“ނޭނގެ…ހީވީ ހިޔަންޏެއް ފެނުނުހެން…އެ ގަހާ ދިމާއިން،” ނަވީން އެތާ ހުރި ގާހާއި ދިމާއަށް އިޝާރާތްކޮށްލިއެވެ.
“އަސްލުވެސް…އަހަންނަކަށް ނުފެނޭ…ސާމާސާ ނުކުރައްޗޭ ނަވީން؟” ތުގާއަށް ތެދުވެވުނެވެ. ބިރުން ގަތުމުންނެވެ.
“ތުގާއަށް ނުފެނޭތަ؟” ތުގާއަށް ނުފެނުމުން ނަވީން ވެސް އިތުރަށް ހާސްވިއެވެ. އެހެން ވާންވީ ކީއްވެހޭ ހިތަށް އެރިއެވެ. އެހިޔަނި ހީވަނީ ނަވީން މެންނާއި ދިމާއަސް އަންނަ ހެން ވިއްޔާއެވެ.
“އާނއެކޭ… އަހަންނަކަށް ނުފެނޭ…ނަވީން އަހަރެން ބިރުގަނޭ…ހިނގާދަމާ،” ނަވީންގެ އަތުގައި ހިފަމުން ތުގާ އެނދުނެވެ.
ނަވީން ތުގާ އަތުގައި ހިފައިގެން އެއްގަމަށް ދިއުމަށް ހިނގައިގަތެވެ. އެ ހިޔަނި ނަވީންމެންނާއި ދިމާއަށް އަންނަހެނެވެ. އެކަމަކު އަޖައިބަކީ އެހިޔަނި ފެންނަނީ ނަވީނަށެވެ. ނަވީން ހިނގުން އަވަސްކޮށްލިއެވެ. ނަވީނާއި އެއްވަރަށް ތުގާއަށް ހިނގެނީވެސް ކިރިޔާއެވެ. ތަންކޮޅެއް މަޑުން ހިނގަން ތުގާ އެދުނުވެސް މެއެވެ. އެހެނަސް ނަވީން ހިނގުމަށް ހުއްޓުމެއް ނުގެނެއެވެ. އޭނާ ހުރީ އެއަށްވުރެ ބިރު ގަނެފައެވެ.
ރޭގަނޑު ނިދަން އޮތް އިރުގަވެސް ނަވީން ވިސްނަމުން ދިޔައީ ތުނޑިމަތިން ދިމާވި އެ ހާދިސާ އާއި ދޭތެރޭގައެވެ. އޭނާއަށް އެހިޔަނި ފެނުނީ ބިރުވެރި ސިފައެއްގައެވެ. ޖިނާންގެ ސޫރަ އޭނާއަށް އެ ހިޔަނިން ސިފަވިއެވެ. އެނެއްކަ ވާން މިއުޅެނީ ކިހިނަކުން ބާއޭ ނަވީންގެ ހިތަށް އެރިއެވެ. އޭނާއަށް މިފަދަ ބިރުވެރިކަމެއް ދުވަހަކުވެސް ދިމާވެފައެއް ނެތެވެ. އަދި މިގޮތަށް ބިރުން ކަމަކާއި ވިސްނަން އޮންނަން ޖެހިފައެއްވެސް ނެތެވެ. ނަވީނަށް ބަލާލެވުނެވެ. ގުތާ އާއި ދިމާއަށެވެ. ނަވީންގެ ބިއްދޮށުގައި އަރިއަކަށް އޮވެ ނިދާލާފައި ތުގާ އޮތެވެ. ނަވީންވެސް ނިދޭތޯ ތުގާ އާއި ދިމާއަށް އެނބުރިލަމުން ލޯމަރާލިއެވެ.
