ކުއްލިއަކަށް ނަވީންއަށް ހޭލެވުނެވެ. އޭރު މީހާވަނީ މާނޭވާ ލެވިފައެވެ. ހާސްވެ ކަންތައް ބޮޑުވެފައެވެ. ދެތިން މިނެޓް އެނދުގައި އިށީދެލައިގެން ހުރުމަށްފަހު މޫނު ފޮހެލިއެވެ. ނަވީންއަށް ފެނުނީ ހުވަފެނެކެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާގެ ހަދާންތަކުގެ ސަބަބުން އެބަދު ކަހަލައިން އެކަހަލަ އެތަކެއް ހުވަފެނެއް ނަވީންއަށް ފެނެއެވެ.
އޮފީހުގައި ބުރަ ދުވަހެއް ނަމަވެސް، ސިކުނޑި ހަމަޖައްސާލުމަށް ކޮންމެވެސް ގަޑިއެއް ހޯދައިގެން ބޭރަށް ނުކުމެލުމަކީ ނަވީންގެ އާދައެކެވެ. އޭނާގެ އެކުވެރިޔާ ޒަލަފްއާއި އަނގަތަޅާލައި ހިޔާލު ބަދަލުކޮށްލުމަކީވެސް ނަވީނަށް ހިތަށް ތަސައްލީއެއް ގެނުވާކަމެކެވެ. ދުވަހުގެ މޫޑް ރަގަނޅުވެގެންދާ ކަމެކެވެ. އެހެންކަމުން ފޯނުން މެސެޖް ކޮށްލުމަށްފަހު، ޒަލަފްގެ ރިޕްލައި ލިބުމުން ސައިކަލުގައި އަބަދުވެސް އެމީހުން ދާ ކެފޭއަށް ދިއުމަށް ދަތުރު ފެށިއެވެ.
“ހާދަ ކުރިއަކުން އައިސް…މިއަދު ކިހިނެއްވީ ދުވަހެއް؟” މާކުރިން ޒަލަފް އައިސްފައި ހުރިތަން ފެނުމުން ނަވީން ސުވާލުކޮށްލިއެވެ.
“އޮފީހުގައި މާ ފުރީ ދުވަހެއް…،”
“ޒަލަފްމެން ހާދަ ފުރީކޮށޭ ދޯ ތިޔަ އުޅެނީ…ތިޔަ އޮފީހުން ނެތްތަ ޖޮބެއް؟” ނަވީން ލާނެތް ފާޑަކަށް ހީލިޔެވެ.
“ތިއެއް ނޫނޭ…އެމަންޖެ ދަންނަންތަ…ނަވީން އައިސުރެ އިރުއިރުކޮޅާ އެބަ ބަލާ،” ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އެކަނި ހުރި އަންހެންކުއްޖަކަށް އިޝާރާތްކުރަމުން ޒަލަލް މިހެން ބުނުމުން ނަވީންވެސް އެދިމާއަށް ބަލާލިއެވެ.
އެތާ ހުރީ ނަވީން ދަންނަ ކުއްޖެއް ނޫނެވެ. އެހެންކަމުން “ނޫނެކޭ” ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.
“ހާދަ ރީތި ކުއްޖެކޭ….ކޮންމެވެސް ކަމެއް ވެގެންތާ ނަވީނާ ދިމާއަށް އެބަލަނީ،” ޒަލަފް ދިމާ ކޮށްލިއެވެ.
“ދެން އެހެން ބަލާލާ ކޮންމެ ކުއްޖަކަށް ހިތްދޭން ވެއްޖިއްޔާ ނެތެއްނު ސަލާމަތެއް” ޒަލަފް ދެއްކި ވާހަކައާއި ނަވީން ގަޔާނުވާ ކަން ހާމަކޮށްލިއެވެ.
“ހޫނ…ނަވީން އަދިވެސް ހުރޭ ބަތޫލްގެ އިންތިޒާރުގައި….ދެކުދިންވެސް އޭނައަށް ލިބިއްޖޭ…ދެންވެސް ކުއްޖަކާ ރައްޓެހިވެބަލަ…އެކަން އެއީ ނިމިފައޮތްކަމެކޭ…ބަތޫލް ނާންނާނެ ނަވީން ކައިރިއަކަށް،” ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ޒަލަފް ފާޅުކުރީ އޭނާގެ ޚިޔާލެވެ. އެކަން ނަވީން ގަބޫލުކުރޭވެސް މެއެވެ. މައްސަލައަކީ އެއެއްނޫނެވެ. ނަވީންގެ ހިތުން ބަތޫލްގެ ނަން ފޮހިވިގެން ނުދިއުމެވެ.
