މާޒީގައި ކޮންމެ ގޮތަކަށް ކަންތައް ވެފައި ހުއްޓަސް ބަތޫލް އިސްކުރީ އިންސާނިއްޔަތު ކަމެވެ. އޭނާ އަށް ދުއްވައިގަނެވުނީ ފިރިމީހާ ޖިނާން ގެ ކައިރިއަށެވެ. އޭނާއަށް އެހީވުމަށެވެ.
ބަތޫލް އަވަހަށް ހެލްތް ސެންޓަރަށް ގުޅިއެވެ. އެމްބިއުލާންސް ފޮނުވުމަށް އެދުނެވެ. ކުޑަކޮށް ތައްޔާރު ވެލަމުން ކޮއްކޮކަށް ގުޅައި ވެގެން އުޅޭގޮތް ކިޔައިދިނެވެ. އަދި އޭނާ ހެލްތް ސެންޓަރަށް ގޮސްފައި އަންނަން ދެން ކުދިއްކައިރީގައި ހުރެދިނުމަށް އައުމަށް އެދުނެވެ. ބަތޫލް ގުޅިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެންބިއުލާންސް އައެވެ. ޖިނާން ވަގުތުން ހެލްތް ސެންޓަރަށް ގެނެވި އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދުނެވެ. ބަތޫލް އެ ކޮޓަރީގެ ބޭރުގައި މަޑު ކޮށްލައިގެން ހުއްޓެވެ. ޑޮކްޓަރު ވަގުތުން ޖިނާނަށް އެޓެންޑް ވިއެވެ. ހެލްތް ސެންޓަރ ގައި ހުރި ވަސީލަތްތައް ބޭނުން ކޮށް ޖިނާން ގެ ފުރާނަ ސަލާމަތް ކުރެވޭތޯ ކުރެވެން އޮތް ހުރިހާ ކަމެއް ޑޮކްޓަރާއި ނަރުހުން ކުރިއެވެ. އެކަމަކުވެސް އެމީހުންގެ މަސައްކަތް ވީ ނާކާމިޔާބެވެ. ޖިނާން މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކީއެވެ. ބަތޫލާއި ތުއްތު ތުއްތު ދެކުދިން އެކަނި ވީއެވެ.
ނަރުސް ކުއްޖަކު ނިކުމެ ޖިނާން ނިޔާވި ޚަބަރު ދިނުން ވެގެން ދިޔައީ ބަތޫލަށް ބަޔާންކުރަންވެސް ދަތި އިޙްސާސްތަކެއް ކުރުވި ވަގުތަކަށެވެ. އިވުނު ޚަބަރު ގަބޫލު ނުކުރެވިފައި ކުޑަ ހިނދުކޮޅަކަށް ހުއްޓުން އަރާފައި ބަތޫލަށް ހުރެވުނެވެ. ދެން ބާރަށް އަޑުގެ ނެތްތަނަށް ރޮއިގަނެވުނެވެ. ނަރުސް ކުއްޖާގެ އެހީގައި ޖިނާން އޮތް އިމަޖެންސީ ރޫމަށް ބަތޫލް ވަނެވެ. ޖިނާންގެ ފުރާނަ ނެތް ހަށިގަނޑުގައި ބައްދާލައިގެން އޮވެ ރުއެވެ. އޭނާގެ ހިތުން ޝަކުވާ ކުރެވުނެވެ. ބަޔާން ކުރަން ދަތި އެތަކެއް އިޙްސާސެއް ބަތޫލަށް ކުރެވެމުން ދިޔައެވެ. ޖިނާން ގެ މަރުގެ ޚަބަރަށް ބަތޫލްގެ ކޮއްކޮ ވިރުދާ ވެސް ދެކުދިން ގޮވައިގެން ހެލްތް ސެންޓަރަށް އައެވެ. އެކުދިން ވެސް ރޮނީއެވެ. ވިރުދާ އަށް ވެސް ރޮވެނީއެވެ. އެހެން ނަމަވެސް ބަތޫލްގެ ކައިރީގައި ހުރެގެން އޭނާގެ ކޮއްކޮ ނަސޭހަތް ތެރިވަމުން ދިޔައެވެ. ކެތްތެރިވުމަށެވެ. ހިތްވަރު ކުރުމަށެވެ. އެހެނަސް ބަތޫލް ގެ ހިތްވަރެއް ނެތެވެ. ފިރިމީހާ ވަކިވެ އެދިޔައީ އޭނާގެ ހަދާންތައް ބަތޫލަށް ދޫކޮށްފައެވެ. ކުޑަކުޑަ މައުސޫމް ދެކުދިންނާއި އޭނާ އެކަނިކޮށްފައެވެ.
