“ބަތޫލް…ބަތޫލް…ކުދިވެރިން އަދިވެސް ނުނިދަނީ،” ގެއަށް ވަދެވުމާއެކު ޖިނާން ގޮވައިލީ އޭނާގެ އަންހެނުން ބަތޫލް އަށެވެ.
“އަނގަ މަޑުން ލައިގެން ހުރޭ… ބަތޫލް ނުކައި ހުރުމަކީ އަމިއްލަ ކަމެއް ..” ޖިނާން ރުޅި އަންނަން ޖެހޭ ވަރު އެއްޗެއް ބަތޫލަށް ބުނެ ވިއްޖެ ހެއްޔެވެ. މިހާރަކަށް އައިސް ޖިނާނަން އެ އަންނަމުން ދަނީ ކޮން ބަދަލެއް ހެއްޔެވެ. ދެކުދިން ލިބުނު ފަހުން އެމީހުންގެ އުފާވެރި ލޯބި ދިރި އުޅުމަށް މި ވާން ފެށީ ކިހިނެއް ހެއްޔެވެ.
“ލީން އަދި ނުވެސް ނިދައޭ” ކޯތާފަތުގައި އަތުން ފިރުމަމުން މަޑުމަޑުން ބަތޫލް ބުނެލިއެވެ. އޭނާޣެ އަޑުގައި މަޑުމަޑު ރިހުމެއް އެކުލެވިފައި ވާކަން ގައިމެވެ. އެކަން ނޭންގެނީ ޖިނާންނަށެވެ.
“ލީން ގޮވައިގެންވެސް ކާން ހެދޭނެ… ނޭންގޭތަ މިހެން ތެޅިތެޅިފައި އަންނަ އިރުގައި ބަނޑުހައިވެފައި ހުންނާނެ ވަރެއް…ގަމާރީތަ… އަދިވެސް ހުންނަނީތަ،” ޖިނާނުގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ. އިތުރު އަނިޔާއެއް ލިބުމުގެ ކުރިން ބަތޫލް އަވަސް އަވަހަށް ކާން ހަދަން ދިޔައެވެ.
ބަތޫލްއަކީ ރަށުގެ ނިސްބަތުން ވެސް ރީތި ޒުވާނެކެވެ. ދެކުދިން ކައިރިކައިރީގައި ލިބުނެއް ކަމަކު އޭނާގެ ރީތިކަމަށް މާބޮޑު ބަދަލެއް ނާދެއެވެ. ބަތޫލްއަށް ލިބިފައި ވަނީ ރީތި ބޮޑު ދެލޮލަކާއި ފަން އިސްތަށިގަނޑެކެވެ. އިސްކޮޅުން ކުރެވެ. ދިވެހި ދޮންކުލައެއް ލިބިފައި ވެއެވެ. އޭނާގެ ބައްޓަން ރީތިވެފައި ކަޅިރަވައިގެ އަސަރު ގަދައެވެ. އަދިވެސް ފިރިހެނުންގެ ކަތި ނަޒަރުތައް ބަތޫލްއަށް އަމާޒުވެއެވެ. އެތަށް ޒުވާނުންނެއް ބަތޫލް ހާސިލް ކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެނަސީބު ލިބުނީ ޖިނާންއަށެވެ.
ނަވީން އޮތީ އެނދުގައި އޮށޯވެލައިގެން ނެވެ. ރޭގަނޑު ބާރަ ޖަހާން އުޅޭ އިރުވެސް އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ނިއްކުރިމަތީގައި އަތް ބާއްވާލައިގެން ފުން ޚިޔާލަކަށް ގެއްލިފައި ނަވީން އޮތީއެވެ. އޭނާގެ މާޒީ ސިކުޑިއަށް ބަރުކުރަމުން ދިޔައެވެ. ބަތޫލާއި އެކު އުޅުނު އުފާވެރި ދުވަސްތައް އިއްޔެ ވީކަމެއްހެން ކުރިމަތީގައި ސިފަވަމުންދާ ކަހަލައެވެ. މަޑުމަޑުން މާޒީގެ ކަނޑުގެ ތެރެއަށް ނަވީން ޣަރަގުވަމުން ދިޔައެވެ.
“ހާދަލަހުން ތިއައީ…އަހަރެން މިތާ ހުންނަތާ ކިހާ އިރެއްތަ؟ ތިނޫން ވަރެއް ބަތޫލް އަކަށް ނުވެޔޭ ދޯ؟” އެއީ ނަވީންގެ އާދައެވެ. އޭނާއަށް ހީވާކަހަލައެވެ. ބަތޫލް ހުންނަން ވާނީ އޭނާއަށް ވަގުތު ހުސްކޮށްގެންނެވެ.
