ޖިނާނަށް ވީ ގޮތް ފެނިފައި ބަތޫލް ހުރީ ހާސް ވެފައެވެ. ކަންތައް ބޮޑު ވެފައެވެ. އޭނާ ޖިނާންގެ މޭގައި ޖަހާލި ވަގުތު އެހެން ވުމުން އަމިއްލަ ނަފްސު ކުއްވެރި ކުރިވިފައެވެ. ހަދާނެ ގޮތެއް ނޭންގި ހުއްޓުން އަރާފައެވެ. ހަމަޔަކަށް އެޅުމުން ޖިނާން ބަލާލީ ބަތޫލާއި ދިމާއަށެވެ.
“ރަގަނޅުތަ ލޯބީ؟….ކިހިނެއްތަ އެވީ؟” ބަތޫލް ވާހަކަ ދެއްކީ ހާސްވެފައި ހުރެއެވެ.
“ރަގަނޅޭ މިހާރު ….ނޭންގެ ވީ ގޮތް ވެސް ބަތޫލް އެހާ ބާރަކަށް ވެސް ނޫނެންނު ތި ޖަހާލީ….މެޔަށް ފާޑެއްގެ ތަދެއް އިހުސާސް ކުރެވިގެން ދިޔައީ….ދެން ނޭވާ ހާސްވާ ގޮތެއް ވީ….އެކަމު މިހާރު ރަގަނޅު،” ހިނިތުން ވެލަމުން ޖިނާން ބަތޫލްގެ އަތުގައި ހިފާލިއެވެ.
“ދެން ހިނގާ ގެއަށް ދަމާ،” ޖިނާނަށް ވީގޮތުން އިތުރަށް އެތަނުގައި ހުންނަން ބަތޫލް ޖެހިލުން ވިއެވެ.
“ހިނގާ ދަމާ ދޯ ؟” ޖިނާން ހިނގައި ގަތެވެ. ބަތޫލްގެ އަތުގައި ހިފައިގެން ހުރެއެވެ.
ދެދުވަސް ވީއިރުވެސް އެއްވެސް ކަމެއް ރަގަނޅަށް ދިޔަ ކަމުގެ ނިޝާނެއް ވެސް ނަވީނަކަށް އިހްސާސް ނުވިއެވެ. ޖިނާނަށް އެއްވެސް ކަމެއް ވީކަމުގެ ޚަބަރެއް ނުވިއެވެ. އޭގެ ބަދަލުގައި ބަތޫލާއި ޖިނާންގެ ގުޅުން ދިޔައީ ކުރިއަށެވެ. އެއީ ނަވީނަށް އުނދަގޫ ވިކަމަކަށް ނޫނީ ނުވިއެވެ. އެމީހުން އެކިތަންތާ ބައްދަލު ކުރަން ހުންނަތަން ފެންނަ ވާހަކަ ރަހުމަތްތެރިން ގެ ފަރާތުން ނަވީނަށް އިވެއެވެ. އެ ޚަބަރުތަކުގެ ސަބަބުން ނަވީނަށް ދަތް ކުޑި ވިކާލެވެއެވެ. ހިތުގައި ހަސަދައިގެ އަލިފާން ރޯވަމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ނަވީންގެ އުންމީދަކީ ބަތޫލެވެ. ހުވަފެނުގެ ރާނީއަކީ ބަތޫލެވެ. ނަވީންގެ ހިތް ހަދިޔާ ކުރެވިފައިވަނީ ބަތޫލަށެވެ. ބަތޫލް އެހެން މީހަކާ އެކު ލޯބިން އުޅޭތަން ބަލަން ނަވީނަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ. އެހެންމުން ނަވީން ނިންމީ އަނެއްކާވެސް އަހަންމައިދީއާއި ބައްދަލު ކުރާށެވެ. މިވީ ގޮތެއް އޮޅުން ފިލުވާށެވެ.
” ނަވީން ހާދަ ނުގަޑިއަކު ކިހިނެއްވީ؟” ނަވީން ފެނުމުން އަހަންމައިދީ އަހައިލިއެވެ.
“ކިހިނެއްތަ މިވީ؟ ޖިނާނަކަށް އެއްކަމެއްވެސް ނުވިއެއްނު ..ގައިމު އަހަންމައިދީ ބުނި މުޖައްރިބު އެއްޗެކޭ؟” ނަވީން ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އެހެން މީހަކަށް އަޑުއިވިދާނެތީއެވެ.
“އާނ އެއީ މުޖައްރިބު އެއްޗެއް..ނަވީން ރަގަނޅައްތަ ކަންތައް ކަންތައްތައް ކުރީ…ނަވީނަށް ރަގަނޅަށް ކަންތައް ކުރެވުނީއްޔާ ހަފްތާއެއް ނަގާނީ…އެކަން ނިމޭނެ،” އަހަންމައިދީ އޮޅުން ފިލުވާދިނެވެ.
“ކުރިން ތިހެން ނުބުނަމެއްނު…މާދަން ނޫންކަމެއް ނޭންގެ ބަތޫލާއި އިންނާނީ ދެނޯ؟” ނަވީން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.
“މާ އަވަސް އަރުވާލައިގެން ނަވީން ތި އުޅެނީ…ތިކަހަލަ ކެތްތެރިކަމެއް ނެތް މީހަކަށް މިކަހަލަ ކަންކަމެއް ނުވާނެ…ޔަގީނޭ ނުބައިކޮށްކަށް އެކަންވެސް ކޮށްފައި ހުންނާނީ…،” އަހަންމައިދީ ވެސް ރުޅިއައެވެ. ހަގީގަތުގައި އަހަންމައިދީ ރުޅި އައީއެއް ނޫނެވެ. ރުޅިއަންނަ ގޮތް ދައްކާލީއެވެ.
