ސާދަ ވިލޭރެއެއް ކަމަކު ކޮންމެ ވެސް ވަރަކަށް ވިއްސާރައިގެ ކުލަވަރު ދުނިޔެއަށް ވެރިވެފައި ވިއެވެ. ފުސްވިލާތާށް މަޑުމަޑުން ދައުރު ވަމުން ދިޔައެވެ. ބަތޫލްގެ މިސްރާބު ހުރީ ރަށުގެ ތުނޑިއާއި ދިމާއަށެވެ. މިރޭ އުޑުމަތިން ދައުރު ވަމުންދިޔަ ފުސް ވިލާތައް ފަދައިން އޭނާގެ ހަޔާތަށް ވެސް ފުސްކަން ވެރި ވެއްޖެއެވެ. މާޔޫސީކަމާއި ހިތާމަ އެމޫނު ބަލައިލި ކޮންމެ މީހަކަށް ސިފަވާނެއެވެ. ހަގީގަތުގައި މިރޭ އެމަންޒިލަށް ދަތުރު ކުރުމަށް ބަތޫލްގެ ގައިގާ ހިތްވަރެއް ނެތެވެ. އޭނާ ބިރު ގަންނަނީއެއް ނޫނެވެ. ދުވަހަކުވެސް މިހެން ވެދާނެއޭ އޭނާގެ ހިތަކަށް ނާރައެވެ. އެހެންނަސް މިއަދު އޭނާއަށް މަޖުބޫރެވެ.
އާދައިގެ މަތިން ބަތޫލަށް ވުރެ ކުރިން ނަވީން ހުރީ ރަށުގެ ތުނޑީގައި ދެލޯބިވެރިންގެ ޚާއްސަ މަންޒިލުގައެވެ. އެހެން ރޭތަކެކޭވެސް އެއްފަދައިން މިރެއަކީވެސް އެދެލޯބިވެރިންގެ ބައްދަލުވުމެއް އޮތް ރެއެކެވެ. އެހެންކަމުން ތުނޑީގައި ހުރި މަގޫ ގަސްތަކެއްގެ ކައިރީގައި ހުރި ގަސްގަނޑެއްގެ މަތީގައި އިށީދެލައިގެން ހުރި ނަވީން އިންތިޒާރު ކުރަމުން ދިޔައީ ބަތޫލަށެވެ. ބަތޫލް އަންނާނެ އިރެއްގެ އިންތިޒާރުގައި ވަގުތުތައް ގުނަމުން ދަނިކޮށް ބަތޫލް އައިސްފިއެވެ. އޭނާގެ މޫނުމަތިން ސިފަވާން ހުރީ ހިތާމައެވެ. މާޔޫސްކެމެވެ. ކަންބޮޑުވުމާއި ހާސްކަމެވެ. ނަވީން ހައިރާންވިއެވެ. ބަތޫލަށް ވެފައި ހުރި ގޮތުންނެވެ.
“ކިހިނެއް ވެފައި…؟” ނަވީނަށް އަހައި ލެވުނެވެ.
ބަތޫލް އަކަށް ޖަވާބެއް ނުދެވުނެވެ. ލޮލުން ކަރުނަ ފާއްދާލިއެވެ. އެ ކަރުނަތިކިތައް ކޯތާފަތުގައި ބީހިލަމުން ތިރިޔަށް ފައިބަމުން ދިޔައެވެ. ބަތޫލް ރޯމަންޒަރު ބަލާކަށް ނަވީންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އަވަހަށް ތެދުވެގެން އައިސް ބަތޫލްގެ ލޮލުން އަންނަމުންދިޔަ ކަރުތަނައް ފުހެލެދިނެވެ. ނަވީންގެ އޯގާތެރޮކަން ފެނިފައި ބަތޫލްއަށް ނަވީންގެ މޭގައި ބޯއަޅާލެވުނެވެ. އިހްތިޔާރުން ބޭރުންނެވެ. ނަވީންގެ އަތުގެ އިގިލިތަކުން ބަތޫލްގެ ފަން ދިގު އިސްތަށިގަނޑުގައި ފިރުމާލަދިނެވެ. ނަވީން ބެލީ ބަތޫލް ހަމަޔަކަށް އެޅުވޭތޯއެވެ. އޭނާއަށް އެނގެއެވެ. ވެގެން އުޅޭގޮތެއްވެސް އެނގޭނީ ބަތޫލް ހަމައަކަށް އެޅިގެންނެވެ.
ކުޑަ ވަގުތު ކޮޅަކު އެހެން ނަވީންގެ މޭގައި ބޯއަޅާލައިގެން އޮތުމަށްފަހު ބަތޫލް ކުއްލިއަކަށް ނަވީނާއި ދުރައް ޖެހިލިއެވެ.
“އަހަރެންގެ މައިންބަފައިން….އަހަންނަށް މަޖުބޫރު..” ދެއަތަށް ބޯހޫރާލަމުން ރިހުން އެކުލެވޭ ރާގެއްގައި ބަތޫލް ބުނެލިއެވެ.
