ބަލާލީ ނަވީނާއި ދިމާއަށެވެ. ނަވީން ބޯ ޖަހާލިއެވެ.
"ކޮންމެ ފަދަ ހާލެއްގައި ވެސް އަހަރެން މި ހުރީ ތުގާ އާއެކު އުޅެން ތައްޔާރަށް ދެން ތުގާ ދެރަވާންވީ ކީއްވެ؟" ނަވީން ބޭނުންވީ ތުގާ ރުއިން ހުއްޓުވާށެވެ.
"ދެރަ ނުވާންވީ ކީއްވެ…އަޅެ ނަވީން ބުނެބަލަ…އަހަރެންގެ މި އުނގު ދެން ދުވަހަކު ވެސް ފަޅުފިލުވާލެވޭނެ ކަމުގެ އުންމީދެއް އެބޮތްތަ؟…އަހަރެން ކިހާ އުންމީދެއް ކުރީ…ކިހާ ހުވަފެނެއް ދެކުނީ…އަޅެ އަހަރެން ނަވީން ކައިރީ އޭ މިވާހަކަ ތައް ދެއްކީ…ލޯބި ލޯބި ކުއްޖަކާއެކު އުޅޭނެ އުފާވެރި ގޮތުގެ ވާހަކަ ހިތްސާކުރީ…ދެން ކީއްވެ އަހަންނަށް ނުރޮވެންވީ …ދެރަ ނުވަންވީ،" ތުގާ އަށް ވާހަކަ ދެއްކުނީ ރޮވެމުންނެވެ.
"ދަރިފުޅާ ނަވީން އެނބުނީ އެއްނު….ދަރިފުޅާ އެކު އޭ އަބަދުވެސް އުޅޭނީ…ދެން ހިތްވަރު ކުރަންވާނެ….އެކަލާގެ މިންވަރު ކުރެއްވި ގޮތް ކީއްކުރާނީ،" ފަޒްނާ ވާހަކަ ދެއްކީ ދަރިފުޅު ތުގާ ހަމައަކަށް އެޅުވޭތޯއެވެ.
ފަޒްނާގެ އަޑުގައި ވެސް ރިހުމެއް ހުރިކަން ގައިމެވެ. ފަޒްނާ އާއި ޔޫނުސް ގެ ވެސް ހުވަފެނަނީ އޭމީހުންނަށް ވީ އެންމެ އަވަހަކަށް މާމަ ކާފަ ކިޔާފައި ގޮވާލާނެ ކުއްޖެއް ލިބުމެވެ. އެކަމަކު މިއަދު އެ އުންމީދުތައް އެވަނީ ވިއްސި ވިހާލިވެފައެވެ. އެ ހުވަފެންތަކުގައި ކުލަޖެހޭނެ ގޮތެއް މިއަދު އެއީ ނާދިރުކަމެކެވެ. ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އެމީހުންނަށް ލިބިފައިވާ ހިތާމަތަށް ފޮރުވަމުން ވެސް މިއަދު މިވަނީ ދަރިފުޅު ހަމައަކަށް އަޅުވަން މަސައްކަތް ކުރަން ޖެހިފައެވެ. އެ ދަރިފުޅަށް ކުރާނެ އަސަރު މަންމަ އެއްގެ ހައިސިއްޔަތުން ފަޒްނާއަށް އެނގެއެވެ. އެދަރިފުޅު ހިތުގައި ޖެހޭނެ ވަރު ވަޒަން ކުރެވެއެވެ.
ތުގާގެ މަންމަ އާއި ބައްޕަ އަދި ނަވީން އެތަކެއް އާދޭހެއް ކުރުމުން އެންމެ ފެހުން ތުގާ ހަމައަކަށް އެޅުނެވެ. ރުއިން ހުއްޓާލިއެވެ. ގަދަ ކަމުން ހިނިތުން ވެލިއެވެ. އެކަމަކު ވެސް އޭނާ ގެ ހިތުން ރޮވެމުން ދިޔައެވެ. ލިބުނު ޚަބަރާއި އެކު އޭނާގެ ހިތުގައި އުފެދިގެން ދިޔަ ރިހުން ވެގެން ދާނީ ދާއިމީ ރިހުމަކަށް ކަން ގައިމެވެ.
ނަވީން ހިޔާލެއް ދިނެވެ. ދުވަސްކޮޅަކަށް މާހައުލު ބަދަލު ކޮށްލާށެވެ. ނަވީންގެ ރަށަށް ގޮސްލާށެވެ. އެކުގައި ގިނަ ވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައެވެ. އޮފީހުން ޗުއްޓީއެއް ނަގައި ނަވީންގެ ހުރިހާ ވަގުތެއް ގުތާއަށް ހުސްކޮށްލުމަށެވެ. ނަވީންގެ އެޚިޔާލަށް ގުތާގެ މައިންބަފައިން ތާއީދު ލިބުނެވެ. މައިންބަފައިން ބުނި ބުމުނަށް ތުގާ ވެސް އެންމެ ފަހުން އެއްބަސްވިއެވެ.
ހަވީރު ގެ ހިތްފަސޭހަ ވަގުތެވެ. މަޑުމަޑު ރޯޅިއެއް ވަމުން ދިޔަ ނަމަވެސް ކަޑު މަޑު ދުވަހެކެވެ. އުޑުމަތި ސާފުވެފައި ވިލާ މަދެވެ. ނަވީންމެން ދަތުރުކުރަމުން ދިޔަ ލޯންޗު ރަށުގެ ބަނދަރާއި ގާތްކުރިއެވެ. ނަވީންގެ އެދުމަށް އޭނާގެ ރަހުމަތްތެރިއެއް ކާރެއްގައި ނަވީންމެންގެ އިސްތިގުބާލުގައި ބަނދަރުގައި ހުއްޓެވެ. ނަވީންމެން ގެއަށް ދިޔައީ ރަޙްމަތެރިޔާގެ ކާރުގައެވެ.
