ބަތޫލްގެ ހިތުގައިވެސް ނަވީނަށް ޖާގައެއް ދެވިފައިވެއެވެ. އެހެނަސް މިއަދު އޭނާ އެދޭ ލޯބި ޔާރާއާއި ގުޅެވޭކަށް ނެތެވެ. ހަގީގަތުގައި ބަތޫލްގެ ފިޑިކަމުންނެވެ. ސިކުޑީގައި އުފެދުނު ވަސްވާސްތަކުގެ މައްޗަށް ބަތޫލް ނަފްސު ކޮންޓްރޯލް ކޮށްލިއެވެ. އަދި ނިދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ނަވީން އިންތިޒާރު ނިމުމަކަށް އައީއެވެ. މިރެއަކީ ރަޖަބް މަހުގެ ސާދަވިލޭރެއެވެ. ނަވީން ތައްޔާރު ވެލިއެވެ. އަހަންމައިދީ ބުނެދިން ގޮތަށެވެ. ރެއަކީ ސާދަވިލޭރެއެއް ކަމަކު އުޑުމަތީގައި ފުސްވިލާ ގިނަ ރެއެކެވެ. ދުވަސްވަރަކީ ވިއްސާރަވެސް ދުވަސްވަރެކެވެ. ކޮންމެ ދުވަހަކުވެސް ވާރޭވެހޭ އިރު ކޮންމެވެސް ވަރަކަށް ވިދާ ގުގުރާ ހަދާވެސް މެއެވެ. އާންމު ގޮތެއްގައި ނަވީނަނީ ރޭގަނޑު އަތިރިމައްޗަށް ގޮސް އުޅޭ ފަރާތެކެވެ. އެހެންކަމުން ވިއްސާރަ ވައްތަރު ވިނަމަވެސް ނަވީން ޖެހިލުމެއް ނުވިއެވެ. އެހެންނޫނާސް ޖެހިލުން ވެގެން ބޭނުންވާ ކަންތައް ހާސިލް ނުކުރެވޭނެކަން ނަވީން ދަނެއެވެ. ރޭގަނޑުގެ ކޮއްތު ނިންމާލައިގެން ނަވީން ބޭރަށް ނުކުތެވެ. އޭނާގެ ޓާސްކް ފުރިހަމަ ކުރުމަށެވެ. މިރެއަކީ ކާކުގެ ނަސީބު އަތުގައި ހިފާނެ ރެއެއްބާއެވެ.
ނަވީން ހިނގަމުން ދިޔައީ ރަށުގެ ހުޅަނގު ކޮޅުން އަތިރިއަށް ދެވެން އޮންނަ މަގަ ކުންނެވެ. ހަނި މަގެކެވެ. ދެފަރާތުގައި ބިޔަ ގަސްތައް ހެދިފައި ވެއެވެ. ސާދަވިލޭރެއެއް ކަމަކު އުޑުމަތި ފުސްކަމުން ހަނދުވަރުގެ އަލިމަކެއް ނެތެވެ. އެހެންކަމުން މުޅި ހިސާބުގަނޑަށް ވެރިވެފައި ވަނީ އަދިރިކަމެވެ. ވަޔާއެކު ގަސްތައް ހެލިލާއަޑު އިވިލަ އިވިލާ ހުއްޓެވެ. ކުދި ސޫފިތަކުގެ އަޑު ކޮންމެވެސް ވަރަކަށް އިވެމުން ދިޔައެވެ. ނަވީން ހިނގަމުން ދާއިރު އަޅަމުންދިޔަ ފިޔަވަޅާއެކު، ހޯލިތަކާއި ގަސްތަކުން ވެއްޓިގައި ހުރި ހިކި ފަތްތައް މުގުރެމުންދާ އަޑު ވެސް އިވެމުން ދިޔައެވެ. ކުއްލިއަކަށް ކާޅުތަކެއް ގޮވަމުން އުދުއްސައި ގަތެވެ. ނަވީނާއި ދާދި ގާތުންނެވެ. ކުޑަކޮށް ޖެހިލުންވެ ހިތުގެ ހިނގުން އަވަސްވި ނަމަވެސް ނަވީންގެ ހިނގުމަށް ހުއްޓުމެއް ނުގެނެއެވެ. އޭނާގެ މަޤްސަދު ހާސިލްނުވެ ދާކަށް ނަވީން ބޭނުމެއް ނުވެއެވެ.
