“ތިހެން މިވިސްނަނީ…ކުއްޖެއް ނަގަންވީ ދެން…އެކަމަކު އަހަންނަށް އަދިވެސް އެ ލޯތްބަށް އުންމީދު ކުރެވޭ…ކޮންމެވެސް ދުވަހަކުން ބަތޫލް ހާސިލްވާނޭ އަހަރެންގެ ހިތް ބުނޭ…އެހެންވެ މިހެން ހުރެވެނީ. އެކަމަކު އަބަދަކު މިހެންނެއްވެސް ނުހުރެވޭނެ ދޯ…މީހަކާ ވެސް އިންނަންވީ،” ނަވީން ފުރަތަމަ ފަހަރަށް ޒަލަފްގެ ވާހަކައަށް ތާއީދު ކުރިއެވެ.
އެހެން ނޫނަސް ނަވީން ވެސް މިހާރު ގަބޫލުކުރެއެވެ. ދެން އޭނާއަކަށް ބަތޫލްއެއް ނުލިބޭނެއެވެ. މިހާރު އެއީ ދެކުދިންގެ މަންމައެކެވެ. ދެން އޭނާއަށްވެސް ރަގަނޅުވާނީ އެވިސްނުންތާކާއި ދުރަށް ދިޔައީޔާއެވެ. އެކަމަކު ކޮންމެ ދުވަހަކުހެން އޭނާއަށް އެޚިޔާލުތައް ކުރެވެއެވެ. އެ ހަދާންތައް އާވެއެވެ. އެ ދުވަސްތައް ހިތައް އުދަގޫކުރެއެވެ.
“މިހާރު އެބަ ރަގަޅުވޭ …ތިހެންނޭ ފިރިހެނުން ހުންނާނީ،” ނަވީންގެ ކޮޑުގައި ޖަހާލަމުން ޒަފަލް ހީލިއެވެ. ނަވީން އަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
“އޭރު ވަރަށް ސަޅި ކެނޑީމޭދޯ ބަތޫލް އެހެންދިމާއަކަށް ނުދާނޭ ކިޔާފަ….ކުއްލިއަކަށް އިވުނީ ބަތޫލް ކައިވެނި ކުރި އަޑު. އެކަން ވީ ގޮތެއް ކިޔައެއް ނުދެމެންނު،” އިރުކޮޅަކު ވާހަކަ ނުދައްކާ ހުރުމަށްފަހު ނަވީންނާއި ދިމާކޮށްލުމުގެ ގޮތުން ޒަލަފް ބުންޏެވެ. އޭނާ ބުނީ ނަވީންގެ ކުރީގެ ލޯބިވެރިޔާ ބަތޫލްގެ ވާހަކައެވެ. ބަތޫލްގެ މައިންބަފައިން ނުގަބޫލުވުމުން ބަތޫލް މިހާރު އުޅެނީ ޖިނާންއާއި ކައިވެނި ކޮށްގެންނެވެ.
“އަހަރެން އެހެން ބުނީ..ބަތޫލް ބޭނުން ވެފައި ހުރިލެއް ބޮޑު ކަމުން…އަދިވެސް އަހަރެން އޭނާ ބޭނުން…ބަލަން ހުންނާތި ކޮންމެވެސް ދުވަހަކުން އަހަރެން އަދި ބަތޫލް ހާސިލް ކުރާނަން….އެތަން ޒަލަފް އަށް ފެންނާނެ…އޭނާ ހާސިލް ކުރަން ކޮންކަމެއް އަހަރެން ނުކުރަނީ…… ޒަލަފް ކައިރީގަވެސް އަހަރެން ނުބުނަން ދޯ؟…..ރަށުގައި ނޫޅެ މާލެ ބަދަލުމިވީ ބަތޫލް ހާސިލް ނުވީމަކާ ނޫނޭ….މީހަކު ގެ ކިބައިން މިންޖު ނުވެވިގެން،” ނަވީން ބޭނުންވީ އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލުމަށެވެ. އެކަން ޒަލަފްއަށް އެނގުނެވެ. އެހެންކަމުން ނަވީންގެ ދައްކަމުންދިޔަ ވާހަކަ އޮޅުންފިލުވުމަށް ޒަލަފް ބޭނުންވިއެވެ.
“އޭނ…ކީކޭތިބުނީ؟…ކާކުގެ ކިބައިން މިންޖު ނުވެވިގެންނޭ…ނޭނގުނު ތިބުނި އެއްޗެއް،” ނަވީން ބުނަން އުޅުނު އެއްޗެއް އޮޅުންނުފިލުމުން ޒަލަފް އެހެއެވެ.