“ތެދެން ތިބުނީ…ކުއްޖަކާ ރައްޓެހިވާންވީ…މީހަކާ އިންނަން ވެސް ވީ…އެމީހަކަށް އަހަންނަށް ލޯބި ނުދެވިއްޖެއްޔާ …އެއީ ހާދަ ބޮޑު އަނިޔާއެކޭ،” ނަވީން ވާހަކަ ދެއްކީ އާދައިގެ ވަރަކަށް މަޑުންނެވެ. އޭނަގެ ކަންބޮޑުވުމަކީ އެއީއެވެ. އޭނާގެ ހަޔާތުގެ ބައިވެރިއަކަށް އަންނަ މީހަކަށް ލޯބި ނުދެވިދާނެތީއެވެ.
“ބުނަންތަ ރަގަނޅު ވާހަކައެއް…މީހަކާ އިނީމަ އޭނައަށް ލޯބިވެސް ދޭވޭނެ…އެކުގައި އުޅެންފެށީމަ…ލޯބިވެސް ވާނެ… ޚުރާފީ ވާހަކަތައް ގަބޫލުކުރާތީއޭ ތިޔަކަމުން ނަވީނަށް އަރައިނުގަނެވިގެން ތިޔަ އުޅެނީ،” ޒަލަފްއަކީ ޚިޔާލާއި މަޝްވަރާ ދިނުމުގައި ނަމޫނާއެކެވެ. އޭނާގެ ވާހަކައިން ނަވީންގެ ހިތަށް ހިތްހަމަޖެހުން ލިބެނީ އެހެންވެއެވެ.
“ދެންވެސް މިތާ ނުހުރެ…ދޭބަލަ އެމޭޒު ކައިރިއަށް….އަހަރެން ބުނީތީވެސް….ދެން މިހެން ބުނީމަ އެމޭޒު ކައިރިއަށް ގޮސް ހަމަ ހުރެފައި އަންނާނީއެއް ނޫން،” ޒަލަފް ހީލަމުން ނަވީންގެ ކޮޑުގައި ޖަހާލިއެވެ.
ނަވީން ހިތަށް އެރިއެވެ. އެބުނީވެސް ތެދެކެވެ. ބަތޫލްއެއް ދެނެއް ނުލިބޭނެއެވެ. އެކަމަށް އިންތިޒާރު ކުރުމެއް ނެތެވެ. ދިރިއުޅުމެއް ފެށީމައި އެޚިޔާލުތަކާވެސް ދުރުވެވިދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ނަވީން ނިންމީ އެމޭޒު ކައިރީގައި ހުރި ކުއްޖާގެ ކައިރިއަށް ދިއުމަށެވެ. އޭނާއާއި ވާހަކަ ދެއްކުމަށެވެ. އެހެންކަމުން ނަވީން ތެދުވިއެވެ. އޭރު އެކުއްޖާ ހުރީ އެހެން ދިމާއަކަށް ބަލަހައްޓައިގެންނެވެ. ނަވީން މޭޒު ކައިރިއަށް ގޮސް “ހައި” ގޮވާލުމުން އެކުއްޖާ ދިޔައީ ސިއްސައިގެންނެވެ. ލަދު ރަކި ގޮތަކަށް ނަވީންނާއި ދިމާ ބަލާލަމުން އޭނާ އިސްޖަހާލިއެވެ.
“އެންމެ ރަގަނޅުތަ އަހަރެން މިތާ އިށީނަސް،” ނަވީން އެހިއެވެ. އެކުއްޖާގެ ހުއްދައަށެވެ. އެމޭޒުކައިރީ އިށީދެލުމަށެވެ. ޖަވާބުގައި ބޮލުގެ އިޝާރަތުން އެކުއްޖާ އާއެކޭ ބުނެލިއެވެ. ނަވީން ބޭނުންވީ އެކުއްޖާގެ އަޑު އަހާލުމަށެވެ. ވާހަކަ ދައްކުވާށެވެ.
“އެއްވެސް ބަހެއް ނުބުނާންތަ؟…މިތަނަށް މި އައީވެސް ތީނައާއި ވާހަކަ ދައްކާލާހިތުން،” ނަވީންގެ ނަޒަރު ހުއްޓިފައި ހުރީ އެ “ނުދަންނަ” ކުއްޖާއަށެވެ.
ނަވީން މިހެން ބުނުމުން އެކުއްޖާ ނަވީން އާއި ދިމާ ބަލާލުމަށް ފަހު ހީލިއެވެ. އަދި މަޑުމަޑުން އިސްޖަހާލިއެވެ. އެހީލުމުގައި ހުރި ޖާދުވީކަމެވެ. ނަވީންގެ ހިތުގެ އެންމެ ހިމަނާރާވެސް ކުޅެލި ފަދައެވެ. ބަތޫލަށް ފަހު ފުރަތަމަ ފަހަރަށް ނަވީނަށް އަންހެން ކުއްޖެއްގެ ހީލުން ރީތި ވިއެވެ.
