“އެހެންވީމަ އެސޮރު މަރުވީމަ އެނޫންގޮތެއް ބަތޫލްއަކަށް ވެސް އޭނަގެ މަންމަމެން ނަކަށްވެސް ނޯންނާނެ…އެހިތާމައިގަ ބަތޫލް އުޅޭތަން ދެކޭކަށް އެމީހުން ބޭނުމެއް ނުވާނެ… އޭރުން ނަވީނަށް އެފުރުސަތު ލިބޭނެ،” އަހަންމައިދީ ޔަގީންކަމާއެކު ވާހަކަ ދެއްކިއެވެ.
ކޮންމެ ގޮތެއް ވިޔަސް ނަވީން ވެސް ބޭނުންވަނީ ބަތޫލް ހާސިލް ކުރާށެވެ. އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ބަތޫލް ހަދާށެވެ. ކޮންމެފަދަ ގުރުބާނީއެއް ވެގެން ނަމަވެސް ނަވީނަށް އެންމެ ރަގަނޅެވެ. ބަތޫލް ލިބެނިކޮށެވެ. އެހާވެސް ނަވީން ހުރީ ބަތޫލްގެ ލޯބީގައި ދިވާނާވެފައެވެ. މީހެއް މެރުމަކީ ކިހާ ބޮޑު ފާފައެއްކަންވެސް ނަވީން ހަނދާންނެތުނެވެ. އަދި މިވެދެވެނީ ނިކުމެވެން ނެތް ޖަންގައްޔަކަށް ކަން ނަވީންގެ ކޮށި ވިސްނުމަކަށް ނުވެސް ގެނެވުނެވެ. އަހަންމައިދީ އެއްމިޔަކަނުން ހީލަ ހީލާހުރިއެވެ. އޭނާގެ ތުންފަތަށް ވެރިވީ ކެހިވެރި ހިނތުން ވުމެކެވެ. އޭނާއަށްވެސް ފައިދާތަކެއް ވާނެކަން އަހަންމައިދީ ގަބޫލުކުރާކަން ކަށަވަރެވެ.
އަހަންމައިދީމެން ގެއިން ނުކުމެގެން ނަވީން ދިޔައީ ހިތްހަމަ ޖެހުމާއެކު ގައެވެ. އަހަންމައިދީ ދިން ކުޑަ ފުޅިއެއް ހިފައިގެންނެވެ. އެފުޅީގެ ތެރޭގައި އޮޅާލާފައި އޮތް ކުޑަ ކަރުދާސް ކޮޅެއް އޮތެވެ. ފުޅިއަށް ބަލާލަމުން ނަވީން ހީލިއެވެ. އަދި އެފުޅި ލައިގެން ހުރި ޖިންސްގެ ޖީބަށް ލިއެވެ. އޭނާގެ މޫނު ވަނީ އުފަލުން ފޮޅިފައެވެ. ކާމިޔާބީގެ އައްސޭރި އޭނާއަށް އަތުޖެހޭކަން ދެން ގިނަ ދުވަހެއް ނެތޭ ނަވީން ހިތާހިތުން ކިޔާލިއެވެ. އަދި ނަވީން ކުރާ ކަމަކުން މީހެއްގެ ފުރާނަ ދިޔައަސް އެކަމެއް ދިމާވީ ނަވީން ކުރިކަމަކުން ކަން އެނގޭނީ ކާކަށް ހެއްޔެވެ. އެރޭވުން ރޭވީ އަހަންމައިދީ އާއި ނަވީނާއި ދެމީހުންނެވެ. އެހެން އެކަކަށްވެސް އެރޭވުމެއް ނޭންގޭނެއެވެ.
ޖިނާން ހުރީ “ރަސް” ގޭގެ ސިޓިންގ ރޫމްގައި މަޑު ކޮށްލައިގެންނެވެ. ބަތޫލްގެ އިންތިޒާރުގައެވެ. ބަތޫލްގެ މަންމަ ސާލިފާއާއި ބައްޕަ ހާރޫން ސިޓިންގ ރޫމްގައި ޖިނާނާއި ވާހަކަ ދައްކަން ތިއްބެވެ. ބަތޫލް ކޮޓަރިން ނުނުކުމެ ގިނަ އިރުވެގެން ސާލިފާ ތެދުވެގެން މިސްރާބު ޖެހީ ބަތޫލްގެ ކޮޓަރިއާއި ދިމާއަށެވެ.
