ތުގާ ގެ ހުރިހާ ވެސް އުންމީދަކީ ނަވީނާ އެކު އުފާވެރި ލޯބި ދިރިއުޅުމެއް އުޅުމެވެ. ދަރިން ހޯދައިގެން ހިތްހަމަޖެހޭ ދުވަސްތަކެއް ވޭތުކުރާށެވެ. އެހެނަސް ނަވީން ގެ ހިތުގެ އެއް ކަނެއްގައި ވަނީ ބަތޫލްގެ ތަސްވީރެވެ. އެދުވަސްތައް އެހަނދާންތައް ނަވީންގެ ހިތުގައި ފުހެލުމަށް ނަވީން ބޭނުމެވެ. ތުގާ އާއި އެކު އުފާވެރި ހަޔާތެއް ހޭދަކުރަން ނަވީން ވެސް ބޭނުމެވެ. ތުގާ އަށް އުފަލާއި ލޯބި އަބަދުވެސް ނަވީން ދޭނެއެވެ. ބަތޫލްގެ ހަނދާންތަކުން މިންޖުވެވުމަކީ ނަވީން އެންމެ ބޭނުންވާ ގޮތެވެ.
“އަދިވެސް ޗުއްޓީގައި……ހާދަ ދިގު ޗުއްޓީއެކޭ..ދެން އަނބި ގޮއްޔެ ކިބައިން ސަލާމަތެއް ނުވާނެ ދޯ؟……. ބުނާނެ އަހަރެންގެ ވާހަކަ،” ކައިވެނި ކުރިފަހުން ނަވީންގެ ހަބަރެއް ނުވާތީ ޒަލަފް ގުޅިއެވެ.
“އެބުނީ….އަދި ދެ ހަފްތާ ނުވެގެން މި އުޅެނީ.،” ޒަލަފް ދެއްކި ވާހަކަ އަށް ނަވީން އެއްބަސް ވާކަށް ބޭނުން ނުވިއެވެ.
“އެހެންވީމަ އާދޭ އެއްކަލަ ކެފޭ އަށް،” ޒަލަފް ބުންޏެވެ.
“މިގަޑީގައި…،”
“މިގަޑީގައި ކިހިނެއްވީ…މީ ހަވީރޭ…ނާދެވޭނެ ދޯ ….އަޅާނުލާ،” ނަވީން އަންނާނީ އެހެން ބުނީމަކަން ޒަލަފަށް އެނގެއެވެ. އެހެންކަމުން ޒަލަފް ހިފީ ނަވީންގެ ބަލި ފައިގައެވެ. ކޮފީއަށް ގެނަން ބޭނުން ވާތީއެވެ.
“އަހަރެންމީ …ޒަލަފެއް ނޫނޭ …މިދަނީ،” ނަވީން އެހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ. އަދި ތުގާ ގާތުގައި ބޭރަށް ދާން އުޅޭ ވާޙަކަ ބުނުމަށްފަހު ބޭރަށް ނުކުތެވެ. ސައިކަލަށް އަރައި ނަވީން މިސްރާބު ޖެހިއެވެ. އާންމުކޮށް ޒަލަފް އާއި ދެމީހުން ބައްދަލުކުރާ ކެފޭ އާއި ދިމާއަށެވެ.
“އާދެވެއްޖެ ދޯ،” ނަވީން އައުމުން ޒަލަފް ބުނެލިއެވެ. ދިމާކޮށްލުމުގެ ރާގުގައެވެ
“އަހަރެން ބުނީމެއްނު …..މީ ޒަލަފެއް ނޫނޭ،”
“އެނގޭނެ ދުވަސްކޮޅެއް ވީމަ…ކޮބާ ރަގަނޅުތަ؟” ޒަލަފް އެހިއެވެ.
“ހަމަ ބެސްޓް…އެކަމު އަދިވެސް ދެރައީ މިހިތުގައި ބަތޫލްގެ ވިންދު ޖަހާތީ،” ޒަލަފަކީ އޭނާގެ ބެސްޓް ފުރެންޑް ކަމުން އެއްވެސް އެއްޗެއް ނުފޮރުވައި ނަވީން ހުރިހާ ވާހަކައެއް ވެސް ޒަލަފަށް ކިޔައިދެއެވެ.
