"ކުޑަކޮށް ކެތްތެރި ވެލާ…އަދި މިކިޔާދީނީ އެއްކަންތައް ….ދެން އޮތީ އެންމެ ބޮޑު ކަންތައް…ލިޔުންތައް ފޭދިގެން ދިޔާމަ…އެއްގަމަށް އަރާނީ … އެއްގަމަށް އަރާފައި ފުރަތަމަ ޖެހޭ ގަހެއްގައި ފިޔޮށްސަކުން މީހެއްގެ ސޫރަ ކުރަހާފައި މިދޭ މޮހޮރު ޖަހާލާ…މީހާގެ ސޫރައިގެ މެދަށް ޖަހާނީ…ކޮންމެސް ރަގަނޅަށް ސޫރައިގެ މެދަށް ޖެހޭތޯބަލާތި،" އަހަންމައިދީ ދިޔައީ ކުރަންޖެހޭ ކަންތައްތައް ތަފްސީލުކޮށް ނަވީނަށް ކިޔާދެމުންނެވެ.
އަހަންމައިދީ ކުރަން އެބުނަނީ ނަވީން ދުވަހަކު ކުރި ނުވަތަ ކުރަން ޚިޔާލަށްވެސް އަންނަ ޒާތުގެ ކަންތަކެއް ނޫނެވެ. އެހެންކަމުން ނަވީން ކުރީ ޖެހިލުންވެ ހިތް އަވަސް ވެފައެވެ. ނަވީން ވިސްނާލިއެވެ. އަނބުރާލާފައި ދާން ބޭނުންވާނަމަ، އޭނާއަށް ލިބޭނެ އެންމެ ފަހު ފުރުސަތަކީ އެއީއެވެ. ގޮސްފި ނަމަ ނަވީންގެ އެނދުމެއް ހާސިލެއް ނުވާނެއެވެ. އެނެއް ކޮޅުން ފަޑިއްތަ ސިހުރުގެ ތެރެއަށް ވަދެއްޖެ ނަމަ އެކަމުން ސަލާމަތެއް ނުވާނޭ މީހުން ބުނާ އަޑުވެސް ނަވީން އަހައެވެ. ކޮންމެ ގޮތެއް ވިއަސް ނަވީން އޭނާގެ ޒަމީރު ގޮވަމުން ދިޔައީ އެކަމާއިގެން ކުރިއަށް ދިއުމަށެވެ. ބަތޫލްގެ ލޯބި ކޮންމެ ފަދަ އަގެއް ދައްކައިގެން ނަމަވެސް ހާސިލް ކުރުމަށެވެ. ނިޔަތް ޚަރާބު ވެފައި ވުމާއެކު، އެނޫން ވިސްނުމެއް އެވަގުތު އޭނާގެ ކޮށި ސިކުނޑިއަކަށް ނުވެސް އައެވެ. އެހެން ކަމުން ނަވީނަށް ވިސްނުނީ އެކަމާއިގެން ކުރިއަށް ދާށެވެ.
"ތިކަން ކުރުމުން އަހަންނަށް ބަތޫލް ލިބޭނެ ގޮތަކީ ކޮބާ؟'" ނުހުރެވިގެން ނަވީނަށް އަހާލެވުނެވެ.
"މިކަން ނަވީން ރަގަނޅަށް ކޮށްފިނަމަ…ބަތޫލް އިންނަން އުޅޭ ސޮރުގެ ދުވަސް ދާނެ…ހަދާ އެއްޗެއް މިހަދަނީ ސީދާ އެސޮރު މަރާލަން،" އަހަންމައިދީ ޖެހިލުމެއް ނެތި ބުނެލިއެވެ.
