“ނަވީނަށް ކޯންޗެއް ބުނެވޭނީވެސް….ތިއެއް ނޫނޭ …ކިހިނެއް ވީއްޔޭ..ތުގާ މެންގެއަށް ދާންވީއޭ،” ޒަލަފް އޮޅުން ފިލުވިއެވެ. ތުގާމެން ގެއަށް ދައުވަތު އައި ވާހަކަ ނަވީން ބުނުމުން ނެވެ.
“އާނ…ތުގާ މައިންބަފައިން ބޭނުން ވެޔޯ އަހަންނާ ބައްދަލު ކޮށްލަން….އެހެންވެ މިރޭ ކެއުމަށާ އެއްކޮށް އެ ގެއަށް ދައުވަތު ދީފައި އޮތީ،”
“އެހެން….ބަފައިބެ ރުއްސާތި ކޮންމެ ހެން ހަދާފަވެސް…އޭރުން ތި ކައިވެނި ކުރެވޭނީ،” ޒަލަފް ހީގަތެވެ.
“ގައިމުތާ..،” ނިވީންވެސް ހުމުމުގައި ބައިވެރި ވެލިއެވެ.
ނަވީން ތައްޔާރު ވެލައިގެން ގެއިން ނުކުތެވެ. ސައިކަލަށް އެރުމަށް ފަހު މިސްރާބު ޖެހީ ތުގާމެން ގެއަށް ދިއުމަށެވެ. މިރޭ އެގެއަށް ދައުވަތު ދީފައި އޮތުމުންނެވެ. ނަވީން ގެ ސައިކަލް އެ ގެ ކައިރީ މަޑުކޮށްލި އިރު ނަވީންގެ އިންތިޒާރުގައި ތުގާ ހުއްޓެވެ. ނަވީން އައުމުން ހިނިތުންވަމުން ނަވީންގެ އަތުގައި ހިފައިގެން އެތެރެއަށް ވަނުމަށް ތުގާ ހިނގައިގަތެވެ. ނަވީނާއި ތުގާ ސިޓިންގ ރޫމަށް ވަދުން އިރު އެދެކުދިންގެ އިންތިޒާރުގައި ތުގާގެ މައިންބަފައިން ތިއްބެވެ.
“ދަރިފުޅާ ނަވީން…ކިހިނެއްތަ؟” ނަވީން އިށީނުމުން ޔޫނުސް ވާޙަކަ ދެއްކިއެވެ.
“ރަގަނޅު…ބައްޕަމެން ކިހިނެއް؟….ތުގާ ނުބުނޭ މިގެއަށް އަންނަނަން. އެހެންވެ ނާދެވެނީ،” ތުގާ އާއި ދިމާއަށް ބަލާލަމުން ނަވީން ބުނެލިއެވެ.
“އާނ..އެނގޭ ބުންޏަސް ނާންނާނެ ކަން….ދެން ކީއްކުރަން ބުނަންވީ،”
“ތި ދެކުދިން އެހަށް ބަހުސް މަޑު ކޮށްލަބަލަ…ބައްޕަ ވާޙަކަ އެއް ދައްކާލަން ވެގެން ނަވީން މި ގެނައީ….ދެން ނަވީން ވެސް މިގެއަށް އަންނަން ވާނެ… އަހަރެމެން ތުގާ ބަލާ ބޮޑުކޮށްފައި އެހުރީ ވަރަށް ލޯބި ދީގެން….ތުގާއަށް އުނިވާނެ އެއްވެސް ކަމެއް އިހްސާސް ނުވާނެ….ނަވީން ތުގާއާއި ގުޅެން ވާނީ އެގޮތަށް ގެންގުޅެ ވެންޏާ… މި ބުނީ އަނިޔާ ވެރި ވެގެން ނުވާނެ…..ލޯބި ދޭންޖެހޭނެ……ކަމެއް އުނިވެގެން ނުވާނެ…..ހިތްދަތި ކަމެއް ދީގެން ނުވާނެ….ބައްޕަ އުންމީދު ކުރަން ނަވީން މިކަންކަމަށް އެއްބަސް ވާނެ ކަމަށް،” ޔޫނުސް ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ. އެމީހުންގެ ހުރީ އެންމެ ކުއްޖެއްކަމުން ތުގާ ބަލާ ބޮޑުކޮށްފައި ހުރީ އަޅާލުމާއި ލޯތްބާއި ކުލުނު ވެރިކާއެކުގައެވެ. އެވެސް ކަމެއް އުނި ނުވާނެ ގޮތަށެވެ.
