“ދެން ހެޔޮ…މީގެ ފަހުން އަހަރެންގެ ނަން ތި ދުލުން ކިޔައިގެން ނުވާނެ…އަހަރެން ފެންނަ ހިސާބަށް އައިސްގެން ނުވާނެ…ހަމަ މިހާރު މިތަނުންދޭ،” ނަވީންގެ އަޑު ބަރެވެ. އަމުރުވެރި ކަމާއެކު، ނަވީން އެހެން ބުނުމުން އެންމެ ހިނދުކޮޅެއްގައިވެސް އެތާ މަޑުކުރާކަށް ބަތޫލްއަކަށް ނުކެރުނެވެ. ރޮމުން ބަތޫލް ދުއްވައިގަތެވެ. އެއްގަމާއި ދިމާއަށެވެ.
ބަތޫލްގެ މަންމަމެން އެހެން މީހަކާއި ބަތޫލްގެ ކައިވެނި ކުރުމަށް ނިންމިކަން އެނގުނު ހިސާބުން ނަވީންގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. މީހާ ގޮތް ހުސްވިއެވެ. ހަތަރު އަގޮޅީގެ މެދުގައި ހަދާނެގޮތެއް ނޭންގި ހުއްޓި ހުރެވުނެވެ. ބަތޫލްގެ ގޭދޮށުން އަބަދާއި އަބަދު މުގޯލި އަޅެއެވެ. ކެއުމާއި ދުރުހެލި ވެވުނެވެ. ދުވަހުގެ އިރު ރަގަނޅަށް ނިރާވެސް ނުލައެވެ. މަގުތަގުގައި މީހުން ވަރަށް މަދެވެ. އާދައިގެ މަތިން ނަވީން މަޑުކޮށްލައިގެން ހުރީ ބަތޫލްގެ ގެކައިރީގައެވެ. ބަތޫލާއި ދިމާވޭތޯއެވެ. އެހެން ހުއްޓައި ގޭތެރެއިން ނުކުތީ ބަތޫލްގެ މަންމަ ސާލިފާއެވެ. ނަވީން އަށް ނިވާވެލުމަށްވެސް ފުރުސަތެއް ނުލިބުނެވެ. ބަތޫލްގެ މަންމައަށް ފެނިއްޖެނަމަ ކޮށްލާނެވަރު ނަވީންއަށް އެނގުނެވެ. ވީވެސް އެހެންނެވެ.
“އެއްކަލަ ކަޅުކާޅު އައީދޯ…ކިތައްފަހަރު ބުނެފިން މިގޭދޮށަށް ނާންނާށޭ…އަހަރެން ބޭނުމެއް ނޫނޭ ބަތޫލް ކަލެޔާއި ދެވަކަށް…ކީއްވެތަ އަޑު ނީވެނީ…އެހުރީ އަހަރެންގެ ދަރިފުޅު…ކިހާ ބަސްއަހާ…ކިހާ ކިޔަމަންތެރި… ނުދެއެއްނު ކަލޭ ކައިރިއަކަށް…އޭނައަށް އެނގޭނެ މައިންބަފައިންގެ ބަސްއަހަން…ރަގަނޅަށް ކިޔެވިފައި ހުރީކީނޫން…ވަޒީފާގަނޑެއްގައި އުޅެނީކީނޫން…ލާޗާރު ބިޗާރީއަށް ރަށުތެރެއަށް ގިނަވެގެން އުޅެނީ…ހެޔޮނުވާނެ …މިގޭދޮށަށް ނާދޭ،” ސާލިފާ ފަތިވަރު އަމުނާލިއެވެ.
“ދައްތާ….އެއްފަހަރު ނަމަވެސް އަހަންނަށް ބަތޫލާއި ބައްދަލުކޮށްލުމަށް ފުރުސަތު ދީބަލަ،” ހިތާމަވެރިކަމާއި މޮޚިވެރިކަން އެކުލެވިގެންވާ އަޑަކުން ނަވީން އެދުނީ އެއްފަހަރު ނަމަވެސް އޭނާއަށް ބަތޫލާއި ބައްދަލުކޮށްލުމަށް ފުރުސަތު ދިނުމަށެވެ.
“ދައްތާއޭ….ކޮން ދައްތާއޭ ކިޔާކަށް….މިހާރު ބުނެވިއްޖެ މިތަނުން ދާށޭ…މިގެ ފެންނަ އިސާބަށް ނާންނާށޭ..އަޑުވެސް ނީވޭ ސޮރެކޭ…ގޮތެއް ފޮތެއް ނެތީ،” ސާލިފާ އަޑު ބާރުވިއެވެ.