ހަގީގަތުގައި އަހަންމައިދީ ހުރީ އެފަދަ ފުރުސަތަކަށް ބަލަ ބަލައެވެ. މަދުން ނަމަވެސް މީހުން ކުދި ކުދި ކަންތައްތައް ކޮށްލަދޭތޯ އަހަންމައިދީ ކައިރިއަށް އަންނާތީއެވެ. ވަރަށް ފަހަކުން އަހަންމައިދީގެ އަތައް އެރި ފޮތަކެވެ. އެފޮތުގައި މީހުންގެ ދުވަސް ދުއްވާލުމަށް ހަދާނެ ފަޑިއްތައް ލިޔެފައި ހުއްޓެވެ. އެތަނުން ފަޑިއްތައެއްގެ އަޖުމަ ބަލާލުމުގެ އުންމީދުގައި އަހަންމައިދީ ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަސީބު ދިމާ މިކުރީ އެކަމަށް އަހަންމައިދީ އެދިއެދި ހުއްޓައެވެ. އެހެންކަމުން އޭނާ އުފާ ނުވާވީ ސަބަބެއްވެސް ނެތެވެ. ނަސީބު ރަގަނޅުކަމުން މިފަހަރު އަހަންމައިދީގެ ކައިރިއަށް އައީ ވެސް ޒުވާން ސޮރެކެވެ. މާބޮޑަށް ދުނިޔޭގެ އާޖުފާޖު އަދި ނޭންގޭ އުމުރުގެ ސޮރެކެވެ. އެހެންކަމުން އަހަންމައިދީ ހުރީ އުފަލުންނެވެ. ފަސޭހައިން މި ޒުވާނާގެ ސިކުޑި ތެރެއަށް ވަދެވޭނެ ކަން އަހަންމައިދީއަށް އެނގެއެވެ.
"އޭނ.." ނަވީނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.
"އާނ…ތިއިވުނީ ރަގަނޅަށް….އޭނާ މަރާލަން،" އަހަންމައިދީ އަޑު ބަރުވެފައި ހަރުކަށިކަމެއް އެކުލެވިގެން ވެއެވެ.
ނަވީން ހިތަށް އެރިއެވެ. އޭނާ އެދޭ ލޯބި ޔާރާ ހޯދަން އެމަގުން ހިނގަންޖެހޭ ހެއްޔެވެ. އެނޫން ގޮތަކަށް ނަވީނަށް ބަތޫލް އޭނާގެ ހަޔާތަށް ގެނެވެން ހަމަ ނޯންނާނެ ހެއްޔެވެ. މީހެއް މަރުގެ ޒިންމާ ނަވީން އުފުލަންވީ ކީއްވެ ހެއްޔެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. ބަތޫލް އޭނާގެ ބައިވެރިއަކަށް ހެނދުމަށް ނަވީން ފެންބޮވައިގެންފައި ވާލެއް ބޮޑުކަމެވެ. އެކަމަށް ކަރުހިއްކައިގެންފައި ވާކަމެވެ. އެހާ ވަރަށް ލޯބީގެ މެހެފިލްތަކުގައި އުޅުމަށްފަހު ބަތޫލާއި ދުރުގައި ނަވީނަށް ކެތްކުރެވޭނީ ކިހިނަކުން ހެއްޔެވެ.
ބަތޫލް އެކަމަށް ކެތްކުރަނީ ކިހިނެތް ހެއްޔެވެ. ބަތޫލަށް އެގޮތް އެހާ އަވަހަށް ވަރިހަމަވީ ކީއްވެ ހެއްޔެވެ. ކިތަންމެ ފަހަރަކު ނަވީންގެ ހިތުގައި އެ ޚިޔާލުތައް އެނބުރެއެވެ. ހަގީގަތުގައި ބަތޫލްގެ ހާލަކީވެސް އެޔެވެ. ނަމަވެސް އޭނާ އަކީ މައިންބަފައިންނަށް ކިޔަމަންތެރި ދަރިއެކެވެ. އެމީހުން ގެ ބުނުމަށް އޭނާގެ ލޯބި ގުރުބާން ކުރީވެސް އެހެންވެގެންނެވެ. ބަތޫލް ވިސްނަނީ ދުވަސްކޮޅަކުން ނަވީންގެ ޚިޔާލުތަކުން އޭނާއަށް ދުރަށް ދެވޭނެކަމަށެވެ. ޒަވާޖީހަޔާތެއް ފެށުމަށްފަހު ކުރީގެ ހަދާންތައް ފޮހެވޭނެ ކަމަށެވެ. އަދި ނަވީން ވެސް އޭނާގެ ހަދާންތަކާއި ދުރައް ދާނެ ކަމަށެވެ.
"އެނޫން ގޮތެއް ނެތީ….އަހަރެން މިއައީ ބަތޫލްގެ ލޯބި ހާސިލްކުރަން….މީހަކާ ދުސްމަނު ކަމަކު ނޫން…ދެން ކީއްވެ،" ނަވީން ހައިރާންވެ ހުރެ އަހާލިއެވެ.