“އަހަންނަށް ވީ އެންމެ ރަގަނޅަކަށް ތުގާ އާއި ދޭތެރޭ ކަންތައް ކުރާނަން…..އިރާދަ ކުރެއްވިއްޔާ ތުގާ ހުންނާނީ އަހަންނާ އެކު އުފަލުން،” ނަވީން ޔަގީންކަން ދިނެވެ. އޭނާގެ ފަރާތުން ހުރިހާ ގޮތަކުން ވެސް ތުގާއަށް ރަގަނޅަށް ކަންތައް ކޮށްދޭނެ ކަމަށެވެ.
“ތި ދެއްކި ވާހަކަ އިން ބައްޕަ ވަރަށް އުފާ ކޮށްފިން…ބައްޕަ ގެ އެދުމަކީ ވީ އެންމެ އަވަހަކަށް ތި ދެކުދިން ކައިވެނި ކުރުން،” ތުގާ ދިރިއުޅުމެއް ފަށާ ދުވަސް އެއީ ޔޫނުސް އެތައް ދުވަހެއް ކުރަމުން އައި އުންމީދެކެވެ. އެކަން ފުރިހަމަ ވުމުގެ އުންމީދު އާލާވަމުން އަންނާތީ އޭނާ ހުރީ ނުހަނު އުފަލުންނެވެ. އޭނާގެ އަންހެނުން ފަޒްނާ ވެސް ހަމަ އެފަދައެވެ.
“އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ތިކަން ކުރާނަން،” މިހެން ބުނަމުން ނަވީން ބަލައިލީ ތުގާ އާއި ދިމާއަށެވެ. ހިނިތުން ވެލަމުންނެވެ.
“ހިނގާ ހުރިހާ އެންމެން ކާން ދަމާ،” ތުގާގެ މަންމަ ފަޒްނާ މިހެން ބުނުމުން އެންމެން ތެދުވެގެން ކާ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
އާދުވަހަކަށް ދުނިޔެ މަރުހަބާ ކިޔަމުން އައި ވަގުތެވެ. އިރުގެ ހޫނުކަން ބިންމައްޗަށް ވެރި ވަމުން ދިޔައެވެ. މަޑު ވައިރޯޅިއެއް ޖެހޭ އުޑުމަތި ބަނަ ވިލާ ބޯ ދުވަހެކެވެ. ބަތޫލް މިސްރާބު ޖެހީ އޭގެ ހުރި ހަމައެކަނި ކޮއްކޮ ވިރުދާ އާއި ބައްދަލުކުރުމަށް އެ ގެއަށެވެ. ބަތޫލް އެ ގެއަށް ދިޔަ އިރު ވިރުދާ ގޯތި ތެރެ ކުނި ކެހުމުގައި މަސްއޫލްވެގެން އުޅެއެވެ.
“ކޮއްކޯ….ހާދަ ބިޒީ ކޮށްލައިގެން،”
“ދައްތާ ކިހިނެއްވީ..ކިހިނެއް ވެފާ ތިހުރީ،” ބަތޫލް ގެ ނޫފައި ގެންފައި ހުރި މޫނާއި ނިތްކުރި މަތީގައި ހުރި ޒަޚްމް ފެނިފައި ވިރުދާ އަށް އަހައި ލެވުނެވެ.
“އެނގޭ ނު…މީ ޖިނާން ގެ ހެޔޮކަން..އޭނާ ގެ އޯގާތެރިކަން،” ބަތޫލަށް ރޮވުނެވެ.
“ދައްތާ….އަދި ވެސް ތި އަނިޔާ އަށް ކެތް ކުރަނީތަ؟…ދަރިންގެ ހައްގު ގައޭ ކިޔާފަވެސް ކެތް ކުރަންވާނީ ވަކި ވަރަކަށޭ ދައްތާ،” ވިރުދާއަށް ބުނެވުނެ
“ވިރުދާއަށް ވެސް ހެލްޕެއް ދެވޭކަށް އޮތީކީ ނޫން….ދެން އަހަންނަށް ކޮން ގޮތެއް އޮތީ،” ބަތޫލަށް ބުނެލެވުނެވެ. މާޔޫސީ ރާގެއް ގައެވެ.
“ހިނގާ ރިޕޯޓް ކުރަން،” ވިރުދާ އޭނާއަށް ފެންގޮތް ހާމަ ކުރިއެވެ. އެއީ ރަގަނޅު ވެސް ގޮތެކެވެ. ގެވެށި އަނިޔާއަށް ކެތްކޮށްގެން އުޅެގެން އެކަމެއް ހައްލެއް ނުވާނެއެވެ. އެކަން ބަތޫލަށް ވެސް ގަބޫލް ކުރެވެއެވެ. އެހެނަސް އޭނާއަށް ފަސްޖެހެވެނީއެވެ. އޭނާގެ ދެކުދިން ބިކަވެދާނެތީއެވެ.