އެންމެ ފަހުން ނަވީނަށް އެ ގެ ފެންނަ ހިސާބަށް ނައުމަށް ފާޑަކަށް އިންޒާރު ދިނެވެ. ތިޔަ ކަހަލަ ކަޅު ކާޅަކަށް އަހަރެންގެ ދަރި ހަވާލު ނުކުރާނެ ކަމަށް ސާލިފާ ބުންޏެވެ. ފެންވަރު އޮޅިގެން ނޫޅުމަށާއި ނަވީންމެންގެ ފެންވަރު ހަދާންކޮށްދިނެވެ. އެމީހުންނާއި އެއްހަމައަށް ދުވަހަކުވެސް ނާދެވޭނެކަމަށް ބުންޏެވެ. ބަތޫލް އުފަލުގައި ގެންގުޅެވޭނެ ފެންވަރެއް ނަވީންގެ ނުހުންނާނެ ކަމަށާއި އާއްމުދަނީއެއް ހޯދުމަށް މަސައްކަތެއް ކުރަނީކީ ނޫން ކަމަށް ވެސް ބުންޏެވެ. ނަވީން އެންމެ ދެރަވީ ބަތޫލްގެ މަންމަ އޭނާއަކީ ޕާޓޭއެކޭ ބުނީމައެވެ. އެއީ ނަވީން ދުވަހަކުވެސް އުޅުނު ގޮތެއް ނޫނެވެ. އެދުވަހު ނަވީނަށް ރޮވުނެވެ. ކޮޓަރީގެ އެނދުގައި އޮވެގެން ގިސްލެވުނެވެ.
“ދަރިފުޅާ މިއަދު ނުވެސް ތެދުވާ ދުވަހަކީތަ…ބޭރަށްވެސް ނުދަންތަ،” އަބަދު ކޮޓަރީގައި އޮންނާތީ ނަވީންގެ މަންމަ ޒުހުދާ އަށް އަހާލެވުނެވެ.
އެހެންނޫނީ ނަވީންއަކީ މާގިނައިން ގޭގައި މަޑުވާ ކުއްޖެއް ނޫނެވެ. މިއަދު އެހެންދުވަސްދުވަހާ ޚިލާފަށް އެނދުގައި އޮންނާތީ ކޮންމެވެސް ކަމެއް ވެއްޖެއޭ ޒުހުދާ ހިތައްއެރިއެވެ.ނަވީންގެ މީހަކަށް މިހާރު ދުނިޔޭގައި ހުރީ އޭނާގެ މަންމަ ޒުހުދާއެވެ. ނަވީންގެ ބައްޕަ އޭނާ ގްރޭޑް 9 ގައި އުޅެނިކޮށް މެޔަށް ތަދެއް އަރާފައި ކުއްލި ގޮތަކަށް މަރުވީއެވެ. އޯލެވެލް ނިންމާ ލުމަށްފަހު ވަޒީފާއެއް ލިބޭތޯ ނަވީން ވަރަށް މަސައްކަތް ވެސް ކުރެއެވެ. އެކަމަކު އަދި އޭނާއަށް ވަޒީފާއެއް ލިބޭނެ ގޮތް ނުވަނީއެވެ.
“ހޫނ…ބޭރަށް ދާހިތެއް ނެތް،” ނަވީން ޖަވާބުދިނެވެ. ބިއްދޮށްފަރާތަށް އޮތްމީހާ ނިޔަދޮށަށް އެނބުރެލަމުން ނެވެ.
“ކޮންމެސް ކަމެއް ވީމަ ނޫނީ ދަރިފުޅު ބޭރަށް ނުގޮސް ނުހުންނާނެ…ކިހިނެއްވީތަ ދަރިފުޅާ،” ނަވީންގެ ކައިރީގައި އިށީންނަމުން ޒުހުދާ ގެ އަތުން ނަވީންގެ ބޮލުގައި ފިރުމާލިއެވެ.
“ނުވޭ ކަމެއް މަންމާ…ތަންކޮޅެއް މޫޑީ ދުވަސްކޮޅެއްވީމާ،”ނަވީން ހިނތުންވެލެވޭތޯ މަސައްކަތްކުރިއެވެ. ޖެހިގެންއުޅޭ އާފާތުގެ ވާހަކަ ނަވީނަށް ބުނާކަށް ނުކެރުނެވެ. މަންމަ ބުނާނެ އެއްޗެއްވެސް ނޭންގޭތީއެވެ.
“އެންމެ ރަގަނޅު..އާދޭ ސައިބޯން،” ޒުހުދާ ތެދުވިއެވެ. އާއެކޭ ބުނުމަށްފަހު ފަހަތުން ނަވީންވެސް ތެދުވިއެވެ.
