“ދައްތާ އެނގޭތަ…ނަވީން އައިސް އެބައުޅޭ…ކައިރީގައި އަންހެންކުއްޖެއް ވެސް ހުރި…ހީވަނީ އަނބިމީހާހެން،” ވިރުދާ ވާހަކަ ދެއްކީ ބަތޫލާއެވެ. ބަތޫލް އުޅޭ ގެއަށް އައި މަގުމަތީގައި ނަވީން ފެނުމުންނެވެ.
“ހާދަ ދުވަސްކޮށްލާފައޭދޯ އެއައީ،” ބަތޫލް އަށް ބުނެވުނެވެ.
“އެހެންނެއްނު ވާނީ…ދައްތަ ނުލިބުނީމަޔޯ ދޯ ނަވީން ދިޔައީ،” ވިރުދާ ދިމާކޮށްލިއެވެ.
“ނޭނގެ މަށަކަށް….މިހާރު ދެން ތީ ކޮންވާހަކައެއް…..މާ ކުރީގެ ކަމެއްނު ތީ،” ފަރުވާ ކުޑަގޮތަކަށް ބަތޫލް ބުނެލިއެވެ.
އެތައް ޒަމާނެއް ވި ނަމަވެސް އޭނާގެ ހިތުގައި ނަވީންގެ ނަން ކޮންމެވެސް ވަރަކަށް ފެވިފައި ވެއެވެ. ވިރުދާ އެވާހަކަ ދެއްކުމުން އެ ހިތުގައި ނަވީނަށް ޓަކައި ލޯބީގެ ވިންދު އަލުން ޖަހަންފެށީ އެހެން ވެގެންނެވެ. ކިތަންމެ ނޫންކަމަށް ހެދި ނަމަވެސް އެ ހަނދާންތަކުގެ ތެރެއަށް ބަތޫލްގެ ހިޔާލުތައް ގެންދިޔައެވެ. އެމަންޒަރު އޭނާގެ ކުރިމަތީ ސިފަވި ކަހަލައެވެ. އެޚިޔާލުތަކުގެ ތެރެއަށް ފީނައި ގަނެވުނުލެއް ބޮޑުކަމުން ކައިރީގައި ވިރުދާ ހުރިކަންވެސް ހަނދާން ނެތުނެވެ. އޭނާ ސިއްސައިގެން ދިޔައީ ވިރުދާ ވާހަކަ ދައްކަން ފެށުމުންނެވެ.
“ދައްތާ….ކަމެއްވާ ނުވޭ.،” ބަތޫލް ހުރިގޮތުން ކޮނޑުގައި ޖަހާލަމުން ވިރުދާ ހީގަތެވެ. ބަތޫލަށް ވެސް ހެވުނެވެ. އޭނާއަށް އަމަލު ކުރެވުނު ގޮތުންނެވެ.
“ނަވީން ދެކިލަން ދާންވާނެދޯ؟” ވިރުދާ ބުނެލިއެވެ. ބަތޫލް ބުނާއެއްޗެއް ބަލާލާށެވެ.
“މިރަށުގައި އުޅެންޏާ ފެންނާނެއްނު…ތިބުނީ މީހަކާވެސް އިނދެގެން އުޅޭވާހަކަ…ދެން ކީއްކުރަން އެވަރަކުން ނަވީން ފެނޭތޯ އުޅެންވީ،” ވިރުދާ ހީކުރީ ބަތޫލް އެއްބަސް ވާނެ ކަމަށެވެ. އެހެނަސް އެކަން ވީ އެހެންނެއް ނޫނެވެ. މިހާރު ބަތޫލެ އެހާ ގަޔާވާ ކަމަކަށް އެކަން ނުވިއެވެ. ގަޔާވާކަމަށް ނުހެދީކަންވެސް ނޭނގެއެވެ.
“ހުރިހާ އެއްޗެއް ހަމަ ކޮށްލެވުނުތަ؟” ގެއަށް ވަންނަމުން ނަވީން ވާހަކަ ދެއްކީ ތުގާއާއެވެ.
“ހަމަވިކަމަށް މި ބަލަނީ…މަދީއްޔާ ގަންނަން ދެވޭނެއެއްނު،” ތުގާ ކުޑަކޮށް ކޮތަޅުތަކުގެ އެތެރެ ބަލާލިއެވެ.
“އިރުއިރުކޮޅާ އަހަންނަކަށް ފިހަރައަކަށް ނުދުވޭނެ،” ނަވީން ސިޓިންގ ރޫމްގައި ހުރި ސޯފާގައި އިށީނެވެ.
“މިރޭ ނުވެސް ނިދޭނެ ދޯ؟…ވަރަށް ހަނދުވަރުވެސް ރީއްޗެއްނު…މިރަށުގެ ތުނޑި ރީތިވާނެތަ؟…ހިނގާބަލަ ދާން،” ތުގާ އެދުނެވެ.