ސާލިފާ ދިޔައިރު ބަތޫލް ޑްރެސިންގ ޓޭބަލް ކައިރީގައި ލިޕްސްޓިކް ހިފައިގެން އިނެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ. އޭނާ ރޯން ބޭނުމެވެ. އެ ހިތުގައި ރިހުމެއް ވިއެވެ. އެހެނަސް އެ ކަން ފާޅުކުރެވޭ ކަށް ނެތެވެ. އެވާހަކަ އަޑު ހިއްސާ ކޮށްލާނެ ފަރާތެއް ނެތެވެ. މަންމަ އެހުރީ އޭނާ މުއްސަންޖަކާއި ދެވާން ފޫގަޅާލާފައެވެ. ދެން ހުރީ ކޮއްކޮ އެވެ. އޭނާ އަދި އެކަހަލަ ވާހަކަ އެއް ހިއްސާ ކުރެވޭ ވަރަށް ވުރެ ކުޑައެވެ.
“އަދިފުޅާ …ތިވަރަށް ރެޑީ ނުވިޔަސް ރަގަނޅުވާނެ…ސިޓިންގރޫމްގައޭ ތިބޭނީ” މަންމަ ސާލިފާގެ އަޑަށް ބަތޫލް ސިހިގެން ދިޔައެވެ.
“ތެދެއް ދައްތާ…މާވަރަކަށް ރީތި ތިވަނީ…ތިވަރަށް ފަރި ނުވިޔަސް ދައްތަ ހަޑިއެކޭ ނުބުނާނޭ،” ބަތޫލްގެ ކޮއްކޮ ވިރުދާ ދިމާކޮށްލިއެވެ.
“މިކޮއްކޮވެސް ނުބެހޭ ކަމެއްވެސް ނޯވެއޭދޯ،” ބަތޫލް ލޯއަޅާލިއެވެ.
“ދެން މަންމާ…ރީތި ނުވެލާ ނިކުންނަންވީ…އަހަންނަކަށް ނުވާނެ…މިނިމެނީއްޔޭ މަންމާ…އެބަ ނުކުންނަން،”
“އަވަސްކޮށްލައިގެން ނުކުމޭ… ދަރިފުޅާ ވިރުދާ ދަރިފުޅުވެސް ދެން ދައްތައާއި އެވަރަށް ދިމާނުކޮށްބަލަ، ” ކޮޓަރިން ނުކުންނަމުން ސާފިލާ ބުންޏެވެ.
ސާލިފާ ނިކުތްތާ މާގިނަ އިރެއް ނުވެއެވެ. މަޑު ނޫކުލައިގެ ހެދުމެއް ލައިގެން ހުރި ބަތޫލް ނުކުތެވެ. ބަތޫލް ފެނުމުން ޖިނާން ހިނިތުން ވެލިއެވެ. ޖަވާބުގައި ގަދަކަމުން ކަހަލަ ގޮތަކަށް ބަތޫލްވެސް ހިނިތުން ވެލިއެވެ. ކޮންމެ ގޮތެއް ވިއަސް އެހެން ކުދިންހެން އަމިއްލަ ނަފްސު އެދޭގޮތަށް ބަތޫލަކަށް ކުރިއަށް ދެވޭކަން ނެތެވެ. އެއީ ބަތޫލްގެ ފިޑިކަމުން ކަމަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް ބަތޫލް ދެކެނީ އެހެންނެއް ނޫނެވެ. އޭނާ އެހާ ބުރަ މަސައްކަތުން ބަލާ ބޮޑުކުރުމުން އޭނާގެ މައިންބަފައިންނަށް ފުރިހަމައަށް ކިޔަމަން ވުމަކީ ބަތޫލްގެ ޒިންމާއެކެވެ. އެހެން ނޫނަސް އޭނާގެ މައިންބަފައިން އޭނާއަށް ދެރައެއް ލިބޭނެ ގޮތަކަށް އެއްކަމެއްވެސް ނުނިންމާނެ ކަމަށް ބަތޫލް ޔަގީންކުރެއެވެ. ހިތުގައި ކިތަންމެ ރިހުމެއް ހުރި ނަމަވެސް އެރިހުން އޮބަހައްޓައި އެހިންދާލަން ބަތޫލް މަސައްކަތް ކުރަމުންދ ދިޔައީ އެހެން ވެގެން ނެވެ. އޭނާއަށް ދެން އޭނާ އެދޭ ލޯބި ޔާރާ އާއި ކައިވެނި ކުރެވެން ނެތަތީއެވެ.