“ނޫން…..އޭރު އަހަންނާ އަހަރެން ގެ ދަރިން ބިކަވާނެ…އަޅާލާނެ އެކަކު ވެސް ނުވާނެ…..އެކަކަމު ޖިނާން ހާދަ އަނިޔާ ވެރިޔޭ…..ރަހުމް ކުޑައޭ….ކުރިން އަހަރެން ދެކެ ކިހާ ލޯބި ވެގެންތަ އުޅުނީ….ނޭންގެ ވީ ގޮތް ވެސް….އިއްޔެ ވެސް އަތިރި މަތީގައި އަހަރެން ހުއްޓާ އައި ބީރައްޓެއްސެއްގެ ސަބަބުން މި ވަރު ކޮށްލީ…ވީ ގޮތް އޮޅުން ފިލުވާލި ނަމަވެސް،” ރޮވެމުން ބަތޫލް ވާހަކަ ދެއްކިއެވެ.
“ނުރޮއި ދައްތާ..ކެތްކުރަންވާނެ..ދައްތަ ބޭނުން ނުވޭ ވިއްޔަ ރިޕޯޓް ކުރަންވެސް..އަހަންނަށް ފެންނަނީ ދެން ތިގޮތަށް އަނިޔާ ކޮއްފިއްޔާ ދައްތަ ބައްޕަމެން ގެއަށް ބަދަލުވަން……ޖިނާން ގެ ކައިރިން ވަރިވާން…..އެނޫން ގޮތެއް ނެތެއްނު.،” ވިރުދާ ހާމަކުރީ އޭނާއަށް ދެން ފެންނަ ގޮތެވެ. އެ އަނިޔާއަށް ކެތްކޮށްގެން ދައްތަ ހުންނާކަށް ވިރުދާ ބޭނުމެއް ނޫނެވެ.
“ދައްތަ ވިސްނާނަން ތިކަމާ،” ބަތޫލް ވިސްނާލިއެވެ. އެބުނީވެސް ދޮގު ވާހަކައެއް ނޫނެވެ. އަނިޔާ އަށް ކެތްކުރަންޏާއި ކެއްކުރާހާ ވާނީއެވެ. އެކަމުން މިންޖުވާން މަސައްކަތް ނުކޮށެއް ވާކަށް ވެސް ނޯންނާނެއެވެ. އެހެން ނޫނީ އެކުދިން ބޮޑެތިވެގެން އަންނައިރު ފެންނަން ނުޖެހޭ އެތައް މަންޒަރަކާއި އިވެން ނުޖެހޭ އެތައް އަޑެއް އިވޭނެކަން ގައިމެވެ.
“ވިންސާނެ ކަމެއް ނެތް….އެހެން ހަދާ ދެން…….ސަރުކާރުން ދޭ އެއްޗަކާ ……ކުދިންގެ ޚަރަދަށް ލިބޭ އެއްޗަކުން ދައްތައަށް ވެސް އުޅެވޭނެ ….ނޫންތަ،” ވިރުދާ ވާހަކަ ދެއްކީ ބަތޫލަށް ހިތްވަރު ލިބޭނެ ގޮތަށެވެ.
“ތިވެސް ދޮގެއް ނޫން…..އަހަންނަށް ވެސް ނުވިސް ނުނީ….ދެން އެހެން ނުހުންނާނަން،” ބަތޫލްގެ އަޒުމް އާލާވިއެވެ.
“މިހާރު އެބަ ރަގަނަޅުވޭ…….ކޮބާ ކުދިވެރިން …..އެ ކުދިން ނާދޭތަ؟” ކުދިންގެ މަތިން ހަދާންވެގެން ވިރުދާ އަހައިލިއެވެ.
“ޔަޒްދާންވެސް އެހާ ހިތްހަމަ ނުޖެހޭތީ ……އެ ކުދިން ނުގެންނަނީ…..އޭނަ ވެސް އެހެން އުޅޭކަން ނުވާނެ ދޯ؟……ވިރުދާ ވެސް ވެއްޖެއްނު އެވާހަކަ ދައްކަން…..އެއްބަނޑު އެއްބަފައި ކަމުގެ ގުޅުން ބޭއްވެން ވާނެއްނު،” ބަތޫލް ހާމަކުރީ އޭނާ އާއި އޭނާގެ ކުދިން ދެކެ ކޮއްކޮގެ ފިރިމީހާ ހިތްހަމަ ނުޖެހޭތީ އެކަމެވެ
“އަހަރެން ދައްކަމޭ ދައްތާ…..އޭނަ ދަހި ކަމުން ޚަރަދެއް ކުރަން ޖެހިދާނެތީ ވާގޮތް އެއީ….ޔަޒްދާން އެހާ ގޯހެއް ނޫން،”
“ދެން ދަނީ އެނގޭ…ކޮއްކޮއާއި ބައްދަލު ކޮށްލެވުނީމަވެސް ވަރަށް ހިތްހަމަ ޖެހޭ،” ބަތޫލް ހިނގައިގަތެވެ. ގެއަށް ދާށެވެ.
