“ހާރޫން މާ ވަރަކަށޭ ކަންތަކާ ތިޔަ ވިސްނަނީ…ހުރިހާ ކަމެއްވެސް ރަގަނޅުވާނެ…އެ ސޮރު އަހަރެމެން ދަރިފުޅު އުފަލުގައި ގެންގުޅޭނެ…އެއީ ތަނަވަސް އާއިލާއެކޭ،” ހާރޫން ގެ މަގަތުން އެނދުގައި އިށީންނަމުން ސާލިފާ ވާހަކަ ދެއްކިއެވެ.
“މުއްސަދި ވީމަ ނިމުނީތަ؟…ހިތްހަމަ ޖެހޭ އުފާވެރި ދިރިއުޅުމެއް ލިބެނީ ހަމަ އެކަނި މުއްސަދިންނަކަށް ނޫނޭ….ސާލިފާ ތިޔަ ވިސްނާ ގޮތެއް ދޯ؟” ހާރޫން ނަށް ބޯ ދެ އަތަށް ބޯ ހޫރާ ލެވިނެވެ.
“ފައިސާ ނެތިއްޔާ މިޒަމާނުގައި އެއްޗަކަށް ނުވާނެ….އުފަލެއްގައި ހިތްހަމަ ޖެހިގެން ނޫޅެވޭނެ….ހާރޫނު ދައްކާ ވާހަކަ،” ކުޑަ ކޮށް ހިތްހަމަ ނުޖެހިފައި ސާލިފާ ހާރޫނާ ދިމާއަށް ބަލާލިއެވެ.
“އަހަރެން ނެތިން ސާލިފާ އާއި ބަހުސް ކުރާކަށް…ކުރިއެރުމެއް ނުލިބޭނެ ވިއްޔާ…ހިނގާ ނިދަން އުޅެމާ،” ހާރޫން މައުޟޫ ބަދަލު ކޮށްލިއެވެ.
ޖިނާނަކީ ވަކި ނަވީނަށް ވުރެ ހަޑި މީހެއް ނޫނެވެ. ބައިމަތި ފުޅާވެފައި ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ، ބޮލުގެ އިސްތަށި ފަންވެފައި އިސްތަށިގަނޑު ކޮޑާހަމައަށް ދިގު ކޮށްލާފައި ހުރުމުން ޖިނާން ވަރަށް ރީތި ކަމަށް ދައްކައެވެ. ގައިގެ ހަން އަލިވެފައި ލޮލުގައި އަންހެންކުދިން އަޅައިގަންނަ ކަހަލަ ގޮތެއް ހުއްޓެވެ.
ޖިނާންގެ އާއިލާއަކީ ރަށުގައި ފުޅާދާއިރާއެއްގައި އިމްޕޯޓްމުދާ ވިއްކުމުގެ ވިޔަފާރިކުރާ އާއިލާއެކެވެ. ސްކޫލް ނިމިގެން ޖިނާން ވެސް ހަރަކާތްތެރި ވަމުން ދިޔައީ އެމަސައްކަތުގައެވެ. ބައްޕައަށް އެހީތެރިވެ ދިނުމަށެވެ. ޖިނާންގެ މައިންބަފައިން އެމީހުންގެ ދަރިފުޅާ ކައިވެނި ކުރޭތޯ ބަތޫލްގެ މައިންބަފައިން ކައިރީ އެހުމުން އެމީހުން އެކަމާ ގަބޫލު ވީވެސް ޖިނާންމެންނަކީ ރަށުގައި މުއްސަދި ފޯރާ ބަޔަކަށް ވީތީއެވެ. ބަތޫލްގެ މައިންބަފައިންގެ ނަޒަރުގައި ޖިނާން ކަހަލަ މުއްސަދި ކުއްޖަކާ އެމީހުންގެ ދަރިފުޅު ކައިވެނި ކުރުވެއްޖެ ނަމަ، އެދަރިފުޅު ނުހަނު އުފަލުގައި ޖިނާން ގެންގުޅޭނެއެވެ.
