“އަހަންމައިދީ…ކަލޭ ބުނި ގޮތަށް އެއް ކަމެއްވެސް ނުވި…ބަތޫލް އެއުޅެނީ…އަންނަ ހަފްތާގައި އިންނަން…ހީވޭ…ހުސްލަނޑެއްނު ތި ދިނީ…އެނެއްކޮޅުން ބަލާބަލަ ކަލޭ މަލައްވާ ކުރުވި ކަންތައް….ކަތީބް ޖުނޭދުމެން ދެމަފިރިން ވަރިއޭ ތިކުރުވީ…ހެޔޮވާނީ ކިހިނެއް،” ނަވީން ރުޅިއައިސް ހުރި ވަރުން ކިޔޭ ނުކިޔޭ އެއްޗެއް އޭނާއަކަށް ނޭނގެއެވެ.
“ނަވީން …ކިހިނެއް ވެގެން ތިޔަ އުޅެނީ…މައިތިރި ވެބަލަ…އަހަނެން ބުނީމެއްނު ތިކަމަށް ވަގުތު ނަގާނޭ…ހާދަ ކެތްތެރިކަމެއް ވެސް ނެތޭދޯ؟” އަހަންމައިދީ ވެސް ރުޅިއައެވެ.
“އަހަރެންގެ ފަރާތުން ދެން އެއްވެސް އެހީ އެއްނުވާނަން….އަހަންމައިދީ އަހަރެންގެ ނާޖާއިޒް ފައިދާ އޭ ތިޔަ ނަގަނީ… ކުރިންވެސް ތިޔައީ މަކަރު ވެރިއެއް ކަން ވިސްނުނު ނަމަ،” ނަވީން އަޑު ބާރެވެ.
“އަހަރެން ހެޔޮ އެދިގެން ނަވީނަށް ކަންތައް ކޮށްދިނީ … އަހަރެން ބުނިންތަ މިތަނަށް އަންނާށޭ…އަހަންނަށް އެހީ ވެދޭށޭ…ނަވީން އަށް ގޯސްކޮށް ކަމެއް ކުރެވިފައި އޮތީމައި އެކަމަށް ވަގުތު އެނަގަނީ…އެހެން ނޫންނަމަ…”
“ކޮން ނޫންނަމަ އެއް. ކިޔާކަށް…އަހަންމައިދީ ތިޔަ އަހަރެންގެ ހުރިހާ އުންމީދުތައް ފެނަށް ދުއްވާލީ،” ކުޑަކޮށް ދެރަވެލާފައި ނަވީނަށް ބުނެ ލެވުނެވެ. އޭނާ ހުރީ ފެންކަޅި ވެފައެވެ. އަދި އެގެއިން ނުކުމެގެން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
ރަށުގެ ތުނޑި ޒީނަތް ތެރިކުރަމުން ދަނީއެވެ. ބަތޫލާއި ޖިނާންގެ ކައިވެނި ޕާޓީ ބޭއްވުމަށެވެ. ރަށުގެ ވަރަށް ގިނަ ޒުވާނުން އެތަން ތައްޔާރު ކުރުމުގައި އުޅެއެވެ. ނަވީން ފިޔަވައެވެ. ނަވީންގެ ރަޙްމަތްތެރިއާ ޒަލަފް ގުޅީ ނަވީން ކޮޓަރީގައި އޮއްވައެވެ. ބަތޫލްގެ ކައިވެނީގެ ޚަބަރު އިވުނު ފަހުން ނަވީންގެ ކަމަކީ އެއީއެވެ. ގިނަ ވަގުތު ކޮޓަރީގައި ވަގުތު ތައް ހޭދަކުރުމެވެ. އެހާ ގިނައިން ބޭރުގައި ވަގުތުތައް ހޭދަ ކުރަމުން އައި ދަރިފުޅަށް ކުއްލިއަކަށް އައި ބަދަލާއެކު ޒުހުދާ ވެސް ހުންނަނީ ހާސްވެފައެވެ.