“ޕްލީޒް…ކޮންމެވެސް އެއްޗެއް ބުނެބަލަ….ހާދަ ފުރިހަމައޭ…ހާދަ ރީއްޗޭ…ތިޔަފަދަ ރީތިކަމެއް އަހަރެން ނުދެކެން،” ނަވީން ބޭނުންވީ އެކުއްޖާ ވާހަކަ ދައްކުވާށެވެ. އޭނާ މަގުސަދު ހާސިލްކުރާށެވެ.
“ހާދަ ފަރިތައޭދޯ؟…ވަރަށް ގިނަ ކުދިން ކައިރީގައި ތިހެން ބުނަންދޯ؟” އިސް އުފުލާލަމުން އެކުއްޖާ ބުނެލިއެވެ.
އޭނާ ވަނީ ފިރިހެނުންގެ އެފަދަ ލަފްޒު ތަކަށް ހޭނި ފައެވެ. އެއީ އޭނާއަށް އަލަކަށް އިވޭ ވާހަކަ ތަކެއް ނޫނެވެ. އެހެންކަމުން އެއީ އޭނާ ދެކޭގޮތެވެ. ބައެއް ފިރިހެނުންގެ މިޒާޖަކީވެސް އެއީއެވެ. ފެންނަ ކޮންމެ މަލަކަށް ހިތްދޫވާނެއެވެ. ހިތް ދޫވެއްޖެ މަލެއް އެމީހުންގެ މަޅީގައި ޖައްސާނެއެވެ. ފިރިހެނުން ކަމަކީ އެމީހުން ބޭނުންވާ ކަމެއް ހާސިލްވަންދެން އެމަލެއްގެ ފަހަތުން އުޅުމެވެ. އެއަށް ފަހު އަޅާވެސް ނުލާނެއެވެ. އެނގޭ ކަމަށް ނުވެސް ހަދާނެއެވެ.
“ނޫނޭ…އެކަމު އެނގޭ މިހެން ބުންޏަސް ގަބޫލު ކުރަން އުނދަގޫ ވާނެ ކަންވެސް… އެ އިތުބާރުވެސް އަދި ހޯދާނަން… ކޮންނަމެއްތަ ކިޔަނީ،” ލިބުނު ފުރުސަތުގައި ނަވީން ބޭނުންވީ އެކުއްޖާގެ ނަން އޮޅުން ފިލުވާށެވެ.
“ތުގާ…ތީނައަށޯ،” މަޑުމަޑުން ތުގާ އަހައިލިއެވެ.
“ވަރަށް ރީތި ނަމެއް….ނަމާ އެއްވަރަށް ތުގާވެސް ހާދަ ރީއްޗޭ…ތިއޮށް ބުޅި އިސްތަށިގަނޑެއް…ލޮލުގައި ތިހުރި ޖާޒްބީއްޔަތެއް،” ނަވީން ތައުރީފު ކުރިއެވެ. އޭނާ ބޭނުންވަނީ ތުގާގެ ސަމާލުކަން ހޯދާށެވެ.
“އަދިވެސް ނަމެއް ނުބުނެވޭ..” ތުގާ ހަދާންކޮށްލަދިނެވެ.
“އޯ…އަހަންނަށް ކިޔަނީ ނަވީން…ދެން ބަލާ ރައްޓެއްސެއްކަމަށް،”
ނަވީންއާއި ތުގާ ވާހަކަ ދައްކަމުން ދިޔައެވެ. މާކުރިއްސުރެ ދަންނަ ދެ ރަހުމަތްތެރިން ފަދައިންނެވެ. އެމީހުންނަށް ވަގުތު ދިޔަ ގޮތްވެސް އެނގޭހެނެއް ހިޔެއް ނުވެއެވެ. ނަވީންގެ އެކުވެރި ޒަލަފް އަށް ޖެހުނީ ދާން ވެއްޖެކަށް އަންގާލާށެވެ. އެހެންކަމުން އޭނާ ކަރު ކެހިލިއެވެ. ޒަލަފްގެ އަޑަށް ސިހިފައި ނަވީން ބަލާލިއެވެ. ނަވީން އިޝާރާތްކޮށްލީ ދާންވެއްޖެ ކަމަށެވެ. ނަވީންވެސް އަތުގައި އޮތް ފޯނުން ގަޑި ބަލާލުމަށްފަހު އަދި ދިމާވޭނެ ކަމަށް ބުނަމުން ޒަލަފްގެ ކައިރިއަށް އައެވެ.
“ކޮބާ؟ ކަންފުޅެއްވި،” ޒަލަފް އެހިއެވެ.
“ނަންބަރުވެސް ލިބިއްޖެ…ދެން ހަމަ ކުރިއަށް ދާނީ އިންޝާﷲ،” ނަވީން ހުރީ އުފާ ވެފައެވެ. އޭނާގެ މޫނުން ވަރަށް ސާފުކޮށް އެކަން ފެންނަން ހުއްޓެވެ.
-ނުނިމޭ-