“ލޯބިއަށް ވެސް އެނގޭނެދޯ ކިހާ އުނދަގުލުންކަން އަންނަން މިޖެހެނީ. މަންމަމެންނަށް ނޭންގޭ ގޮތައް، ނޫނީ އޮޅުވާލައިގެން މިއަންނަން ޖެހެނީ. އެހެންވީމަ ލަސްވެސް ނާނެއެއްނު،” ބަތޫލް ތުމަށް ގޮތެއް ހަދާލިއެވެ. ނަވީނާއި ބައްދަލުކުރުމަށް އޭނާވާ ގުރުބާނީ ގެ އަގު ވަޒަން ނުކުރާތީ ބަތޫލް ވަރަށް ހިތްހަމަ ނުޖެހެއެވެ.
“އިޓިސް އޯކޭ….ދެން މޫޑީ ނުވެ މިތާ އިށީދެބަލަ. އެހެން ބުނިއެއްޗެއް ނޫނޭ. މާގިނަ އިރު އިންތިޒާރުކުރަންވީމާ އެހެން ބުނެވުނީ،” ބަތޫލްގެ މޫނުމައްޗަށް އައި ކުލަވަރުން ނަވީން އަވަސް އަވަހަށް ބުންޏެވެ.
“ވަރަށް އިތުބާރު ކުރަންވާނެ. އެވަރަށް ޝަކުވާ ކޮށްގެން ނުވާނެ އެނގޭ. އެހެންޏާ އަހަންނަކަށް ނޫޅެވޭނެ،” އިށީންނަމުން ބަތޫލް ބޭނުންވާ ގޮތް ހާމަކޮށްލިއެވެ.
“ހޫނ. ހޫނ. ދެން ނެތް އިތުރު ޝަރުތެއް. ކަމަނާގެ ހުރިހާ ޝަރުތަކާވެސް އަހަރެން ގަބޫލު. ކޮންމެ ގުރުބާނީއެއް ވެގެންވެސް އަހަރެން ބޭނުން ބަތޫލް ހާސިލް ކުރަން. އަހަރެން ބަތޫލް ދެކެ އެހާ ލޯބިވޭ. ބަތޫލްއާއި ނުލައި އެންމެ ހިދުކޮޅެއް ވެސް އަހަންނަކަށް ކެތެއް ނުވާނެ،” ބަތޫލް ހުށައެޅި ޝަރުތުތަކަށް އެއްބަސްވާކަށް ނަވީން ބޭނުމެއް ނޫނެވެ.
އެކަމަކު އޭނާއަށް ބަތޫލް ހާސިލްވާން އޮތީ އެކަންކަމަށް އެއްބަސް ވެގެންނެވެ. އެހެންކަމުން ހިތާ ދެކޮޅަށް ނަމަވެސް އެއްބަސްވާ ކަން ހާމަ ކޮށްލިއެވެ. ބަތޫލް އުފާކޮށްދިނުމަށެވެ. އެތައް ޒުވާނުންނެއްގެ އަމާޒަކަށް ވެފައިވާ ބަތޫލް އޭނާގެ ހުށައެޅުމަށް އާނ ބަސް ބުނީމަ ނަވީން ހުންނަނީ ފޮނިވެފައެވެ.
“މަންމަމެން ކައިރީ ބުނަންވާނެއެއްނު އަހަރެމެންގެ ގުޅުމުގެ ވާހަކަ. އަހަރެން ބޭނުން ވީހާވެސް އަވަހަކަށް މެރީކުރަން،” ބަތޫލް ގެއްލިދާނެތީ ނަވީންގެ ހިތުގައި ނުތަނަވަސްކަމެއް އަބަދުވެސް ހުރެއެވެ.
“އަދި ނެތެއްނު ނުބުނެވިފައެއް. އެހާ އަވަހަށް މެރީ ކުރަން ޖެހޭތެ،” ބަތޫލްގެ ޚިޔާލު ތަފާތެވެ. އެހާ އަވަހަށް މެރީ ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
“ކޮންމެ ހެން އަވަހަށް މެރީނުކުރިއަސް މައިންބަފައިންނަށް މިގުޅުން އެނގިފައޮތުން ރަގަނޅު ކަންނޭގެދޯ. ޔަގީން ބަތޫލް މައިންބަފައިން ނުގަބޫލު ވެއްޖެނަމަ އަހަންނާ ނީންނާނެކަން،” ނަވީންގެ ހިތް ނުތަނަވަސް ވުމަކީއެއީއެވެ.
ބަތޫލްގެ މައިންބަފައިން އެ ގުޅުމަށް މަރުހަބާ ނުކިޔާފާނެތީއެވެ. އެހެންވެއްޖެ ނަމަ އޭނާގެ ހުރިހާ އުންމީދެއް ފެނަށްވީއެވެ. ދެކެމުންދާ ހުވަފެންތައް ވިއްސިވިހާލިވީއެވެ. ނަވީން ކިތަންމެ ބޭނުން ވިއަސް ބަތޫލަށް އެވާހަކަ އޭނަގެ މަންމަމެން ކައިރީ އަދި ބުނާކަށް ނުކެރޭނެއެވެ. އެމީހުން އެ ގުޅުމަށް ހުރަސް އަޅާ ފާނެތީއެވެ. ނުރުހި ދާނެތީއެވެ.