“ދެން ތީ ކޮންގެތެއް ނަވީން…ދެން ބަތޫލްގެ ޗެޕްޓަރ ބަންދު ކޮށްލަބަލަ……ކިހާ ސަޅި މަންޖެއެއް….ރީތި ކޮށް ގުތާ އާއި އެއްކޮށް އުޅެވޭތޯ ބަލާ ޕްލީޒް،” ޒަލަފް ނަސޭހަތް ދިނެވެ. އޭނާގެ ނަސޭހަތް ގަބޫލުކުރާނެކަން އެނގޭތީއެވެ.
“އާނއެކޭ…..އަހަރެންވެސް ތުގާ އާއެކު ހެޕީ ލައިފެކޭ އުޅެން ބޭނުންވަނީ..އިންޝާ ﷲ ތުގާއަށް ދެރަގޮތެއް ނުހަދާނަން،” ނަވީން އެއްބަސް ވިއެވެ.
“ތިހެން ވާންވާނެ…ދެން ބަތޫލްގެ ހަދާންތައް ފުހެލާ…އިރާދަ ކުރެއްވިއްޔާ ރަގަނޅު ކުއްޖެއް ލިބިފައި ތިހުރީ،” ކަޅު ކޮފީ ފޮދެއް ބޯލަމުން ޒަލަފް ހީލިއެވެ.
“އަސްލުވެސް.،” ނަވީން ހިތާހިތުން ޝުކުރު ކުރެއެވެ. އެހާ ދުވަހު ބަތޫލްގެ ހަދާނުގައި އެހާ ވޭނުގައި އުޅެމުން ދަނިކޮށް ތުގާ އާއި ދިމާވެ އޭނާއަށް އުފާވެރި ދުވަސްތަކެއް މިންވަރު ކުރެއްވީތީއެވެ. ތުގާ ގެ ސަބަބުން އޭނާއަށް އެހެން ހަޔާތެއް ލިބުނު ކަމުގެ އިހްސާސް މިހާރު ކުރެވޭތީއެވެ.
“ކޮންއިރަކުން އޮފީހަށް ނުކުންނަނީ،” ކުޑަ އިރުކޮޅެއް ފަހުން ޒަލަފް އެހިއެވެ
“އަދި އެއް ހަފްތާ ފަހުން ނުކުންނާނީ……ހަނީމޫނަކަށް ރިޒޯޓަކަށް ވެސް ޖައްސާލަން އެނބަޖެހޭ،” ނަވީން އެމީހުންގެ ޕްލޭން ހާމަކޮށްލިއެވެ.
“އަހަރެން ހީކުރީ ރަށަށް ކަމަށް ދާނީ….ބަތޫލަށް ދައްކާލަން،” ޒަލަފް ދިމާކޮށްލިއެވެ.
“އަދި ރަށަށް ވެސް ދާނަން…ބަތޫލް ގެ ހަބަރެއް ނެތްތަ؟” ނަވީނަށް އަހައިލެވުނެވެ.
“ކީއްކުރަން ތިއެއް ބަލަނީ.،” ޒަލަފް ހިތްހަމަ ނުޖެހިފައި އެހިއެވެ
ނިވީނަށް ފޯނެއް އައީ އެވަގުތުއެވެ. ފޯނުން ވާހަކަ ދައްކައި ނިމުމުން ޒަލަފް ހީލިއެވެ.
“ލަސްވީ ދޯ …ހިނގާ ދަމާ،”
“މަންމަ އެނގުޅީ…މަންމަ ވެސް ތުގާމެން ގެއަށް ބަދަލުކޮށްލަން މި އުޅެނީ…….ކުއްޔަށް އެކަނި ބަހައްޓާކަށް ނުވާނެއެއްނު…ތުގާގެ މައިންބަފައިންވެސް ބުނެފި މަންމަ ގެނާށޭ،” ނަވީން ތެދުވިއެވެ. ނަވީންގެ ފަހަތުން ޒަލަފްވެސް ތެދުވިއެވެ.
