ހަގީގަތުގައި އަޅައި ނުލަނީއެއް ވެސް ނޫނެވެ. އެ ދުވަސްކޮޅު ދިމާވީ އޮފީހުގައި ނުހަނު ބިޒީ ދުވަސްކޮޅަކާއެވެ. އޮފީހުގެ ފަރާތުން ކުރިއަށް ގެންދާ އިވެޓަކަށް ރެޑީވުމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ދުވަސްކޮޅެކެވެ. އެހެންކަމުން ގޭގައަށް އާދެވޭ އިރު އޮންނަނީ ރޭގަނޑު 11 ޖަހާފައެވެ. ގިނަ ރޭގައި ތުގާ އަށް އޮންނީ ނިދިފައެވެ.
އާދައިގެ ދުވަހެކެވެ. ނަވީން ގުޅާފައި ވަރަށް އަވަހަށް އައުމަށް އެދުމުން އޮފީހުން ޓައިމެއް ހޯދައިގެން ނަވީނާއި ބައްދަލުކުރުމަށް ޒަލަފް އައެވެ. ދެމީހުން އާންމު ގޮތެއްގައި ބައްދަލުކުރާ ކެފޭ އަށެވެ. ހިތްގައިމު މާހައުލެއް ވީމައި އެދެމީހުން ގިނައިން ބައްދަލު ކުރަނީ އެ ކެފޭއިންނެވެ. ދެމީހުންވެސް އެމީހުންގެ ވާހަކަ ތައް ހިއްސާކޮށް މަޝްވަރާ ކޮށްލުމަށް އަންނަނީ ކެފޭއަށެވެ. އެގޮތުގެ މަތިން މިއަދުވެސް ނަވީން އެދުމުން އޮފީހުގައި ހުރެފައި ޒަލަފް އައީ ނަވީނާއި ބައްދަލުކުރުމަށެވެ.
“ވަރަށް އަވަހަށް ބައްދަލުކޮށްލަން ބުނީ….ކަމެއް ގޯސްވީތަ؟” ޒަލަފް އައީ ނަވީން ވަރަށް އަވަހަށް ބައްދަލު ކޮށްލަން ބޭނުން ވާހަކަ ބުނުމުންނެވެ. ނަވީން ހާސްވެފައި ހުރި ވަރު ނަވީން ވާހަކަ ދެއްކި ގޮތުން ޒަލަފަށް އެނގެއެވެ. އެހެން ކަމުން ވެގެން އުޅޭގޮތެއް އޮޅުން ފިލުވުމުގެ ގޮތުން ޒަލަފް އެހިއެވެ.
“ޒަލަފް…މި ވާހަކަ ފަށާނެ ގޮތެއް ވެސް ނޭނގިފަ މިހުންނަނީ…މި ކަން އެނގުމުން ތުގާ އަށް ވާނެ ގޮތެއް ވެސް ނޭނގެ…ވަރަށް ކަންތައް ބޮޑު ވެފައި މިހުރީ،” ޒަލަފާއި ދިމާއަށް ބަލަން ހުރެފައި ނަވީން ވާހަކަ ދެއްކިއެވެ. ޒަލަފަށް ފެނުނީ ނަވީންގެ މާޔޫސް ވެފައި ހުރި މޫނެވެ. އެ މޫނުން ނަވީން ކަންބޮޑުވެފައި ހުރި ވަރު ހާމަ ވެއެވެ.
“އަދިވެސް ވެގެން އުޅޭ ގޮތެއް ނުބުނެވޭ….ބުނީމަތާ ދޯ އެނގޭނީވެސް؟” ނަވީން ދައްކަން އުޅޭ ވާހަކަ އޮޅުން ފިލުވުމުގެ ޝައުގު ވެރިކަން ޒަލަފްގެ ހިތުގައި ބޮޑުވިއެވެ.
“ކުރީ ދުވަހު ބުނީމެއްނު…ކިޑެއް ނުލިބޭތީ ޑޮކްޓަރަށް ދެއްކި ވާހަކަ… ޓެސްޓްތައް ހަދާ ނަތީޖާ ލިބި ޑޮކްޓަރަށް ދައްކައިފިން…. ގުތާ އަށް ކުދިން ލިބޭނެ ކަމުގެ އުންމީދެއް ނެތޯ ޑޮކްޓަރ ބުނީ…ކިހާ ދެރަދޯ؟” ނަވީން ފެންކަޅި ވިއެވެ.