“ރަގަޅަށް މިކިޔަނީ….ބަތޫލްއާއި ހެދި އަހަރެން ދިވާނާވެފައި އޭރު ހުރީ…އެހެންވެ އެގޯސް ހެދުނީ…މިހާރު އެކަމާ އަހަރެން ހިތާމަ ކުރަން….ބަތޫލް ކޮންމެ ގޮތަކުންވެސް ހާސިލްކުރަން އަހަރެން ބޭނުންވި…އެހެންވެ ސިހުރު ހަދާ އަހަންމައިދީގެ އެހީތެރިކަން ހޯދުނީ…އެންމެ ފަހުން އޭނާގެ ކިބައިން މިންޖުނުވެވުނީ …..” ނަވީން އޭނާގެ މާޒީގެ ގެ ތެރެއިން އެކުވެރިޔާ ޒަލަފްއާއި ހިއްސާކޮށްފައި ނުވާ ސޮފްހާއިން ބައެއް ހުޅުވާލިއެވެ.
“އަސްލުވެސް….ދެން ތިކަހަލަ ގޯހެއް ނަވީން ހެދިމޭ ބުނީމަވެސް މަމިހުރީ ކޮސްވެފައި…ކަމެއް ކުރުމުގެ ކުރިން ވިސްނަންވާނެ ދޯ؟…..ކޮންމެ އެއްޗަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނޭ…އަދި އެކަހަލަ ސިހުރުވެރިން ވަރަށް މަކަރުވެރިވާނެ …އެމީހުން ބޭނުންވާނީ އެމީހުންގެ އެހީ ހޯދާ މީހުން އެމީހުންގެ ދަށުކޮށްފައި ބައިތިއްބަން…އެއްވެސް ކަމެއް ނަވީންއަށް ވެސް ހާސިލްއެއް ނުވިއެއްނު،” ޒަލަފް ފާޅުކުރީ އޭނާގެ ހިޔާލެވެ.
ނަވީނަށްވެސް އެކަމާ އެއްބަސް ވެވުނެވެ. އޭނާއަށް އެކަމުން އެއްވެސް ފައިދާއެއް ނުކުރިއެވެ. އަހަންމައިދީ ކުރިކަމަކީ ނަވީން އޭނާގެ ދަށުކޮށްލުމެވެ. އަހަންމައިދީ ބޭނުންވާ ކަންކަމުގައި ނަވީންގެ އެހީތެރިކަން ދިޔައީ ހޯދަމުންނެވެ. ނަވީން އެކަންކަން ކިތަންމެ ކުރާހިތް ނުވާއިރުވެސް މެއެވެ. އެންމެ ފަހުން ނަވީން ނިންމީ މާލެއަށް ބަދަލުވުމަށެވެ. އޭނާގެ ހުރިހާ އެކުވެރިންހެން ގަބޫލުކުރީ ބަތޫލް ނުލިބުމުން އެ މާޔޫސީކަމުގައި ނަވީން ރަށް ދޫކޮށް ދިޔައީކަމަށެވެ.
“ނަސީބެއްނު އެކަމުން ސަލާމަތް ވިކަން….އެނެއްކާ ނަވީން ދަސްކުރިންތައް އެއިންކަމެއް….އަހަރެން ވަރަށް ޖެހިލުންވާނެ އެކަހަލަ މީހުންނާއެކު އުޅެން،” ޒަލަފް ހީގަތެވެ.
“އެހެން ވާނެއެއްނު…މައެބައުޅޭ ދޯ އެކަމެއް ދަސްކުރަން،” ޒަލަފްގެ ހުނުމުގައި ބައިވެރިވަމުން ނަވީން ބުނެލިއެވެ.
“ހިނގާ ދަމާ…،” ދުފައި ނިންމާލަމުން ޒަލަފް ތެދުވިއެވެ.
“އަހަރެން ދާނީ އޮފީހަށް ވަދެލާފައި….ޒަލަފް ގެއަށްދޯ ދާނީ…ޔަގީން އަނބިކަމަނާ އެޅޭނީ ލަސްވެގެން،” ނަވީން ސައިކަލަށް އަރައި ސްޓާޓްކޮއްލިއެވެ.
“އޭނަ ވަރަށް ކޫލްވާނެ،” ޒަލްފް ދެރަނުވަންވެގެން ބުންޏެވެ.
“ގެ ފެނިއްޖެ ދޯ،” ޒަލަފަށް ގެއަށް ވަދެވުމާއެކު، އާދައިގެ މަތިން ޝާޔާގެ ޝަކުވާ އަޑުއަހަން ޖެހުނެވެ.
