“މިރޭ ތިކަން ކޮށްނިއްމާލާނަން؟” ނަވީން އޭގައި ހިފިއެވެ. ޚިޔާލެއް ފިކުރެއް ނެތިއެވެ.
އެރޭ ވަރަށް އަވަހަށް ނަވީން ނިދަން ކަމަށް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ލޯމަރާލައިގެން އޭނާ އޮތީ ބަތޫލްގެ ޚިޔާލުތަކަށް ގެއްލިގެންނެވެ. ބަތޫލާއެކު ހުވަފެނީ ދުނިޔެއެއްގައެވެ. އުފާވެރި ކަމާއެކުގައެވެ. ބަތޫލް އޭނާގެ މީހަކަ ވާކަށް ދެން މާގިނަ ދުވަހެއް ނެތްކަމުގައި ނަވީން ހުންނަނީ ހިތުގެ އަޑިން ގަބޫލް ކޮށްގެންނެވެ. އެވާހަކަ ރަހުމަތްތެރިންގެ ގާތުގައި އޭނާ ދައްކައެވެ.
ގަޑިން ރޭގަނޑު އެގާރަ ޖަހަން އުޅެނިކޮށް ނަވީން އެނދުން ތެދުވިއެވެ. ވަރަށް ސިއްރުން މަޑުމަޑުން ބޭރަށް ނުކުތެވެ. މަންމަ ނިދީ ކަން ޔަގީން ކޮށްލުމަށްފަހު ނަވީން ބޭރު ދޮރު ހުޅުވާޅުމަށްފަހު ގެއިން ނުކުތެވެ. މަޑު ހިގުމެއްގައި ނަވީން މިސްރާބުޖެހީ ކަތީބު ޖުނޭދުމެން ގެއާއި ދިމާއަށެވެ. މާދުރަކަށް ހިނގާކަށް ނަވީނަކަށް ނުޖެހުނެވެ. ނަވީންމެން ގެއާއި ކަތީބު ޖުނޭދުގެ ހުންނަނީ ދުރަކު ނޫނެވެ. ނަވީން އެ ގެއާއި އަރާ ހަމަކުރުމަށްފަހު ރަގަނޅަށް ކާށި އަތަށް ހެޔޮވަރު ކޮށްލަމުން ގޭގެ ފުރާޅުމައްޗަށް އެއްލިއެވެ. ފުރާޅު މައްޗަށް ކާށި ޖެހުނު އަޑު ރީތިކޮށް ނަވީނަށް އިވުނެވެ. އެހެންކަމުން ނަވީން އަނބުރާލާފައި ގެއަށް އައެވެ.
އޭނގެ އެނެއް ދުވަހު ނަވީނަށް ހޭލެވުނީ ހެނދުނު 9 ވެސް ޖަހަން އުޅެނިކޮށް މަންމަ ގޮވީމައެވެ. މޯޅިއަކަށް ދެމިލަމުން ނަވީން ވަނީ ފާޚާނާއަށެވެ. ފެންވަރާލައި ތާޒާ ވެލުމަށްފަހު ޓީޝާޓް ގަޔަށް މަހާލަމުން ނަވީން ކޮޓަރިން ނުކުތެވެ.
“ދަރިފުޅާ…ކިހިނެއްވީ؟ މާލަހުން ތި ހޭލެވުނީ…މަންމަ ގޮވަން ވިއްޔަ މިޖެހުނީ…އެހެން ދުވަސް ދުވަހު ވާގޮތެއް ނޫން…ރޭގަ މާލަހުން ނިދި ރެއެއްތަ؟” ނަވީންގެ މަންމަ ޒުހުދާ ވާހަކަ ދެއްކިއެވެ.
“ނޫން …ރޭގަ ވަރަށް އަވަހަށް ނިދިއްޖެ،” ނަވީނަކީ އެވަރަށް މަންމަ އަށް ދޮގު ހަދާ ކުއްޖެއް ނޫނަސް އެކަމުގައި ނަވީން ދޮގު ހެނދިއެވެ.