“އަސްލުވެސް…ވަރަށް ދެރަ ޚަބަރެއް ތިއީ….ތުގާ ވަރަށް ދެރަވާނެ…ކުރީ ދުވަހުވެސް ދިމާވެގެން ކިޑެއް ހޯދާ ވާހަކަ ދެއްކިޔޭ ދޯ؟ ކިހާ ދެރަ…ނަވީން…ހިތްވަރު ކުރަން ވާނެ…ތުގާ ހަމައަކަށް އަޅުވަން ވެސް ހުރި މީހަކީ ތީ؟” ޒަލަފް އޭނާގެ ރަހުމަތްތެރިޔާއަށް މި ދިމާވި ހިތާމައިގައި ބައިވެރިވެ ހަމްދަރުދީ ފާޅު ކުރިއެވެ. އަދި ދިރިއުޅުމާއި ގެން ކުރިއަށް ދިއުމަށް ހިތްވަރު ދިނެވެ.
“މަންމަ ބުނެ ގެން މިކަން މި ކުރީވެސް….މަންމަ ގެ ވެސް އުންމީދެއް މާމަ ކިޔާނެ ކުއްޖެއް ލިބުން…ތުގާ ވެސް އަބަދުވެސް ދައްކާނެ ކިޑެއް ހޯދައިގެން އުޅޭނެ އުފާވެރި ގޮތުގެ ވާހަކަ…ދެން ކިހިނެއް އަހަރެން ހަދާނީ….ގުތާ އުންމީދުތައް…މަންމަ ދެކެމުން އައި ހުވަފެންތައް…އަހަރެން ކިހިނެއް މި ޚަބަރު ދޭނީ،” ފެންކަޅިވެ ހުރެ ނަވީން ވާހަކަ ދެއްކިއެވެ. ކުރިމަތީގައި ހުރި ކޮފީތަށިން ކޮފީ ފޮދެއް ބޯލަމުންނެވެ.
“ނަވީން ކެތްކުރަންވާނެ…އެއްވެސް މީހަކަށް ދެރަ ގޮތެއް މެދުވެރި އެއް ނުކުރައްވާނެ…ނަވީން ހިތްވަރު ކޮށްގެން …ގުތާ އަށް ވެސް ހިތްވަރު ލިބޭނީ…މަންމަ އަށް ވެސް ތިކަން އަންގަންވާނެ….ވިސްނުންތެރިކަމާއެކު ތިކަން ނިންމަން ވާނީ…ވަރަށް ހަމަޖެހިގެން ތި ވާހަކަ ދައްކަންވާނީ …މަންމަ ކައިރީގައި ފުރަތަމަ ބުނަން ފެންނަނީ…އެއަށްފަހު ތުގާ އަށް ޚަބަރު ދޭނީ…ތުގާގެ މައިންބަފައިން ވެސް އެބަ ހުރިތާ…އެމީހުންވެސް އެހީވާނެ އެއްނު…ދުވަސްކޮޅަކުން ހަމައަކަށް އެޅިދާނެ،” ޒަލަފް ދިނީ އޭނާގެ ޚިޔާލެވެ.
އޭނާ އަކީވެސް ދިރިއުޅުމުގައި މާބޮޑު ތަޖުރިބާ އެއް ލިބިފައި ހުރި މީހެއް ނޫނެވެ. އެހެނަސް އެކުވެރިޔާއަށް އޭނާއަށް ފެންނަ ޚިޔާލެއް ދިނުމަކީ މިދަނޑިވަޅުގައި މުހިއްމު ކަމެއް ކަމަށް ޒަފަލް ދެކުނެވެ.
“އެކަމަކު …ޒަލަފް…ތުގާ ހާދަ ރޯނެ އޭ….ހާދަ ހިތާމަ އެއް ކުރާނެއޭ،” ނަވީނަށް އަދި ވެސް ވިސްނެނީ ތުގާ އާއި ދޭތެރޭގައެވެ. އެ ޚަބަރު ލިބުމުން ތުގާ އަށް ވާނެ ގޮތަކާއި މެދުގައެވެ. ގައިމެވެ. ތުގާ ހިތާމައިން ފޯވާނެއެވެ. މޮޅިން މޮޅިސާލު ލާނެއެވެ.
“އަހަންނަށް ފެންނަ ޚިޔާލެއް ދެންތަ؟….ތި ޚަބަރު ދީފައި ތުގާ ގޮވައިގެން ރަށަށް ގޮސްލާ….މާހައުލު ތަފާތު ކޮށްލީމާ ހިތްހަމަ ޖެހޭނެ…މާލޭގެ މި ހަލަބޮލި މާހައުލުން ރަށުގެ ހިތްގައިމު ކަމުގެތެރެއަށް ދިޔައީމަ މަޑުމަޑުން ހަމަޔަކަށް އެޅޭނޭ އަހަރެންގެ ހިތް ބުނޭ…ޗުއްޓީއެއް ނަގައިގެން އެހެން ހަދާބަލަ،” ޒަލަފް އެދުނެވެ.