“ނަވީން ކޮބާ ކިހިނެއްތަ؟” އެންމެ މުހިންމު ވަގުތު ނަވީނަށް ގުޅީ އޭނާގެ ބެސްޓް ފުރެންޑް ޒަލަފް އެވެ. ނަވީންގެ ހާލު ބަލާލުމަށެވެ. މާލެ ދިޔަ ނަމަވެސް ދޭތެރެ ދޭތެރެއިން ޒަލަފް ގެޅައެވެ. ނަވީންގެ ހާލު ބަލައެވެ. ނަވީން ވެސް އެގޮތަށް ޒަލަފް އާއި ގުޅައެވެ. ނަވީންގެ ކަންތައްތައް ޒަލަފް އާއި ހިއްސާ ކުރެއެވެ.
“ކިހިނެއްވާނީ…ބަތޫލްވެސް އަހަންނަށް ލަނޑު ދީފައި އެއުޅެނީ ޖިނާނާއި އިންނަން،” ނަވީންގެ ހިތުގައި ރިހުން އެކުލެވިފައި ވިއެވެ. އެ ރިހުމުގެ އަސަރު އޭނާގެ އަޑުގައިވެސް ވިއެވެ.
“އެކަމާ ބޯ ހާސްވެފައި ދޯ ތިހުންނަނީ….އޭ އެޔެއް ނޫނޭ …އެބައޮތް ވަރަށް ސަޅި ޖޮބެއް މިކޮޅުގައި …އެޕްލައި ކޮއްލަންވީނު…ލިބިއްޖެއްޔާ މިކޮޅަށް ބަދަލުވާނީ…ސަޅިއެއްނު…ބަތޫލްގެ ހަދާންތަކާވެސް ދުރު ވެވޭނެ،” ޒަލަފް ދިނީ ރަގަނޅު ޚިޔާލެކެވެ.
ނަވީން އޭނާގެ ރަޙްމަތްތެރިއާ ޒަލަފް ކިހާ ރަގަނޅު ހެއްޔެވެ. އޭނާއަށް ކިހާ ހެޔޮ އެދޭ ހެއްޔެވެ. މިޒަމާނުގައި އެފަދަ ރަހުމަތްތެރިއެއް ނުލިބޭނެއެވެ. އެއީ ޝުކުރު ކުރަންޖެހޭ ކަމެއްކަން ގައިމެވެ.
ޒަލަފް ހޯދައިދިން ފުރުސަތުގައި ނަވީން މާލެ ބަދަލުވިއެވެ. މަންމަ ވެސް ގޮވައިގެންނެވެ. ކުލީ ކޮޓަރިއެއް ހިފައިގެން ދެމައިން މާލެއަށް ބަދަލުވީ ބަތޫލް އޭނާއަށް ދިން ކެހީގެ ސަބަބުންނެވެ. އެފަސްގަނޑުގައި އުޅުމަށް ނަވީނގެ ހިތަށް ކުޅަދާނަ ނުވެގެންނެވެ. އެޔަށް ވުރެ ބޮޑު ކަމަކީ އަހަންމައިދީގެ މަކަރުވެރި ދަލުން ސަލާމަތް ވުމެވެ. އެންމެ ނާޒުކު ދަނޑިވަޅުގައި ބޯމަހާލެވުނު އެކަންތައްތަކުން ދުރަށް ދިއުމުވެ. ބަތޫލް ހާސިލް ކުރުމަށް ނަވީނަށް ހިނގުނު މަގު ގޯސް ވުމުންނެވެ. އެ ޚިޔާލުތަކާއި އެ ހަދާންތަކާއި ދުރުވުމަށް ނަވީން އަށް ވިސްނުނު އެންމެ ރަގަނޅު ގޮތަކީ އެފަސްގަނޑާއި އަލްވާދާއު ކިއުމެވެ. އެ މާހައުލާއި ދުރަށް ދިއުމެވެ. ނަވީނެގެ މަންމަ ޒުހުދާ މާލެއަށް ބަދަލު ވާކަށް ބޭނުމެއް ނޫނެވެ. އުޅެ ބޮޑުވި ފަސްގަނޑު ދޫކޮށް ދާކަށް އެ މަންމަ ނުރުހެއެވެ. އެހެނަސް މަންމަ އެކަނި ބަހައްޓާފައި ދިއުމަށް ނަވން އިންކާރު ކުރުމުން އެނޫން ގޮތެއް ނެތުމުން ޒުހުދާ ވެސް ނަވީނާއެކު މާލެއަށް ބަދަލުވީއެވެ.