އަތިރިމައްޗަށް ފޭބުމާއެކު، ނަވީން މޫދަށް އެރެން ފެށިއެވެ. އޭރު ހިމަފޮދު ވާރޭވެސް ވެހެން ފަށައިފިއެވެ. ވައިވެސް ކޮންމެވެސް ވަރަކަށް ޖެހެއެވެ. އުނަގަނޑައި ހިސާބަށް ލޮނުގަނޑު ޖައްސާލާވަރަށް ބޭރަށް އެރުމަށްފަހު ނަވީން ގިބުލައަށް ފުރަގަސްވާގޮތަށް މަޑުކޮށްލިއެވެ. އަތުގައި އޮތް ކުޑަ ފުޅީގެ މަތި ހުޅުވާލުމަށްފަހު އޭގެ ތެރޭގައި އޮޅާލާފައި އޮތް ކަރުދާސްކޮޅު ނެގިއެވެ. އަދި ކަރުދާސްކޮޅު ލޮނުގެ ތެރެއަށް ގަންބާލިއެވެ. ކުޑަ އިރުކޮޅަކު ހުރުމަށްފަހު ނަވީން ފޯނު އަލިކޮށް ރަގަނޅަށް ބަލާލިއެވެ. ކަރުދާސްކޮޅުގައި ލިޔެފައިވާ ލިޔުންތައް ރަގަނޅަށްވެސް މޫދުގެ ލޮނުގަނޑުގެ ތެރެއަށް ފޭދިގެން ހިނގައްޖެއެވެ. އެހެންކަމުން އިތުރަށް މަޑުކުރުމެއް ނެތި، ނަވީން އެއްގަމަށް އަރަން ހިނގައިގަތް ވަގުތަކީ އަލި ވިދުވަރަކާއެކު ބާރު ގުގުރިއެއް ޖެހި ވަގުތެކެވެ. މުޅި ސަރަހައްދު އަލިވެގެން ދިޔަ އިރު ގުގުރީގެ އަޑު މިނެޓަކަށް ވުރެ ދިގު ދެމިގެން ދިޔައެވެ. ކަންފަތުގައި އަތް އަޅާފައި އުޑުފައިން ނަވީނަށް އިށީދެވުނެވެ.
ވިދުމާއި ގުގުރުން މަޑުކޮށްލިއެވެ. ފުސް ވިލާތައް މަޑުމަޑުން އުޑުމަތިން ކެހިގެން ދިޔައެވެ. ތަރިތަކާއި ހަނދުގެ އަލިކަން ދުނިޔެއަށް ކޮންމެސް ވަރަކަށް ފާޅުވާން ހުއްޓެވެ. ނަވީން އަވަސް އަވަހަށް އެއްގަމަށް އަރައި ފުރަތަމަ ޖެހުނު ގަހުގެ ގަސްގަނޑުގައި، ޖީބުން ނެގި ފިޔޮހި ވަޅިއަކުން މީހެއްގެ ސޫރަ ކުރަހަން ފެށިއެވެ. އަދި ރަގަނޅަށް މީހާގެ ސޫރަ ކުރަހައި ނިމުމުން އެސޫރައިގެ ބޮލާއި ދިމާއަށް މަރުތޭލެއްގެ ބޭނުންކޮށް މޮހޮރެއް ޖެހިއެވެ. ނަވީން ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. ފުންނޭވާއެއް ބޭރުކޮށްލީ ކާމިޔާބުކަމާއެކު މަސައްކަތް ނިންމާލެވުނު ކަމުގެ ހިތްހަމަޖެހުމާއެކުއެވެ. ލިބޭނެ މޮޅަށްޓަކައި އުފަލުން ހުރެ ނަވީން މިސްރާބުޖެހީ އެއްގަމަށް އަރާށެވެ. މަންމަ އަށް އެނގިދާނެތީ ނަވީން ގެއަށް ވަނީ ސިއްރު ސިއްރުންނެވެ.