ޖިނާންގެ ޖަނާޒާގެ ކަންކަމުގައި ރަށުގެ ގިނަ ބަޔަކު ބައިވެރިވިއެވެ. ބަތޫލަށް ތައުޒީޔާ ކިއުމަށް އެތައް ބަޔަކު އެގެއަށް ދިޔައެވެ. އޭރުވެސް ބަތޫލަށް ދިޔައީ ރޮވެމުންނެވެ. ކުޑަ ކޮށް ގިސްލެވެމުންނެވެ. ޖިނާނަކީ ފަހަކަށް އައިސް އަނިޔާ ވެރިއެއް ނަމަވެސް އޭނާ ދިޔައީ އާއިލީ ޒިންމާ އަދާކުރަމުންނެވެ. ހަގީގަތުގައި ދިރިއުޅުމުގައި ބަތޫލަށް ދަތިވާ އެއްކަމެއް ވެސް ނެތޭވެސް ބުނެވިދާނެއެވެ. އަމިއްލަ ގެދޮރު ބިނާ ކޮށް ދެކުދިންނާއި ބަތޫލަށް ބޯހިޔާވަހި ކަމެއް ޖިނާން ވަނީ ގާއިމްކޮށްދީފައެވެ. ހަގީގަތުގައި ފަހަކަށް އައިސް ޖިނާންގެ ފަރާތުން ބަތޫލަށް ލޯތްބާއި އަޅާލުން ލިބެމުން ނުދިޔައީ ބަޔެއްގެ އެސްފީނާއިން ކަމަށް ބަތޫލަށް ގަބޫލް ކުރެވުނެވެ. ހަމަ ކުއްލިއަކަށް ހުރެފައި ޖިނާން އަށް އެބަދަލު އަންނަން ޖެހުނު ސަބަބަކީ އެނޫން ދެވަނަ ކަމެއް ނޫންކަމަށް ބަތޫލަށް ގަބޫލް ކުރެވެއެވެ. އެހެންނަމަވެސް މިއަދު އެފިކުރު ކުރުމެއް ނެތެވެ. އެ ކަންކަމާއި ވިސްނައިގެން ވާނެ ފައިދާއެއް ނެތެވެ. ޖިނާން މިއަދު ދުނިޔޭގައި ނެތީމައެވެ.
ދުވަސްތައް އޭގެ ބާރު މިނުގައި ދައުރު ވަމުން ގޮސް ނަވީނާއި ތުގާގެ ކައިވެންޏަށް އަހަރެން ވާން ގާތް ކުރަނީއެވެ. އެހާ ހިސާބަށް ދިޔަ އިރުވެސް ދެމީހުންނަށް ކުއްޖެއް ނުލިބޭތީ ނަވީންގެ މަންމަ ކަންބޮޑުވުން ފާޅު ކުރިއެވެ. ނަވީން އޭނާ އުޅޭ ކޮޓަރިއަށް ގެންގޮސްފައެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ދުނިޔޭގައި ހުއްޓައި މާމާ އޭ ކިޔާފައި ގޮވާލާނެ ކުއްޖެއް ފެނުމަށް ނަވީންގެ މަންމަ ޒުހުދާ ވެސް ބޭނުން ވެއެވެ.
“ދަރިފުޅާ…މީ މަންމަ އަށް ދައްކަން އެހާ ފަސޭހަ ވާހަކައެއް ވެސް ނޫން…އެކަމަކު މަންމަ ވެސް ދުނިޔޭ ގައި ހުއްޓައި މާމާ އޭ ކިޔާފައި ގޮވާލާނެ ކުއްޖެއް ބޭނުންވޭ…ކުއްޖެއް ހޯދަން ނުވިސްނަންތަ؟” ނަވީންގެ މަންމަ ޒުހުދާ ވާހަކަ ދެއްކީ ނަވީނާއެވެ. އޭނާގެ ކައިރީގައި އެނދުގައި ނަވީން ބޭންދުމަށްފަހުއެވެ. އޯގާތެރިކަމާއެކުގައެވެ.
“ނޫނޭ މަންމާ….ވަރަށް މަސައްކަތް ކުރެވިއްޖެ…ތުގާވެސް ކުއްޖެއް ބޭނުން…އެކަމަކު އަދި ވަގުތު ނުޖެހެނޭ،” ނަވީން ހާމަ ކުރީ އޭނާ ދެކޭ ގޮތެވެ.
“މަންމަ އަށް ހީވަނީ ޑޮކްޓަރަށް ދައްކާލަން ވީހެން.،” ޒުހުދާ ވިސްނާލަން ހުރެފައި ބުނެލިއެވެ.
