“ނަންބަރުވެސް ލިބިއްޖެ…ދެން ހަމަ ކުރިއަށް ދާނީ އިންޝާﷲ،” ނަވީން ހުރީ އުފާ ވެފައެވެ. އޭނާގެ މޫނުން ވަރަށް ސާފުކޮށް އެކަން ފެންނަން ހުއްޓެވެ.
މެންދުރުގެ ހޫނު ވަރަށް ގަދަ ދުވަސްކޮޅެކެވެ. މެންދުރަށް ފިހާރަ ބަންދުކޮށްފައި ނަމާދުކޮށްގެން ޖިނާން ގެއަށް އައިސް ވަނެވެ. ބަތޫލް އަވަދި ނެތި އުޅެމުން ދިޔައީ މެންދުރުގެ ނާސްތާ ކާމޭޒުމަތީގައި އެތުރުމަށެވެ. ޖިނާން އަންނަން ވާއިރަށް މެންދުރުގެ ކެއުން ތައްޔާރުވެފައި ނެތިއްޔާ ކޮށްލާނެ ވަރު ބަތޫލްއަށް އެނގޭތީއެވެ. އޭނާގެ ދުވަސް “ދުއްވާލާވަރު” ކުރާނެކަން ޔަގީންވާތީއެވެ.
“ހޫނ…މިއަދުވެސް ކާން ރެޑީ ނުކުރެވެނީދޯ؟…ކިހާ ދެރަކަމެއް މީދެން…ކޮންކަމެއް ބަތޫލް ތިކުރަނީ…އަބަދު އޮންނަނީއޭ
ތި…އިތުރު ކަމެއް ކުރަނީ އެއްނޫން،” ޖިނާން ގެ ރުޅިވެރިބަސްތައް ތަކުރާރުވިއެވެ. އެބަސްތައް އަޑުއަހައަހާ މިހާރު އެއީ ބަތޫލްއަށް އާދައަކަށް ވެއްޖެއެވެ.
“ޖީނާން އެއްފަހަރުވެސް މިކުދިން ބަލާލަން ގޭގައި މަޑުކޮށްލަބަލަ…އޭރުން އެނގޭ..” ބަތޫލް ބުނެލިއެވެ. ޖިނާންގެ ބުނާނެ އެއްޗަކަށް ވިސްނާ ނުލައެވެ. ކުޑަ ކުދިން ގެންގުޅުމަކީ ކިހާ ބުރަ ކަމެއް ކަން ޖިނާނަށް އިޙްސާސް ވާނެ ނަމައޭ ބަތޫލް ހިތައް އަރައެވެ.
“މޮޅު ވާހަކަ ނުދައްކާ…އަހަރެން މިހާ ބުރަކޮށް އުޅޭތީ ކައިގެން ބޮއިގެން މި އުޅެވެނީ،” ބަތޫލްގެ ބުނަން އުޅުނު އެއްޗެއް ޖިނާން ހުއްޓުވިއެވެ.
ބަތޫލް އުޅުނީ ކުއްދިންނަށް ކާން ދިނުމަށް ތައްޓައް ބަތް އަޅާށެވެ. ކުއްލިއަކަށް މޭޒުމަތީގައި ހުރި ތަށިތައް ޖިނާން އަތުން ޖަހާ ތަޅުން މައްޗަށް ބުރުވާލިއެވެ. ބަތޫލް ދިޔައީ ސިއްސައިގެންނެވެ. ކައިރީގައި ދެކުދިން ނެތްކަން ނަސީބެކޭ އޭނާ ހިތަށް އެރިއެވެ.
“ރަގަނޅަށް ކައްކާފަ މިހުރީ….ހުރިހާކަމަކުން ޖެއްސުމޭތިކުރަނީ،” ޖިނާން ހަޅޭލަވައިގަތެވެ.
“ކިހިނެއްވީ؟” ބަތޫލް ބިރުން ހުރެ އަހާލިއެވެ.
“ކިހިނެއް ވީހޭ…މިޔަށް ލޮނުލިންތަ؟…ކެވިފައޭ މިހުރީ..!” ބަތޫލްގެ މޫނުގައި ބަތްތައް އުޅުލާލަމުން ކާކޮޓަރިން ނުކުންނަން ޖިނާން ހިނގައިގަތެވެ.
“ހަނދާންކުރާތި…އަހަރެން ބޭރުން އަންނަން ވާއިރަށް މިތަން ސާފުކުރާތި،” ބަތޫލްގެ އިސްތަށިގަނޑުގައި ހިފައި ލުތްކެއް ޖަހާލަމަށްފަހު ޖިނާން އެތަނުން ނުކުތެވެ.