"ކާން އަންނަންވާނެ؟" ނަވީންމެން ގެއަށް ވަންނަން ފެށުމުން އެކުވެރިޔާ އެދުނެވެ.
"އާނ…މިރޭ ދާނަން….އެކަމަކު މާދަމައިން ފެށިގެން އަހަރެމެން ގޭގައި ކައްކާނީ…ދޯ ތުގާ؟" ނަވީން ބުނީ ކުރިން ވެސް ދެމީހުން ޕްލޭން ކޮށްފައިވާ ގޮތެވެ. ތުގާ ވެސް އެކަމަށް އެއްބަސް ވިއެވެ.
ތުގާ އާއި ނަވީން ގެއަށް ވަނެވެ. ހަޔާތުގައި ދިމާވި ކަމަކުން ނަވީން މާލެ ދިޔަތާ ގާތްގަނޑަކަށް ފަސްއަހަރު ފަހުން އެނބުރި ރަށަށް އާދެވުމުން ނަވީން އުފާވިއެވެ. ނަވީން ޗުއްޓީއެއް ނަގައިގެން ތުގާއަށް ވަގުތު ހުސް ކޮށްލަދިނީތީ ތުގާވެސް ހުރީ އުފަލުންނެވެ. ދެމީހުން ވެގެން ގޭތެރެ ތަރުތީބު ކޮށްލިއެވެ. ގޭތެރެ ހަމައަކަށް އަޅުވާލެވުނު އިރު ދެމީހުންވެސް ހުރީ ވަރުބަލި ވެފައެވެ. ދަތުރުގެ ވަރުބަލި ކަމާއެކު ގޭތެރޭގައި ވެސް ކުރަން ހުރި މަސައްކަތް ގިނަކަމުންނެވެ. ގޭތެރެ ރަމަތަ ކޮށްލެވުމުން ވެފައި ހުރި ވަރުބަލި ކަމާއެކު ދެމީހުން ވެސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ދެމީހުންނަށް ވެސް ވަރުބަލިކަން އިހްސާސް ކުރެވިފައި ހުރުމުން ނިދުނެވެ.
ނަވީނަށް ސިހިފައި ހޭލެވުނީ ފޯނު ރިންގު ވާއަޑަށެވެ. ގުޅީ އޭނާގެ ރަހުމަތްތެރިއާއެވެ. އެދުނީ ކާން އައުމަށެވެ. ކޯލް ނިންމާލާފައި ނަވީން ފޯނުން ގަޑި ބަލާލިއެވެ. ރޭގަނޑު 8:30 ވަނީއެވެ. އެހެންކަމުން އަންނެތް ވެފައި އޮތް ނަމަވެސް ނަވީން ތެދުވިއެވެ. ފާޚާނާއަށް ވަދެ ރެޑީވެލިއެވެ. އަދި ނިދާފައި އޮތް ތުގާ ގެ ގައިގާ ކޮށްޓާލަމުން ގޮވާލިއެވެ. ތުގާ ލޯ ހުޅުވާލަމުން މޯޅިއަކަށް ދެމިލިއެވެ.
"ހިނގާ ކާންދަމާ…އަހަންނަށް ވެސް ހޭ މި ލެވުނީ ގުޅީމަ…ކައިގެން ވާނެ ފިހާރަތަކަށްވެސް ވަދެލާން….ކައްކަން ބޭނުންވާ ބައެއް ސާމާނުވެސް ގަނެލަން ވާނެއެއްނު،" ނަވީން ވާހަކަ ދެއްކިއެވެ.
"ހިނގާ ދަމާދޯ….އަންނާނަން ރެޑީވެލައިގެން،" ތުގާ ފާޚާނާއަށް ވަނެވެ.
ނަވީން ތުގާ ގޮވައިގެން ބޭރަށް ނުކުތެވެ. ރަހުމަތްތެރިޔާގެ ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. މަދުރުނޫން ކަމުން ނަވީން ނިންމީ ހިނގާލާފައި ދާށެވެ. ތުގާ ވެސް އެގޮތް ބޭނުން ވާތީއެވެ. މާލޭގެ ހަލަބޮލި ރަށްފުށުގެ ހިމޭން ހިތްފަސޭހަ މާހައުލަށް އާދެވުމުން ސިކުނޑިން އެތައްތަނެއް ލުއިވެގެން ދިޔަ ކަމުގެ އިޙްސާސް ތުގާއަށް ކުރެވުނެވެ. އެވާހަކަ ތުގާ ހިއްސާކުރީ ހިނގަމުންދިޔަ ވަގުތުގައެވެ.
"ދައްތާ އެނގޭތަ…ނަވީން އައިސް އެބައުޅޭ…ކައިރީގައި އަންހެންކުއްޖެއް ވެސް ހުރި…ހީވަނީ އަނބިމީހާހެން،" ވިރުދާ ވާހަކަ ދެއްކީ ބަތޫލާއެވެ. ބަތޫލް އުޅޭ ގެއަށް އައި މަގުމަތީގައި ނަވީން ފެނުމުންނެވެ.
-ނުނިމޭ-