ރޭގަނޑު ނުވައެއް ޖަހަލާކަށް ހާއިރެވެ. ރަށުގެ މެދެއް ހާ ހިސާބުގައި ހުރި ކުޑަވަރެއްގެ ގެއެއް ކަރީ މަޑުކޮށްލައިގެން ހުރީ ނަވީނެވެ. ރަގަނޅަށް ދެފަރާތް ބަލާލުމަށް ފަހު ނަވީން އެގޭގެ ދޮރުގައި ޓަކި ޖެހިއެވެ. ކުޑަކޮށް ޖެހިލުންވެ ހުރެއެވެ. ގެއަކީ ރަށުގައި ސިހުރު ފަޑިއްތަވެރިކަމަށް މަޝްހޫރު އަހަންމައިދީގެ ގެއެވެ. މީހުން އެއްގޮތަކަށް ވެސް ގޮސް ނޫޅެއޭ ބުނެ އުޅެ ގެއެކެވެ. އޭނާއާއި ވާހަކަ ދައްކާލައި އުޅޭ މީހެއްވެސް ރަށުގައި މަދުވާނެއެވެ. ދެތިންފަހަރު ޓަކި ޖަހާލުމުން ކޮޑަކޮށް ދޮރުފަތް ހުޅުވާލަމުން އަހަންމައިދީ ބޭރު ބަލައި ލިއެވެ.
“ކީއްކުރާ ކުއްޖެއް؟” މޫނަށް ރޫއަރުވާލަމުން ގަޔާނުވާގޮތަކަށް އަހަންމައިދީ ވާހަކަ ދެއްކިއެވެ.
“ވަރަށް މުހިއްމު ކަމަކު…ފަންޑިތައެއް ހަދައިދޭތޯ؟” ނަވީން އަހައިލިއެވެ.
“އެތެރަށް ވަދޭ!” އަހަންމައިދީ އެދުނީ އެތެރެއަށް ވަނުމަށެވެ.
ނަވީން ޖެހިލުންވެ ހުރެ އެތެރެއަށް ވަނެވެ. ގެއަކީ ކުޑަ ގެއެކެވެ. ދިވެހިންގެ ކުރީގެ ގެތައް ހުންނަ ފަދައިން “އެތެރެގެ” ބަޔަކާއި “ބޭރުގެ” ހިމެނެއެވެ. އުވައިންރާނާ އުވަޖަހާފައި ހުރި ނަމަވެސް ދުވަސްވެފައި ހުރުމުން ގިނަތަންތަނުން އުވަތައް ފައިބާފައި ހުއްޓެވެ. އީޓު ޖަހާފައި ހުރުމުން ފިނިކަމެއް ގޭތެރެއަށް ވަނުމުން އިހްސާސް ވެއެވެ. ބޭރުގޭގައި ހުރި އަށްޓަކަށް އިޝާރާތްކޮށްލަމުން ނަވީންގާތުގައި އިށީނުމަށް އަހަންމައިދީ ބުނެލިއެވެ. އަހަންމައިދީ ދެއްކި އަށީގައި ތަރުތީބެއް ނެތި ވިއްސި ވިހާލިވެފައިވާ ފޮތްތަކެއް ހުއްޓެެވެ. ދުވަސްވީ ފޮތްތަކެކެވެ. ފޮތްތައް ކުޑަކޮށް ދުރު ކޮށްލަމުން ނަވީން އިށީނުމުން އޭނާގެ ކަނާތްފަރާތުން ތަންކޮޅެއް ދުރުގައި އަހަންމައިދީ އިށީނެވެ. އަދި ދުފާތަބައް ނަގައި ފޯއްވަޅިން ރަގަނޅަށް ދެތިންފޮތި ފޯއްކޮށައިލިއެވެ. ފޯއްތައް މުށުތެރެއަށް ލުމަށްފަހު އެޔަށް ކަރަންފުލަކާއި ބިލަތްކޮޅެއް ލުމަށްފަހު، އެއްކޮށް އަނގަތެރެއަށް ލިއެވެ. އަދި ދުފުންގަޑު ހެޔޮވަރުކޮށްލަމުން އަހަންމައިދީ ވާހަކަ ދެއްކިއެވެ.
“ހޫނ…ކޮންކަމަކުއޭ ތިއައީ؟” އަހަންމައިދީގެ އަޑުގައި ބަރުގޮތެއް ހުއްޓެވެ.
“ކަމަކު….ވަރަށް ބޮޑުކަމަކު…އަހަރެންގެ މިއެދުން އަހަންމައިދީ ފުރިހަމަ ކޮށްދޭނެ ކަމަށް އުންމީދުކުރަން،” ނަވީން ވާހަކަދެއްކީ ޖެހިލުންވެ ހުރެއެވެ.
-ނުނިމޭ-