ބަތޫލް އިނީ ބަދިގޭގައެވެ. ތަވާ އުނދައިގެން ކޮންމެވެސް އެއްޗެއް ތައްޔާރުކުރާށެވެ. އެހެން އިން އިރުވެސް ބަތޫލްގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ އެކި ޚިޔާލުތަކެވެ. އޭނާގެ ހަޔަތުގައި ދިމާވަމުން ދިޔަ ކަންކަމާއި ވިސްނެމުން ދިޔައެވެ. އެނާގެ އަމިއްލަ ނަފްސު ވެސް އޭނާއަށް މިއަދު މަލާމާތް ކުރާ ކަހަލައެވެ. އޭނާއަށް މިހެން ދިމާވަނީ ނަވީނާއި މެދު އޭނާއަށް ކަންތައްކުރެވުނު ގޮތުން ބާއޭ ބަތޫލްގެ ހިތަށް އަރަމުން ދިޔައެވެ. އޭނާއަށް އެންމެ ފުރަތަމަ ލޯބި ވެވުނު ނަވީނާއި ނުގުޅެވުނު ކަމުގެ ހިތާމަ ބަތޫލަށް މިއަދު ކުރެވޭ މެއެވެ. ގައަށް އައިސް ވަތް ޖިނާނު ގޮވި އަޑު ބަތޫލަކަށް ނުއިވުނެވެ. ފުން ޚިޔާލުގެ ތެރެއަށް ޣަރަގުވެފައި އިނދެވުނުލެއް ބޮޑުކަމުންނެވެ. ޖިނާނު ގޮވާގޮވާ ވެސް އެ އަޑު ބަތޫލަށް ނުއިވުނީމައި ޖިނާނު އައީ އަމަށަކު ރުޅިއެއް ނޫނެވެ. އައި ރުޅީގައި ބަތޫލް ހޯދަމުން ޖިނާނު ވަނީ ބަދިގެއަށެވެ. ތަވާކައިރީގައި ހުރި ބަތޫލް ފެނުމުން އެއްވެސް އެއްޗެއް ނުބުނެ އުނދުން މަތީގައި ހުރި ހޫނު ތަވާގައި ގަދަކަމުން ބަތޫލްގެ އަތް ބާއްވާފައި ފިތާލިއެވެ. ވީތަދުންނާއި ނެގި ދިލައިން ބަތޫލަށް ހަޅޭލަވައި ގަނެވުނެވެ. އަޑުގައި ނެތްތަނަށް ރޯންފެށުނެވެ. ގޭ ތެރޭގައި ކުޅެން ހުރި ދެކުދިން ދުވެފައި އެތަނަށް އައެވެ. ދެކުންދިނަށް އިޝާރާތް ކުރަމުން ގެއިން ނުކުތުމަށް ބަތޫލް ހިނގައި ގަތެވެ.
“އަހަންނާ ކުދިންގެ އެއްޗިހި ބަލާ ….މީހަކު ފޮނުވާނަން،” ޖިނާނާއި ދިމާއަށް އެނބުރެމުން ބަތޫލް ބުނެލިއެވެ.
“ބަތޫލް ހަމަ ދަނީތަ….ކުދިންވެސް ގޮވައިގެން،” ޖިނާނަށް ބުނެ ވުނެވެ. އޭރު ހިތްހަރު ގަދަ ހިލަ ހިތެއްގެ ވެރި ޖިނާނު ގެ އަޑުގައި ވަނީ މަޑުމައިތިރި ކަމެވެ. މީހާ ހީވަނީ މަޑު ފުއްގަނޑެއް ހެންނެވެ. އޭނާގެ އަޑުގައި ރިހުމެއް ހުރިހެންވެސް ހީވެއެވެ. ކުރެވުނު ކަންތައް އިހްސާސް ވި ފަދައެވެ.