“ތިކަމާ ވިސްނާނަން…ތުގާ އާއި ތިކަމާ ވާހަކަ ދައްކާލާން މަންމާ…މަންމަ ކަންބޮޑު ނުވެބަލަ،” މަންމަގެ ބުރަކަށީގައި ފިރުމާލަމުން ނަވީން ބުނެލިއެވެ.
“ވިސްނަން ވީއެއް ނޫން…ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަންވީ،” ހިތްހަމަ ނުޖެހިފައި ޒަހުދާ ބުންޏެވެ.
ޒުހުދާ ހިތަށް އެރިއެވެ. ނަވީނަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ. އޭނާ ވެސް މާމަ ކިޔާނެ ކުއްޖެއް ބޭނުމެވެ. އެނެއްކޮޅުން ނަވީން ވެސް ދަރިއެއް ބޭނުން ވާނެ ނޫން ހެއްޔެވެ. ބައްޕާއޭ ކިޔާފައި ގޮވާލާނެ ކުއްޖަކަށް އިންތިޒާރު ކުރާނެ ކަން ގައިމެވެ. އެހެން ވީއިރު އެކަމަށް ލަސްކުރުމެއް ނެތެވެ. އެއީ ޒުހުދާ ގެ ޚިޔާލެވެ. އޭނާ ދެކޭ ގޮތެވެ.
“އާނ މަންމާ…އަހަރެން ތިކަން ކުރާނަން،” ނަވީން ބޭނުންވަނީ އޭނާގެ މަންމަ އަބަދުވެސް ހިތްހަމަޖައްސާފައި ބަހައްޓާށެވެ. އުފަލުގައި ގެންގުޅޭށެވެ. މުސްކުޅިވި ދުވަހު އެ މަންމައާއި ދެކޮޅަށް އެއްވެސް ބަހެއް ބުނާކަށް އޭނާ ބޭނުމެއް ނޫނެވެ.
އެ ދުވަހުގެ ރޭ ނިދަން އޮވެފައި ނަވީން އެކަމާ ފުރަތަމަ ފަހަރަށް މަޝްވަރާ ކުރީ ތުގާ އާއެވެ. ކުއްޖެއް ނުލިބި ގިނަ ދުވަސްތަކެއް ވާތީ ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ވާހަކަ ނަވީން ބުނުމުން ތުގާ ވެސް އެކަމަށް އެއްބަސް ވިއެވެ. ގުތާ ވެސް ކުއްޖެއް ބޭނުމެވެ. އެ އުނގު ފަޅުފިލުވާނާނެ ކުއްޖެއް ބޭނުން ނުވާނީ ކީއްވެ ހެއްޔެވެ. ތުގާ އެހާ ފަސޭހައިން ނަވީންގެ ޚިޔާލަށް އެއްބަސް ވުމުން ނަވީން އުފާވިއެވެ. ހިތްހަމަ ޖެހުނެވެ. އެހެން ކަމުން ގުޑް ނައިޓް ވިޝް ކުރަމުން ނަވީން ލޯމަރާލިއެވެ. އެމޫނުމަތި ފެންނަން ހުރީ އުޖާލާކޮށެވެ.