ކުޑަ ވަގުތުކޮޅަކަށް ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެފައި ހުއްޓެވެ. ދައްކާނީ ކޮން ވާހަކަ އެއްކަމެއް ނުވަތަ ވާހަކަ ދައްކަން ފަށާނީ ކިހާ ހިސާބުންކަމެއް ނޭންގިގެން ކަންވެސް ނޭންގެއެވެ. ދެމީހުން ވެސް ބައްދަލުވީ ފުރަތަމަ ފަހަރު ކަމުން ކަމަށްވެސް ވެދާނެއެވެ. ދެމީހުންވެސް އެކަކުގެ މޫނަށް އެނެކަކު ބަލާލާފައި ހިނިތުން ވެލައެވެ. މިގޮތުގައި ފަސް ވަރަކަށް މިނެޓް ވޭތުވެގެން ހިނގައްޖެއެވެ. ޖިނާން ހިތައް އެރިއެވެ. ލަދަކާހުރެ ތަދެއް ނުފިލާނެއެވެ. މިހާ ޖެހިލުންވެގެން ކަމަކުނުދާނެއެވެ. އިސްވެ ވާހަކަ ދައްކަންވާނީ އަހަންނެވެ.
“ބަތޫލް…ހާދަ ރީތި ވެލައިގެން…ތިހެދުމުގައި ފެންނަ އިރު ބަތޫލް ވަރަށް ރީތި،” ޖިނާން ތައުރީފް ކޮށްލިއެވެ.
“ތޭންކްސް،….ވާހަކައެއް އަހާލަންތަ…ޖިނާނަށް އަހަރެން ކަމުދޭތަ؟” ބަތޫލް އަހައިލިއެވެ.
“ވަރަށް ކަމުދޭ…އަހަރެމެން ފިހާރައަށް އައިދުވަހެއްގައި އަހަރެންގެ ހިތުގައި ތިޔަ ސޫރަ ބިންވަޅު ނެގިގެން ދިޔައީ…އެދުވަހުއްސުރެ އަހަރެންގެ މީހަކަށް ބަތޫލް ހެދުމަށް އަޒުމް ކަނޑައަޅައިފިން….ވަރަށް އުފާވޭ ބަތޫލް މިގުޅުމަށް އާނބަސް ބުނީމަ،” ޖިނާން މަޑުމަޑުން ބަތޫލްގެ އަތުގައި ހިފާލިއެވެ. އެފިނިވެފައި ވާ މަޑުމަޑު އަތަށް ފިތާލިއެވެ. ޖިނާންގެ އެއަމަލުން ލަދުން ބަތޫލް އިސްޖަހާލިއެވެ.
“އަހަރެން ވަރަށް އުންމީދުކުރަން އަހަންނަށް ރަގަނޅަށް ހިތާނެކަމަށް…އަހަންނަށް ލޯބި ދޭނެކަމަށް….އަހަރެން އުފަލުގައި ގެންގުޅޭނެ ކަމަމަށް…ދުވަހަކުވެސް. ދުވަހަކުވެސް އަހަންނަށް ދެރަގޮތެއް ނުހަދާތި،” ބަތޫލަށް ރޮވޭގޮތް ވިއެވެ.
“އަދި ރޯކަށް ނުވެއެއްނު…އަހަރެން ތިޔަ ހުރިހާކަމަށް އެއްބަސް…ބަތޫލަށް ދެރަ ގޮތެއް ނުހަދާނަން…ޕްރޮމިސް،” ޖިނާން އެއްބަސް ވިއެވެ.
ބަތޫލް އެދުނު ކޮންމެ އެދުމަކަށެވެ. ބަތޫލަށް ދެރަގޮތެއް ނުހަދާނެކަމަށެވެ. ކޮންމެ ކަމަކަށް އެއްބަސްވެގެން ނަމަވެސް ޖިނާން ބޭނުންވަނީ ބަތޫލް އޭނާގެ މީހަކަށް ހަދާށެވެ. އެހެންކަމުން އެމަގު ކޮށުމަށް ކޮންމެ ކަމަކަށް އާނބަސް ބުނަންވެސް ޖިނާން ހުރީ ތައްޔާރަށެވެ. އޭނާ ވަނީ ބަތޫލްގެ ޗާލު ކަމުގެ ޖާދޫގައި ގައިދު ވެފައެވެ. އެ ރީތި ކަމަށް ފެން ބޮވައި ގަނެފައެވެ.
“ވަރަށް ހެޕީ ވެއްޖެ…އަހަރެން ބޭނުންވި ކަހަލަ މީހެއްތީ،” ބަތޫލް ބުނެލިއެވެ.