ހިނގާލަން ދިއުމަށެވެ. އެރޭގެ ހިތްފަސޭހަ ކަމުންނެވެ. ތުގާގެ އެދުމަށް ނަވީންވެސް ދެކޮޅު ހަދާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާވެސް ތުނޑިއަށް ދިއުމަށް އެއްބަސްވިއެވެ.
ރޭގަނޑުގެ ފުރަ މެންދަމުގެ ވަތުތެވެ. ނަވީން މިސްރާބު ހުރީ ރަށުގެ ތުނޑިއާއި ދިމާއަށެވެ. ތުގާގެ އަތުގައި ހިފައިގެންނެވެ. ހަނދުވަރުގެ އަލި ގަސްތަކުގެ ތެރެއިން ފުރޭނެގެން ބިންމައްޗަށް ފެތުރިފައި ވެއެވެ. ކޮންމެވެސް ވަރަކަށް ދޭތެރެއަކުން ގޮވާލާ ކާޅެއްގެ އަޑު ފަޒާއިން އިވެމުން ދިޔައެވެ. ތުނޑިއާއި ގާތްވި ވަރަކަށް ގޮނޑުދޮށަށް ޖަހަމުންދިޔަ ރާޅުގެ ހިތްގައިމު އަޑު އިވެމުން ދިޔައެވެ. މަޑު ފިނި ރޯޅިއެއް ވަމުން ދިއުމުން ރޭގެ ފިނިކަން އިހްސާސް ވެއެވެ.
“އަހަރެން ހިތަށް އަރާ މީގެ ރަށެއްގައި އުޅެވޭނެ ނަމައޭ…މާލެ އާއި ބަލާފައި ކިހާ ހިތްގައިމު…ކިހާ ހިތްފަސޭހަ،” ނަވީންގެ އަތުގައި ހިފައިގެން ހުރި ތުގާ ވާހަކަ ދެއްކިއެވެ.
“އަހަރެންވެސް….އެކަމަކު ޖޮބާ ހުރިހާ ވަސީލަތެއް އެހުރީ މާލޭގައެއްނު ދެން،” ނަވީން ހާމަ ކުރީ އޭނާ ދެކޭ ގޮތެވެ.
“ތިވެސް ދޮގުވާހަކައެއް ނޫން…އެކަމަކު ކޮންމެވެސް ދުވަހަކުން އަހަރެމެން ވާނެ…މިރަށަށް ދިރިއުޅުން ބަދަލުކުރަންދޯ؟” ތުގާ ހިޔާލުކުރަމުން ދިޔައީ ކޮންމެވެސް ދުވަހަކުން ރާއްޖެތެރޭގައި ދިރިއުޅުމަށެވެ. އޭނާއަށް ނަވީންމެންގެ ރަށަށް އާދެވުނީއްސުރެ ވިއްސެމުން ދިޔައީ އެކަމާއެވެ. އެހެންކަމުން އެވާހަކަ ނަވީނާއި ހިއްސާކުރިއެވެ.
“އަހަރެންވެސް އުންމީދަކީތީ،” ނަވީން ބުނެލިއެވެ. ތުގާ ހިނިތުން ވެލިއެވެ. އޭނާ އެދޭގޮތަށް ނަވީންގެ އުންމީދުތައް ހުރީމައެވެ.
އެވަގުތަކީ ނަވީންމެންނަށް ރަށުގެ ތުނޑިއާއި ހަމައަށް ދެވުނު ވަގުތެވެ. ތުނޑީއެ އެމާހައުލަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ރީތި ބޮޑު ފަސްގަނޑެއް މުޅި ސަރަހައްދުގައި ވިއެވެ. ހަނދުވަރުގެ އަލިން މުޅި ހިސާބުގަނޑަށް ހިތްގައިމުކަން ވެރިކުރުވާފައި ވިއެވެ. ތުގާ ހިނިތުން ވެލިއެވެ. ނަވީނަށް ކުޑަކޮށް މަޑު ޖެހެލެވުނެވެ. އެއީ ނަވީން ވެސް އެއްދުވަސްވަރެއްގައި ވަގުތުތައް ހޭދަކުރިތަނަކަށް ވީތީއެވެ. އެ ހަނދާންތައް އާލާވީތީއެވެ. އެހެނަސް ތުގާ އުފާވެފައި ހުރިތަން ފެނުމުން ނަވީންވެސް ކުރިއަށް ހިނގައިގަތެވެ.