ބަތޫލްއަށް ރޮވުނެވެ. ޖިސްލެވުނެވެ. ނަމަވެސް އެނާގެ ލޮލުން އޮހޮރެމުންދާ ކަރުނަ ފުހެލަދޭނީ މިއަދު ކާކު ހެއްޔެވެ. ފިރިމީހާ ވީ ބަތޫލް ހީކުރި ކަހަލަ މީހަކަށް ނޫނެވެ. ރަހުމެއް ނެތް އިންސާނަކަށެވެ. އޭނާއަށް މިދިރިއުޅުން މިވީ “ނަރަކަ” އަކަށެވެ. އުންމީދުން ފެށި ދަތުރު މިވީ ބިލާހަކަށެވެ. މައިންބަފައިން މަރުވިތާ ދެއަހަރު ވީއެވެ. ހުރީ އެއްބަޑު އެއްބަފާ ކޮއްކޮ އެވެ. އަންހެން ކުއްޖެކެވެ. ވަރިވެގެން ދިޔަސް އެކުއްޖާއަށް އެހީއެއް ނުވެވޭނެއެވެ. ވިރުދާ ކައިރިއަށް ދެވޭ ދުވަހަކު ވިއްޔާ ބަތޫލަށް ރޮވެއެވެ. ޖިނާން ކަންތައް ކުރާ ގޮތް ކިޔާ ދީފައެވެ. ހިތްވަރު ދިނުމުގެ ބަހެއް ބުނެލުން ފިޔަވާއި ވިރުދާ އަކަށް ވެސް ކުރެވޭނެ ކަމެއް ނޯވެއެވެ.
އޭނާ ގެ ފިރިމީހާވެސް އިތުރު ބުރައެއް އުފުލާކަށް ބޭނުމެއް ނޫނެވެ. ބަތޫލް ވަރިވެގެން އަޔަސް އެހީއެއް ނުވެވޭނެ ކަމަށް ވިރުދާގެ ފިރިމީހާ ޔަޒްދާން ބުންޏެވެ. ބަތޫލް އުޅޭ ހާލުގެ ވާހަކަ ވިރުދާ ހިއްސާ ކުރި ދުވަހަކު އެވެ. ޖިނާންގެ ހަރުކަށި މިޒާޖުގެ ސަބަބުން އެކުވެރިންތައް އޭނާއި ދުރުވެއްޖެއެވެ. ބަތޫލް އެކަނިވެއްޖެ ކަމުގެ އިހުސާސް އޭނާއަށް ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާ ދިރިހުރީ ހަމައެކަނި ކުދިންގެ ހައްގުގައެވެ. ލޯބި ލޯބި ދެކުދިންގެ ހައްގުގައެވެ. އޭނާއަށް އޮތީ ކެތްތެރިވުމެވެ. މިވެސް އިމްތިހާނެކޭ ހީކޮށްލުމެވެ.
ބަތޫލްއަށް ފުރަތަމަ ފަހަރަށް ނަވީން މަތިން ހަދާންވިއެވެ. އެމީހުން އުޅުނީ ކިހާ ލޯބިން ހެއްޔެވެ. ނަވީން އޭނާއަށް ކިހާ ރަގަނޅު ހެއްޔެވެ. އޭނާއަށް ނަވީންއާއި ކައިވެނި ކުރެވުނު “ނަމަ” މިހާރު ދިރިއުޅުން ކިހާ އުޖާލާވީހެއްޔެވެ. އެ ލޯބި ލޯބި އާއިލާ ކިހާ އުފަލުގައި ދިރި އުޅޭނެ ހެއްޔެވެ. އެދުވަހު މައިންބަފައިން ބަތޫލްއަށް މަޖުބޫރު ނުކުރި ނަމަ ކިހާ ރަގަނޅު ވީސް ހެއްޔޭ ބަތޫލަށް ހިތާހިތުން ކިޔާލެވުނެވެ. ކުދިން ނަށް ކާން ދިނުމަށް ފަހު ބަތޫލް ދެ ކުދިން ގޮވައިގެން ބޭރަށް ނުކުތެވެ. އެ ގަދަ ހޫނުގައި ބަތޫލް މިސްރާބު ޖެހީ ރަށުގެ އަތިރިމައްޗާއި ދިމާއަށެވެ. ހިތަށް ތަސައްލީއެއް ލިބޭތޯއެވެ. ނަވީނާއި އެކު ހޭދަކުރި އުފާވެރި ވަގުތުތައް ހޭދަކުރި މަންޒިލާއި ދިމާއަށެވެ. އެތާ ހުރެ ހިތް ފުރެންދެން ރޯލުމަށެވެ. މިހާރަކަށް އައިސް ދެރަވާ ގިނަ ފަހަރު ތަކުގައި ބަތޫލް އަމަލު ކުރަނީ އެގޮތަށެވެ.
