“ބަލާބަލަ މީހާގެ ސިފަ…ދެކުދިން ލިބުނުފަހުން ތި މީހަކު ހުރި ފާޑު…އަހަރެން ގެޔަށް އަންނައިރު ތިހުން ގޮތް..ފިރިމީހާ ފޫހިވާނެކަން ނޭންގޭތަ….ދެން މިހާރު ވަގުތު ފާއިތުވީމަ ކޮންވާހަކައެއް ތިޔަ ދައްކަނީ…އެހެން ނޫނަސް އަހަރެން ބަތޫލްއާއި އިނީ ބަތޫލްގެ ސިފަ ރީތިވީމަ…އަޅައިގަންނަ ގޮތެއް ހުރީމަ…މިހާރު އެއިންކަމެއް ނެތެއްނު…ޝުކުރު ކޮށްބަލަ އަހަރެން ބަތޫލްއާއި އެކު އުޅޭކަމަށްޓަކައި…ވަރިނުކޮށް ގެންގުޅޭ ކަމަށްޓަކައި،” މަލާމާތުގެ ރާގުގައި ޖިނާން ވާހަކަ ދެއްކިއެވެ.
ިނާން އެހެން ބުންޏަސް ބަތޫލްގެ ސިފައަކަށް މާބޮޑު ބަދަލެއް އައީއެއް ނޫނެވެ. ކުރިއެކޭވެސް އެއްފަދައިން ބަތޫލްއަކީ ރީތި ހަށިގަނޑުވެސް އެއްމިނެއްގައި ހިފަހައްޓަމުން އައި ޒުވާނެކެވެ. ހީވެއެވެ. ބަހަނާތައް ދައްކައިގެންވެސް ބަތޫލާ ދުރުވާން ޖިނާން އިންތިހާއަށް ބޭނުންވެއެވެ. ނޭންގެނީ އެހެން އެކަން ދިމާވާންވީ ސަބަބެވެ. ބަތޫލްދެކެ ފޫހިވެގެން ޖިނާން އުޅެނީ ކީއްވެކެމެވެ. އެންމެ ފަހުން ޖިނާން ބުންޏެވެ. ދަރިންނަށްޓަކައި ނޫންނަމަ ބަތޫލް މިހާރު ހުރީހީ ވަރިކޮށްފައެވެ. އެ އަޑު އެހުމަށް ބަތޫލް އަކަށް ކެތެއް ނުކުރެވުނެވެ. ޖިނާންނެ އެ ޖުމްލަތައް ބަތޫލްއަށް ވީ ވިހަގަދަ ޒަހަރަކަށެވެ. އެހެންކަމުން ބަތޫލްއަށް ހިންދިރުވާ ލެވުނީ ލޮލުން ކަރުނަ ފާއްދާލާ ހާލުގައެވެ.
“ހެޔޮނުވާނެ ޖިނާން އަހަރެން ވަރި ނުކުރާތި؟…އަހަރެން ބިކަވާނެ…ދެކުދިން އެކަނިވެރިވާނެ،” ޖިނާންގެ ފައިގާ އޮޅުލައިގަންނަމުން ބަތޫލް ރޮމުން ވާހަކަ ދެއްކިއެވެ.
“ތިކަން ވިސްނެންޔާ ދެންވެސް އަހަރެން ކުރާ ކަންތަކާއި ނުބެހި ހުރޭ….ހިތަށް އަރުވާލާ މީ ފަހުގެ އިންޒާރޭ،” ބަތޫލްގެ ކޮނޑުގައި ދެއަތުން ހިފައި ފިތާލުމަށް ފަހު އިގިލި ދިއްކޮށްލަމުން ޖިނާން އަމުރު ކުރިއެވެ. އަދި ބާރުބާރަށް ކޮޓަރީގެ ދޮރުފަތް ލެއްޕުމަށްފަހު ކޮޓަރިން ބޭރަށް ނުކުމެގެން ދިޔައެވެ.