“މިވެލިގަނޑުގެ މަތީގައި އިށީދެލައިގެން ކިތަންމެ އިރަކު އިންނަންޖެހުނަސް ފޫހި ނުވާނެކަން ޔަގީން…ކޮންމެ ރެއަކުވެސް މިތަނަށް އަންނަން ވާނެ ދޯ؟” ތުގާ ތުނޑީގެ ހިމުން ވެލިގަނޑުގެ މަތީގައި އިށީނެވެ. އެހެނަކަމުން ނަވީނަށްވެސް މަޖުބޫރުވީ އިށީންނާށެވެ.
“އަހަރެންވެސް…ކޮންމެ ރެއަކު އެމަކު ނާދެވެނޭ އެނގޭ،” ނަވީން ބުނެލިއެވެ.
“ދެން އެކަމުލޯބީ….މިރަށުގައި ހުންނަ އިރު ކޮންމެރެއަކު އަންނަންވާނެ…ކިހާ ހިތްގައިމުތަ؟” ކޮންމެ ރެއަކު ނާދެވޭނެ ވާހަކަ ބުނުމުން ތުގާ ހިތްހަމަ ނުޖެހުނެވެ.
އޭނާ ބޭނުންވަނީ ކޮންމެ ރެއަކުވެސް އެ ހިތްގައިމު މާހައުލުގައި ހުރެލުމަށެވެ. އެ ހަމަހިމޭން ހިތްފަސޭހަ ކަން ލިބިގަތުމަށެވެ. މާލެ ދިއުމުން އެފަދަ ފުރުސަތެއް ދެން ނުލިބޭނެކަން ތުގާ އެނގޭތީއެވެ. ނަވީން އެކަމަކު ބުނީ ހަގީގަތެވެ. އެ ތުނޑިވެސް ކޮންމެ ރެއަކު ހިތްގައިމެއް ނުވާނެއެވެ. އެކަން ތުގާއަށް ނޭނގެނީކަން ގައިމެވެ.
“އެހެންނެއް ނޫނޭ މިބުނީ…ހަނދުވަރު މޫސުން ދިޔައީމަ މިތަން ވެސް އެހާ ހިތްގައިމެއް ނުވާނެ …އޭރުން ތުގާ ބިރުވެސް ގަންނާނެ…ވަރަށް ނާމާންވާނެ” ނަވީން ހާމަކުރީ ހަގީގަތެވެ.
“ތި އުޅެނީ ބަހަނާ އެއް ދައްކައިގެން މިތަނަނަށް ނާންނަން ވެގެން….އެނެއްކަ ކުރީގެ ހަނދާންތަކަކާއި މިތަނާ ގުޅުމެއް ވަނީތަ؟” ހީލަމުން ނަމަވެސް ތުގާއަށް ބުނެވުނީ ހަގީގަތެވެ. ނަވީނަށް ތެޅެގަނެވުނެވެ. ތުގާ ބުނި އެއްޗަކުންނެވެ.
“އެހެން ވާނެއެއްނު،” އަވަސް އަވަހަށް ނަވީން ބުނެލިއެވެ.
އެވަގުތު ކަޅު ހިޔަންޏެއް ވިހެން ނަވިނަށް ހީވިއެވެ. އެހެންކަމުން ނަވީނަށް ފަހަތް ބަލާލެވުނެވެ. ނަވީންގެ ނަޒަރު ހުއްޓުނީ އެއްގަމުގައި ހުރި ގަހަށެވެ. ނަވީން އެގަހެއްގައި ސޫރައެއް ކުރަހައި މުހޮރެއް ޖެހި ގަހަށެވެ. އެގަސް ނަވީނަށް ފެނުނީ ބިރުވެރިކޮށެވެ. އޭނާއަށް ހީވިއެވެ. އެ ހިޔަންޏެއް ވީ އެގަސް ކައިރިންނެވެ. ނަވީނަށް ހީވީ ހަމަ ޖިނާން ފެނުނު ހެންނެވެ. ނަވީން ހިތަށް ބިރުވެރިކަން ވެރިވިއެވެ. ހިތުގެ ހިނގުން އަވަސް ވާން ފެށިއެވެ. ނަވީން އަށް ބެލެނީ އެގަހާ ދިމާއަށެވެ. އެކަން ތުގާއަށް ފާހަގަ ވިއެވެ.
“ނަވީން ކިހިނެއްވީ؟ މާވަރަކަށް ތި ފަހަތް ބަލަނީޔޯ؟ ކަމެއް ވީތަ؟” ތުގާ މަޑުމަޑުން ނަވީންގެ ކޮޑުގައި އަތުން ކޮށްޓާލަމުން ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.
“ނޭނގެ…ހީވީ ހިޔަންޏެއް ފެނުނުހެން…އެ ގަހާ ދިމާއިން،” ނަވީން އެތާ ހުރި ގާހާއި ދިމާއަށް އިޝާރާތްކޮށްލިއެވެ.
-ނުނިމޭ-