“ކަމެއް ކޮއްލަދޭން ވެއްޖެ…ވާނެތަ؟” އަހަންމައިދީ އެހިއެވެ.
“ކީއްވެ ނުވާންވީ؟…އަހަންމައިދީ އަހަރެން ގެ ކަންތައް ތިކޮށްދެނީ…އެހެންވީމަ އަހަންނަށްވެސް ވާނެ …. ބުނޭ ކޮންކަމެއް؟” ނަވީން އެހިއެވެ.
ވިސްނާލުމަށް ފަހު އެވެ. އަހަންމައިދީ ހަވާލުކުރާނީ ކޮންފަދަ ކަމެއް ކަންވެސް ނޭންގޭ ހާލުގައެވެ. ކޮންމެ ފަދަ ކަމެއް ހަވާލު ކުރި ނަމަވެސް އެކަމެއް ކޮށްދެން ނަވީން ވެސް ބޭނުންވާތީއެވެ. އޭނާއަށް އަހަންމައިދީ އެކޮށްދެނީވެސް ވަކި ކުޑަކެމެއް ނޫން ވީއްޔާއެވެ. އަނެއްކޮޅުން ނަވީން ބޭނުންވާ ކަންތައް އަދި ނިމުނީ އެއް ވެސް ނޫނެވެ. ނަވީން ބޭނުންވާ ކަންތައް ނިމެންދެން އުޅެން ޖެހޭނީ އަހަންމައިދީ އާއި ގުޅާލައިގެންނެވެ. އެއީ ނަވީން ދެކޭ ގޮތެވެ. ނަވީނަށް ފައިދާ އޮތް ގޮތް ކަމަށް ނަވީނަށް ވިސްނޭ ގޮތްވެސް މެއެވެ.
“މިއޮތީ..،” ކާޓެއް ނަގަމުން އަހަންމައިދީ ނަވީންގެ އަތައް ދިއްކޮށްލިއެވެ.
“ކާއްޓެއް؟…މިކީއްކުރަން،” ސުވާލުގެ ނަޒަރަކުން އަހަންމައިދީއަށް ބަލާލަމުން ނަވީން އެހިއެވެ.
“މީ ކާއްޓެއް ނޫނޭ….މީ ދެނާށި …ދެން މީގެ ތެރޭގައި އޮއްނާނީ ދެ ކިރުކަކުނި ….އެ އުޅޭ ކަތީބު ޖުނޭދު މެން ގެއަށް މި އެއްލަދޭން ވީ ….މެންދަމު ބާރައިގެ ފަހުން…. ފަޖުރު ލުމުގެ ކުރިން މިކަން ކޮށް ނިންމާލަ ދޭންވާނެ،” އަހަންމައިދީ އޮޅުން ފިލުވާ ދިނެވެ.
“އޭރުން ކިހިނެއް ވާނީ؟” ނަވީން ކޮށްލީ ސުވާލެކެވެ
“ނަވީން!…. ހުރިހާ ކަމެއް އޮޅުން ފިލުވަން ނޫޅެބަލަ…މިކަން ކޮށްލަދީ…އޭރުން ނިމުނީ…ވާނެތަ؟” އަހަންމައިދީ އެހިއެވެ.
ސިހުރު ފަޑިއްތަ ވެރިންނަކީ އެމީހުން ކުރާ ކަންތަކާއި މާގިނައިން ސުވާލު ކުރަންޏާއި އެކަމާ ހިތްހަމަ ނުޖެހޭ ބައެކެވެ. ކަން ވިޔަސް ނުވިއަސް އެމީހުން ކުރާކަމެއް އޮޅުން ފިލުވުމަށް ސުވާލު ކުރާކަށް އެމީހުން ނުރުހޭނެއެވެ. އަދި އަމުދުން އެމީހުން ކުރާކަމަކުން ކާމިޔާބެއް ނުވާނަމަ އެނުވަނީ އެކަމެއް ކުރާމީހުން ގެ ސަބަބުން ކަމުގައި އެމީހުން ދައްކާނެއެވެ. ސިހުރު ވެރިންނަށް ނުބައިކޮށް ކުރެވޭ އެއްކަމެއް ވެސް ނޯންނާނެ ކަމަށް އެ ސިހުރު ވެރިން ދެކެއެވެ. އަހަންމައިދީވެސް ދެކެނީ އެހެންނެވެ. ނަވީނަށް އެކަން ކާމިޔާބު ނުވެގެން އުޅެނީ ނަވީނަށް ހެދުނު ގޯހެއްގެ ސަބަބުންނެވެ. އެކަމަކު އެއީ އަހަންމައިދީއަށް ވެސް އަލަށް ލިބުނު ފޮތެއްގައި އޮތް އެއްޗެކެވެ. އަހަންމައިދީ ކައިރިއަށް ނަވީނަށް އާދެވުނީ އޭނާ އެކަން ތަޖުރިބާ ކޮށްލުމަށް ބޭނުން ވެފައި ހުއްޓައެވެ. އެއީ އިއްތިފާގެކޭ ވެސް ބުނެވިދާނެ އެވެ.
“މިރޭ ތިކަން ކޮށްނިއްމާލާނަން؟” ނަވީން އޭގައި ހިފިއެވެ. ޚިޔާލެއް ފިކުރެއް ނެތިއެވެ.
-ނުނިމޭ-