ބަތޫލް ނަވީންގެ މަތިން ހަދާން ނެތުނީކީ ނޫނެވެ. އެހެންނަމަވެސް މާޒީގައި ކަމެއް ހިނގައިފައި ވާކަން ހާމަ ކުރާކަން ބަތޫލް ބޭނުމެއް ނުވިއެވެ. ބަތޫލާއި މެދު ޖިނާން ދެކޭނެ ގޮތް ނޭނގޭތީއެވެ.
“އަހަރެންވެސް….މާގިނަ ދުވަސް ނުކޮށް އަހަރެން ބޭނުން މެރީކުރަން…ރައްޓެހިވެގެން ގިނަދުވަސްތަކު އުޅުމަކީ އަހަރެން އެހާ ގަޔާވާކަމެއް ނޫން…އެހެން ނޫނަސް ވިޔަފާރީގައި މިހެން ބިޒީކޮށް އުޅޭއިރު އެހާ ވަގުތެއްވެސް ނޯވޭ،” ޖިނާން ހާމަކުރީ އޭނާގެ އެދުމެވެ. ޖީނާން ބޭނުންވާ ގޮތުގެ ވާހަކައެވެ. އޭނާގެ ބިޒީ ލައިފްގެ ވާހައެވެ.
“ތިހާ ބިޒީއިރު އިނދެގެން އަހަންނަށް ޓައިމެއް ދެވޭނެ؟” ޖިނާނާއި ދިމާއަށް ޝައްކުގެ ނަޒަރަކުން ބަލާލަމުން ބަތޫލް ސުވާލުކޮށްލިއެވެ.
“ބަތޫލަށް ނުދީ ދެން ކާކަށް އަހަރެން ޓައިމް ދޭނީ….ވިޔަފާރީގައި މިއުޅެނީ..އެކަން އަންޑަސްޓޭންޑް ވާން ވާނެ…ވިޔަފާރީގެ އިތުރުން ދެން ހޭދަކުރަންޖެހޭ ހުރިހާ ވަގުތެއް އަހަރެން ހޭދަކުރާނީ ބަތޫލް ކައިރީގައި…އެހެންވެ ފުރަތަމަ ދުވަހުވެސް އަހަރެން ވިޔފާރީގައި އުޅޭވާހަކަ މިބުނީވެސް،” ޖިނާން ހީލިއެވެ. އަދި ބަތޫލާއި ގާތްވެލިއެވެ.
އޭނާގެ ނޭވާގެ ހޫނުކަން އިހްސާސް ވާހައި ކައިރި ވެލިއެވެ. ބަތޫލްގެ ކަންފަތް ކައިރިއަށް މޫނު ގާތް ކޮށްލަމުން ކަންފަތަށް ފުމެލިއެވެ. ބަތޫލަށް ލޯމަރާލެވުނެވެ. އެފުރުސަތުގެ ބޭނުން ކޮށް ޖިނާން ބަތޫލްގެ ތުންފަތުގައި އިގިލި ޖައްސާލިއެވެ. ސިހިފައި ބަތޫލަށް ދުރަށް ޖެހިލެވުނެވެ.
“އަހަންނަށްވެސް އެނގޭ…ވިޔަފާރީގައި އުޅޭއިރު ބިޒީވާނެ ކަންވެސް…އަހަރެން މިބުނީ އަހަންނަށް ޓައިމް ދޭންވާނޭ…ފުރީ ވެއްޖިއްޔާ މިހާރުގެ ޒުވާނުން އުޅޭހެން އަބަދު ކެފޭތަކުގައި ކޮފީގައެއް ނޫނޭ އުޅޭނީ،” ބަތޫލް ފާޅުކުރީ އޭނާ ބޭނުންވާ ގޮތެވެ. އޭނާގެ އެދުމެވެ.
“އާދެ…އާދެ…ސާހިބާ…ތިހާ ރީތި ކަމަނާ އެއް ގޭގައި އިންތިޒާރީގައި ހުންނާނެ ކަން އެނގޭއިރު އަހަރެން ކިހިނެއް ގެއަށް ނައިސް ހުންނާނީ…މިހާރުވެސް ހީވަނީ ސާދަވިލޭރޭގެ ހަނދު ކުރިމަތީގައި މަޑުކޮށްލައިގެން ހުރިހެން،” ޖިނާންގެ ތައުރީފަށް ބަތޫލް ހިނިތުންވެލިއެވެ.