ބަތޫލް އޮތީއެވެ. އޭނާގެ ލޮލުން ހޮސްލާފައި ކަރުނަތައް ފައިބަމުން ދެއެވެ. މަޑުމަޑު ގިސްލެވުމަކާއެކު ބަތޫލް ރޮމުން ދިޔައެވެ. އެނާއަށް މިއަދު އެއީ އާދައިގެ ކަމެކެވެ. އުފަލާއި ހިތްހަމަޖެހުމެއް މިއަދަކު އޭނާއަކަށް ނެތެވެ. އޭނާގެ ހުރިހާވެސް އުންމީދަކީ ކުޑަކުޑަ ދެކުދިންނެވެ. އޭނާ ދިރިހުރީ އެދެކުދިންގެ ހައްގުގައޭ ވެސް ބުނެވިދާނެއެވެ. ޖިނާންއަކީ ކުރިން ވެސް ރުންކުރު މީހެކެވެ. ރުޅިގަދަ މީހެކެވެ. ޒުވާބުކުރާ މީހެކެވެ. އެހެނަސް އޭނާ ދުވަހަކުވެސް ބަތޫލްގެ ގަޔަކު ނުޖަހައެވެ. ބަތޫލަކަށް އަނިޔާއެއް ނުކުރެއެވެ.
މައިންބަފައިން އޭނާ އެންމެ ލޯބިވީ ނަވީނާއި އިންނަން ގަބޫލް ނުވުމުން ބަތޫލަށް މަޖުބޫރީ ހާލަތުގައި ޖިނާނާއި އިންނަން ޖެހުނަސް އޭނާއަށް މަޑުމަޑުން ޖިނާނުގެ މައްޗަށް ހިތްޖެހެން ފެށީ ޖިނާން ރީތިކަމުންނެވެ. ހެދިހުރި ކަސްތަރީ ހަށިގަނޑެއްގެ ވެރި އެއް ކަމުންނެވެ. މޭމަތީގައި އިސްތަށިގިނަ ބައިމަތި ފުޅާ މުލައްދަނޑީގައި ވަރުހުރި ޒުވާނަކަށް ވީމައެވެ. އެހެނަސް މިއަދު……. އާހް އެވެ. އެހުރިހާ މަންޒަރެއް ފަރުދާ ވެއްޖެއެވެ. އެ ޖިނާން މަންޒަރުން ގެއްލިއްޖެއެވެ. ދެމީހުންގެ ދެމެދަށް މިއައީ ކާކުގެ ގިލަން ވެރިކަމެއް ބާއޭ ބަތޫލް ހިތަށްއަރައެވެ. ކާކުގެ އެސްފީނާއެއްގެ އަސަރު ބާއޭ ހިތާ ކިތަންމެ ދުވަހަކު ބަތޫލަށް ވިސްނަން އޮވެވެއެވެ.
މިރޭވެސް ބަތޫލަށް ނިދުނީ އެގޮތަށް ވިސްނަން އޮއްވައެވެ. ރޮވެމުން ދެނެވެ. ގިސްލެވެމުންނެވެ. ނިދީގެ ފުން ކަނޑުގެ ތެރެއަށް ރަގަނޅަށް ޣަރަގުވީ ކަން ނޭންގެއެވެ. ބާރަށް އަޅޭލަވައި ގަނެވުމާއެކު ބަތޫލަށް ތެދުވެ އެނދުގައި އިށީދެވުނެވެ. މުޅި މީހާ ދާހިތްލާ ފޯވެފައިވެއެވެ. ހިތް ބާރަށް ތެޅެމުން ދިޔައެވެ. ބަތޫލްގެ އަޑަށް ދެކުންދިން ހޭލައިގެ ރޯން ފެށިއެވެ. އެކުދިން މަސަލަސް ކުރުމަށް ބަތޫލް އަވަސްވެގަތެވެ. އޭރުވެސް ޖިނާން ގެއަކަށް ނާދެއެވެ. މިރޭ ރުޅިއައިސްގެ ދިޔަގޮތަށް އަނެއްކާ ކޮންތާކަށް ވަނީ ބާއޭ ބަތޫލް ހިތާހިތުން ކިޔާލިއެވެ. އެޔަށް ވުރެ ބޮޑަށް އޭނާއަށް ވިސްނެން ފެށުނީ ދެންމެއަކު ފުނުނު ހުވަފެނާއި ދޭތެރޭގައެވެ. ނޭންގޭ ފިރިހެނަކު ޖިނާން އަށް ހަމަލާދީ ވައްޓާލުމަށްފަހު ބަތޫލް އަތުގައި ހިފައިގެން އޭނާއާއެކު ގެންދަން މަސައްކަތް ކުރަނީއެވެ. ބަތޫލް ސަލާމަތް ކުރުމަކަށް ޖިނާންއަކަށް އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. ޖިނާން އޮތީ ގުޑާވެސް ނުލިވިފައެވެ. ބަތޫލްގެ ނުރުހުމުގައި އެމީހަކު ބަތޫލް އަތުގައި ހިފައި އޭނާގެ ކައިރިއަށް ގެންދަން މަސައްކަތް ކުރަމުން ދަނިކޮށް ބަތޫލަށް ހޭލެވުނީއެވެ.