ޖެހިގެން އައި ދުވަހު ނަވީނަށް ހޭލެވުނީ ތުގާ ގޮވީމައެވެ. ރޭގައި ނިދުނުލެއް ލަސްކަމުން ހޭނުލެވުނީއެވެ. ނަވީން ތެދުވި އިރު ތުގާ ހުރީ ސައި ތައްޔާރުކޮށް ގޭތެރެ އާއި ގޯތި ތެރެވެސް ކުނިކާހާ ނިންމާލާފައެވެ. އެހެންކަމުން ދެމީހުން އެކުގައި ހެނދުނުގެ ސައިބޯން ފެށިއެވެ. ސައިބޮއި ނިމެން އުޅެނިކޮށް ނަވީން ގެ ފޯނު ރިންގުވާން ފެށިއެވެ.
“އޮފީހުން ޗުއްޓީ ނަގައިގެން އަޔަސް ހާދަ ބިޒީއޭދޯ…އަބަދު ފޯނު އައިސްފަ ތިހުންނަނީ….ކީއްތަ ވާނީ އެއްފަހަރުވެސް ތިފޯނު ނުނެގިއްޔާ،” ތުގާއަށް ބުނެވުނެވެ. ވާނީވެސް އެހެންތާއެވެ. އެހާ ބިޒީ ވީއްޔާއެވެ. އޮފީހުން ކޮންމެވެސް ކަމަކު ހުންނާނީ ގުޅާލަ ގުޅާލައެވެ.
“ސާބަސް އޮފީހަކުން ނޫނޭ…ޒަލަފް އެގުޅަނީ،” ނަވީން ތެދުވިއެވެ.
“ދަތުރު ކިހިނެއް؟” ނަވީން ފޯނު ނެގުމުން ޒަލަފް އަހައިލިއެވެ.
“ވަރަށް ސަޅި…ޗުއްޓީ އަދި އިތުރުކޮށްލަންވީ ކަންނޭންގެ،” ނަވީން ބުނެލިއެވެ. ރަށުގައި އުޅެން މާ ހިތްގައިމު ވީމައެވެ.
“އެހެންވާނެތާ….ފަސްޓް ލަވް އުޅޭނެ ވިއްޔަ،” ޒަލަފްއަށް އެހެން ބުނީ މަޖަލަކަށެވެ.
“އަހަރެން ތީގެ އެއްޗެއް ހިތަށްވެސް ނާރަ…ބަތޫލް އެއީ ދެން މާޒީއެއްނު،” ނަވީން ހެދީ ނުވާކަމަށެވެ. އެހެން ނޫނީ ޒަލަފް ދިމާކުރާވަރުން ސަލާމަތް ނުވާނެކަން އޭނާއަށް އެނގެއެވެ.
“އާނ…މާޒީ…..އެނގިދާނެ….އަހަރެން ހުންނާނަން ބަލަން،” ޒަލަފް ގަބޫލެއް ނުކުރިއެވެ. ވާނީވެސް އެހެންނެވެ. ނަވީން އުޅުނު ގޮތް އެންމެ ރަގަނޅަށް އެނގޭނެ އެކަކީ ހަމަ ގައިމުވެސް ޒަލަފް އެވެ. އެދުވަސްތައް ނަވީން ހޭދަކުރިގޮތް އެންމެ ގާތުން ދެކުނު އެކަކީ ހަމަ ގައިމުވެސް ޒަލަފްއެވެ.
“ޒަލަފް އާއި ޖެހިއްޖިއްޔާ ފޯނު ބާއްވަންވެސް ނޭންގޭދޯ؟” ގުތާ ގޮވާލި އަޑު އިވުނެވެ.
“ލަސްވީދޯ؟…އޯކޭ ނަވީން ބޭއްވީއްޔޭ؟” ގުތާ ގެ އަޑު އިވުމުން ނަވީން އެއްޗެއް ނުބުނަނީސް ޒަލަފް ފޯނު ކަނޑާލިއެވެ. ޒަލަފްގެ ކޯލް ނިމުމުން ނަވީން ގެއަށް ވަނެވެ. އޭރު ތުގާ ހުރީ ނަވީންގެ އިންތިޒާރު ގައެވެ.
“ސައި ހިހޫވެސް ވެއްޖެ…ފޯނެއްގަ ޖެހިއްޖިއްޔާ މި ނަވީނަށް ނޭންގޭނެ ކިތަންމެ ވަގުތެއްވިއަސް،” ތުގާ ހިތްހަމަ ނުޖެހޭކަން ދައްކާލިއެވެ.