“މި ޖަލުގައި އަހަންނެއް ދެނެއް ކެތެއް ނުކުރާނަން…އަނިޔާއަށް ވެސް ކެތްކުރެވޭނީ ވަކިވަރަކަށޭ……ބަލާބަލަ އަހަރެންގެ އަތަށް ހަދާލާފައި އޮތް ގޮތް…ޝުކުރު ކޮށްބަލަ އަހަރެން ކަމާބެހޭ ފަރާތައް ރިޕޯޓް ނުކުރީތީ…އެވެސް މިކުދިންގެ ހައްގުގައި،” ބަތޫލް ނުރުހުން ވެ ހުރެ ޖިނާނާއި ދިމާއަށް ބަލާލިއެވެ.
“ޕްލީޒް….އެ ކުދިންނާއެކު…މަޑު ކުރޭ…ދެން އެހެނެއް ނުވާނެ،” ޖިނާން އާދޭސްކުރިއެވެ.
“ނުވާނެ…ދެން އަހަންނަކަށްވެސް ނުވާނެ…ކިހާ ވަރަކަށް އާދޭސް ކުރެވުނީ….ޖިނާނަކަށް އެދުވަހު އަޑެއް ނީވުނު…މިއަދު އަހަންނަކަށް ވެސް ނުވާނެ…ދޫކުރޭ އަހަރެންގެ އަތުން،” ބަތޫލް އަތުގައި ހިފަހައްޓައިގެން ހުރި ޖިނާނަށް ގާތު އޭނާ އެދުނީ އަތުން ދޫކޮށްލުމަށް ލުމަށެވެ.
ދަތްކުޑި ވިކާލަމުން ރުޅިވެރިކާއެކު، ޖިނާނާއި ދިމާއަށް ބަލާލަމުންނެވެ. ބަތޫލްގެ އެ ޖެހިލުން ކުޑަ ސިފަ ޖިނާނަށް މިއަދާއި ޖެހެންދެން ފެނިފައެއް ނުވެއެވެ. އެހެންކަމާއެކު ޖިނާން އަވަސް އަވަހަށް ބަތޫލްގެ އަތް ދޫކޮށްލިއެވެ.
އެއަށް ފަހު މުޅި ކޮޓަރި މުޅި ކޮޓަރި ތެރެ ގުގުމާލީ ޖިނާންނެ ވޭނީ ހަޅޭކުގެ އަޑުންނެވެ. މޭމަތީގައި އަތް އަޅަމުން ޖިނާން ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. އޭނާގެ ހަރަކާތްތަކުން މެއަށް ފާޑަކަށް ތަދު އަރައިގެން އުޅޭ ހެން ހީވެއެވެ. ޖިނާންގެ އަޑަށް ކޮޓަރިން ނުކުންނަން ދިޔަ ބަތޫލަށް ފަހަތް ބަލާލެވުނެވެ. ކައިރީގައި ހުރި ދެކުދިން ބައްޕާއޭ ކިޔާ ޖިނާނާއި ދިމާއަށް ދުއްވައިގަތެވެ. ބަތޫލަށް ފެނުނީ މަޑުމަޑުން ތިރި ވަމުންދިޔަ ޖިނާނެވެ. އޭނާގެ އަނގައިން ފާޑެއްގެ ފޮނުތަކެއް އައިސްފައި ހުއްޓެވެ. ބަތޫލަށް ކުރަންވީ ކީއްކަމެއް ނޭނގި ހުއްޓުން އަރާފައި އިނދެވުނީއެވެ. ޖިނާން ކައިރިއަށް ދާންވީ ކަމެއް ކޮޓަރިން ނުކުމެގެން ދާންވީ ކަމެއް ނޭނގިފައެވެ. ކޮންމެ ގޮތެއް ވިއަސް އެއީ އޭނާގެ ފިރިމީހާއެވެ. ދެކުދިންގެ ބައްޕަ އެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައް ވެފައި ހުއްޓަސް ބަތޫލް އިސްކުރީ އިންސާނިއްޔަތު ކަމެވެ. އޭނާ އަށް ދުއްވައިގަނެވުނީ ފިރިމީހާ ޖިނާން ގެ ކައިރިއަށެވެ. އޭނާއަށް އެހީވުމަށެވެ.
-ނުނިމޭ-