ހަޔާތުގެ ހިތް ހަމަޖެހުން އިރު އޮއްސޭ މަންޒަރު ބަލާލުމާއި ގުޅިފައިވާ އެތައް ބަޔެއް ގެ ތެރެއިން އެކަކީ، ނަވީން އެވެ. އޭނާ ކޮންމެ ދުވަހެއްގެ ވެސް އިރު އޮއްސޭ މަންޒަރު ބެލުމަށް ކޮންމެ ގޮތެއް ހަދާފައިވެސް ވަގުތު ހުސްކުރެވޭތޯ ބަލައެވެ. މާލޭގެ ހުޅަގުފަރާތުން އައި.ޖީ،އެމް.އެޗާއި ދިމާ ތޮށިގަނޑުމަތިން އެވަގުތަށް ނަވީން ފެންނާނެއެވެ. އޮއްސެމުންދާ އިރާއެކު އުދަރެހުގައި ފެވެމުންދާ ކުލަތަކަށް ނަޒަރު ހިންގާލައިގެން ނަވީން ހުރެއެވެ. މަޑު އޮރެންޖް ކުލައަކުން އުދަރެސް ފަވާލެވިފައިވާއިރު، އިރުގެ ރަން ދޯދިތައް ކަނޑަށް އެޅިފައި ހުނައިރު އެފެންނަ ހިތްގައިމު ކަމަކީ ނަވީންގެ ނުތަނަވަސް ހިތައް އެތައް ތަސައްލީއެއް ގެނުވާކަމެކެވެ. އޭނާ ކޮންމެ ދުވަހަކުހެން އިރު އޮއްސޭ ވަގުތައް އެމަންޒަރު ދެކިލުމަށް ދަނީ އެވަގުތު ކޮޅު ކިތަންމެ ކުޑަ ނަމަވެސް އެމަންޒަރުތަކުން ލިބޭ ހިތްހަމަ ޖެހުމުގެ ބޮޑު ކަމުންނެވެ. އިރު އޮއްސެމުން ދަނިކޮށް ނަވީންގެ ފޯނު ރިންގުވާން ފަށައިފިއެވެ.
“ކީކޭ…ޒަލަފް……ހޫނ….އެތާންގަ …އެނގޭނެއެއްނު މިގަޑީގަ ހުންނާނީ މިތާންގަކަން….ކިހިނެއް ވީއްޔޭ،” ނަވީންގެ ރަހުމަތްތެރިޔާ ޒަލަފް ގުޅީ އެންމެ މުހިއްމު މަގުތު ކޮޅުގައެވެ. އިރު އުދަރެހާއި އަލްވަދާއު ކިޔަމުން ދިޔަ ވަގުތުގައެވެ.
“އެބަދަން ކޮފީއެއް ބޯލަން. ތިދިމާއަށް މަޑުކުރައްޗޭ،” ނަވީން އާނއެކޭ ބުނުމަށްފަހު، ފޯނު ޖީބައްލިއެވެ. އަދި އުދަރެހަށް ނަޒަރު ހިންގާލިއެވެ.