ބަތޫލް އިށީނީ ނަވީނާއި ދެމީހުން އާންމުކޮށް ބައްދަލު ވުންތައް ބޭއްވި ސަރަހައްދުގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައެވެ. ދެކުދިން އެތަނުގައި ކުޅުމަށް ދޫކޮށްލުމަށްފަހު ބަތޫލް ގެ ޚިޔާލީ ނަވު ދަތުރު ކުރީ މީގެ އެތައް ދުވަހެއްގެ ފަހަތަށެވެ. ނަވީނާ އެކު، ހޭދަކުރި ދުވަސްތަކުގެ ހަދާން ތަކަށެވެ. އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެ ލަމުންނެވެ.
ރޭގަނޑުގެ ފުރަމެންދަމުގެ ހަމަހިމޭން ހިތްގައިމު ވަގުތެވެ. އެނދުގައި އޮށޯވެލައިގެން ފޯނުން އެފްބީއަށް ގެއްލިފައި ތުގާ އޮތެވެ. ނީދީގެ ކަންފުޅެއްވެސް އެމޫނުގައި ނެތެވެ. ހީވެއެވެ. ކޮންމެވެސް ކަމަކަށް އިންތިޒާރު ކުރަނީއެވެ. އެއިންތިޒާރު މާދިގުލައިގެނެއް ނުދިޔައެވެ. ތުގާގެ މޫނުމައްޗަށް ހިނިތުންވުން ވެރިކުރިވިއެވެ. ނަވީން ގުޅުމުންނެވެ. ތުގާ ރޭގަނޑު ކައިގެން އައި ގޮތަށް އެ ކޯލަކަށް އިންތިޒާރު ކުރަމުން އައި ކޯލް އެންމެ ފަހުން އައީމައި އުފާ ނުވާންވީވެސް ކީއްވެ ހެއްޔެވެ. އުފަލުން ތުގާ އެކޯލް ނެގިއެވެ. އޭނާގެ ހަޔާތުގައި އާ ބާބެއް ފެށޭނެ ރެއަކަށް މިރޭ ވާނެ ކަމަށް ތުގާ އުންމީދު ކުރެއެވެ.
“ތިކޯލަށް ހާދަ އިންތިޒާރު ކޮށްފީމޭ،” ފޯނު ކަންފަތުގައި ޖައްސާލަމުން ތުގާ ބުނެލިވެ.
“ވަރަށް އުފާވެއްޖެ…އިންތިޒާރުކުރީމޭ ބުނީތީ…އޮފީހުގައި ވަރަށް ބިޒީ ރެއެއް…ހިތަށް އެރީ ހަމަޖެހިލައިގެންނޭ ގުޅާލާނީ…އެހެންވެ…ސޮރީ އެނގޭ،” ނަވީން މާފަށް އެދުނެވެ.
“އިޓްސް އޯކޭ…ކައިފިންތަ؟” ތުގާ ބޭނުންވީ ނަވީން ކައިގެން ހުރިތޯ ބެލުމަށެވެ. ނަވީނަށް ކެއާރ ކުރާކަން ހާމަ ކޮށް ދިނުމަށެވެ. ނަވީނާއި މެދު ވިސްނާކަން އަންގައި ދިނުމަށެވެ.
“އެކަން ނިމިއްޖެ…ތިއަޑުވެސް ހާދަ ހިތްގައިމޭ…ފޯނުން އިވޭއިރު އަދި މާ ރީތި ހެން ހީވޭ…އަސްލު ވެސް،” ނަވީން ތައުރީފު ކޮށްލީ ތުގާ ގެ އަޑަށެވެ. އެ އަޑުގެ ހިތްގައުމުކަން ހާމަ ކޮށްލިއެވެ.
“ނުވާނެ އެހެނެއް…އަހަރެންގެ ވޮއިސް ތިހާ ރީއްޗެއްނޫން،” ތުގާ އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ.
“އިނގޭ ގަބޫލު ނުކުރާނެކަން ވެސް….ދެން އަޅާނުލާ…މާދަންރޭ ދިމާވެލަންވީނު،” ނަވީން ބޭނުންވީ މަޑުމަޑުން ފިލިޖަހަމުން ގެންދާށެވެ.
“ތުގާ އޯކޭހަމަ….ނަވީން ވާނެ ކުރިންލާ ގަޑި އަންގާލަން…އޭރުން ތުގާ ރެޑީވާނަން….އަންނަންވާނެ ތުގާ ބަލާ…ތުގާ އުޅެނީ ހިނގާފަ،” ތުގާ އެދުނެވެ.
“ތިދެން ކަމެއް ނޫނެއްނު…ތުގާ ފަހަތަށް އަރަން ހުރިއްޔާ ނަވީން ހުންނާނީ އަބަދުވެސް ރެޑީގަ،” ލާނެތް ގޮތަކަށް ނަވީން ހީލުމުން ތުގާއަށް ވެސް ހެވުނެވެ.
“ނަވީން އަސްލުވެސް ސިންގަލްތަ؟” ކުޑަ ހިނދުކޮޅަކު މަޑުން ހުރުމަށްފަހު ތުގާ އެހިއެވެ.
-ނުނިމޭ-