ހިނިތުންވެފައި ވާ އެ މޫނަށް ތުގާ ބަލަން އޮތީ ނުތަނަވަސް ކަމާއެކުއެވެ. ކުއްޖެއް ނުލިބޭތީ ޑޮކްޓަރަށް ދައްކަން ޖެހޭތީއެވެ. އެކަމުން ނިމުމެދާނެ ނަތީޖާ އަކާއި މެދު ތުގާ ވިސްނަން އޮތެވެ. ކުއްޖެއް ނުލިބުމުގައި މައްސަލަ އަކީ ކާކު ކަން ނޭނގުނަސް، ދެމީހުން ކުރެ މީހެއްގެ މައްސަލަ އެއް ހުރެއްޖެ ނަމަ ދެން ވާނެ ގޮތަކާމެދު ގުތާ ވިސްނަން އޮތެވެ. ނަވީން ކުއްޖެއް ބޭނުމެވެ. އިންތިހާއަށް ބޭނުމެވެ. އެކަން ތުގާ އަށް އެނގެއެވެ. އޭނާގެ ވާހަކަ ތަކުން އެކަން ޔަގީނެވެ. ހަމަ އެގޮތަށް ތުގާ ވެސް ކުއްޖެއް ބޭނުމެވެ. ނަވީނަށް ކުއްޖެއް ނުލިބޭނެމަ ތުގާ ނަވީނާއި ވަކިވާން ވީ ހެއްޔެވެ. ނަވީން ތުގާއާއި ދުރަށް ދާނީ ބާއެވެ. އެނެއްކާ ތުގާ އަށް ކުދިން ނުލިބޭނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ. ނަވީން ތުގާ އަށް ނުލާހިކު ރަގަނޅެވެ. އަޅާލައެވެ. ނަވީނަކީ ލޯތްބާއި ކުލުނުން ފުރިފައިވާ ހިތެއްގެ ވެރިއެވެ. އެފަދަ ފަރާތަކާއި ދުރަކަށް ތުގާ އެއް ނުދާނެއެވެ. ނަވީން އެފަދަ ނިތްމުމެއް ނިންމައިފިނަމަ، އެ ދުވަހެއް ވާނީ ތުގާގެ ފުރާނަ ހުއްޓަސް ނެތް މީހެއް ފަދައިންނެވެ. އޭނާ އަށް އެތައް ދުވަހެއް ފަހުން އޭނާ އެދޭ ފަދަ ލޯބި ޔާރެއް ކަމުގައި ވީ ނަވީނެވެ. ކިތަންމެ ފަދަ ބޮޑު ގުރުބާނީއެއް ވެގެން ނަމަވެސް ނަވީން ބީވެގެން ދާކަށް ތުގާ ބޭނުމެއް ނޫނެވެ. އެ ދުވަސް ދެކޭކަށް ތުގާއެއް ބޭނުމެއް ނޫނެވެ. އެ ކަހަލަ ދުވަހެއް ނުދައްކަވާތޯ ހިތާ ހިތުން ދުޢާ ކޮށްލެވުނެވެ.
ތުގާ ދެއަތައް ފުރޮޅިލަ ފުރޮޅުލަ އޮއްވާ ފަތިސްނަމާދު ވަގުތު ވިއެވެ. ފުން ޚިޔާލުގެ ތެރެއަށް ޣަރަގު ވެގެން ދިޔަލެއް ބޮޑުކަމުން ނިދިން މަހުރޫމު ވެފައި އޮއްވާ ފަތިސް ވީއެވެ. ތުގާ ތެދުވިއެވެ. ފާޚާނާ އަށް ވަދެ ވުޟޫ ކޮށްލައިގެން އައިސް ފަތިސް ނަމާދު ކޮށްލިއެވެ. ދެރަގޮތެއް މެދުވެރި ނުވޭތޯ ދުޢާ ކޮށްލިއެވެ. އެއަށްފަހު ނަވީނަށް ގޮވިއެވެ. ފަތިސްނަމާދު ކުރުމަށެވެ.
ނަވީނާއި ތުގާ އާއި ދެމީހުން މަޝްވަރާ ކުރި ފަދައިން ޑޮކްޓަރަށް ދެއްކިއެވެ. ކުދިން ނުލިބި ގިނަ ދުވަސް ވުމުންނެވެ. ޑޮކްޓަރު ދެމީހުންނަށް ވެސް ޓެސެޓް ތަކެއް ހެދުމަށް ދިނެވެ. ޓެސްޓެ ތަކުގެ ނަތީޖާ އާއި އެކު ހަފްތާއެއް ފަހުން ދައްކަން އަންނަން ބުންޏެވެ. ޓެސްޓްތައް ހެދީއްސުރެ ތުގާ ހުންނަނީ ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާގެ މޫނު މަތި މިލާ މޯޅިވެފައިވާ ފަދައެވެ. ތުގާ އަށް އައި ބަދަލު ނަވީނަށް ފާހަގަ ކުރެވިގެން އެހިވެސް މެއެވެ. އެހެނަސް މާބޮޑު ކަމެއް ނުވާކަމަށް ބުނުމުން ނަވީން ވެސް ފަހުން އެކަމާ އަޅައެއް ނުލައެވެ. ހަގީގަތުގައި އަޅައި ނުލަނީއެއް ވެސް ނޫނެވެ. އެ ދުވަސްކޮޅު ދިމާވީ އޮފީހުގައި ނުހަނު ބިޒީ ދުވަސްކޮޅަކާއެވެ. އޮފީހުގެ ފަރާތުން ކުރިއަށް ގެންދާ އިވެޓަކަށް ރެޑީވުމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ދުވަސްކޮޅެކެވެ. އެހެންކަމުން ގޭގައަށް އާދެވޭ އިރު އޮންނަނީ ރޭގަނޑު 11 ޖަހާފައެވެ. ގިނަ ރޭގައި ތުގާ އަށް އޮންނީ ނިދިފައެވެ.
-ނުނިމޭ-