“ކޮބާ ރެޑީތަ؟” ނަވީން ވާހަކ ދެއްކީ ތުގާއާއެވެ. ކުރިން އެއްބަސް ވެފައިވާ ގޮތަށް މިރޭ ރެސްޓޯރެންޓަކަށް ކާލަން ދިއުމަށް ބުނެފައިވާތީއެވެ.
“އަދި ތުގާއަށް ދީ 15 ވަރަކަށް މިނެޓް. ގާތްގަޑަކަށް 10:30 ގަ އާދޭ އެނގޭ،” ތުގާ ތައްޔާރުވަމުން ދިޔައެވެ.
ނަވީން އެންމެ ގަޔާވާގޮތަށް ހުރުމަށް ތުގާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަވީންގެ ހިތުން އޭނާއަށް ޖާގައެއް ލިބުނުކަން އެއީ ތުގާ އަބަދުވެސް ޝުކުރުވެރި ވާކަމެކެވެ. ނަވީން ހުރީ ގަޑި ބަލާލަ ބަލާލައެވެ. އޭނާ ގެ އިންތިޒާރު ދިގުލައިގެން ދަނީއެވެ. 15 މިނެޓްގެ އިންތިޒާރު ވެސް ގަޑި ދެގަޑި އިރު ކަމުގައި ނަވީނަށް އިހުސާސް ކުރެވުނެވެ. އެވަރުންވެސް ފަސްމިނެޓްކުރިން ނަވީން ސައިކު ގައި ގޮސްހުރީ ގުތާމެން ގޭ ދޮރުމަތީގައެވެ. އޭނަގެ އިންތިޒާރުގައެވެ.
“އޯކޭ…ދެން އާދޭ …ތުގާ ރެޑީ މިހާރު،” ނަވީން ފޯނު ނެގުމުން އަވަސް އަވަހަށް ތުގާ ބުނެލިއެވެ.
“އަހަރެން މިހުރީ ތިގޭ ދޮރުމަތީގައި ….ރެޑީގައި،” ނަވީން ޖަވާބު ދިނެވެ. ތުގާއަށް ހެވުނެވެ.
“އެޔޯ ހާދަ އަވަހަކަށް…. ގުޅީމަވެސް އާދެވޭނެއެއްނު،” ތުގާ ކޮޑުގައި ހޭންޑް ބޭގް އަޅުވާލަމުން ދޮރާދިމާއަށް މިސްރާބު ޖެހިއެވެ.
“ވާހަކަ ގިނަ ނުކޮށް ދެންވެސް އަވަހަށް އާދެބަލަ،” ނަވީން ހުރީ ކެތްމަދުވެފައެވެ. އެކަން އޭނާ ވާޙަކަ ދައްކާ ގޮތުންވެސް އެނގެއެވެ.
“ހޫނ..ހޫނ…. މިދަނީ..” ތުގާ ފޯނު ބޭއްވިއެވެ. އަދި މަންމަ ކޮޓަރީ ދޮރު ގައި ޓަކި ޖަހާލުމަށްފަހު ދޮރު ހުޅުވާލިއެވެ.
“މަންމާ …އެބައަންނަން ރައްޓެއްސަކާއެކު ބޭރަށް ގޮސްފައި..ތަންކޮޅެއް ލަސްވެދާނެ …މަންމަ ނިދާލާއެނގޭ” ތުގާ ބުންޏެވެ. އެއީ އޭނާގެ އާދައެކެވެ. ރޭގަނޑު ބޭރަށް ދަންޏާއި މަންމަ ކައިރީގައި ބުނެލާފައި ނޫނީ ތުގާ ބޭރަކަށް ނުދެއެވެ.
“ދަރިފުޅު އެކަމު އެހާ ލަސްނުވާތި؟” ތުގާގެ މަންމަ ފަޒްނާ އެދުނެވެ.
“އެހާ ލަހައްނުވާނޭ މަންމާ… ދެންދަނީ،” ތުގާ އަވަސް އަވަހަށް ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.
“ތުގާ އެދިޔައީ ކާކުގެ ސައިކަލު ފަތަށް އަރައިގެންތަ؟” ކޮޓަރިއަށް ވަދެވުމާއެކު ޔޫނުސް ސުވާލު ކުރީ ފަޒްނާއާއެވެ.
-ނުނިމޭ-