ޒަލަފްގެ އެ ޚިޔާލަށް ނަވީނަށް ވެސް ތާއީދު ކުރެވުނެވެ. ޒަލްފާ އެކު ކޮފީގައި ވަގުތު ހޭދަކުރުމަށްފަހު ނަވީން ގެއަށް ދިޔައެވެ. ފުން ނޭވާއެއް ލައި ހަމައަކަށް އެޅި ލަމުން ނަވީން އޭނާގެ މަންމަ އަށް އެ ޚަބަރު ދިނެވެ. އެމަންމަ ގެ މޫނު މަތި މިލާ މޯޅިވެގެން ދިޔަތަން ބަލަން ނަވީން ހުރީ އެވެ. އެމޫނަށް ވެރިވެގެން ދިޔަ ހިތާމަ ނަވީނަށް ފެނުނެވެ. އެ މަންމަ ގެ ލޮލުން ފޭދުނު ކަރުނަތައް ފުހެލިތައް ބަލަން ނަވީނަކަށް ކެތެއް ނުކުރެވުނެވެ. މަންމަ ގައިގާ ބައްދާލިއެވެ. މަންމަ ނަވީނަށް ހިތްވަރު ދިނެވެ. ކުޑަ ކުއްޖެއް ފަދައިން ނެވެ. ބޮލުގައި ފިރުމަ ފިރުމާފައެވެ. ކެތްތެރި ވުމަށް ނަސޭހަތްތެރި ވަމުންނެވެ. އެކަލާންގެ މިންވަރު ފުޅަށް ރުހުމަށް ނަސޭހަތް ދެމުންނެވެ.
މަންމަގެ ގާތުގައި ވަގުތު ކޮޅެއް ހޭދަ ކުރުމަށް ފަހު ނަވީން ވަނީ ކޮޓަރި އަށެވެ. އޭރު ތުގާ އެނދުގައި އިށީދެލައިގެން އިނެވެ. ހީވެ އެވެ. ތުގާ އިނީ ނަވީންގެ އިންތިޒާރުގައެވެ. ނަވީން ހަމަ ފެނުމާއެކު ތުގާ ސުވާލު ކުރަން ފެށިއެވެ. ޝަކުވާގެ ރާގެއް ގައެވެ. ނަވީން އޭނާއަށް ޓައިމް ނުދޭތީއެވެ. ކުރީގެ އަޅާލުން މިހާރު އެގޮތަށް ނުލިބޭތީއެވެ.
“ތުގާ ހަމަޖެހިބަލަ…އޮފީހުގަ ބިޒީއީ އޭ…އަހަންނަށް ޓައިމެއް ވެއްޖިއްޔާ މިހުންނަނީ ތުގާ ގާތުގަ އެއްނު..އަހަރެން އެހާވެސް ލޯބިވޭ ތުގާދެކެ” ނަވީން އައިސް ތުގާ އާއި ހަގު ކޮށްލިއެވެ.
“އަސްލުވެސް އަބަދުވެސް ތިހެން ނަވީން އަހަރެދެން ދެކެ ލޯބި ވާތި،” ތުގާ ނަވީނާއި ދިމާއަށް ބަލާލީ ލޯބިން ފުރިގެންވާ ގޮތެއްގައެވެ.
“އަބަދުވެސް ތީ އަހަރެންގެ ލޯބިވާ ޔާރަކީ،” ނަވީން ހާލަތުގެ ގޮތުން ދޮގު ހެދި އެވެ.
އޭނާގެ ހިތުގައި އަދިވެސް ބަތޫލްގެ ލޯބީގެ ވިންދު މަޑުން ނަމަވެސް ޖަހައެވެ. އެހެނަސް ތުގާ ދެމުން ދިޔަ އަޅާލުމާއި ލޯބީގެ ސަބަބުން އެ ޚިޔާލުތައް މަޑުމަޑުން ފަޑުވަމުން ދިޔައެވެ. އެހަނދާންތަކާއި މަޑުމަޑުން ދުރުވަމުން ދިޔައެވެ. އެއީ ނަވީން ވެސް މިހާރު ބޭނުންވާ ގޮތެވެ. ތުގާ އާއި އެކު އުފާވެރި ހަޔާތެއް ވޭތުކުރަން ނަވީންވެސް ބޭނުން ވާތީއެވެ.
“އަހަރެން ވަރަށް އުފާވޭ…ނަވީނާއި ދިމާވީމަ…ތީ އަހަރެންގެ ނަސީބު،” ތުގާ ބުނެލިއެވެ. ހިނިތުން ވަމުންނެވެ.
“އެކަމަކު ގުތާ…އަހަރެމެންގެ ނަސީބު އެހާ ގަދައެއް ނޫން،” ނަވީނަށް ބުނެލެވުނެވެ. ބޭ އިޚްތިޔާރުގައެވެ.
-ނުނިމޭ-