"ތިހާ ފިޑިންނަކަށް ކަމެއް ނުކުރެވޭނެ…ކުރިންވެސް ބުނިންދޯ އަހަރެންމީ ލޯބި ހާސިލްކޮށްދޭން ކަންތައް ކުރާ މީހެއް ނޫނޭ…ނަވީން ބޭނުންވަނީ ބަތޫލްއެއް ނޫންތަ؟" އަހަންމައިދީ ހަދާންކޮށްދިނެވެ. އެއްވެސް ކަމެއް ފިޑިވެގެން ހާސިލް ނުވާނެ ކަމެވެ. އަދި ބަތޫލް ކާމިޔާބުކުރުމަށް އަހަންމައިދީ އަށް ކޮށްދެވޭނެ އެހެން ކަމެއް ނެތްކަމެވެ.
"އަހަރެން ބަތޫލް ބޭނުން ..އެކަމު އެސޮރު މަރާލައިގެން އަހަންނަށް ބަތޫލް ލިބޭނެ.." ސުވާލު އުފެދޭ ފަދަ ނަޒަރަކުން ނަވީނަށް ބަލާލެވުނީ އަހަންމައިދީއާއި ދިމާއަށެވެ.
"އަހަންނަށް ކުރެވޭނެ ކަންތައް މިބުނީ…ނަވީން ބޭނުންނަމަ ކުރިއަށް ދާންވީ…އެހެންނޫނީ އަވަހަށް ނުކުމޭ،" އަހަންމައިދީ ކަން އޮތްގޮތް ކިޔާދިނެވެ. އެނޫންގޮތެއް ނެތްކަމަށް ބުންޏެވެ. ނަވީނަށް ވިސްނާކަން މާގިނަ ވަގުތެއް ނެތެވެ. ކުރިއަށް ދާން ބޭނުންނަމަ ނުކުމެގެން ދާންވީއެވެ. ނަވީން ވިސްނާލިއެވެ. ހަގީގަތުގައި މާ ބޮޑު އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ބަތޫލް ހާސިލް ކުރުމުގެ މަސްތުގައި އެސިކުނޑި ވަނީ ޣަރަގު ވެފައި ކަހަލައެވެ.
"އަހަރެން ބޭނުމީ ކުރިއަށްދާން…އެކަމު އެކަން ކޮށްގެން އަހަންނަށް ބަތޫލް ލިބޭނެ ކަމުގެ ޔަގީންކަން ބޭނުން،" ކުރުން ކުރި ސުވާލު ނަވީން ތަކުރާރު ކޮށްލިއެވެ.
އޭނާ ބޭނުންވަނީ އަހަންމައިދީ ކިބައިން ޔަގީންކަމެކެވެ. އޭނާއަށް ބަތޫލް ކާމިޔާބު ކުރެވޭނެކަމެވެ. ހަޔާތުގެ ކުރިއަށް އޮތް ތަނުގައި ބަތޫލާއެކު އުޅެވޭނެ ކަމުގެ ހިތްހަމަޖެހުން ލިބިގަތުމަށެވެ. ނަވީންގެ ހުވަފެންތަކުގައި ކޮންމެ ފަދަ ގުރުބާނީއެއް ވެގެންވެސް ކުލަ ޖެހިގެންދާނެ ކަމުގެ ޔަގީންކަން ހޯދާށެވެ. އެމަސައްކަތް ބޭކާރުވެގެން ނުދާނެކަން ޔަގީންކުރާށެވެ.
"ނަވީންދެކެ ބަތޫލް ލޯބި ނުވޭތެ؟" އަހަންމައިދީ ވެސް ކޮށްލީ ސުވާލެކެވެ.
"ވޭ އެކަމު އޭނަގެ މަންމަމެން ގަބޫލް ނޫނީ،" ނަވީން ޔަގީން ކަމާއެކު ބުނެލިއެވެ. އެހެނަސް ދެރަވެ ހުރެއެވެ. އެކަން އޭނާގެ މޫނު މައްޗަށް އަރައި ފައިބަމުންދާ ކުލަވަރުން ސާފުވެއެވެ.
"އެހެންވީމަ އެސޮރު މަރުވީމަ އެނޫންގޮތެއް ބަތޫލްއަކަށް ވެސް އޭނަގެ މަންމަމެން ނަކަށްވެސް ނޯންނާނެ…އެހިތާމައިގަ ބަތޫލް އުޅޭތަން ދެކޭކަށް އެމީހުން ބޭނުމެއް ނުވާނެ… އޭރުން ނަވީނަށް އެފުރުސަތު ލިބޭނެ،" އަހަންމައިދީ ޔަގީންކަމާއެކު ވާހަކަ ދެއްކިއެވެ.
-ނުނިމޭ-