“ހިތްހަމަ ނުޖެހުނީތަ؟…މިހާރު ނިމިފައޭ އެހުރީ،” ތުގާ ހުރިގޮތުން ނަވީން ބެނެލިއެވެ.
“ދެން ތިހެންވެސް ބުނެލިނަމަ…ތަށިތައްވެސް ނެގުނީސްތާ؟” ތުގާ ތަށިތައް ނަގަން ފެށިއެވެ.
“ސޮރީ ދޫނީ،” ނަވީން ތުގާގެ ގައިގާ ހަގްކޮށްލިއެވެ.
“ދެން ވަރަށް ސޮރީވެގެން،” ތުގާ ތުން އަނބުރާލިއެވެ. ނަވީނަށް ހެނވުނެވެ.
ވިއްސާރަ އުނޑުމަތި ބަނަ ދުވަހެކެވެ. ނަވީން ނުކުތީ ފިހާރައިން ނެވެ. ގެއަށް ބޭނުންވާ ބައެއް ތަކެތި ގަނެގެންނެވެ. އޭރު މެންދަރު ވާން ގާތްވެއްޖެއެވެ. ދުވަހަކީ އިރު އިރުކޮޅާ ވާރޭ ވެހިލަ ވެހިލާ އޮތް ދުވަހެކެވެ. އޭރުވެސް ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ ވެހިގަނެދާނެ ހެންނެވެ. އެހެންކަމުން ނަވީންގެ ހިނގުން ވެސް އަވަހެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުން ދިޔަ ނަވީނަށް ގެއާއި ހަމައަށް ފޯރާވަރެއް ނުވި އެވެ. ވާރޭ ވެހެން ފެށީއެވެ. އެހެންކަމުން ވޭރޭ ހުއްޓާލަންދެން ޖެހުނީ އެތާކައިރިން ގެއެއްގެ ނިވަތަށް ވަންނާށެވެ. ނަވީނާއި އެކު އެކީހެން އަންހެނެއް އެ ގޭގެ ނިވަތަށް ވަނެވެ. ނަވީން ރަގަނޅަށް އެމީހެއްގެ މޫނަށް ބަލައިލިއެވެ. އެއީ ބަތޫލެވެ. ބަތޫލް ފެނުމުން ނަވީނަށް އާދަޔާއި ޚިލާފު އިޙްސާސްތަކެއް ކުރުވިއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އޭނާގެ ހިތުގެ އެއްކަނެއްގައި އަދިވެސް ބަތޫލްގެ ވިންދު ޖަހައެވެ. އެއީ އޭނާއަށް ހާސިލްނުވި އޭނާގެ ހިތް އެދޭ ލޯބި ޔާރާއެވެ.
“ބަތޫލް…،” ނަވީނަށް ގޮވާލެވުނެވެ. އެ އަޑުގައި ވަނީ ޖަޒުބާތީ އަސަރެވެ. ޖައްވުގެ ފިނިކަމާއެކު ކަމަށްވެސް ވުން ގާތެވެ. ނަވީންގެ އަޑަށް އިސްޖަހާލައިގެން ހުރި ބަތޫލް އިސްއުފުލާ ބަލާލިއެވެ.
“ނަވީން…ކިހިނެއް؟” ނަވީން ފެނުމުން ބަތޫލް ހިނިތުން ވެލިއެވެ. ނަވީން ނެގީ އެއީ އޭނާއަށް ދިން ސިގްނަލެއްގެ ގޮތުގައެވެ.
“ރަގަނޅު… ފިރިމީހާ ނިޔާވި އަޑު އެހިން…ވަރަށް ދެރަދޯ؟ ކޮންތާކު އުޅެނީ…؟” ނަވީން އޮޅުން ފިލުވިއެވެ.
“ނިޔާވިއިރު ޖިނާން ހުރީ ގެވެސް ހަދާފައި…އެތާ ދެކުދިން ގޮވައިގެން މިއުޅެނީ…ގެއަށް އަންނަންވާނެ އެނގޭ،” ބަތޫލް ދައުވަތު ދިނެވެ.