“މިއައީ ނަވީނާއެކު ކޮފީއަކަށް އަރާފައި….އޭނާ އަބަދު އެހެން އެކަނި އުޅޭތީ…،” ޒަލަފް ބުނީ ހަގީގަތެވެ. ނަވީން އެކަނި ވާން ދޫކޮށްލުމަކީ ބެސްޓްފްރެންޑެއްގެ ހައިސިއްޔަތުން ޒަލަފް ބޭނުން ވާ ގޮތެއް ނޫނެވެ.
“ތީޔޭ ޒަލަފްގެ މައްސަލައަކީ….އަންބަކު އެކަނި މާއެކަނި މިގޭގައި އުޅޭކަމެއް ޒަލަފް ހަދާނެއް ނުހުރޭދޯ…އަބަދުވެސް ރައްޓެހިން…އަހަރެންވެސް ވަގުތު ބޭނުންވާނެދޯ؟” އެއީ އާދައެވެ. ޝާޔާގެ އަބަދު ގެ ވެސް ޝަކުވާއެވެ. އަންބަކު ނަމަ ކުރަންޖެހޭ ޝަކުވާއެއް ކަން ޒަލަފް ގަބޫލު ކުރޭ ވެސް މެއެވެ. އެ ފަދަ ޝަކުވާތައް ފިރިން އަޑު އަހަން ޖެހޭނެ ވެސް މެއެވެ.
“އެބުނީ…ޝާޔާއަށް ވަގުތު ނުދީތަ އަހަރެން މިއުޅެނީ،” ޒަލަފް ވެސް ހިތްހަމަ ނުޖެހިގެން ހުރެ ވާހަކަ ދެއްކިއެވެ.
“އާނ…އަހަރެން ހުރެދާނަން މި ހުރަގޭގައި…މިނޫން ގޮތެއް ނެތެއްނު،” ޝާޔާއަށް ރޮވުނެވެ.
“ސޮރީ…އެހެން ބުނި އެއްޗެއް ނޫނޭ ދޫނީ…ދެން ރޯކަށް ނުވާނެއެއްނު،” ޒަލަފް އައިސް އޭނާގެ އަތުން ޝާޔާ ގެ ނުނަގަނޑުގައި ހިފަހައްޓާލުމުން ބުނެލިއެވެ.
އެއީއަބަދުވެސް ޝާޔާގެ އާދައެވެ. އެހެން ނޫވާންވީ ސަބަބެއް ވެސް ނެތެވެ. އެކަން ޒަލަފް ވެސް ގަބޫލު ކުރެއެވެ. ޝާޔާ ވެސް ޓައިމް ބޭނުންވާނެއެވެ. އެކަނި މާއެކަނި ކޮޓަރީގައި ހުންނަން ފޫހިވާނެއެވެ. ފިރިއަކު ހުންނަނީ ކޮންމެވެސް ކަމަކުއެވެ. ޒަލަފް ވަގުތު ދޭން މަސައްކަތް ކުރޭވެސް މެއެވެ. އެކަމަކު ވެސް ބައެއް ދުވަސް ދުވަހު ރައްޓެހިންނާ އެކުވެސް ވަގުތު ހޭދަ ކުރަން ޖެހޭނެ ނޫންހެއްޔެވެ. އެމީހުންނާވެސް ހިއްސާކުރަންޖެހޭ ބައެއް ކަންތައްތައް ހުރެއެވެ. އެނެއްކޮޅުން ނަވީނަށް ޒަލަފްގެ އެހީ ނިހާޔަތަށް ބޭނުންވެއެވެ. އޭނާއަށް އެހީވުމަކީވެސް ޒަލަފް ކުރަންޖެހޭނެ ކަމެއްކަމަށް އޭނާ ދެކެއެވެ. ރަހުމަތްތެރިއަކަށް އެންމެ ބޭނުންވި ވަގުތު އޭނާއާއި ފެޔަށް ޖެހުމަކީ ޒަލަފް ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުންވަނީ ޝާޔާ ހަމަޖެހިފައި ހުންނަ ވަގުތެއްގައި އޭނާއާއި އެވާހަކަ ދައްކާށެވެ. ޝާޔާ އަކީ އަންޑަސްޓޭންޑް ކުއްޖެކެވެ. އޭނާ ހަމަޖެހިފައި ހުންނަ ވަގުތެއްގައި ވާހަކަ ދައްކާލުމުން ގަބޫލުކުރާނެކަން ގައިމެވެ. މިއަދު މާ އެމޯޝަނަލް ވީމަ ވީގޮތެއްކަން ޔަގީނެވެ.