“އެހެންތަ؟ އެނގޭތަ ދަރިފުޅާ…އެއްކަލަ ކަތީބު ޖުނޭދުމެން ދެމަފިރިން ވަރި ވެއްޖޯ…ބޮޑު ވެފައި ހުރި ދެ ކުދިން އެދެމަފިރިންގެ އެބަހުރި…ކިހާ ދެރަކަމެއް ދޯ؟” ޒުހުދާ އަށް ހެނދުނު ހެނދުނާ ލިބުނު ޚަބަރު ދަރިފުޅު ނަވީނާއި ހިއްސާ ކޮށްލިއެވެ. ނަވީން ހިތަށް އެރީ މަންމަ އަށް ރޭގެ ކަންތައް އެނގިގެން ބުނެލި ހެންނެވެ.
ލިބުނު ޚަބަރާ އެކު ނަވީން ކުޑަކޮށް ޖެހިލުން ވިއެވެ. އޭނާ ލައްވާ އަހަންމައިދީ އެކުރުވީ ކިހާ ބޮޑު ކަމެއް ހެއްޔެވެ. ރީތި ކޮށް ދިރި އުޅެމުން އައި ބަޔެއް ވަރި ކުރުވީއެވެ. އެހަންމައިދީ އެފަދަ ކަމެއްގައި އޭނާ ބައިވެރި ކުރުވަފާނެ ކަމަކަށް ނަވީން ހިތަކު ނުލައެވެ. އަމުދުން މިހާރު ކަންތައް ވެފައިވާ ގޮތުން ދެން ހިތްހަމަ ނުޖެހިގެން އަހަންމައިދީ އާއި ދިމާއަށް އެއްޗެއް ބުނެވެންވެސް ނެތެވެ. ނަވީންގެ ބޭނުން ފުރިހަމަ ނުވަނީސް އަހަންމައިދީގެ ކިބައިން މިންޖުވެވޭކަށްވެސް ނެތެވެ.
“ދަރިފުޅާ…ދެން އެވަރަށް ނުވިސްނާ…ދަރިފުޅު މީހަކާ އިންނަން އުޅޭނީ ކޮންދުވަހަކުތަ؟…ކުއްޖަކާ ރައްޓެހި ވެގެންތަ އުޅެނީ؟” ޒުހުދާ އަހައި ލިއެވެ. ނަވީން ހުރި ގޮތް ފެނުމުންނެވެ.
“ކީއްވެ މަންމަ ތިހެން ތިއެހީ؟…އަދި މީހަކާ ނީދެވިފައެއް ނެތެއްނު؟…ވަޒީފާއެއްވެސް ހޯދަންވާނެ އެއްނު؟…އެޔަށްފަހު އެކަމާ އުޅޭނީ…އަދި އަހަރެންވެސް މީހަކާ އިންނާނަމޭ،” ނަވީން ބުނެލިއެވެ.
“މަންމަ އަށް މިހެން މި އެހުނީ …ދަރިފުޅުމެންނާ އެއްކޮށް ނިންމި ބަތޫލްވެސް އެނބައުޅޭ އަންނަ ހަފްތާގައި މީހަކާ އިންނަން،”
“ކީކޭ؟…އަސްލުތަ…މަންމާ މިނިމުނީ އެނގޭ …އެބަ އަންނަން،” އަވަސް އަވަސް ކޮށްލައިގެން ނަވީން ބޭރަށް ނުކުތެވެ. ނަވީން އުޅުނު ގޮތުން ޚައިރާން ވެފައި އޭނާގެ މަންމަ ޒުހުދާއަށް ބަލަން ހުރެވުނެވެ.