“ކޮބާ މަންމަ މެން ނިދީތަ؟” ޖިނާން ހުރީ ބަތޫލާއި ވާހަކަ ދެއްކުމަށް ބާތޫލްމެން ގޯތީގެ ތެރޭގައި ހުރި އުދޯއްޔެއްގައެވެ. ޖިނާން ގެ ކޮޑުގައި ބޯ އަޅާލައިގެން ބަތޫލް އިނެވެ.
“ނިދައިފި ހެން ހީވަނީ…ޖިނާނަށް އާދެވެނީ މާލަހުން ވިއްޔަ…،” ބަތޫލް ސަކުވާ ކޮށްލިއެވެ.
“ހުރިހާ ދެވަހަކު މިހެން ނުވާނެ…މިއަދު އާ މުދާތަކެއް ގެނައި ދުވަހެއް ވީމަ…ވިޔަފާރި އިތުރަށް ފުޅާ ކޮށްލަން މި ވިސްނަވީ،” ބަތޫލްގެ ކޮލުގައި ހިފާލަމުން ޖިނާން ވާޙަކަ ދެއްކިއެވެ.
“އެހެން….މާދަން ތަންކޮޅެއް އަވަހަށް އަންނައްޗޭ؟” ބަތޫލް އެދުނެވެ.
“ކޮންމެ ދުވަހަކު ބައްދަލު ކުރަން ބޭނުންތަ؟” ޖިނާން ބަލައިލީ ބަތޫލާއި ދިމާއަށެވެ. ސުވާލުގެ ނަޒަރަކުންނެވެ. އާނ އެކޭ ބުނުމުގެ ގޮތުން ބަތޫލް ބޯ ޖަހައިލިއެވެ.
“އެހެންވީމަ ޓްރައި ކުރާނަން އެނގޭ…ހިނގާ ބަލަ ބޭރަށް ނުކުމެލަން ކެރޭނެތަ؟” ޖިނާން ސުވާލު ކޮށްލިއެވެ.
“ކީއްވެ ނުކެރެންވީ؟….ކޮންތާކަށް ދާންތަ؟” ބަތޫލް ވެސް ކޮށްލީ ސުވާލެކެވެ.
“ހިނގާލަން ތުނޑިއަށް….ހަނދުވަރުވެސް ދޭ ރެއެއް….އުނޑުމަތިވެސް ވަރަށް ސާފު…ވަރަށް ހިތްގައިމުވާނެ،” ޖިނާން ވާހަކަ ދެއްކި ގޮތުން އެކަމަށް އޭނާ ބޭނުން ވެފައި ހުރި ވަރު އެނގެއެވެ.
ބަތޫލް އެގަޑީގައި ތުނޑިއަށް ދާކަށް އެހާ ބޭނުމެއް ނޫނެވެ. ޖެހިލުންވެ ބިރު ގަންނާތީއެވެ. އެކިއެކި ވާހަކަތައް އަޑު އިވިފައި ވުމުގެ ސަބުބުން ނެވެ. އެހެން ވިޔަސް ޖިނާން ގެ އެދުމަށް ދެކޮޅު ހަދާކަށް ވެސް ބަތޫލަކަށް ނުކެރުނެވެ. އޭނާ އެއްބަސް ނުވެއްޖިއްޔާ ޖިނާނު ދެކޭނެ ގޮތެއް ވެސް ނޭންގޭތީއެވެ.