އޮފީހުގައި ކުޑަކޮށް މަސައްކަތްކޮށްލަން ހުރުމަށްފަހު، ގެއަށް އައިސް ވަތްގޮތަށް ނަވީން ސޯފާއަށް ވެއްޓިގަތެވެ. މާބޮޑަށް ވަރުބަލިކަން އިހްސާސް ވެފައި ހުރުމުންނެވެ. އެކަނި ވެއްޖެނަމަ، ގިނަ ފަހަރު އޭނާއަށް ހުޅުވާލެވެނީ އޭނާގެ މާޒީގެ ސަފްހާތަކެވެ. އެހަދާންތަކެވެ. މަޑުމަޑުން ނަވީން އެދޭ ލޯބި ޔާރާ “ބަތޫލް” ގެ ހަނދާންތަގުގެ ސާފްހާ އޭނާގެ ކުރިމަތީގައި ނިއުޅެމުން ދިޔައެވެ. އެހަނދާންތަކުގެ ތެރެއަށް ނަވީން ޣަރަޤުވިއެވެ.
މަޒީގެ ޚިޔާލީ ފޮލާގެ ތެރެއަށް ގެއްލިފައި އޮތް ނަވީނަށް ހޭވެރިކަން ވީ އޭނާގެ މަންމަ ގޮވާލުމުންނެވެ. ނަވީން ދެލޯ ފުހެލިއެވެ.
“ދަރިފުޅާ…އަވަހަށް އާދޭ ކާން…މަންމަ ހީކޮށްގެން މިހުންނަނީ އަދިވެސް ދަރިފުޅު އޮފީހުން ނާންނަނީ ކަމަށް،” ޒުހުދާ ނަވީން ގެ ކޮޑުގައި އަތް ޖައްސާލަމުން ވާހަކަ ދެއްކިއެވެ
.”ނޫން މަންމާ…ވަރުބަލިވެފައި ހުރި ވަރުން ސޯފާގައި ޖައްސާލެވުނީ…ހިނގާ މިދަނީ ޗޭންޖް ކޮށްލައިގެން،” ނަވީން ތެދުވިއެވެ. އޭނާގެ މަންމަ ޒުހުދާ ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ. ނަވީން ވަނީ ކޮޓަރިއަށެވެ. އެއްޗެހި ބަދަލުކޮށްލުމަށެވެ.
ދުވަސްތައް މާޒީވަމުން ދިޔައެވެ. ދުވަސްތައް ފާއިތު ވެގެން ދާ ވަރަކަށް ނަވީންވެސް ވިސްނަމުން ދިޔައީ އާ ދިރިއުޅުމެއް ފެށުމަށެވެ. ބަތޫލް ދެން އޭނާގެ ހަޔާތައް ނާންނާނެ ކަން އޭނާއަށް އެނގެއެވެ. އެއީ ހަޔާތުގެ މާޒީ ކަމަށް ނިންމަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ނަވީން ނިންމި އެވެ. އާ މިސްރާބެއް ހޯދުމަށް ނަވީން އަޒުމް ކަނޑައެޅިއެވެ.
ރޭގަނޑު ނުވަ ޖަހަން އުޅެނީއެވެ. ވިއްސާރަ ރެއެކެވެ. ވައިވެސް އެހާމެ ބާރެވެ. ޖޫން ޖުލައިގެ ވިއްސާރަ ފެށުނީއެވެ. އެހެންކަމުން މުޅި ރަށް އޮތީ ހިމޭންވެފައެވެ. މަގުމަތިން މީހެއްގެ ހިލަމެއް ނުވެއެވެ. ގަސްތައް ހެދިފައި ހުރި ގޮތުން ރަށުގެ ގިނަ މަގުތަކުގައި މަގު ބައްތި ހުއްޓެއްކަމަކު، އޭގެ ބޭނުމެއް ނުހިފެއެވެ. ޖިނާން ހަދާން ނެތި އާދެވުނީ ބައިސްކަލުގެ ބައްތި ނުލައެވެ. ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެން ހީވާތީ އޭގެ ކުރިން ގެއާއި ހަމައަށް ފޯރާތޯ ބައިސްކަލު ދުއްވަމުން ދިޔައީ ނުހަނު ބާރަށެވެ.
“ބަތޫލް…ބަތޫލް…ކުދިވެރިން އަދިވެސް ނުނިދަނީ،” ގެއަށް ވަދެވުމާއެކު ޖިނާން ގޮވައިލީ އޭނާގެ އަންހެނުން ބަތޫލް އަށެވެ.
-ނުނިމޭ-