“އެނގެދާނެތާ…އިނުމުގެ ކުރިން ތަރިއާއި ހަނދާ ބާލާނެ…ނުވާހައި ވައުދު ވާނެ…އިނުމަށްފަހު ހުރިހާކަމެއް ހަނދާން ނެތޭނެ،” ބަތޫލް ބުނީ ގިނަ ކަން ކަން ވަމުން އައިސް ފައިވާ ގޮތެވެ. އެއް ގޮތަކަށް ވެސް އޭނާގެ ދިރި އުޅުމަށް ގޮތް ވާކަށް ބަތޫލް ނޭދެއެވެ.
“ނޫނޭ އެހެން ފިރިހެނުން ހެން އަހަރެން ނުވާނެ…ބަތޫލް ޔަގީންކުރޭ،” ޖިނާން ވާހަކަ ދެއްކީ ޔަގީންކަމާއެކުއެވެ. ޖިނާންގެ އަހުދާއި ވައުތުތައް ބަރާބަރަށް ހަނދާން ހުންނާނެކަމަށް ބުނަމުންނެވެ.
“މާލަސްވެސް ވެއްޖެދޯ…ދެން ގޮސްލިއްޔޭ…އަދި އެހެން ރެޔަކުން ޖައްސާލާނަން،” ޖިނާން ތެދުވިއެވެ.
“އެންމެ ރަގަނޅު…އަހަރެން އިންތިޒާރު ކުރާނަން،” ބަތޫލް ބުނެލިއެވެ.
ޖިނާނު ގެއިން ނުކުތެވެ. ޖިނާނު ގޮސް އޮބާލަންދެން ބަލަން ބަތޫލް ދޮރުކަނީގައި އަތް ވިއްދާލައިގެން ހުއްޓެވެ. ޖިނާންގެ ވާހަކަތައް ހުރީ ބަތޫލް ވަރަށް ހިތްހަމަ ޖެހޭ ގޮތަކަށެވެ. އެނެއްކޮޅުން ޖިނާންގެ މިޒާޖުވެސް ބަތޫލަށް ވަރަށް ކަމު ގޮސްފިއެވެ. ޖިނާނަކީ މަޑުމައިތިރި ސީރައަސް މިޒާޖެއްގެ ވެރިއެކެވެ. ޖިނާންގެ ކޮންމެ ލަފްޒެއް ބަތޫލްގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ޖިނާން ދިއުމުން ދޮރު ތަޅުލުމަށްފަހު ބަތޫލްވަނީ ބަތޫލްގެ ކޮޓަރިއަށެވެ. ނިދާ ހެދުމަށް ބަދަލުކޮށްލުމަށްފަހު އެނދުގައި އޮށޯވެލިއެވެ. ނިތް ކުރި މައްތީގައި އަތް ބާއްވާލަމުން ސީލިނގ އާއި ދިމާއަށް ބަލާލިއެވެ. މަޑުމަޑުން ވިސްނާލެވުނެވެ.
އޭނާއަށް މިދެވޭ މިސްރާބު ރަގަނޅު ބާއެވެ. ކުއްލިއަކަށް މި ހިޔާލު އައީ ކިހިނަކުން ކަންވެސް ބަތޫލަކަށް ނޭންގެއެވެ. އޭނާ އަމަލުކުރި ގޮތުން ނަވީނަށް ވާނެގޮތް ހިތަށް އެރިއެވެ. އެފަކީރު ވާނެ ދެރަ އިޙްސާސް ވިއެވެ. ބަތޫލްގެ ހިތުގައިވެސް ނަވީނަށް ޖާގައެއް ދެވިފައިވެއެވެ. އެހެނަސް މިއަދު އޭނާ އެދޭ ލޯބި ޔާރާއާއި ގުޅެވޭކަށް ނެތެވެ. ހަގީގަތުގައި ބަތޫލްގެ ފިޑިކަމުންނެވެ. ސިކުޑީގައި އުފެދުނު ވަސްވާސްތަކުގެ މައްޗަށް ބަތޫލް ނަފްސު ކޮންޓްރޯލް ކޮށްލިއެވެ. އަދި ނިދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
-ނުނިމޭ-