“ވިއްސާރަވެސް ތުނި ކޮށްލައިފި….ހިނގާބަލަ ތިގެ ހުންނަ ހިސާބެއް ބަލާލާފައެއްނު ދާންވާނީ،” ނަވީން އެދުނެވެ. ބަތޫލް ހިނގައިގަތެވެ. ނަވީންވެސް ފަހަތުން ހިގައިގަތެވެ. މާދުރަށްކަށް ހިނގާކަށް ނުޖެހުނެވެ. ބަތޫލް ދައްކާލީ ކުޑަ ނަމަވެސް އެމީހުން ދިރިއުޅޭ ގެއެވެ. ފަހުން އަންނާނެ ކަމަށް ބުނަފެއި ނަވީން ދިޔައީއެވެ.
ބަތޫލާއި ދިމާވިފަހުން ނަވީން ވިސްނަމުން ދިޔައީ، އެންމެ ކަމަކަށެވެ. ބަތޫލާއި ބައްދަލުކުރުމަށް ހަނދާނެ ގޮތަކާއި މެދުގައެވެ. އެގެއަށް ދާނެ ގޮތަކާއި މެދުގައެވެ. ތުގާ އާއި ވަކިން ބޭރަށް ނުކުންނާނެ ގޮތަކާއި މެދުގައެވެ. އެންމެ ފަހުން ނަވީނަށް ރަގަނޅު ޚިޔާލެއް އައެވެ. އެއާއި އެކު ނަވީނަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. އުފަލުންނެވެ. އޭނާގެ ސިކުނޑިއަށް ރަގަނޅު ވިސްނުމެއް އައީތީއެވެ.
“ރައްޓެހި ގުރޫޕެއް އެނބަކިޔާ ކޮފީއަކަށް އަންނާށޯ…މިރޭ ދާނަން އެނގޭ،” ނަވީން އެދުނީ ތުގާ ގެ ހުއްދައަކަށެވެ. ޓީވީ ބަލަން ހުރެފައެވެ.
ނަވީން މަސައްކަތް ކުރީ ކޮފީގެ ނަމުގައި ބޭރަށް ނުކުމެވޭނެ ގޮތެއް ހޯދާށެވެ. ބަތޫލާއި ބައްދަލުކުރުމަށް މަގެއް ކޮށާށެވެ. އެކަމެއް ތުގާ އަކަށް ނޭނގެއެވެ. އެނގޭނީވެސް ކިހިނެއް ހެއްޔެވެ. ނަވީން ތުގާ އާއި ސިއްރުން އެހެން އަންހެނެއްގެ ކައިރިއަށް ގޮސްދާނެކަމަށް ތުގާ ހިތަކަށްވެސް ނާރައެވެ. އެހެންކަމުން ކޮފީއަށް ދިއުމަށް ތުގާ ހުއްދަ ދިނެވެ. އަވަހަށް ގެއަށް އަންނަން ވާނެ ކަމަށް ބުނަމުންނެވެ. ނަވީންގެ ތުންފަތުގައި ކުޅެލި ވިހަ ހިނިތުންވުން ތުގާ އަކަށް ނުފެނުނެވެ. އެހެންނަމަ ތުގާ އަށް އެނކަމުގެ ހުރިހާ ސިއްރެއް ހާމަވީސްކަން ޔަގީނެވެ.
ނަވީން މަޑުމަޑުން ބަތޫލްގެ ގޭގެ ދޮރުގައި ޓަކި ޖަހާލިއެވެ. ކުޑަ އިރުކޮޅެއް ފަހުން ބަތޫލް ދޮރު ހުޅުވާލިއެވެ. ވަގުތު ބަލައި ނަވީން އަވަސް އަވަހަށް އެތެރަށް ދެމިގަތެވެ.
“ނަވީން ކޮބާ އަންހެނުން؟…އޭނަ ނުގެންނަންތަ؟” ބަތޫލަށް އަހައިލެވުނެވެ. ބޭރު ބަލައިލަމުންނެވެ.
-ނުނިމޭ-