“ދަރިފުޅާ އިށީދޭ…ދެކުދިން ވާހަކަ ދައްކާލާ…ބައްޕަމެން މިދަނީ ނިދާލަން…އެކަކަމު އެހާ ދަންވަންދެން ނުހުންނާތި..ނިދަންދަމުން ރަގަނޅަށް ދޮރު ތަޅުލާތި،” ބަތޫލްގެ ބައްޕަ ހާރޫން ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
ބަތޫލް ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. ހާރޫނާއި ސާލިފާ ކޮޓަރިއަށް ވަނެވެ. އެމީހުންގެ ދަރިފުޅު ބަތޫލާއި އޭނާ ވާންއުޅޭ ފިރިމީހާ ޖިނާނާއި ދެކުދިން ވާހަކަ ދައްކާލުމަށް ފުރުސަތު ދެމުންނެވެ.
“އެނެއްކާ ޖިނާނު އާއި ބުތޫލް ގަޔާވޭތަ؟…ކުއްޖަކާ ރައްޓެހިވެގެންތޯ އުޅެނީ ބަތޫލް ކައިރިން އަހައިލިންތަ؟” އެނދުގެ މަގަތުގައި އޮށޯވެލަމުން ހާރޫން ވާހަކަ ދެއްކީ ސާލިފާއާއެވެ.
ހާރޫނު ވެސް ދައްކާ ވާހަކަ…އެކުދިން ރައްޓެހިވާނެ މީހަކާ އިންނާނެ މީހެއް އެނގޭނީ އަހަރުމެންނަށޭ…މިޒަމާނުގައި އެހެންނޫނީ އޮންނާނީ ގޯޅި އަޅާފައި…ރައްޓިހިވެ އިނދެވޭ މީހެއްގެ ސަބަބުން ކިތައް މައިންބަފައިންނަށްތަ ކަރުނަ އަޅަންޖެހެނީ…ގިނައީ ޑްރަގަށް ގޮސް ހުސްވެފައި ހުންނަ މީހުން…އެހެންވީމަ މިބުނީ…އެނެއްކޮޅުން ދެކުނީމެއްނު ބަތޫލްގެ ހިނިތުންވެފައިވާ މޫނު…ކިހާ އުފާވެފައި އެމަންޖެ އެހުރީ،” ސާލިފާ ފަތިވަރު އަމުނާލިއެވެ.
“އޯކޭ އޯކޭ…އެމަންޖެ އުފަލުން ހުރިއްޔާ އަހަރެންނަށް އެނިމުނީ…މިހެން އަހާލިޔަސް ސާލިފާ ތިވަރު އަރުވާލާކަށް ނުވާނެއްނު،” ހާރޫން ހުރީ ކުޑަކޮށް ހިއްހަމަ ނުޖެހިފައިކަން އޭނާގެ ވާހަކައިން އެނގެއެވެ. ބަތޫލް އެއީ އޭނާގެ ވެސް ދަރިފުޅެވެ. ބަތޫލަށް ދެރަގޮތެއް ވެއްޖެ ނަމަ ހާރޫނަށްވެސް ދެރައެވެ. އެހެންކަމުން ކުދިންގެ ކަންތަކާއި ސާލިފާއާއި އެއްވަރަށް ހާރޫނުވެސް ވިސްނަން ޖެހެއެވެ. އެއީ އޭނާ ދެކޭ ގޮތްވެސް މެއެވެ.
“ހާރޫން މާ ވަރަކަށޭ ކަންތަކާ ތިޔަ ވިސްނަނީ…ހުރިހާ ކަމެއްވެސް ރަގަނޅުވާނެ…އެ ސޮރު އަހަރެމެން ދަރިފުޅު އުފަލުގައި ގެންގުޅޭނެ…އެއީ ތަނަވަސް އާއިލާއެކޭ،” ހާރޫން ގެ މަގަތުން އެނދުގައި އިށީންނަމުން ސާލިފާ ވާހަކަ ދެއްކިއެވެ.
-ނުނިމޭ-