“ދަރިފުޅާ…ބަތޫލް….ބައްޕަމެންގެ ހޮވުމާއި ދަރިފުޅު ރުހޭތަ؟” ހެދުނު ގެ ސައިބޯން ހުރެފައި ހާރޫން އެހީ ބަތޫލް ކައިރިންނެވެ. ބައިންބަފައިންގެ ނިންމުމާއި ބަތޫލް ގަބޫލް ތޯއެވެ. އެކަމަކީ ބަތޫލް ރުހޭ ކަމެއް ތޯއެވެ.
“ހާރޫން ކިޔާފާނެ ކޮންމެ އެއްޗެކޭވެސް….އެމަންޖެ ވަރަށް ރުހެޔޭ،” ބަތޫލް އެއްޗެއް ބުނުމުގެ ކުރިން ސާލިފާ އަވަސް އަވަހަށް ބުންޏެވެ.
އަދި ބަތޫލާއި ދިމާއަށް ލޯއަޅާލިއެވެ.
“އަހަރެން ގަބޫލޭ ބައްޕާ…ކީއްވެތަ ތިހެން ތިއަހަނީ؟” ބަތޫލް ޖަވާބު ދެނިވެ. މަޑުމައިތިރި ކަމާއެކުގައެވެ.
“މިހާރު ގެ ކުދިންގެ ގޮތުން…ބައްޕަމެންނަށް ނޭންގި ކުއްޖަކާ ރައްޓެހި ވެފައިވެސް އޮވެދާނެއެއްނު،” ނޭންގި ނަމަވެސް ހާރޫނަށް ހާމަ ކުރެވުނީ ތެދު ހަގީގަތެވެ. ބަތޫލް ވަނީ އޭނައަށް ނޭންގި ނަވީނާއި ރައްޓެހި ވެފައެވެ. އޭނާ ލޯބި ވީނަވީން ދެކެވެ. ޖިނާންފަދަ މުއްސައްޖެއް ފެނުމުން ބަތޫލްގެ މަންމަ ސާލިފާ އެއްގޮތަކަށް ވެސް ބަތޫލާއި ނަވީންގެ ގުޅުމަށް ގަބޫލު ނުވީއެވެ. އެހެންކަމުން ބަތޫލަށް މަޖުބޫރުވީ އެކަންތައްތައް ބައްޕައަށް ފޮރުވާށެވެ.
“ނޫނޭ ބައްޕާ…އަހަރެން އެކަހަލަ ކަމެއް ކުރި ނަމަ އެނގޭނެއްނު…ޖިނާނާ މެދު އަހަރެން ހެޕީއޭ،” ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުން ވެލަމުން ބަތޫލް ބުނެލިއެވެ. އޭނާގެ ބައްޕަ ދެއްކި ވާހަކަ އަކުން ބަތޫލަށް ހިތުގެ ޔާރާ މަތިން ހަނދާން ވީއެވެ. އެހަދާން ތަކާއި ދުރުވާން މަސައްކަތް ކުރިއަސް ކޮންމެވެސް ގޮތަކުން ދޭތެރެ ދޭތެރެއިން އެހަދާންތައް ބަތޫލަށް އުނދަގޫ ކުރެއެވެ. ނަވީންގެ ޚިޔާލު ކުރެވެއެވެ.
“އަހަންމައިދީ…ކަލޭ ބުނި ގޮތަށް އެއް ކަމެއްވެސް ނުވި…ބަތޫލް އެއުޅެނީ…އަންނަ ހަފްތާގައި އިންނަން…ހީވޭ…ހުސްލަނޑެއްނު ތި ދިނީ…އެނެއްކޮޅުން ބަލާބަލަ ކަލޭ މަލައްވާ ކުރުވި ކަންތައް….ކަތީބް ޖުނޭދުމެން ދެމަފިރިން ވަރިއޭ ތިކުރުވީ…ހެޔޮވާނީ ކިހިނެއް،” ނަވީން ރުޅިއައިސް ހުރި ވަރުން ކިޔޭ ނުކިޔޭ އެއްޗެއް އޭނާއަކަށް ނޭނގެއެވެ.
-ނުނިމޭ-