މާ ގޮތް ބޮޑުކޮށް ޕާޓީ ބޭއްވުމަކަށް ނަވީން ބޭނުމެއް ނޫނެވެ. އެހެންކަމުން ތުގާ އާއި އޭނާގެ އާއިލާ ކިތަންމެ ބޭނުންވިއަސް ކައިވެނި ހަފްލާ ބޭއްވީ ކުޑަ ގޮތަކަށެވެ. ދެފަރާތުގެ އާއިލާގެ މެންބަރުން ނާއި ދެމީހުންގެ ރަހުމަތްތެރިން ކައިވެނި ހަފްލާގައި ބައިވެރިވިއެވެ. ކުޑަކުޑަ ހަފްލާއެއް ބާއްވާ ކައިވެނީގެ ގޮށުން ދެ ލޯބިވެރިން ބެދެވިގެން ދިޔައެވެ. ތުގާ އުންމީދު ކުރަމުން އައި ދުވަސް ހާސިލްވީއެވެ. އޭނާ އެދޭ ފަދަ ލޯބި ބައިވެރިއެއް އޭނާގެ ހަޔާތަށް އައީއެވެ.
“މިރޭ ހާދަ އުފާވެރި ދުވަހެކޭ ….ހާދަ ދިގު އިންތިޒާރެކޭ،” ތުގާ ފާޚާނާއިން ނުކުންނަމުން ވާހަކަ ދެއްކިއެވެ. ނަވީން އެނދުގައި އޮށޯވެލައިގެން އޮތެވެ. ތުގާ އާއި ދިމާއަށް ބަލަހައްޓައިގެން ހިނިތުން ވެގެންނެވެ.
“އަސްލުވެސް…އަހަރެން ވެސް…،” ނަވީން ތެދުވެގެން އައިސް ތުގާގެ ކޮޑަށް އަތް ވައްޓާލިއެވެ.
“ދެން ނަވީން އުޅޭ ގޮތެއް،” ތުގާ ދުރަށް ދާން އުޅުނެވެ.
ނަވީން ގެ ދެއަތުން ތުގާގެ ގައިގާ މަޑުމަޑުން ބައްދާލިއެވެ. ތުގާ ބަސްއަހާ ކުއްޖެއް ހެން ނަވީންގެ އުނގުގައި އިށީދެލިއެވެ. މި ވަގުތު ކޮޅަކީ ތުގާ ވެސް ނުހަނު އިންތިޒާރު ކުރަމުން އައި ވަގުތު ކޮޅެއް ކަމުގައި ވިއެވެ. ދެލޯބި ވެރިން އެކި އެކި ވާހަކަ ތަކުގައި މަސްއޫލު ވިއެވެ. ހިތްއެދޭ ޔާރާ ތުގާގެ މިލްކަކަށް ވީކަމުގެ އިޙްސާސް އޭނާއަށް ކުރެވެއެވެ. ތުގާ ގެ ހުރިހާ ވެސް އުންމީދަކީ ނަވީނާ އެކު އުފާވެރި ލޯބި ދިރިއުޅުމެއް އުޅުމެވެ. ދަރިން ހޯދައިގެން ހިތްހަމަޖެހޭ ދުވަސްތަކެއް ވޭތުކުރާށެވެ. އެހެނަސް ނަވީން ގެ ހިތުގެ އެއް ކަނެއްގައި ވަނީ ބަތޫލްގެ ތަސްވީރެވެ. އެދުވަސްތައް އެހަނދާންތައް ނަވީންގެ ހިތުގައި ފުހެލުމަށް ނަވީން ބޭނުމެވެ. ތުގާ އާއި އެކު އުފާވެރި ހަޔާތެއް ހޭދަކުރަން ނަވީން ވެސް ބޭނުމެވެ. ތުގާ އަށް އުފަލާއި ލޯބި އަބަދުވެސް ނަވީން ދޭނެއެވެ. ބަތޫލްގެ ހަނދާންތަކުން މިންޖުވެވުމަކީ ނަވީން އެންމެ ބޭނުންވާ ގޮތެވެ.
-ނުނިމޭ-