“ތިހުރީ ނަވީން ވިސްނާގޮތް. ތިވަރަށް ނުވިސްނަބަލަ. އިރާދަކުރެއްވިއްޔާ ރަގަނޅުވާނޭ،” ބަތޫލް އަތުގެ އިގިލިތަކުން ނަވީންގެ ނިތްކުރި މައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް ރަގަނޅުކޮށްލަދިނެވެ.
“ބުނެބަލަ އަޅެ ބަތޫލް މައިންބަފައިންގެ ނުގަބޫލުގައި އަހަންނާ އިންނާނަންތަ؟”
“ތިދެން ކޮންކަމެއް. ނަވީންނަށް ރަގަނޅަށް އެނގޭނެ އަހަރެން މައިންބަފައިންނަށް އިހްތިރާމް ކުރާވަރު. އެމީހުން ނުގަބޫލު ކަމެއް ނުކުރާނެކަން. ދެން،” ބަތޫލްގެ އަޑުގައި ފޫހިކަން އެކުލެވިފައި ވިއެވެ. މިއަދި ނަވީން ދައްކަމުން ދިޔައީ އޭނާ އެއްގޮތަކަށްވެސް ހިތްހަމަ ޖެހޭ ޒާތުގެ ވާހަކައެއް ނޫނެވެ.
“ތީގެ މާނައަކީ އާނއެކޭދޯ. އަހަންނަށް ހީވަނީ ބަތޫލް އަހަރެންދެކެ ލޯބި ނުވަނީހެން . ލޯބި ވާނަމަ ކޮންމެ ފަދަ ހުރަހެއް ކުރިމަތިވިއަސް އެ ގިރާކޮށްފައި ބަތޫލް ހުންނާނީ އަހަންނާއެކު،” ނަވީން ބޭނުންވީ އޭނާގެ ކޮޅު އަބަދުވެސް މޮޅުވާށެވެ. އެހެންކަމުން އެންމެ ފަހުން ބަތޫލްގެ ބަލި ފައިގާ ނަވީން ހިފިއެވެ.
“ދެން ނަވީން….. ޕްލީޒް ތިހެން ވާހަކަ ނުދައްކަ ބަލަ…އަހަރެންގެ ހުރިހާވެސް މީހަކީ ތީ…އަހަރެން ނަވީންދެކެ އިންތިހާއަށް ލޯބިވޭ،” ބަތޫލަށް ރޮވުނެވެ. ނަވީންގެ ކޮޑުގައި ބޯއަޅާލައިގެން އޮވެއެވެ. ނަވީން ހިނިތުން ވެލިއެވެ. އަދި ބަތޫލްގެ ބޮލުގައި ފިރުމާލިއެވެ.
ދެލޯބިވެރިން ލޯބީގެ މަސްތުގައި ޖެހިފައި ހުއްޓެވެ. ކުއްލިއަކަށް ނަވީންނަށް ފެނުނީ އެމީހުން ތިބި ދިމާ މަތިން ބޯދުންގަނޑެއްގެ ތެރެއިން އަތެއް އަންނަތަނެއެވެ. ނަވީން ބަލަބަލާ ހުއްޓާ އަތް އައިސް ބަތޫލްގެ އިސްތަށިގަނޑުގައި ހިފިއެވެ. ނަވީންއަށް ކަމެއް ނުކުރެވިގެން އުޅެނިކޮށް މަޑުމަޑުން ބަތޫލް ގެ އިސްތަށުގަނޑުގައި ހިފާފައި ކޮޅަށް ތެދުއްވިއެވެ. ބަތޫލް ގެންދަން އުޅޭކަމުގެ އިހްސާސް ވުމާއެކު ނަވީން ބަތޫލްގެ ފައިގާ ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އެއަށްވުރެ ހަލުވިކަމާއެކު، ދަމައިގަތްގޮތަށް ދުންގަނޑުގެ ތެރެއަށް ބަތޫލް ގެއްލިގެން ދިޔައެވެ. ކުއްލިއަކަށް ނަވީންއަށް ހޭލެވުނެވެ. އޭރު މީހާވަނީ މާނޭވާ ލެވިފައެވެ. ހާސްވެ ކަންތައް ބޮޑުވެފައެވެ. ދެތިން މިނެޓް އެނދުގައި އިށީދެލައިގެން ހުރުމަށްފަހު މޫނު ފޮހެލިއެވެ. ނަވީންއަށް ފެނުނީ ހުވަފެނެކެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާގެ ހަދާންތަކުގެ ސަބަބުން އެބަދު ކަހަލައިން އެކަހަލަ އެތަކެއް ހުވަފެނެއް ނަވީންއަށް ފެނެއެވެ.
-ނުނިމޭ-