“ހިނގާ ދޯ ދަމާ ….،” ބަތޫލް ތެދުވިއެވެ. ޖިނާން ހިނިތުން ވެލިއެވެ. ބަތޫލް އެއްބަސް ވީމައެވެ.
ކުޑަ ވަގުތު ކޮޅެއް ފަހުން އެ ދެލޯބި ވެރިން ތިބީ ރަށުގެ ތުނޑި މަތީގައެވެ. ހަނދުވަރުގެ ރީތި އަލިން މުޅި ތުނޑި މަތި އަލި ވެފައި ވިއެވެ. ހިތް ގައިމު ހަމަ ހިމޭން ވަގުތު ޖިނާނާއި ބަތޫލް ނޫން އެހެން މީހަކު އެތަނުގައި ނެތެވެ. ކަނޑުން ހުޅި ނަގައިފައި އަންނަ ރާޅު މަޑުމަޑުން ގޮނޑު ދޮށުގައި ބީއްސާލަމުން ދިޔައެވެ. ބަތޫލް އިށީދެލައިގެން އިން އިރު ޖިނާން އޮތީ ބަތޫލްގެ އުނގުގައި ބޯ އަޅާލައިގެންނެވެ. އެ ހިތްގައިމު ވަގުތު އެހިތްގައިމު މާހައުލުގައި ދެ ލޯބިވެރިން އަހުދު ތަކާއި ވައުދު ތައް ވަމުން ގެންދިޔައެވެ.
“ކިހާ ހިތްގައިމު،” ޖިނާން ގެ މޫނަށް ބަލާލަމުން ބަތޫލް ބުނެލިއެވެ.
“ހޫނ….ބަތޫލް އަންނަންތަ ރޭގަނޑު ތުޑިއަށް،” ޖިނާން އެހިއެވެ.
“ކިހިނެއްވީ؟….ނާންނަން…އަދި ރޭގަނޑު އަލަށް މިއައީ،” ޖިނާންގެ އިސްތަށިގަނޑައި ކުޅެލަމުން ބަތޫލް ވާހަކަ ދެއްކިއެވެ.
“ދެންމެ ބުނި ގޮތުން އެހެން ހީވީ….އަހަރެން ބަތޫލް ދެކެ ވަރަށް ލޯބިވޭ….ހާދަ ރީއްޗޭ ބަތޫލް….ތި ލޮލުގައި ހިތްތައް ލަންބުވާލާ ޖާދުވީ ގޮތެއް ހުރޭ،” ޖިނާން ތައުރީފް ކޮއްލިއެވެ.
“ދެން ޖިނާން ވެސް …،” ޖިނާންގެ މޭގައި ޖަހާލަމުން ބަތޫލް ބުނެލީ ލަދު ގަތުމުންނެވެ.
އެވަގުތު ޖިނާން އަށް ހާސްވެގެން ތެޅެ ގަނެވުނެވެ. ކުއްލިއަކަށް ތެދުވިއެވެ. މެޔަށް ތަދެއް އެރި ޒާތުގެ ގޮތެއް ޖިނާނަށް އިހްސާސް ވިއެވެ. ކުޑަ އިރު ކޮޅެއް ފަހުން ހަށި ފުރާ ނޭވާއެއް ޖިނާން ލިއެވެ. ޖިނާނަށް ވީ ގޮތް ފެނިފައި ބަތޫލް ހުރީ ހާސް ވެފައެވެ. ކަންތައް ބޮޑު ވެފައެވެ. އޭނާ ޖިނާންގެ މޭގައި ޖަހާލި ވަގުތު އެހެން ވުމުން އަމިއްލަ ނަފްސު ކުއްވެރި ކުރިވިފައެވެ. ހަދާނެ ގޮތެއް ނޭންގި ހުއްޓުން އަރާފައެވެ. ހަމަޔަކަށް އެޅުމުން ޖިނާން ބަލާލީ ބަތޫލާއި ދިމާއަށެވ
-ނުނިމޭ-