އޭރު އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އުދަރެހާއި ނިވާވެއްޖެއެވެ. ރަތް ވިލާތަކުން އުދަރެސް ފަވާލައިފިއެވެ. ރަތް ވިލާތަކުން ނަވީންގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ. މޫނުމަތިން ހިނިތުން ވުމެއް ވެރިވިއެވެ. ހަޔާތުގެ އެކަނިވެރިކަމަށް ތަސައްލީއެއް ހޯދުމަށް ނަވީން ކުރާ އެއް ކަމަކީ އެއީއެވެ. އިރު އޮއްސޭ ވަގުތު އެމަންޒަރު ދެކިލުމެވެ. ދެން އޭނާގެ ބެސްޓް ފުރެންޑް ޒަލަފް އާއެކު ވަގުތު ހޭދަކުރުމެވެ.
އިރުކޮޅެއް ވުމުން ނަވީން ތޮށިގަނޑު މަތިން ތެދުވެ ދެކޮޅު ހޯދައި ބަލާލިއެވެ. ޒަލަފް އާދޭތޯއެވެ. އޭރު ޒަލަފް ވެސް ސައިކަލް ޕާކް ކުރަނީއެވެ.
“ކޮބާ؟ ހިނގާ ވަންނަމާ،” ނަވީނަށް ގޮވާލަމުން ޒަލަފް ހިނގައިގަތީ އައި.ޖީ.އެމް.އެޗް ކެންޓީނަށް ވަންނާށެވެ. ޒަލަފްގެ ފަހަތުން ނަވީން ވެސް ހިގައިގަތެވެ.
“ކޮންމެ ދުވަހަކުހެން ތިޔޭ ދޯ ކަމަކީ…ތިކަން ހުއްޓަން ވެއްޖެއެއްނު…މިހާރު ކޮންދުވަހެއް ތިހެން ހުޅޭތާ..ތިހެން ނުހުރެ ނިކަން ބިޓެއް ނަގާބަލަ…އޭރުންނޭ ރަގަޅުވާނީ،” ޒަލްފް ވާހަކަ ފެށިއެވެ.
އެއީ ޒަލަފް ގެ އާދައެވެ. ނަވީންނާއި ބައްދަލުވާ ކޮންމެ ފަހަރަކުހެން މިހާރަކަށް އައިސް ދައްކާ އެއް ވާހަކައެވެ. ނަވީން އުޅޭ ގޮތުންނެވެ. ނަވީންގެ ހަޔާތުގައި ދިމާވިކަމަކުން، އާހަޔާތެއް ނުފަށައި ހުރުމަކީ ޒަލަފް ގަބޫލުކުރާ ގޮތުގައި މޮޔަކަމެކެވެ. ހިތުގައި އަޅައިގެން އުޅުނު ކުއްޖާ ނުލިބުމަކީ ދެން އުމުރު ދުވަހު އެޚިޔާލުތަކުގައި ހަޔާތް ބޭކާރު ކޮށްލަން ވީކަމެއް ކަމުގައި ޒަލަފް ނުދެކެއެވެ. އެހެންކަމުން ޒަލަފް އަބަދުވެސް ނަވީނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރެއެވެ. ނަވީންގެ ހަޔާތަށް ދިރުމެއް ލިބިގެންދާނީ އެހެން ދިމާއަކަށް މިސްރާބު ޖެހުމުންކަމުގައި އަބަދުވެސް ބުނެއެވެ.
“ތިހެން މިވިސްނަނީ…ކުއްޖެއް ނަގަންވީ ދެން…އެކަމަކު އަހަންނަށް އަދިވެސް އެ ލޯތްބަށް އުންމީދު ކުރެވޭ…ކޮންމެވެސް ދުވަހަކުން ބަތޫލް ހާސިލްވާނޭ އަހަރެންގެ ހިތް ބުނޭ…އެހެންވެ މިހެން ހުރެވެނީ. އެކަމަކު އަބަދަކު މިހެންނެއްވެސް ނުހުރެވޭނެ ދޯ…މީހަކާ ވެސް އިންނަންވީ،” ނަވީން ފުރަތަމަ ފަހަރަށް ޒަލަފްގެ ވާހަކައަށް ތާއީދު ކުރިއެވެ.
-ނުނިމޭ-