ބަތޫލް ބުނަން އުޅޭ އެއްޗެއް ނަވީނަކަށް ދޭހައެއް ނުވިއެވެ. އެހެންކަމުން ނަވީން ހައިރާންވިއެވެ. ހާސްވިއެވެ. ބަތޫލާއި ގާތަށް ޖެހިލިއެވެ. ބަތޫލްގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލިއެވެ. ހަތަރުކަޅި ހަމަކުރުމަށް މަސައްކަތް ކުރަމުން ނަވީން އުޅުނީ ވެގެން އުޅޭ ގޮތެއް އޮޅުން ފިލާތޯއެވެ. އެހެނަސް ބަތޫލް ޖެހިލީ ދުރަށެވެ. ބަތޫލްގެ އެ އަމަލުން ނަވީންގެ ހައިރާންކަން ވީ އިތުރެވެ. މި ރޭ އަނެއްކާ ވިގެން މިއުޅެނީ ކީއްބާއޭ ނަވީންގެ ހިތައް އެރިއެވެ. ބަތޫލާއި ކައިރި ވުމަށް ނަވީން މަސައްކަތް ކުރިއެވެ. އެހެންނަސް ބަތޫލް ހައްތާވެސް ޖެހިލަނީ ނަވީނާއި ދުރަށެވެ.
“ޕްލީޒް…ކިހިނެއް ވީތަ؟ ސާފުކޮށް ބުނީމަދޯ އެނގޭނީވެސް…ތިޔަ ވެގެން އުޅޭގޮތެއް ކިޔާދީބަލަ،” ނަވީންގެ އެތައްފަހަރު އާދޭސްކޮށްގެން އެންމެ ފަހު ބަތޫލް ވެގެން އުޅޭގޮތް ކިޔައިދޭން ފެށިއެވެ. އޭރު ބަތޫލަށް ގިސްލެވެއެވެ.
“އަހަރެންގެ މައިންބަފައިން ބޭނުންވަނީ އަހަރެން މީހަކާދެވަން…އެމީހުން އަހަރެން ކައިރީ އަހާވެސް ނުލައި ހުރިހާކަމެއް ނިންމައިފި،” ބަތޫލް ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ރޮމުން އޭނާ ކިޔައިދިނީ ގޮތް ހުސްވެފައިވާ އޭނާގެ ހާލެވެ.
“ދެން ކިހިނެއް ހަދަން ބަތޫލް ގަސްތުކުރަނީ..” ބަތޫލް ޖަވާބެއް އެކަމުގައި ނަވީން ބޭނުން ވިއެވެ. ކޮންމެ ހާލެއްގައިވެސް ބަތޫލް އޭނާއާއެކު ހުންނާނެކަމަށް ނަވީން އުންމީދުކުރެއެވެ.
“ސޮރީ ލޯބީ…އަހަރެން ކުރިންވެސް ބުނިން….މައިންބަފައިންގެ އެދުމެއް ގައި ކޮޅުފައިން ނުޖެހޭނެ…އަހަރެން މިހެން ބުނަން ވަރަށް ދެރަވޭ…އަހަންނަށްވެސް ވަރަށް އުނދަގޫ ނަވީންއާއި ދުރުވަން…އެކަމަކު އަހަންނަށް މަޖުބޫރު،” ބަތޫލް އޭނާގެ ހާލަތު ކިޔައިދިނެވެ.
ރޮމުންނެވެ. ގިސްލަމުންނެވެ. އެހެނަމަވެސް މިއަދު ބަތޫލް އެއޮހޮރާ ކަރުނައަކީ އަސްލެއް ކަމަށް ނަވީންއަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާއަށް ބަތޫލްގެ ގައިން ދޫކޮށްލެވުނެވެ. ދެފަރާތައް ބޯހޫރުވާލަމުންނެވެ.
“ދޮގު…ހުސްދޮގު…ބަތޫލް އަހަރެން ދެކެ ހަގީގީ ލޯބި ނުވަނީ….އެހެން ނޫންނަމަ ކޮންމެ ހުރަހެއް ގިރާކޮށްފައި ނަމަވެސް…ކޮންމެ ބަޔަކާއި ދެކޮޅަށް ނަމަވެސް ބަތޫލް ހުރީހީ އަހަރެންނާއެކު،” ނަވީންގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ.
“ޕްލީޒް…ހެޔޮނުވާނެ ނަވީން…އަހަރެން އަބަދުވެސް ލޯބިވަނީ ނަވީ…” ބަތޫލްއަށް ބުނެވުނީ އެހިސާބަށެވެ. ބާރު ހަޅޭކުގެ އަޑާއެކު ނަވީންގެ އަޑު މުޅި ހިސާބުގައި ގުގުމާލިއެވެ.
“ދެން ހެޔޮ…މީގެ ފަހުން އަހަރެންގެ ނަން ތި ދުލުން ކިޔައިގެން ނުވާނެ…އަހަރެން ފެންނަ ހިސާބަށް އައިސްގެން ނުވާނެ…ހަމަ މިހާރު މިތަނުންދޭ،” ނަވީންގެ އަޑު ބަރެވެ. އަމުރުވެރި ކަމާއެކު، ނަވީން އެހެން ބުނުމުން އެންމެ ހިނދުކޮޅެއްގައިވެސް އެތާ މަޑުކުރާކަށް ބަތޫލްއަކަށް ނުކެރުނެވެ. ރޮމުން ބަތޫލް ދުއްވައިގަތެވެ. އެއްގަމާއި ދިމާއަށެވެ.
-ނުނިމޭ-
